ad_banner
ޝަކުވާއާއި ޝުކުރުގެ ތިލަފަތް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

21 އޯގަސްޓް 2026

ޝަކުވާއާއި ޝުކުރާ ބެހޭ ގޮތުން ފަތްފުށްތަކުގައި އައިސްފައިވާ ވާހަކަތަކުގެ ތެރޭގައި އަލްއަޙްނަފު ބުނު ޤައިސާއި އެ ކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޞަޢުޞަޢަތުގެފާނާ ދެމެދުގައި ދެކެވުނު ވާހަކަތަކެއް ވެއެވެ.

އަލްއަޙްނަފު ބުނު ޤައިސް ވިދާޅުވިއެވެ: އެއް ދުވަހަކު އަހުރެންގެ ޖަމަލުތަކާ އެކު އުޅެނިކޮށް ބަނޑުގައި ރިއްސައިގަތެވެ. އެ ހިނދު އަހުރެންގެ މި ރިހުންގަނޑުގެ ވާހަކަ ކިޔައިދޭނެ މީހަކު ލިބޭނެ ނަމަ ހާދަ ރަނގަޅޭ ހިތަށް އެރިއެވެ. އެ ވަގުތު އަހުރެންގެ ބޮޑުބޭބެ ޞަޢުޞަޢަތު ބުނު މުޢާވިޔަތު އޭނާގެ ޖަމަލެއް ހޯދާންވެގެން ދަނިކޮށް ބައްދަލުވިއެވެ. އަވަސްއަވަހަށް އަހުރެން ޖަމަލަކަށް ސަވާރުވެގެން އަހުރެންގެ ޝަކުވާބަނުމަށް އޭނާގެ ފަހަތުން ދުއްވާން ފެށީމެވެ. އޭނާއާ ވާހަކަދައްކާންވެގެން އަނގަހުޅުވައިލީމެވެ. އޭނާ އަހުރެންގެ އަނގަބަންދުކުރުވައިފާ ބުންޏެވެ: އޭ އަހުރެންގެ އަޚާގެ ދަރިފުޅާއެވެ! ތިބާއާ ޝަކުވާކުރާނެ ކަމެއް ކުރިމަތިވެއްޖެ ނަމަ ތިބާފަދަ މަޚުލޫޤެއް ގާތުގައި އެ ޝަކުވާނުކުރާށެވެ!  ތިބާއާ ކުރިމަތިވި ކަންތައް ދުރަށްލައިދިނުމުގެ ބާރު އޭނާއަށް ލިބިގެންނުވެތެވެ. އެހެނެއްކަމަކު ތިބާއާ އެ ކަން ކުރިމަތިކުރައްވާ، ތިބާ އެ އިމްތިޙާނު ހަދާ ގޮތް ބައްލަވާ ފަރާތަށް އެ ކަމުގެ ޝަކުވާކުރާށެވެ! އެ ކަން ތިބާއާ ދުރަށްލުމުގެ ބާރުލިބިގެންވަނީ އެ ފަރާތަށެވެ. ތިބާ ދަންނާށެވެ! ތިބާ ތިޔަ ޝަކުވާކުރަނީ ދެ މީހެއްގެ ތެރެއިން މީހަކާއެވެ. އެއީ ތިބާގެ ހަތުރުވެރިއެކެވެ. އެ މީހާ ތިޔަކަމާ ވާނީ އުފަލެވެ. ނުވަތަ އެއީ ތިބާގެ ރަޙްމަތްތެރިއެކެވެ. ތިބާގެ ޝަކުވާއިން އޭނާއަށް ލިބޭނީ ހިތާމައާއި ވޭނެވެ.

އަހުރެންގެ އަޚާގެ ދަރިފުޅާއެވެ! އަހުރެންގެ މި ލޯ ތިބާއަށް އެބަ ފެނޭހެއްޔެވެ؟ އެ ލޮލުގެ އަލިކަން ގެއްލިފައިވާތާ ސާޅީސް އަހަރުވެއްޖެއެވެ. އަރެންގެ އަނބިމީހާއަކަށް ވެސް، އަހުލަކަށް ވެސް، އަދި ދަރިއެއްގެ ގާތުގައި ވެސް އެ ވާހަކައެއް ނުދައްކަމެވެ. އެ ލޮލުގެ އަލިކަން މާތްﷲ ގެންދެވި ފަހުން މާތްﷲއަށް އަހުރެން ކުރާ ޝުކުރު، އެ ލޯ ސަލާމަތުން ހުރިއިރު ކުރި ޝުކުރަށް ވުރެ ވަނީ އިތުރުވެފައެވެ. އެކަލާނގެ ވަނީ އަހުރެން އަދަބުވެރިކުރައްވައިފައެވެ. އެކަލާނގެ އެ ކަން އެއްވެސް މީހަކަށް ހާމަކޮށްދެއްވައިފައެއް ނުވެތެވެ. އެކަލާނގެ އަހުރެންގެ އެއްވެސް ކަމެއް ނުހުއްޓުވާތީއެވެ.

މި ވާހަކައިގައި ވަރަށް ފުން މާނައެއް ވެއެވެ. މިއިން އެނގެނީ ބަލާވެރިކަމަކީ އެ ކަމުގައި ހަމައެކަނި ބުރަތަކެއް ހިމެނޭ ކަމެއްނޫންކަމެވެ. އެ ކަމުގައި ނަފުސުގެ ތަރުބިޔަތެއް އޮވެދާނެއެވެ. އެއީ ޚުލްޤު ރިވެތިކުރެއްވުމަކަށް ވެދާނެއެވެ. ﷲއާ އޭނާއާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދޭ ބަހާއަކަށް ވެދާނެއެވެ. ޞަޢުޞަޢަތުގެފާނު އެކަލޭގެފާނުގެ ލޯފުޅުގެ އަލިކަން ގެންދެވުމާ މެދު ދެކެވަޑައިގަތީ އެއީ އެ ކަމާހެދި މުޅި ޙަޔާތުގައި ހިތާމަކުރާ އަސީރަކަށް ވެގެންނުވާނެކަމަށެވެ. އެކަލޭގެފާނު ދެކެވަޑައިގަތީ އެއީ އެކަލޭގެފާނު ތަރުބިޔަތުކޮށްދެއްވުމަށް ޓަކައި އެކަލޭގެފާނަށް އުނގަންނައިދެއްވުމަށް ކުރިމަތިކުރެއްވި ހާދިސާއެއްކަމަށެވެ. މި ކަމުގެ ސަބަބުން އެކަލޭގެފާނު ދުޅަހެޔޮކަމުގައި ހޭދަކުރެއްވި މިންވަރަށް ވުރެ މި ބަލާވެރިކަމުގައި މާތްﷲއަށް ޝުކުރުކުރެއްވި މިންވަރު އިތުރުވެފައިވެއެވެ.

ޞަޢުޞަޢަތުގެ ބަސްފުޅުތަކުގައި އަޙްނަފަށް ކެތްތެރިކަމުގެ މާނައާއި ޝަކުވާ ސިއްރުކުރުމުގެ މުހިންމުކަމުގެ ދަރުސެއް ވެއެވެ. މި ފިލާވަޅުގެ މާނައަކީ ބަލިމަޑުކަމެއް ކުރިމަތިވުމުން ބޭސްނުކުރާށެކޭއެއް ނޫނެވެ. އެ ވަބާއިން ސަލާމަތްވުމަށް ޓަކައި މީހުންގެ އެހީ ހޯދުން މަނާ ވާހަކައެއް ވެސް ނޫނެވެ.  އެ ބަސްފުޅުގެ މާނައަކީ ބަލާވެރިކަމެއް ކުރިމަތިވުމުން އެންމެ ފުރަތަމަ ޝަކުވާ ދަންނަވާ ފަރާތަކަށް ތިބާގެ ވެރިރަސްކަލާނގެ ހަދާށެވެ. ބަލާވެރިކަން ދުރަށްލުމުގެ ބާރުވެރިކަން ލިބިގެންވާ ފަރާތަކީ ﷲކަމަށް ވާތީއެވެ. އެހެން ކަމުން ޝަކުވާކުރާން ޖެހޭ ޙައްޤު ފަރާތަކީ އެކަލާނގެއެވެ.

މި  ވާހަކައިގައި ޞަޢުޞަޢަތުގެފާނު  އެކަލޭގެފާނުގެ އަޚުގެ ދަރިކަލުން އަޙުނަފަށް ދުނިޔަވީ ޙަޔާތުގައި ފައިދާކުރަނިވި ގަވާއިދެއް ދަސްކޮށްދެއްވިއެވެ. އަޙުނަފުގެ ބަނޑުފުޅުގެ ރިހުން ކަނޑުވައިލާނެ ދާއިމީ ބޭހެއް ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ތިބާ ދަންނާށެވެ! ތިބާ ތިޔަ ޝަކުވާކުރަނީ ދެ މީހެއްގެ ތެރެއިން މީހަކާއެވެ. އެކަކީ ތިބާގެ ހަތުރުވެރިއެކެވެ. އެ މީހާ ތިޔަކަމާ ވާނީ އުފަލެވެ. ނުވަތަ އެއީ ތިބާގެ ރަޙުމަތްތެރިއެކެވެ. ތިބާގެ ޝަކުވާއިން އޭނާއަށް ލިބޭނީ ހިތާމައާއި ވޭނެވެ. ﷲއަށް ދަންނަވާ ޝަކުވާއަށް އެހެނެއް ނުވާނެތެވެ. އޭރުން ތިބާ ތިޔަ ޝަކުވާ ކުރީ އެ ޝަކުވާ ދުރަށްލައިދިނުމުގެ ބާރުލިބިގެންވާ ފަރާތާއެވެ.]

މިއިން އެނގޭ ގޮތުގައި ބާރުވެރިކަމަކީ ތަދާއި ވޭން ނައްތައިލުމެއްނޫނެވެ. އެހެނަސް އެއީ ތިބާ ހަލާކުވެގެން ނުގޮސް ތަދާއިވޭން ތަޙައްމުލުކުރުމުގެ ބާރުވެރިކަމެވެ. ޞަޢުޞަޢަތުގެފާނުގެ ލޯފުޅު ކަނުވިޔަސް އެކަލޭގެފާނުގެ ޢިއްޒަތް ގެއްލިގެނެއް ނުދެއެވެ. އެކަލޭގެފާނުގެ ކެތްތެރިކަން ކުޑަވެގެން ނުދެއެވެ. ކަންތައްތައް ރާއްވަވާ ހިންގުމުގެ ޤާބިލުކަން ނެތިގެނެއްނުދެއެވެ.

މި ވާހަކައިގެ އެންމެ ރީތި މަންޒަރަކީ ޞަޢުޞަޢަތުގެފާނުގެ ކެތްތެރިކަމުގެ އިމެއްނޫނެވެ. މި އިން ފަހަނަޅައިވަޑައިގެން އެކަލޭގެފާނު ޝުކުރުގެ އުޑަށް ވާޞިލުވެވަޑައިގެންނެވުމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އަހުރެންގެ ދުޅަހެޔޮކަމުގެ ދުވަސްތަކުގައި ﷲއަށް ޝުކުރުދެންނެވި ވަރަށް ވުރެ މިހާރު ޝުކުރުދަންނަވާ މިންވަރު އިތުރުވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވި ގޮތުގައި އެއީ އެކަމުން ފައިދާ ލިބިވަޑައިގެންނެވި ރައްބާނީ އަދަބެކެވެ. މުއުމިނުންނާ ކުރިމަތިކުރައްވާ ބަލާވެރިކަމުން އީމާންކަން ވަރުގަދަވާން ޖެހޭނެއެވެ. ކުރިއަށް ވުރެ ކެތްތެރިކަން ބޮޑު ، ހޭލުންތެރިކަން އިތުރު،  ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަންކުރުވާ ކަމަކަށް ބަލާވެރިކަން ވާންޖެހޭނެއެވެ.

ކޮމެންޓު