އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
22 އޯގަސްޓް 2026
އެނގިވަޑައިގަންނަވާނޭ ފަދައިން އީރާނާ ދެކޮޅަށް އިޒުރޭލުގެ އެދުމުގެމަތީން އެމެރިކާއިން ކުރަމުން ގެންދާ ޣައިރުޤާނޫނީ ހަނގުރާމަ ދިގުލައިގެން ގޮސް އެމެރިކާއަށް އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ހަތަރު ދުވަހުން ނިންމައިލެވޭނެކަމަށް ހީކޮށް ފެށި ހަނގުރާމަ ދިގުލައިގެން ދިޔަޔަސް ކާމިޔާބީއާ ނުލައި ހަނގުރާމަ ހުއްޓައިލާކަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ބޭނުމެއްނުވެއެވެ. އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުންނާއި ޑިޕުލޮމެޓިކު ގޮތުން ޙަމަލާދީގެން ވެސް އީރާނު ބަލިކުރެވޭނެ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ ވަނީ ގޮތް ހުސްވެފައެވެ. އީރާނު ބުނާ ޝަރުޠުތަކެއް ގަބޫލުކޮށްގެންނޫނީ އީރާނަކުން ހަނގުރާމަ ހުއްޓާކަށް ބޭނުމެއްނުވެއެވެ. އެންމެ ފަހުން އެމެރިކާއިން މި ވަނީ [އެންމެ ވަރުގަދަ ކާޑު ކުޅެފައެވެ.] އެއީ ހަރުކަށި އިގުތިސާދީ ފިޔަވަޅުތަކެކެވެ. މި ފިޔަވަޅުގެ ދަށުން އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ވަނީ އީރާނާ ދެކޮޅަށް "އިޤްތިޞާދީ ޑީ-ޑޭ"ގެ ނަމުގައި މާލީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުދީ އެ ފިޔަވަޅުތައް ތަންފީޒުކުރާން ފަށައިފައެވެ.
ނަމަވެސް 20.08.2026ގައި މި ފިޔަވަޅުތަކުގެ ފުރަތަމަ އަސަރުކުރިކަމަށް ފެނުނީ އެމެރިކާގެ މާރުކޭޓުތަކަށެވެ.
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ބުދަ ދުވަހު 86.20 ޑޮލަރުގައި ހުރުމަށްފަހު 86.70 ޑޮލަރަށް އުފުލުމާ އެކު، އެމެރިކާގެ ހިއްސާގެ ބާޒާރަށް ވަނީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ގެއްލުން ލިބިފައެވެ. މި ދަނޑިވަޅުގައި، އެމެރިކާގެ މުޅި ދަރަނީގެ މިންވަރު ރެކޯޑު އަދަދެއްކަމަށްވާ 40 ޓުރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާކަން އެމެރިކާއިން ވަނީ އިޢުލާނުކޮށްފައެވެ.
އީރާނަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި 47 އަހަރު ވޭތުކޮށްފައިވާ ގައުމެކެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަޅުތަކަކީ އީރާނަށް އާ ކަމެއްނޫނެވެ. މި ފަހަރުގެ ފިޔަވަޅު ހަރުކަށިކަމުން އެ ކަމުގެ އަސަރު ފޯރާނީ ހަމައެކަނި އީރާނަކަށް ނޫނެވެ. އެހެން ގައުމުތަކަށާއި ޚުދު އެމެރިކާއަށް ވެސް މި ކަމުގެ ގެއްލުން ފޯރާނެއެވެ.
މިހައި ތަނަށް ޓުރަންޕު ދީފައިވާ އިންޒާރުތަކާއި، އޭގެ ނަތީޖާތަކުގެ މައްޗަށް ބަލައިލަމާތޯއެވެ!
ޓުރަންޕު ދިނީ ކޮން އިންޒާރެއް؟
ޓުރަންޕުގެ "ޓުރޫތު ސޯޝަލް"ގައި ބުދަ ދުވަހު ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އެއްބަސްވުމަކަށް އައުމަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުމުގައި އީރާނު [ނުކުޅެދިފައިވާ]ކަމަށާއި، އެހެންކަމުން ކުރީން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ ފަދަ "އިޤްތިޞާދީ ހަނގުރާމައަކާއި އެކަހެރިކުރުމަކާ" އީރާނުން ކުރިމަތިލާންޖެހޭނެކަމަށެވެ.
އޭގެ އިތުރަށް، އީރާނާ އެކު ވިޔަފާރިކުރާ ކޮންމެ ޤައުމަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ އާ ފިޔަވަޅުތައް އަޅުއްވާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
[އީރާނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ނުވަތަ ލުޔެއް ފޯރުކޮށްދިނުމަށް އެ ޤައުމެއްގެ މާލީ އިދާރާތަކަށް، ވިޔަފާރިތަކަށް، އެއަރުޕޯޓުތަކަށް ނުވަތަ ސަރުކާރުގެ އިދާރާތަކަށް ހުއްދަދޭ ކޮންމެ ޤައުމަކަށް ވެސް ބޮޑެތި އިގުތިސާދީ ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެއެވެ.] އޭނާ ލިޔެފައިވެއެވެ.
އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސުކޮޓު ބެސެންޓު ބުރާސްފަތި ދުވަހު، ސީއެންބީސީއަށް ދިން ބަސްދީގަތުމެއްގައި ތަކުރާރުކޮށް ބުނެފައިވަނީ، މި [އިގުތިސާދީ އާ ހަނގުރާމަ]އިގެ ތެރޭގައި އީރާނާ އެކު ވިޔަފާރިކުރާ އެހެން ޤައުމުތަކަށާއި ކުންފުނިތަކާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ސާނަވީ ފިޔަވަޅުތައް އިތުރުކުރުން ހިމެނޭނެކަމަށެވެ.
ޓުރަންޕު ސަރުކާރުގެ މި ފަދަ ވަރުގަދަ އިންޒާރުތައް އައިސްފައިވަނީ، ގަލްފުގެ އެންމެ މުހިންމު ސަރަޙައްދުކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ހަކަތައާއި މާލީ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގެ ކުރީން، ދުނިޔޭގެ ސާފުނުކުރާ ތެލާއި ގޭހުގެ ސަޕުލައިގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލައިފައިވަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
ޕެޓުރޯލުގެ އަގާއި ދިރިއުޅުމުގެ އެހެނިހެން ޚަރަދުތައް ބޮޑުވަމުންދާތީ، އެމެރިކާގެ ރައްޔިތުންގެ މެދުގައި މި ހަނގުރާމައަށް އޮތް ތާއީދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުންނެވެ.
ބުދަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣުޗީ ވަނީ ޓުރަމްޕުގެ އިންޒާރުތަކަށް ރައްދުދެއްވައި، "އިޤްތިޞާދީ ޑީ-ޑޭ" އަކީ އެމެރިކާގެ އަމިއްލަ މައްސަލަތަކާއި އެ މީހުންނަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ސިޔާސި ކާރިސާއިން މީހުންގެ ސަމާލުކަން އަނބުރައިލުމަށް ޓަކައި ދައްކާވާހަކައެއްކަމަށް ވިދާޅުވެފައެވެ.
ޓުރަންޕު އެޅި މި ފިޔަވަޅުތަކާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ، އެމެރިކާއިން އިރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ތާއީދު ނުކުރާ ކަމަށެވެ. އަދި ޗައިނާއިން ވަނީ އީރާނޢި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދާން ގޮވައިލައިފައެވެ. [ޢަސްކަރީ ބާރާއި މަޖުބޫރުކުރުމުގެ އުކުޅުތަކުގެ ސަބަބުން ނުކުންނާނީ އެއްވެސް ފަރާތެއްގެ މަޞްލަޙަތަށް ފައިދާނުކުރާނެ ނުރައްކާތެރި ހާލަތެކެވެ.] ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އިރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއިން އިގުތިސާދީ އައު ފިޔަވަޅުތަކެއް އަޅައިފާނެކަމުގެ އިންޒާރު ކުށްވެރިކޮށް، ހުށަހެޅިފައިވާ ފިޔަވަޅުތަކަކީ [ޣައިރުޤާނޫނީ އަދި އިންސާނިއްޔަތާ ޚިލާފު] ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޣުޗީ ވިދާޅުވި ގޮތުގައި މި އައު ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ނުރައްކާވާނެއެވެ.
ޗައިނާއާއި އީރާނުގެ މި ވާހަކަތައް އައިސްފައި މި ވަނީ، އިރާނުގެ ސަރުކާރު [ވައްޓައިލުމަށް]ޓަކައި ތާރީޚުގައިވެސް އަޅާނެ [އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް] އެމެރިކާއިން އަޅާނެކަމަށާއި، ޗައިނާ ހިމެނޭ ގޮތަށް އެހެން ޤައުމުތަކުން ވެސް މި މަސައްކަތުގައި ބައިވެރިވާން އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސުކޮޓު ބެސެންޓު ސީއެންބީސީއަށް ދިން ބަސްދީގަތުމެއްގައި ދައުވަތުދިނުމާ ގުޅިގެންނެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ދެކުނު ލުބުނާނުގެ ބައެއް ސަރަޙައްދުތަކަށް، (އޭގެ ތެރޭގައި ނަބަތިއްޔާ ޕުރޮވިންސްގެ ބިންތު ޖުބައިލް ސަރަޙައްދާއި ސޫރުގެ އަލްމަންޞޫރީ އަވަށް ހިމެނެއެވެ.) އިސްރާއީލުން ހުކުރުދުވަހު ވަނީ ހަމަލާތަކެއްވެސްދީފައެވެ.
މިއާ އެކު، އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ [ކޮންމެވެސް ހިސާބަކުން ހަނގުރާމަ ނިންމަންޖެހޭ]ކަމަށާއި، ['ބާރުވެރި މަޤާމެއްގައި' ތެހެރާނު އޮއްވައި މިއަދު ހަނގުރާމަ ނިންމައިލުން މާ ރަނގަޅު]ކަމަށެވެ. އަދި [ގޯނާކުރުމާއި ގަނާކުރުމަކަށް އިރާނުން ދުވަހަކު ވެސް ބޯނުލަނބާނެ]ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި، އެމެރިކާގެ ހުރިހައި ބާވަތެއްގެ (އަސްކަރީ، އިޤުތިޞާދީ، ސިޔާސީ، ނަފުސާނީ) ފިއްތުންތަކާ ދެކޮޅަށް ގައުމީ މަސްލަހަތު ދިފާޢުކުރުމުގައި ސާބިތުކަމާއި ޢަޒުމާ އެކު އީރާނު ދެމިއޮންނާނެކަމުގައި ވެސް ބުނެފައި ވެއެވެ.
ކޮންމެއަކަސް އީރާނު އިނދަޖައްސައިލައިގެން އީރާނުގެ ވެރިކަން ބަދަލުކުރާން ޓުރަންޕު އިޢުލާނުކުރި [ދުވަހަކު ވެސް ތަޖުރިބާކޮށްފައިނުވާ ފަދަ އިގުތިސާދީ ހަނގުރާމައަކާއި އެކަހެރިކުރުން] މި ޒަމާނުގެ ބަހުރުވައިން ބުނާ ނަމަ، މި ވަނީ [އަތަށް ގޮވައިފައެވެ.] އެ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުންލިބޭނީ ހަމައެކަނި އީރާނަކަށް ނޫނެވެ. އެމެރިކާއާއި މުޅި ދުނިޔެއަށެވެ.
ލަފުޒެއްގެ މާނަ
މަޒުލޫމު ނ. އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ. victim