އަބާ މުޙަންމަދު
18 އޯގަސްޓް 2026
(ފޮޓޯޯ: ދި އެޑިޝަން)
ޖައްވީ ފަންނިއްޔާތުގެ ދާއިރާއަށް އަންހެންކުދީން ޝައުޤުވެރިކުރުވުމަށް ހިންގާ ބައިނަލްއަޤްވާމީ ސެޓެލައިޓް އިސްނެގުން [މިޝަން ޝަކްތީސެޓް]ގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ދަރިވަރު އާމިނަތު ނޯޔާ ސަމީޙަށް ލިބުނުކަމީ ދިވެހި އަންހެންކުދީންނަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް ދިވެހީންނަށް ލިބުނު ފަހި ފުރުޞަތެއްކަމަށް ގަބޫލުކުރެވެއެވެ. މި ކަމަށް ޓަކައި އާމިނަތު ނޫޔާ ސާމިޙަށް ތަހުނިޔާއަދާކުރަމެވެ. ހަމަ މި ފަދައިން އޭނާ ތަޢުލީމު ޙާޞިލުކުރަމުންނާ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ މެނެޖްމެންޓަށާއި އޭނާގެ ޢާއިލާ ވެސް މި ތަހުނިޔާގައި ޝާމިލުކުރަމެވެ.
މިއީ ދިވެހި އަންހެނުން ހުރިހައި ދާއިރާއަކުން ވެސް ކުރިއަރައިދިޔުމަށް ލިބުނު ހިތްވަރެއްކަމުގައި ނޫނީ ނުވާނެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޖައްވީ ކާމިޔާބުތަކުގެ ފެށުމަށް ނުވާނެކަން އެނގެނީ ކާކަށްހެއްޔެވެ؟ އަދި މި ކަމުގެ ސަބަބުން ޖައްވީ ދާއިރާއަށް ޝައުޤުވެރިވާ ދަރިވަރުން އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އޮގަސްޓް 23 އިން 31 އަށް އިންޑިއާގައި ބާއްވާ މި ޕްރޮގްރާމްގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައި އޭ-ލެވެލްއަށް ކިޔަވަމުންދާ ނޯޔާ، ބައިވެރިވާނެކަމަށް ވިމެން އިން މެނޭޖްމަންޓް (ޑަބްލިއު.އައި.އެމް) އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި މިހާރުވަނީ އިޢުލާނުކޮށްފައެވެ. މި ކަން ހާމަކޮށްފައިވަނީ [ދި އެޑިޝަން]ގައެވެ. މި ލިންކުން ބައްލަވައިލައްވާށެވެ! https://edition.mv/news/53442?ref=cat-sub
ނޯޔާއަކީ އެންމެ ފަހުން ބޭއްވި އޯ-ލެވެލް އިމްތިޙާނުގައި އެންމެ މަތީ ނަތީޖާއެއް ހޯދި އެއް ދަރިވަރެވެ.
[މިޝަން ޝަކުތީސެޓު]ގެ ފުރަތަމަ ފިޔަވަހީގައި، [އޯބިޓަލް މެކޭނިކްސް]އާއި [ސެޓެލައިޓް ޕްރޮޕަލްޝަން] ހިމެނޭ ގޮތަށް [ސްޕޭސް އިންޖިނިއަރިންގ]ގެ އެކި ބައިތައް އޮންލައިންކޮށް ބައިވެރީން ވަނީ އުނގެނިފައެވެ. އެހެންކަމުން މި ފިޔަވަހީގައި ވެސް މާ ރަނގަޅަށް މި ބައިތައް އުނގެނުމުގެ ފުރުޞަތު ލިބިދޭނެކަމަށް ބެލެވެއެވެ.
ދެވަނަ ފިޔަވަހީގައި، މި ޕުރޮގުރާމުގައި ބައިވެރިވާ ކޮންމެ ޤައުމަކުން އެއް ދަރިވަރަކު އިންޑިއާއަށް ދަތުރުކޮށް، ސެޓެލައިޓު ފަރުމާކުރުމާއި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސައިންސާއި ކޮންޕިއުޓަރު ފަންނިއްޔާތަށް ބޮޑު ޝައުޤުވެރިކަމެއް ހުންނަ ނޯޔާ ސަމީޙަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ދަރިވަރުންނާ އެކު މަސައްކަތްކޮށް، އެ ކުދީންގެ ފަރާތުން އުނގެނުމުގެ ފުރުޞަތު ލިބޭނެއެވެ. މި ޕުރޮގުރާމުގައި 108 ޤައުމަކުން 12,000 އަށް ވުރެ ގިނަ ކުދީން ބައިވެރިވާނެކަމަށް ބެލެވެއެވެ.
މި ސެޓެލައިޓު އިފުތިތާޙުކުރާން ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު 11ވަނަ ދުވަހުގައެވެ. މީގެ އިތުރަށް، އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވައިލާން ހަމަޖެހިފައިވާ [ކިއުބުސެޓު]އެއް ތަރައްޤީކުރުމުގެ މަސައްކަތުގައި ވެސް މި ބައިވެރީން ޙިއްޞާވާނެއެވެ.
ސައިންސާއި ފަންނިއްޔާތުގެ ދާއިރާއަށް ހުންނަ ޝައުޤުވެރިކަމުގެ އިތުރަށް، ނޯޔާ ސަމީޙަކީ ވާހަކަދެއްކުމުގެ ދާއިރާގައި ވެސް ހަރަކާތްތެރި ދަރިވަރެކެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ކުރާ ގަނާތަކާއި (ސައިބަރބުލީއިންގ) ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އޭނާގެ މުއާޞަލާތުގެ ހުނަރު އޮންލައިނުކޮށް ބޭނުންކޮށްފައިވެއެވެ.
މި ގޮތުން ސައިބަރު ގަނާއާއި ސައިބަރު ސެކިއުރިޓީއާ ގުޅޭ ގޮތުން ވާހަކަދައްކައި، ހޭލުންތެރިކަމުގެ އޮންލައިނު ކެންޕޭނުތަކުގައި ބައިވެރިވުމުގެ އިތުރަށް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ތަފާތު ފޯރަމުތަކުގައި ވެސް ނޯޔާ ވަނީ ބައިވެރިވެފައެވެ.
އާމިނަތު ނޯޔާ ސަމީޙަށް [ފަރަގު]ން އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ. އަދި ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ، ޚުލްޤު ހެޔޮ ސުލޫކު ރަނގަޅު ދަރިވަރަކަށް ވާނެކަމަށް އުންމީދުކުރަމެވެ. އަދިވެސް އެއް ފަހަރު ތަހުނިޔާއެވެ.