ad_banner
ހަ ނަންފުޅު (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

26 އޯގަސްޓް 2026

(2026 އޮގަސްޓު 19ގެ އަދަދާ ގުޅޭ)

ކުރިއަށް ދަމާ!

މި ތިން ގުރޫޕުގެ ކަލިމަތަކަށް ބަލަމާހިނގާށެވެ!

الفاتحة ސޫރަތުގެ އާޔަތްތަކުގެ ފުރަތަމަ ކަލިމަތަކަކީ

بِسْمِ - الْحَمْدُ - الرَّحْمَنِ - مَالِكِ - إِيَّاكَ - اِهْدِنَا – صِرَاطَ

الفاتحة ސޫރަތުގެ އާޔަތްތަކުގެ ދެވަނަ ކަލިމަތަކަކީ

اللَّهِ - لِلَّهِ - الرَّحِيمِ - يَوْمِ - نَعْبُدُ - الصِّرَاطَ – الَّذِينَ

الفاتحة ސޫރަތުގެ އާޔަތްތަކުގެ ތިންވަނަ ކަލިމަތަކަކީ

الرَّحْمَنِ - رَبِّ - 0 - الدِّينِ - وَإِيَّاكَ - الْمُسْتَقِيمَ - أَنْعَمْتَ

މިއިން ކޮންމެ ގުރޫޕެއްގެ އަކުރުތަކުގެ ޖުމްލައަކީ 31އެވެ.

މި ތިން ގުރޫޕުގެ އަކުރުތަކުގެ ނުކުތާތަކުގެ ޖުމްލައަކީ ވެސް 31އެވެ.

سورة الفاتحة ގައި އިބިފިލިޖެހިގެންވާ އަކުރުތަކުގެ ޖުމްލައަކީ 31އެވެ.

ސުމޭކީ ކޮންމެ ގެތުމެއްގެ ޖުމްލައަކީ 31 އެވެ.

މި ފަދަ ސުމޭކު ނިޒާމަކާ  އެއްގޮތަށް އިންސާނެއްގެ ސިކުނޑިއަށް ގެތުމެއް ގަތައިލެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. އެއްހާސް ނޫނެކެވެ. 

ކޮންމެ ނަމާދެއްގައި ތިބާ سورة الفاتحة  ތަކުރާރުކޮށް ފަށްކުރަމުންދާއިރު ތިބާގެ ހިތަށް މި އަޖައިބުވަނިވި ގެތުން ތަޞައްވުރުކުރެވުނު ބާވައެވެ!

فاتحة الكتاب އަކީ ކީރިތި ޤުރްއާނުގެ މި ސުމޭކު ނިޒާމުގައި ހިމެނޭ އެންމެ ސޫރަތެވެ. މުޅި ޤުރްއާނަކީ ހަމަ މި ނިޒާމުގެ ތެރޭގައި ސުބްޙާނަހޫ ވަ ތަޢާލާ ގައްތަވައިފައިވާ އެކަލާނގެ ބަސްފުޅުތަކެވެ. ކޮންމެ ސޫރަތަކީ، ކޮންމެ އާޔަތަކީ، ކޮންމެ އަކުރަކީ، ކޮންމެ ފިއްޔަކީ، ކޮންމެ ނުކުތާއަކީ އެކަލާނގެ ކަލާމްފުޅުކަން ތިބާއަށް އެންގެވުމަށް ޓަކައެވެ.

އިތުރަށް ވިސްނައިލާ!

މިއީ فاتحة الكتاب އެވެ. ކީރިތި ޤުރްއާނުގެ އެންމެ މާތް ސޫރަތެވެ. އެއީ :-

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)

ކީރިތި ޤުރްއާނުގެ އެންމެ މާތް އާޔަތަކީ آية الكرسي އެވެ. އެއީ:-

اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255) البقرة

آية الكرسي ގައި ވެސް އިބިފިލިޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 31އެވެ.

މި ނިޒާމާމެދު ތިބާގެ ބަހަކީ ކޮބައިހެއްޔެވެ؟ ނުކުތާގައި ވެސް ފިލީގައި ވެސް މި އޮތީ ސުމޭކު ގެތުމެވެ. 

 ކީރިތި ޤުރްއާނުގައި ފިލިޖެހުނީ އަދި އަކުރުތަކުގައި ނުކުތާ ޖެހުނީ  ކައު ރަސޫލާގެ މައްޗަށް ބާވައިލެއްވި ވަޙީބަސްފުޅުތައް ބާވައިލައްވައި ނިމުނުތާ އަށެއްކަ ދަހަރު ފަހުންނެވެ. ކީރިތި ރަސޫލާ ވިދާޅުވެދެއްވައިގެން ވަޙީގެ ކާތިބުން ޤުރްއާން ލިޔުއްވެވީ ފިލިނުޖައްސަވައެވެ. ނުކުތާ ވެސް ނުޖައްސަވައެވެ. އެއީ އޭރު ޢަރަބީން ދަންނަ ކަމެއްނޫނެވެ.

މިއީ އަބޫބަކުރުގެފާނުގެ އަމުރުފުޅަށް ޒައިދު ބުނު ޘާބިތުގެފާނު المصحف الإمام ޖަމާކުރެއްވި އިރު ދެނެވަޑައިގަންނަވާ ކަމެއްނޫނެވެ. އަދި މިއީ ޢުޘްމާނުގެފާނު އެކުލަވައިލެއްވި މުޞްޙަފު ކޮމެޓީގެ ބޭކަލުން ވެސް ދެނެވަޑައިގަންނަވާ ކަމެއްނޫނެވެ. 

މި ޤުރްއާނަކީ ޣައިބުތައް ދެނެވޮޑިގަންނަވާ ރަސްކަލާނގެ ކަލާމްފުޅު ކަން ކަށަވަރެއް ނުވޭހެއްޔެވެ؟

މިއަދު މުޞްޙަފު މި އޮތް ގޮތަށް ފިލިޖެހިގެން ނުކުތާ ޖެހިގެން އަލިފުބާ އަކުރުތައް ތަރްތީބުވެގެންދާނެކަން އެކަލާނގެ ޢިލްމުފުޅުގައި އިސްވެގެންވެއެވެ. އެކަލާނގެއީ، ވީހައި ކަންތަކާއި ވާނޭހައި ކަންތަކާއި ވަމުންދާހައި ކަންތައް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ.

31 މި އިޝާރަތް ކުރަނީ ކޮން ކަމަކަށްހެއްޔެވެ؟ 31 ނޫން އެހެން އަދަދެއް ނައީ ކީއްވެގެންހެއްޔެވެ؟

ޖަވާބު ހޯދުމަށް އެނބުރި فاتحة الكتاب އަށް ދަމާހިނގާށެވެ!

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)

الفاتحة ގައި ތަޢާލާގެ ރިވެތި އިސްމުފުޅުތަކުން ތިން އިސްމުފުޅެއް ވާރިދުވެފައިވެއެވެ. މި އިސްމުފުޅުތައް ހަ ފަހަރު ތަކުރާރުވެފައިވެއެވެ. މި ގޮތަށެވެ.

اللَّهِ - الرَّحْمَنِ - الرَّحِيمِ - لِلَّهِ - الرَّحْمَنِ - الرَّحِيمِ

މި ހަ އިސްމުފުޅުގެ އަކުރުތަކުގެ ޖުމްލައަކީ 31 އެވެ.

މި އިސްމުފުޅުތައް (اللَّهِ الرَّحْمَنِ الرَّحِيمِ) ދެ އާޔަތެއްގައި ވާރިދުވެފައިވެއެވެ.

މި އިސްމުފުޅުތައް ޖެހިޖެހިގެން އައިސްވަނީ އެންމެ ދެ އާޔަތުގައެވެ. އެއީ 

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الفاتحة

إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (30) النَّمل

އާޔަތެއްގެ ގޮތުގައި البسملة  ( ބިސްމި ) އައިސްފައިވަނީ މި ދެ އާޔަތުގައި އެކަންޏެވެ.

މި ދެ އާޔަތުގެ ތަރްތީބު އަދަދު އެއްކޮށްލަމާ ހިނގާށެވެ. އޭރުން ލިބޭނީ 1 + 30 = 31

މި ސުމޭކު ޙަޤީޤަތާ މެދު ބުނާނީ ކީކޭހެއްޔެވެ؟

މި ކަމުން البسملة (ބިސްމި)އަކީ الفاتحة  ސޫރަތުގެ  އާޔަތެއްކަން އެނގެއެވެ.

ނަމާދުގައި ސޫރަތުލް ފާތިޙާ ނުކިޔަވާ މީހުންނާމެދު ތިބާ ބުނާނީ ކީކޭހެއްޔެވެ؟ ޢިލްމުވެރީންގެ ޙުއްޖަތް ޤަބޫލުނުކުރާ މީހުންނަށް ސުމޭކު މަންޠިޤު ނުފުދޭނެ ހެއްޔެވެ؟

ޙައްޤުނޫން އެއްޗެއް އަދަދަކަށް ނޭގޭނެއެވެ. ޤަބޫލުކުރުން ނޫން ޙުއްޖަތެއް ނޯންނާނެއެވެ.

بسملة ގެ ދެ އާޔަތަށް އަލުން ބަލަމާ ހިނގާށެވެ! އެއީ :-

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الفاتحة

إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (30) النَّمل

މި ދެ އާޔަތުގައި އައިސްފައިވާ ލަފުޒުލްޖަލާލަތި (ތަޢާލާގެ އެންމެ މަތިވެރި އިސްމުފުޅު)ގެ އަކުރުތަކަށް ބަލާށެވެ.

މި ދެ އާޔަތުގައި އަކުރު الألف  ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.

މި ދެ އާޔަތުގައި އަކުރު اللَّام  ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.

މި ދެ އާޔަތުގައި އަކުރު اللَّام  ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.

މި ދެ އާޔަތުގައި އަކުރު الهاء  ތަކުރާރުވެފައިވަނީ 4 ފަހަރުއެވެ.

ވީމާ މި ދެ އާޔަތުގައި  (اللَّه)ގެ އިސްމުފުޅުގެ އަކުރުތައް ތަކުރާރުވެފައިވަނީ 9+9+9+4 = 31 ފަހަރުއެވެ.

މިއީ ބަސްމަލާ (ބިސްމި)އަކީ ސޫރަތުލްالفاتحةގެ އާޔަތެއްކަން ބަޔާންކޮށްދޭ ދަލީލެކެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުޢަތެއްގައި ވެސް އަޑުހަރުކޮށް ވިޔަސް އަޑު މަޑުކޮށް ވިޔަސް ކިޔަވާންޖެހޭނެއެވެ. (ނުނިމޭ)

ކޮމެންޓު