ad_banner
ޚިޟުރުގެފާނުގެ އެދުރުކަމުގެ ދަށުން ޢިލްމާއި އުނގަންނައިދިނުމުގެ ފަލްސަފާ (2)

އޒ. އިބްރާހީމް ރަޝީދު މޫސާ

4 ސެޕްޓެންބަރު 2026

(2026 އޮގަސްޓު 31ގެ އަދަދާ ގުޅޭ)

ޚިޟުރުގެފާނާއި އެނދުރުބޭގެ ތަރީގާ

އުނގެނުމުގެ މާދަލާގެ އަނެއް ފަޅިއަކީ އެދުރެވެ. ނުވަތަ މުރްޝިދެވެ. ތަޢުލީމީ މަސައްކަތް ކާމިޔާބު މަސައްކަތަކަށް ވާނީ އެދުރުންގެ ދައުރުންނެވެ. މި މާދަލާގެ އެންމެ ބާރުގަދަ ޢުންޞުރަކީ އޭނާ ކަމުގައިވާތީއެވެ.ދަރިވަރަށް ހުރިހާ ކަމެއްގައި މަގުދައްކައިދޭ ނަމޫނާ މީހަކަށް އޭނާ ވާންޖެހޭނެއެވެ. އޭނާގެ ޚުލުޤު ހެޔޮވާން ޖެހޭނެއެވެ. އޭނާގެ މަންހަޖު މޭވާ އަޅައިފައިވާ ގަހަކަށް ވާންޖެހޭނެއެވެ. އެދުރަކީ ހަމައެކަނި އަމާނާތްތެރިކަމާއެކު މަޢުލޫމާތު ނަޤްލުކޮށްދޭ މީހެއްނޫނެވެ. އެއީ އާދައިގެ މުވައްޒަފެއް ވެސް ނޫނެވެ. އެއީ އެނބުރޭ އާލަތެއްގެ ސޯބެއް ވެސް ނޫނެވެ.

މޫސާގެފާނާއި ޚިޟުރުގެފާނުގެ ވާހަކައިގައި ޚިޟުރުގެފާނަކީ  ނަމޫނާ އެދުރެކެވެ. ނާދިރު މިސާލެކެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި އުނގަންނާދިނުމުގެ ތަރީގާއާއި މަންހަޖަކީ ލާސާނީ ކަންތައްތަކެކެވެ. މި ނަމޫނާއަށް ތަބާވާ މީހަކު ދަރެސްގާހުގައި ނާކާމިޔާބެއް ނުވާނެތެވެ. އެކަލޭގެފާނުގެ އުޞޫލުތަކަށް ބަލާއިރު އެއީ:-

1-     ހޭލުންތެރިކުރުވުމާއި ސާފުކޮށްދިނުން: އެކަލޭގެފާނު މޫސާގެފާނަށް ވިދާޅުވިއެވެ.((إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا [1]- ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ.)) ޚިޟުރުގެފާނު މޫސާގެފާނަށް ނޫނެކޭ ވިދާޅެއްނުވެތެވެ. އެހެނަސް އެކަލޭގެފާނު މި ކުރިމަތިލައްވަނީ ބުރަ ކަމަކަށް ކަން ބަޔާންކޮށް ދެއްވިއެވެ. މުދައްރިސުގެ ވާޖިބުތަކުގެ ތެރޭގައި ދަރިވަރުން ހޭލުންތެރިކުރުވުމާއި ސާފުބަހުން ކަން އޮތް ގޮތް ބަޔާންކޮށްދިނުން ވެއެވެ. ފުރަތަމަ ދުވަހު މުދައްރިސް އޭނާ ކިޔަވާދިނުމުގައި ޢަމަލުކުރާނެ އުސްލޫބާއި ބޭނުންކުރާނެ ވަސީލަތްތަކާއި މުޤައްރަރުގެ ބައިތަކާއި މުޤައްރަރުގެ ނޯޓުތައް ދޭނޭ ގޮތް ދަރިވަރުންނަށް ސާފުކޮށްދޭން ޖެހޭނެއެވެ. މިކަމުގައި ނަޒާހަތްރިކަމަށާއި މާހަރާކަން ބޭނުންވާނެއެވެ.

2-     ގަވައިދު ހެދުމުގައި ބައިވެރިކުރުން: މޫސާގެފާނު ދެންނެވިއެވެ.((إِن سَأَلْتُكَ عَن شَيْءٍ بَعْدَهَا فَلَا تُصَاحِبْنِي [2]-  މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ!)) މަދުރަސާގެ ގަވައިދު އެކުލަވައިލުމުގައި ޚިޟުރުގެފާނު މޫސާގެފާނު ބައިވެރިކުރެއްވިއެވެ.ދަރުސްތައް ފެށްޓެވުމުގެ ކުރިން ޚިޟުރުގެފާނު ވަނީ މޫސާގެފާނަށް އިރްޝާދުދެއްވައިފައެވެ. އެކަލޭގެފާނު ދެންނެވިއެވެ. ((فَإِنِ اتَّبَعْتَنِي فَلَا تَسْأَلْنِي عَن شَيْءٍ حَتَّىٰ أُحْدِثَ لَكَ مِنْهُ ذِكْرًا [3]- ފަހެ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ ސުވާލުނުކުރައްވާށެވެ!) މޫސާގެފާނު މި ގަވައިދާ ޚިލާފުވެވަޑައިގެން އިސްވެ ސުވާލުކުރެއްވިއެވެ. ޚިޟުރުގެފާނު މޫސާގެފާނަށް ފުރުޞަތު ދެއްވުމަށް ޓަކައި ގަވައިދު އސްލާޙުކުރުމުގެ ފުރްޞަތު މޫސާގެފާނަށް  ދެއްވިއެވެ. ކިޔަވާދޭ ތަންތާނގެ ގަވައިދުތައް ހެދުމުގައި ދަރިވަރުން ބައިވެރިކުރުން މުހިއްމުކަމަށް މިއަދު ތަރްބަވީ ޢިލްމުވެރިން ވިދާޅުވެއެވެ. އޭރުން ދަރިވަރުން އެއަށް ކަށަވެތިވާލެއް ބޮޑުވާނެތީއެވެ. އަދި ހިންގަން ފަސޭހަވާނެތީއެވެ.

3-     ޢަމަލީ ތަޖުރިބާ: ޚިޟުރުގެފާނު މޫސާގެފާނަށް ނަޒަރީ ނަސޭހަތްޕުޅުތަކެއް ނުދެއްވައެވެ. އަދި ޢަމަލީކޮށް ތަތުބީގުނުކުރެވޭނެ ފަދަ ވަޢުޒުތަކެއް ވެސް ވިދާޅުނުވެތެވެ. ޙަޤީޤީ ޢަމަލީ އިމްތިޙާނުތަކަކުން މޫސާގެފާނު އިމްތިޙާނުކުރެއްވިއެވެ. އެއްގަމާއި ކަޑުގައި ދަތުރުތައް ކުރެއްވިއެވެ. މި ވާހަކަތައް ބަޔާންކޮށްދެއްވަމުން ޙަކީމުވަންތަ ރަސްކަލާނގެ ﷲތައާލާ ވަޙީކުރެއްވިއެވެ. ((فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًا ﴿٧١﴾‏ قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴿٧٢﴾‏ قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًا ﴿٧٣﴾‏ فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةَۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا ﴿٧٤﴾‏ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴿٧٥﴾‏ قَالَ إِن سَأَلْتُكَ عَن شَىْءِۭ بَعْدَهَا فَلَا تُصَٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا ﴿٧٦﴾‏ فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا [4] - ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގެން، ނަވަށް އަރައިވަޑައިގެންނެވިހިނދު، އެބޭކަލަކު އެ ނައު ފޫދުއްވައިލައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ أهل ވެރިން غرقކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ. (71)  އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟ (72) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ! (73)  ދެން އެދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގަންނަވަނިކޮށް، ކުޑަފިރިހެންކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު، އެބޭކަލަކު އެކުއްޖާ قتلކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަކުވެސް މަރާފައިނުވާ، ކުށެއްނެތް، طاهر نفسއެއް، ކަލޭގެފާނު ތިޔަ قتل ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ. (74) އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟ (75) އެކަލޭގެފާނު ވިދާޅުވިއެވެ. މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު سؤال ކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް عذر އެއް ލިބިވަޑައިގެންފިއެވެ. (76)  ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ أهل ވެރިބަޔަކާ ހަމަޔަށް ވަޑައިގެންނެވުނުހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެ ބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުޅައޫއެވެ. ދެން އެރަށުން ވެއްޓޭންކައިރިވެފައިވާ ފާރެއް އެ ދެ ބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ.))

4-     ކެތްތެރިވުމާއި ކުށަށް މާފުކުރުން: ޚިޟުރުގެފާނު މޫސާގެފާނަށް ތިން ފުރްޞަތު ދެއްވިއެވެ. ކޯފާނުވެ މާފުދެއްވިއެވެ. ފުރަތަމަ ކުށާ ހަމައިން ދަރިވަރު މަދުރަސާއިން ވަތްކެއް ނުކުރައްވައެވެ. މިއީ މުދައްރިސާ ދަރިވަރާ ދެމެދުގައި އިތުބާރު ބިނާކުރުމަށް ޓަކައި ބޭނުން ކަމެކެވެ.

5-     ތަވާޟުޢުވެރިވުން: ޚިޟުރުގެފާނު މޫސާގެފާނަށް ދެންނެވިއެވެ. ((وَمَا فَعَلْتُهُ عَنْ أَمْرِي[5] - އަދި ތިމަންކަލޭގެފާނު އެކަންތައް ކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأىއަކަށް ނޫނެވެ.)  ﷲގެ ރަސޫލަކަށް އެނގިވަޑައިނުގަންނަވާ ޣައިބިއްޔާތުގެ ކަންތައްތަކެއް ޚިޟުރުގެފާނަށް އެނގިވަޑައިގަންނަވާތީ އެކަލޭގެފާނު އެ ކަމާ މެދު ބޮޑާވެވަޑައެއް ނުގަންނަވަތެވެ. އެކަލޭގެފާނު އެ ކަންކަމުގެ ޢިލްމު ރައްދުކުރެއްވީ ﷲއަށެވެ.

މޫސާގެފާނުގެ މި ތަޢުލީމީ ދަތުރުފުޅުން އަޅުގަނޑުމެން ދެނެގަންނަން ޖެހޭ ތަޢުލީމީ ގިޔަމުތަކަކާއި އުޞޫލުތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކީ ޢިލްމަކީ ޚުލުޤެވެ.މަޢުލޫމާތަކީ އޭގެ ހަވާސާގައިވާ އެއްޗެކެވެ. ދެވަނަ ކަމަކީ ފަހްމުގެ ޝަރުޠަކީ އަދަބެވެ.  ތިންވަނަ ކަމަކީ ޢިލްމާއި ޙިކުމަތް ލިބޭނީ ތަވާޟުޢުވެރިކަމާއި ކެތްތެރިކަމާއި ގަދައަޅައި މަސައްކަތްކޮށްގެންނެވެ. އެހެން މީހުންގެ މަންހަޖުތައް އެތެރެކުރުމުގެ ބޭނުމެއް ނެތެވެ. އަޅުގަނޑުމެންގެ ދީނުގައި، އަޅުގަނޑުމެންގެ ފޮތުގައި ތަޢުލީމީ ނިޒާމުގެ އުޞޫލުތައް އެބަހުށްޓެވެ. ހޯދައި ނަގާށެވެ!  (ނިމުނީ)

 

ބައެއް ލަފުޒުގެ މާނަ:

އާލަތް      ނ.     މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި. tool

އުންސުރު    ނ.     (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. element

މާދަލާ      ނ.     (1) ސައިންސީ އިލްމުތަކުގައި ނިޝާނަކުން ހާމަކުރާ ވިޔައިގެ ގުޅުންތައް ނުވަތަ ގަވާއިދު. (2) އެއްޗެއް އުފައްދާން ބޭނުންކުރާ ތަކެތީގެ މީޔާރު ލިސްޓު.

ގިޔަމު      ނ.     ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ސޯބު         ނ.     ގަޑިއާއި މެޝިނުގައި ފުއްކަނޑައިފައި ހުންނަ ފުރޮޅު.

 

މަރުޖާ:

[1]  - الكهف: 76

[2]  - الكهف: 76

[3]  -  الكهف: 70

[4]  - الكهف: 71- 77

[5]  - الكهف: 82

 

ކޮމެންޓު