އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
20 އޯގަސްޓް 2026
ނިއުކުލިއަރު ބާރެއްކަމަށްވާ އުތުރު ކޮރެޔާގެ ލީޑަރަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު އަނެއްކާ ވެސް ތައުރީފުކޮށް، ދެކުނު ކޮރެޔާއަށް ފާޑުކިޔުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އައި ބަދަލެއްކަމެއް، ނުވަތަ އުތުރުކޮރެއާއަށް ފިއްތުންތައް ކުރިމަތިކުރާން ހެދި ހިންތާއެއްކަމެއް އަދި ސާފެން ނުވެއެވެ. އެމެރިކާގެ މުހިންމު ބައިވެރިއެއްކަމަށްވާ ދެކުނުކޮރެއާއަށް ޓުރަންޕު ފާޑުކީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައަށް އެހީތެރިނުވާކަމަށް ބުނެއެވެ. މިއާ އެކު، އޭނާގެ ފުރަތަމަ ދައުރުގެ އެންމެ ބޮޑު އެއް ޚާރިޖީ މައްސަލަ އަނެއްކާވެސް މިއޮތީ ފެންމަތިވެފައެވެ.
ޓުރަންޕު މި ދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި، އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އޭނާ ފޮނުވި މެސެޖުތަކަށް [ވަރަށް އެދެވޭ] ޖަވާބެއް ދެއްވައިފައެވެ. މިހެން ބުނެފައި މި ވަނީ އުތުރު ކޮރެޔާއާ އެކު ހަނގުރާމައަކަށް ތައްޔާރުވުމަށް ދެކުނު ކޮރެޔާއާ އެކު ބާއްވާ އަސްކަރީ ތަމްރީނުތައް ކުޑަކުރާން ޕެންޓަގަނަށް އަމުރުކުރިތާ އެއް ދުވަސް ފަހުންނެވެ.
ޓުރަންޕު ބުނީ، އޭނާގެ ފުރަތަމަ ދައުރުގައި ތިން ފަހަރެއްގެ މަތީން ބައްދަލުކުރެއްވި ކިމްއާ އެކު އޮތް ގުޅުމުގެ ސަބަބުން ކޮރެޔާ ބައްރު ވަނީ [މާ ރައްކާތެރި] ތަނަކަށް ވެފައިކަމަށެވެ. ވޯލް އިސްޓުރީޓު ޖާނަލުން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޮވެމްބަރު 3 ގައި އޮންނަ މެދައިންތިޚާބުގެ ކުރީން، ކިމްއާ އެކު ބައްދަލުވުމެއް އިންތިޒާމުކުރާން ޓުރަންޕު ގެންދަނީ އޭނާގެ އެހީތެރީންނަށް ބާރުއަޅަމުންނެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި، ކިމްއާ އެކު ބާއްވާ ސަމިޓަކީ (އޭގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް) ޓުރަންޕަށް ލިބޭނެ ބޮޑު ކާމިޔާބީއަކަށް ވާނެއެވެ. ޚާއްސަކޮށް އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ (އާންމުންގެ ބޮޑު ނުރުހުމެއް އޮތް) ޣައިރުގާނޫނީ ހަނގުރާމައަށް ހައްލެއް ނުލިބި، އަދި ޔުކްރޭނު ހަނގުރާމަ ނިމުމަކަށް ގެންނާނެކަމަށް ރިޔާސީ އިންތިޚާބުގައި ވީ ވައުދު ފުއްދިފައިނުވާ ދަނޑިވަޅެއްގައެވެ.
އެހެންނަމަވެސް، ކިމްއާ ގުޅުން ބަދަހިކުރާން ޓުރަންޕު ކުރާ މަސައްކަތަކީ ދެކުނު ކޮރެޔާއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމަކަށް ވެސް ވެދާނެއެވެ. މިއީ އެމެރިކާގެ ރައީސް، ޚާރިޖީ ގުޅުންތަކުގައި ގެންގުޅޭ "ލިބޭ އެއްޗަކަށް ބަލައިގެން ކަންކަން ކުރުމުގެ" (ޓުރާންސެކްޝަނަލް) އުސޫލުގެ އާންމު މިސާލެކެވެ.
[އީރާން ހަނގުރާމައިގައި އެމެރިކާއަށް އެއްބާރުލުން ދޭން ދެކުނުކޮރެޔާއިން ފަސްޖެހުމާއި، އެމެރިކާގައި ދެކުނު ކޮރެޔާއިން ކުރާ ވުނަތައް ލަސްވަމުންދާތީ . . . ޓުރަންޕު ބޭނުންވަނީ ދެކުނު ކޮރެޔާއަށް ފިއްތުންތައް ކުރިމަތިކުރުންކަމަށް ވެދާނެއެވެ. [ވޮޝިންގްޓަން ޑީސީގެ ހެންރީ އެމް. ޖެކްސަން ސުކޫލް އޮފް އިންޓަނޭޝަނަލް ސުޓަޑީޒްގެ ސެންޓަރ ފޮރ ކޮރެއަން ސުޓަޑީޒު]ގެ ޑިރެކްޓަރު، ޔޮންގް-ޗޫލް ހާ އަލްޖަޒީރާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވެފައި ވެއެވެ. [ދެގައުމުގެ މެދުގައި އިއްތިހާދު ދެމިއޮތް ނަމަވެސް، މިއީ ބަދަލުހިފުމުގެ (ޓިޓު-ފޯ-ޓެޓު) ޑިޕްލޮމަސީގެ ސިފައެއްގެ ގޮތުގައި ބެލެވިދާނެއެވެ.]
އެމެރިކާ-އުތުރު ކޮރެޔާގެ ގުޅުން ޓުރަންޕުގެ ދައުރުގައި ބަދަލުވެގެންދިޔައީ ކިހިނެއް؟
އުތުރު ކޮރެޔާއިން އެ ގައުމުގެ މިސައިލްތަކަށް ލެއްވޭ ވަރުގެ ނިއުކުލިއަރު ކުދި ބޯތަކެއް އުފައްދައިފައިވާކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން، 2017ވަނަ އަހަރު ޓުރަންޕު ވަނީ އުތުރު ކޮރެޔާއަށް [ނުރުހުމުގެ ހޫނު] އިންޒާރެއްދީފައެވެ.
އެމެރިކާގެ ރައީސް 2018ވަނަ އަހަރު ސިންގަޕޫރުގައި ވަނީ ކިމްއާ އެކު ތާރީޚީ ފުރަތަމަ ސީދާ ބައްދަލުވުން ބާއްވައިފައެވެ. މި ބައްދަލުވުމުގައި ކޮރެޔާ ސަރަހައްދުން ނިއުކުލިއަރު ހަތިޔާރު މުޅީން ނައްތައިލާން (ކޮމްޕްލީޓު ޑީނިއުކްލިއަރައިޒޭޝަން) ދެ ލީޑަރުން އެއްބަސްވިއެވެ. ނަމަވެސް، އޭގެ ފަހުން 2019ވަނަ އަހަރު ހަނޯއީގައްޔާއި ކޮރެޔާގެ ޣައިރުއަސްކަރީ ސަރަހައްދު (ޑީއެމްޒެޑް) ގައި ބޭއްވި ބައްދަލުވުންތަކުން ކުރީގެ އެއްބަސްވުމަށް އިތުރު ކުރިއެރުމެއް ހޯދިފައެއްނުވެއެވެ. މިއީ އެމެރިކާގެ ރައީސަކު އުތުރު ކޮރެޔާގެ ފަސްގަނޑަށް އެންމެ ފުރަތަމަ އަދި ހަމައެކަނި ޒިޔާރަތްކުރި ފަހަރުކަމުގައި ވީނަމަވެހެވެ.
އޭގެ ފަހުން، އުތުރު ކޮރެޔާއިން ވަނީ އެ ގައުމުގެ މިސައިލާއި ނިއުކުލިއަރު ގާބިލުކަން އިތުރުކޮށް، މިސައިލު ޓެސްޓުކުރުން އިތުރަށް ކުރިއަށް ގެންގޮސް، ރޫސީވިލާތާ އެކު އަސްކަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ. އެހެންނަމަވެސް، ޓުރަންޕު ބުނަނީ ކިމްއާ އެކު އޮތް ގުޅުމަކީ [ބިރުވެރިކަމެއް ނެތް، އިހުތިރާމް އޮތް] ގުޅުމެއް ކަމަށެވެ.
ވޮޝިންގްޓަން ޔުނިވަރސިޓީގެ ދާރިސް ޔޮންގް-ޗޫލް ހާ ވިދާޅުވީ، ހަނޯއީ ސަމިޓު ނާކާމިޔާބުވީ އޭނާގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ހިމެނޭ ގޮތަށް އޭނާއަށް ފާޑުކީ މީހުންގެ ފިއްތުންތަކާ ހުރެކަމަށް ޓުރަންޕު ގަބޫލުކޮށްފާނެކަމަށެވެ. ބޯލްޓަން ވަނީ އެމެރިކާ ސަރުކާރުން ނިއުކުލިއަރު ނައްތައިލުމަށް ޓަކައި މަސައްކަތްކުރާން ނުވަތަ އުތުރުކޮރެޔާގެ ވެރިކަން ބަދަލުކުރާން ބާރުއެޅުމުގެ ފުރުސަތާ މެދު ވިސްނާން އެދިވަޑައިގެންފައެވެ.
[މި ފަދަ ހުރަސްތަކެއް ނެތި، މި ފަހަރު ކިމްއާ އެކު އެއްބަސްވުމަކަށް އާދެވޭނެކަމަށް ޓުރަންޕު މިހާރު ހީކޮށްފާނެއެވެ.] ހާ ވިދާޅުވިއެވެ.
އެމެރިކާގެ ބައިވެރިއެއްކަމަށްވާ ދެކުނު ކޮރެޔާއަށް ނުފޫޒު ފޯރުވާން ޓުރަންޕު އުޅެނީ ކީއްވެ؟
ޓުރަންޕު ވަނީ 2026 އޮގަސްޓު 16ވަނަ ދުވަހުގެ ރޭ އޭނާގެ 'ޓުރުތު ސޯޝަލް' މަންސަ މެދުވެރިކޮށް ދެކުނު ކޮރެޔާއަށް ފާޑުކިޔައި، ދެކުނުކޮރެއާ އެކު ބާއްވާ [އިންސާފުވެރި ނޫން އަދި އަދާވާތްތެރި] އަސްކަރީ ތަމްރީނުތައް ކުޑަކުރާން ޕެންޓަގަނަށް އަމުރުކުރިކަން ކުއްލި ގޮތަކަށް އިއުލާނުކޮށްފައެވެ.
ފަހުން އޭނާ ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ހަނގުރާމައިގައި އެހީތެރިވުމަށް ދެކުނު ކޮރެޔާއިން އިންކާރުކުރި ކުރުމާ މި ނިންމުން ގުޅުވައިފައެވެ. [ޚާއްޞަކޮށް އަހަރެމެންނަށް އެހީތެރިވާން ނުތިބޭ ނަމަ، މި ހުރިހައި ގައުމުތައް ހިމާޔަތްކުރާން އަހަރެމެންނަކަށް ނޫޅެވޭނެއެވެ.] ވައިޓު ހައުސްގެ ބިސްބުރު އޮފީހުގައި ވާހަކަދައްކަމުން ދެކުނުކޮރެޔާއަށ އިޝާރާތްކޮށް ޓުރަންޕު ބުނެފައި ވެއެވެ.
11 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ [އުލްޗީ މިނިވަންކަމުގެ އައްޑަނަ] ތަމްރީނުތަކަކީ އުތުރު ކޮރެޔާއާ އެކު ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ތައްޔާރަށް ތިބުމަށް ޓަކައި ބާއްވާ ތަމްރީނުތަކެއްކަމަށް ދެކުނުކޮރެޔާއިން ބުނެއެވެ. 1950އިން 1953އަށް ކުރެވުނު ކޮރެޔާ ހަނގުރާމަ، ސުލްހައިގެ އެއްބަސްވުމަކަށް ނުގޮސް، ހަމައެކަނި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކުން ނިމުމާ ގުޅިގެން، ދެކުނުކޮރެޔާގެ ދިފާއު ވަރުގަދަކުރުމަށްކަމަށް ބުނެ، އެމެރިކާގެ 28,500އެއް ހައި ސިފައިން އެ ގައުމުގައި ގާއިމުވެ ތިބެއެވެ.
މި ތަމްރީނުތައް ކުޑަކުރުމަކީ، އުތުރު ކޮރެޔާގެ ނުރައްކަލުން ސަލާމަތްވުމަށް އެމެރިކާއަށް ބަރޯސާވާ ދެކުނުކޮރެއާއަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. އުތުރު ކޮރެޔާއިން ސިފަކުރަނީ މިއީ އެ ގައުމަށް އަރައިގަތުމަށް ބާއްވާ ތަމްރީނުތަކެއްގެ ފެށުމުގެ ގޮތުގައެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ނެވާޑާގެ އީސްޓު އޭޝިއާގެ ތާރީޚު އިލްމުވެރިޔާ ޔޫޖީން ޕާކު ވިދާޅުވި ގޮތުގައި، ޓުރަންޕުގެ މި ނިންމުން ރަމުޒުކޮށްދެނީ ވޮޝިންޓަނުގެ އިސްކަންދޭ އިސްތިރާޖީ ކަންކަމަށް އައިސްފައިވާ ބަދަލުތަކެވެ. [ޓުރަންޕުގެ ފުރަތަމަ ދައުރާ އަޅައި ބަލާ އިރު، މިއަދު އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އޮތް 'ޑިމާންޑު'މާ ބޮޑެވެ.] މެދުއިރުމަތީގައި ދެމިއޮތް މަސްއޫލިއްޔަތުތަކާއި، ސިފައިންގެ ތައްޔާރީ ހާލަތާއި ދިފާއީ އުފެއްދުންތެރިކަމުގެ ގާބިލުކަމާ މެދު އުފެދެމުންދާ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި އަލްޖަޒީރާއަށް މަޢުލޫމާތުދެއްވަމުން ޔޫޖީން ޕާކު ވިދާޅުވެފައި ވެއެވެ.
ބައެއް ލަފުޒުގެ މާނަ:
ހިންތާ ނ. (1) މަކަރު، (2) ހީލަތް، (3) އިޔަހޫދި
އައްޑަނަ ނ. ހަނގުރާމައިގައި ދިފާއުވާން ގެންގުޅޭ އާލަތެއް. މި ކިތަންމެ ސިފަޔަކަށް ހުރެއެވެ. ރާއްޖޭގެ އައްޑަނަ ހުންނަނީ ވަށްކޮށް ފަތާކޮށެވެ. އެތެރެޔަށް ގޮނިކޮށްލައިފައެވެ.
ޢަދާވާތްތެރި ނއ. (1) ދެކޮޅުވެރި. (2) ދުސްމިނު
އިސްތިރާޖީ ނއ. މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic
މަންސަ ނ. ވަކި މައުޟޫޢަކަށް ގިނަ ބަޔެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. platform