ad_banner
ހެޔޮ ނަޞޭޙަތްދޭ މީހުން ޙަޔާތުގައި ލެއްވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ.

ޖީލީން މުޙަންމަދު

6 ސެޕްޓެންބަރު 2026

މާތްﷲއަށް ޓަކައި އެކަކު އަނެކަކު ދެކެ ލޯބިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި އަޚުލާޤީ ސިފައެކެވެ. ބައެއް ފަހަރު ލޭގެ ގުޅުމެއް ނެތް ނަމަވެސް، ހިތުގެ އިޚުލާޞްތެރިކަމާ ލޯބީން ގުޅިފައިވާ މި ފަދަ މާތް އިންސާނުންނާ ބައްދަލުވުމަކީ ދިރިއުޅުމުގައި ލިބޭނެ އެންމެ ބޮޑު އެއް ނަސީބެވެ. ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ގާތްގަނޑަކަށް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު އަޅުގަނޑަށް ތަފާތު އުފާވެރި އިޙުސާސެއް ކުރުވާ، އަދި އެ ކޯލު ނިމުމުން ދެކެވުނު ވާހަކައާ އެކު ފުންކޮށް ވިސްނައިލާން މަޖުބޫރުކުރުވާ ފޯން ކޯލެއް އާދެއެވެ. އެއީ  ލޭގެ ގުޅުމެއް ނެތް ނަމަވެސް އާއިލާގެ ގާތް، ދުވަސްވީ ބޭބެއެއްގެ އޯގާތެރި ފޯނު ކޯލެކެވެ.

އެ ފޯނުކޯލުގެ އެންމެ ފުރަތަމަ ސުވާލަކީ [މިއަދަކީ ހުކުރު ދުވަހެވެ. ކަހަފު ސޫރަތް ކިޔަވައިފީންހެއްޔެވެ؟ އަދި ދަރީން ލައްވައި ކިޔުއްވައިފީންހެއްޔެވެ؟" ތަކުރާރުކޮށް ކޮންމެ ހަފުތާއަކު ވެސް އެ ބޭބެ ހަނދާންކޮށްދެއްވަނީ މި މަތިވެރި ސޫރަތް ކިޔެވުމުގެ ދަރުމައާއި، ދަރީންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމުގެ މުހިންމުކަމެވެ.

ނަޞޭޙަތްދެއްވުމުގައި އެ ބޭބެ ގެންގުޅުއްވާ މަޑުމައިތިރި އަދި އުންމީދުން ފުރިގެންވާ އުޞޫލަކީ ނަމޫނާއެކެވެ. ވޭތުވެދިޔަ ރަމަޟާން މަހުގެ ހުކުރު ދުވަހެއްގައި، ދަރީން ޤުރްއާން ޚަތިމުކުރޭތޯ އެއްސެވުމަށް ފަހު، އެ ކަން ފުރިހަމަނުވި ނަމަވެސް މާޔޫސްނުވުމަށް ބުނެދެއްވިއެވެ. ޚަތިމް ނުކުރެވުމަކީ އެއީ މައްސަލައެއް ނޫންކަމާއި، މައިންބަފައިންގެ ދުލުން ލޯތްބާ އެކު އެ ކަމަށް ހިތްވަރުދީ ކޮންމެ ދުވަހަކު ވެސް އެހެން ބުނަމުން ގެންދާންވާނޭކަމަށް ބުނެދެއްވިއެވެ. ސަބަބު ވެސް ކިޔައިދެއްވިއެވެ. މިއަދު ކުދީން ކުޑަވީމާ ޚަތިމްކުރުމުގެ މަޤްސަދު އެންމެ ފުރިހަމައަށް ނޭނގުނު ނަމަވެސް މައިންބަފައިންގެ ދުލުން ދެވޭ ކުދިކުދި ނަޞޭޙަތްތައް ކުދީން ބޮޑެތިވަމުން އަންނަ އިރު އެ ކުދީންގެ ހިތްތަކުގައި ބިންވަޅުނެގިފައި ހުންނާނޭކަން ވިސްނައިދެއްވިއެވެ. އަދި އޭގެ ސަބަބުން، މާދަމާ އެ ކުދީންގެ އަމިއްލަ ދަރީން ވެސް އެ ގޮތުގައި ތަރުބިޔަތުކުރުމުގެ ރޫޙު އާލާވާނެކަން ހަނދާންކޮށްދެއްވިއެވެ.

އިންސާނުންނަށް ޣާފިލުކަމުގައި ކުރެވޭ ކުދިކުދި ކުށްތައް އިޞްލާޙުކުރުމަށް އެ ބޭބެ ބޭނުންކުރައްވަނީ ޙިކުމަތްތެރި ރިވެތި އުސްލޫބެކެވެ. އެއްވެސް މީހަކު ލަދުގަންނަވައިނުލައި، ވަރަށް މަޑުމައިތިރިކަމާ އެކު ރަނގަޅު ގޮތް ބަޔާންކޮށްދެއްވައެވެ. އަޅުގަނޑުމެންގެ ޙަޤީޤީ މަންޒިލަކީ ސުވަރުގެކަން ހަނދާންކޮށްދެއްވައި، އެ ތަނުގެ މަތިވެރި ނިޢުމަތްތައް ސިފަކޮށްދެއްވުމަށް ޅެންބަހުރުވައިން މި ފަދައިން އަޅުގަނޑަށް ކިޔައިދެއްވައެވެ.

[ޙަޔާތުގެ ފިކުރު ނެތް ތަނެކޭ މަރެއްގެ ޚިޔާލު ނެތްތަނެކޭ
               ގަޔާ ވެވިގެން ތިބޭ  މަތިވެރި ހަޔާތެއްވާ އެއީ ތަނެކޭ

އިމާރާތްތައް ނުހަނު މަތިވެރި ޚަޒާނާތައް ނުހަނު އަގުހުރި
               ދިމާއަށް ހާމަވެވިފައި ހުރި ނިޔާމަ އަރާމު ހުރި ތަނެކޭ 

ހިތާމަކުރާ މިދުނިޔެތަކާ ވަކިވެ މަތިވެރިވި ޢާލަމުގައި

              ހިތާ ރޫޙީ އުފާ ނޫނީ  ލިބުން އަމުދުން  ނުވާ  ތަނެކޭ

ހިތަށް ވޭނެއް އިތުރު އުނދަގޫ ޢަޛާބެއް ދަތިކަމެއް އެއްވެސް

              އެތައް ހިޔަ އަހަރު ވޭތުވިޔަސް ލިބުން ދުވަހަކު ނުވާތަނެކޭ]

ކޮންމެ ފޯނުކޯލެއް ވެސް ނިންމަވައިލައްވަނީ އަޅުގަނޑުގެ މައިންބަފައިންގެ ޙާލު އަހާ އެ ދެމީހުންނަށް ހެޔޮ ދުޢާކުރައްވަމުންނެވެ. އަދި އަޅުގަނޑު ކުރާ ކޮންމެ ދުޢާއެއްގައި ވެސް މައިންބަފައިންގެ ނަން ޝާމިލުކުރުމަށް ވަޞިއްޔަތްކުރައްވަމުންނެވެ.

މި ފަދަ ކޮންމެ ނަސޭހަތަކާއި ދައްކާ ވާހަކަތަކާއި އެ ބޭބެގެ އުޅުމާއި ގުޅުމުން އަޅުގަނޑަށް ފެންނާން ހުރި ފިލާވަޅަކީ އެއީ އެއްވެސް ބަދަލެއް ނެތި މީހުންނަށް ހެޔޮކޮށްހިތާ، އެހީތެރިވާ، އަދި އެއްވެސް މީހަކާ މެދު ހިތުގައި ނަފުރަތެއް ރުޅިވެރިކަމެއް ނުވާ ސާފު ހިތެއްގެ ވެރިއެއްކަމެވެ. ހަމަ ޔަގީނުން ވެސް ވަރަށް ގިނަ ބަޔަކަށް އެ ބޭބެގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން އުންމީދެއް ނުކުރެއެވެ. މިއީ އެ ބޭބެގެ އުފާވެރިކަމުގެ އެއް ސަބަބެވެ.

ހަޔާތުގައި މި ފަދަ ހެޔޮ މީހުން ލެއްވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ. الحمدلله

މި ޙާދިސާއިން ލިބޭ މުހިންމު ޢިބްރަތްތައް

1.  އިޚުލާޞްތެރި އުޚުއްވަތްތެރިކަން: ބައެއް ގުޅުންތަކަކީ ލޭގެ ގުޅުމަށްވުރެ ވެސް ހިތުގެ އިޚުލާޞްތެރިކަމުން ވަރުގަދަވެފައިވާ މަތިވެރި ގުޅުންތަކެކެވެ.

2.  ދަރިންގެ ތަރުބިއްޔަތުގައި ދެމިހުރުން:  ކުދީންނަށް ހެޔޮ ނަޞޭޙަތް ދިނުމުގައި ކެތްތެރިކަމާ އެކު ދެމިތިބުމަކީ މުސްތަޤުބަލުގައި އޭގެ ހެޔޮ އަސަރު ފެންނާނެ ކަމެކެވެ.

3.  ޙިކުމަތްތެރިކަމާއެކު ނަޞޭޙަތްދިނުން: އެއްފަހަރާ ގިނަ ކަންކަން ރަނގަޅުކުރާން ބުނުމުގެ ބަދަލުގައި، ވަގުތާއި ޙާލަތަށް ބަލައި ލޯތްބާއި މަޑުމައިތިރިކަމާއެކު ކަންކަން ވިސްނައިދިނުން.

4.  ކުށް އިޞްލާޙުކުރުމުގެ ރިވެތި އުޞޫލު: މީހަކަށް ގޯހެއް ހެދުމުން މަލާމާތްކުރުމުގެ ބަދަލުގައި، އެކަން ރަނގަޅުކުރާނެ މަގު ދައްކައިދީ ހިތްވަރުދިނުން.

5.  ހިތް ސާފުކުރުމާއި އުފާވެރިކަން: އިންސާނުންގެ ފަރާތުން ބަދަލަކަށް އުންމީދުނުކޮށް، ހަމައެކަނި ﷲ އަށްޓަކައި ހެޔޮކަން ކުރުމަކީ ހިތުގެ ހަމަޖެހުމާއި އުފާވެރިކަމުގެ ތަޅުދަނޑިއެވެ.

ހެޔޮ ދުޢާގެ މުހިންމުކަން: މައިންބަފައިންނަށާއި އެހެން މުސްލިމު އަޚުންނަށް ޓަކައި ޣައިބުގައި ހެޔޮ ދުޢާކޮށްދިނުމަކީ މާތް އަޚުލާޤުގެ ވެރީންގެ މަތިވެރި ސިފައެކެވެ.

ކޮމެންޓު
ކޮމެންޓުތައް
ޢަލީ
6 ސެޕްޓެންބަރު 2026 08:28
ޖަޒާކިﷲ