އަސްމާ އަބޫބަކުރު
30 އޯގަސްޓް 2026
(2026 އޮގަސްޓު 23ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
އެ ދަބަހުގެ ތެރޭގައި އެ އޮތީ މުޅި ރަށަށް ސިއްރުވެފައި އޮތް ބޮޑު ހަގީގަތުގެ ފުރަތަމަ ފާޅުކަން ބޮޑު ހެތްކެވެ. އިބްރާހީމް ނަސީމް ވައްޓައިލައިފައި ދިޔަ ސިއްރު މާސްކެވެ.
ގެއަށް އައިސް ކޮޓަރީގެ ދޮރު ތަޅުލުމަށް ފަހު، ޝާހިދު އަވަސްއަވަހަށް ދަބަހުން އެ ސިލިކޯން މާސްކު ނެގިއެވެ. މޭޒުމަތީގައި ހުރި ބޮކީގެ ގަދަ އަލީގެ ދަށަށް މާސްކު ގެންގޮސް، އޭނާ ވަރަށް ފަރުވާތެރިކަމާ އެކު ދިރާސާކުރާން ފެށިއެވެ. އެއީ އާދައިގެ މާސްކެއް ނޫނެވެ. އޭގެ އެތެރޭގެ ކައިރީގައި ވަރަށް ހިމަ އަކުރުތަކުން މަރުކާއެއް ޖަހައިފައިވެއެވެ. އެއީ ހަމައެކަނި ފިލްމުތަކުގައި ނުވަތަ ބޭރުގެ ސިއްރު ޖާސޫސީ އިދާރާތަކުން ހާއްސަ މިޝަންތަކަށް ބޭނުންކުރާ ފަދަ މަތީ ފެންވަރުގެ ތަކެތި ތައްޔާރުކުރާ މަރުކާއެކެވެ.
[އިބްރާހީމް ނަސީމަށް މިފަދަ އެއްޗެއް ލިބުނީ ކިހިނެއް؟] ޝާހިދު އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.
އޭނާ މައުސް ހިފައި، ރޭގަނޑު ނެގި އެހެން ފޮޓޯތައް ވެސް ބަލާން ފެށިއެވެ. އެހެން ފޮޓޯއެއްގެ ކަނަކުން، ދުރުން ދަތުރުކުރަމުންދިޔަ މަސްވެރި ދޯންޏެއްގެ ފަސްމަންޒަރު ފެނުނެވެ. އެ ދޯނީގެ ހުންގާނުގައި ހުރި މީހާގެ ހަށިގަނޑުގެ ބައްޓަމާއި، މިއަދު އޭނާގެ ކުރިމަތީން ދުވެފައި ފިލި މުސްކުޅިޔާގެ ހަށިގަނޑުގެ ބައްޓަމާ އަޅައިކިޔައިލިއިރު ދާދި އެއްގޮތްކަން ފާހަގަކުރެވުނެވެ.
ޝާހިދުގެ ސިކުނޑީގައި ކުއްލިއަކަށް އެނބުރިގަތީ އިބްރާހީމް ނަސީމަކީ ހަމައެކަނި މުސްކުޅިއެއްގެ ސިފައިގައި އުޅޭ މީހެއް ނޫންކަމެވެ. އެކަހަލަ މީހުން އުޅޭނީ ސިފަ ބަދަލުކޮށްގެންނެވެ. އޭނާގެ ޚިޔާލީ ދުނިޔޭގައި ތަފާތު ވައްތަރު ވައްތަރަށް އިބްރާހީމް ނަސީމްގެ ތަޞްވީރު ކުރަހައިލިއެވެ. އެއްދުވަހު ބޯ ތުނބުޅިއެއްލައިގެން މުސްކުޅިއެއްގެ ސިފައިގައި ރަށުގެ ފިހާރަތަކުން ސާމާނު ގަންނާން އުޅޭ އިރު، އަނެއް ދުވަހު އުޅެނީ އާދައިގެ ޒުވާން މަސްވެރިއެއްގެ ސިފައިގައެވެ. ބައެއް ފަހަރު ބަނދަރުމަތީގައި މަސައްކަތްކުރާ ބީރައްޓެހި މަޖޫރީއެއްގެ ސިފައިގައި ވެސް އޭނާ އުޅެފާނެއެވެ. އެހެންވެގެންނެވެ. މީގެ ވިހި އަހަރު ކުރީން ގެއްލުނު މީހާ، ރަށުގެ ރައްޔިތުންގެ ލޮލުގެ ކުރިމަތީގައި އުޅޭ އިރު ވެސް އެކަކަށް ވެސް އޭނާއަކީ އިބްރާހީމްކަން ދެނެގަންނާން ނޭނގެނީއެވެ.
ޝާހިދު ހައިރާންވީ އެހެން ކަމަކާއެވެ. އިބްރާހީމް ސިފަބަދަލުކޮށްގެން މުޅި ރަށުތެރޭގައި އެ ބުނާ ބާގުދަންތައް ހަދާ މީހުންނާ ބައްދަލުކުރާން އުޅެނީ ކޮން ސިއްރެއްގައިބާއެވެ. އޭނާ ފޮރުވާން އުޅޭ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟
އެ ވަގުތު، ޝާހިދުގެ ފޯނަށް ނޭނގޭ ނަންބަރަކުން މެސެޖެއް އައެވެ. އޭނާ ތެޅެމުންދިޔަ އަތަކުން ފޯނު ނަގައި މެސެޖު ހުޅުވައިލިއެވެ. އޭގައި ލިޔެފައި އޮތީ ބިރުވެރި ބަސްކޮޅެކެވެ.
[ކަލޭގެ އަތުގައި އެއޮތް މާސްކަކީ ކަލޭގެ މަރުގެ ތުންފަތްކަމުގައި ވެދާނެ. އޭގެ ސިއްރު ހޯދާން ނޫޅޭތި! އަމްޖަދަށް އެ ފެނިއްޖެއްޔާ ކަލޭ ދުނިޔޭގައި ހުންނާނެ އެންމެ ފަހު ރެޔަށް އެރޭ ވާނެ!]
ޝާހިދުގެ ނޭވާ ހުއްޓުނެވެ. މި މެސެޖު އެ ފޮނުވީ ސީދާ އިބްރާހީމް ނަސީމްހެއްޔެވެ؟ އޭނާއަށް ޝާހިދުގެ ނަންބަރު އެނގުނީ ކިހިނެއްހެއްޔެވެ؟ އަދި އަމްޖަދާ ބެހޭ ގޮތުން އޭނާ އެ ބުނި ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟ ހައްތާ ވެސް ޖަވާބު ނެތް ސުވާލުތަކެވެ.
އެހެން ރަށެއްގެ ހަނދާން
ފޯނުގެ އިސްކިރީނަށް ބަލަހައްޓައިގެން އިން ޝާހިދުގެ ހިތް ނުތަނަވަސްކަމުގެ ކަނޑެއްގައި ފަތަމުންދިޔައެވެ. [އަމްޖަދަށް އެ ފެނިއްޖެއްޔާ ކަލޭ ދުނިޔޭގައި ހުންނާނެ އެންމެ ފަހު ރެޔަށް އެރޭ ވާނެ!] އެ ބިރުވެރި ޢިބާރާތް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުންދިޔައެވެ. މި ހުރިހައި ކަމެއްގެ ފަސްމަންޒަރު ދެނެގަތުމަށް ޓަކައި މާޒީގެ ސަފުހާތައް ފަހަތަށް އޮޅައިލާން ޖެހެއެވެ. ޚުދު އިބްރާހީމް ނަސީމްގެ ހަނދާންތަކުގެ ތެރެއަށެވެ. މީގެ އަހަރުތަކެއް ކުރީން، އޭނާ މި ރަށުން ފިލައިގެން ދިޔަ ބިރުވެރި ދުވަސްވަރަށެވެ.
އޭރު އިބްރާހީމް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ރަށުގައި ހިނގި މަރުގެ ހާދިސާގެ ހުރިހާ ތުހުމަތެއް އަމްޖަދު އޭނާގެ ބޮލުގައި އަޅުވައިލުމުން، ފުރާނައިގެ ސަލާމަތަށް އެދި އޭނާ ރަށުން ފިލީއެވެ. އަމްޖަދު ދިން ސިއްރު ނަސޭހަތަކީ ވެސް އެއީއެވެ. [މި ތަނުން ސަލާމަތްވާން ބޭނުން ނަމަ، ދުވަހަކުވެސް މި ރަށަށް ފައިޖައްސައިލާން ވެސް ހިތަށް ނާރުވާތި!] އަމްޖަދު އޭނާ ފޮނުވާލީ އަމިއްލަ ސަލާމަތް ހޯދުމުގެ ނިޔަތުގައެވެ.
އިބްރާހީމް ގޮސް ބަނދަރުކުރީ އެހެން އަތޮޅެއްގެ އެކަހެރި، މީސްމަދު ރަށަކަށެވެ. އެ ރަށަށް އޭނާ ފޭބީ އައު ސޫރައެއްގައެވެ. އަމްޖަދު ސިއްރުން އޭނާއަށް ފޯރުކޮށްދިން ސިލިކޯން މާސްކު ބޭނުންކޮށްގެން، އޭނާގެ މޫނުމަތީގެ ސިފަ މުޅިން ބަދަލުކޮށްލިއެވެ. ކުރީގެ އިބްރާހީމްގެ އެއްވެސް އަސަރެއް އެ މޫނަކުން ފާޅެއް ނުވެއެވެ. އޭނާ އެ ރަށަށް ތައާރަފުވީ [އާދަމް]ގެ ނަމުގައެވެ. މަޑުމައިތިރި، އެކަހެރި ދިރިއުޅުމަކަށް ލޯބިކުރާ ހީވާގި މަސްވެރިއެއްގެ ގޮތުގައެވެ.
އައު ރަށުގެ ދިރިއުޅުން އާދަނަށް ގެނެސްދިނީ މުޅިން ތަފާތު އިހުސާސެކެވެ. ކޮންމެ ދުވަހަކު ކަނޑުމައްޗަށް ނިކުމެ، އަމިއްލަ ނަފުސާ ހަނގުރާމަކުރަމުން ދިޔައިރު ވެސް، މާޒީގެ ކަޅު ސިއްރުން އޭނާގެ ހިތް ފިތެމުން ދިޔައެވެ. ނަމަވެސް، އެ ހިތްދަތި ދިރިއުޅުމުގެ ތެރެއަށް އުންމީދުގެ ހަނދުވަރެއް ފާޅުވީ އެ ރަށުން އޭނާއާ ބައްދަލުވި މައުސޫމް އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އެއީ މަރިޔަމް ކިޔާ ކުއްޖެކެވެ.
މަރިޔަމްގެ ހިތްހެޔޮކަމާއި ކިޔަމަންތެރިކަން އާދަމްގެ އެކަނިވެރިކަން ދުރުކޮށްދިނެވެ. އާދަމްގެ މާޒީގެ އެއްވެސް ކަމެއް ނުވަތަ އޭނާގެ ހަގީގީ ނަމަކީ އިބްރާހީމް ނަސީމްކަމެއް މަރިޔަމަކަށް ނޭނގެއެވެ. މަރިޔަމަށް އޭނާއަކީ ހަމައެކަނި ރަށަށް ހިޖުރަކޮށްގެން އުޅޭ، ރަނގަޅު އަޚުލާޤެއްގެ ވެރި "އާދަމް"އެވެ. ދުވަސްތަކެއްގެ ގާތްކަމަށްފަހު، އާދަމް ބޭނުންވާ ފަދައިން މަރިޔަމްގެ އާއިލާގެ ކިބައިން ކައިވެންޏަށް އެދުނެވެ. އެއްވެސް ހުރަހަކާ ނުލައި އެ ކައިވެނީގެ ގޮށް ޖެހިގެންދިޔައެވެ.
ކައިވެންޏަށްފަހު އާދަމް ހީކުރީ އޭނާގެ މާޒީގެ ކަޅު ހިޔަނި ދުވަހަކު ވެސް އޭނާގެ ފަހަތުން ނާންނާނެކަމަށެވެ. އޭނާ މަރިޔަމާ އެކު އައު ދިރިއުޅުމެއް ބިނާކުރާން ފެށިއެވެ. ނަމަވެސް، ކޮންމެ ރެއަކު ނިދާން އޮށޯންނަ އިރު، އޭނާގެ މޫނުގައިވާ ފޭކު މާސްކު ނަގާންޖެހެނީ މަރިޔަމްއަށް ސިއްރުން ކަނު އަނދިރީގައެވެ. މިއީ އަޖައިބެއްގެ ތެރޭގައި ހިނގަމުންދާ ދިރިއުޅުމަކަށް ވެއްޖެއެވެ. އާދަމަށް ކުރާން ޖެހިފައިވަނީ އެކަމުގެ ހިތާމައެވެ. އަމިއްލަ އަނބިމީހާއަށް އަމިއްލަ ސާފު މޫނު ދައްކައިލާން ނުކުޅެދިފައިވާ ފިރިއެއްގެ ވޭނެވެ!
ދެ އަހަރެއްހައި ދުވަސް އެ ގޮތުގައި ވޭތުވެދިޔަ ތަނާ، އެއްރެއަކު އާދަމްގެ ސިއްރު ފޯނަށް ކޯލެއްއައެވެ. އެއީ އަމްޖަދުގެ ކޯލެކެވެ. އެ ކޯލާއެކު އާދަމްގެ އައު ދިރިއުޅުމުގެ ބިންގާ ފުނޑުފުނޑުކޮށްލިއެވެ. އަމްޖަދު އެންގީ ވަގުތުން އެ ރަށް ދޫކޮށް، އެނބުރި ކުރީގެ ރަށަށް އައުމަށެވެ. އެހެން ނޫނީ މަރިޔަމްގެ ކުރިމަތީގައި އޭނާގެ މާސްކު ވީދައިލާނެކަމުގެ އިންޒާރުދިނެވެ. އިބްރާހީމަށް މަޖުބޫރުވީ މަރިޔަމް ގޮވައިގެން ކުއްލިއަކަށް އެ ރަށުން ފިލައިގެން، އަނބުރައި އޭނާގެ ބިރުވެރި މާޒީގެ ބިމަށް އެނބުރި ދިއުމަށެވެ.
މިއީ ކޮންކަހަލަ އިމްތިޙާނެއްހެއްޔެވެ؟ ހަމަޖެހިގެން ނޭވާއެއްލެވޭކަށް ވެސް ނެތެވެ. ވަކީން އެހެން ރަށެއްގައި ހަމަޖެހިލައިގެން ދިރިހުރެވޭކަށް ވެސް ނެތެވެ. އެ ފަސޭހަ ދިރިއުޅުން އަނެއްކާ ވެސް ގެއްލިދަނީއެވެ.
ކުއްލިއަކަށް ދިރިއުޅުން އެފުށްމިފުށަށް ޖެހި، ކަނޑުގެ ގަދަ ތޫފާނެއްގެ ތެރެއަށް އޮޔާދިޔަ ބޯޓެއް ފަދައިން، މަރިޔަމްގެ ހަޔާތް ބަދަލުވެގެންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެއްވެސް އިންޒާރަކާ ނުލައި، އަމުރު ވެސް އަންނާން ފެށީއެވެ. އެއްރެއަކު އާދަމް އައިސް ބުނީ ވަގުތުން ރަށް ދޫކޮށް ދާންޖެހޭ ވާހަކައެވެ. މަރިޔަމް ސުވާލުކުރުމުން އާދަމް ދިނީ ކުރު ޖަވާބެކެވެ.
[މިއީ ސަރުކާރުގެ ވަރަށް ސިއްރު، ނުރައްކާތެރި މިޝަނެއްގެ ބައެއް. އަހަރެމެންގެ ފުރާނަ ސަލާމަތްކުރާން ބޭނުންނަމަ ވަގުތުން ފިލާންޖެހޭ.]
މަރިޔަމްއަކީ އާދަމް ދެކެ އިންތިހާއަށް ލޯބިވާ، އޭނާއަށް މުޅި ހިތުން އިތުބާރުކުރާ މައުސޫމް އަންހެނެކެވެ. ފިރިމީހާގެ ދުލުން ބިރުވެރިކަމުގެ ބަސްތައް އިވުމާ އެކު، އޭނާގެ ހިތް ނުތަނަވަސްކަމުން ފުރުނެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނެތި އޭނާ ފިރިމީހާގެ ފަހަތުން ދާން ނިންމިއެވެ. އެ މީހުން ކަނު އަނދިރި ރޭގަނޑެއްގެ ތެރޭގައި ކުޑަ ލޯންޗެއްގައި އައިސް ފޭބީ އާދަމްގެ ބިރުވެރި މާޒީގެ ރަށަށެވެ.
އެ ރަށަށް ފޭބިއިރު ވެސް މަރިޔަމްއަށް އެނގިފައިވަނީ ފިރިމީހާގެ ނަމަކީ [އާދަމް]ކަމަށެވެ. އޭނާގެ އަސްލު ނަމަކީ މީގެ ވިހި އަހަރު ކުރީން މަރުވިކަމަށް ބެލެވުނު އިބްރާހީމް ނަސީމްކަމެއް، އަދި އޭނާގެ މޫނުގައި އެވަނީ ސިލިކޯން މާސްކެއްކަމެއް މަރިޔަމްގެ ޚިޔާލަކަށް ވެސް ނާދެއެވެ. މަރިޔަމް ގޮވައިގެން އާދަމް ދިޔައީ ރަށުގެ މީހުން އުޅޭ ހިސާބަކަށް ނޫނެވެ. ރަށުގެ އެންމެ އެކަހެރި ގަސްތައް ބޯވެ ވާހެދިފައި އޮތް ބިރުވެރި ޖަންގަލި ސަރަޙައްދަށެވެ.
[އާދަމް... އަހަރެމެން މިދަނީ ކޮންތާކަށް؟ މިއީ މީހުން އުޅޭ ހިސާބެއް ނޫނެއްނު؟] މަރިޔަމް ބިރުން ހުރެ، އާދަމްގެ އަތުގައި ބާރަށް ހިފަހައްޓައިލިއެވެ.
[މަރީ... ކެތްކޮށްލާ! އަހަރެމެންގެ ސަލާމަތް އޮތީ މި ތަނުގައި.] އާދަމްގެ އަޑުގައި ހުރީ މާޔޫސްކަމެވެ.
އެ މީހުން ޖަންގަލީގެ ގަސްގިނަ ހިސާބަށް ވަދެގެން ގޮސް ހުއްޓުނީ ބޮޑެތި ކުރެދި ގަސްތަކަކާއި ކުދިމާ ގަސްތަކުން ނިވައިވެފައި އޮތް ހިސާބަކަށެވެ. އެ ތަނުގައި ބިމުން މައްޗަށް ހިއްލިފައި އޮތް ބާދަގަނޑު މަތިގަނޑެއް އޮތެވެ. އާދަމް އެ މަތިގަނޑު ހުޅުވާލިއިރު، ތިރިއަށް ފެންނަން އޮތީ އަނދިރި ބިންގަރާހެކެވެ. މަރިޔަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ ފިރިމީހާގެ ދިރިއުޅުމުގެ އަޑީގައި މި ފަދަ ބޮޑެތި ސިއްރުތަކެއް ވާނެކަމަކަށް އޭނާ ދުވަހަކު ވެސް ހިތަށް ވެސް ނާރައެވެ.
އެ ބިންގަރާހުގެ ތެރޭގައި ކުޑަ ކޮޓަރިއެއް ހަދައިފައި ހުއްޓެވެ. އޭގެ އެތެރޭގައި ކަރަންޓު ވެސް ހުއްޓެވެ. މަރްޔަމް ހުރީ އަޖާއިބުވެފައެވެ. ބައެއް ސިއްރު ލިޔެކިޔުންތަކާއި، ފަރުވާތެރި ގޮތަށް ބަންދުކޮށްފައި ހުރި ކާބޯތަކެތީގެ ފޮށިތައް ހުއްޓެވެ. މަރިޔަމަށް މަޖުބޫރުވީ އެ ހަނި، ބިރުވެރި ބިންގަރާސް ކޮޓަރީގައި އޭނާގެ އައު ދިރިއުޅުން ފަށާށެވެ.
ނަމަވެސް، މަރިޔަމްގެ ހިތުގައި ޝައްކުގެ އޮށެއް އިންދުނީ އެ ތަނުގައި އުޅެން ފެށިތާ ދެވަނައަށްވީ ރެއެވެ. މަރްޔަމަށް ނިދިފައި އޮއްވައި، ކޮޓަރީގެ ފަނޑު އަލީގެ ތެރެއިން އާދަމް މޭޒު ދޮށުގައި އިށީނދެގެން އިންދައި އޭނާއަށް ލޯހުޅުވައިލެވުނެވެ. އާދަމް އިނީ އޭނާގެ މޫނުގައި އަތްލައިގެންނެވެ. ކުއްލިއަކަށް އާދަމް އޭނާގެ ކަންފަތް ކައިރީން ހަންގަނޑެއް ކަހަލަ އެއްޗެއް ދަމައިލިއެވެ.
މަރިޔަމް ނޭވާ ހިފަހައްޓާލަމުން އަނގަމަތީ އަތްއެޅިއެވެ. ހަޅޭއްލަވައި ގަނެވިދާނެތީއެވެ. ފިރިމީހާގެ މޫނުމަތީން މުޅި މާސްކު ނަގައި މޭޒުމަތީގައި ބޭއްވި ވަގުތު، ފާޅުވީ މުޅިން އެހެން އިންސާނެއްގެ މޫނެވެ! އެއީ އޭނާ ދަންނަ އާދަމްއެއް ނޫނެވެ. އެއީ މުޅިން ބީރައްޓެހި، މުސްކުޅިވަމުންދާ އެހެން މޫނެކެވެ. މަރިޔަމްގެ މުޅި ދުނިޔެ އެނބުރިގަތެވެ. އޭނާ ކައިވެނީގެ ގޮށުން މި ބެނދެވުނީ ކާކާހެއްޔެވެ؟ އޭނާގެ ފިރިމީހާއަކީ އަސްލު ކާކުހެއްޔެވެ؟ (ނުނިމޭ)