އަސްމާ އަބޫބަކުރު
4 އޮކްޓޯބަރު 2026
(2026 ސެޕްޓެންބަރު 27ގެ ޢަދަދާ ގުޅޭ)
އެއީ ވިހި އަހަރު ކުރީން މުޅި ހާދިސާ ފެށުނު، އަދި މިއަދު މި ހާދިސާ ނިމިގެންދާނެ ތަނެވެ. އެ ކަމަށް ނާއިލްގެ ޓީމް ތިބީ ތައްޔާރުވެގެންނެވެ.
ޝައްކުގެ ހިޔަނި
ބާ ލައިޓްހައުސްގެ އަޑީގައި އޮތް ބިރުވެރި ހިމޭންކަމުގެ ތެރެއަށް، ފާރުތަކުން ފޭދެމުންދިޔަ ތެތްކަމާއި ފިނިކަން ވަނީ ވެރިވެފައެވެ. ނާއިލް އޭނާގެ ޖީބުން ނެގި ކުޑަ ޓެބްލެޓުގެ އިސްކިރީނު ދިއްލައިލިއެވެ. އެއީ ފުލުހުންގެ މައި ސާވަރާ ސިއްރުން ގުޅިފައިވާ އާލަތެކެވެ. އިސްކިރީނުން ފެންނަމުންދިޔަ ރެކޯޑިންގ ގްރާފްތަކަށް ބަލަހައްޓައިގެން އިން ނާއިލްގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
]ކާމިޔާބުވެއްޖެ...] ނާއިލް މަޑުމަޑުން ބުނެލިއެވެ.
[ތަހުގީގު ކޮޓަރީގައި މަރިޔަމް ދިން ބަޔާނުގެ މުޅި އޯޑިއޯ މިހާރު އެހެރީ ފުލުހުންގެ މައި ސާވަރަށް ވަދެފައި. އަމްޖަދު ކިތަންމެ ވަރަކަށް އެ ތަނުން ސިސްޓަމް ފޮހެލާން އުޅުނަސް، މިހާރު އެއޮތީ 'ބެކްއަޕް' ކުރެވިފައި.]
[އެކަމަކު އެ ބަޔާނުން އެކަނި އަމްޖަދު ބަންދުކުރެވޭނެ؟] ޝާހިދު އޭނާގެ ބޮލުގައި އައްސާފައިވާ ފޮތިގަނޑުގައި އަތްލަމުން އެހިއެވެ. [އޭނާއަކީ މި ރަށުގެ އެންމެ ނުފޫޒުގަދަ މީހާ. އޭނާ ބުނާނީ އެއީ މަރިޔަމް ހަދާފައިވާ ދޮގު ވާހަކަތަކެއްކަމަށް.]
[ޝާހިދު ތިބުނީ ތެދެއް.] އިބްރާހީމް ނަސީމް ކުރިއަށް ޖެހިލަމުން ބުންޏެވެ. [އެހެންވެގެން އަހަރެން މި ބާ ޓޭޕް ރެކޯޑަރު މިއަދާ ހަމައަށް ފޮރުވައިގެން މި އުޅުނީ. މީގެ ވިހި އަހަރު ކުރިން އެ ރޭ ކަންތައް ހިނގި ގޮތުގެ އަސްލު އަޑު މި އޮތީ މީގެ ތެރޭގައި. އަމްޖަދު މަގޭ ބޮލުގައި ކުށް އަޅުވާން އުޅުނު ރޭ އަހަރެން ސިއްރުން މި ރެކޯޑަރު ޖައްސައިފައި ބޭއްވީ. އޭރު މިހާ މުހިންމު އެއްޗަކަށް ވާނެކަމަކަށް ވެސް ނޫން އެ ކަން ކުރީކީ.]
އެ ވަގުތު، ފުލުހުންގެ މަރުކަޒުގެ މައި ހޯލްގެ ތެރޭގައި ތަފާތު ޒުވާބެއް ހިނގަމުންދިޔައެވެ. މަރިޔަމްގެ ބަޔާން އިވުނު ފުލުސް އޮފިސަރުންގެ މެދުގައި އަމްޖަދާ މެދު ޝައްކުގެ އަޑު ވަނީ ފެތުރިފައެވެ. އެންމެން ސިއްރުސިއްރުން ވާހަކަދައްކަމުން ދިޔައެވެ.
[ކޮމާންޑަރު އަމްޖަދު މިއުޅެނީ ހަގީގަތް ފޮރުވަންބާ؟ އޮފިސަރު ނާއިލަކީ ދުވަހަކުވެސް ގޯސްކަމެއް ކުރި މީހެއް ނޫން. އޭނާ ކުއްލިއަކަށް ކުށްވެރިއަކަށްވީ ކިހިނެއް؟] ޒުވާން ކޮންސްޓަބަލެއް ކަންބޮޑުވެފައި ބުންޏެވެ.
އަމްޖަދު އޭނާގެ ކޮޓަރިން ނިކުމެގެން އައި އިރު، މުޅި ހޯލަށް ވެރިވީ މަރުގެ ހިމޭންކަމެކެވެ. އޭނާގެ ހިތް މާބާރަށް ތެޅޭން ފެށިއެވެ. އޭނާއަށް ފުލުހުންގެ މޫނުމަތީން ފެންނަމުންދިޔަ ބަދަލުތައް ވަރަށް ފަސޭހައިން ދެނެގަނެވުނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަންނާން ފެށިއެވެ. ވިހި އަހަރު ވަންދެން އޭނާ ހިފަހައްޓައިގެން ހުރި ބާރާއި ނުފޫޒުގެ ދާގަނޑު، މިހާރު މި އޮތީ ވީދޭން ކައިރިވެފައެވެ.
[ރާޒީ!] އަމްޖަދު ބާރަށް ގޮވާލިއެވެ. [ޖަންގަލީން އެއްވެސް ޚަބަރެއް ވީތަ؟]
[ނޫން ކޮމާންޑަރު. ޖަންގަލީގެ ހުރިހައި ދިމާއެއް ބެލިއްޖެ. އެ މީހުންގެ އެއްވެސް ނިޝާނެއް ނެތް. ހީވަނީ ބިމުގެ އަޑިއަށް ދިޔައީހެން.] ރާޒީ ކަންބޮޑުވެފައި ރިޕޯޓުކުރިއެވެ.
އަމްޖަދު ދެލޯ ހަނިކޮށްލިއެވެ. ބިމުގެ އަޑިއޭ ބުނުމާއެކު އޭނާގެ ސިކުނޑީގައި ކުއްލިއަކަށް ރޭކާލިއެވެ. [ބިމުގެ އަޑި... އިބްރާހީމް ނަސީމް!] އަމްޖަދު އަމިއްލަ ނަފްސަށް ބުނެލިއެވެ.
[އޭނާއަކީ ބިންގަރާސް ހަދަން އެނގޭ މީހެއް. އޭނާ އެ ފިލީ ޖަންގަލީގެ ތެރެއަކަށް ނޫން. އޭނާ އެދިޔައީ... ލައިޓްހައުސްއާ ދިމާއަށް.]
އަމްޖަދު ވަގުތުން އޭނާގެ ފިސްތޯލަ ޗެކްކޮށްލިއެވެ.
[ރާޒީ، އެހެން އެއްވެސް ފުލުހަކަށް ނާންގާ، ހަމައެކަނި ކަލޭ މަގޭ ފަހަތުން އާދޭ. އަހަރެމެން މި ދަނީ ލައިޓްހައުސްއަށް. މިރޭ މި މައްސަލަ އަބަދުގެއަބަދަށް ނިންމާލަންޖެހޭނެ.]
އަމްޖަދާއި ރާޒީ ސިއްރުން ފުލުހުންގެ މަރުކަޒުން ނިކުމެގެން ދިޔަ އިރު، އެ މީހުންގެ ފަހަތުން އެހެން ފުލުހުންގެ ޓީމެއް ސިއްރުން ފާރަލަމުންދިޔަކަމެއް އެ މީހުންނަކަށް ނޭނގެއެވެ. މުޅި މުއައްސަސާގެ ތެރޭގައި އަމްޖަދާ މެދު އުފެދުނު ޝައްކުގެ ހިޔަނި، މިހާރު މިއޮތީ ފަޅައިއަރާން ތައްޔާރުވެފައެވެ. އޭނާގެ ފަހަތުގައި ރާޒީ ހުރުމުން ވެސް ރަނގަޅު މަގަގުން ނުހިނގާނެކަން އެނގެއެވެ. މީގެ ކުރީން އެންމެން ހީކުރީ އަމްޖަދަކީ ވަރަށް ރަނގަޅު ތެދުވެރި މީހެއްކަމަށެވެ. ރާޒީގެ ގޮތް އެންމެން ދަނެއެވެ. އޭނާއަކީ ކުށްވެރީން އަތުން ލިބޭ އެއްޗެއްވިއަސް ބޭނުންކޮށްގެން އުޅޭ އަމިއްލަ އެދުން ބޮޑު މީހެކެވެ. އެހެންނަމަވެސް އެންމެ ހީނުކުރާ މީހާ ވަނީ ގައުމަށް ޣައްދާރު ވެފައެވެ.
ކޯލް ރެކޯޑްސް
ލައިޓްހައުސްގެ އަޑީގައި އޮތް ބިރުވެރި ކަނު އަނދިރިކަމުގެ ތެރޭގައި، ނާއިލްގެ ޓެބްލެޓުން ފާޅުވަމުންދިޔަ ނޫކުލައިގެ އަލި ވަނީ މާހައުލަށް ފެތުރިފައެވެ. އޭނާގެ އިނގިލިތައް ސްކްރީން މަތީގައި ހަލުވިކަމާއެކު ހަރަކާތްތެރި ވަމުންދިޔައެވެ. އޭނާ އުޅެނީ ފުލުހުންގެ މަރުކަޒުގެ ސިއްރު ފޯން ސާވަރަށް ވަދެ، މީގެ ވިހި އަހަރު ކުރީގެ ކޯލް ރެކޯޑްތަކެއް ނަގާށެވެ. އެއީ އިބްރާހީމްގެ އަތުގައި އޮތް ބާ ޓޭޕް ރެކޯޑަރަށް އިތުރު ބާރެއް ދޭނެ ފާޅުކަން ބޮޑު ހެކިތަކެކެވެ.
[ފެނިއްޖެ...] ނާއިލްގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.
[މިއޮތީ މީގެ ވިހި އަހަރު ކުރިން، އެ މަރުގެ ހާދިސާ ހިނގި ރޭ އަމްޖަދުގެ ސިއްރު ފޯނުން އިބްރާހީމަށް ކޮށްފައިވާ ފޯން ކޯލްތަކުގެ ރެކޯޑު. މީގެ ތެރޭގައި ހަމައެކަނި ނަންބަރުތަކެއް ނޫން ހުރީ... އޭރުގެ ސިސްޓަމް ބެކްއަޕްގެ ތެރެއިން އެ ކޯލްތަކުގެ އޯޑިއޯ ފައިލްތައް ވެސް ވަނީ ފެނިފައި.]
ޝާހިދާއި އިބްރާހީމް ނާއިލްގެ ކައިރިއަށް ޖެހިލިއެވެ. ނާއިލް ފުރަތަމަ އޯޑިއޯ ފައިލް ޕްލޭކޮށްލިއެވެ. އެއާއެކު، މީގެ ވިހި އަހަރު ކުރީގެ އަމްޖަދުގެ ޒުވާން، ނަމަވެސް ހާސްވެފައިވާ ބަރު އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލިއެވެ.
[އިބްރާހީމް! ކަލޭ މިހާރު ކޮންތާކު؟ ކުލަބު ގުދަން ކައިރީގައި އެ ހިނގި ހާދިސާގައި އެ ވިޔަފާރިވެރިޔާ މަރުވެއްޖެ. އެންމެން ހީކުރަނީ އެއީ ކަލޭ ކުރި ކަމެއް ކަމަށް! ފުލުހުން އެ ދަނީ ކަލޭ ހޯދަން... ކަލޭ ސަލާމަތްވާން ބޭނުން ނަމަ ވަގުތުން ފިލާ!]
[ލައްބަ.] އިބްރާހީމްގެ އަޑު އިވުނެވެ.
[އެއީ އޭނާ މަގޭ ބޮލުގައި ކުށް އަޅުވާން ބޭނުންކުރި ފުރަތަމަ މަޅި. އޭނާ މަގޭ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރެ، މަގޭ ފުރާނަ ސަލާމަތްކޮށްދޭން އުޅޭ ކަމަށް ދައްކައިގެން މަގޭ ބޮލުގައި ބޮޑު ތުހުމަތު އެޅުވީ. އެވަގުތު އެހެން ބުނުމުން އަހަރެން ހީކުރީ މީހުން ތުހުމަތު އަޅުވަނީކަމަށް."
ނާއިލް ދެވަނަ ކޯލް ޕްލޭކޮށްލިއެވެ. އެއީ އޭގެ ދެއަހަރު ފަހުން، އިބްރާހީމް އެހެން ރަށެއްގައި "އާދަމް" ގެ ނަމުގައި އުޅުނު ދުވަސްވަރު އަމްޖަދު ކުރި ކޯލެކެވެ.
]އިބްރާހީމް... ނޫން، އާދަމް! ކަލޭ ތިޔަ ރަށުގައި އަންހެނަކާ ކައިވެނިކޮށްގެން އައު ދިރިއުޅުމެއް ފެށިޔަސް، މަގޭ އަތަކުން ކަލެއަކަށް ސަލާމަތެއް ނުވެވޭނެ. ކަލޭގެ އަންހެނުން މަރިޔަމްގެ ކުރިމަތީގައި ކަލޭގެ މާސްކު ވީދައިލާން ބޭނުން ނޫން ނަމަ، އަހަރެން ބުނާ ދުވަހަކުން އެނބުރި މި ރަށަށް އަންނާން ތައްޔާރުވޭ. އަހަރެން ބޭނުންވާ ބޮޑު މަޝްރޫޢަކަށް ކަލޭގެ ބޭނުން އެބަ އޮތް.]
މި ހުރިހާ ވާހަކަތަކެއް އަޑުއަހާން އިން ޝާހިދުގެ ހިތް ކޮމާންޑަރު އަމްޖަދަށް މެދު ނަފްރަތުން ފުރުނެވެ.
[އޭނާއަކީ އިންސާނެއް ނޫން. އޭނާ ވިހި އަހަރު ވަންދެން އިބްރާހީމްގެ ދިރިއުޅުން ކުޅޭކުޅޭ އެއްޗަކަށް ހަދައިލައިގެން އެއުޅުނީ.]
[މި ހުރިހާ ހެކިތަކެއް މިހާރު އަހަރެމެންގެ އަތުގައި އެބަ ހުރި.] ނާއިލް ޓެބްލެޓް ދަބަހަށްލަމުން ބުންޏެވެ.
[އަމްޖަދު ކިތަންމެ ބާރަކަށް ދުވިޔަސް، މި ފަހަރު އޭނާގެ ނިމުން އޮތީ ވަރަށް ގާތުގައި.]
ކުއްލިއަކަށް، ލައިޓްހައުސްގެ މަތީ ބަޔާ ދިމާއިން ބަރު ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. ބާ ލަކުޑި ހަރުފަތްތައް މީހެއްގެ ބަރުދަނަށް ގުޑަމުންދާ އަޑެވެ. އިބްރާހީމް ވަގުތުން ބައްތި ނިއްވައިލިއެވެ. މުޅި ކޮޓަރި އަނެއްކާ ވެސް ކަނު އަނދިރިކަމުގެ ތެރެއަށް ޣަރަޤުވެގެންދިޔައެވެ.
އަނދިރީގެ ތެރެއިން، ލައިޓްހައުސްގެ އަޑިއަށްދާން ހަދާފައި ހުރި ދަގަނޑު ދޮރު ހުޅުވާލި އަޑު އިވުނެވެ. އަދި ބާރުގަދަ ބައްތިއެއްގެ ހުދު އަލިގަނޑު ކޮޓަރީގެ ފާރުތަކަށް އެޅިގެންދިޔައެވެ.
[އިބްރާހީމް ނަސީމް... ނާއިލް... ޝާހިދު...] އަމްޖަދުގެ ބަރު، ނުރައްކާތެރި އަޑު ކޮޓަރި ތެރޭގައި ގުގުމައިލިއެވެ.
[ކަލޭމެން ތިޔަ ތިބީ މަގޭ ކުރިމަތީގައި ބެދިފައި. ވަގުތުން ނިކުމޭ!]
އެންމެ ފަހުގެ މަޅި
ލައިޓްހައުސްގެ އަޑީގެ ކަނު އަނދިރިކަން ފޫއަޅުވައިލައިފައި އައި އަމްޖަދުގެ ބައްތީގެ ގަދަ އަލި ކޮޓަރީގެ އެކި ދިމަދިމާއަށް ހޫރެމުންދިޔައެވެ. އެ އަލީގެ ތެރެއިން އަމްޖަދުގެ މޫނު ފާޅުވިއިރު، އޭނާގެ ދެލޮލުން ފެންނަނީ ކޮންމެފަދަ ޖަރީމާއެއް ހިންގާން ވެސް ފަސްނުޖެހޭނެ ފަދަ ނުރައްކާތެރި ކުލަވަރެކެވެ. އޭނާގެ ކަނާތުގައި އޮތް ފިސްތޯލަ ވަނީ ކުރިއަށް އަމާޒުވެފައެވެ. އަމްޖަދުގެ ފަހަތުން ބޯދިއްކޮށްލައިގެން ހުރި ސާޖަންޓު ރާޒީ ވެސް ހުރީ ބަޑި ތައްޔާރުކޮށްގެންނެވެ.
[ނިކުމޭ! މިއީ ކަލޭމެންނަށް ދޭ އެންމެ ފަހުގެ އިންޒާރު. ކަލޭމެންގެ ހުރިހައި ރޭވުމެއް މިހާރު މި އޮތީ ފޭލުވެފައި.] އަމްޖަދު ދަތްކުނޑިވިކައިލަމުން ހަޅޭއްލަވައިގަތެވެ.
ނާއިލް އަނދިރީގެ ތެރެއިން މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އޭނާގެ އަތް ހުރީ މައްޗަށް ހިއްލާލައިގެންނެވެ.
[އަމްޖަދު... ސަރ... ހީކުރަނީ މި އަނިޔާވެރިކަމުން ހުރިހައި ކަމެއް ނިންމާލެވޭނެ ކަމަށްތަ؟] ނާއިލްގެ އަޑުގައި ބިރުވެރިކަމެއް ނެތެވެ.
[ކޮބާ އިބްރާހީމް ނަސީމް؟ ކޮބާ އެ ބާރެކޯޑަރު؟]
އެ ވަގުތު، ކޮޓަރީގެ އަނދިރި ކަނަކުން އިބްރާހީމް ނަސީމް ނިކުތެވެ. އޭނާގެ އަތުގައި ބާ ޓޭޕް ރެކޯޑަރު އޮތެވެ.
"މިއޮތީ އަމްޖަދު... ކަލޭ ތި ހޯދާ ރެކޯޑަރު މިއޮތީ. ކަލޭ މީގެ ވިހި އަހަރު ކުރިން މަގޭ ބޮލުގައި ކުށް އަޅުވައިފައި ދެއްކި ހުރިހާ ވާހަކައެއް މީގެ ތެރޭގައި އެބައޮތް.] އިބްރާހީމް ރެކޯޑަރު މައްޗަށް ހިއްލައިލިއެވެ.
އަމްޖަދުގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
[ވަރަށް ރަނގަޅު. ތިޔަ ތިންމީހުން މި ތަނުގައި މަރައިލުމަށް ފަހު، ތިޔަ ރެކޯޑަރު ހަލާކުކޮށްލީމާ، މުޅި ދުނިޔެއަށް ހީވާނީ ފިލައިގެން އުޅުނު ކުށްވެރިޔާ ހޯދާން އުޅުމުގެ ތެރޭގައި ހިނގި ކުރިމަތިލުމެއްގައި ކަލޭމެން މަރުވީ ކަމަށް. މަގޭ ސިއްރު އަބަދަށް ފޮރުވޭނެ.]
[އެކަމަކު އަމްޖަދު... ސަރ.....] ފުލުހުންގެ ވެރީންނަށް ކުރަންޖެހޭ އަދަބު އިޙްތިރާމް ކުރުން މިފަހަރު ނާއިލް ހުއްޓައިލިއެވެ.
[ކަލެއަށް ނޭނގޭ ބޮޑު މަޅިއެއްގެ ތެރެއަށް ކަލޭ ތިއައީ.] ނާއިލް ހިނިތުންވެލިއެވެ.
[ކޮން މަޅިއެއް؟] އަމްޖަދު ސިއްސައިގެން ގޮސް ވަށައިގެން ބަލައިލިއެވެ.
ނާއިލް އޭނާގެ ޖީބުގައި އޮތް ޓެބްލެޓްގެ ބަޓަނަކަށް ފިތައިލިއެވެ. އެއާ އެކު، ލައިޓްހައުސްގެ މަތީ ބަޔާ ދިމާއިން ބާރުގަދަ ފިޔަވަޅުތަކެއްގެ އަޑާ އެކު، އެތައް ބައްތިއެއްގެ އަލި ތިރިއަށް އެޅިގެންދިޔައެވެ!
[ފުލުހުން! އެންމެން ހަތިޔާރު ބަހައްޓާ!] (ނުނިމޭ)