ad_banner
އިރާގުގެ ތެޔޮ ބޯޓުފަހަރަށް ހުރުމުޒު ކޮއްލަވާނީން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދިނުން: ސިޔާސީ ނުފޫޒާއި ހުރުމުޒުގެ ހަގީގީ ކޮންޓުރޯލު؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

23 އޯގަސްޓް 2026

އިރާގުގެ ތެޔޮ އުފުލާ ބޯޓުފަހަރަށް ހުރުމުޒު ކަނޑުއޮޅީން ދަތުރުކުރުމުގެ ޚާއްޞަ ހުއްދައެއް އީރާނުން ދީފައިވާކަމަށް ފެތުރިފައިވާ ޚަބަރަކީ ޞައްޙަ، އަދި ސަރަޙައްދީ ސިޔާސީ މަޝްރަޙުގައި ވަރަށް ބޮޑު މާނައެއް އެކުލެވިގެންވާ ކަމެކެވެ. މި ކަން ސަރަހައްދުގެ އެކި މަސްދަރުތަކުން ވަނީ ސާބިތުވެފައެވެ. އެހެންކަމުން ޓުރަންޕު ފޮނިކެނޑިޔަސް ހުރުމުޒުގެ ކޮންޓުރޯލު އެމެރިކާއަށް ނެތްކަން މި ހާދިސާއިން އެކަނި ވެސް ސާބިތުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޓުރަންޕު ގަދަބާރުލައިފައި ބުނަނީ މިހާރު އީރާޏުގެ އެއްވެސް ބާރެއް ނެތްކަމަށާއި، ހުރުމޫޒު ކޮށްލަވާނީގެ ހަގީގީ ބާރު މިހާރު އޮތީ އެމެރިކާއަށްކަމަށެވެ. އަދި އެއީ އެމެރިކާގެ ތަނެއްކަމަށް ވެސް ދާދި ފަހަކުން ދަޢުވާކޮށްފިއެވެ.

އީރާނުން ޢިރާގަށް ހުއްދަދިނުމުގެ ހަގީގީ މަގުސަދު:

އިރާގުގެ ބޯޓުފަހަރަށް އީރާނުން ހުއްދަދިނުމަކީ އެއީ ހަމައެކަނި އެކުވެރި ގައުމަކަށް ވެދިން އެހީއެއް ނޫނެވެ. މިއީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓުރޯލު އޮތީ އެ މީހުންގެ އަތްމަތީގައިކަން މުޅި ދުނިޔެއަށް ދެއްކުމަށް ޓަކައި ސިޔާސީ ގޮތުންނާއި ޢަސްކަރީ ގޮތުން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.   މި ފިޔަވަޅުން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

·    ނުފޫޒު ދެއްކުން: ވަކި ބަޔަކަށް ހުއްދަ ދީ، އަނެއް ބަޔަކު ހުއްޓުވުމުގެ ޤާބިލުކަން ހުރިކަން ސާބިތުކޮށްދިނުން.

·    އެމެރިކާއަށް ދިން މެސެޖު: އެމެރިކާއިން އެ ކަނޑުއޮޅީގެ ސަލާމަތްތެރިކަން ބަލަހައްޓާ ކަމަށް ދަޢުވާކުރި ނަމަވެސް، ކަނޑުއޮޅިން ދަތުރުކުރެވޭނީ އީރާނުގެ ނިންމުމާ އެއްގޮތަށްކަން އެންގުން.  

·    އިޤްތިޞާދީ ފިއްތުން: އިރާގު ފަދަ ޤައުމުތައް އީރާނުގެ ނިންމުންތަކަށް ބަރޯސާވާންޖެހޭ ހާލަތަކަށް ގެނައުން.

ހަގީގަތުގައި ހުރުމުޒު ކޮންޓުރޯލުކުރަނީ ކޮން ބަޔެއް؟

ހުރުމުޒު ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އެންމެންނަށް ދަތުރުކުރެވޭ ގޮތަށް އޮންނަ ސަރަޙައްދެކެވެ. އެހެންކަމުން، ޢަމަލީ ގޮތުން މުޅި ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލު އެއްވެސް ގައުމަކަށް ނެގެހެއްޓޭކަށް ނެތެވެ.

·    އީރާނުގެ ކޮންޓުރޯލު: އީރާނު އޮތީ ކަނޑުއޮޅީގެ އުތުރު ބިތުގައި ކަމަށްވުމުން، ސިޔާދަތީ ގޮތުން ބައިނަލްއަގުވާމީ ގާނޫނީ ބާރު ނެތްކަމުގައި ވިޔަސް، ކަނޑުއޮޅި ބަންދުކުރުމާއި، މިސައިލާއި، ކަނޑުގެ މައިން އަދި ކުދި ބޯޓުފަހަރު ބޭނުންކޮށްގެން ބޯޓުފަހަރަށް ހުރަސްއެޅުމުގެ ފުރިހަމަ ޤާބިލުކަން އީރާނަށް ލިބިގެންވެއެވެ.  

·    އެމެރިކާއާއި ބައިވެރީންގެ [ޢަސްކަރީ] ކޮންޓުރޯލު: އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ބައިނަލްއަޤްވާމީ އިއްތިހާދުން މަސައްކަތްކުރަނީ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށް، އީރާނުން ހުރުމުޒު ކޮއްލަވާނި މުޅީން ބަންދުކޮށެއްލިޔަނުދިނުމަށް ޓަކައެވެ.  ނަމަވެސް މިއީ އެމެރިކާއާ އެއްވެސް ގޮތަކަށް ގުޅުމެއް ނެތް ތަނަކަށް ވެފައި އެމެރިކާ އޮންނަނީ ދުނިޔޭގެ އަނެއް ބިތުގައިކަމަށްވާތީ ހުރުމުޒުގެ ކޮންޓުރޯލު ހޯދުމަކީ އެމެރިކާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

·    ޢުމާނުގެ ހިއްސާ: ކަނޑުއޮޅީގެ ދެކުނު ބަޔަކީ ޢުމާނުގެ ސަރަޙައްދީ ކަނޑަށްވާތީ، ދަތުރުފަތުރުގެ މަގުތައް އޮންނަނީ އެ ސަރަޙައްދާ ގުޅިފައެވެ.   އެހެންކަމުން މި ސަރަހައްދު ފުރިހަމައަށް ކޮންޓުރޯލުކުރެވޭނީ އީރާނާއި ޢުމާނު ގުޅިގެންނެވެ.

މި ހާދިސާއިން ދުނިޔެއަށް ލިބޭ މެސެޖު:

އާދޭހެވެ! އީރާނުން އިރާގަށް ދިން ހުއްދައަކީ، ހުރުމުޒު ކަނޑުއޮޅީގެ [ދޮރޯށި ބަލަހައްޓާ މީހާ]އަކީ ކާކުކަން ދުނިޔެއަށް ހަނދާންކޮށްދިނުމުގެ ގޮތުން ކުރި ކަމެކެވެ. ހަގީގަތުގައި އެ ކަނޑުއޮޅިއަކީ ވަކި އެކެއްގެ ފުރިހަމަ މިލްކެއް ނޫންކަމުގައި ވިޔަސް، ބޯޓުފަހަރު ދަތުރުކުރުމުގެ ހިރާސް ބޮޑުވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، އެ ސަރަޙައްދު [ކޮންޓުރޯލުކުރުމުގެ ހަގީގީ ނުފޫޒު] އޮތީ އީރާނުގެ އަތްމަތީގައިކަމާއި އެމެރިކާގެ ރައީސް ޓުރަންޕު މުޅީން ކަނޑަނީ ފޮނިކަން މި ޙާދިސާއިން ދުނިޔެއަށް ސާފުވާނެއެވެ. އީރާނުން ޢިރާގުގެ ބޯޓުފަހަރަށް ޚާއްސަ ހުއްދައެއް ދިނުމުގެ ހަގީގީ ބޭނުމަކީ މިއީކަމަށް ބެލެވެއެވެ.

ކޮމެންޓު