އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
24 އޯގަސްޓް 2026
ރަބީޢުލްއައްވަލު މަސް އައުމުން ކީރިތި ރަސޫލާގެ ވާހަކަތައް ތަންކޮޅެއް ގިނައިން، ތަންކޮޅެއް ދިގުކޮށް ދެއްކޭ ތަން ފެނެއެވެ. އެ މާތް ރަސޫލާ صلى الله عليه وسلم ދުނިޔެއަށް ވަޑައިގަތީ މި މަހުގައިކަމަށް ވާތީއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތީ މި މަހުގައިކަމަށް ވާތީއެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވީ މި މަހުގައިކަމަށް ވާތީއެވެ.
ރަބީޢުލްއައްވަލު މަހަކީ ކީރިތި ރަސޫލާ r ދުނިޔެއަށް ވަޑައިގަތް މަހެވެ. އެކަލޭގެފާނު މީލާދަކީ، ޖާހިލުކަމާއި ޝިރުކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތްކުރި ވަރުގަދަ ރިސާލަތެއްގެ އުފަންވުމެވެ. އެއީ ވަރުގަދަ އުންމަތެއް ބިނާކޮށް އާރާސްތުކޮށް ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލުކޮށްލި ޙަޟާރަތެއްގެ މީލާދެކެވެ. ކީރިތި ރަސޫލާ r ގެންނެވި އިސްލާމީ ދަޢުވަތުގެ ސަބަބުން އިމާންކަން މުޅި ދުނިޔެއަށް އާންމުވެ، އަމަންއަމާންކަން ފެތުރި، އެއްގަމަށާއި، ކަނޑުތަކަށާއި، އިންސާނުންނަށާއި ޖިންނީންނަށާއި ގަސްގަހާގެއްސަށާއި ދިރުންހުރި އެއްޗެއްސަށާއި ދިރުން ނެތް އެއްޗެއްސަށް، އަލިކަމާއި ރައްކައުތެރިކަމާއި އުފާވެރިކަން ލިބުނެވެ.
މި ވަސްމީރު ޒިކުރާ އައުކުރާ އިރު އަޅުގަނޑުމެންގެ ހިތަށް ގެންނާންވީ މި ލޮބުވެތި ރަސޫލާގެ އިންސާނީވަންތަކަމާއި އަޚުލާޤީ މަތިވެރިކަމެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އަލުން ރަނގަޅުކުރުމަށް ޓަކައެވެ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ލާސާނީ ނަމޫނާ އިންސާނަކަށެވެ. އެކަލޭގެފާނުންގެ އަހުލުންނާއި، އަވަށްޓެރީންނާއި ގައުމުގެ އެންމެހައި މީސްތަކުންނާ އެކު، މަޢީޝަތުގެ ކަންތައްތަކުގައްޔާއި ޙަޔާތުގެ ބުރަތަކާއި ދަތިތައް ތަޙައްމުލުކުރެއްވުމުގައި އެއްބާރުލައްވައިފައިވެއެވެ. އެކަލޭގެފާނުންގެ ގާތްތިމާގެ ބޭފުޅުންނާ އެކު މުޞީބާތްތަކުގައި ހަމްދަރުދީވެވަޑައިގެންފައިވެއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެވަޑައިގެންފައިވެއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުކުރައްވައިފައި ވެއެވެ. މެހުމާނުންނަށް ކަމޭހިއްތަވައިފައި ވެއެވެ. އިޚުވާނުންނަށާއި ރަޙުމަތްތެރިންނަށް ހެޔޮކޮށް ހިއްތަވައިފައިވެއެވެ. ޣައިރުމުސްލިމުންނާ އެކުގައި ވެސް ރިވެތި ގޮތުގައި މުޢާމަލާތުކުރައްވައިފައި ވެއެވެ. ރަސޫލުﷲ r ހުރިހައި ވަގުތެއްގައި ވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ. ތެދު ބަސް ވިދާޅުވި، އަމާނަތްތައް އަދާކުރެއްވި، އަދި ނިކަމެތީންނަށް އަޅައިލެއްވި ބޭކަލަކަށެވެ.
މި މުނާސަބަތުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލޭނގެފާނުދެކެ ލޯބިވުން އިތުރުކޮށް އެކަލޭގެފާނުގެ ރިސާލަތަށް ތަބާވެ، އެކަލޭގެފާނު ގެންނެވި އުޞޫލުތަކުގައި ހިފެހެއްޓުމެވެ.
އަޅުގަނޑުމެން އެކަލޭގެފާނު ދެކެ ލޯބިވާންވީ މީސްތަކުންނަށް ހިދާޔަތު ލިބުމުގެ ސަބަބަކަށް ވެވަޑައިގެންފައިވާތީއެވެ. އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނުއިރު މީސްތަކުން ތިބީ މަގުފުރެދުމުގެ ބިޔަ ޖަންގައްޔެއްގެ ތެރޭގައެވެ. ޖާހިލުކަމުގެ އަނދިރިކަމުގެ ތެރޭގައެވެ. ހެޔޮކަންތަކާއި މުންކަރާތްތައް ވަކިކުރާނެ މިންގަނޑުތަކެއް ނުދަނެތެވެ. އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. (( قَدْ أَنْزَلَ اللَّهُ إِلَيْكُمْ ذِكْرًا * رَسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ [1] - اللَّهގެ بيان ވެގެންވާ آيةތައް ތިޔަބައިމީހުންގެ މައްޗަށް ކިޔަވައިދެއްވާ رسولއަކު ފޮނުއްވިއެވެ. (އެއީ) إيمانވެ، صالح عملކުރި މީހުން، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް، ނެރުއްވުމަށް ޓަކައެވެ.))
މާތްﷲ ރުއްސުންލެއްވި ޖަޢުފަރު ބުނު އަބީޠާލިބުގެފާނު ވިދާޅުވިއެވެ. ((އަހުރެމެންނަކީ ބުދުތަކަށް އަޅުކަންކުރާ، މުޅަމަސް ކައި ރާބޮއި އުޅުނު ބަޔަކުކަމުގައި ވީމުއެވެ. މުޙައްމަދު r ނަބީކަމާއިގެން ފޮނުއްވައި އަހުރެމެން މި އަނދިރިތަކުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވަންދެން އަހުރެމެން ތިބީ ރަޙިމުގުޅުން ކަނޑަމުން ދިޔަ އަދި ފާޙިޝް ޢަމަލުތަކަށް އަރައިގަންނަމުން ދިޔަ ބަޔެއްގެ ގޮތުގައެވެ.))
އަޅުގަނޑުމެން މުސްލިމުން އެކަލޭގެފާނު ދެކެ ލޯބިވާންވީ އެކަލޭގެފާނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ރަޙުމަތެއްކަމުގައި ވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ [2] - އަދި عالمތަކަށް رحمةއެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ.))
އިބްނުލްޤައްޔިމު ވިދާޅުވެފައި ވެއެވެ. ކައު ރަސޫލާ rގެ ރިސާލަތު ޢާލަމުތަކަށް ރަޙުމަތެއްކަމުގައި ލައްވައިފައިވާތީ މުޅި ދުނިޔެއަށް މި ރަޙުމަތުގެ މަންފާ ވަނީ ލިބިފައެވެ. އެކަލޭގެފާނަށް ތަބާވީ މީހުންނަށް ދުނިޔެއާއި އާޚިރަތުގެ މަތިވެރިކަން ވަނީ ލިބިފައެވެ. އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަކުރި މީހުންނަށް ދުނިޔަވީ ޙަޔާތަށް ވުރެ މަރުވެދިޔުން ހެޔޮކަން ބޮޑުވެގެންވިއެވެ. އެބައިމީހުން ދުނިޔޭގައި ގިނަ ދުވަހު ތިބުމުން އެމީހުންގެ ފާފަތައް އިތުރުވާނެތީއެވެ. މާތް ﷲ އެމީހުންގެ މަރު އަވަސްކުރެއްވުން ވެފައިވަނީ ރަޙުމަތަކަށެވެ.
އަލްޙަސަނު ބުނުލްފަޟްލު ވިދާޅުވިއެވެ. މާތް ﷲ އެއްވެސް ރަސޫލުބޭކަލަކަށް އަދި އެއްވެސް ނަބީބޭކަލަކަށް އެކަލާނގެ މަތިވެރި އިސްމުފުޅުތަކުން ދެ އިސްމުފުޅެއް ނުދެއްވަތެވެ. ކައު ރަސޫލާއަށް މެނުވީއެވެ. މާތް ﷲ އެކަލޭގެފާނާ ބެހޭގޮތުން ވަޙީކުރެއްވިއެވެ. (( بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ [3]- އެކަލޭގެފާނީ مؤمنންނަށް ނުހަނު އޯގާވެރި، رحمހުރި ބޭކަލެކެވެ.)) މާތް ﷲ އެކަލާނގެ ޒާތުފުޅާ ބެހޭ ގޮތުން ވަޙީކުރެއްވި ބަސްފުޅުގައި ވެއެވެ. (( إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ [4] - ހަމަކަށަވަރުން، اللَّهއީ މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.))
އަޅުގަނޑުމެން ކައުރަސޫލާ r ދެކެ ލޯބިވަނީ ޤިޔާމަތްދުވަހުން މަޙުޝަރުކުރެވޭނީ އެ މީހަކު ލޯބިވާ މީހަކާ އެކުގައި ކަމަށް ވާތީއެވެ. މި ޝަރަފު ލިބޭނީ އެކަލޭގެފާނުދެކެ ލޯބިވެގެންނެވެ. މާތްﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެފާނު ވިދާޅުވިއެވެ. ((އެއްދުވަހަކު މީހަކު ރަސޫލުﷲ r ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ޤިޔާމަތް ވާނީ ކޮން އިރަކުންތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިބާ އެ ދުވަހަށް ޓަކައި ތައްޔާރުކުރީ ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑު އެ ދުވަހަށް ޓަކައި މާ ގިނަ ނަމާދުތަކެއް، މާ ގިނަ ރޯދަތަކެއް ތައްޔާރެއް ނުކުރަމެވެ. އެހެނަސް އަޅުގަނޑު މާތްﷲއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވަމެވެ. އެ ހިނދު ނަބިއްޔާ r ޙަދީސްކުރެއްވިއެވެ. ((المرءُ معَ مَن أحبَّ، وأنتَ معَ مَن أحببتَ[5] - މީހާ ވާނީ އޭނާ ލޯބިވި މީހަކާ އެކުގައެވެ. އަދި ތިބާ ވާނީ ތިބާ ލޯބިވި ބަޔަކާއެކުގައެވެ.)) އަޅުގަނޑުމެން ރަސޫލާ r ދެކެ ލޯބިވަނީ އެކަލޭގެފާނާ އެކު މަޙުޝަރުކުރެވޭ މީހުންގެ ތެރޭގައި ވުމަށް އުންމީދުކުރާތީއެވެ. އެކަލޭގެފާނުގެ ޝަފާޢަތް ލިބޭ މީހުންގެ ތެރޭގައި ވުމަށް އެދޭތީއެވެ. އެކަލޭގެފާނުގެ ފެންއާރުކޮޅުން އަޅުގަނޑުމެންނަށް ފެން ލިބުމަށް އެދޭތީއެވެ. މި އާރުކޮޅުން ފެން ބޮވުނުމީހާ މަޙުޝަރު ބިމުގައި ކަރެއްނުހިއްކާނެތެވެ. އަޅުގަނޑުމެން ރަސޫލާ ދެކެ ލޯބިވަނީ ސުވަރުގޭގައި އެކަލޭގެފާނުގެ އަރިހުގައި ވަޒަންވެރިވުމަށް އެދޭތީއެވެ.
އަޅުގަނޑުމެން މާތް ރަސޫލާ r ދެކެ ލޯބިވަނީ އެކަލޭގެފާނު އަޅުގަނޑުމެން ދެކެ ލޯބިފުޅުވާތީއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. އެއް ދުވަހަކު ކައު ރަސޫލާ صلى الله عليه وسلم ގަބުރުސްތާނަކަށް ވަޑައިގަތެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (( السلامُ عليكم دارَ قومٍ مؤمنينَ، وإنّا إنْ شاءَ اللهُ بكم لاحقونَ، وددتُ أنْ رأيتُ إخوانَنا. قالوا: يا رسولَ اللهِ، ألسنا بإخوانِك؟ فقال: بل أنتم أصحابي، وإخوانُنا الذين لم يأتوا بعدُ، وأنا فرطُهم على الحوضِ[6]- މުއުމިނުންގެ ގައުމުގެ ގޮވެތީގެ އަހުލުވެރީންނެވެ. ތިޔަބައިމީހުންނަށް ސަލާމްހުށްޓެވެ. އަދި ހަމަކަށަވަރުން އަހުރެމެން ތިޔަބައިމީހުންނާ ބައްދަލުކުރާނޫއެވެ. ތިމަންކަލޭގެފާނުގެ އަޚުން ދެކެވަޑައިގަތުމަށް އެދިވަޑައިގަންނަވަމެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެންނަކީ ކަލޭގެފާނުގެ އަޚުންނެއް ނޫންތޯއެވެ؟ ފަހެ، އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަކީ ތިމަންކަލޭގެފާނުގެ އަޞްޙާބުންނެވެ. ތިމަންކަލޭގެފާނުގެ އަޚުން އަދި ނާދެތެވެ. އަދި ތިމަންކަލޭގެފާނު އެބައިމީހުންގެ ކުރިން ފެންއާރުކޮޅު ކައިރިއަށް ވަޑައިގަންނަވާނަމެވެ.))
އަޅުގަނޑުމެން ނަބިއްޔާ r ދެކެ ލޯބިވަނީ އެކަލޭގެފާނަކީ މުއުމިނުންނާ އެންމެ ގާތް ސާހިބާކަމުގައި ވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ [7]- މުއުމިނުންގެ އަމިއްލަ ނަފުސުތަކަށް ވުރެ ނަބިއްޔާ އެބައިމީހުންނާ މާ ގާތްކަން ބޮޑުވެގެންވެއެވެ.)) މި ކަން ބަޔާންކޮށްދެއްވައި ޙަދީސްކުރެއްވިއެވެ. ((أَنَا أَوْلَى بكُلِّ مُؤْمِنٍ مِن نَفْسِهِ؛ مَن تَرَكَ مَالًا فَلأَهْلِهِ، وَمَن تَرَكَ دَيْنًا أَوْ ضَيَاعًا، فَإِلَيَّ وَعَلَيَّ قضاؤه [8]- ކޮންމެ މުއުމިނެއްގެ އަމިއްލަ ނަފުސަށް ވުރެ އެ މީހަކާ ތިމަންކަލޭގެފާނު މާ ގާތްކަން ބޮޑުވެގެންވެއެވެ. ތިމަންކަލޭގެފާނަކީ އޭނާގެ ބެލެނިވެރިޔާއެވެ. މީހަކު މުދަލެއް ދޫކޮށްފައި ދިޔަ ނަމަ، އެ އެއްޗެއް އޭނާގެ އަހުލުވެރީންނަށެވެ. މީހަކު ދަރަންޏެއް ނުވަތަ ބިމެއް ދޫކޮށްފައި ދިޔަ ނަމަ ފަހެ އެއީ ތިމަންކަލޭގެފާނަށެވެ. އެ ދަރަނި އަދާކުރުން އޮތީ ތިމަންކަލޭގެފާނުގެ މައްޗަށެވެ.))
އަޅުގަނޑުމެން އެކަލޭގެފާނު ދެކެ ލޯބިވަނީ އެކަލޭގެފާނު ޤިޔާމަތްދުވަހުން އަޅުގަނޑުމެންނަށް ޓަކައި ﷲގެ ޙަޟުރަތުގައި ޝަފާއަތްތެރިވެވަޑައިގަންނަވާނޭތީއެވެ. މާތްﷲ އެ ކަމަނާއަށް ރުއްސުންލެއްވި އައްސައްޔިދާ ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. ތިމަން ކަމަނާއަށް ދުޢާކޮށްދެއްވުމަށް ރަސޫލާއަށް ދެންނެވީމެވެ. އެ ހިނދު ރަސޫލާ r ޙަދީޘްކުރެއްވިއެވެ. ((اللَّهُمَّ اغْفِرْ لِعَائِشَةَ مَا تَقَدَّمَ مِنْ ذَنَبِهَا وَمَا تَأَخَّرَ، مَا أَسَرَّتْ وَمَا أَعْلَنَتْ )) – ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ޢާއިޝަތުގެފާނުގެ އިސްވެދިޔަހައި ފާފަތަކާއި، ފަސްވެދިޔަހައި ފާފަތަކާއި، އެ ކަމަނާ ވަންހަނާކުރެއްވިހައި ފާފަތަކާއި، ހާމަކުރެއްވިހައި ފާފަތައް ފުއްސަވާނދޭވެ! އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު މި ކޮށްދެއްވި ދުޢާއާ މެދު އުފާފުޅުވިތޯއެވެ؟ އެ ކަމަނާ ދެންނެވިއެވެ. ކަލޭގެފާނު ކޮށްދެއްވި ދުޢާއާ މެދު އުފާފުޅުނުކުރައްވާންވީ ކީއްވެތޯއެވެ؟ އެ ހިނދު ޙަދީޘްކުރެއްވިއެވެ. ((وَاللَّهِ إِنَّهَا لَدُعَائِي لأُمَّتِي فِي كُلِّ صَلاَةٍ [9] - މާތްﷲ ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. މިއީ ކޮންމެ ނަމާދުފުޅެއްގައި ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ކޮށްދެއްވާ ދުޢާއެކެވެ.))
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((شفَاعَتِيْ لِأَهْلِ الْكَبَائِرِ مِنْ أُمَّتِي [10] -ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބޮޑެތި ފާފަތައްކޮށްފައިވާ މީހުންނަށް ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބިގެންވެއެވެ.))
އަޅުގަނޑުމެން ވެސް ރަސޫލާ ދެކެ ލޯބިވާ ބަޔަކުކަމުގައި ވަމާތޯއެވެ! ރަސޫލާ ދެކެ ލޯބިވެވޭނީ އެކަލޭގެފާނުގެ ސުންނަތް ދިރުވައިގެންނެވެ. އެކަލޭގެފާނު ގެންނެވި ހިދާޔަތަށް ތަބާވެގެންނެވެ. އެކަލޭގެފާނުންގެ މަތިވެރި އަޚުލާޤުން ގަހަނާ އަޅައިގެންނެވެ. މާތްﷲ ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ r ޙަދީޘްކުރެއްވިއެވެ. ((مِنْ أَشَدِّ أُمَّتِي لِي حُبًّا نَاسٌ يَكُونُونَ بَعْدِي يَوَدُّ أَحَدُهُمْ لَوْ رَآنِي بِأَهْلِهِ وَمَالِهِ [11] - ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ދެކެ ލޯބިވާ ބަޔަކު ، ތިމަންކަލޭގެފާނު ދެކެ ލޯބިވާލެއް ބޮޑުކަމުން، އެ މީހުންގެ އަހުލުންނާއި މުދާ ޤުރުބާންކޮށްގެން ވެސް ތިމަންކަލޭގެފާނު ދުށުމަށް އެދޭނެއެވެ.))
މާތްﷲ ވަޙީކުރެއްވިއެވެ. ((قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ [12]- ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّهއަށް ލޯބިވާކަމުގައި ވަނީ ނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبعވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.))
ނަބިއްޔާ ދެކެ ލޯބިވާ މީހަކީ އެކަލޭގެފާނުގެ ސުންނަތް މަތިވެރިކުރާ މީހާއެވެ. އެކަލޭގެފާނު ގެންނެވި ޝަރީޢަތަށް ޢަމަލުކުރާ މީހާއެވެ. ބަހުންނާއި ޢަމަލުން އެކަލޭގެފާނަށް ތަބާވާ މީހާއެވެ.
މަރުޖާ:
[1] - لطلاق: 10- 11
[2] - الأنبياء: 107]
[3] - التوبة: 128
[4] - البقرة: 143
[5] - أخرجه البخاري (٣٦٨٨)، ومسلم (٢٦٣٩) و أبو داود (٥١٢٥)، والنسائي في ((السنن الكبرى)) (١٠٠١٠)، وأحمد (١٢٤٣٠) والترمذي (٢٣٨٦) والطبراني في ((المعجم الأوسط)) (٢٩٩٤) و ابن حبان (٥٤٦٧)
[6] - أخرجه مسلم (٢٤٩)، وأبو داود (٣٢٣٧)، والنسائي (١٥٠)، وابن ماجه (٤٣٠٦)، وأحمد (٧٩٩٣) والبيهقي (١٠٣٩٢)
[7] - الأحزاب: 6
[8] - أخرجه مسلم (٨٦٧) و ابن حبان (١٠) والنسائي (١٥٧٨)، وابن ماجه (٤٥) ، وأحمد (٣/ ٣١٠) ، وابن خزيمة (١٧٨٥)، وابو نعيم الأصبهاني في ((المستخرج)) (١٩٥٣)
[9]- صحيح ابن حبان :7111.
[10] - أخرجه أبو داود (٤٧٣٩)، والترمذي (٢٤٣٥)، وأحمد (١٣٢٢٢) وابن ماجه (٤٣١٠) و البيهقي في ((البعث والنشور)) (٥٥٨) و ابن حبان (٧١١١)
[12] - آل عمران :31