އޒ. އިބްރާހީމް ރަޝީދު މޫސާ
31 އޯގަސްޓް 2026
ޢިލްމާއި އުނގަންނައިދިނުމަކީ އުންމަތްތަކުގެ ތަރައްޤީއާއި ޙަޟާރަތުގައި ވަރަށް މުހިންމު ދައުރެއް ކުޅެފައިވާ އަދިކުޅެމުންދާ ދެ އުންސުރެވެ. ޖާހިލުކަމުން މުޖުތަމަޢު ޙިމާޔަތްކުރެވޭނީ މި ދެ އުންޞުރުންނެވެ. އަޚްލާޤާއި ފިކުރީ ގަނޑުބަނޑުތަކުން ސަލާމަތްވެވޭނީ މި ދެ ވަސީލަތުންނެވެ.
ކުރިއަރައިފައިވާ ގައުމުތަކުން ޢިލްމަށާއި އުނގަންނައިދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރެއެވެ. ޢިލްމީ ދިރާސާތަކަށާއި ޢިލްމުވެރީންނަށް ޓަކައި ބަޖެޓުގައި ބޮޑު އަދަދެއް ހިމަނައެވެ.
ކީރިތި ޤުރުއާނަކީ އުނގެނުމަށް ގޮވައިލާ ﷲގެ ބަސްފުޅެވެ. މި ޤުރުއާނުގެ އަލީގައި މި ތަރުބަވީ ކޮށާރުގެ މުއްސަނދިކަމުގެ ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ތަޢުލީމުދިނުމުގެ މަސައްކަތްތައް މުރާޖާ ކުރެވިދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ[1] - اللَّه، އެކަލާނގެ ރުއްސަވާ މަގަށް تبع ވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ إذن ފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ.) ކީރިތި ޤުރުއާނަކީ އެއަށް ހިނދުމެއްނުވާ ޢިލްމީ ފެން އާރެކެވެ. އެއީ މުސްލިމުންނަށް ލިބިގެންވާ ޙިކްމަތުގެ އަސާސީ މަރުޖައެވެ.
ޢިލްމާއި އުނގަންނައިދިނުމުގެ ފަލްސަފާއަށް އަލިއަޅުވައިދޭ ޤުރުއާނުގެ ލާމަސީލު ނަމޫނާތަކުގެ ތެރޭގައި މޫސާގެފާނާއި ޚިޟުރުގެފާނުގެ ވާހަކަ ވެއެވެ. އަލްކަހްފު ސޫރަތުގައި އައިސްފައިވާ މި ވާހަކައަކީ ލާމަސީލު ތަރުބަވީ ނަމޫނާއެއް ހާމަކޮށްދޭ ފިލާވަޅެކެވެ. މި ފިލާވަޅުގައި ﷲގެ ނަބިއްޔާ މޫސާގެފާނު ވެވަޑައިގެންފައިވަނީ އެކަލޭގެފާނަށް އިރުޝާދުދެއްވާނޭ އެދުރުބޭކަލަކު ހޯއްދަވާން އުޅުއްވި ދަރިވަރަކަށެވެ. ޞަޙީހުލްބުޚާރީގައި އައިސްފައިވާ ގޮތުގައި ބަނީއިސްރާއީލު ބާގައިގެ މީހުންނަށް ޚުޠުބާއެއްދެއްވާން މުސާގެފާނު ތެދުވެވަޑައިގަތުމުން މީހަކު ދެންނެވިއެވެ. މި ބިމުގައި ހުރި އެންމެ ބޮޑު ޢިލްމުވެރިއަކީ ކާކުތޯއެވެ؟ އެ ހިނދު މޫސާގެފާނު ވިދާޅުވިއެވެ. [އަހުރެންނެވެ.] މޫސާގެފާނު މާތްﷲ ތަޢާލާއަށް ޢިލްމު ނިސްބަތް ނުކުރެއްވުމުން އެކަލާނގެ މުސާގެފާނަށް ޢިތާބުގެ ބަސް ވަޙީކުރެއްވިއެވެ. މާތް ﷲ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. މަޖުމަޢުލްބަޙުރައިނި - ދެ ކަނޑު ބައްދަލުވާ ހިސާބު - ގައި ކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭކަލަކު ވެއެވެ. އެ ހިނދު މޫސާގެފާނު އެކަލޭގެފާނުގެ އަރިހުން ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި އެ ބޭކަލަކާ ބައްދަލުކުރެއްވޭނެ މަގު ތަނަވަސްކޮށް ދެއްވުމަށް އެދިވަޑައިގަތެވެ.
މޫސާގެފާނާއި އުނގެނުމުގެ ފަލްސަފާ
މޫސާގެފާނު ނަބީބޭކަލަކަށް އަދި ރަސޫލުބޭކަލަކަށް ވާތީ މާތް ﷲ އެކަލޭގެފާނަށް ޢިލްމު އުނގަންނައިދެއްވިއެވެ. އެހެނަސް އެކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭކަލަކު މި ބިންމަތިގައި ހުންނެވީތީ އެކަލޭގެފާނު އަރިހަށް ވަޑައިގެން އިތުރަށް ޢިލްމު ހޯއްދަވާން ބޭނުންފުޅުވީއެވެ.
މި ވާހަކަ ޤުރުއާނުގައި މި ސޫރަތުގައި އައިސްފައިވަނީ އިބުލީހުގެ ވާހަކައަށް ފަހުގައެވެ. އެކަލޭގެ ވަނީ އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ﷲއަށް އުރެދި ކާފިރުވެފައެވެ. މާތް ﷲ އިބުލީހަށް އާދަމުގެފާނަށް އަދަބު އަދާކުރުމުގެ ގޮތުން ސަޖިދަކުރާން އެންގެވުމުން [އަހުރެން އެކަލޭގެފާނަށްވުރެ މާ މާތޭ] ކިޔައިފައި އިބުލީސް ބޮޑާވެގަތީއެވެ. އެހެނަސް މޫސާގެފާނު ﷲއަށް ތަވާޟުޢުވެރިވެވަޑައިގެން އެކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭކަލަކު ވާކަން ޤަބޫލުފުޅުކުރެއްވިއެވެ. މާތް ﷲ މި ދެ ވާހަކައިން ތަފާތު ދެ މިސާލު މި ވަނީ ޖައްސަވައިފައެވެ. މުއުމިނުންނާއި ކާފިރުންގެ ތަފާތު މި ވަނީ ބަޔާންކޮށްދެއްވައިފައެވެ.
މޫސާގެފާނާއި ޚިޟުރުގެފާނުގެ ވާހަކައިގައި އަޅުގަނޑުމެންނަށް ފެންނަނީ މުދައްރިސަށް ޤަދަރުކުރާ މުދައްރިސަށް އިޙުތިރާމުކުރާ ދަރިވަރެކެވެ. މިއީ ޢިލްމު އުނގެނޭ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭނެ މަތިވެރި ޚުލުޤެކެވެ. މި ވާހަކައިން އެނގޭގޮތުގައި ދަރިވަރުގެ ކިބައިގައި މި އަންނަ ސިފަތައް ހުންނަންޖެހޭނެއެވެ.
1- ތަވާޟުޢުވެރިކަން (ހިތްތިރިކަން): މާތް ﷲ ވަޙީކުރެއްވިއެވެ. ((قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا -[2] އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علمން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبعވަންތޯއެވެ؟)) މޫސާގެފާނު ޚިޟުރުގެފާނުގެ އަރިހަށް ވަޑައިގަތުމަށް ރަށުން ނުކުމެވަޑައިގަތުމަކީ ވެސް އެކަލޭގެފާނުގެ ތަވާޟުޢުވެރިކަމެވެ. ޚިޟުރުގެފާނާ ބައްދަލުވަޑައިގަތުމުން މި ވިދާޅުވި ބަސްފުޅުން އެކަލޭގެފާނުގެ ޢަމަލީ ތަވާޟުޢުވެރިކަން ހާމަވިއެވެ. ޚިޟުރުގެފާނާ ބައްދަލުވެވަޑައިގަތުމުން ވިދާޅުވި ބަސްފުޅުން މުދައްރިސާއި ދާރިސާއި ދަރިވަރާ ދެމެދުގައި އޮންނާންޖެހޭ ގުޅުން ފާޅުވެގެން ހިނގައްޖެއެވެ.
2- ހުސްވެގަތުން: މޫސާގެފާނު ވިދާޅުވިއެވެ. ((لا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا [3] -ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.)) މޫސާގެފާނު އެކަލޭގެފާނަށް ވުރެ ޢިލްމުވެރި ޞާލިޙު އަޅާއާ ބައްދަލުކުރެއްވުމަށްޓަކައި ހުރިހާ ވަގުތެއް ހުސްކުރެއްވިއެވެ. މޫސާގެފާނު ދަތުރުފުޅު ފެށްޓެވީ ދަތުރުގެ ދުރުމިނަށް އަދި އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ބުރަތަކާ މެދު ނުވިސްނަވައެވެ. ހުރިހާ ވަގުތެއް ހުސްކުރެއްވީ ތަޢުލީމަށް ޓަކައެވެ.
3- ކެތްތެރިކަން: މޫސާގެފާނު ވިދާޅުވިއެވެ.((سَتَجِدُنِي إِن شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا[4] -اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ. )) ދަރިވަރުގެ ކިބައިގައި ކެތްތެރިކަން ނެތްނަމަ ތަވާޟުޢުވެރިވެގެން ވަގުތު ހުސްކޮށްލައިގެން ޢިލްމު ޙާޞިލެއްނުކުރެވޭނެތެވެ. ޢިލްމު އުނގެނުމަކީ ނަފްސަށް ވަރަށް ބުރަކަމެކެވެ.މުދައްރިސުގެ އަރިހުގައި ވަގުތު ހޭދަކުރާން ޖެހޭނެއެވެ. ފިލާވަޅު ދަސްކުރުމުގައި ކެތްތެރިވާން ޖެހޭނެއެވެ. މިއަދުގެ ދަރިވަރުންގެ ކިބައިން މި ކެތްތެރިކަމެއް ނުފެނެތެވެ. އެމީހުން ބޭނުންވަނީ އަވަސް ނަތީޖާއެވެ.
4- ސުވާލުކުރުން: މޫސާގެފާނު ﷲގެ ޞާލިޙު އަޅާއާ ސުވާލުކުރައްވާ ވިދާޅުވިއެވެ. ((أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئًا إِمْرًا[5] – ކަލޭގެފާނު އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ أهل ވެރިން غرق ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ.)) ވިސްނުންތޫނު ދަރިވަރަކީ މުދައްރިސުގެ ކޮންމެ ޢަމަލަކާމެދު ވިސްނައި އެކަމާ ބެހޭގޮތުން ސުވާލުކުރާ ދަރިވަރެވެ. މޫސާގެފާނުގެ ވިސްނުންފުޅު ހުރީ ނާގިދުފިކްރުގެ ތެރޭގައެވެ. ހަމަބުއްދީގެ ދާއިރާ ތެރޭގައެވެ. މޫސާގެފާނު ޚިޟުރުގެފާނު އަރިހަށް ވަޑައިގަތީ ﷲގެ ވަޙީއާ އެއްގޮތަށެވެ. އެހެންކަމުން އެކަލޭގެފާނަށް ވުރެ ޚިޟުރުގެފާނުގެ ޢިލްމު މާ ބޮޑުވާނެ ކަން ޤަބޫލުކުރައްވައެވެ. އެހެނަސް އެކަލޭގެފާނަށް ނުރަނގަޅު ކަމެއް ކަމަށް ހީފުޅުވި ކަމެއް ފެނިވަޑައިގަތުމުން ޚިޟުރުގެފާނުގެ މި ޢަމަލާ ދެކޮޅުހެއްދެވުނީއެވެ.
5- ޢިލްމު އުނގެނުން ދާއިމީކަމަކަށް ހެދުން: ޢިލްމު އުނގެނުމަކީ ވަކި ޢުމުރަކަށް ޚާއްޞަ ކަމެއްނޫނެވެ.އަދި އެއީ ވަކި މުއްދަތަކަށް އޮތްކަމެއް ވެސް ނޫނެވެ.މޫސާގެފާނު އިތުރަށް ޢިލްމު ހޯއްދެވުމަށް ނުކުމެވަޑައިގަތީ ކޮން ޢުމުރުފުޅެއްގައި ކަމެއް ނޭނގުނަސް އެކަލޭގެފާނު އޭރު ވާނީ ޢުމުރުފުޅުން ދުވަސް ވެފައެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް މި ދައްކަވަނީ ނަމޫނާ މިސާލެކެވެ. އަބަދުވެސް ޢިލްމު އުނގެނުމަށް މަސައްކަތްކުރާންޖެހޭނެ ކަމެވެ. ހަރުބަހެއް ބުނާ ގޮތުގައި މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނޭން ވާނެއެވެ. އިސްލާމްދީނުގެ ބޮޑެތި ޢިލްމުވެރީންނަށް ޢިލްމު އުނގެނޭންވީ ކިހައި ދުވަހެއް ވާންދެންތޯ ސުވާލުކުރެވުމުން އެ ބޭކަލުންގެ ޖަވާބަކީ މަރުވާންދެނެވެ. މުސްކުޅިވުމަކީ އުނގެނުން ހުއްޓައިލާން ޖެހޭ ސަބަބެއްނޫނެވެ.
ޚިޟުރުގެފާނާއި އެނދުރުބޭގެ ތަރީގާ
އުނގެނުމުގެ މާދަލާގެ އަނެއް ފަޅިއަކީ އެދުރެވެ. ނުވަތަ މުރުޝިދެވެ. ތަޢުލީމީ މަސައްކަތް ކާމިޔާބު މަސައްކަތަކަށް ވާނީ އެދުރުންގެ ދައުރުންނެވެ. މި މާދަލާގެ އެންމެ ބާރުގަދަ ޢުންޞުރަކީ އޭނާކަމުގައިވާތީއެވެ. ދަރިވަރަށް ހުރިހާ ކަމެއްގައި މަގުދައްކައިދޭ ނަމޫނާ މީހަކަށް އޭނާ ވާންޖެހޭނެއެވެ. އޭނާގެ ޚުލުޤު ހެޔޮވާން ޖެހޭނެއެވެ. އޭނާގެ މަންހަޖު މޭވާ އަޅައިފައިވާ ގަހަކަށް ވާންޖެހޭނެއެވެ. އެދުރަކީ ހަމައެކަނި އަމާނާތްތެރިކަމާ އެކު މަޢުލޫމާތު ނަގުލުކޮށްދޭ މީހެއްނޫނެވެ. އެއީ އާދައިގެ މުވައްޒަފެއް ވެސް ނޫނެވެ. އެއީ އެނބުރޭ އާލަތެއްގެ ސޯބެއް ވެސް ނޫނެވެ.
(ނުނިމޭ)
ބައެއް ލަފުޒުގެ މާނަ:
ޙަޟާރަތު ނ. ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް. civilization
އާލަތް ނ. މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި. tool
އުންސުރު ނ. (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. element
މަންހަޖު ނ. އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް. curriculum
މުރުޝިދު ނ. (1) އިރުޝާދުދޭ މީހާ. (2) ކަންކުރުމުގެ ރީތި ރަނގަޅުގޮތް ދައްކާ މީހާ. mentor
މާދަލާ ނ. (1) ސައިންސީ އިލްމުތަކުގައި ނިޝާނަކުން ހާމަކުރާ ވިޔައިގެ ގުޅުންތައް ނުވަތަ ގަވާއިދު. (2) އެއްޗެއް އުފައްދާން ބޭނުންކުރާ ތަކެތީގެ މީޔާރު ލިސްޓު.
ތަރީގާ ނ. (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. method (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު. Creed
ސޯބު ނ. މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި. cog