ad_banner
ކީރިތި ޤުރުއާނުން ފިލާވަޅެއް: އަނިޔާވެރި އުންމަތްތަކާއި އަދި އަނިޔާވެރި ފަރުދުންގެ ނިމުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1 ސެޕްޓެންބަރު 2026

އުންމަތްތައް އުފަންވެ، ކުރިއަރައި ބާރުގަދަވެދެއެވެ. އިރުއަރައި އިރުމެދުޖެހޭ ފަދައިންނެވެ. ދެން، އެއަށްފަހު، އެ އުންމަތްތަކުގެ ހަށިގަނޑަށް ބަލިކަށިކަން އައިސް، އެންމެ ފަހުން، އެ އުންމަތްތަކަށް ނިމުން އައިސް، ނެތިދެއެވެ. އިރު މެދުޖެހުމަށް ފަހު، ހުޅަނގާ ދިމާއަށް ދަތުރުކޮށް އޮއްސޭ ފަދައިންނެވެ. އުންމަތްތަކަށް ބާރުދީ، ދިރުންދިން އަޚުލާގީ ގިޔަމުތައް ގެއްލިދިޔުމުގެ ސަބަބުންނެވެ.

މި ފަދަ އުންމަތްތަކުގެ ވާހަކައާއި އެ އުންމަތްތަކުގެ ނިމުން އައި ގޮތާއި އެކަމުގެ ތަފުސީލީ ވާހަކަތައް، މުއައްރިޚުން، އެ ބޭކަލުންގެ ލިޔުއްވުންތަކުގައި ބަޔާންކުރެވިފައިވެއެވެ. މި ގޮތުން ލިޔެވުނު، އިހުގެ ބައެއް މުހިއްމު ލިޔުންތަކަށް ބަލައިލާ އިރު، އެންމެ އިހުގެ ލިޔުންތަކުގެ ތެރޭގައި، މީލާދީ ސަނަތުން ސާދަވަނަ ގަރުނުގައި، އިބްނު ޚަލްދޫނު، ލިޔުއްވި އޭނާގެ ތާރީޚުގެ މުގައްދިމާ ހިމެނެއެވެ. މީގެ އިތުރަށް، އިނގިރޭސި މުއައްރިޚު، ގިބަންސްގެ 'ރޫމީންގެ އެމްޕަޔާގެ ކުރިއެރުމާއި ވެއްޓުން'، މިފޮތް ވެސް، ހިމެނެއެވެ. މި ފޮތުގެ ފުރަތަމަ ޖިލްދު ޝާއިއުކުރެވުނީ 1776ގައެވެ. އަދި އޭގެ އެންމެ ފަހު ޖިލްދު ޝާއިއުކުރެވުނީ 1789ގައެވެ. މީގެ އިތުރަށް، 'އުންމަތްތަކުގެ ކުރިއެރުމާއި ވެއްޓުމުގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟'، މި ސުރުޚީގެ ދަށުގައި، ވޭތުވެ ދިޔަ ގަރުނުގެ ތެރޭގައި ހިމެނުނު މުހިންމު އިސްލާމީ އިސްލާހީ ލިޔުންތެރިއެއްކަމަށްވާ މައުދޫދީ، 1947ގައި އޭނާ ދެއްވި ތަގުރީރެއްގައި ވެސް، އުންމަތްތައް ވެއްޓި، ނެތިދާ ގޮތުގެ މައްޗަށް، ޚުލާސާ ގޮތެއްގައި ބައްލަވައިލައްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ، 1994ގައި، ޖިމް ނެލްސަން ބްލެކް، އޭނާގެ 'އުންމަތްތަކުގެ މަރު އަންނަ ހިނދު: ބޮޑު ނުރައްކަލެއްގެ ކުރިމަތީގައި ސަގާފަތެއްވާ ކަމުގެ ދިހަ އަލާމަތް'، މި ފޮތުގައި ވެސް މި މައުޟޫޢުގެ މައްޗަށް އަލި އަޅުވައިލައްވައިފައި ވެއެވެ.

އުންމަތްތައް ވެއްޓިދާ ގޮތުގެ މައްޗަށް ބަލައިލައިފައިވާ މި ހަތަރު ލިޔުމުގައި ވެސް، އިއްތިފާގުވެފައިވާ ކަމެއް ފާހަގަވެއެވެ. އުންމަތްތައް ނެތި ދަނީ، އެ އުންމަތުގެ އަޚުލާގީ ގިޔަމުތައް ނެތި ދިޔުމުން ކަމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، ލަފާކަމާއި ސާލިހުކަން، ހަމަހަމަކަމާއި އަދުލުވެރިކަން، މި ފަދަ އަޚުލާގީ މާތް ސިފަތައް ނެތުމުންނެވެ.

މަތީގައި ދެންނެވުނު ލިޔުންތަކުގެ ތެރެއިން އެންމެ އިހުގެ ލިޔުންކަމުގައިވާ އިބްނު ޚަލްދޫނު، އޭނާގެ މުގައްދިމާގައި، އުންމަތްތަކާއި ޙަޟާރާތްތައް ވެއްޓި ނެތިދިޔުމުގެ ސަބަބުތައް ބަޔާންކޮށްދެއްވަމުން ލިޔުއްވައިފައި ވެއެވެ. އެ ކަން މެދުވެރިވަނީ، އެ އުންމަތްތައް ކުރިއަރައި، އެ އުންމަތްތަކަށް މަތިވެރިކަން ގެނެސް، އެ އުންމަތްތަކުގެ އިއްޒަތާއި ގަދަރު އުފުލެން މެދުވެރިކުރުވި މަތިވެރި ސިފަތައް ނެތިދިޔުމުންނެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އުންމަތްތައް ކުރިއަރައިދާން މެދުވެރިވާ މުހިންމު ސިފަތަކުގެ ތެރޭގައި ހަރުދަނާ އަދުލު އިންސާފުގެ ނިޒާމެއް އޮތުމާއި ގާނޫތުތަކާއި ގަވާއިދުތައް ހިންގައިލުން ހިމެނެއެވެ. ވިޔަފާރިކުރުމާއި ސިނާއަތުގެ ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރީން ބައިވެރިނުވުމެވެ. ފަސާދައަށް މަގުފައިވެ ނުދިޔުމަށް ޓަކައެވެ. ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، ފަސޭހައިން ކަންކަން ކުރެވިދިޔުމުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ދައުލަތަށް ދައްކާން ޖެހޭ ވާރުތައް ކުޑަކޮށް ނެގޭ އިގުތިސާދީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. މީގެ އިތުރަށް، އިބްދާޢީ ތައުލީމީ ނިޒާމެއް ވެސް އޮތުމެވެ. މީގެ މާނައަކީ އާ ހޯދުންތަކާއި އީޖާދުތަކަށް މަގުފަހިކޮށްދޭނޭ ފިކުރީ ޚިޔާލުތައް އުފެއްދުމުގެ ކުޅަދާނަކަށް ކިޔަވާ ކުދީންގެ ސިކުނޑިތަކަށް ލިބިދޭ ފަދަ ތައުލީމީ ނިޒާމެއް އޮތުމެވެ. އިބްނު ޚަލްދޫނު ބަޔާންކުރައްވާ ގޮތުގައި، އުންމަތްތަކާއި ޙަޟާރަތްތައް ވެއްޓި ނެތި ދަނީ މި ދެންނެވި ކަންކަމާއި ސިފަތައް ނެތި ދިޔުމުންނެވެ. އަދި، މިއާ ވިދިގެން އުންމަތްތަކުގެ މީހުން [އެމީހުންގެ ކިބައިގައިވާ ހައިވާނީ ސިފަތައް ކުރިއަށް ނެރެ، ހައިވާނުން އުޅޭ ގޮތަށް އުޅޭން ފެށުމުންނެވެ.] އެ މީހުން އިންސާނުންކަމުގައ ހަދައިލި މާތް އަޚުލާގީ ސިފަތަކާއި ހަމަތައް ނެތުމުންނެވެ. އަރަބި ޅެންވެރިކަމުގެ މި ޒަމާނުގެ ދުނިޔޭގައި ޅެންވެރީންގެ އަމީރުގެ ލަގަބު ދެވިފައިވާ ޅެންވެރިޔާ، އަހްމަދު ޝައުގީ އޭނާގެ ޅެން ބައިތެއްގައި ޚުލާސާކޮށްލައިފައިވާ ފަދައިންނެވެ.

والصدق أرفع ما اهتز الرجال له * وخير ما عود ابنا في الحياة أب

(ވާރޭވެހުމުގެ ސަބަބުން، މަރުވެފައިވާ ބިމެއް، ގުޑުވައިލެވި، އެ ބިމަށް ދިރުން އަންނަ ފަދައިން) އިންސާނުންނަށް ދިރުން ގެނެސް (ހެޔޮ ގޮތުގައި) ހަރަކާތްތެރިކުރުވުމަށް ބާރުއަޅުވާ އެންމެ މަތިވެރި އެއްޗަކީ ތެދުވެރިކަމެވެ. އަދި އެ ސިފައަކީ އެ ސިފައިގެ މަތީގައި، ބަފަޔަކު، ދަރިޔެއް ހާނުވާއި ބޮޑުކުރާނޭ ހެޔޮކަން އެންމެ ބޮޑު ސިފައެވެ.

وإنما الأمم الأخلاق ما بقيت * فإن همُ ذهبت أخلاقهم ذهبوا

އެހެނީ، ހަމަ ކަށަވަރުން ވެސް، އުންމަތްތައް ބިނާވެގެންވަނީ (މާތް) އަޚުލާގީ ސިފަތަކުގެ މައްޗަށެވެ. އަދި އުންމަތްތައް ދެމި ހުންނަނީ ވެސް އެ ފަދަ ސިފަތައް އެ އުންމަތެއްގެ މީހުންގެ ކިބައިގައި ހުރިހާ ހިނދަކުއެވެ. އެ އުންމަތްތަކުގެ މީހުންގެ ކިބައިން، އެ މީހުންގެ އަޚުލާގީ މާތް ސިފަތައް ނެތި ހިނގައްޖެ ނަމަ، އެ މީހުން ވެސް ނެތި ހިނގައިދެއެވެ.

ކީރިތި ޤުރުއާނުގައިވެސް އުންމަތްތަކުގެ ވާހަކައާއި އުންމަތްތައް ނެތިދިޔަ ވާހަކަތައް ވެސް އައިސްފައިވެއެވެ. ޘަމޫދު ބާގައިގެ މީހުންނާއި ޢާދު ބާގައިގެ މީހުންގެ ވާހަކައެވެ. ލޫތުގެފާނުންގެ ގައުމުގެ މީހުންގެ ވާހަކައެވެ. ފިރުއައުނާއި ގިބްތީންގެ ވާހަކައެވެ. މި އެންމެން ވެސް ނެތިދިޔުމުގެ ސަބަބަކަށްވީ މަތީގައި ބަޔާންކުރެވިދިޔަ އިލާހީ ގާނޫނެވެ. އެ މީހުންނަށް ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި އޮޅި، އެ މީހުންގެ މުޖުތަމައުތަކުން އަޚުލާގީ މާތް ސިފަތައް ނެތި ދިޔުމެވެ. އެ މީހުންގެ ތެރޭގައި، އަދުލު އިންސާފުގެ ކަންތައް ހަމަހަމަ ގޮތެއްގައި ހިންގައިނުލެވުމެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ހަދީސްފުޅެއްގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. 'ބޮޑު' ބޭކަލަކު ކުށަކަށް އަރައި ގަތުމުން، އޭނާގެ މައްޗަށް ގާނޫނުތައް ނުހިންގެއެވެ. ނަމަވެސް އާދައިގެ މީހަކު ހަމަ އެ ކުށް ކޮށްފި ނަމަ، އޭނާގެ މައްޗަށް ގާނޫނުތައް ހިންގައިލެވެއެވެ.

ދެންމެ މި އިޝާރަތްކޮށްލި، ކުރިއަރައި ބާރުގަދަވި އުންމަތްތައް ނެތިދަނީ ކިހިނެއްކަން ވެސް، ކީރިތި ގުރުއާނުގައި ވެސް ބަޔާންކުރެވިފައި ވެއެވެ. މި ފަދަ ބަޔާންކުރުމެއް އަލްއަންޢާމު ސޫރަތުގެ 42ވަނަ އާޔަތުން ފެށިގެން 45 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައި ވެއެވެ. މަތީގައި ދެންނެވި ދިޔަ، އަޚުލާގީ އިންތައް ހުރަސްކޮށް، އެ އިންތައް ފަހަނައަޅައި ދިޔުމުން، އެކިއެކި ގޮތްގޮތުން، އެ ކަން އުންމަތްތަކަށް ހަނދާންކޮށްދެވެއެވެ. މި ހަނދާންކޮށް ދިނުމުން، އިބުރަތްލިބި ނުގަތުމުން، ދެން، އެ މީހުން ނެތިކުރައްވައި، އެ މީހުންގެ ނިމުން ގެންނަވައެވެ. މި އާޔަތްކޮޅުގެ މައްޗަށް ބަލައިލާނަމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުހައްމަދުގެފާނުގެ އުންމަތުގެ) ކުރިން ވެސް، އުންމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމެވެ.

فأخذناهم بالبأساء والضراء لعلهم يتضرعون [އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސްނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެ ކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް އުނދަގޫތައް ކުރިމަތިވުން) އެ އުންމަތްތަކާއި ކުރިމަތިކުރެއްވީމެވެ. އެއީ އެ އުންމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެ މީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ. ]

މި އާޔަތް އިތުރަށް ފަހުމުގެ ވިސްނި ދިޔުމަށް ޓަކައި އެއްޗެއް އިތުރުކޮށްލާން ޖެހެއެވެ. އިންސާނާގެ ހުރިހައި ކަމެއް ފުރިހަމަ ވެފައި އޮތުމުން - ފުރިހަމަ ސިއްހަތަކާއި ދުނިޔަވީ އުފާތައް ހާސިލުކުރުމުގެ ވަސީލަތްކަމުގައިވާ މުދަލާއި ފައިސާ ލިބިފައި އޮތުން - އިންސާނާގެ ހިތް ހަރުވެ، އެއްވެސް އެހެން ކަމަކަށް ނުބަލައި، އޭނާ ބޭނުން ގޮތަކަށް އުޅޭން ފެށެއެވެ. ކީރިތި ގުރުއާނުގެ އެހެން އާޔަތެއްގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. إن الإنسان ليطغى أن رآه استغنى – [އިންސާނާ ބޮޑާވެ، ހައްދުފަހަނައަޅައި ގޮސް (ހިތުހުރި ގޮތަކަށް ކަންތައްތައް ކުރެއެވެ.) އޭނާއަކީ ފުދިފައިވާ މީހެއްކަމުގައި އޭނާއަށް އޭނަ ފެނުމުންނެވެ.] ދެން، އަންޢާމު ސޫރަތުގެ އާޔަތްކޮޅާއިގެން ކުރިއަށް ދާނަމެވެ.

فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެމީހުންނާ ކުރިމަތިވި ހިނދު، އެބައިމީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެމީހުން އެޅި)ދިޔަ ނަމައެވެ!

ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންގެ ކަންތައްތައް ހުރީ މިއާ ދިމާ އިދިކޮޅަށެވެ!) އެ މީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެމީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެ މީހުންގެ ކިބައިން ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިތްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެ މީހުން ކުރަމުން ގެންދިޔަ ކަންތައްތަކަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެމީހުންނަށް ދެއްކިއެވެ.

فلما نسوا ما ذكروا به فتحنا عليهم أبواب كل شيء [ދެން، އެ މީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެ މީހުން ހަނދާން ނައްތައިލައި (އެ ކަމުން އިބުރަތް ލިބި ނުގަތުމުން، އެ މީހުން އެދޭ) ހުރިހާ ކަމެއްގެ ދޮރުތައް އެ މީހުންގެ މައްޗަށް ހުޅުވައިލެވި (އެ މީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެ މީހުންގެ އެދުންތައް ހާސިލުވިއެވެ.)]

حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون އަދި މި ކަމާ މެދު (އެބަހީ: އެމީހުންނަށް ލިބުނު މި ދެންނެވި ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާފާޅުކުރުމުގައި ވަނިކޮށް، (އެ މީހުން ނުވެސް ދެނެ ތިއްބައި،) ހަމަ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެ މީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެބަހީ، އެ މީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެ މީހުންގެ ނިމުން ގެންނެވީމުއެވެ.) އެ ހިނދު، އޮޅުންއަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެ މީހުން (މުޅިން މާޔޫސް)ވިއެވެ.

فقطع دابر القوم الذين ظلموا ދެން، މި ފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެބަހީ، ހަމަ އެކަކު ވެސް ބާކީނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ.

والحمد لله رب العالمين [އަދި (މި ކަން މި ގޮތަށް ނިމިދިޔުމުގެ) ހުރިހާ ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ އާލަމްތުގެވެރި މާތް ރަސްކަލާނގެއެވެ.]

އާދޭހެވެ! ހެޔޮ މަގުން ފައިކައްސައިލި ހިނދު، އެ މީހުންނަށް ހަނދާންކޮށްދީ، ހެޔޮ މަގަށް އައުމަށް ގޮވައިލެވުމުން ވެސް، ބީރު ކަންފަތެއް ދެވުމުން އެ މީހުން ނިމިދިޔައީއެވެ. ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ ފަރުދީ އަދި އިޖުތިމާއީ އަގުތައް އޮތީ ގެއްލިފައެވެ. ނޫނީ ދަނީ ގެއްލެމުންނެވެ. ޒާތީ ތައައްސުބީ ސިޔާސީ ޕާޓީތަކުގެ އަވައިގައި ޖެހިގެންނެވެ. އެ ކަމުގެ ސަބަބުން، އެތައް ބައެއްގެ ލޯތައް ކަނުވެ، ކަންފަތްތައް ބީރުވެ، ހިތްތައް އަނދިރިވެ، މަރުވެއްޖެ ކަހަލައެވެ. މި ފެންނަ ޕާޓީގެ ނިޒާމަކީ ތަން ފުނޑުފުނޑުކޮށްލައި، ތަނުގެ މިނިވަންކަން ނަގައިލައި މުޅި ތަނަށް ބޭރު ބައެއް ވެރިވެގަތުމުގެ މަގު ފަހިކޮށްދެމުންދާ ކަމުގެ ހެކިތައް މެންދުރުގެ އިރު ފެންނަން އޮތް ފަދައިން ފެންނަން އޮތް އިރު ވެސް އެ ކަން އެނގޭކަމަކަށް ނުވެއެވެ. ތަނުގައި ކާއެއްޗެހި ގަތުމުގެ އެކަށޭނަކަން ނެތެމުން ދަނީއެވެ. އެ ކަން ކުރާންޖެހިފައި އޮތީ ދަރަންޏަށެވެ. ތަނުގެ މުގައްދަސު އެއްވެސް އެއްޗެއް ނެތް ކަހަލައެވެ. ފާޅުގައި ތަނުގެ މުގައްދަސު އެއްޗިއްސާއި ތަންތަނުގެ ހުރުމަތް ނަގައިލެވެނީއެވެ. ދީނާއި މިސްކިތްތަކުގެ ހުރުމަތް ކަނޑައިލެވެނީއެވެ. ރިޝްވަތާއި ފަސާދަވަނީ އާންމުވެ، ހުރިހައި ތަނެއްގައި ހެން އަށަގަނެފައެވެ. މަސްތުވާތަކެތީގެ ވަބާގައި އެތައް ބައެއްވަނީ ޖެހިފައެވެ. އެ ކަމުގެ ވިޔަފާރި ވެސް ދަނީ ކުރިއަށެވެ. އެ ފަދަ ކަންކަން ހުއްޓުވުމުގެ އެއްވެސް އެދުމެއް ކަމާ ބެހޭ އިދާރާތްތަކުގައި ނެތް ކަހަލައެވެ. އަޚުލާގީ ހުރިހާ ނުބައި ކަމެއް އާންމުވެ، އެއްވެސް ޖެހިލުމެއް ނެތި، ފާޅުގައި ކުރެވެމުން ދަނީއެވެ. މި ހުރިހައި ކަމެއް ހިނގަމުންދާ އިރު، ގާނޫނު ނިދައިފައި އޮތް ކަހަލައެވެ. މަތީގައިން ދެންނެވުނު ފޮތްތަކުގައި (އުންމަތްތައް ހަލާކުވެ ނެތިދަނީ ކިހިނެއްކަން ބަޔާންކުރެވި ދިޔަ ފޮތްތަކުގައި) ލިޔެވި ބަޔާންކުރެވިފައި އޮތް ގޮތުގެ މަތީން، ކަންތައްތައް ވަމުން ދަނީއެވެ. އަދި، ދެންމެ ބަޔާން ކުރެވި ދިޔަ އާޔަތްކޮޅުގައި އޮތް ފަދައިން، އެންމެންނަށް ފެންނަ ގޮތެއްގައި އެންމެންގެ ކުރި މައްޗަށް އެ ކަންތައްތައް ވަނީ ނެރެވި، ހަނދާންކޮށްދެވިފައެވެ. އަޅުގަނޑުމެންގެ ޖަމާއީ ހަޔާތުގެ ލަގަން އެ ބަޔެއްގެ އަތްމަތީ އޮތް މީހުންނަށް އިސްލާހުގެ މަގުގައި އެއްވެސް ހަރުދަނާ ކަމެއް ނުކުރެވޭކަން ބުނެދެވިފައެވެ.

މި ކަމުން އިބުރަތް ލިބިގަނެ، ހެޔޮ ފިޔަވަޅެއް އެޅުމުގެ ވަގުތު ޖެހިއްޖެއެވެ. ކުރިއަށް އޮތީ އެ ދުވަސްތަކެވެ. ވޯޓުގެ ދުވަސް ތަކެވެ. ޒާތީ ޕާޓީ ތައައްސުބުން ދުރުވެ، ހެޔޮ ބަޔެއްގެ އަތް މައްޗަށް ގައުމުގެ ލަގަން އަލުން ހަވާލުކުރާން ޖެހޭ ދުވަހެވެ. ރަނގަޅު ގޮތުގައި އެ ކަން ނުކުރެވިއްޖެ ނަމަ، މަތީގައި ބަޔާންކުރެވިދިޔަ އާޔަތް ކޮޅުގައި ހަނދާންކޮށްދެވިފައިވާ ފަދައިން، އެ ކަމުގެ ހިތި ނަތީޖާއާއި ބޮޑު ގެއްލުމާ އެންމެން ވެސް ކުރިމަތިލާން ޖެހޭނެއެވެ.

ކޮމެންޓު