ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
30 ސެޕްޓެންބަރު 2026
ކައުންސިލްގެ ފޯނު ރަނގަބީލު ވާން ފަށައިފިއެވެ. އެ ވަގުތު ފޯނު އޮޕަރޭޓަރު ފޯނު އަތްގަނޑު ނެގިއެވެ. ދެން، ފޯނުގެ އަނެއް ކޮޅުގައި ހުރި މީހަކު ބުނާ އަޑު އިވުނެވެ. "ރޭގެ ކޮޅިގަނޑާއި ވާރޭގެ ސަބަބުން މަގު މެދަށް ރުކެއް ވެއްޓިފައި އެބަ އޮތެވެ. އަދި، އެހެންވެގެންކަން ވެސް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް މަގުގައި ވަޅުލައިފައި އޮތް ފާޚާނާ ހޮޅިއެއް ފަޅައިގެން ގޮސް، މަގު މައްޗަށް ނަޖިސް ލީކުވަމުން ވެސް އެބަ ދެއެވެ."
ފޯނު އޮޕަރޭޓަރު އެއީ ކޮން އަވަށެއްކަމާއި ކޮން މަގެއްކަން ނޯޓުކުރިއެވެ. އަދި، އަންގާންވީ ފަރާތަށް އެ ކަން އެންގިއެވެ.
ދެން، މަސްއޫލު ވެރިޔާ މައްސަލަ މަތީ އިދާރާއަކަށް ހުށަހެޅިއެވެ. އެ އިދާރާއިން ބުނި ގޮތުގައި، އިދާރާގެ މަސައްކަތް އޮތީ ވަގުތީ ގޮތުން ހުއްޓިފައެވެ. ކަމާ ބެހޭ ބޮޑެތި ބޭފުޅުން ޗުއްޓީއެއްގައި ވުމުންނެވެ.
އޭގެ މަސް ދުވަސް ފަހެވެ. ކަމާ ބެހޭ ބޭފުޅުން ޗުއްޓީއިން އެނބުރި ވަޑައިގެންފިއެވެ. އަދި، ވެއްޓިފައިވާ ރުކާއި ފަޅައިގެން ގޮސްފައިވާ ފާޚާނާގެ މައްސަލަ ބަލާން ފެށުނެވެ. ތިން ދުވަހުގެ ބަހުސަކަށް ފަހު، ނިމުނީ މިއީ ވަރަށް އަވަހަށް ހައްލުކުރާން ޖެހޭ މައްސަލައެއް ކަމެވެ. ދެން، މައްސަލަ ބީލަމަށް ލާން އިއުލާނުކުރެވުނެވެ. ބީލަމުގެ ކަންތައް ނިންމުމަށް އިތުރު ދެ މަސް ދުވަސް ހޭދަވިއެވެ. ބީލަން ކާމިޔާބު ކުރި ފަރާތް އިއުލާނުކުރުމުން، ބީލަން ނާކާމިޔާބުވި އަނެއް ދިހަ ފަރާތުން މައްސަލަޖެއްސިއެވެ. ދެން، އެ މައްސަލަ ބަލާން އިތުރު ތިން މަސް ނެގިއެވެ. އެ ކަން ހައްލުވެ، ކުރީން ވެސް ބިޑު ކާމިޔާބު ކުރި ފަރާތަށް ބީލަން ދޭން ނިންމިއެވެ. އަދި، އެ ފަރާތުން ކަމަށް ދާނެ ޚަރަދު ހޯދުމަށް އެދުނެވެ.
އެ ހިސާބުން މައްސަލަ ފައިސާއާ ބެހޭ އިދާރާއަށް ހުށަހެޅުނެވެ. ފައިސާއާ ބެހޭ އިދާރާއިން އެންގީ މަސައްކަތުގެ އަގު މާ ބޮޑުކަމެވެ. ދެން، ބީލަން ކާމިޔާބުކުރި ފަރާތާ ވާހަކަދައްކައިގެން އެންމެން ހިތްހަމަޖެހޭ އަދަދެއް ކަނޑައެޅުމުން، މަސައްކަތް ކުރިއަށް ގެންދާން ނިންމުނެވެ.
ދެން، ބީލަން ކާމިޔާބު ކުރި ފަރާތުން މަސައްކަތުގެ ސައިޓަށް ގޮސް އެ ތަން ބެލި އިރު، މިހާރު މުޅި މަގު ވެސް އޮތީ ހަލާކުވެފައެވެ. އެހެންވެ، އިތުރު މަސައްކަތާއި އިތުރު ފައިސާ ބޭނުންވިއެވެ. އެހެންވެ، އެ ކަމުގެ ތަފުސީލު ކަމާ ބެހޭ ފަރާތްކަމުގައިވާ ކައުންސިލަށް އަލުން ހުށަހެޅިއެވެ. އާ ހުށަހެޅުން ބަލައިގަތްކަމުގެ ލިޔުމެއް ބީލަން ކާމިޔާބުކުރި ފަރާތަށް ލިބުނެވެ. އަދި، އެ ލިޔުމާ އެކު ނޯޓެއް ވެސް އޮތެވެ. ކައުންސިލްގެ ރައީސް އަމިއްލަފުޅު ދަތުރެއްގައި ބޭރަށް ވަޑައިގެން ވުމުން، މައްސަލަ ކުރިއަށް ގެންދެވޭނޭ ގޮތެއް މި ވަގުތު ނެތް ވާހަކައެވެ. އަދި، އެ މަނިކުފާނު އެނބުރި ވަޑައިގަތްހާ އަވަހަކަށް މައްސަލަ ބަލައި ޖަވާބު ދެވޭނޭކަމުގެ ޔަގީންކަން ދެވިފައި ވެސް އެ ނޯޓުގައި އޮތެވެ.
ދެން، ހެއްޔެވެ؟ މަގު މެދުގައި ރުށް އެ އޮތް ގޮތަށް އޮތެވެ. ފާޚާނާތަކުގެ ނަޖިސް މަގު މައްޗަށް ލީކު ވަމުން ދެއެވެ. މީސްތަކުން ވެސް އެ މީހުންނަށް އުޅެވޭން އޮތް ގޮތަކަށް އުޅެމުން ގެންދެއެވެ. އެ ހާދިސާ ހިނގިތާ ދެ އަހަރުވީ އިރު ވެސް މައްސަލަ އަދި ހައްލެއްނުކުރެވެއެވެ! (ނިމުނީ)