ad_banner
ގދ. ތިނަދޫ ސިޓީ - ގދ. އަތޮޅުގެ އިގުތިސާދީ އިދާރީ މައި ހަބު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

23 އޯގަސްޓް 2026

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ (ތިނަދޫ ސިޓީ) އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުން ކުލަގަދަކޮށް އެ ރަށުގެ އެކުވެރި ރައްޔިތުން ފާހަގަކުރަމުންގެންދާ މި ދަނޑވަޅުގައި ތަހުނިޔާ އަދާކުރަމެވެ. އެ އުފަލުގައި ބައިވެރިވަމެވެ. މި އަހަރު ތެރޭގައި އަޅުގަނޑަށް ވެސް އެ ރަށުގެ މެހުމާނުދާރީ ލިބިފައިވާތީ އެ އުފަލުގައި ބައިވެރިވެލާ ހިތްވީއެވެ. އެ އުފަލުގައި ބައިވެރިވުމުގެ ގޮތުން އަޅުގަނޑަށް ކޮށްލެވޭނެ ކަމަކީ މި ފަދަ ޝުޢޫރެއް ފާޅުކޮށްލައި މަގާލެއް ލިޔެލުމެވެ.

އާދޭހެވެ! ގދ. ތިނަދޫއަކީ ދިވެހިރާއްޖޭގެ ދެކުނުން ހުވަދޫ އަތޮޅު (ދެކުނުބުރީ) ގައ ގާއިމުވެފައިވާ، ތާރީޚީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ނުހަނު މުހިންމު ރަށެކެވެ. މިއީ ގދ. އަތޮޅުގެ ވެރިރަށުގެ އިތުރަށް މުޅި ހުވަދޫ އަތޮޅުގެ އިދާރީ އަދި ވިޔަފާރީގެ މައި ހަބެވެ. މަސްވެރިކަމާއި، ވިޔަފާރިއާއި، ޢިމާރާތްކުރުމުގެ ދާއިރާއަކީ ރަށުގެ އިޤްތިޞާދުގެ މައި ނާރެހެވެ. އެއީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ [ތިނަދޫ ސިޓީ]އެވެ.

ތިނަދޫ އޮންނަނީ މާލެއާ ދުރުމިނުގައި ދެކުނަށް ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައެވެ. އެއީ ގދ. ކާޑެއްދޫ އެއަރުޕޯޓާ އެންމެ ކައިރީގައި އޮންނަ، މީހުން ދިރިއުޅޭ ރަށެވެ. ރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 116 ހެކްޓަރެވެ. ބިންހިއްކުމުގެ ތަފާތު މަޝްރޫޢުތަކާ އެކު ރަށުގެ ބިމުގެ ބޮޑުމިން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ކަމުގެ ސަބަބުން ތަރައްޤީގެ އެކިއެކި ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ މަގުފަހިވެފައެވެ.

ގދ. ތިނަދޫއަކީ އާބާދީއާއި ބިމުގެ ނިސްބަތުންނާއި ލިބެންހުރި ޚިދުމަތްތަކަށް ބަލާ އިރު ވެސް ރާއްޖޭގެ ދެކުނުގައި އޮތް އެންމެ ފުރިހަމަ އަދި ކުރިއަރަމުންއަންނަ ސިޓީތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޓީއެވެ. ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ރަށުގެ ރަސްމީ ރަޖިސްޓްރީގައި 12,000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީކުރެވިފައިވާ އިރު، ވަޒީފާގެ ބޭނުމަށާއި، ތަޢުލީމު ހޯދުމަށާއި، ސިއްޙީ ޚިދުމަތް ހޯދުމަށް އެހެން ރަށްރަށުން ގޮސް އުޅޭ މީހުންނާއެކު ދިރިއުޅޭ މުޅި އާބާދީ 15,000އާ ގާތްކުރެއެވެ.

ސިއްޙީ ޚިދުމަތަށް ބަލާ އިރު، ތިނަދޫގައި ސަރަޙައްދީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށްވާ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގާއިމުވެފައިވަނީ ތިނަދޫގައެވެ. މި ހޮސްޕިޓަލުން އިބްތިދާއީ ޞިއްޙީ ޚިދުމަތާއި ސާނަވީ ޚިދުމަތާއި ތިނެވި ޞިއްހީ ޚިދުމަތްތައް ވެސް ފޯރުކޮށްދެއެވެ. އެކި ބޭސްފިހާރަތައް ވަނީ ގާއިމުކުރެވިފައެވެ.

ތިނަދޫގައި ޕްރީ-ސްކޫލުން ފެށިގެން އޭ-ލެވެލްއާ ހަމައަށް ތައުލީމުދޭނެ މުއައްސަސާތައް ގާއިމުވެފައިވާ އިރު، މަތީތަޢުލީމު ފޯރުކޮށްދިނުމަށް ޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަހެއް ވެސް އެ ރަށުގައި ގާއިމުވެފައިވެއެވެ.

ގދ. ތިނަދޫއަކީ ދިވެހިރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މުހިންމު މަރުކަޒެކެވެ. ތާރީޚުގައި އެކި ދުވަސްވަރު ދިމާވި ހިތްދަތި ދުވަސްތަކަށްފަހު، އެކި ރައީސުންގެ ޒަޢާމަތުގައި ތިނަދޫއަށް ވަނީ އަސާސީ އަދި އުމްރާނީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެއްވައިފައެވެ. އެހެންކަމުން އެކި ރައީސުންގެ ޒަޢާމަތުގައި ރަށަށް ގެނެސްދެއްވި ތަރައްގީކަމަށް ފާހަގަކުރެވޭ މުހިންމު ބައެެއް ކަންކަމަށް ބަލައިލާނަމެވެ. 

ރައީސް އިބްރާހީމް ނާޞިރުގެ ޒަޢާމަތް

ދެކުނުގައި ހިނގި ބަޣާވާތަކާ ގުޅިގެން ވަރަށް އިހާނެތި ގޮތެއްގައި އަދި އިންސާނިއްޔަތާ ޚިލާފަށް ބޮޑުވަޒީރު އިބްރާހީމްނާޞިރު1962 ވަނަ އަހަރު ތިނަދޫން މީހުން ބޭލުމަށް ފަހު، 1966 ވަނަ އަހަރު ހަމަ އެ މަނިކުފާނުގެ ވެރިކަމުގައި ތިނަދޫ އަލުން އާބާދުކުރުމުގެ ފުރުޞަތު ދެއްވައި، ރަށް ބިނާކުރުމުގެ ބިންގާއަޅުއްވައިދެއްވިއެވެ. ރަށުގައި އަލުން މީހުން ދިރިއުޅޭން ފެށުމަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ.

ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތް

ރައީސް މައުމޫން، ދިވެހިރާއްޖޭގެ ޒަޢާމަތާ ޙަވާލުވެވަޑައގަތް އިރު ރަށުގެ ރަސްމީ ނަމެއްގެ ގޮތުގައި ބޭނުންކުރަމުން އައީ [ހަވަރުތިނަދޫ]އެވެ. މިއީ ހިތި ހަނދާންތަކަކާ ގުޅިފައިވާ ނައްސި ނަމެކެވެ. އެހެންކަމުން މި ނަމުގެ ފުރަތަމަ ތިން އަކުރު އުނިކޮށް ރަށުގެ ނަމަކީ [ތިނަދޫ]ކަމަށް ރަސްމީކޮށް ހަމަޖެއްސެވިއެވެ.

ތިނަދޫގައި ތަޢުލީމު ފެތުރުމަށްޓަކައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަބޫބަކުރު ސުކޫލާއި ތައުލީމީ އެތައް މުއައްސަސާއެއް ޤާއިމުކުރެއްވިއެވެ.

އަތޮޅު ހޮސްޕިޓަލް ގާއިމުކުރައްވައި، ސަރަޙައްދީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. މީގެ އިތުރަށް ތިނަދޫ ބަނދަރު ހައްދަވައި، ރަށުގެ މަގުތަކާއި ބިނާރު ތަރައްޤީކުރެއްވުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގެވިއެވެ. ކާޑެއްދޫ އެއރޕޯޓު ބިނާކުރައްވައި ޚިދުމަތަށް ނެރުއްވިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތް

ދެކުނު ސަރަޙައްދު، ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ތިނަދޫއަކީ ގދ. އަތޮޅުގެ މުހިންމު ހަބަކަށް ހެއްދެވިއެވެ. އަދި މާލީ އެހީތެރިކަމާއި އާސަންދައިގެ ޚިދުމަތް ރަށު ފެންވަރުގައި ފުޅާކުރެއްވިއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތް

ތިނަދޫގެ ބިމާ އެއްވަރު ނުވިޔަސް ވަރަށް ބޮޑު ބިމެއް ރަށަށް އިތުރުކުރެއްވުމަށް ޓަކައި ތިނަދޫގެ ބިން ހިއްކަވައި، ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅުއިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވިއެވެ. ނަރުދަމާގެ ނިޒާމާއި، އިންޖީނުގެއާއި ޒަމާނީ ދާރުލްއާސާރާއި އިސްލާމީ މަރުކަޒު ފަދަ ބިޔަ ބިނާތައް ޤާއިމުކުރައްވައި މުޅި ތިނަދޫގެ މަލަމަތި ބަދަލުކޮށްލެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތް

ތިނަދޫއަށް އިތުރު ބަދަލެއް ނުގެންނެވިޔަސް "ސިޓީ"އެއްގެ ދަރަޖަ ދެއްވައި، އިދާރީ ގޮތުން ސިޓީކައުންސިލެއް އުފެއްދެވިއެވެ. މީގެ އިތުރަށް ތިނަދޫ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ތިނެވި ފެންވަރަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢާއި، އައު ބިނާރުގެ މަސައްކަތްތައް ފެއްޓެވިވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތް

ތިނަދޫގައި ބައިނަލްއަގުވާމީ އެއަރުޕޯޓެއް ތަރައްޤީކުރެއްވުމުގެ އަމަލީ މަސައްކަތް ފައްޓަވައި، ބޭރުގެ ވުނަތަކަށް މަގުފަހިކުރެއްވިއެވެ. ސިޓީ ފެންވަރުގެ އުމްރާނީ އަދި އިޤްތިޞާދީ މަޝްރޫޢުތައް ކުރިއަށްގެންދެވިއެވެ.

ތިނަދޫއަކީ އެކި ދުވަސްވަރު ވެރިކަން ކުރެއްވި ރައީސުން ޚާއްޞަ އިސްކަމެއް ދެއްވައިގެން، އަސާސީ އާދައިގެ ރަށަކުން ފެށިގެން އުމްރާނީ އަދި އިޤްތިޞާދީ ގޮތުން ކުރިއަރައިފައިވާ ފުރިހަމަ ސިޓީއަކަށް ބަދަލުވެފައިވާ ހިތްގައިމު ރަށެކެވެ. ރައްޔިތުންނަށް ބޭނުންވާ އިދާރީ ޚިދުމަތްތައް ގާއިމުވެފައިވާ، ދިރިއުޅެލާން ފަސޭހަ ރަށެކެވެ. ތިނަދޫ ސިޓީގެ ރައްޔިތުންނަށް އަޅުގަނޑު އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ.

 

ދެ ލަފުޒެއްގެ މާނަ:

ހަބު       ނ.     (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި. Hub

ބިޔަ       ނއ.    މާ ބޮޑު.  huge

ކޮމެންޓު