Advertisement

ދާން އުޅެއުޅެ ނުދެވުނު ރަށެއް

19 Jan 2024 | 19:17
ރާއްޖޭގެ އަތޮޅެއްގެ ރަށެއް: މިއީ ދާން އުޅެއުޅެ ވެސް ނުދެވުނު ރަށެކެވެ. މި ރަށުގައި ވަރަށް ކަށިކެޔޮ ގިނަކަމަށް މަޢުލޫމާތު ލިބެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒިޒު ޖަމާލު އަބޫބަކުރު

1976 އޭޕްރީލް މަހުން ފެށިގެން 2019 ޖުލައި މަހާ ހަމައަށް އަޅުގަނޑު އުޅެމުން އައީ ދައުލަތުގެ ކޮންމެވެސް ވަޒީފާއެއްގައެވެ. މަތީތަޢުލީމަށް ޓަކައި މެދުކެނޑުނު ދެތިންހަތަރު އަހަރެއް ފިޔަވައެވެ. ދައުލަތުގައި އަދާކުރި ވަޒީފާތަކާއި ފުރި މަގާމުތަކުގެ ސަބަބުން ވަރަށް ގިނަ ގައުމުތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަދި ރާއްޖޭގެ މަދު ރަށެއް ފިޔަވައި ހަމަ ހުރިހާ ރަށަކަސް ވެސް ދެވުނެވެ. ނުދެވޭ ރަށްރަށް އަތުގެ އިނގިލިތަކުން ވިޔަކޮށްލެވޭހައި މަދެވެ. ނުދެވި ހުރި މަދު ރަށަކަށް ވެސް ނުދެވި ހުރީ އެ ރަށަކަށް ދާނެ ފަހި ފުރުޞަތެއް އަދި ނުލިބޭތީއެވެ. ނުވަތަ ކަމާ ކަންފަށައި ދާން މަސައްކަތް ނުކުރެވޭތީއެވެ. ނަމަވެސް ދާން އެތައް ފުރުޞަތުތަކެއް ލިބި އަދި ދާން މަސައްކަތްކޮށް ނުދެވުނު ރަށެއް އެބަ އޮތެވެ. އެއީ ވަރަށް ޚާއްޞަ ރަށެކެވެ. އެ ރަށް އަޅުގަނޑަށް ޚާއްޞަވީ މި ސަބަބާ ހުރެއެވެ.

އާދޭހެވެ! އަޅުގަނޑަށް ނުދެވިގެން މި އުޅެނީ ވަރަށް ޚާއްޞަ ރަށަކަށެވެ. މި ރަށަކީ ރަށް އޮންނަ އަތޮޅުގެ އެހެން ރަށްރަށާ ޚިލާފަށް ކަށިކެޔޮ ގިނަ ރަށެކެވެ. އެހެންވެ، މި ރަށުގެ ކުޅިވަރު ސަޕޯޓަރުންނަށް ވަނަމަކަށް "ކަށިކެޔޮ މީހުން"ނޭ ކިޔައި އުޅޭކަމަށް ބުނެވެއެވެ. މި ރަށުގައި ހުންނަ ހުކުރު މިސްކިތާއި އިސްކޫލު ގޯތިތެރޭގައި އޮންނަ ހިރިގަލު މުޑަކީ އާސާރީ ގޮތުން މުހިންމު ތަންތަންކަމަށް ކިޔައި އުޅެއެވެ. މި ރަށުގެ ކައިރީގައި، ވަރަށް މަޝްހޫރު ޑައިވުކުރާ ތަނެއް ވެސް އޮވެއެވެ. މިއީ، ފަތުރުވެރީންގެ މަޤުބޫލުކަން ލިބިފައިވާ ތަނެކެވެ. ބޮޑުމިނުގައި 30.3 ހެކުޓަރު ހުންނަ މި ރަށުގެ އާބާދީއަކީ ސަރުކާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ދިޔަ އަހަރުގެ ނިޔަލަށް 415އެވެ. މީގެ އިތުރަށް 101 ބިދޭސީއަކު ވެސް އެ ރަށުގައި މިހާރު ދިރިއުޅޭކަމަށްވެއެވެ. މި ރަށު ރަށު ކައުންސިލްގައި ރައީސާއި ނާއިބު ރައީސާއެކު ފަސް މެންބަރުން ތިއްބަވައެވެ. އޭގެ ތެރެއިން ދެ މެންބަރުންނަކީ އަންހެން ބޭފުޅުންނެވެ. މި ހުރިހައި މެންބަރުން ވެސް ނިސްބަތްވެވަޑައިގަންނަވަނީ އެންމެ ޕާޓީއަކަށެވެ. މިއީ ކޮން ރަށެއްކަން ފަހުން އެބަ ބަޔާންކުރަމެވެ.

މި ދެންނެވި ރަށަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ޅެންވެރިއަކު އެ ރަށަށް ނިސްބަތްވާ ރަށެކެވެ. އެ ޅެންވެރިޔާ މިހާރު ވަނީ ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފައެވެ. މާތް ﷲ އޭނާއަށް ރަޙުމަތްލައްވާށިއެވެ!

މި ދެންނެވި ރަށް އޮންނަ އަތޮޅުގެ އަތޮޅު އޮފީސް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ވާޖިބު ވެސް ދުވަސްގަނޑަކު އަޅުގަނޑު އަދާކުރީމެވެ. މި ދެންނެވީ 2008ގެ ޤާނޫނު އަސާސީ ވުޖޫދަށް އައުމާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. އޭގެ ދެ އަހަރެއްގެ ކުރީންނެވެ. އެހެންކަމުން ރަށްރަށުގައި އިސްކޮށް ތިއްބަވަނީ ކަތީބުންނެވެ. ނަމަވެސް ރައްޔިތުން ހޮވައިފައި އޮންނަ ރަށްކުރިއެރުވުމަށް އެހީވާ ކޮމެޓީއެއް އޮވެއެވެ. މިއީ ސިޔާސީ ގޮތުން މުޖުތަމަޢު ވަރަށް ހަލަބޮލި ދުވަސްވަރެއްކަން ފާހަގަކޮށްލަމެވެ.

އެ އަތޮޅުގެ ރަށްރަށަށް އަޅުގަނޑު ކުރި ދެތިން ދަތުރުގައި ވެސް މި ދެންނެވި ރަށަށް ދާން ނިންމައިގެން ރަށާ ގޮނޑުކުރީމެވެ. ކައިރިކުރީމެވެ. އޭރު އެ ރަށުގައި ބަނދަރެއް ނޯވެއެވެ. ރަށަށް ލަފާން ޖެހެނީ ކުޑަ ބޮއްކުރައެއްގައެވެ. ކޮންމެ ފަހަރަކު ވެސް ކަތީބު ވިދާޅުވަނީ ރާޅު ހުރި ގޮތުން ރާޅުން ސަލާމަތްކޮށްގެން ރަށަށް ބޭލޭނެކަމުގެ ޔަގީންކަން ދެއްވާން ކެރިވަޑައިނުގަންނަވާނޭކަމަށެވެ. އެހެންކަމުން ތެމިގެން ފައިބާން ބޭނުން ނުވީތީ ނުފައިބައި ދެވެނީއެވެ. އެހެން ދަތުރަކުން އެ ރަށަށް ދާން ޢަޒުމުކަނޑައަޅައިގެންނެވެ. ކޮންމެއަކަސް އެ އަތޮޅުގައި ހޭދަކުރެވުނު ހަތަރުވަރަކަށް މަސްދުވަހުގެ ތެރޭގައި އެ ރަށަށް ދެވޭނޭ ގޮތެއް ނުވިއެވެ. ދާން ވަރަށް ބޭނުމެވެ.

އޭގެ ފަހުން ވެސް އެ ރަށާ އޮންނަ މާނަވީ ގުޅުމެއް ނުކެނޑެއެވެ. ތަންކޮޅެއް ފަހުން ދެތިން ފަހަރަކު އެ ރަށު އިސްކޫލުގެ މުދައްރިސުންނަށް މުދައްރިސުން ތާޒާކުރުމުގެ ތަމްރީނު ޕްރޮގުރާމެއް ވެސް އެ ރަށު އިސްކޫލުގެ އެދިވަޑައިގަތުމުގެ މަތީން ހިންގީމެވެ. ނަމަވެސް އެއީ ވެސް އޮންލައިނުކޮށެވެ. މި ފަހަރު ވެސް އެ ރަށަށް ދެވޭ ގޮތެއް ނުތްވެވެ.

އޭގެ ފަހުން މި އަހަރު މީގެ ހަފުތާއެއްގެ ކުރީން ވެސް އެ ރަށުގައި ތަމްރީނު ޕްރޮގްރާމެއް ހިންގާން އެއްބަސްވެ އަދި އެ ރަށުގައި އިމާމުވެ ހުކުރުކުރާން ވެސް ހަމަޖެހިގެން އެ ރަށަށް ދާން ތައްޔާރުވީމެވެ. އަޅުގަނޑަކީ މާލޭގައި ހުކުރުކުރާ ޚޠީބަކަށް ވާތީ، އެ ދުވަހުގެ ހުކުރު މާލޭގައި ނުކުރާ ގޮތަށް ކުރީއްސުރެ އޮންނާނީ ހަމަޖައްސައިފައެވެ. އެއީ މާލޭގައި ނުހުރެވޭތީއެވެ. ނަމަވެސް ފޮށި ހިފައިގެން ގެއިން ނުކުމެނުކުމެ އޮއްވައި ދަތުރު އިންތިޒާމުކުރެއްވި ފަރާތުން ވިދާޅުވީ ދަތުރު ފަސްވެއްޖެ ވާހަކައެވެ. ދެން ފުރުން އޮންނާނެކަމަށް ލަފާކުރެއްވެނީ މެންދުރު ފަހުކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އިރު އޮއްސުނު އިރު ވެސް މޫސުން ރަނގަޅުވާ ގޮތެއް ނުތްވެވެ.

ކޮންމެއަކަސް 2024 ޖަނަވަރީ 12ގައި ކުރާން އޮތް ދަތުރު، އެއް ހަފުތާއަށް ފަސްވީއެވެ. އާދަޔާ ޚިލާފަށް ރާއްޖެއަށް އެ ދުވަހު ވިއްސާރަކޮށް ކަނޑުގަދަވީއެވެ. މާލެއަށް އާދަޔާ ޚިލާފަށް ވާރޭވެހި ފެން ބޮޑުވީ އެ ދުވަހުއެވެ.

އާދޭހެވެ! ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ފަހަގުކުރައްވާން "ލިޔުންތެރީންގެ ގުޅުމުން" ނިންމަވައިފައި އޮތީ އއ. މާޅޮހުގައެވެ. އެ ދުވަސް ތަޚުޞީޞްކުރައްވާން އޮތީ އެ ރަށުގެ މަޝްހޫރު ޅެންވެރިއެއްކަމަށް ވާ އަލްފާޟިލް މުޙަންމަދު ނަޞީރަށެވެ. މަޝްހޫރު މާޅޮހު ނަޞީރު (ރަޙިމަހުﷲ)އަށެވެ. އާދޭހެވެ! ދާން މި އުޅުނީ މާޅޮހަށެވެ. ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާން ކަނޑައެޅުނު ޖަލްސާ ފިޔަވައި އެހެން ހުރިހާ ކަމާކެތްމެއް ނޯންނަ ގޮތަށް ހަމަޖައްސައި، ހަމައެކަނި ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހުނީއެވެ. މި ފަހަރު ފުރާ ގޮތަށް އޮތީ ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 2:15ގައެވެ. އަޅުގަނޑު ހުރީ ތައްޔާރުވެގެންނެވެ. ނަމަވެސް މި ފަހަރު އަޅުގަނޑުގެ ދަތުރަށް ހުރަސްއެޅީ އަޅުގަނޑަށް ލިބުނު ޑޮކްޓަރުގެ އެޕޮއިންޓްމެންޓެކެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު ހަމަޖެހުނު މުހިންމު އެޕޮއިންޓްމެންޓެއް ކެންސަލްކޮށްފި ނަމަ، ދެން ލިބޭނެ ދުވަހެއް ވެސް ނޭނގޭނެތާއެވެ!

ޅެންވެރީންގެ ދުވަސް ވަރަށް ކުލަގަދަކޮށް އއ. މާޅޮހުގައި ފާހަގަކުރައްވައިފިއެވެ. ހުކުރުވިލޭރޭގައެވެ. ލިޔުންތެރީންގެ ގުޅުމަށް ތަހުނިޔާ އަދާކުރަމެވެ. ދިވެހިބަހާ ބެހޭ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ޝަރަފްވެރިކޮށްދެއްވި މި ޖަލްސާގައި ވަޒީރުގެ އިތުރަށް ލިޔުންތެރީންގެ ގުޅުމުގެ ރައީސް ޢައްބާސް އިބްރާހީމް (ނޢޢވ) ވެސް ވާހަކަފުޅުދެއްކެވިއެވެ. އަދި މާޅޮހު ނަޞީރުގެ ޅެންފޮތަކާއި ޅެންވެރިޔާ -8 ވެސް ރޭގެ ޖަލްސާގައި ވަޒީރު ނެރެދެއްވިއެވެ. މީގެ އިތުރަށް ލިޔުންތެރީންގެ ގުޅުމުން ބާއްވާ ޅެން މުބާރާތް "ޅެންވެރިޔާ – 2024"ގެ ވަނަވަނައަށް އައި ފަރާތްތަކަށް ރޭގެ ޖަލްސާގައި އިނާމުދެއްވުން ވެސް އޮތެވެ. ރޭގެ ޖަލްސާއަށް ރާއްޖޭގެ ވަރަށް ގިނަ ޅެންވެރީންނާއި މާޅޮހު ސްކޫލްގެ ދަރިވަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ހާޒިރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮންމެއަކަސް އއ. މާޅޮހަކީ ދާން އުޅެއުޅެ ވެސް އަދި ނުދެވޭ ރަށެވެ. އަދި އަޅުގަނޑަށް ރޯދިކުރައްވައިފައި ހުރި ކޮއްތެއް ބޯފެނެއް އެ ރަށުގައި ނެތީތާއެވެ. މި ކަމުގައި ވެސް ކޮންމެވެސް ރަނގަޅެއް އޮންނާނެކަން ކަށަވަރެވެ. ދެނެވޮޑިގެންވާނީ މާތް ﷲއެވެ. އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އިރާދަކުރެއްވި ދުވަހަކުން ދެވޭނެތާއެވެ. އެ ކަމަށް އުންމީދުކުރަމެވެ. އަދި އުންމީދު ކަނޑައެއްނުލަމެވެ.

_________________

Advertisement

ކޮމެންޓް
Ismail Naseem
އެހެން ރަށެއްގެ ފޮޓޯއެއް... މާޅޮހަށް ދެވޭނެ ކަމަށް އުއްމީދު ކުރަން..
20 Jan 2024
މަރީ
:-) ސަޅި ލިޔުމެއް
22 Jan 2024