ad_banner
ބައިނަލްއަގުވާމީ ކޮންފަރެންސް (އައިސީއައިއޭ 2026) ފެށުމުގެ ކުރީން ވަރަށް ގިނަ މަސައްކަތުބައްދަލުވުންތަކެއް ބޭއްވިއެވެ.

އަބާ މުޙަންމަދު

30 އޯގަސްޓް 2026

މިއަދު (2026 އޮގަސްޓު 30ގައި) ފެށިގެން ކުރިއަށްދާ [އައި.ސީ.އައި.އޭ - 2026 ކޮންފަރެންސް] ފެށުމުގެ އެއް ދުވަސް ކުރީން، މުހިންމު 10 މަސައްކަތުބައްދަލުވުމެއް ކާމިޔާބުކަމާ އެކު، ވަނީ ނިންމައިލައިފައެވެ. 2026 އޮގަސްޓު 29ގައި ރާވައިލެވިގެން ބޭއްވި މި މަސައްކަތުބައްދަލުވުންތައް މައިގަނޑު ގޮތެއްގައި ބަހައިލެވުނީ ދެ ދަންފަޅިއަކަށެވެ. ނަމަވެސް އެއް ވަގުތެއްގައި ތިން ދަންފަޅި، އަދި ކޮންމެ ދަންފަޅިއެއްގައި ވެސް އެއް ފަހަރާ ތިން މާލަމެއްގައި ތަފާތު ދަންފަޅިތައް ވަނީ ބާއްވައިފައެވެ.  މަސައްކަތުބައްދަލުވުންތައް ރާވައިލެވިފައިވަނީ ހައިބްރިޑްކޮށެވެ. ސީދާ ހާޒިރުވެގެންނާއި ދާދިވަރުކޮށް ކޮންމެ ދަންފަޅިއެއްގައި ގާތްގަނޑަކަށް 40އާއި 80 އާ ދެމެދުގެ އަދަދަކަށް ބައިވެރިވިކަން ފާހަގަކުރެވުނެވެ. ހުރިހައި ދަންފަޅިތަކުގައި ބައިވެރިވި ޖުމުލަ ޢަދަދަކީ 453އެކެވެ.

މަސައްކަތުބައްދަލުވުންތަކުގެ ތަފުސީލު:

1.         މަތީ ތަޢުލީމުގައި ސިނާރު (އޭއައި) އަޚުލާޤީ މިންގަނޑުތަކާ އެކު ބޭނުންކުރުން

ނަންގަވައިދެއްވީ: ޑރ. މާކް ޖޯސެފް ޑީ. ޕާސްޓޯރ

2.         އެޑްވާންސްޑް އެކަޑެމިކް ރައިޓިންގ އަދި ފެންވަރު ރަނގަޅު ރިސާޗް ކަރުދާސް އެކުލަވާލުން

ނަންގަވައިދެއްވީ: ޑރ. އާމިނަތު ޝަފީޔާ އާދަމް

3.         ސްކޯޕަސް އަދި ހައި-އިމްޕެކްޓް ޖާނަލްތަކުގައި ދިރާސާ ޝާއިޢުކުރުމުގެ އުކުޅުތައް

ނަންގަވައިދެއްވީ: ޑރ. ވިސާލް މޫސާ

4.         ދިރާސާ ސުވާލުކަރުދާސް ތައްޔާރުކުރުމާއި ސައްޙަކަން ކަށަވަރުކުރުން

ނަންގަވައިދެއްވީ: ޑރ. މުޙައްމަދު ޞާލިޙް

5.         ދިވެހި ބަހުގެ ހަވާލާދޭ އުޞޫލު

ނަންގަވައިދެއްވީ: ޝަފީނާޒް ނާޞިރު

6.         މެތޮޑޮލޮޖިކަލް ފިއުޝަން: ތަފާތު ދިރާސާ އުސޫލުތައް އެއްކޮށްގެން ފެންވަރު މަތިކުރުން

ނަންގަވައިދެއްވީ: ޑރ. ޢާއިޝަތު ޝީނާ

7.         މާހިރުންގެ ކުރިއެރުމަށާއި މުއައްސަސާތައް ތަރައްޤީކުރުމަށް އެކްޝަން ރިސާޗް

ނަންގަވައިދެއްވީ: ޑރ. ސުޖީވާ ޕޮލްގަމްޕަލާ (ސްރީލަންކާ)

8.         ދިރާސާ ކުރުމަށް ބޭނުންކުރާ އޭއައި ޓޫލްސްތައް

ނަންގަވައިދެއްވީ: ޑރ. މަރިޔަމް ޝަރީފާ އަދި ޑރ. ނަޞްރުއްﷲ އަޙްމަދު

9.         ސްމާޓް-ޕީއެލްއެސް ބޭނުންކޮށްގެން އެޑްވާންސްޑް ތަފާސްހިސާބު އެނަލިސިސް ހެދުން

ނަންގަވައިދެއްވީ: ޑރ. ޒުބައިރު ޙަސަން

10.     ތަޢުލީމީ ދިރާސާތަކަށް ކޮލިޓޭޓިވް ޑޭޓާ އެއްކުރުމުގެ އުސޫލުތައް

ނަންގަވައިދެއްވީ: އަލްފާޟިލް ޢަބްދުލް ވަލީ ޚާން އަދި ޑރ. ނަސީމާ ޝަކީލް (ޕާކިސްތާން)

މި ފަދަ ޢިލްމީ މަސައްކަތުބައްދަލުވުންތަކުގެ ސަބަބުން ދިރާސާވެރީންނާއި، އަދި ދަރިވަރުންގެ ދިރާސީ ޤާބިލުކަމާއި ހުނަރުތައް އިތުރުވަމުންދާނެކަން ޔަގީނެވެ. ޚާއްޞަކޮށް ސިނާރު(AI) ގެ ޒަމާނީ އާލަތްތައް އަޚުލާޤީ މިންގަނޑުތަކުގެ ތެރޭގައި ޢިލްމީ މަސައްކަތްތަކަށް ބޭނުންކުރާނެ ގޮތްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޖާނަލުތަކުގައި ދިރާސާ ޝާއިޢުކުރުމަށް ބޭނުންވާ މުހިންމު އުކުޅުތައް ޢަމަލީ ގޮތުން ދަސްވެގެންދެއެވެ. މީގެ އިތުރަށް، އެކި ދާއިރާތަކުގެ މާހިރުންނާ ބައްދަލުވެ، ޢިލްމީ ގުޅުންތައް ބަދަހިވެ، އަމިއްލަ ދިރާސާތަކުގެ ފެންވަރު މަތިކޮށް، ދިރާސީ ދާއިރާއިން ކުރިއަށްދިއުމަށް އިތުރު މަގުފަހިކަމެއް ލިބިގެންދެއެވެ.

އައި.ސީ.އައި.އޭ ކޮންފަރެންސަކީ ދިވެހިރާއްޖޭގައާއި ސަރަޙައްދީ ފެންވަރުގައި ޢިލްމީ ދިރާސާގެ މާޙައުލު ކުރިއަރުވައި، ދިރާސާވެރީން އެއް ފުރާޅެއްގެ ދަށަށް ގެނައުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ މުހިންމު ހަރަކާތެކެވެ. އެންމެ ދުވަހެއްގެ ތެރޭގައި 450އަށް ވުރެ ގިނަ ބައިވެރީންނާ އެކު 10 މަސައްކަތުބައްދަލުވުން ކާމިޔާބުކަމާ އެކު, ނިންމައިލެވުމަކީ މި ކޮންފަރެންސްގެ ފުޅާމިނާއި މަގުބޫލުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންގެ ޢިލްމާއި ތަޖުރިބާ ދިވެހި ދިރާސާވެރީންނަށް ފޯރުކޮށްދީ، ދިވެހިބަހުންނާއި އިނގިރޭސިބަހުން ތަފާތު ދާއިރާތަކުގެ ދިރާސާތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އައި.ސީ.އައި.އޭ އިން ހޯދައިފައިވާ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. އައިސީއައިއޭ 2026ގެ ރަސްމީ ކޮންފަރެންސް މިއަދު ފެށިގެން ކުރިއަށްދާ އިރު، އެންމެ ދުވަހެއްގެ ކާމިޔާބީތައް މި ވަނީ އާ އުސްމިންތަކަކަށް ގެންދެވިފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހޯދަމުން މިދާ ކާމިޔާބީތަކަށް ޓަކައި މި ފުރުޞަތުގައި ވެސް ތަހުނިޔާ ދަންނަވަމެވެ.

 

ބައެއް ލަފުޒުގެ މާނަ:

އާލަތް           ނ.           މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި.  tool

މަސައްކަތުބައްދަލުވުން  ނ.           (1) ތަޢުލީމީ، ވިޔަފާރީގެ ދަންފަޅިތައް. (2) އިރުޝާދު ދެވިގެން ވަކި ޚާއްޞަ މަޢުޟޫޢަކަށް އަމާޒުކޮށްގެން މަޝްވަރާކުރުމަށް ހިންގާ މަސައްކަތު ދަންފަޅިތައް.  workshop

ދަންފަޅި          ނ.           އެއް ކަމަކާ ބެހޭގޮތުން ބާއްވާ ޖަލްސާތަކަކުން ޖަލްސާއެއް.  session

ދާދިވަރު          ނ.           (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް.  virtual

ސިނާރު              ނ.           ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް، ވިސްނުންތެރިކަމާއި، ވެށި ދެނެގަތުމާއި، ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު، އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް.  Artificial intelligence

ކޮމެންޓު