ad_banner
އިޙުތިރާމް ފަނޑުވަމުން ދިޔުން: ކުދީންގެ ކުށެއްތަ؟

ޖީލީން މުޙަންމަދު

26 އޯގަސްޓް 2026

(ފޮޓޯ: ޔުނިސެފު)

އިންސާނީ މުޖުތަމަޢުތައް ބިނާވެ، ހަރުދަނާކަންމަތީ ދެމިއޮތުމުގެ އެންމެ މުހިންމު އެއް ތަނބަކީ އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ޤަދަރެވެ. ޚާއްޞަކޮށް ޅަ ދަރިވަރުންނާއި ޒުވާނުންގެ ހިތްތަކުގައި ބޮޑެތި މީހުންނަށާއި، އުނގަންނައިދޭ މުދައްރިސުންނަށާއި، ޤައުމުގެ އެކިއެކި ޚިދުމަތްތެރީންނަށް އޮންނަ އިޙުތިރާމަކީ މުޖުތަމަޢުގެ ރިވެތި އަޚުލާޤީ މިންގަނޑު ދައްކުވައިދޭ ކަމެކެވެ. ނަމަވެސް، މިއަދުގެ ދިވެހި މުޖުތަމަޢުގެ ކަންކަން ހުރި ގޮތަށް ފުންކޮށް ނަޒަރު ހިންގައިލާ އިރު، އެންމެ ގަދައަށް އިވޭ އެއް ޝަކުވާއަކީ ޒަމާނީ ކުދީންގެ ކިބައިގައި އަދަބު އިޙުތިރާމް ކުޑަވެ، އިސްރަށްވެހިންނާއި މުދައްރިސުންގެ އަގު ވަޒަންނުކުރާ ވާހަކައެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ކުދީންގެ ބޮލުގައި އަޅުވައި، އެ ކުދީން ކުށްވެރިކޮށްފައި ނިންމައިލެވޭން އޮތް ކަމެއްހެއްޔެވެ؟ ނުވަތަ މިއީ އިޙުތިރާމް ލިބިގަންނާން ތިބި މީހުންގެ ޢަމަލުތަކާއި ސުލޫކަށް އައި ބަދަލުތަކުގެ ސަބަބުން އުފެދިގެން އުޅޭ މައްސަލައެއްހެއްޔެވެ؟

މާޒީގެ އިޙުތިރާމާއި ނަމޫނާ މުޖުތަމަޢު:

މާޒީގެ ފޮނި ހަނދާންތަކުގެ ތެރެއަށް ދާ އިރު، މުޖުތަމަޢުގައި ވަކިވަކި މަޤާމުތަކާއި ޒިންމާތައް އަދާކުރަމުން ދިޔަ ފަރާތްތަކާ މެދު އާންމުންނާއި ކުދީންގެ ހިތްތަކުގައި އޮންނަނީ މަތިވެރި ޤަދަރަކާއި ހައިބަތެކެވެ. ޤައުމުގެ ވެރީންނާއި، އެކިއެކި މުވައްސަސާތަކުގެ ވެރީންނާއި، މުދައްރިސުންނާއި، ޚަބަރު ފަތުރާ ވަސީލަތްތަކުން އަޑާއި ސޫރަ ފެންނަ ނިއުސްކާސްޓަރުންނަކީ ކުދީންގެ ނަޒަރުގައި ފުރިހަމަ، އަދި ނަމޫނާ ޝަޚުޞިއްޔަތުތަކެކެވެ. މަގުމަތީން ޓީޗަރަކު ފެނިއްޖެ ނަމަ، ޖެހިލުންވުމާ އެކު އިސްދަށަށް ޖަހައި، އަދަބުވެރިކަމާ އެކު ސަލާމް ގޮވައިލެވެއެވެ. މުވައްސަސާއެއްގެ ވެރިއެއް ނަމަ، އެއީ އިޙުތިރާމްކުރާންޖެހޭ ފަރާތެއްކަން ބަލައިގަނެއެވެ. ޓީވީއިން ޚަބަރު ކިޔައިދޭ މީހަކު ފެނުމުން އެއީ ޢިލްމީ ގޮތުންނާއި އަޚުލާޤީ ގޮތުން ފުރިހަމަ ޤަދަރުވެރިއެއްގެ ގޮތުގައި ބެލެވެއެވެ. އޭގެ މައިގަނޑު ސަބަބަކީ، އެ ބޭފުޅުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމަކީ ހާމަވެފައިވާ ކަންކަމަށް ނުވުމެވެ. އެ ބޭފުޅުންނާ ބެހޭ ގޮތުން ކުޑަކޮށް ނަމަވެސް މަޢުލޫމާތެއް ލިބެނީ އޭރު މަދުމަދުން ނުކުންނަ މަޖައްލާތަކުގައި ޝާއިޢުކުރާ ޢިލްމީ އަދި އަދަބީ ވާހަކަކޮޅަކުންނެވެ. ނުވަތަ ޓީވީއިން ގެނެސްދޭ ހޭޔަންބޯ ފަދަ ޕްރޮގްރާމެއްގެ ކުރު ބަސްދީގަތުމަކުންނެވެ. އެހެންކަމުން، އެ ފަރާތްތަކުގެ ހައިބަތާއި ޤަދަރަށް ކިލަނބުކަމެއް ނާދެއެވެ.

މީސްމީޑިއާގެ ފުށުއެރުންތައް:

ނަމަވެސް، ފަންނިއްޔާތުގެ ކުރިއެރުމާއި، ޚާއްޞަކޮށް މީސްމީޑިއާގެ ފުޅާ ވަސީލަތްތަކާ އެކު މި މުޅި މަންޒަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޒަމާނީ ފަލްސަފާއެއްގެ ގޮތުގައި [ވަޒީފާއަކީ ވަކި ކަމެއްކަމަށާއި، އަމިއްލަ ދިރިއުޅުމަކީ މުޅީން ވަކި މިނިވަން ކަމެއް]ކަމަށް ބަލައިގަނެވި، އިންސާނާގެ ޒާތީ ދިރިއުޅުމުގެ ހުރިހައި ސިއްރުތަކެއް ޢާންމުކުރާން ފެށުނެވެ. މިއަދު ފެންނަނީ މުޖުތަމަޢުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ޓީޗަރުންނާއި، މަޝްހޫރު ނިއުސްކާސްޓަރުން ވެސް އެމީހުންގެ ޒާތީ ދިރިއުޅުމުގެ ކުދިބޮޑު ހުރިހައި ތަފުޞީލެއް މީސްމީޑިޔާގައި ހާމަކުރާތަނެވެ. ވަޒީފާގެ މާޙައުލުގައި ދައްކާ ސީރިއަސް، ޤަދަރުވެރި ސޫރައާއި، މީސްމީޑިއާގެ ޒާތީ މަންސަތަކުގައި ދައްކާ ސޫރައާ ދެމެދު އުޑާއި ބިމުގެ ތަފާތުގައި ބޮޑު ފަރަގެއް ހުންނަކަން ފާހަގަކުރެވެއެވެ. މި ފަރަގުގެ ނަތީޖާއަކީ، ބޮޑެތި މީހުންނެކޭ އެއްފަދައިން މީސްމީޑިއާ ބޭނުންކުރަމުންދާ ޅަ ދަރިވަރުންގެ ލޮލުގައި މި ފުށުއެރުންތައް އަޅައިގަތުމެވެ. ކުލާސްރޫމުގައި ކުދީންނަށް ކެތްތެރިކަމާއި، ހިތްތިރިކަމާއި، މާތް އަޚުލާޤު ދަސްކޮށްދޭ މުދައްރިސު، މީސްމީޑިއާގައި އެހެން މީހުންނާ ޒުވާބުކޮށް، ދަށުދަރަޖައިގެ ބަސްތައް ބޭނުންކުރާ މަންޒަރު ފެނުމުން، އެ މުދައްރިސަކާ މެދު ދަރިވަރުގެ ހިތުގައި އޮންނަ ޤަދަރު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެންދެއެވެ. އަނެއްކޮޅުން، މީސްމީޑިއާގައި ބޮޑެތި މީހުން ކުރާ މި ފަދަ ޕޯސްޓްތަކަށް ކުދީން [ލައިކް]ދީ، ކޮމެންޓުކޮށް ހެދުމަކީ، ކުދީން އެ ފަދަ ކަންކަން ބަލައިގަންނާން ފަށާކަމުގެ ނިޝާނެކެވެ. ކުދީން އެ ފަދަ ޕޯސްޓްތަކަށް ދޭ ތަރުޙީބުން ދޭހަވަނީ، އެ މީހުންނަކީ ކުދީން ނަމޫނާއަކަށް ބަލައިގަންނަ ބަޔަކަށްވާތީ، އެ މީހުންގެ ކިބައިން ފެންނަ ނުރަނގަޅު އުޅުމާއި ބަސްމަގު ވެސް ކުދީން ނަކަލުކޮށް، އެއިން އަސަރުފޯރާ މިންވަރު ބޮޑުކަމެވެ. ހަމަ އެފަދައިން، ޤައުމުގެ އިސްވެރީންނާއި ނުފޫޒުގަދަ ޝަޚުޞިއްޔަތުތަކުގެ ޒާތީ އަރައިރުންތައް ފެނުމުން، އެ ބޭފުޅުންނަކީ އިޙުތިރާމް ޙައްޤު ބަޔްއްގެ ގޮތުގައި ދެކޭން ކުދީންނަށް އުނދަގޫވެއެވެ.

ގޭތެރޭގެ ތަރުބިއްޔަތާއި މައިންބަފައިންގެ ނަމޫނާ:

އިޙުތިރާމް ކުޑަވުމުގެ މައްސަލައިގައި ވަކިން ޚާއްސަކޮށް ބެލެނިވެރީންގެ ދައުރު ބޮޑުކަން ޤަބޫލުކުރާންޖެހެއެވެ. ކުއްޖެއްގެ އަޚުލާޤީ ބިންގާ އެންމެ ފުރަތަމަ އެޅި، އެ ކުއްޖާގެ ތަރުބިއްޔަތު ބައްޓަންވެގެން އަންނަނީ ގޭތެރޭގެ މާޙައުލުންނެވެ. ކުދީންނަކީ ބޮޑެތި މީހުން ދައްކާ ވާހަކަތަކަށް ވުރެ، އެ މީހުންގެ ކިބައިން ފެންނަ ޢަމަލުތަކާއި މުޢާމަލާތްތައް ވަރަށް ފަރުވާތެރިކަމާ އެކު ނަކަލުކުރާ ބައެކެވެ. މިއަދު ގޭތެރޭގައި މައިންބަފައިންގެ ދުލުން މުދައްރިސުންގެ އަގުވަޒަންނުކޮށް، އަވަށްޓެރީންނަށް އިހާނެތިކޮށްހިތައި ނުވަތަ އާއިލާގެ އެހެން މީހުންނާ މެދު ހަޑިހުތުރު ބަސްމަގު ބޭނުންކުރާ ނަމަ، އެ ކުދީންގެ ކިބައިން އިޙުތިރާމްގެ ސުލޫކެއް އުންމީދުކުރުމަކީ އަމިއްލަ ނަފުސަށް އޮޅުވައިލުމެކެވެ. މައިންބަފައިންނަކީ ކުއްޖާގެ ޙަޔާތުގައި ފެންނާނެ އެންމެ ފުރަތަމަ އަދި އެންމެ ނުފޫޒުގަދަ ނަމޫނާއަށްވާ އިރު، ގޭތެރެއިން އިޙުތިރާމުގެ ބިންގާ ނޭޅި، ކުދީންގެ ކިބައިން އެ ސިފަ ފެންނާނެކަމަށް އުންމީދުކުރަނީތޯއެވެ؟

ޒަމާނާއެކު އިޙުތިރާމްގެ މާނައަށް އައިސްފައިވާ ބަދަލު:

އިޙުތިރާމްކުރުމުގެ މާނައާއި މިންގަނޑަށް ވެސް ޒަމާނާ އެކު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޤަބޫލުކުރާންޖެހެއެވެ. މާޒީގައި ކުދީން ބޮޑެތި މީހުންނަށް އިޙުތިރާމް ކުރީ ބިރުވެތިކަމާ އެކު، ބަސްނާހައިފި ނަމަ ލިބިދާނެ އަދަބަކަށް ޓަކައެވެ. ނަމަވެސް، މި ޒަމާނުގެ ކުދީންނަކީ ކަންކަމާ ސުވާލުކުރާ، އަދި ކަމެއްގެ ޙައްޤު މިންވަރު އަމިއްލައަށް ވަޒަންކުރާން ބޭނުންވާ ބަޔެކެވެ. އެ ކުދީން އިޙުތިރާމްކުރަނީ ހަމައެކަނި ވަކި މަޤާމެއްގައި ހުރީތީ، ނުވަތަ ޢުމުރުން ދޮށީ މީހަކަށް ވީތީކީ ނޫނެވެ. އޭގެ ބަދަލުގައި، އެ މީހެއްގެ ކިބައިން ފެންނަ އިންސާނީ ރަނގަޅު ސިފަތަކާއި، ދައްކާ ސާފު ރީތި ނަމޫނާއަށް ބަލައިގެންނެވެ. އެހެންކަމުން، ބިރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިޙުތިރާމަށް ވުރެ، ޤަބޫލުކުރެވިގެން ކުރާ ހަގީގީ އިޙުތިރާމް ހޯދޭނީ ނަމޫނާ ދައްކައިގެންނެވެ.

އިޙުތިރާމްގެ ބިންގާ: ޢަމަލާއި ބަހާ ސީދާވުން:

ޢަމަލާއި ބަހާ ދިމާނުވާ ތަނެއްގައި ޙަޤީޤީ އިޙުތިރާމުގެ ބިންގަލެއް ނޭޅޭނެއެވެ. އަމިއްލައަށް ނުކުރާ ކަންކަމަށް އެހެން މީހުންނަށް އަމުރުކުރުމަކީ އިސްލާމްދީން ވެސް ވަރަށް ބޮޑަށް ނަހީކުރައްވައިފައިވާ ކަމެކެވެ. ކީރިތި ޤުރްއާނުގެ ސޫރަތުއްޞައްފުގެ ދެވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ﴾ މާނައަކީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތައްތަކުގެ ވާހަކަ ތިޔަބައިމީހުން ދައްކަނީ ކީއްވެގެން ހެއްޔެވެ؟] އެހެންވީމާ، ކުދީންނަށް އަދަބު އިޙުތިރާމް ދަސްކޮށްދިނުމުގެ ކުރީން، ބޮޑެތި މީހުންގެ ޢަމަލާއި ބަސް އެއްގޮތްކުރާންޖެހެއެވެ.

އިޙުތިރާމަކީ މަޤާމުގެ ބާރުން ނުވަތަ އަމުރަކުން ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. އެއީ ތިމާގެ ދުލާއި، ޢަމަލާއި، ދައްކާ ރިވެތި ނަމޫނާއަކުން ލިބިގަނެވޭ އެއްޗެކެވެ. ކުދީންނަކީ ބުނާ ބަހަށް ވުރެ ބޮޑަށް، ފެންނަ މަންޒަރުތައް ނަކަލުކޮށްގެން ދަސްކުރާ ޠަބީޢަތެއް ލިބިފައިވާ ބަޔަކަށްވާ އިރު، މައިންބަފައިންނާ އިސްވެރީންނާއި ތަރުބިއްޔަތު ދޭން ތިބި މީހުންގެ ކިބައިން ފެންނަނީ އިޙުތިރާމް ކެނޑޭ ފަދަ މަންޒަރުތަކެއް ނަމަ، އެ ކުދީންގެ ކިބައިން އިޙުތިރާމަށް އުންމީދުކުރުމަކީ އަމިއްލަ ނަފުސަށް އޮޅުވައިލުމެކެވެ. އަމިއްލަ ދިރިއުޅުމުގެ މިނިވަންކަމުގެ ނަމުގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކުން ބޭރުވުމަކީ، ތިމާއަށް ލިބޭންޖެހޭ ޤަދަރު އަމިއްލަ އަތުން ވައްޓައިލުމެވެ.

[މި ޒަމާނުގެ ކުދީން އިޙުތިރާމެއް ނުކުރެއޭ] ބުނެ ކުދީން ކުށްވެރިކުރުމުގެ ކުރީން، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ބަލައިލާން ޖެހެއެވެ. މިއަދު އަޅުގަނޑުމެން މުޖުތަމަޢަށް މި ދައްކައިދެނީ އިޙުތިރާމް ޙައްޤުވާ ފަދަ ސާފު، ޤަދަރުވެރި މިސާލެއް ހެއްޔެވެ؟ ވުމާ އެކު، ކުދީންގެ ކިބައިން ޙަޤީޤީ އަދަބު އިޙުތިރާމް ފެންނާން އެދޭ ނަމަ، އެންމެ ފުރަތަމަ މައިންބަފައިންނާ އިސްވެރިންނާއި، މުދައްރިސުންނާއި، އަދި ބޮޑެތި މީހުން ވާންޖެހޭނީ ހަގީގީ ދިރިއުޅުމުގައްޔާއި މީސްމީޑިއާގެ މަންސަތަކުގައި ވެސް އެއް ގޮތެއްގައި ހިފަހައްޓާ، އަދި ނަމޫނާ ދައްކާ ބަޔަކަށެވެ. ކުދީންނަށް އިޙުތިރާމްކުރާނެ ފަދަ ނަމޫނާއެއް އަޅުގަނޑުމެން ވެސް ދައްކާންޖެހެއެވެ. ކުދީން އިޙުތިރާމްނުކުރަނީއެއް ނޫނެވެ. އަޅުގަނޑުމެންނަށް ރިވެތި ނަމޫނާ ނުދެއްކެނީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ކޮމެންޓު       ނ.         ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން. Comment

މަންސަ       ނ.         ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. platform

މީސްމީޑީއާ     ނ.         ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. Social media

ފަންނިއްޔާތު    ނ.         ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު.  technology

ކޮމެންޓު