އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
25 އޯގަސްޓް 2026
އިޒުރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން އޭނާއާ ދެކޮޅަށް ހިންގި ބޮޑު އެންޓި-ކެމްޕޭނާ ސާބިތުކަމާ އެކު ކުރިމަތިލައްވައި، ކެލިފޯނިއާގެ ކޮންގުރެސްގެ ގޮނޑި ކެލިފޯނިއާ ސްޓޭޓްގެ ސެނެޓަރު ޢާއިޝާ ވަހަބު ކާމިޔާބުކުރެއްވުމަކީ އާދައިގެ ކަމެއް ނޫނެވެ. މި އިންތިޚާބަކީ އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރު އެރިކް ސްވަލްވެލް އިސްތިއުފާދިނުމުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ޓަކައި ބޭއްވި މެދައިންތިޚާބެކެވެ. އެރިކު އިސްތިއުފާދިނީ އޭނާއަށް ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ވިދިގެންނެވެ.
މިއާ އެކު، އޭނާ ވާނީ އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވި އަފްޣާނިސްތާނު ދަރިކޮޅުގެ ފުރަތަމަ މެންބަރަށެވެ.
ކުރިއެރުމާއި އިޞްލާޙީ ވިސްނުމުގެ ބޭފުޅެއްކަމަށްވާ ޢާއިޝާ މި މެދައިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެލިސާ ހެރްނާންޑެޒާ ވާދަކުރައްވައެވެ.
މުސްލިމެއްކަމުގައި ޢާއިޝާ ތަމްސީލުކުރައްވާނީ ސެން ފްރެންސިސްކޯ ބޭ އޭރިއާގެ ދެކުނު އިރުމަތީ ސަރަހައްދު ހިމެނޭ ކެލިފޯނިއާގެ 14ވަނަ ކޮންގްރެޝަނަލް ދާއިރާއެވެ.
ކާމިޔާބީއަށްފަހު ނެރުއްވި ބަޔާނެއްގައި ޢާއިޝާ ވިދާޅުވީ، އޭނާ ބޮޑުވި ދާއިރާގެ ހައްގުގައި މަސައްކަތްކުރައްވާނެކަމަށާއި، މި ނަތީޖާއިން ދައްކުވައިދެނީ މި ދާއިރާއަކީ "ފައިސާއަށް ގަނެވޭނެ ތަނެއް ނޫން"ކަމެވެ. އަދި ފޮސްޓާ ކެއާއިން ފެށިގެން ގޮސް ކޮންގްރެސްއާ ހަމައަށް ކުރެވުނު މި ދަތުރަކީ އެމެރިކާގެ ހުވަފެން ހަގީގަތަކަށް ހެދިދާނެކަމުގެ ހެތްކެއްކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ކެލިފޯނިއާގެ އިންތިޚާބެއްގައި، އިޒުރޭލުގެ ނުފޫޒުގަދަ ލޮބީ ގުރޫޕްތަކުން (ޚާއްޞަކޮށް އައިޕެކް ފަދަ ޖަމާއަތްތަކުން)ނާއި ސަރުކާރުން ވެސް އަޑީގައި ތިބެގެން މިލިއަނުންމިލިޔަނުން ޚަރަދުކުރި ކެންޕޭންތަކާ ދެކޮޅަށް މަސައްކަތްކުރައްވައި ޢައިޝާ ކާމިޔާބީ ހޯއްދެވުމަކީ އެމެރިކާގެ ސިޔާސީ މަޝްރަހުގައި ނުހަނު ފާހަގަކޮށްލެވޭ އަދި ތާރީޚީ ކާމިޔާބީއެކެވެ. މި ކާމިޔާބީން އަންގައިދޭ މުހިންމު ކަންތައްތަކެއް އެބަ ހުއްޓެވެ. ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަކީ:
1. އިޒުރޭލު ލޮބީތަކުގެ ސިޔާސީ ނުފޫޒު ކުޑަވަމުންދިއުން: ގިނަ އަހަރުތަކެއް ވަންދެން އެމެރިކާގެ ސިޔާސީ އިންތިޚާބުތަކުގައި އިޒުރޭލަށް ތާއީދުކުރާ ލޮބީ ގުރޫޕްތަކަކީ ނަތީޖާ ބަދަލުކޮށްލުމުގެ ބާރު އޮތް ބަޔެކެވެ. ނަމަވެސް، ބޮޑެތި މާލީ އެހީތަކާ އެކު އިދިކޮޅަށް ހިންގި ކެންޕޭންތަކާ ކުރިމަތިލައްވައި ޢައިޝާ ހޯއްދެވި ކާމިޔާބީއިން އެނގެނީ، ފައިސާގެ ނުފޫޒަށްވުރެ އާންމު ރައްޔިތުންގެ އަޑު މިހާރު ގަދަވަމުންދާކަމެވެ.
2. އާންމު ރައްޔިތުންގެ އިޙުސާސްތަކާއި ޚާރިޖީ ސިޔާސަތަށް އަންނަ ބަދަލު: ޚާއްޞަކޮށް ކެލިފޯނިއާ ފަދަ ކުރިއަރައިފައިވާ ވިލާޔަތްތަކުގެ ރައްޔިތުން މިހާރު ދެކެނީ އެމެރިކާގެ ޚާރިޖީ ސިޔާސަތު އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރާ ގޮތަށް ބައްޓަންވާންޖެހޭކަމަށެވެ. ޣައްޒާގެ ހާލަތާއި ފަލަސްޠީނުގެ މައްސަލައިގައި އެމެރިކާގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ ވިސްނުން އިޒުރޭލާ ދެކޮޅަށް ބަދަލުވަމުންދާކަން މި ނަތީޖާއިން ސާފުވެއެވެ.
3. އާންމުން (ނުވަތަ ގްރާސްރޫޓު)ގެ ބާރު: ޢައިޝާގެ ކެންޕޭނަކީ އާންމު ރައްޔިތުންގެ ކުދިކުދި އެހީތަކާއި، ވޮލަންޓިއަރުންގެ ބުރަ މަސައްކަތުގެ މައްޗަށް ބިނާވެފައިވި ކެންޕޭނެކެވެ. މިއިން އެނގެނީ ސިޔާސީ ގޮތުން ބޮޑެތި އެހީތައް ފޯރުކޮށްދޭ ޕާޓީތަކާއި ލޮބީ ގުރޫޕްތަކުގެ ފައިސާއަށް ވުރެ، އިޚްލާޞްތެރިކަމާ އެކު އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވަކާލާތުކުރާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ އިތުބާރު ބޮޑުވެފައިވާކަމެވެ.
4. ޑިމޮކްރެޓިކު ޕާޓީގެ އެތެރޭގެ ވިސްނުން ބަދަލުވުން: މި ކާމިޔާބީއަކީ އެމެރިކާގެ ޑިމޮކްރެޓިކު ޕާޓީގެ އެތެރޭގައި ސިޔާސީ ފިކުރު ބަދަލުވަމުންދާކަމުގެ ނިޝާނެކެވެ. ޕްރޮގްރެސިވް ނުވަތަ އިސްލާޙީ ފިކުރުގެ މެންބަރުން ދަނީ އިޒުރޭލަށް ކަނޑައެޅިގެން ދޭ އިންތިހާ ތާއީދާ މެދު ސުވާލުއުފައްދައި، އިންސާނީ ޙައްޤުތަކަށް އިސްކަންދިނުމަށް ގޮވައިލަމުންނެވެ.
އެއްވެސް ޝައްކެއް ނެތެވެ. ކެލިފޯނިއާގެ ގޮނޑި އަފުޣާނިސްތާނު ދަރިކޮޅަކަށް ނިސްބަތްވާ ޢާއިޝާ ވަހަބު ކާމިޔާބުކުރެއްވުމަކީ އެމެރިކާގެ ސިޔާސީ އޮއިވަރު ބަދަލުވަމުންދާކަމުގެ ވަރުގަދަ މެސެޖެކެވެ. އެއީ ވަކި ނުފޫޒުގަދަ ގުރޫޕުތަކެއްގެ އެދުމަށް ވުރެ، އިންސާފާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ސިޔާސީ އިސްވާރުންނަށް އާންމުންގެ ތާއީދު އޮތްކަން ސާބިތުކޮށްދިން ހާދިސާއެކެވެ. އަދި މިއީ ރައީސް ޓުރަންޕުގެ ސިޔާސަތަށް ތާއީދު ގެއްލިފައިވާ މިންވަރު ދައްކައިދިން އިންތިޚާބެއް ވެސް މެއެވެ.
ދެ ލަފުޒެއްގެ މާނަ:
އިސްވާރު ނ (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ. leader
މެދައިންތިޚާބު ނ. ކަނޑައެޅިފައިވާ މުއްދަތަކަށް މީހަކު އިންތިޚާބުކޮށްފައިވާ މަގާމެއް، އެ މުއްދަތު ހަމަވުމުގެ ކުރީން ހުސްވުމުން، މުއްދަތުގެ ބާކީ އޮތް ބަޔަށް މީހަކު އިންތިޚާބުކުރުމަށް ޓަކައި ބާއްވާ އިންތިޚާބު. މެދައިންތިޚާބު ބާއްވާން އާންމު ގޮތެއްގައި ޖެހެނީ، މަގާމުގައި ހުރި މީހާ ނިޔާވުމުން، ނުވަތަ އިސްތިއުފާ ދިނުމުން، ނުވަތަ އޭނާ މަގާމުން ވަކިވުމުންނެވެ. by-election