ad_banner
ލިބުން ނާދިރު ފުރުޞަތެއް، ދިވެހީންނަށް ޓަކައި އައިޔޫއެމުން . . .

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

24 އޯގަސްޓް 2026

ދުނިޔޭގެ ބޮޑެތި ބޮޑެތި ޢިލްމުވެރީން ރާއްޖެ ވަޑައިގަތުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. ވަކީން ޚާއްޞަކޮށް އެއް ހާސް އަހަރަށްވުރެ ގިނަ ދުވަސްވީ އިސްލާމީ ޖާމިޢާއެއްކަމަށްވާ [ޖާމިޢުލްއަޒުހަރު] އެންމެ މަތީ ޢިލްމުވެރީން ރާއްޖެވަޑައިގަތުމަކީ މަދުން ނޫނީ ލިބޭނެ ފުރުޞަތެއް ނޫނެވެ. ވަރަށް މަދުން މި ފަދަ ފުރުޞަތު ވަނީ ލިބިފައިވެސްމެއެވެ. އަނެއްކާ ވެސް މި ފަދަ ފުރުޞަތެއް މި ވަނީ ދިވެހީންނަށް ފަހިވެފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ދަޢުވަތަކަށް، އަލްއަޒުހަރުގެ އިމާމު އަލްއުސްތާޛު ޑރ. އަޙުމަދު ޠައްޔިބުގެ މުޝީރެއްކަމުގައިވާ ޑރ. ނަހުލާ އައްޞަޢީދީ، މި ހިނގާ އޮގަސްޓު މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެއީ ބިދޭސީ ދަރިވަރުންނާ ބެހޭ މުޝީރުކަމަށްވީކަމީ މި ދަތުރުފުޅުގެ ޚާއްޞަކަން އިތުރުވާ ކަމެކެވެ. ޑރ. ނަހުލާއަކީ އަޒުހަރުގެ ތާރީޚުގައި ވެސް ޝައިޚުލްއަޒުހަރުގެ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަނުކުރުވުނު އެންމެ ފުރަތަމަ އަންހެން ޢިލްމުވެރިޔާއެވެ. ޑރ. ނަހުލާ ރާއްޖެއަށް މި ކުރައްވާ ޒިޔާރަތުގައި ތަފާތު ދާއިރާތަކަށް އަމާޒުކުރައްވައިގެން ޚާއްޞަ ދަންފަޅިތަކެއް ބާއްވާން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީއިން ވަނީ ތާވަލުކުރައްވައިފައެވެ.

ޑރ. ނަހުލާ ބެޗްލާރޒް ޑިގްރީ ޙާޞިލުކުރައްވައިފައިވަނީ ޢަރަބިބަހުގެ ދާއިރާއިންނެވެ. 1996ގައެވެ. މާސްޓަރސް ޑިގްރީއާއި ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވަނީ ބަލާޣާއާއި ފާޑުކިޔުމު ދާއިރާއިންނެވެ. އެންމެ މަތީ ދަރަޖައިގައި (ވިތު އޮނާރޒް) މި ސަނަދު ޙާޞިލުކުރައްވައިފައިވަނީ 2004ގައެވެ.

ޝައިޚުލްއަޒުހަރުގެ މުޝީރުގެ މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދާން ހަމަޖެހިފައިވާ ދަންފަޅިތަކާއި، މައުޟޫޢުތަކާއި އެ ދަންފަޅިތައް އަމާޒުކުރެވޭ ފަރާތްތަކުގެ ތަފުސީލު ދަންނަވައިލާނަމެވެ.

1.     ޒުވާނުންނާއި ދަރިވަރުންނަށް އަމާޒުކުރެވޭ ދަންފަޅި:

މި ދަންފަޅި ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޮގަސްޓްގެ ހަވީރު 16:00އިން 18:00އަށެވެ. "ޝަޚްޞިއްޔަތާއި އިޖްތިމާޢީ މަޤާމް ޙާޞިލްކުރުމުގައި އިސްލާމް ދީން ޒުވާނުން ބާރުވެރިކުރާ ގޮތް.] މި މައުޟޫޢަށް ބާއްވާ މި ދަންފަޅި އަމާޒުކުރެވިފައިވަނީ ސާނަވީ އިސްކޫލުތަކުގެ ދެ ޖިންސުގެ ދަރިވަރުންނަށެވެ.

2.     ދީނީ ޢިލްމުވެރިންނާއި ވާޢިޡުންނަށް އަމާޒުކުރެވޭ ދަންފަޅި:

އޮގަސްޓް 26ވަނަ ދުވަހުގެ ރޭ 20:00އިން 22:00އަށް އޮންނާނީ "އިސްލާމީ ދަޢުވަތުގެ މައިދާނުގައި އަންހެނުން: ނުފޫޒުވެރިކަމާއި އަދާކުރާ މުހިންމު ދައުރު" މި މައުޟޫޢުގެ ދަންފަޅިއެވެ. މި ދަންފަޅި ޚާއްޞަކުރެވިފައިވަނީ ދީނީ ދަޢުވަތު ފެތުރުއްވުމުގައި ހަރަކާތްތެރިވާ މުޞްލިޙުންނާއި، ޢިލްމުވެރީންނާއި ދާޢީންނާއި ވާޢިޡުންނަށެވެ.

3.     މުދައްރިސުންނަށް އަމާޒުކުރެވޭ ދަންފަޅި:

އޮގަސްޓް 27ގެ ހެނދުނު 10:00އިން 12:00އަށް ބާއްވާ ދަންފަޅި އަމާޒުކޮށްފައިވަނީ އިސްކޫލުތަކުގެ މުދައްރިސުންނަށެވެ. މި ދަންފަޅިގެ މައުޟޫޢަކީ "ދަރިވަރުންގެ ވަންތުކަން ބައްޓަންކުރުމާއި، އިސްލާމީ ރަނގަޅު އުސޫލުތަކަށް ލޯބިކުރާ ހޭލުންތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު" މިއެވެ.

4.     ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންގެ އިސްވާރުންނަށް އަމާޒުކުރެވޭ ދަންފަޅި:

އޮގަސްޓް 27ގެ މެންދުރުފަހު 13:00އިން 15:00އަށް އޮންނާނީ "އިސްލާމީ ވަންތަކަމުގެ މައްޗަށް ބިނާވެފައިވާ، ނަތީޖާނެރެވޭ ފަދަ އިސްނެގުމުގެ ދައުރުތަކެއް އަދާކުރުމުގައި ދަރިވަރުން ބާރުވެރިކުރުވުން" މި މައުޟޫޢުގެ ދަންފަޅިއެވެ. މި ދަންފަޅި އަމާޒުކުރެވިފައިވަނީ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންގެ ޖަމުޢިއްޔާތަކުގެ އިސް ދަރިވަރުންނަށެވެ.

5.     ތަޢުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކުރެވޭ ދަންފަޅި:

އޮގަސްޓް 27 ދުވަހުގެ ރޭ 20:00އިން 22:00އަށް ބާއްވާ ދަންފަޅި ޚާއްޞަކުރެވިފައިވަނީ ޔުނިވަރސިޓީތަކާއި ތަޢުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. މި ދަންފަޅިގެ މައުޟޫޢަކީ "ތަޢުލީމީ މުއައްސަސާތަކުގައި މަސައްކަތުގެ އުފެއްދުންތެރިކަމާއި، އިސްލާމީ ގިޔަމުތަކާ ދެމެދު ތަވާޒުނުކުރުން"އެވެ.

މި ދަންފަޅިތައް އިންތިޒާމުކުރަނީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ކިރްކް) އިންނެވެ. މީގެ އިތުރަށް، އައިޔޫއެމްއިން ބާއްވާ އަހަރީ ކޮންފަރެންސް(ICIA) ގައި ޑރ. ނަހުލާ އައްޞަޢީދީ ޚާއްޞަ ކީނޯޓު ތަޤުރީރެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ދޫކޮށްލައިގެންވާ ވަރަށް ވުރެ މާ މުހިންމު ފުރުޞަތުތަކެކެވެ. މިއީ އާންމުކޮށް ހުޅުވައިލެވިފައިވާ ފުރުޞަތެކެވެ. މި ފުރުޞަތު ނަންގަވައިނުލައްވާށެވެ! އަވަހަށް ތައްޔާރުވެވަޑައިގަންނަވާށެވެ! އެ ބަޔަކަށް ޚާއްޞަކުރެވޭ ދަންފަޅިތަކުގައި ޔުނިވަރސިޓީގެ މާލަން ފުރައިލައްވާށެވެ!

މި ފަދަ ރަނުގެ ފުރުޞަތުތައް ފަހިކޮށްދެއްވާކަމަށް ޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވެރީންނަށް ޝުކުރުދަންނަވަމެވެ.

 

ބައެއް ލަފުޒުގެ މާނަ:

ވަންތުކަން        ނއނ.          މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ދެނެގަނެވޭނެ ޚާއްސަ ސިފައެއް ލިބިގެންވާކަން.  identity

ދަންފަޅި          ނ.             އެއް ކަމަކާ ބެހޭގޮތުން ބާއްވާ ޖަލްސާތަކަކުން ޖަލްސާއެއް.  session

ތަވާޒުނު          ނ.             ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance

ގިޔަމު           ނ.             ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.  values

ކޮމެންޓު