ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (27)

އައްޝައިޚު އިބްރާހީމް އަޙުމަދު

25 އޯގަސްޓް 2026

(2026 އޮގަސްޓު 13ގެ ޢަދަދާ ގުޅޭ)

ކީރިތި ރަސޫލާ އެކަލޭގެފާނުގެ އުންމަތަށް ވަނީ ﷲ ބަވާލެއްވި ގޮތަށް ނޫން ގޮތަކަށް ޙުކުމްކުރުމުގެ ނުބައިކަން ބަޔާންކޮށްދެއްވައިފައެވެ. ފަހެ އެހައިރުން އެބައިމީހުން ބައިބައިވެގެން ހިނގައިދާނެއެވެ. އަދި އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު ނިކަމެތިކުރައްވާނެއެވެ. حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضًا وَيَسْبِي بَعْضُهُمْ بَعْضًا [1] މާނައީ: "އެއް ބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު ހަލާކުކުރެއްވުމަށް ދާންދެނެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކު އަޅުވެތިކޮށްފުމަށް ދާންދެނެވެ." ފަހެ އަދިވެސް ރަސޫލާ ހަދީޘްކުރައްވައިފައި ވެއެވެ. وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ إِلَّا جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ [2] މާނައީ: " އެބައިމީހުންގެ ވެރީން ﷲގެ ފޮތުގައިވާ ގޮތުގެ މައްޗަށް ޙުކުމެއްނުކޮށް އޭގެ މައްޗަށް އެހެން ގޮތެއް ޚިޔާރުކޮށްފި ނަމަ  އެބައިމީހުން ނިކަމެތިވާނެ ގޮތެއް އެބައިމީހުންގެ ތެރެއިން އެކަލާންގެ ލައްވައެވެ." ކީރިތިރަސޫލާ އެކަލޭގެފާނުގެ އުންމަތަށް ވަނީ ހުރިހައި ކަމެއް ބަޔާންކޮށްދެއްވައިފައެވެ. އުންމަތަށް ކުރިމަތިވާނެ ނިކަމެތި ޙާލާ ބޮޑެތި ފިތުނަތަކުގެ ވާހަކަ ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެއީ އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމަށެވެ. އެހެންވީމާ އުންމަތުގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޙުކުމްކުރެވޭނެ މަގަށް ރުޖޫޢަވެ އެ ގޮތަށް ޢަމަލުކުރުމަށެވެ.

عَنْ حُذَيْفَةَ رَضِيَ اللَّهُ عَنْهُ ، قَالَ : " لَقَدْ خَطَبَنَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خُطْبَةً مَا تَرَكَ فِيهَا شَيْئًا إِلَى قِيَامِ السَّاعَةِ ، إِلَّا ذَكَرَهُ عَلِمَهُ مَنْ عَلِمَهُ ، وَجَهِلَهُ مَنْ جَهِلَهُ ، إِنْ كُنْتُ لَأَرَى الشَّيْءَ قَدْ نَسِيتُ فَأَعْرِفُ مَا يَعْرِفُ الرَّجُلُ إِذَا غَابَ عَنْهُ فَرَآهُ فَعَرَفَهُ. "[3] .ޙުޛައިފާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ތިމަންމެނާ މުޚާޠަބުކޮށް ޚުޠުބާއެއްދެއްވިއެވެ. އެ ޚުޠުބާގައި ޤިޔާމަތާ ޖެހެންދެން ހިނގާނެ ކަންކަމުން އެއްވެސް ކަމެއް ދޫކުރެއްވުމެއް ނެތި ބަޔާންކުރެއްވިއެވެ. އެ ކަން ދެނެގަތް މީހުން ދެނެގެންފިއެވެ. ޖާހިލުވި މީހުން ޖާހިލުވެގެންފިއެވެ. ތިމަންކަލޭގެފާނަށް ހީފުޅުވަނީ އެއްވެސް ކަމެއް ހަނދުމަފުޅު ނެތިކުރައްވައިފައި ނުވާކަމަށެވެ. އެއީ މީހަކު ގެއްލުމަށް ފަހު އޭނާ ފެންނަ މީހާއަށް އޭނާ އެނގޭނެ ފަދައިންނެވެ."

عَنْ أَبي زَيْدٍ عمْرُو بنِ أخْطَبَ الأنْصَارِيِّ  قَال: صلَّى بِنَا رَسُولُ اللَّه ﷺ الْفَجْر، وَصعِدَ المِنْبَرَ، فَخَطَبنَا حَتَّى حَضَرَتِ الظُّهْرُ، فَنَزَل فَصَلَّى. ثُمَّ صَعِدَ المِنْبَر حَتَّى حَضَرتِ العصْرُ، ثُمَّ نَزَل فَصَلَّى، ثُمَّ صعِد المنْبر حتى غَرَبتِ الشَّمْسُ، فَأخْبرنا مَا كان ومَا هُوَ كِائِنٌ، فَأَعْلَمُنَا أحْفَظُنَا[4] މާނައީ: "އަބޫޒައިދު ޢަމްރޫ ބިން އަޚުޠަބުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެނާއިގެން ކީރިތި ރަސޫލާ ފަތިސްނަމާދު ކުރެއްވުމަށް ފަހު މިންބަރަށް އަރައިވަޑައިގެން މެންދުރު ނަމާދު ވަގުތުޖެހެންދެން ޚުޠުބާއެއްދެއްވިއެވެ. މެންދުރު ވަގުތުވުމުން މިންބަރުން ފައިބައިވަޑައިގެން ތިމަން ބޭކަލުންނާއިގެން މެންދުރު ނަމާދުކުރެއްވިއެވެ. ދެން އަނެއްކާ ވެސް މިންބަރަށް އަރައިވަޑައިގެން  ޢަޞްރުވަގުތު ޖެހެންދެން ޚުޠުބާ ދެއްވާން ހުންނެވިއެވެ.  ޢަޞްރު ވަގުތުވުމުން ފައިބައިވަޑައިގެން ޢަޞްރު ނަމާދުކުރެއްވިއެވެ. ދެން އަނެއްކާ މިންބަރަށް އަރައިވަޑައިގެން ޚުޠުބާ ދެއްވާން އިރު އޮއްސެންދެން ހުންނެވިއެވެ. އެކަލޭގެފާނުގެ އެ ޚުޠުބާގައި މިހާރު ވާ ކަންކަމާއި ވާނޭ ކަންކަން ބަޔާން ކޮށްދެއްވިއެވެ. ދެން އެ ކަންކަން ތިމަންބޭކަލުންނަށް އެނގިވަޑައިގަތެވެ. އަދި އެ ކަން ދަސްކުރެއްވީމެވެ."

عَنِ الْعِرْبَاضِ بْنِ سَارِيَةَ رَضِيَ اللَّهُ عَنْهُ قَالَ : وَعَظَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَوْعِظَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقُلْنَا يَا رَسُولَ اللَّهِ إِنَّ هَذِهِ لَمَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا قَالَ قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لَا يَزِيغُ عَنْهَا بَعْدِي إِلَّا هَالِكٌ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ وَعَلَيْكُمْ بِالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا فَإِنَّمَا الْمُؤْمِنُ كَالْجَمَلِ الْأَنِفِ حَيْثُمَا قِيدَ انْقَادَ [5] މާނައީ: "އަލްޢިރްބާޟު ބިން ސާރިޔާ ރަސޫލާގެ އަރިހުން ރިވާކުރެއްވިއެވެ. ޢިރުބާޟު ވިދާޅުވިއެވެ. އެއް ފަހަރަކު ތިމަން ބޭކަލުންނަށް ރަސޫލާ ވަޢުޡާއި އިރުޝާދު ދެއްވި ވަގުތު ތިމަންބޭކަލުން ލޯ ކަރުނައިން ފުރުނެވެ. އަދި ހިތްތަކަށް މަޑުމޮޅިކަން އިޙްސާސްވިއެވެ. ފަހެ ތިމަން ބޭކަލުން އެ ހިނދު ރަސޫލާއަށް ދެންނެވީމެވެ. މިއީ ވަދާޢުގެ ވަގުތުކޮޅެކެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް ޢަހުދުކުރައްވާ ކަމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން މި ދޫކުރަނީ އަލިކަމެއްގެ ތެރެއަށެވެ. އެތާނގެ ރޭގަނޑު ވެސް ދުވާލެކޭ އެއްފަދައެވެ. ތިމަންކަލޭގެފާނަށްފަހު އެކަން ނައްތައިލާނީ ހަލާކުވެފައިވާ މީހެކެވެ. ފަހެ ތިޔަބައިމީހުން ކުރެ ދުނިޔޭގައި ދިރިތިބި ބަޔަކަށް ފަހެ ގިނަގުނަ އިޚުތިލާފުތައް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތުގެ މަތީގައި ދެމިތިބޭހުށިކަމެވެ. އަދި ތިމަންކަލޭގެފާނުގެ ޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ދެމިތިބޭހުށިކަމެވެ. ފަހެ ތިޔަބައިމީހުން މި ސުންނަތުގައި ގަދައަށް ހިފަހައްޓާށެވެ! ފަހެ ތިޔަބައިމީހުންނަށް އޮތީ ތިޔަބައިމީހުންގެ ވެރިއަކުކަމުގައި ޙަބަޝީ އަޅަކު އިސްކުރެވިފައި ވިޔަސް ކިޔަމަންތެރިވުމެވެ. ފަހެ ހަމަކަށަވަރުން މުއުމިނުންނަކީ ލަގަނު ވާޖަހައިފައިވާ ޖަމަލެއް ފަދަ ބަޔެކެވެ. އެބައިމީހުން ގެންދިޔަ ދިމާއަކަށް ގެންދެވޭ ހުއްޓެވެ."

ޝަރުޢީ ވަސީލަތްތަކާއި ނަބަވީ އުޞޫލުތަކާއި ގޮތްތަކުން ބިނާވެފައިވާ ޙަނީފިއްޔަ ދީން ދޮގުކުރި ފަރާތްތަކުގެ ނުބައިކަމާއެވެ! އެބައިމީހުން ހީކުރަނީ މިއީ ހަތިޔާރާ އެކު ކުރިމަތިލެވިދާނެ ކަމެއްކަމަށެވެ. ނުވަތަ ގިނަ ބަޔެއްގެ ދެކޮޅު ހެދުމުގެ މުޡާހަރާތަކުން ބަދަލުކުރެވިދާނެ ކަމެއްކަމަށެވެ.

މިފަދަ ޖަމާޢަތްތަކުގެ މީހުން އެހީކުރަނީ ކުށް ހީއެކެވެ.  ހަމަކަށަވަރުން އުންމަތްވަނީ މި ފަދަ ވެރިކަމުގެ ނިޒާމުތަކާ ހުރެ ފޫހިވެފައެވެ. އަދި މި ފަދަ ފިކުރީ މަޒުހަބތަކުން ބިންގާ އަޅައިދީ ޤާއިމުކުރި ވެރިކަންތައް ވަނީ މުޅި ދުނިޔެއަށް ވެސް އުދަގުލަކަށް ވެފައެވެ. އެހެންވީމާ ﷲ ބާވައިލެއްވި ޙުކުމް ނޫން ޙުކުމްކުރުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި މުޞީބާތާ ގެއްލުން ވެސް ވަނީ އެބައިމީހުން ދެކެފައެވެ.

ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުމުން ޙާޞިލުވާނީ ﷲ އިރާދަކުރައްވާ ގޮތެވެ. އުންމަތުގެ ކުރީކޮޅު އިޞްލާޙުވީ ފަދައިން ނޫނީ ފަހުކޮޅު ވެސް އިޞްލާޙެއް ނުވާނެއެވެ. އުންމަތުގެ ކުރީކޮޅުގައި ތިއްބެވީ ބަހުގެ އަހުލުވެރީންނެވެ. މި އުންމަތުގެ އަހުލުވެރީން ﷲ އެދިވޮޑިގަންނަވާ މަގުން ހިނގުމަށް އޮތް އެންމެ ސީދާ މަގަކީ އެ ބޭކަލުން ހިންގެވި މަގެވެ. ފަހެ އެ ބޭކަލުން ބަހުގެ އަހުލުވެރީންނެވެ. އެ ބޭކަލުންގެ ބަހުން ކީރިތި ޤުރްއާން ބާވައިލައްވައިފައި ވެއެވެ. އެބައިމީހުންނަކީ އިސްލާމްދީން އެންމެ ރަނގަޅަށް ދަންނަ، އެ ދީނުގެ ތަޢުލީމު އެންމެ ރަނގަޅަށް ދަންނަ އެ ދީނާ އެ ތަޢުލީމު އެންމެ ފުރިހަމައަށް ބޭނުންކުރާން ދަންނަ މީހުންނެވެ. އެހެންވެ އެބައިމީހުންނާ މެދު ﷲ ވަނީ އެބައިމީހުންގެ ސާފުކަމާއި ޠާހިރުކަން ބަޔާންކުރައްވައިފައެވެ. އެހެންވެ ކިތައްމެ ދިގު ޒަމާނެއް ވޭތިވެ ދިޔަ ނަމަވެސް އެ ބޭކަލުން ހިންގެވި މަގުން ހިނގާށެވެ! މި ދިގު ޒަމާނުގައި އުންމަތަށް ލިބުނު ތަޖުރިބާއާއި ދަރުސާއި ޢިބްރަތްތަކުގެ ފައިދާ ހަނދާން ބަހައްޓާށެވެ! އަދި އަންނާން އޮތް ޖީލަށް ރިވެތި ގޮތުގައި ވަޞިއްޔަތްކުރާށެވެ!

މި ކަންކަމަށް ޓަކައި އަޅުގަނޑުމެން އިޚުތިޔާރުކުރާންވީ މައްކީއާއި މަދަނީ ޒަމާނުގެ މައްޗަށް ބިނާވެފައިވާ ރަސޫލާގެ ސީރަތެވެ.  މީގައި ދެވަނަ ފަތުރާއަށް ވުރެ ފުރަތަމަ ފަތުރާގައި ތިން އަހަރު އިތުރެވެ. އެހެންކަމުން ދައުލަތެއް ބިނާކުރުމަށް ޓަކައި ކުރާންޖެހޭ މަސައްކަތާއި އުފުލާންޖެހޭ ބުރައަށް ވުރެ ޖަމާޢަތެއް ބިނާކުރާން އުފުލާންޖެހޭ ބުރައާއި ކުރާންޖެހޭ މަސައްކަތް ގިނައެވެ. ސަބަބަކީ ޖަމާޢަތަކުން ދައުލަތެއްގެ ބިންގާއަޅައި އެ ދައުލަތް ބިނާކުރާތީއެވެ. މި ދެންނެވި ޖަމާޢަތަށް ދައުލަތުގެ ބިންގާ އެޅުމާއި ބިނާކުރުމުގެ ކުޅަދާނަކަން ނެތް ނަމަ އެ ދައުލަތް އުފެދުމުގެ ބޭނުން ޙާޞިލުވުމަކީ ދުރުކަމެކެވެ.

އެހެންވީމާ އުންމަތުގެ މައްޗަށް ލާޒިމުކުރަނީ ޒަމާން މި ކަމުގެ ހިސާބުގެ ތެރެއަށް ނުވެއްދުމަށެވެ. ސަބަބަކީ ކާމިޔާބީއަކީ ނާކާމިޔާބީއެކޭ އެއްފަދަ އެއްޗެކެވެ. ބައެއް ފަހަރަށް ފުރަތަމަ ޒަމާން ދިގުވެ ދެވަނަ ޒަމާން ކުރުވެދާނެއެވެ. ނުވަތަ މީގެ އިދިކޮޅަށް ވެސް ވެދާނެއެވެ. މިއީ ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް ހިޖުރައިގެ ކުރީން މައްކާގައި ތިއްބެވި އިރު އިއްވައިދެއްވައި ހިތްތަކުގައި ސާބިތު ކޮށްދެއްވި ކަންކަމެވެ. އޭރު މައްކާގެ މުޝްރިކުންގެ އަނިޔާއިން އެ ބޭކަލުންގެ ހަށިކޮޅު ދިޔައީ ހަލާކުވަމުންނެވެ. ކާފިރުންގެ ދޫތަކުން ދިޔައީ މަލާމާތާ ފުރައްސާރަކުރަމުންނެވެ. ކީރިތި ރަސޫލާ ކުރައްސަވައިދެއްވި ރޮނގު ދޫކުރައްވައި ވަޑައިގަތުމަށް އެ ބޭކަލުންނަށް ދަންނަވަމުން ދިޔައެވެ.

އަމާންކަމުގެ މަގަކީ އެއީއެވެ. އަދި އޭގެ ފެށުމަކީ ވެސް އެއީއެވެ. ރަސޫލާއާއި އެކަލޭގެފާނުގެ އަޞްޙާބުން ތިއްބެވި ގޮތާއި ޤަބޫލުކުރެއްވި ޤަބޫލުކުރެއްވުމާއި ޙުކުމްތަކާއި ސުލޫކުތަކާއި އެ ނޫން ވެސް ކަންކަމުގެ މައްޗަށް އެނބުރި ރުޖޫޢަވުމަކީ ރަނގަޅު އެނބުރި އައުމެކެވެ. މި މަތިވެރި އުޞޫލާއި އޯގާތެރިކަމާއި މުސްލިމުން ވާޞިލުވެ ސާފު އިސްލާމީ އުޞޫލުގެ މަތީގައި ބިދުޢައާއި ޚުރަފާތުން ނަޖާވެ، ﷲއަށް ޝަރީކުކުރުމުން ދުރުހެލިވުމެވެ. އަދި ގިނަ ބަޔެއްގެ ސިކުނޑިތަކަށް ވެރިވެގެންފައިވާ ﷲގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތާ ޚިލާފު ފިކުރުތަކުން ސިކުނޑި ސަލާމަތްކޮށް ރައްކާތެރިކުރުމެވެ. (ނުނިމޭ)

 

 

މަރުޖާ

[1]  މުސްލިމު ބިން އަލްޙައްޖާޖު، ޞަޙީޙު މުސްލިމް: ޙަދީޘް ނަންބަރު 2889

[2]  އިބްނު މާޖާ، މުޙައްމަދު ބުނު ޔަޒީދު، ސުނަނު އިބްނު މާޖާ ( ބައިރޫތު، ދާރުލްކުތުބުލްޢިލްމިއްޔާ،1994) ކިތާބުލްފިތަނި ބާބުލްޢުޤޫބާތު،2/ޞ1333

[3]   މުޙައްމަދު ބިން އިސްމާޢީލު އަލްބުޚާރީ، ޞަޙީޙު އަލްބުޚާރީ : ޙަދީޘް ނަންބަރު 6142

[4]  މުސްލިމު ބިން އަލްޙައްޖާޖު، ޞަޙީޙު މުސްލިމް: ޙަދީޘް ނަންބަރު 583

[5]  މުޙައްމަދު ބިން ޔަޒީދު އަލްޤިޒުވީނީ، ސުނަނު އިބްނި މާޖާ : އަލްމަކްތަބަތިލްޢިލްމިއްޔާ، ޤާހިރާ، 1998، ޞ17

ކޮމެންޓު