އޒ. އަޙުމަދު މާޖިދު
5 ސެޕްޓެންބަރު 2026
(2026 ސެޕްޓެންބަރު 3ގެ ޢަދަދާ ގުޅޭ)
މި ކަމުގެ ޙައްލަކީ މަޑުމަޑުން، އެކަމަކު ހަރުދަނާ އަދި ޤައުމީ މާލިއްޔަތާއި އިގުތިސާދު ތަންދޭ އެންމެ ކުރު މުއްދަތަކުން ތަންފީޒު ކުރެވޭ ޝާމިލު ތަދުބީރެއްގެ ވަސީލަތުން، ރާއްޖޭގެ އެތެރޭގެ މާލީ މުޢާމަލާތުތައް "ޑީޑޮލަރައިޒް"ކުރުމެވެ. ދިވެހި އިގުތިސާދުގައި، ދިވެހި ޤައުމުގައި ކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން، އިގުތިސާދީ އަދި ޤާނޫނީ ހެޔޮ އަސާސްތައް ހުއްދަކުރާ މަގުން ބޭރު ފައިސާއިން ކުރާން ޖެހޭ މުޢާމަލާތުތައް ފިޔަވައި، އެހެން ހުރިހައި މުޢާމަލާތެއް ދިވެހި ފައިސާއިން ކުރުން މަޖުބޫރުކުރުމެވެ. މީގެ ތެރޭގައި، ރިސޯޓުތަކުގެ މުއައްޒަފުންނާއި، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑު ފަދަ އެސްއޯއީ ކޯޕޮރޭޝަންތަކުގެ މުއައްޒަފުންނަށް ޑޮލަރުން މުސާރަދިނުން މުޅީން ހުއްޓައިލުން ވެސް ހިމެނޭން ވާނެއެވެ. ޑޮލަރުން މުސާރަ ލިބޭ މީހުން ކިތަންމެ ރުޅި އަޔަސް، އަދި އެ މީހުން ކިތަންމެ ވަރަކަށް ޝަކުވާކުރިޔަސް، ޤައުމާއި ޤައުމީ އިގުތިސާދާއި ރައްޔިތުންގެ އިގުތިސާދީ އަދި މާލީ މުސްތަޤުބަލާއި އިގުތިސާދީ ޢަދާލަތަށް ޓަކައި، މިއީ ކޮންމެހެން ވެސް އަޅާންޖެހޭ ފިޔަވަޅެކެވެ. ހަމަ އެހެންމެ، ޑޮލަރުން ކުލިނެގުމާއި، މުދަލާއި ޚިދުމަތްތަކަށް ޑޮލަރުން އަގުނެގުން ފަދަ ހުރިހައި ކަމެއް ޖެހެނީ ހުއްޓުވާށެވެ. ރިސޯޓުތަކުން ފެށިގެން ގޮސް ރަށްރަށުގެ ކަންމަތީ ފިހާރަތަކާ ހަމަޔަށް، އަދި އެހެނިހެން މުޢާމަލާތުތަކުގައި ވެސް މެއެވެ. ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރު އެކައުންޓު ހުޅުވައިގެން ޑޮލަރު ގެންގުޅުމާއި، ޤައުމުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުން ވެސް ޖެހެނީ އެއްކޮށް ހުއްޓައިލާށެވެ. ކުރުކޮށް ދަންނަވަންޏާ، ދިވެހިރާއްޖޭގައި އުޅޭ މީހަކަށް ދިވެހި އިގުތިސާދުގައި ބޭނުންކުރެވޭނެ ހަމައެކަނި ފައިސާއަކީ ދިވެހި ރުފިޔާކަމަށް ހަދާން ޖެހެއެވެ. މި ފިޔަވަޅުތަކާ އެކު، ބޭރުފައިސާ ބޭނުންކުރެވެނީ ބޭންކުން ދީފައި އޮންނަ ކާޑަކުން ރާއްޖެއިން ބޭރުން ތަކެތި ގަތުމުން ބޭންކުން ޕޭމަންޓް ހަދައިދޭ އުޞޫލުން، އަދި ރާއްޖެއިން ބޭރަށް ދާންވީމާ ފޮރެކްސް ބާޒާރުން ޤާނޫނު ހުއްދަކުރާ މަގުން ގަނެގެން ބޭރުގައި ބޭނުންކުރުމަށް ގެންދާ އުޞޫލުން، ނުވަތަ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުން ބޭންކު ކާޑު ބޭނުންކުރުމުން ބޭންކުން ޑޮލަރު ސަޕޯޓުދޭ އުޞޫލުން، އަދި ރާއްޖެއިން ބޭރުގައި ކިޔަވާން ކޮންމެހެން ވެސް ޖެހޭ ދަރިވަރުން ބޭރުގައި ކިޔެވުމަށް ދައުލަތުން ބޭންކުތައް މެދުވެރި ކޮށް ބޭރު ފައިސާ ދޭ އުޞޫލުންކަމަށް ހެދުމުން، މައްސަލަ ޙައްލުކުރުމަށް ވަރަށް ބޮޑު ބާރެއް އެޅޭނެއެވެ.
ނަމަވެސް، މި ފިޔަވަޅުތައް ކާމިޔާބުކަމާ އެކު އެޅޭނީ، ރުފިޔާ ވަރުގަދަކޮށް، ރުފިޔާއަށް އިތުބާރު ހޯދިގެންނެވެ. ވީމާ، މިއީ ހަމައެކަނި ޤާނޫނުގެ ބާރުގައި ކުރެވިދާނޭ ކަމެކޭ އަޅުގަނޑުމެން ހީކޮށްގެން ނުވާނެއެވެ. މި ކަން ކުރެވޭނީ ދައުލަތުގެ މާލިއްޔަތާއި ޤައުމީ އިގުތިސާދު ވަރުގަދަކުރުމަށް ހިންގޭ ޝާމިލު ޕްރޮގްރާމެއްގެ ތެރެއިން، އިގުތިސާދީ އިޞްލާޙުތައް ވެސް ގެނެސްގެންނެވެ.
7. ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީން/މުއައްޒަފުންގެ ޢަދަދު އަހަރަކަށް ވުރެ އަހަރެއް މަތިވަމުން ގޮސް، ޚުދު ދިވެހި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ވެސް، ޤައުމުގައި ބިދޭސީން ވަޒީފާތަކާއި މަސައްކަތްތަކުގައި ތިބީ ކިހައި ވަރަކަށްކަމާ މެދު ތަނެއް ދޮރެއް ދޮރޯށްޓެއް ނޭނގޭ ވަރު މިހާރު ވަނީ ވެފައެވެ. އެ ހުރިހައި މީހުން ގެންދަނީ، ރާއްޖޭގެ އިގުތިސާދުން ޑޮލަރު ނަގައި، އެމީހުންގެ ޤައުމުތަކަށް ފޮނުވަމުންނެވެ. މި ގޮތުގެ މަތީން ރާއްޖޭގެ އިގުތިސާދުން ބޭރު ވަމުންދާ ޑޮލަރުގެ ޢަދަދަށް ބަލާ އިރު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، 2025ވަނަ އަހަރު އެކަނި، ބިދޭސީ މަސައްކަތްތެރީން ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން 661 މިލިއަން ޑޮލަރު ބޭރުކުރިއެވެ. މި ޢަދަދު 2026ވަނަ އަހަރު 690 މިލިއަނަށް އަރާނޭކަމަށް ވެސް އެމްއެމްއޭއިން އަންދާޒާކޮށްފައި ވެއެވެ. ކުރިޔަށް އޮތް ހަތަރު ފަސް އަހަރު ނުވަތަ ހައެއްކަ އަހަރުގެ ތެރޭގައި މި ޢަދަދު އަހަރަކު އެއް ބިލިއަން ޑޮލަރާ ހަމަޔަށް އުފުލޭނެކަމުގެ ބިރު އެބައޮތެވެ. ވަރަށް ބޮޑަށެވެ.
ވިސްނަވާށެވެ! މިއީ ޤާނޫނީ ގޮތުން ހިނގާ ގޯހެއް ނޫނެވެ. މިއީ ޚުދު އަޅުގަނޑުމެން ދިވެހީންގެ، އަދި އަޅުގަނޑުމެންގެ ސަރުކާރުތަކުގެ އުޅުމާއި އަޚުލާޤާއި ސިޔާސަތުތައް ފޭލިވުމުގެ ނަތީޖާއެވެ. ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ވެއްޓިފައިވާ ދަށު ދަރަޖައިގެ ނަތީޖާއެވެ. ޤައުމު ބިނާނުކުރެވުމުގެ ނަތީޖާއެވެ. މި ކަންކަން ހުރި ގޮތުގެ ސަބަބުން، ޒިންމާދާރުކަން ކުޑަ އަދި ޤައުމީ މަޞްލަޙަތު ކަތިލެވޭ ގޮތެއްގައި ބިދޭސީ މަސައްކަތްތެރީންނަށް ރޭރުވެގެން ތިބިތިބުމުގެ ނަތީޖާއެވެ. އަމިއްލަޔަށް މި ކަނޑައިލެވެނީ ގަހުގައި އަޅުގަނޑުމެން ތިބި ގޮފިނޫންތޯއެވެ؟
މި ކަމުގެ ޙައްލަކީ، އެންމެން ވެސް ދަންނާނޭ ފަދައިން، ބިދޭސީ މަސައްކަތްތެރީންނަށް ރޭރުވުން ހުއްޓުމެވެ. ބިދޭސީ މަސައްކަތްތެރީން ރާއްޖެ ގެނައުމާއި އައުމާ ބެހޭ ގޮތުން، ޤައުމީ އާންމު މަޞްލަޙަތާއި، ޤައުމީ އިގުތިސާދީ އަދި މާލީ މަޞްލަޙަތުތައް ރައްކައުތެރިކުރެވޭ ކަހަލަ ޝާމިލު ސިޔާސަތެއް އެކުލަވައިލުމެވެ. އެ ސިޔާސަތު ތަންފީޒުކުރާނޭ ހަރުދަނާ ޤާނޫނުތައް ހެދުމެވެ. އެ ސިޔާސަތުތަކާއި ޤާނޫނުތައް ތަންފީޒުކުރާނޭ ޙުކޫމަތުގެ މުއައްސަސާތައް ވަރުގަދަ ކުރުމެވެ. ޤައުމުގެ މަސައްކަތްތެރި ޢުމުރުގެ މީހުން މަސައްކަތްތެރިކުރުވުމެވެ. އެ މީހުންގެ މަސައްކަތުގެ ހުނަރު ކުރިއެރުވުމެވެ. އެ މީހުންގެ މަސައްކަތުގެ އަޚުލާޤު ބިނާކުރުމެވެ. ދިވެހީންނަށް އަދާކުރެވޭނެ ވަޒީފާތަކަށް އަދި ދިވެހީން އަދާކުރުން ޤައުމީ މަޞްލަޙަތު ނިޔާކުރާ ވަޒީފާތަކަށް ބިދޭސީން ނުގެނައުމެވެ.
މި ދެންނެވި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރެވިއްޖެއްޔާ، ބިދޭސީ މަސައްކަތްތެރީން ރާއްޖެ ގެނެވޭނީ ރާއްޖޭގެ މަޞްލަޙަތު ނިޔާކުރާ، އެންމެ މަދު މިންވަރަށެވެ. އެއިރުން، އެ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއި، އެ މީހުންނަށް ހެޔޮކޮށް ހިތައި އިޙުސާންތެރިވުމާއި، އެ މީހުންނަށް ދެވޭ މުސާރަ ހުއްދަ އަދި ޖާއިޒު ގޮތުގައި އެ މީހުންގެ ޤައުމަށް ފޮނުވުމަށް ބޭނުންވާ ބޭރު ފައިސާގެ ސަޕޯޓުދިނުން ވެސް އަޅުގަނޑުމެންނަށް [ބުރިކަށި ބިންދައިލާ] ފަދަ ބުރަޔަކަށެއް ނުވާނެއެވެ.
8. އަޅުގަނޑުމެންގެ އިގުތިސާދުގައި ދިވެހި ރުފިޔާ ގިނަކުރުމަކީ ވެސް، ޑޮލަރުގެ ކާރިސާގެ މައްސަލަ ބޮޑު ކޮށް ގުނަ ކުރާ ބަހާއެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުތަކުން ވެސް، ވަނީ ގިނަ ޢަދަދަކަށް ދިވެހި ރުފިޔާ [ޗާޕު]ކޮށް އިގުތިސާދަށް ނެރެފައެވެ. މި ކަން ކުރަނީ ޙަޤީޤަތުގައި އިގުތިސާދު ފުޅާކުރުމެއް، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމެއް، މާލިއްޔަތު އިޞްލާޙުކުރުމެއް ނެތިއެވެ. ޖުމުލަކޮށް ދަންނަވަންޏާ، ސަރުކާރުތަކުގެ ނާޤާބިލުކަމާއި، ކޮރަޕްޝަނާއި، ދޯދިޔާ ސިޔާސަތުތަކުގެ ތެރެއިން ޚަރަދުތައް އިންތިހާއަށް ބޮޑުވުމުން، އެ ޚަރަދުތައް ކުރާނެ ފައިސާ ހޯދުމުގެ ގޮތުންނެވެ. ނަތީޖާއަކީ، ރުފިޔާގެ ޑިމާންޑަށް ވުރެ [ސަޕްލައި] އިތުރު ވެގެން، ރުފިޔާގެ އަގު ދަށްވުމެވެ. ޤައުމުގެ އިގުތިސާދުގައި އެނބުރޭ ޑޮލަރަކަށް ޖެހޭ ރުފިޔާގެ މިންވަރު މަތިވުމުން، ޑޮލަރުގެ ނިސްބަތުގައި ރުފިޔާގެ އަގު ވެއްޓުމެވެ. ހަމަ އެހެންމެ، އިތުރުވާ ރުފިޔާއިން ގަންނާނޭ މުދަލާއި ޚިދުމަތްތައް އަޅުގަނޑުމެންގެ އިގުތިސާދުގައި ނުއުފެއްދޭ ޙާލަތުގައި، އެ ރުފިޔާއިން މީހުން ރާއްޖެއިން ބޭރުން އިންޕޯޓުކުރެވޭ މުދަލާއި ޚިދުމަތް ހޯދާން ދިމާކުރުމުން، އެ އިންޕޯޓަށް އަނެއްކާ ވެސް އިތުރު ޑޮލަރު ހޭދަވުމާއި، އޭގެ ސަބަބުން ވެސް ރުފިޔާގެ ނިސްބަތުގައި ޑޮލަރުގެ ބާރު ގަދަވެ ޑޮލަރުގެ އަގު ބޮޑުވުމެވެ.
މި ކަމުގެ ޙައްލެއްގެ ގޮތުގައި އެޅިދާނޭ ފިޔަވަޅުތަކުގެ ތެރެއިން މައިގަނޑު ދެތިން ފިޔަވަޅެއް ފާހަގަ ކޮށްލާނަމެވެ.
އެއް ފިޔަވަޅަކީ ސަރުކާރުގެ ބަޖެޓް ޑެފިސިޓު ދެކޮޅުޖެއްސުމަށް ޓަކައި ދިވެހި ފައިސާ ޗާޕުކުރުން މުޅީން ހުއްޓައިލުމެވެ. ފައިސާ ޗާޕު ކޮށްގެން ބަޖެޓު ދެކޮޅުޖެއްސުމުގެ ބަދަލުގައި، ޙުކޫމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. ބޭކާރު މުއައްސަސާތައް އުވައިލުމެވެ. ބޭކާރު އަދި ސިޔާސީ މަޤްޞަދުތައް ފިޔަވައި އެހެން ބޭނުމެއް ނެތި ވަޒީފާ ދީފައި ތިބި އެތައް ހާސް މީހުން ޙުކޫމަތުގެ [މުސާރަ ހިޔަލުން] ނެރެ، މަސައްކަތްތެރި އަދި އުފެއްދުންތެރި އިގުތިސާދަށް ފޮނުވުމެވެ. ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ދުނިޔޭގެ ވިހި ފަންސަވީސް ޤައުމުން ބޭސްފަރުވާ ކޮށްދިނުމާއި، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހި އެންބަސީތަކަށް ސިޔާސީ ޕާޓީތަކާއި ބާރުވެރީންގެ ގާތް މީހުން ބޭކާރު ގޮތުގައި ލައިގެން، އެ މީހުންނަށް އަހަރަކު އެތައް މިލިއަން ޑޮލަރެއް ފޮނުވުން ފަދަ ކަންކަން މުޅީން ހުއްޓައިލުމެވެ.
ދެވަނަ ފިޔަވަޅަކީ، ބޭންކުތައް ހިންގުމުގެ ތެރެޔަށް ސަރުކާރުން ވަދެ، ބޭންކުތަކުން ލޯނުދިނުން ފަދަ މުޢާމަލާތުތަކަށް ނުފޫޒު ފޯރުވުން ހުއްޓައިލައި، އިގުތިސާދީ ރަނގަޅު ސިޔާސަތުތަކުގެ މައްޗަށް މިނިވަންކަމާ އެކު ބޭންކުތައް ހިންގާނެ ފުރުޞަތުދިނުމެވެ.
ތިންވަނަ ފިޔަވަޅަކީ، ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އަމިއްލަ އުފެއްދުންތެރިކަން އިތުރު ކޮށްގެން، އިންޕޯޓު މަދުކޮށް، އެކްސްޕޯޓުގެ ދާއިރާ ބޮޑުކުރުމެވެ.
9. ދިވެހިރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑު ވެގެން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ، ޑޮލަރު ލިބޭނެ މަޞްދަރެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތަށް މާ ބޮޑަށް ބަރޯސާވުމެވެ. ޤައުމަށް ބޭރު ފައިސާ ހޯދޭނެ އެހެން ސިނާޢަތުތައް އެކަށޭނަ ގޮތަށް އަދި އެކަށޭނަ މިންވަރަށް ތަރައްޤީނުކުރެވުމެވެ.
އަޅުގަނޑުމެންގެ ފަތުރުވެރިކަމަކީ އިގުތިސާދީ ނަޒަރުން ބަލާ އިރު، ކާމިޔާބު ސިނާޢަތެއްކަމަށް ދެންނެވިދާނެއެވެ. އެ ސިނާޢަތާ ގުޅޭ ބޮޑެތި އެތައް މައްސަލަތަކެއް، އަދި ރަނގަޅުކުރާންޖެހޭ އެތައް ކަމެއް ހުރުމާ އެކުގައި ވެސްމެއެވެ. ނަމަވެސް، މުޅީންހެން ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބުމަކީ ގޯހެއްކަން އަޅުގަނޑުމެން އެންމެންނަށް އެނގެއެވެ. އެންމެން އެހެން ކިޔަމުއެވެ. ނަމަވެސް ޙައްލެއް ހޯދޭތޯ އެއްވެސް ދިމާއަކުން އެކަށޭނަ މަސައްކަތެއްނުކުރެވެއެވެ. މިއީ ޢަޖާއިބެއް ކަހަލަ ކަމެކެވެ. އާދައިގެ "ކޮފީ މޭޒު މަޝްވަރާ"ތަކުން ފެށިގެން ގޮސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގެ ބަހުސްތަކާއި ސިޔާސީ ޕާޓީތަކުގެ ޕޯޑިއަމްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުތަކާ ހަމަޔަށް، ހުރިހައި ދިމާޔަކުން ވެސް އިވެނީ ގިނަ ސިނާޢަތްތަކެއް ތަރައްޤީކުރާންޖެހޭ ވާހަކައެވެ. އެކަމަކު އެ ކަމެއް ނުވެއެވެ. ކީއްވެގެން ބާވައެވެ!
ކޮންމެއަކަސް، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބުމަކީ ބޮޑު ގޯހެކެވެ. ކަމެއް ދިމާވެގެން އެ ސިނާޢަތު އަޑި އަޅައިލައިފިއްޔާ، ޤައުމީ އިގުތިސާދު ކޮޅަށް ބެހެއްޓުމުގައި އެހީ ވެދޭނެ އެހެން ސިނާޢަތެއް ނެތެވެ. ވީމާ، މި ކަން ޙައްލުކުރާން އަވަސް އަދި ޤައުމީ ފެންވަރުގެ ފިޔަވަޅުތަކެއް އަޅާންޖެހެއެވެ. ޤައުމަށް ބޭރުފައިސާ – ޚާއްޞަކޮށް ޑޮލަރު – ވައްދައިދޭނެ އިތުރު ސިނާޢަތްތަކެއް ތަރައްޤީކުރާން ޖެހެއެވެ. އެ ފަދަ ސިނާޢަތްތައް އުފައްދައި ކުރިއަރުވާނޭ ހުނަރުވެރި އޮންޓަޕްރީނަރުންނާއި މަސައްކަތްތެރީން އުފެއްދުމުގެ ނިޒާމު ވަރުގަދަކުރާން ޖެހެއެވެ. ތަރައްޤީކުރާންވީ ސިނާޢަތްތަކުގެ ތެރޭގައި، މަސްވެރިކަމާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއާއި، ޓްރާންސްޝިޕްމަންޓް ބަނދަރުގެ ޚިދުމަތާއި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ދާއިރާއާއި، ބައިނަލްއަޤްވާމީ ތަޢުލީމީ މުއައްސަސާތަކުގެ ޚިދުމަތާއި، ޑިޖިޓަލް އެކްސްޕޯޓުގެ ދާއިރާ ހިމެނެއެވެ. ފުޅާ ދިރާސާތަކެއް ކޮށްލަނިކޮށް، މި ގޮތުން ތަރައްޤީ ކުރެވޭނެ ސިނާޢަތްތަކާއި އެ ކަން ކުރާނޭ ގޮތް މާ ރީތިކޮށް ފެންނާނެއެވެ.
މި ސިނާޢަތްތައް ތަރައްޤީކުރާންވާނީ ޤައުމަށް ބޭރު ފައިސާ ވަދެ، ޤައުމުގެ ބޭންކުތަކުގައި ހަރުލާނޭ ސިޔާސަތުތަކަކާ އެކުގައެވެ. ސިނާޢަތްތަކުގެ ވެރީން މިލިއަނުން ޑޮލަރު ހޯދައި ބައްކޮށްގެން "އަހަރެމެންގެ މުދަލޭ، ކުރި މަސައްކަތޭ، ޣަސްބުން ނުފޭރޭށޭ" ކިޔައި ހަޅޭއްލަވައިފައި، އެއްވެސް ސިނާޢަތެއްގެ ހަގީގީ ފައިދާ ޤައުމާއި ރައްޔިތުންނަށް ނުލިބޭ ގޮތަކަށް ނޫނެވެ. އަދި، ހަމައެކަނި "ޖީޑީޕީ" ފަދަ މާ ބޮޑު މާނައެއް ނެތް އިންޑިކޭޓަރުތަކުން ދައްކާ މަންޒަރަށް ހެއްލި، ޙަޤީޤަތްތަކަށް ލޯމަރައިލާ އުޞޫލަކުން ނޫނެވެ.
10. ރާއްޖެއަށް ޑޮލަރުގެ ކާރިސާއެއް ކުރިމަތި ވާ އެންމެ މައިގަނޑު އެއް ސަބަބަކީ، ޤައުމުގައި ބޭނުންކުރާ މުދަލާއި ޚިދުމަތްތަކުގެ ބޮޑު ބައެއް ރާއްޖެއިން ބޭރުން އިންޕޯޓުކުރާންޖެހުންކަމަށް، އަޅުގަނޑު ވާނީ މަތީގައި، ފަސްވަނަ ނުކުތާގައި، ދަންނަވައިފައެވެ. އެ ނުކުތާޔާ ގުޅޭ، އެކަމަކު ހަމަ ވަކި ނުކުތާއެއްގެ ގޮތުގައި ދައްކާން ޖެހޭ ވާހަކައެއް އެބަ އޮތެވެ. އެ ވާހަކައަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކުން/ރިސޯޓުތަކުން، އެ މީހުން ބޭނުންވާ މުދަލާއި ޚިދުމަތްތައް ރާއްޖެއިން ގަތުމުގެ ބަދަލުގައި ރާއްޖެއިން ބޭރުން ގަތުމުގެ ބޮޑު މައްސަލައިގެ ވާހަކައެވެ. މިއީ އިންޕޯޓެކެވެ. ހަމައެހެންމެ، މިއީ ރިސޯޓުތަކަށް ލިބޭ ބޭރުފައިސާ އެ މީހުންގެ އަތުގައި ހުރެފައި، ޤައުމުގެ އިގުތިސާދަށް ނުވަދެ އިގުތިސާދުން ބޭރުވެގެން ޤައުމުން ނުކުންނަ މައިގަނޑު ސަބަބެއް ވެސް މެއެވެ.
މި މައްސަލަ އޮތް ގޮތުގެ ހަގީގީ މަންޒަރެއް އަޅުގަނޑުމެންނަށް ނުވެސް ފެނެއެވެ. ސަބަބަކީ ރިސޯޓުތަކުގެ "ޕްރޮކިޔޯރމަންޓް"ގެ ނިޒާމު ހިނގާ ގޮތް، މާހަރާ ގޮތެއްގައި އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ދައުލަތުން ބަލަމުން ނުގެންދިޔުމެވެ. މިހެން ދެންނެވިޔަސް، މި މައްސަލަ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އެބަ އޮތްކަން، ދައުލަތަށް ވެސް އެނގެއެވެ. ރައްޔިތުންނަށް ވެސް އެނގެއެވެ. އެ ނޫން ފަރާތްތަކަށް ވެސް އެނގެއެވެ. މިސާލެއްގެ ގޮތުން، ދިވެހި ސަރުކާރުން އެކުލަވައިލި "ފޯރތު ޓުއަރިޒަމް މާސްޓަރޕްލޭން 2013-2017" ގައި މި މައްސަލައިގެ ވާހަކަ ބަޔާންކޮށްފައި ވެއެވެ. އޭގެ ކުރީން ނެރުނު "ތާރޑް ޓުއަރިޒަމް މާސްޓަރޕްލޭން"ގައި ވެސް މެއެވެ. ވޯރލްޑް ބޭންކޭ ކިޔާ އިސްތިޢުމާރީ މުއައްސަސާއިން 2015ވަނަ އަހަރު ނެރުނު "މޯލްޑިވްސް: އައިޑެންޓިފައިންގ އޮޕޯޗުނިޓީޒް އެންޑް ކޮންސްޓްރެއިންޓްސް ޓު އެންޑިންގ ޕަވަރޓީ އެންޑް ޕްރޮމޯޓިންގ ޝެއަރޑް ޕްރޮސްޕެރިޓީ، އަ ސިސްޓެމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް"ރިޕޯޓުގައި ވެސް މި މައްސަލަ ފާހަގަކޮށްފައި އެބަ އޮތެވެ. މި ރިޕޯޓުތަކުގައި ބުނެފައި ވަނީ، ރިސޯޓުތަކުން ދިވެހީންގެ އަތުން މުދަލާއި ޚިދުމަތްތައް ހޯދުމުގެ ބަދަލުގައި، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތްތައް ގަތުމުގެ މައްސަލަ އިންތިހާއަށް ބޮޑުކަމުގައެވެ.
މިއީ ޙައްލު ކުރެވޭނެ، ޙައްލު ކުރާން ޖެހޭ މައްސަލައެކެވެ. ދިވެހި ރައްޔިތުންގެ [ކޮމަން ވެލްތު]ކަމުގައިވާ ޖަޒީރާތަކާއި ދޮންވެލި ގޮނޑުދޮށްތަކާއި މޫދާއި މާޙައުލު ވިއްކައިގެން ބިލިއަން ޑޮލަރުގެ އާމުދަނީ ހޯދާ ބަޔަކު، ދިވެހި ދަނޑުވެރީން ބިކަކޮށްފައި ބޭރުން އެތަންމިތަނުން ތަރުކާރީއާއި މޭވާ ގަންނާން ދަނީ ކީއްވެގެންހެއްޔެވެ؟ ދިވެހި އާކިޓެކްޓުންނާއި އެކައުންޓެންޓުންނާއި އޮޑިޓަރުން ފަދަ ފަންނުވެރީން ބިކަކޮށްފައި، މި ޚިދުމަތްތައް ބޭރުން ހޯދަނީ ކީއްވެގެންހެއްޔެވެ؟ ދިވެހި ފަންނީ މަސައްކަތްތެރީން ދުރަށް ލައިފައި، އެ ތަންތަނުގެ ފަންނީ އިސް މަޤާމުތަކަށް ބޭރު މީހުން ގެންނަނީ ކީއްވެގެންހެއްޔެވެ؟ މި ފަދަ އެތައް ސުވާލެއް ކުރެވިދާނެއެވެ. މި ސުވާލުތަކަށް ސަރުކާރުތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި ލީޑަރުން މާހަރާ، ތެދުވެރި، އަދި ޒިންމާދާރު ޖަވާބުތަކެއް ރައްޔިތުންނަށް ދޭންޖެހެއެވެ. އާދޭހެވެ! ފަތުރުވެރިކަމުގެ ސިނާޢަތުން އެ ސިނާޢަތުގެ ހަގީގީ މިލްކުވެރީންކަމުގައިވާ ދިވެހި ރައްޔިތުންނަށް އިންޞާފުވެރި ފައިދާއެއް ނުލިބެންޏާ، އެ ސިނާޢަތު ވަކި އަދި މަދު ބަޔަކަށް "ރަންބިސް އަޅާ ކުކުޅެއްގެ" ގޮތުގައި ބޭއްވުމުގެ ބޭނުމެއް ނެތެވެ.
ވީމާ މި މައްސަލަ ޙައްލު ކޮށްދެއްވާށެވެ! ރިސޯޓުތަކަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް އާންމު އުޞޫލަކުން ގަނެވޭނީ ހަމައެކަނި ދިވެހީންގެ އަތުން، ދިވެހި މަސައްކަތްތެރީންނާއި ފަންނުވެރީންގެ އަތުންކަމަށް ކަނޑައަޅުއްވައިދެއްވާށެވެ! ރިސޯޓުތައް ތަރައްޤީކުރުމާއި ރިސޯޓުތަކުގެ ހިންގުމުގައި ބޭނުންވާ ފަންނީ ޚިދުމަތްތައް ހޯދޭނީ ދިވެހީންގެ އަތުންކަމަށް ކަނޑައަޅުއްވައިދެއްވާށެވެ! މި ފިޔަވަޅުތައް ކާމިޔާބުކަމާ އެކު އެޅޭނީ، މުދަލާއި ޚިދުމަތް ޤައުމުން ގަތުމަށް މަޖުބޫރުކޮށް ނެރޭ މުގުރު އަމުރެއްގެ ގޮތުގައި ނޫންކަމާއި، މި ކަން ކުރެވޭނީ ރިސޯޓުތަކަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ރާއްޖޭގައި އުފެއްދުމާއި ފޯރުކޮށްދިނުމުގެ ދާއިރާތައް ވެސް އެކަށޭނަ ފެންވަރެއްގައި ތަރައްޤީކޮށްގެންކަން ފާހަގަކުރަމެވެ. ހަމައެހެންމެ، ރާއްޖެއިން ލިބޭން ނެތް މުދަލާއި ޚިދުމަތްތައް ރާއްޖެއިން ބޭރުން ޒިންމާދާރު ގޮތެއްގައި ހޯދުމަށް ކޮންމެވެސް "ލެޓިޓިޔުޑެއް"ދޭން ވެސް ޖެހޭނެކަން ފާހަގަކުރަމެވެ.
މި ކަންކަން ފުރިހަމަ ކުރެވޭ އިރު، ޤައުމީ "ޓުއަރިޒަމް-ސަޕްލަޔަރ ބާޒާރެއް" މުޅި ޤައުމު ޝާމިލުވާ ގޮތަށް ބިނާކުރެވިދާނެއެވެ. އެ ބާޒާރު އެކުލަވައިލެވޭނީ ރިސޯޓުތަކަށް އެ ބާޒާރުން މުދަލާއި ޚިދުމަތް ވީހައި ފަސޭހަކޮށް އަދި އަގުހެޔޮކޮށް ފޯރުކޮށްދެވޭ ގޮތަށެވެ. އެ ބާޒާރު މެދުވެރިކޮށް ރިސޯޓުތަކާއި ދިވެހި ދަނޑުވެރީން، ދިވެހި މަސްވެރީން، ދިވެހި މުދާ އުފެއްދުންތެރީން، ދިވެހި ދަތުރުފަތުރުގެ ޚިދުމަތްތެރީން، ދިވެހި އެކައުންޓެންޓުން، ދިވެހި އާކިޓެކްޓުން، ދިވެހި އައިސީޓީ ޚިދުމަތްތެރީން، ދިވެހި ސެކިޔުރިޓީ ޚިދުމަތްތެރީން، ދިވެހި ބިނާ ފަރުމާއާއި ޢިމާރާތްކުރުމުގެ ޚިދުމަތްތެރީން، އަދި އެނޫން ވެސް ރިސޯޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި އެސްއެމްއީ ވިޔަފާރިތަކާ ފަސޭހަ ގުޅުމަކުން ގުޅުވައިލެވިދާނެއެވެ. މި ދަންނަވާ ބާޒާރު، އަތޮޅުތަކުގެ ފެންވަރުގައި އިންތިޒާމު ކުރުމުގައި، ވަކިވަކި ދަނޑުވެރީން ރިސޯޓުތަކާ މުޢާމަލާތުކޮށް ރިސޯޓުތަކަށް މުދާ ވިއްކުމުގެ އިންތިޒާމުކުރުން ފަދަ ބުރަތައް އުފުލާންނުޖައްސައި، ކޮންމެ އަތޮޅަކުން ވެސް ރިސޯޓުތަކަށް މުދަލާއި ޚިދުމަތްތައް ސަޕްލައި ކޮށްދޭ ބާޒާރު ކޯރޕޮރޭޓިވް ސޮސައިޓީ އާއި ލޮޖިސްޓިކްސް ކުންފުނިތައް ފަދަ ނިޒާމުތަކުން އިތުރަށް ފުރިހަމަކުރެވިދާނެއެވެ.
ހަމައެހެންމެ، ރިސޯޓުތަކަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް އާންމު އުޞޫލަކުން ހޯދަނީ ރާއްޖެއިންކަން ކަށަވަރުކުރުމަށް ޓަކައި ތަންޒީމީ ނިޒާމު ހަރުދަނާކުރުން ވެސް މުހިންމެވެ. މިސާލެއްގެ ގޮތުން، ކޮންމެ ރިސޯޓަކުން ވެސް އަހަރު ނިމިގެން ތައްޔާރުކުރާ ހިސާބުކިތާބުގެ ބަޔާނުގައި، ރާއްޖޭގެ ސަޕްލަޔަރުންގެ އަތުން ގަތް މުދަލާއި ޚިދުމަތްތަކުގެ ހިސާބު ވަކީން، އަދި ރާއްޖެއިން ބޭރުން ޕްރޮކިޔޯރކުރި މުދަލާއި ޚިދުމަތުގެ ހިސާބުތައް ވަކީން އެނގޭނޭ ގޮތަށް އަހަރީ ހިސާބުކިތާބުގެ ބަޔާންތައް ތައްޔާރުކުރުން ޤާނޫނީ ގޮތުން ލާޒިމުކުރުވިދާނެއެވެ. (ނުނިމޭ)
ދެތިން ލަފުޒެއްގެ މާނަ:
މާހަރާ ނއ. ސިއްރު ކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަ. transparent
މާހަރާކަން ނ. ސިއްރުކުރުމެއް ފޮރުވުމެއް ނެތި ފެންނަ ފެނުން. transparency
ތަދުބީރު ނ. ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް. plan