އޒ. އަޙުމަދު މާޖިދު
3 ސެޕްޓެންބަރު 2026
ދިވެހިރާއްޖޭގައި ޔޫއެސް ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ ނިސްބަތުގައި ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ ޣައިރުޝަރުޢީ އަދި ޣައިރުޤާނޫނީ ކަޅު ބާޒާރެއް އުފެދި، އޭގެ ސަބަބުން ޤައުމު ވަރަށް ބޮޑު އިގުތިސާދީ އަދި ގައުމީ ކާރިސާއަކާ ހަމަޔަށް މި އޮތީ އައިސްފައެވެ. ވީމާ، މި މައްސަލައިގެ ސަބަބުތަކާއި، މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކާ މެދު، ފެންނަ އެއްޗެއް ދަންނަވައިލާނަމެވެ. އަޅުގަނޑުގެ ނުކުތާތަކަށް ދިޔުމުގެ ކުރީން، މި ލިޔުމަކީ ދިރާސާގެ މަންހަޖު ބޭނުންކޮށްގެން ލިޔެފައިވާ ޢިލްމީ ދިރާސާއެއް ނޫންކަމާއި، ނޫސްތައް ފަދަ މަޞްދަރުތަކުން ފަސޭހަކޮށް ލިބޭން ހުރި ބައެއް މަޢުލޫމާތުގެ މައްޗަށް ބުރަވެ، ލިޔެފައިވާ ރައުޔީ ލިޔުމެއްކަން ބަޔާންކޮށްލަމެވެ. މައްސަލައިގެ ފުރިހަމަ ޙަޤީޤަތާ ހަމަޔަށް ފުރިހަމަޔަށް އަޅުގަނޑުމެންނަށް ވާޞިލުވެވޭނީ، އަދި މައްސަލައަށް ހަގީގީ އަދި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދޭނީ، އަދި އެ ޙައްލުތައް ގެންނާންވީ ވަގުތުގެ ފުރޭމާއި މަންހަޖު ސާފުކޮށް އެނގޭނީ، ފުރިހަމަ ޢިލްމީ ދިރާސާތަކެއްގެ ތެރެއިންނެވެ. އަދި އަޅުގަނޑުމެންގެ ސަރުކާރާއި ރައްޔިތުން އެކައްޗެއް ކިޔައިގެން، އެއް މިޞްރާބަކަށް، އަދި އެއް ލަނޑުދަނޑިތަކަކާ ދިމާޔަށް ކުރާ ތެދުވެރި މަސައްކަތުންނެވެ.
ދެން، އަޅުގަނޑަށް ފާހަގަ ކުރެވޭ ކަންތައްތައް ދަންނަވައިލާނަމެވެ.
1. ދިވެހިރާއްޖެއަށް ބޭރު ފައިސާ – ޚާއްޞަކޮށް ޔޫއެސް ޑޮލަރު – ލިބޭ މައިގަނޑު ސިނާޢަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މި ސިނާޢަތަށް އާމުދަނީގެ ގޮތުގައި ލިބޭ ޑޮލަރު، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެޔަށް އެކަށީގެންވާ ގޮތެއްގައި ވަންނަކަމަކަށް ނުފެނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 2025ވަނަ އަހަރު އެކަނި ވެސް 5.57 ބިލިއަން އެމެރިކާ ޑޮލަރު ލިބުނުކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އެމްއެމްއޭއަށް އެނގޭ މިންވަރެވެ. ޔަޤީނާ ގާތަށް ބެލެވޭ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާޢަތަށް ޙަޤީޤަތުގައި ލިބޭ އާމުދަނީ އެމްއެމްއޭއަކަށް ނުވެސް އެނގެއެވެ. އެއީ، އެ އާމުދަނީގެ ބައެއް ރާއްޖޭގައި ރިކޯޑުނުކުރެވޭ އަދި ދިވެހި ސަރުކާރުގެ މުއައްސަސާތަކަށް ނުބެލޭ މުޢާމަލާތުތަކެއްގެ ގޮތުގައި ރާއްޖެއިން ބޭރުގައި ހިނގުމެވެ. މި ކަންކަމުގެ ހަގީގަތް އަޅުގަނޑުމެން ތަހުގީގުކޮށް، ދިރާސާކޮށް، ހޯދައި ބަލާން ޖެހެއެވެ. މިހާރު މި ކުރެވޭ ޝައްކުތައް ފިލައި، މާހަރާ ގޮތެއްގައި ކަންކަން ހިނގާކަމުގެ، އަދި ފަތުރުވެރިކަމުގެ ސިނާޢަތުން ޤައުމީ އިގުތިސާދަށް އިންޞާފުވެރި ޙިއްޞާއެއްކުރެވެމުންދާކަމުގެ އިތުބާރު ރައްޔިތުންނަށް ލިބޭނީ އެއިރުންނެވެ.
ފާއިތު ވި އެތައް ދަހަރުތަކަކުއް ސުރެ، ކަން ހިނގަމުން އަންނަ މަގަކީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ޑޮލަރު އާމުދަނީގެ ބޮޑު ބައެއް ހުންނަނީ ދިވެހިރާއްޖޭގެ ބޭންކުތަކާއި ދިވެހި އިގުތިސާދަށް ނުވަދެ، ބޭރުގައެވެ. އެ ކަން ދެ ގޮތަކަށް ހިނގައެވެ. އެއް ގޮތަކީ، އޭގެ ވަރަށް ބޮޑު ބައެއް، ރާއްޖޭގެ ސަރަޙައްދަށް ވެސް ނުވަދެ ބޭރު ޤައުމުތަކުގައި ހުރުމެވެ. ދެވަނަ ގޮތަކީ، އޭގެ ބައެއް ރާއްޖެއަށް ވަންކަމުގައި ވިޔަސް، ރާއްޖޭގެ ބޭންކުތަކާ ހަމަޔަށް ނުގޮސް، ބައެއް މީހުންގެ ގޭގޭގައި ތިޖޫރީތައް ފަދަ ތަންތަނުގައި އެ ފައިސާ ފޮރުވައިފައި ބެހެއްޓުމެވެ. އެބައި ދެން ދަނީ ނަގުދު ފައިސާގެ ގޮތުގައި، ޑޮލަރުގެ މަގުމަތީ ކަޅު ބާޒާރަށެވެ. މި ކަން މިހެން ހިނގާ ވާހަކަ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ [Maldives: Staff Report for the 2016 Article IV Consultation, IMF Country Report No. 16/135 (May 2016] މި ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
ދެން އޮތީ މި ކަމުގެ ޙައްލެވެ. މި ކަމުގެ ޙައްލަކީ ފަތުރުވެރިކަމުގެ ދާއިރާގެ ހަގީގީ ފައިދާ ޤައުމަށް ލިބޭނެ ގޮތަށް އެ ސިނާޢަތާ ގުޅޭ ސިޔާސަތުތަކާއި، ޤާނޫނުތަކާއި، ވިޔަފާރި މޮޑެލްތައް އިޞްލާޙުކޮށްގެން، އެ ސިނާޢަތަށް ލިބޭ އާމުދަނީ ރާއްޖެއަށް މުޅީން ވެއްދޭނެ މަގެއް ހޯދުމެވެ. ދިވެހި ރައްޔިތުންގެ [ކޮމަންވެލްތު]ކަމުގައިވާ ޖަޒީރާ ރަށްތަކާއި ދޮންވެލި ގޮނޑުދޮށްތަކާއި މޫދު ވިއްކާ ސިނާޢަތެއްގެ ފައިދާ އެ ރައްޔިތުންނަށް ނުލިބޭ ގޮތަށް އޮތް ވިޔަފާރި މޮޑެލްތައް އިޞްލާޙުކުރުމެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ އާމުދަނީ ރާއްޖޭގެ އިގުތިސާދަށް ވަދެ، ރާއްޖޭގެ ބޭންކުތަކުގައި ބެހެއްޓޭނެ ގޮތް ހެދުމެވެ. އެ ފައިސާގެ ތެރެއިން ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ބޭރުގައި ބެހެއްޓޭނީ، އަދި ބޭރަށް ނެރެވޭނީ، ސިނާޢަތުގެ ޒަރޫރީ ބޭނުންތަކަށް، ޤާނޫނުގެ ފާރަވެރިކަމުގައި ވަރަށް ވަރުގަދަޔަށް ބެލެހެއްޓޭ ދޮރުތަކަކުން، މާހަރާ ގޮތެއްގައިކަމަށް ހެދުމެވެ.
2. ރާއްޖޭގައި ޑޮލަރު ނުލިބުމާއި، ދިވެހި ފައިސާގެ ނިސްބަތުގައި ޑޮލަރުގެ އަގު، މާ ބޮޑަށް އުފުލުމުގެ މައްސަލަ މި ހިސާބަށް ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އެ ބާޒާރު ހެދިބޮޑުވާން ފުރުޞަތު ދިނުމެވެ. އެ ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް އަރަމުންއަރަމުންދާ އިރު، ޑޮލަރުގެ ރަސްމީ ނުވަތަ ބޭންކު އަގު ބޮޑު ތަފާތަކާ އެކު ކުޑަކޮށް ހުރުމުން، [ވިޝަސް ސައިކްލް]އެއްގެ ބީދައިން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިތުރަށް އުފުލެއެވެ.
ވަރަށް އާދައިގެ އާންމު ވިސްނުމަކުން ވެސް އެނގޭނެ ފަދައިން، ޑޮލަރުގެ ރަސްމީ ބާޒާރެއް އޮވެފައި، އެ ބާޒާރުގެ ބޭރުން ވަގު އަދި ކަޅު ބާޒާރެއް ވެސް އޮވެފައި، ޑޮލަރުގެ އަގު ބޮޑީ ނުވަތަ ޑޮލަރަކަށް ގިނަ ރުފިޔާ ލިބެނީ ކަޅު ބާޒާރުންކަމުގައި ވަންޏާ، ޑޮލަރު ގެންގުޅޭ ބަޔަކު ކަން ކުރާނޭ ގޮތަކީ، ޑޮލަރުގެ ރަސްމީ ބާޒާރަށް – ޔަޢުނީ ބޭންކުތަކަށާއި ރަސްމީ ފޮރެކްސް ވިޔަފާރިތަކަށް – ޑޮލަރު ފޮނުވުމުގެ ބަދަލުގައި ކަޅު ބާޒާރަށް ޑޮލަރު ފޮނުވުމެވެ. އެއީ، ކަޅު ބާޒާރުން އެ މީހުންނަށް ޑޮލަރަކަށް ގިނަ ދިވެހި ރުފިޔާ ލިބޭތީއެވެ. މިއީ އޭގެ ޠަބީޢަތުގައި، [ހެދިބޮޑު ވާ] މައްސަލައެކެވެ. އެބަހީ، މި ދެންނެވި ބީދައިން ރަސްމީ ޑޮލަރު ބާޒާރުން، ޑޮލަރު މަދުވެ ކަޅު ބާޒާރަށް ގިނަ ޑޮލަރު ދާ ވަރަކަށް، ރަސްމީ ޑޮލަރު ބާޒާރު ދާނީ ފޭލިވަމުންނެވެ. އެ ބާޒާރުން ޑޮލަރު ލިބުން ވާނީ ދުވަހެއް ދުވަހަކަށް ދައްޗެވެ. އަނެއްކޮޅުން، ކަޅު ބާޒާރުގެ [ދާދާއިން]ގެ ބާރު ޑޮލަރުގެ ވިޔަފާރީގެ މައްޗަށް ދާނީ ވަރުގަދަވަމުންނެވެ. އެ މީހުން ހިތުހުރި އަދި އެ މީހުން ވިއްކާނޭ އަގެއްގައި މެނުވީ ޑޮލަރު ނުލިބުމުގެ މައްސަލަ ދާނީ ބޮޑު ވަމުންނެވެ. ޑޮލަރު ގަންނަ މީހުން ކަޅު ބާޒާރަށް ދިޔުން އިތުރު ވެ، ކަޅު ބާޒާރުގައި ޑިމާންޑް އިތުރުވެ، އެ ޑިމާންޑާ އެކު ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދާނީ އުފުލެމުންނެވެ.
މި ކަމުގެ ޙައްލަކީ ކޮބައިތޯއެވެ؟ އާދޭހެވެ! މި ކަމުގެ ޙައްލު ގެނެވޭނީ މައިގަނޑު ދެ ކަމަކުންނެވެ.
ފުރަތަމަ ކަމަކީ، ފުރަތަމަ ނުކުތާގައި ދެންނެވި ފަދައިން ފަތުރުވެރިކަމުގެ ސިނާޢަތުން، އަދި ޤައުމަށް ބޭރު ފައިސާ ލިބޭ އިތުރު ސިނާޢަތްތައް ތަރައްޤީކޮށްގެން އެ ސިނާޢަތްތަކުން ވެސް، ޤައުމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކޮށް، އެ ގޮތުން ވަންނަ ޑޮލަރު ރަސްމީ ބޭންކިންގ ނިޒާމާއި ރަސްމީ ފޮރެކްސް ބާޒާރަށް ވެއްދުމެވެ.
ދެވަނަ ކަމަކީ، ޤާނޫނުގެ ދިގު އަތް ދަގަނޑުގެ ބާރާ އެކު ކަޅު ބާޒާރުގެ ދާދާއިންގެ އަތްތަކާ ހަމަޔަށް ފޯރުވައި، އެ އަތްތަކުގައި ޤާނޫނުގެ ގަދަފަދަ ހިލިހިލާގަނޑު އަޅުވައި، އެމީހުންނާ މެދު ޢަދުލުއިންޞާފުގެ ހަރުކަށި ފިޔަވަޅުތައް އެޅުމެވެ. ކަޅު ބާޒާރުގެ މުޅި [ސްޓްރަކްޗަރ] ސުންނާފަތިކޮށްލުމެވެ. ކަޅުބާޒާރަކީ ޝަރުޢީ ގޮތުން ޙަރާމް، އަދި ޤާނޫނީ ގޮތުން މަނާ ވަބާއެއްކަމުގައި ވާހިނދު، އެ ނުބައިން ޤައުމު ޠާހިރުކުރުމެވެ. މި ނަޒަރުން ވިސްނާ އިރު، ސަރުކާރުން ކަޅު ބާޒާރު ނެއްތައިލުމަށް ޓަކައި ދާދި ފަހުން އިޢުލާންކުރެއްވި ފިޔަވަޅުތައް ރަނގަޅުކަމަށް ދަންނަވާން ޖެހެއެވެ. ނަމަވެސް އިތުރު އެތައް ކަންތަކެއް ވެސް ކޮށްގެން މެނުވީ، އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާއެއް ނުނުކުންނާނެއެވެ. މި ލިޔުމުގައި ބަޔާން ކުރެވޭތޯ މި މަސައްކަތްކުރަނީ އެ ގޮތުން އިތުރަށް ކުރާންޖެހޭކަމަށް ފެންނަ ކަންކަމެވެ.
3. ދިވެހިރާއްޖޭގެ އިގުތިސާދީ ޙާލަތާއި ދައުލަތުގެ ޙުކޫމަތުގެ ނިޒާމާއި، އަދި ޑޮލަރު-ރުފިޔާގެ މައްސަލައިގެ ކަންކަން މިހާރު އޮތް ގޮތަށް ބަލާ އިރު، ރުފިޔާގެ ނިސްބަތުގައި ޑޮލަރުގެ އަގު ބޮޑުވެ ޑޮލަރު ތާށިވުމުގެ މައްސަލައިގެ މުހިންމު އެއް ސަބަބަކަށް، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން މާ ގިނައިން ބޭރު ފައިސާ ބޭނުންކުރަމުން، ބޭރު ފައިސާ ޤައުމުން ބޭރު ކުރަމުން ދިޔުން ވެސް ވެއެވެ. މިސާލަކަށް، 2024 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 998 މިލިއަން ޑޮލަރު ވިއްކި އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 652 މިލިއަން ޑޮލަރު ވިއްކައިފައި ވަނީ ދައުލަތުގެ ކުންފުނިތައް ނުވަތަ އެސްއޯއީ (ސްޓޭޓް-އޯވންޑް އެންޓަރޕްރައިޒަސް) ކުންފުނިތަކަށެވެ. އެއީ މައިގަނޑު ގޮތެއްގައި ތެލާއި ކާޑުގެ ބާވަތްތަކާއި ބޭހާއި އަދިވެސް ޤައުމަށް އެތެރެ ކުރެވޭ އަސާސީ ބައެއް ތަކެތި އެތެރެކުރުމަށާއި، އެސްއޯއީތަކުގެ ޚާރިޖީ ދަރަނި ދެއްކުމަށް ޓަކައެވެ. މުޅި މަންޒަރުން ފެންނަ ގޮތުގައި، މި ދެންނެވި ޚަރަދުތަކާއި، ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާ ފަދަ އެހެނިހެން ޚަރަދުތަކަށް، އެސްއޯއީތަކުން ގެންދަނީ ގިނަ ޢަދަދެއްގެ ޑޮލަރު ޤައުމުން ބޭރަށް ހޭދަކުރަމުންނެވެ.
މި ކަމުގެ ޙައްލުތަކަށް ދެން ބަލައިލަމާ ހިންގަވާށެވެ! އެއް ކަމަކަށް، ދައުލަތުގެ ކުންފުނިތަކުގެ ޢަދަދު ކޮންމެހެން ބޭނުންވާ މިންވަރަށް މަދުކުރާން ޖެހެއެވެ. އެޔަށްފަހު، އެސްއޯއީތަކުން ޤައުމުން ބޭރަށް ޑޮލަރު ބޭރުކުރާ ގޮތް ވަރަށް ރަނގަޅަށް މުރާޖަޢާކުރާން ޖެހެއެވެ. އޭގެ ތެރެއިން ކޮންމެހެން ވެސް ނުކޮށްނުވާނެ ޚަރަދުތައް ކުރިޔަސް، ދެން ހުރި ޚަރަދުތައް މި ވަގުތަށް ވިޔަސް ހުއްޓައިލާން ޖެހެއެވެ. ރާއްޖޭގައި އުފައްދާ އެއްޗެތި ބޭރުން ގަތުން ހުއްޓައިލާން ޖެހެއެވެ. އެސްއޯއީތަކުގެ މުއައްޒަފުންނަށް ޑޮލަރުން މުސާރަދިނުން ހުއްޓައިލާން ޖެހެއެވެ. (މި ފިޔަވަޅު ވާން ޖެހޭނީ މުޅި ޤައުމުގައި ވެސް ރަސްމީ ފައިސާއެއްގެ ގޮތުގައި ދިވެހި ފައިސާ ނޫން އެހެން ފައިސާއެއް ބޭނުން ނުކުރުމުގެ ފުޅާ އަދި ޝާމިލު ސިޔާސަތެއްގެ ބައަކަށެވެ.) އެސްއޯއީތަކުގެ މަޝްރޫޢުތައް ހިންގުމުގައި، އެ މަޝްރޫޢުތަކާ ގުޅިގެން ޤައުމުން ބޭރަށް ޑޮލަރު ހޭދަކުރާން ޖެހޭ މިންވަރު ވަރަށް ރަނގަޅަށް ބަލައި، ބޭރަށް ޑޮލަރު ހޭދަކުރާން ޖެހޭ މިންވަރު މަދުކުރެވޭނެ ހުރިހައި ފިޔަވަޅުތަކެއް އަޅާން ޖެހެއެވެ.
4. ބޭރު ޤައުމުތަކާއި ބޭރުގެ ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތައް ފަދަ ފަރާތްތަކުން މާ ގިނައިން، އަދި އުފެއްދުންތެރި ނޫން ގޮތްގޮތަށް ދަރަންޏަށް ނެގުމަކީ ވެސް މުސްތަޤުބަލުގައި ޑޮލަރަށް ޑިމާންޑު އުފައްދައި، ޑޮލަރުގެ އަގު މަތިކޮށް، ދިވެހި ރުފިޔާގެ އަގު ވައްޓައިލާނޭ ކަމެކެވެ.
ރާއްޖޭގެ ސަރުކާރުތަކުން – ޚާއްޞަކޮށް ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެސް – ބޭރުން ދަރަންޏަށް ނަގަމުން ގެންދަނީ ހަރުދަނާ ސިޔާސަތުތަކެއް ނެތިކަމަށް މެނުވީ ނުދެންނެވޭނެއެވެ. ކޮންމެހެން ބޭނުންނުވާ ދަރަނި ވެސް ނަގައިފައި ވެއެވެ. ޤައުމުގެ އިގުތިސާދާއި މާލީ ކެރިފޯރުންތެރިކަމާ ނުބައްދަލު މިންވަރަށް ވެސް ދަރަނި ވަނީ ނަގައިފައެވެ. ސަރުކާރުން ނުވަތަ ސަރުކާރުގެ އެސްއޯއީ ކުންފުނިތަކުން ރާއްޖެއިން ބޭރުން އެމެރިކާ ޑޮލަރުން ނަގާ ދަރަނި ނެގުމަށް ފަހު، އެންމެ ފުރަތަމަ ޤައުމަށް ޑޮލަރުގެ މިންވަރެއް ވަންނާނެއެވެ. އެއީ ޑޮލަރު [ތިޔާގި]ވެ، ޑޮލަރުގެ ތާށިކަމަށް ލިބޭ ލުޔެއްކަމަށް ފެނިދާނެއެވެ. ނަމަވެސް އެއީ ވަގުތީ [ތިޔާގި]ކަމެކެވެ. ފަހުން އެ ޑޮލަރު ޤައުމުން ބޭރު ވާނީ ގިނަގުނަ ވެގެންނެވެ. އެހެނީ، ދަރަނި ދެއްކުމުގައި އަޞްލު ދަރަނީގެ މިންވަރާއި ރިބާ/އިންޓަރެސްޓުގެ ގޮތުގައި ދައްކާން ޖެހޭ ފައިސާ ވެސް ބޭރުވެގެން ދާނީ ޤައުމުގެ ޑޮލަރު ޚަޒާނާއިންނެވެ. މި ކަން ހިނގާ ގޮތާ މެދު ވިސްނުމުން، ޤައުމުގެ މާލިއްޔަތާއި އިގުތިސާދު ތަން ނުދޭ މިންވަރުން ބޭރުގެ ދަރަނި ނަގައިފައި އޮތުމަކީ ވެސް ޑޮލަރުގެ ތާށިކަން ކުރިމަތިވެ، ދިވެހި ރުފިޔާގެ ނިސްބަތުގައި ޑޮލަރު އަގު ބޮޑުވެގެން މި ދިމާވާ މައްސަލައިގެ މުހިންމު ސަބަބެއްކަން އެނގެއެވެ.
މި ދަންނަވާ މައްސަލައިގެ ވަރަށް ރީތި މިސާލެއް އިހަކަށް ދުވަހު ވަނީ ފެނިފައެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ސޮވްރިން ސުކޫކުގެ 500 މިލިއަން ޑޮލަރު އަނބުރައި ދައްކައިފައެވެ. އެއީ، ރިކޯޑުތައް ދައްކާ ގޮތުން، 24.68 މިލިއަން ޑޮލަރުގެ ކޫޕަން ޕޭމަންޓާ ވެސް އެކުގައެވެ. މި އަހަރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ އިހުނަށް ވުރެ ވެސް ބޮޑު ވެގެން ދިޔަ އެއް ސަބަބަކީ މިއީއެވެ. މި ދެންނެވި ސޮވްރިން ސުކޫކަކީ 2021 ވަނަ އަހަރު އެ އިރު އޮތް ސަރުކާރުން ނެގި ދަރަންޏެކެވެ. އެއީ ވެސް އެއްވެސް ކަހަލަ އިގުތިސާދީ އުފެއްދުންތެރިކަމެއް ނެތް ބޭނުންތަކަކަށް ނެގި ދަރަންޏެވެ.
މީގެ ޙައްލަކީ ކޮބައިބާވައެވެ! އާދެ، ކުރުކޮށް ފޮނިކޮށް ދަންނަވަންޏާ، ނުފޯރާ ފޮތީން ފޫގެޅުން ހުއްޓައިލާންވީއެވެ! ޤައުމުގެ އިގުތިސާދާއި މާލިއްޔަތާ ނުބައްދަލު ޚަރަދުތައްކުރުމާއި، ނުކުޅަދާނަ މިންވަރަށް ޙުކޫމަތުގެ ރިކަރެންޓް ޚަރަދުތައް ބޮޑުކޮށްގެން ބަޖެޓް ފައިނޭންސްކުރުމަށް ޓަކައި ލޯނު – ޚާއްޞަކޮށް ބޭރު ފައިސާއިން ލޯނު – ނެގުން ހުއްޓައިލާން ވީއެވެ. ބޭރުގެ ދަރަނީގެ ކަންކަމުގައި ތަންފީޒުކުރާނެ [ދެމެހެއްޓެނިވި ދަރަނި ސިޔާސަތެއް] އެކުލަވައިލައި ތަންފީޒުކުރާން ވީއެވެ. ޤައުމުގެ އިގުތިސާދު ފުޅާކޮށް، ޤައުމީ އިގުތިސާދަށާއި ޙުކޫމަތުގެ މާލިއްޔަތަށް ބޭރުފައިސާއާއި ފައިދާ ލިބިދޭނޭ އުފެއްދުންތެރި މަޝްރޫޢުތަކަށް މެނުވީ ބޭރުން ދަރަނި ނެގުން ހުއްޓައިލާން ވީއެވެ. ރާއްޖެއިން ރުފިޔާއިން ދަރަންޏަށް ނަގައިގެން ވާން އޮންނަ އެއްވެސް ކަމެއް ކުރުމަށް ޓަކައި ބޭރުން ދަރަނި ނުނަގާން ވީއެވެ. މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ގުޅައިލާ ތިލަމާލެ ފާލަންމަގު ފަދަ، މި ދަނޑިވަޅަށް ޒަރޫރަތެއް ނެތް މަޝްރޫޢުތައް ހިންގުން ހުއްޓައިލާންވީއެވެ.
5. ރާއްޖެއަށް ޑޮލަރުގެ ކާރިސާއެއް ކުރިމަތިވާ އެންމެ މައިގަނޑު އެއް ސަބަބަކީ، ޤައުމުގައި ބޭނުންކުރާ މުދަލާއި ޚިދުމަތްތަކުގެ ބޮޑު ބައެއް ރާއްޖެއިން ބޭރުން އިންޕޯޓުކުރާން ޖެހުމެވެ. އަޅުގަނޑުމެން ކާބޯތަކެއްޗާއި، ބޭހާއި ތެލާއި، ޢިމާރާތްކުރުމަށް ބޭނުން ކުރާ ތަކެއްޗާއި، މެޝިނަރީއާއި، އެއްގަމު އުޅަނދާއި، މިހެން ގޮސް އެތައްއެތައް ބާވަތެއްގެ އެއްޗެއްސެއް ރާއްޖެއިން ބޭރުން އިންޕޯޓުކުރަނީއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޤައުމީ ޖީޑީޕީގެ ގާތްގަނޑަކަށް 44 އިންސައްތަ ބޭނުންކުރެވެނީ މި ދެންނެވި ބާވަތުގެ ތަކެތި އިންޕޯޓުކުރުމަށެވެ. ޤައުމަށް ލިބޭ ޑޮލަރުގެ ބޮޑު ބައެއް ހޭދަ ކުރެވެނީ މި ގޮތުން އިންޕޯޓުކުރާ ތަކެއްޗަށެވެ.
ހަމައެކަނި މުދަލެއް ނޫނެވެ. ޚިދުމަތްތައް އިންޕޯޓުކުރުމަށް ވެސް އަޅުގަނޑުމެން މި ގެންދަނީ ކޮންމެ އަހަރަކަށް ބޮޑު ޢަދަދެއް ހޭދަކުރަމުންނެވެ. މިސާލަކަށް، 2024ވަނަ އަހަރު "ޕްރޮފެޝަނަލް އެންޑް މެނޭޖްމަންޓް ކޮންސަލްޓަންސީ ސަރވިސަސް" އިންޕޯޓުކުރުމަށް 460 މިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެއް ހޭދަކުރެވުނުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިކޯޑުތައް ބުނެއެވެ. މީގެ ތެރޭގައި، އެކައުންޓިންގ، އޮޑިޓް، އަދި މުދައްރިސުންގެ ޚިދުމަތް އިންޕޯޓުކުރުން ހިމެނެއެވެ.
ރަނގަޅެވެ! އަޅުގަނޑުމެންނަކަށް މުދަލާއި ޚިދުމަތް – ޚާއްޞަކޮށް ތެލާއި ޢިމާރާތް ކުރާ ސާމާނާއި ބޭސް ފަދަ މުދާ – އިންޕޯޓުނުކޮށެއް ފަރަކުނުޖެހޭނެއެވެ. ޤައުމަށް ބޭނުންވާ ހުރިހައި ތަކެއްޗެއް ޤައުމުގައެއް ނުއުފެއްދޭނެއެވެ. އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރެވޭ ކަމެއް ނޫނޭ ދެންނެވުން، މުޅިއަކުން ދޮގަކަށެއްނުވާނެއެވެ. ނަމަވެސް ޝައްކެއް ނެތް ގޮތުގައި، އަޅުގަނޑުމެންނަށް އިންޕޯޓު ޚަރަދު ކުޑަ ކުރެވޭނެއެވެ. ޤައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްގެންނެވެ. ޤައުމުގައި ސިނާއަތްތައް ކުރިއަރުވައިގެންނެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ އެތައް ހާސް ބަޔަކު އެ ތިބީ މަސައްކަތެއްނުކޮށް، ބޭޗާރީންގެ ދިރިއުޅުމުގައެވެ. ރޭގަނޑު ހެއިލައި ކޮފީ ބުއިމާއި ނެޓްފްލިކްސް ބެލުމާއި ވީޑިއޯ ގޭމު ކުޅުމުގައި ރޭދަން ޚަރާބުކޮށްފައި، ދުވާލު ނިދުމުގައެވެ. ނުވަތަ ފަތާއި ހަކުރާއި ތެލާއި ބަނގުރާ ބޮއިގެން މޮޔަވެފައެވެ. ތަޢުލީމީ ނިޒާމަކުން މަސައްކަތްތެރީންނެއް ނުއުފެއްދެއެވެ. މަސައްކަތެއްކުރާން ތިބި މީހުންގެ ތެރެއިން އެތައް ހާސް ބަޔަކު ތިބީ، ރައީސުލްޖުމްހޫރިއްޔާއަށް [އެހީ ވާން] ސިޔާސީ މުއައްޒަފުންގެ ގޮތުގައި ނަގައި، ނުކުރާ މަސައްކަތަށް މުސާރަ ދީފައި ބޭކާރަށް ބައިތިއްބައިފައެވެ. މި ޒާތުގެ ކަންކަމުން ޤައުމަށް ލިބޭ ގެއްލުންތަކާ މެދު، އަޅުގަނޑުމެން އެންމެން ވެސް އިޚުލާޞްތެރި ހިތްތަކަކާއި ސިކުނޑިތަކަކުން ވިސްނައި ފިކުރުކުރާންވީއެވެ. މި މައްސަލަތައް ޙައްލުކުރާންވީއެވެ. ޤާބިލު މަސައްކަތްތެރީން އުފައްދައި، ސިނާޢަތުތައް ކޮޅަށްނަގާންވީއެވެ. ކާނާ ވެސް، ބޭސް ވެސް، އެހެން ތަކެތި ވެސް ޤައުމުގައި އުފެއްދޭން އޮތް އެންމެ މަތީ މިންވަރެއްގައި އުފެއްދޭތޯ ބަލާންވީއެވެ. ޑޮކްޓަރުން، ޓީޗަރުން، އެކައުންޓެންޓުން ފަދަ ޕްރޮފެޝަންތަކުން އިންޕޯޓު ހުއްޓައި، ޚިދުމަތުގެ ދާއިރާތަކުގައި އަމިއްލަ ފުދުންތެރިކަން ހޯދާންވީއެވެ. ރާއްޖޭގެ ކުންފުނިތަކުން، ރާއްޖެއިން ގަނެވޭ މުދަލާއި ޚިދުމަތް ބޭރުން ގަތުމަށް ހުރަސްއަޅައި، ދަތިކޮށް، އެ ކަން މުޅީން ހުއްޓުވާން، ނުވަތަ ވީހައި މަދުކުރާންވީއެވެ. މި ފިޔަވަޅުތައް އެކަށޭނަ ގޮތެއްގައި އެޅިއްޖެއްޔާ، އިންޕޯޓު ޚަރަދު ކުޑަވެ، އިންޕޯޓުގެ ދޮރުން ޤައުމަށް ލިބޭ ޑޮލަރުގެ އާމުދަނީ ބޭރުވުން ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ.
6. ދިވެހިރާއްޖޭގައި ޑޮލަރުގެ މައްސަލަ މި ގޮތަށް އަދި މި ދަރަޖަޔަށް ދިމާވުމުގެ މައިގަނޑު އަނެއް ސަބަބަކީ، ރާއްޖޭގެ އެތެރޭގެ އިގުތިސާދު [ޑޮލަރައިޒް]ކޮށްފައި އޮތުމެވެ. މާނައަކީ، ރާއްޖޭގައި ލީގަލް ޓެންޑަރއެއް ފަދައިން، އެތެރޭގެ މުޢާމަލާތުތަކުގައި ފައިސާގެ ގޮތުގައި ޑޮލަރު ބޭނުންކުރުމެވެ. ރާއްޖޭގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ޑޮލަރުން ނަގައެވެ. ރިސޯޓުތަކުން ފެށިގެން ގޮސް ސަރުކާރުގެ ބައެއް އިދާރާތަކާ ހަމަޔަށް، އެތައް ހާސް މުއައްޒަފުންނަކަށް، ޑޮލަރުން މުސާރަ ދެއެވެ. އެތެރޭގެ ވިޔަފާރީގެ އެތައް މުޢާމަލާތެއްގައި ޤައުމީ ފައިސާ ފަދައިން ޑޮލަރު ބޭނުންކުރެވެއެވެ. މި ގޮތުން ޑޮލަރު ބޭނުންކުރެވޭ ދާއިރާއާއި މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވެސް ވަމުންނެވެ. މި ކަންކަން މިހެން މި ހިނގަނީ، ވަކި އިސްތިސްނާ ޙާލަތުތަކެއްގައި މެނުވީ ރާއްޖޭގައި [މީޑިއަމް އޮފް އެކްސްޗޭންޖް]އެއްގެ ގޮތުގައި ޑޮލަރު ބޭނުންކުރުން ޤާނޫނުން މަނާ ކޮށްފައި ވެސް ވަނިކޮށެވެ. ވީމާ، މި ކަން މި ގޮތަށް ކުރެވެމުން ދަނީ ޤާނޫނު ވެސް މުގުރައިލައިގެންނެވެ.
މިހެން ވުމުން، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑު ބޮޑުވެއެވެ. ދިވެހި ރުފިޔާގެ ޑިމާންޑު ދަށްވެއެވެ. ދެން ނުކުންނާނޭ ޒަރޫރީ އަދި ސާފު ނަތީޖާއަކީ، ދިވެހި ރުފިޔާ ބަލިކަށިވުމެވެ. ދިވެހި ރުފިޔާގެ އަގުވެއްޓުމެވެ. އެޔާއެކު، ރާއްޖޭގައި ލާދަ ނުވަތަ އިންފްލޭޝަން މަތިވުމެވެ. ޑޮލަރުގެ އަގު ބޮޑުވުމެވެ. މި ކަންކަމާ އެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކުން، މުއްސަނދިކަން ރައްކާކުރުމުގެ (Store of Wealth) ވަސީލަތެއްގެ ގޮތުގައި ވެސް ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ބޭނުންކުރާނެއެވެ. އެތައް ބަޔަކު ޑޮލަރު ހޯދައިގެން، ބޭންކުގައި ޑޮލަރު އެކައުންޓު ހުޅުވައިގެން އެ އެކައުންޓުގައި ނުވަތަ ގޭގެ ތިޖޫރީގައި ޑޮލަރު [ބައް]ކޮށްގެންނާއި އިކްތިނާޒު (hoard) ކޮށްގެން އުޅުން އާންމުވާނެއެވެ. އޭގެ ސަބަބުން، ޑޮލަރުގެ އަގު ބޮޑުވުމާއި ރުފިޔާގެ އަގުވެއްޓުމުގެ މައްސަލަ އިތުރަށް ދާނީ ގޯސް ވަމުންނެވެ. އާދޭހެވެ! ގޯހުން ގޯހަށެވެ. ނުބައިން ނުބަޔަށެވެ.
މި ކަމުގެ ޙައްލަކީ ކޮބައިތޯއެވެ؟
(ނުނިމޭ)
ލަފުޒެއްގެ މާނަ
މާހަރާ ނއ. ސިއްރު ކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަ. taransparent