އަސްމާ އަބޫބަކުރު
11 އޮކްޓޯބަރު 2026
(2026 އޮކްޓޫބަރު 04ވަނަ ދުވަހާ ގުޅޭ)
ނާއިލް އޭނާގެ ޖީބުގައި އޮތް ޓެބްލެޓްގެ ބަޓަނަކަށް ފިތައިލިއެވެ. އެއާ އެކު، ލައިޓްހައުސްގެ މަތީ ބަޔާ ދިމާއިން ބާރުގަދަ ފިޔަވަޅުތަކެއްގެ އަޑާ އެކު، އެތައް ބައްތިއެއްގެ އަލި ތިރިއަށް އެޅިގެންދިޔައެވެ!
[ފުލުހުން! އެންމެން ހަތިޔާރު ބަހައްޓާ!]
ލައިޓްހައުސްގެ އަޑިއަށް ވަދެގެން އައީ ފުލުހުންގެ މަރުކަޒުގެ އެހެން އިސް އޮފިސަރުންނާއި، ހަތިޔާރު އެޅި ބޮޑު ފައުޖެކެވެ. އެ މީހުން ބަޑިތައް އަމްޖަދާއި ރާޒީއަށް ދިމާއަށް އަމާޒުކުރެވިފައިވެއެވެ. އަމްޖަދަށް ފާރަލަމުން އައި ފުލުހުންގެ ޓީމު، ނާއިލް ދިން ސިއްރު ސިގްނަލަކަށް ލައިޓްހައުސް ވަށައިލީއެވެ. މަރިޔަމް ތަހުގީގު ކޮޓަރީގައި ދިން ބަޔާނާއި، ނާއިލް، ފުލުހުންގެ ސިސްޓަމަށް ދޫކޮށްލި ހެކިތަކުގެ ސަބަބުން މުޅި މުއައްސަސާ އޮތީ އަމްޖަދު ހައްޔަރުކުރާން ތައްޔާރުވެފައެވެ.
އަމްޖަދުގެ މޫނު ހުދުވެ، އަތް ތުރުތުރުލާން ފެށިއެވެ. އޭނާ ބެދުނީ އޭނާ އަމިއްލައަށް ޖެހި މަޅީގައެވެ.
ލައިޓްހައުސްގެ އަޑީގެ ހަނި ކޮޓަރި ތެރެއަށް ވެރިވެގެންދިޔައީ ބިރުވެރި، ނޭވާ ހިފަހައްޓައިލާންޖެހޭ ފަދަ ނުތަނަވަސްކަމެކެވެ. ފުލުހުންގެ ބޮޑު ޓީމެއް ބަޑިތައް ދިއްކޮށްގެން ތިބި އިރު، އަމްޖަދު ހުރީ މޮޔައެއް ފަދައިން ދެލޯ ބޮޑުވެފައެވެ. ވިހި އަހަރު ވަންދެން އޭނާ ކުޅެމުން ދިޔަ ރާޒުވާ ކުޅިބައި، މިއަދު އޭނާގެ ކުރިމަތީގައި ފުނޑުފުނޑުވީއެވެ. ނަމަވެސް، އޭނާއަކީ ލޭބޯ ހިތެއްގެ ވެރި، ނުރައްކާތެރި މުޖުރިމެކެވެ. އެހައި ފަސޭހައިން ބަލިގަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.
[ހުރިހާ އެންމެން ފަހަތަށް ޖެހޭ!] އަމްޖަދު ކުއްލިއަކަށް ހަޅޭއްލަވައިގަތެވެ.
އޭނާ ދިޔަ ހަލުވިމިނުގައި ގޮސް، އޭނާގެ ކައިރީގައި ހުރި ސާޖަންޓު ރާޒީގެ ކޮނޑުގައި ހިފައި ކުރިއަށް ދަމައިގަތެވެ. އަދި ރާޒީގެ ބޮލުގައި އަމްޖަދުގެ ފިސްތޯލަ ޖެއްސިއެވެ! އަމިއްލަ ސަލާމަތަށްޓަކައި، އޭނާގެ އެންމެ އިތުބާރު ހިފޭ އޭނާއަށް ވަފާތެރި ބައިވެރިޔާ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރީއެވެ.
[ކޮމާންޑަރު... ކޮމާންޑަރު ކިހިނެއް ތިޔަ ހަދަނީ؟ އަހަރެން ސަލާމަތްކުރޭ!] ރާޒީ ބިރުން ތުރުތުރުއަޅަމުން ހަޅޭއްލަވައިގަތެވެ. އަމްޖަދުގެ އަނިޔާވެރިކަމުގެ ހަގީގީ ރަހަ ރާޒީއަށް ފުރަތަމަ ފަހަރަށް އިހުސާސްކުރެވުނީއެވެ.
[ރާޒީ! ކަލޭގެ ބޭނުން މިހާރު ކެނޑިއްޖެ.] އަމްޖަދު ދަތްތަކަށް ބާރުލައިފައިބުނެލިއެވެ. ހަމަ އެ ވަގުތު ފަހަތުން ތިބި ފުލުހުންނާ ދިމާއަށް ބަލައިލިއެވެ.
[އެއްވެސް މީހަކު ކުރިއަށް ފިޔަވަޅެއް އަޅައިފިއްޔާ މި ބަޑީން ރާޒީގެ ސިކުނޑި ބޭރުކޮށްލާނަން! އަހަރެން ނިކުންނާން ތަންދައްކާ!]
ފުލުހުންގެ ޓީމު ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. އަމްޖަދު ރާޒީ ގޮވައިގެން މަޑުމަޑުން ހަރުފަތްތަކާ ދިމާއަށް ފަހަތަށް ހިނގާން ފެށިއެވެ. އޭނާގެ ނަޒަރު ހުރީ ސީދާ ނާއިލަށެވެ. ނާއިލް ނޭވާ ހިފަހައްޓައިލައިގެން ހުއްޓެވެ. އޭނާ ބޭނުންވީ އަމްޖަދަށް ކުޑަވެސް ފުރުސަތެއް ނުދީ، މި ކުރިމަތިލުން ނިންމައިލާށެވެ.
އަމްޖަދު ހަރުފަތްތަކާ ހަމައަށް ފޯރައި، މައްޗަށް އަރާން އުޅުނު ވަގުތު، ކޮޓަރީގެ އަނދިރި ކަނެއްގައި ހުރި ޝާހިދު ހިތްވަރުލައިފައި އޭނާގެ އަތުގައި އޮތް ކެމެރާ މައްޗަށް ހިއްލައިލިއެވެ. އަމްޖަދަށް ޝާހިދާ ދިމާއަށް ބަލައިނުލެވި އުޅެނިކޮށް، ޝާހިދު ހުރި ބާރެއްލައިފައި ކެމެރާ އެއްލީ އަމްޖަދުގެ މޫނާ ދިމާއަށެވެ!
ކްރޭޝް!
ބަރު ކެމެރާ ގޮސް ޖެހުނީ އަމްޖަދުގެ އަތުގައެވެ. އޭނާގެ އަތުން ފިސްތޯލަ ބިމަށް ވެއްޓުނު ވަގުތު، ރާޒީ އަމްޖަދުގެ އަތްދަށުން ރެކިގަތެވެ. އެ ހުޅުވުނު ސިކުންތުކޮޅުގެ ތެރޭގައި، އޮފިސަރު ނާއިލް ދުވެފައި ގޮސް އަމްޖަދުގެ މޭގައި ބާރަށް ކޮޅުފައިން ޖެހިއެވެ. އަމްޖަދު ވިއްސައިގެން ގޮސް ފާރުގައި ޖެހި ބިންމައްޗަށް ވެއްޓުނެވެ.
ވަގުތުން ފުލުހުންގެ ޓީމުން އަމްޖަދުގެ މައްޗަށް ވެރިވެގަތެވެ. އޭނާގެ ދެއަތް ފަހަތަށް އަނބުރައިލައި، ދަގަނޑު ބިޑި އެޅުވިއެވެ. އަމްޖަދު ބިމުގައި އޮވެގެން ވެސް ހަޅޭއްލަވަމުންދިޔައެވެ.
[އިބްރާހީމް! ކަލޭ ސަލާމަތެއް ނުވާނެ! ކަލޭގެ އަންހެނުން މަރިޔަމް އޮތީ މަގޭ ޖަލުގައި!]
އިބްރާހީމް ނަސީމް ކުރިއަށް ޖެހިލައި، ބިމުގައި އޮތް އަމްޖަދުގެ ކުރިމަތީގައި ކަކޫ ޖަހައިލިއެވެ. އޭނާގެ ދެލޮލުން ކަރުނަ އޮހެމުންދިޔަ ނަމަވެސް، މޫނުމަތީގައި ހުރީ ފުން ސާބިތުކަމެކެވެ.
[އަމްޖަދު... ކަލޭގެ ޖަލަކީ މިހާރު ކަލޭގެ އަމިއްލައަށް ވަންނާން އޮތް ތަން. މަރިޔަމް ސަލާމަތްވާނެ. އެކަމަކު ކަލޭގެ އަސްލު ޤާތިލު ސޫރަ މިއަދު މުޅި ރަށަށް ބޭޒާރުވެއްޖެ.]
އަމްޖަދުގެ ދެ އަތުގައި ބާރުގަދަ ދަގަނޑު ބިޑި އަޅުވައިގެން، ފުލުހުންގެ ހަތިޔާރުއެޅި ޓީމުގެ ބެލުމުގެ ދަށުން ލައިޓްހައުސްގެ އަޑީން މައްޗަށް ނެރުނެވެ. އެވަގުތު ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ލައިޓްހައުސްގެ ބޭރުގައި ފުލުހުންގެ އެތައް ޖީޕެއްގެ ރަތް އަދި ނޫ ކުލައިގެ ބޮކިތައް ދިއްލެމުން، މުޅި ސަރަހައްދު އޮތީ އަލިކޮށްފައެވެ. އަމްޖަދު ބިމަށް ބަލަހައްޓައިގެން ހުރީ އިންތިހާ ދަރަޖައިގެ ނަފުރަތާއި ބަލިގަބޫލުނުކުރުމުގެ ކުލަވަރަކާ އެކީގައެވެ.
އެ ވަގުތު، ފުލުހުންގެ މަރުކަޒުގެ މައި އިދާރާގެ ތަހުގީގު ކުރާ ބޮޑު ހޯލަށް އެންމެން އެއްވިއެވެ. ރަށުގެ ފުލުހުންގެ އިސް އެހެން އޮފިސަރުންނާއި، މުޅި މައްސަލަ ފަޅައިއަރުވައިލި އޮފިސަރު ނާއިލާއި ބޮލުގައި ފޮތިގަނޑު އަޅައިގެން ހުރި ޝާހިދު ވެސް އެ ތަނުގައި ހުއްޓެވެ. މޭޒުގެ މެދުގައި އޮތީ އިބްރާހީމް ނަސީމް މިއަދާ ހަމައަށް ފޮރުވައިގެން ގެންގުޅުނު ބާ ޓޭޕް ރެކޯޑަރެވެ.
[މިއަދު މި ރަށުގެ ރައްޔިތުންނަށް ވިހި އަހަރު ވަންދެން އޮޅުވައިލައިފައި އޮތް ބޮޑު ސިއްރުގެ ނިމުން ފެންނާނެ.] ނާއިލް ސާބިތުކަމާ އެކު ބުންޏެވެ. އޭނާ ރެކޯޑަރުގެ 'ޕްލޭ' ބަޓަނަށް ފިތައިލިއެވެ.
ރެކޯޑަރުން އިވޭން ފެށީ މީގެ ވިހި އަހަރު ކުރީގެ އެ ބިރުވެރި ރޭގެ އަޑުތަކެވެ. ކުލަބު ގުދަން ކައިރީން އިވުނު ޒުވާބެއްގެ އަޑެވެ.
[އަމްޖަދު! ކަލޭ ތިޔަ ކުރަނީ ގޯސްކަމެއް. ރަށުގެ ފަޅު ބިންތައް ސިއްރުން ވިއްކައިލައިގެން ކަލޭ ތިޔަ ހޯދި ފައިސާގެ ހަގީގަތް އަހަރެން މުޅި ރަށަށް ބޭޒާރުކޮށްލާނަން!] އެއީ މަރުވި ވިޔަފާރިވެރިޔާގެ އަޑެވެ.
[ހުއްޓައިލާ! ކަލެއަކަށް އެ ފުރުސަތެއް ނުލިބޭނެ!] އެއީ އަމްޖަދުގެ ޒުވާން، ނަމަވެސް ރޭގަނޑުގެ ހިމޭންކަން ފޫއަޅުވައިލި ނުރައްކާތެރި އަޑެވެ. އޭގެ ފަހުން އިވުނީ މީހަކު ގައިގައި ތަޅައިގަތް އަޑަކާއި، ބާރު ހަޅޭކެއްގެ އަޑެވެ. އަދި ބިމަށް މީހަކު ވެއްޓުނު އަޑެވެ.
ހޯލް ތެރޭގައި ތިބި ހުރިހާ ފުލުހުންގެ ދެލޯ ބޮޑުވިއެވެ. އަމްޖަދު ދޫކުރި ފުން ނޭވާއާ އެކު އޭނާ އިސްދަށަށް ޖަހައިލިއެވެ. ރެކޯޑިންގްގެ އަޑު ކުރިއަށްދިޔައެވެ. އޭގެ ފަސް މިނެޓު ފަހުން، ހާދިސާ ހިނގި ތަނަށް އިބްރާހީމް ނަސީމް ދިޔަ އަޑު އިވުނެވެ.
[އަމްޖަދު! ކިހިނެއްވީ؟ މިއީ ކާކު؟ ސަރ އޭނާ މަރައިލީތަ؟] އިބްރާހީމް ބިރުން ހުރެ ސުވާލުކުރިއެވެ.
[އިބްރާހީމް... އަޑުއަހާ!] އަމްޖަދުގެ މަކަރުވެރި އަޑު އިވުނެވެ.
[މިއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. އެކަމަކު މި ތަނަށް އެންމެ ފަހުން ވަނީ ކަލޭކަން ރަށުގެ މީހުން ދަންނާނެ. ކަލޭގެ ބޮލުގައި މި ކަން އެޅޭނީ. އަހަރެން މި ތަނުން ފެނުނަސް އެއްވެސް މީހަކު ޝައްކެތް ވެސް ނުކުރާނެ. އަހަރެން ކަލެއަށް އެހީވާނަން. މި މާސްކު އަޅައިގެން ވަގުތުން ރަށުން ފިލާ! މަރުވިކަމަށް ހަދައިފައި އުޅޭ. އެހެން ނޫނީ ކަލޭގެ މުޅި އުމުރު އޮންނާނީ ހަލާކުވެފައި.]
ރެކޯޑިންގް ނިމުމާ އެކު، މުޅި ހޯލަށް ވެރިވީ ފުން ހިމޭންކަމެކެވެ. ވިހި އަހަރު ކުރީގެ މަރުގެ އަސްލު ޤާތިލަކީ، އަދި އިބްރާހީމްގެ ބޮލުގައި ކުށް އަޅުވައި އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހަކީ ސީދާ އަމްޖަދުކަން ކަށަވަރުވެ ފާޅުވިއެވެ.
[އަމްޖަދު... ކަލެއަށް ދެން ދެއްކޭނެ އެއްވެސް ޢުޒުރެއް ނެތް.] ނާއިލް އަމްޖަދުގެ މޫނަށް ބަލައިލިއެވެ.
އަމްޖަދު ގަދަކަމުން ހީނގަތެވެ.
[އާނ! މަގޭ އަތުން އެ ކަން ހިނގީ. އޭނާ މަގޭ ދިރިއުޅުން ހަލާކުކޮށްލާން އުޅުނީމާ އަހަރެން އޭނާ ނައްތައިލީ. އަދި އިބްރާހީމަކީ މަގޭ ސަލާމަތަށް ބޭނުންކުރި ކުޅޭކުޅޭ އެއްޗެއް. ކަލޭމެންނަށް މަގޭ އަތުން ހުރިހާ އެއްޗެއް އަތުލެވިދާނެ. އެކަމަކު...]
[އެކަމަކު އިންސާފުގެ ކުރިމަތިން ކަލެއަކަށް ސަލާމަތެއް ނުވެވޭނެ.] ހޯލްގެ ދޮރުމަތީން އިވުނު އަޑާ އެކު އެންމެން އެދިމާއަށް ބަލައިލިއެވެ.
ދޮރުމަތީގައި ހުރީ ފުލުހުންގެ ބަންދުން މިނިވަންކުރެވުނު މަރިޔަމެވެ. އޭނާގެ ދެލޮލުން ކަރުނަ އޮހެމުންދިޔައީ އުފަލުންނެވެ. އިބްރާހީމް ނަސީމް ދުވެފައި ގޮސް މަރިޔަމްގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ. ވިހި އަހަރުގެ ބިރުވެރިކަމާއި، ފިލައިގެން އުޅުމުގެ ހިތްދަތި ދަތުރުގެ ނިމުން އައީއެވެ. އަސްލު ޤާތިލު އޭނާއަށް ޚާއްޞަ ޖަލު ގޮޅިއާ ދިމާއަށް ގެންދެވުނެވެ.
އިންސާފާއި މިނިވަންކަން
ބާވީސް އަހަރުގެ ބަރުދަން އެކުލެވޭ ކަޅު އަނދިރި ހިޔަނި، ރަށުގެ އުޑުމަތިން ފިލައިގެން ދިޔައީ ހެނދުނުގެ ރަން ދޯދިތަކާ އެކީގައެވެ. ވޭތުވެދިޔަ ދެތިން ރޭ ވެހުނު ވާރެއަށް ފަހު ފާޅުވި ސާފު ނޫއުޑުން ފާޅުވަމުން ދިޔަ ހިތްގައިމު އަލިކަން، ލައިޓްހައުސްގެ ބާވެފައިވާ ފާރުތަކުގައި އެޅިފައިވަނީ އައު ފެށުމެއްގެ ނިޝާނެއް ފަދައިންނެވެ. މިއަދު އެ ތަނަކުން ބިރުވެރިކަމެއް ނުފެނެއެވެ. އެ ތަނަކީ މިހާރު މިނިވަންކަމުގެ ރަމްޒެކެވެ.
ފުލުހުންގެ މަރުކަޒުގެ ބޭރުގައި ނޫސްވެރީންނާއި ރަށުގެ ރައްޔިތުން ތިބީ ތޮއްޖެހިފައެވެ. އެންމެންގެ ދުލުން އިވެމުންދިޔައީ އެއް ވާހަކައެކެވެ.
[އިބްރާހީމް ނަސީމްއަކީ ކުށްވެރިއެއް ނޫނެވެ. އަސްލު ގާތިލަކީ އެންމެން އިތުބާރުކުރި އަމްޖަދެވެ.] ވިހި އަހަރު ވަންދެން ރަށު ރައްޔިތުންގެ ހިތްތަކުގައި ބަދުނާމުވެފައި އޮތް ނަމެއް، މިއަދު ޝަރަފާއި އިއްޒަތާ އެކު މަގުމަތީ ހިނގައިލެވޭ ގޮތްވީއެވެ. ނޫސްތަކުގެ ފަލަ ސުރުޚީގައި އޮތީ އެންމެ ވާހަކައެވެ. ވިހި އަހަރުކުރީން ހިނގި މަރުގެ ޙާދިސާގެ އަސުލު ޙަޤީޤަތެވެ.
ފުލުހުންގެ މަރުކަޒުގެ ބޮޑު ދޮރުން ފުރަތަމަ ނިކުތީ އޮފިސަރު ނާއިލެވެ. އޭނާގެ ފަހަތުން، އަތުގުޅައިލައިގެން ނިކުތީ އިބްރާހީމް ނަސީމާއި އޭނާގެ ވަފާތެރި އަނބިމީހާ މަރިޔަމެވެ. އިބްރާހީމްގެ މޫނުމަތީގައި މިއަދު އެއްވެސް މާސްކެއް ނެތެވެ. އޭނާގެ ހަގީގީ މޫނުން ފާޅުވަމުންދިޔައީ އަހަރުތަކަކަށް ފަހު ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކަރުނައިގެ އަސަރެވެ. މަރިޔަމް ހުރީ އުފަލުން ފުރިފައިވާ ދެލޮލުން ފިރިމީހާގެ މޫނަށް ބަލަހައްޓައިގެންނެވެ.
[އިބްރާހީމް. މިއަދު ކަލޭ ތިޔައީ މިނިވަނެއް. ކަލޭގެ ބޮލުގައި އެޅިފައި އޮތް ހުރިހައި ދޮގު ތުހުމަތުތަކެއް ކޯޓުން ވަނީ ވަގުތުން ބާތިލްކޮށްފައި.] ނާއިލް ހިނިތުންވެލަމުން އިބްރާހީމްގެ ކޮނޑުގައި އަތްބާއްވައިލިއެވެ.
[ޝުކުރިއްޔާ ނާއިލް... ނާއިލް ހިތްވަރާ ނުލައި އަހަރެމެންނަކަށް މި ދުވަހެއް ނުފެނުނީސް.] އިބްރާހީމްގެ އަޑުގައި ވަނީ އުފާވެރިކަމެވެ.
އެ ވަގުތު، އެ މީހުންގެ ކުރިމަތީގައި ހުއްޓުނީ ބޮލުގައި ހުދު ފޮތިގަނޑެއް އަޅައިގެން ހުރި އަލީ ޝާހިދެވެ. އޭނާގެ އަތުގައި އައު ކެމެރާއެއް އޮތެވެ. ޝާހިދުގެ ބޮލަށް އަމްޖަދު ދިން ހަމަލާގެ ރިހުން އަދިވެސް ހުއްޓެއްކަމަކު، އޭނާގެ ހިތުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ.
[އިބްރާހީމް ބޭބޭ... މަރީ ދައްތާ...] ޝާހިދު ހިނިތުންވެލިއެވެ. [އަހަރެން ނެގި އެންމެ ފޮޓޯއަކުން ބޭބެގެ ދިރިއުޅުން ބޮޑު ތޫފާނެއްގެ ތެރެއަށް ވެއްޓުނީތީ އަހަރެން މަޢާފަށް އެދެން.]
[ނޫން ޝާހިދު!] މަރިޔަމް ކުރިއަށް ޖެހިލައި ޝާހިދުގެ އަތުގައި ހިފައިލިއެވެ. [ޝާހިދު ނެގި އެ ފޮޓޯއަކީ އަހަރެމެންނަށް މިނިވަންކަމުގެ މަގު ދައްކައިދިން އުންމީދުގެ ހުޅުކޮޅު. ޝާހިދު ތިޔައީ ޙަގީގީ ބަތަލަކީ.]
ޝާހިދު ކެމެރާ މައްޗަށް ހިއްލާލިއެވެ. [އެހެންވީމާ، މި އައު މިނިވަން ދިރިއުޅުމުގެ ފުރަތަމަ ފޮޓޯ ނަގާން އަހަންނަށް ފުރުސަތެއްދީ.]
އިބްރާހީމްގެ އަތުން މަރިޔަމް ގާތްކޮށްލަމުން ކެމެރާގެ ލެންސަށް ބަލައިލިއެވެ.
ކްލިކް! ޝަޓަރުގެ އެ އަޑާއެކު، ވިހި އަހަރުވީ ބިރުވެރިކަމުގެ ސިލްސިލާ އަބަދުގެ އަބަދަށް ތާރީޚުގެ ސަފުހާތަކުގެ ތެރޭގައި ވަޅުލެވިގެންދިޔައެވެ.
އޮފިސަރު އަމްޖަދާއި ސާޖަންޓު ރާޒީއަށް ކޯޓުން އިއްވީ އުމުރު ދުވަހުގެ ޖަލު ޙުކުމެކެވެ. އެ މީހުން ޖެހި މަޅީގައި އެ މީހުން އަބަދަށް ބެދުނީއެވެ. އިބްރާހީމާއި މަރިޔަމް އެނބުރި ދިޔައީ އެ މީހުންގެ އައު، ހަމަހިމޭން ދިރިއުޅުމަށެވެ. މި ފަހަރު އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. އެއްވެސް މާސްކެއް ނުލައެވެ. ހަމައެކަނި ތެދުވެރި ލޯތްބާއި މިނިވަންކަމުގެ ސާފުވައިގެ ތެރޭގައެވެ. (ނިމުނީ)