ad_banner
އެންމެ ޢިބާރާތެއްގެ މާނައިގައި ބޮޑު ތާރީޚެއް

އޒ. އިބްރާހީމް ރަޝީދު މޫސާ

28 އޯގަސްޓް 2026

މި ދުވަސްވަރަކީ ކީރިތި ރަސޫލާގެ މަތިވެރި މައުލިދާ ބެހޭ ގޮތުން އިސްލާމީ ދުނިޔޭގައި  ވާހަކަދެކެވެމުންދާ ދުވަސްތަކެކެވެ. އެއީ މުހިންމު ޒިކުރާއަކަށް ވާތީއެވެ. އެކަލޭގެފާނުގެ މައުލިދާ ބެހޭ ގޮތުން އެންމެ އަޖައިބުވަނިވި ކަމަކީ ޚުދު އެކަލޭގެފާނު އެ ކަމަށް އިޝާރާތްކުރެއްވުމެވެ. މޫސުމީ އިޙުތިފާލެއްގެ ވެށްޓެއްގައެއްނޫނެވެ. އެކަލޭގެފާނުގެ ވަސްމީރު ސީރަތު ކިޔުމުގެ ތެރެއަކުނޫނެވެ. ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ މައުލިދަށް އިޝާރަތްކުރައްވައިފައިވަނީ އެކަލޭގެފާނު ކޮންމެ ހޯމަދުވަހަކު ރޯދަފުޅުހިއްޕަވާތީ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވުމުގެ ތެރޭގައެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ޤަތާދަތުލްއަންޞާރީގެފާނު އަރިހުން ރިވާވެގެންވެއެވެ. ((ރަސޫލާ صلى الله عليه وسلم ހޯމަދުވަހު ރޯދަފުޅު ހިއްޕަވާތީ އެކަމާ ބެހޭގޮތުން ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ: فيه وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ   - ތިމަންކަލޭގެފާނު އުފަންވެވަޑައިގަތީ އެ ދުވަހުގައެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވުނީ އެ ދުވަހުގައެވެ.)) މަދު ކަލިމަކޮޅެކެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ބަސްފުޅުގައި އެކަލޭގެފާނުގެ މުޅި ސީރަތުގެ ޚުލާޞާ ވެއެވެ. ލާސާނީ ބަޔާނެކެވެ: މައުލިދެވެ... އެއަށްފަހު ވަޙީއެވެ.

އިބްނު ޙިއްބާނުގެ ރިވާޔަތް ތަންކޮޅެއް ދިގެވެ. މި ރިވާޔަތުގައި އައިސްފައިވާ ގޮތުގައި ((ރަށްފުށުގެ އަރަތްބަކު މުޅި އަހަރު ރޯދަހިފުމާ ބެހޭ ގޮތުން ރަސޫލާ صلى الله عليه وسلم އާ ސުވާލުކުރުމުން ޙަދީސް ކުރެއްވިއެވެ. ((لا صام ولا أفطَر) أو قال: (لا أفطَر ولا صام فقام غيرُه فقال: يا رسولَ اللهِ أرأَيْتَ رجلًا يصومُ مِن كلِّ شهرٍ ثلاثةَ أيّامٍ؟ قال: ذاك صومُ الدَّهرِ، قال: أرأَيْتَ رجلًا يصومُ يومَ الاثنينِ؟ قال:  ذاك يومٌ وُلِدْتُ فيه ويومٌ أُنزِل علَيَّ،  قال: أرأَيْتَ رجلًا يصومُ يومًا ويُفطِرُ يومًا؟ قال:  ذاك صومُ أخي داودَ  - އޭނާ ރޯދައެއް ނުހިތެވެ. އަދި ރޯދައެއް ނުވީއްލަތެވެ. ( ނުވަތަ ޙަދީސްކުރެއްވިއެވެ.) އޭނާ ރޯދައެއް ނުވީއްލަތެވެ. އަދި ރޯދައެއް ނުހިފަތެވެ. ފަހެ އެހެންމީހަކު ތެދުވެ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފާ މީހާއާމެދު ވިދާޅުވާނީ ކީކޭތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ މުޅި އަހަރު ރޯދަހިފުމެވެ. އެހެން މީހަކު ދެންނެވިއެވެ. ކޮންމެ ހޯމަދުވަހަކު ރޯދަހިފާ މީހާއާމެދު ވިދާޅުވާނީ ކީކޭތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ތިންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި އެއީ ތިމަންކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވުނު ދުވަހެވެ. އެހެން މީހަކު ދެންނެވިއެވެ. ދެ ދުވަހުން އެއްދުވަހު ރޯދަހިފާ މީހާއާމެދު ވިދާޅުވާނީ ކީކޭތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ތިމަންކަލޭގެފާނުގެ އަޚު  ދާވޫދުގެފާނު ރޯދަފުޅު ހިއްޕެވި ގޮތެވެ.))

އިބްނު ޚުޒައިމަތުގެފާނުގެ ރިވާޔަތަށް ބަލާއިރު ޢިބާރާތް ކުޑަކޮށް ތަފާތެވެ. އެކަމާމެދު ވިސްނައިލަން ޖެހެއެވެ. ((بينَما نحنُ عندَ رسولِ اللَّهِ صلّى اللَّهُ عليهِ وسلَّمَ، أقبلَ علَيهِ عمرُ، فَقالَ: يا نبيَّ اللَّهِ، صومُ يومِ الاثنينِ؟ قالَ: يومٌ وُلِدتُ فيهِ، ويومٌ أموتُ فيهِ  - އަހުރެމެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިއްބަވަނިކޮށް ޢުމަރުގެފާނު ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ނަބިއްޔާއެވެ! ހޯމަދުވަހު ރޯދަހިފުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ އެކަލޭފާނު ޙަދީސްކުރެއްވިއެވެ. އެއީ އެ ދުވަހެއްގައި ތިމަންކަލޭގެފާނު އުފަންވެވަޑައިގަތް ދުވަހެވެ. އަދި އެއީ އެ ދުވަހެއްގައި ތިމަންކަލޭގެފާނު އަވަހާރަވާނޭ ދުވަހެވެ.)) ވަކީޢުގެ ރިވާޔަތުގައި އައިސްފައިވާ ޢިބާރާތަކީ ((فيه وُلدت، وفيه أُوحي إليَّ  - އެއީ އެ ދުވަހެއްގައި ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި އެއީ އެ ދުވަހެއްގައި ތިމަންކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވުނު ދުވަހެވެ.))

އައްތިރްމިޛީގެ ރިވާޔަތުގައި ވެއެވެ. ((سُئِلَ النبي  -  ﷺ عن صومِه يومي الاثنينِ والخميسِ قال: إنهما يومانِ تُعرَضُ فيهما الأعمالُ على اللهِ، فأُحبُّ أن يُعرضَ عملِي وأنا صائمٌ  - ހޯމަދުވަހާއި ބުރާސްފަތިދުވަހު ނަބިއްޔާ صلى الله عليه وسلم ރޯދަފުޅު ހިއްޕަވާތީ އެ ދެ ދުވަހު ރޯދަފުޅު ހިއްޕަވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ޙަދީސްކުރެއވިއެވެ. ހަމަކަށަވަރުން އެ ދެ ދުވަހުގައި ﷲގެ ޙަޟުރަތަށް ޢަމަލުތައް ހުށައެޅޭނެއެވެ. ފަހެ ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ތިމަންކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ހުށައެޅުމަށް ލޯބިފުޅުކުރައްވަމެވެ.))

އެއް ދުވަހުގައި ހަތަރު ދޮރުކޮޅެއް

މި ރިވާޔަތްތައް އެއްކޮށްލައިގެން ކިޔައިލައިފިނަމަ އަދި މި ރިވާޔަތްތަކަށް އިބްނު ޚުޒައިމާގެ ރިވާޔަތުގައި އައިސްފައިވާ ބަސްފުޅު (ويوم أموت فيه – އަދި އެ ދުވަހުގައި ތިމަންކަލޭގެފާނު އަވަހާރަވާނެއެވެ.) އިތުރުކޮށްލައިފި ނަމަ ޒަމާނާ ގުޅިފައިވާ ރިވެތި އަދި ވަރަށް ދިގު ރޮނގެއް ދަމައިލެވޭނެއެވެ.

- އުފަންވެވަޑައިގަތުން

- އެއަށްފަހު ވަޙީ ބާވައިލެއްވުން

- މަސައްކަތްޕުޅުތައް ހުށައެޅުއްވުން

- ސުވަރުގެވަޑައިގަތުން

(ހަތަރު ކަމެކެވެ: އުފަންވުން – ވަޙީ – ޢަމަލު – މަރުވުން)

ކީރިތި ރަސޫލާގެ ނަބަވީ ހޫލަ އަޅުގަނޑުމެންނަށް މި ބަޔާންކޮށްދެނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ބުރެވެ. މި ބުރު ފެށެނީ (މައުލިދު) އިންނެވެ. އެއީ އެކަލޭގެފާނުގެ އިންސާނީ ޙަޔާތްޕުޅުގެ ފެށުމެވެ. މެދުތެރެއިން އަންނަނީ އެކަލޭގެފާނުގެ " ރިސާލަތު" ގެ ދައުރެވެ. މި ދައުރު ފެށެނީ " ވަޙީ ބާވައިލެއްވުން " އިންނެވެ. އެއަށްފަހު އައީ (ޢަމަލާއި މި ޢަމަލު ހުށައެޅުމުގެ ) ދައުރެވެ. މި ބުރު ނިމެނީ ( މަރު) ންނެވެ. އެއީ ލާޒިމު ކަމެކެވެ. ކޮންމެ ފުރާނައަކަށް ކުރިމަތިލާންޖެހޭނެ ކަމެކެވެ. މިއިން އެނގެނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ބަލާއިރު ހޯމަދުވަހަކީ އާދައިގެ ދުވަހެއްނޫންކަމެވެ. އެއީ އެކަލޭގެފާނުގެ ޢުމުރުފުޅު ރިވެލިކޮށްދޭ ލޯގަނޑުކަމެވެ. 

ކައު ރަސޫލާގެ މި ކުރުކުރު ބަސްފުޅުތަކުން ފާޅުވާ އެންމެ ފުން ދިލާލަތަކީ އިންސާނާގެ ޙަޔާތުބުރުގައި މުހިންމު ކަމަކީ ވިހެއުންނޫން ކަމެވެ. އަދި މަރުވުން ވެސް ނޫން ކަމެވެ. ( މައުލިދާއި މަރުވުމުގެ ދެ ދޮރޯށި ދެމެދުގައި ) ކުރާ ޢަމަލުތަކެވެ.އެކަލޭގެފާނުގެ މައުލިދާއި ސުވަރުގެވަޑައިގަތުމާ ދެމެދު ގުޅުއްވައިފައި ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުތަކުންނެވެ. މި ޢަމަލުފުޅުތައް ރޯދަފުޅަށް ހުންނަވައިގެން ﷲއަށް ހުށައެޅުއްވުމަށް އެކަލޭގެފާނު  ޝައުޤުވެރިވެ ވަޑައިގަތުމެވެ.ޢުމުރާ ބެހޭގޮތުން ( ޒަމާނާ ބެހޭގޮތުން ) އެކަލޭގެފާނާ ކުރެވުނު ސުވާލަށް ދެއްވި ޖަވާބުން އުނގަންނާދެއްވީ ފިލާވަޅަކީ: މަރު އައިސް ދޮރުތައް ބަންދުކުރުމުގެ ކުރިން ޞާލިޙު ޢަމަލުން ޙަޔާތް ވުނަކުރަންޖެހޭނެއެވެ. 

ދިރިހުރި ހަނދާނެއް

ނަބަވީ މައުލިދާ ބެހޭގޮތުން އައިސްފައިވާ މި ޞައްޙަ ބަސްފުޅުތައް ކުރު ނަމަވެސް އޭގެ މާނަތައް ވަރަށް ފުނެވެ. އޭގެ ބަރުދަން ވަރަށް ބޮޑެވެ. ކުޑަކުޑަ ކަލިމައެކެވެ. «فيه» އެވެ. އެ ދުވަހެއްގައެވެ. އާދެ!  (فيه وُلدت... وفيه أُنزِل عليَّ، وفيه أموت)  އެ ދުވަސް މި އިޝާރާތް ކުރަނީ ހޯމަދުވަހަށެވެ. ލިޔުންތެރީންގެ ބަސްމަގުން މި މުނާސަބާ ފަލައެއް ނުކުރައްވައެވެ.  " ހަމަކަށަވަރުން ހޯމަދުވަހަކީ ވަރަށް މަތިވެރި މާތް ދުވަހެކެވެ. އެ ދުވަހަކީ ތިމަންކަލޭގެފާނު އުފަންވެވވަޑައިގެން ދުވަސް ކަމުގައި ވާތީއެވެ. " މި ގޮތަކަށް ވިދާޅެއް ނުވެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވީ «فيه» އެވެ. އެދުވަހުގައެވެ. ތިމަންކަލޭގެފާނު އެފަންވެ ވަޑައިގަތީ އެ ދުވަހުގައެވެ. އެއާ ވިދިގެން ޙަދީސްކުރެއްވީ «وفيه أُنزِل عليَّ» - އަދި ތިމަންކަލޭގެފަނުގެ މައްޗަށް ވަޙީ ބާވައިލެއްވުނީ އެ ދުވަހުގައެވެ. -  އެހެންކަމުން މި ދުވަސް ވެގެން މި ދިޔައީ މުހިންމެ ދުވަހަކަށެވެ. މުހިންމު ދެ ކަމެއް އެ ދުވަހުގައި ހިނގައިފައި ވާތީއެވެ. އެއީ ވަރަށް  މުހިންމު ކަންވާރެކެވެ. މި ކައުނުގެ މުހިންމު ދެ ހާދިސާއެއް ހިނގީ އެ ދުވަހުގައި ކަމަށް ވީތީއެވެ. މި ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ކައު ރަސޫލާގެ މައުލިދާއި އެކަލޭގެފާނުގެ ރިސާލަތާއި (ބާވައިލެއްވުނު ވަޙީ ބަސްފުޅު) އެކަލޭގެފާނު ސުވަރުގެވަޑައިގެންފުމަށް ދާންދެން މި ދީނަށް ޓަކައި ކުރެއްވި ޢަމަލުފުޅުތަކެވެ. އެކަލޭގެފާނުގެ މާތް ސީރަތެވެ.

ކީރިތި ރަސޫލާ  صلى الله عليه وسلم އެކަލޭގެފާނުގެ މައުލިދާއި އެކަލޭގެފާނުގެ މައްޗަށް  ބާވައިލެއްވި ވަޙީ ގުޅުއްވައިލެއްވި ލެއްވުމަކީ ހަމަ އެހެން އޮވެފައި ހިނގި ދެ ޙަދިސާއެއްނޫނެވެ. އެ ދެ ކަންތައް ގުޅިފައިވަނީ އިލާހީ މަތިވެރިކަމާއި އިންސާނީ ފުރިހަމަކަމާއެވެ. ފުރަތަމަ ކަމަކީ އިންސާނެއްގެ އުފަންވުމެވެ. ދެވަނަ ކަމަކީ ﷲގެ ހޮއްވެވުމެވެ. އިޚްތިޔާރުކުރެއްވުމެވެ ރައްބާނީ ވަޙީއެވެ. ފުރަތަމަ ކަމަކީ އިންސާނީ ދުނިޔޭގައި ވުޖޫދުވުމެވެ. ދެވަނަކަމަކީ ރަސޫލެއްގެ ގޮތުގައި ފާޅުކުރެއްވުމެވެ.

ޝުކުރުވެރިވުން

ނަބިއްޔާ صلى الله عليه وسلم  އެކަލޭގެފާނުގެ މައުލިދުގެ ވާހަކަފުޅު ދައްކަވައިފައި މި ވަނީ ތާރީޚީ ޚަބަރެއް ދެއްވާކަށެއްނޫނެވެ. އެކަލޭގެފާނު އެ ވާހަކަފުޅު ދައްކަވައިފައި މި ވަނީ އެ ދުވަހު ރޯދަފުޅު ހިއްޕެވުމުގެ ސަބަބު ބަޔާންކޮށްދެއްވުމަށެވެ. މި ކަން އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭނެއެވެ. އެކަލޭގެފާނު އެ ދުވަހު ރޯދަފުޅު ހިއްޕެވީ މި ދުވަހު އެކަލޭގެފާނު  އުފަންވެވަޑައިގަތީތީއެވެ. މި ނިޢުމަތަށް ޝުކުރުވެރިވެވަޑައިގަތުމަށް ޓަކައެވެ.

ކީރިތިރަސޫލާގެ މި ޙަދީސްފުޅުތަކަކީ ޢިބްރަތުގެ ގުލްހާރެކެވެ. ފުރަތަމަ ބަސްފުޅުގައި އޮތީ «فيه وُلدت އެއީ ތިމަންކަލޭޢޭގެފާނު އުފަންވެވަޑައިގަތް ދުވަހެވެ.» ދެވަނަ ބަސްފުޅުގައި އޮތީ އެއީ «تُعرض الأعمال ޢަމަލުތައް ހުށައެޅޭ ދުވަހެވެ.» ފުރަތަމަ ބަސްފުޅަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފެށުމެވެ. ދެވަނަ ބަސްފުޅަކީ ޙަޔާތުގެ މޭވާއެވެ. ފުރަތަމަ ބަސްފުޅު ހަނދާންކޮށްދެނީ އުފަންވުމެވެ. ދެވަނަ ބަސްފުޅު ހަނދާންކޮށްދެނީ އިންސާނާ އޭނާގެ ޙަޔާތުގެ ދަތުރުގައި ކުރާ މަސައްކަތްތަކެވެ.

ކޮމެންޓު