އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
20 އޯގަސްޓް 2026
މެލޭޝިއާގައި މުފުތީންގެ މަޖިލީހުން ދެއްވާ ފަތުވާތަކުގެ ތެރެއިން ޢަމަލުކުރުން ގާނޫނީ ގޮތުން ލާޒިމުވާ ފަތުވާތަކާއި ޢަމަލުކުރުން އިޚުތިޔާރީ ކަމެއްގެ ގޮތުގައި ހުންނަ ފަތުވާތަކެއް ވެސް ހުރެއެވެ. އާންމު ގޮތެއްގައި ޢަމަލުކުރުން ލާޒިމުކޮށްފައި ހުންނަނީ މުޖުތަމަޢީ ކަންކަމެވެ. އެ ފަތުވާއަކަށް އެންމެން ޢަމަލުނުކޮށްފި ނަމަ އިސްލާމީ މުޖުތަމަޢުގައި ބައިބައިވުން އުފެދި އިސްލާމީ ވަޙުދަތު ގެއްލޭ ފަދަ ކަންކަމުގެ މައްޗަށް ހުންނަ ފަތުވާތަކެވެ. މި ކަން އަޅުގަނޑަށް ފާހަގަކުރެވުނީ ދާދި ފަހުން އަޅުގަނޑު މެލޭޝިއާގައި ފުރިހަމަކުރި ތަމްރީނު ޕްރޮގްރާމެއްގައި މުފުތީންގެ އޮފީހަށް ކުރި ޒިޔާރަތެއްގެ ތެރެއިންނެވެ.
ދިވެހިރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖުލީހުން ނެރެފައި ހުންނަ އެއްވެސް ބާވަތެއްގެ ފަތުވާއަކަށް މާ ބޮޑު ސަމާލުކަމެއްދޭ ތަނެއް ނުފެނެއެވެ. އެހެންކަމުން ބައެއް ރަށްރަށުގެ ބައެއް މިސްކިތްތަކުގައި މަސްލަޙަތު ގެއްލޭ ހިސާބަށް ވެސް ކަންކަން ގޮސްފައި ހުރެއެވެ.
މިސާލަކަށް: ޖަހުރިއްޔަ ނަމާދުތަކުގައި އަލްޙަމްދުގެ ކުރީން އަޑުހަރުކޮށް ބަސްމަލާ ކިޔުމާއި ބަސްމަލާ ސިއްރުންކިޔުމާއި އެއް ގޮތަކަށް ވެސް ނުކިޔުމަކީ (އެކި މަޒުހަބުތަކުގައި) އިޚުތިލާފު ހުންނަ ކަމެކެވެ. އެއީ އިޚުތިލާފީ މައްސަލައެކެވެ. ރާއްޖޭގައި މި ކަމާ ބެހޭ ގޮތުން އޮންނަ ރަސްމީ ފަތުވާއަކީ މި ފަދަ ނަމާދުތަކުގައި އިމާމާ ބަސްމަލާ ބާރަށް ކިޔުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. (މި ފަތުވާ ބައްލަވައިލައްވާން ބޭނުންފުޅު ނަމަ، މި ތަނަށް ފިއްތަވައިލައްވާށެވެ.) ނަމަވެސް މި [ރަނގަޅު ގޮތް] ގަބޫލުނުކުރައްވާ ރަސްމީ އިމާމުން ވަރަށް ގިނައެވެ. މެލޭޝިއާގައި މި ފަދަ ފަތުވާތަކަށް ޢަމަލުކުރުމަކީ ގާނޫނީ ގޮތުން ލާޒިމުކަމެކެވެ. ގައުމީ އަދި ދީނީ ވަޙުދަތު ޙިމާޔަތްކުރުމަށް ޓަކައެވެ.
އިސްލާމީ ފިޤުހުގެ ޢާންމު ހަމަތަކުގައި ފަތުވާއަކީ ދީނީ ސުވާލަކަށް ނުވަތަ ދީނީ މައްސަލައަކަށް އުޞޫލީ ގޮތުން ދެވޭ އިރުޝާދީ ރައުޔެކެވެ. ނުވަތަ ދެވޭ ލަފައެކެވެ. އެންމެ ރަނގަޅު ގޮތް ބަޔާންކުރުމަށް ޓަކައެވެ. ނަމަވެސް، މެލޭޝިއާގެ އިސްލާމީ ޤާނޫނީ ނިޒާމު ރޭވިފައިވާ ގޮތުން، ފަތުވާއަކީ ހަމައެކަނި ދީނީ ލަފައެއްގެ އިތުރަށް ވަކި ޝަރުޠުތަކެއް ހަމަވުމުން ޤާނޫނީ ބާރު ލިބޭ އެއްޗެކެވެ. ގާނޫނީ ހުކުމް ހިނގާ އެއްޗެކެވެ. މެލޭޝިއާގެ ވިލާޔަތްތަކުގެ (އިސްޓޭޓުތަކުގެ) އިސްލާމީ ކަންތައްތަކާ ބެހޭ ޤާނޫނުތަކުގެ ދަށުން މުފުތީން ދެއްވާ ފަތުވާތައް ދެ ބަޔަކަށް ބެހިގެންވެއެވެ.
1. ޢަމަލުކުރުން ލާޒިމު ފަތުވާ
މި ފަދަ ފަތުވާތައް ބޮޑަށް ހުންނަނީ މުޖުތަމަޢީ ކަންކަމުގެ މައްޗަށެވެ. އެ ފަތުވާއަކަށް ޢަމަލުނުކޮށްފި ނަމަ މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނެ ފަދަ ކަންކަމުގެ މައްޗަށެވެ. ނަމަވެސް މެލޭޝިއާގައި މުފުތީއަކު ނުވަތަ މުފުތީންގެ މަޖިލީހަކުން ދެއްވާ ފަތުވާއަކީ ފަތުވާ ނެރޭ ހިސާބުން އޮޓޮމެޓިކުން އެންމެންގެ މައްޗަށް ލާޒިމުވާ އެއްޗެއް ނޫނެވެ. ފަތުވާއެއް ޢަމަލުކުރުން ލާޒިމު ޤާނޫނަކަށް ބަދަލުވަނީ އިޖުރާއީ ބައެއް މަރުޙަލާތައް ފުރިހަމަވުމުންނެވެ.
(ހ) ސަރުކާރުގެ ރަސްމީ ގެޒެޓުގައި ޝާއިޢުކުރުން: މުފުތީ ދެއްވާ ފަތުވާ، ކަމާ ބެހޭ އިސްލާމީ މަޖިލީހަށް ހުށަހެޅުމަށް ފަހު، އެ ވިލާޔަތެއްގެ (އިސްޓޭޓުގެ) ވެރިޔާ (ސުލްޠާން ނުވަތަ ރަސްގެފާނު)ގެ ހުއްދަ ލިބިގެން، ސަރުކާރުގެ ރަސްމީ ގެޒެޓްގައި ޝާޢިއުކުރެވެއެވެ. ޢަމަލުކުރުން ލާޒިމު ގާނޫނަކަށް ވަނީ އެހައި ހިސާބުންނެވެ.
(ށ) ޤާނޫނީ ބާރު: ސަރުކާރުގެ ރަސްމީ ގެޒެޓުގައި އެ ފަތުވާއެއް ޝާޢިއުކުރުމާ އެކު، އެ ފަތުވާއަކަށް ޤާނޫނީ ސިފަ އަންނާނެއެވެ. އެއާ އެކު އެ ވިލާޔަތެއްގައި ދިރިއުޅޭ އެންމެހައި މުސްލިމުންގެ މައްޗަށް އެ ފަތުވާއަށް ޢަމަލުކުރުން ލާޒިމުވެގެންދެއެވެ. ޢަމަލުނުކުރުމަކީ ގާނޫނީ ކުށެކެވެ.
(ނ) ޚިލާފުވުމުގެ އުޤޫބާތް: ގެޒެޓްކުރެވިފައިވާ ފަތުވާއަކާ ޚިލާފުވުމަކީ ޝަރުޢީ ކޯޓުތަކުން ކުށެއްގެ ގޮތުގައި ބަލައި، އެ ކަމަށް ކަނޑައެޅިފައިވާ ޢުޤޫބާތެއްދޭން ޙުކުންކޮށް އެ ހުކުމެއް ތަންފީޒުކުރެވެއެވެ. ގިނަ ފަހަރަށް ބޮޑު ޒޫރިމާނާއެކެވެ. ނުވަތަ އެ ނޫން ވެސް ޢުޤޫބާތެކެވެ.
(ރ) ދާއިރާއާއި އިން: މުސްލިމުންގެ މައްޗަށް އެކަނި ލާޒިމުވާ މި ފަދަ ފަތުވާތައް ތަންފީޒުކުރެވެނީ އެ ފަތުވާއެއް ނެރުނުވިލާޔަތެއްގެ (އިސްޓޭޓެއްގެ) އިޚުތިޞާޞްގެ ތެރޭގައި އެކަންޏެވެ. މެލޭޝިއާއަކީ 14 އިސްޓޭޓެއްގެ މައްޗަށް އެކުލެވިފައިވާ ފަދުރާލެކެވެ. އެ ގައުމުގައި އޮންނަނީ ފަދުރާލީ ވެރިކަމެކެވެ.
2. ޢަމަލުކުރުމާއި ނުކުރުން ޖާއިޒު ފަތުވާ:
ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، މި ބާވަތުގެ ފަތުވާ ބޮޑަށް ހުންނަނީ ފަރުދީ ކަންކަމުގެ މައްޗަށެވެ. މި ފަދަ ފަތުވާއަކަށް ގާނޫނީ ބާރުލިބި، ގެޒެޓުގައި ޝާއިޢެއްނުކުރާނެއެވެ. ގެޒެޓުގައި ޝާއިޢުނުކުރެވޭ ނުވަތަ އިރުޝާދީ ސިފައެއްގައި ދެވޭ ފަތުވާތަކަކީ ޢަމަލުކުރުން މަޖުބޫރު ނޫން ފަތުވާތަކެވެ.
(ހ) ގެޒެޓް ނުކުރެވޭ ފަތުވާތައް: މުފުތީއަކު އަމިއްލަ ގޮތުން ނުވަތަ ނޫސްކޮންފަރެންސެއްގައި، ނުވަތަ ދީނީ ދަރުސެއްގައި، މައްސަލައަކާ މެދު ދެއްވާ ރައުޔުތަކަކީ ގެޒެޓުނުކުރެވެނީސް ޢަމަލުކުރުން ޤާނޫނީ ގޮތުން ލާޒިމު އެއްޗެއް ނޫނެވެ. އެއީ އާމަލުކުރުމާއި ނުކުރުން ގާނޫނީ ގޮތުން ފަރުދުންނަށް އިޚުތިޔާރު ލިބިގެންވާ ފަތުވާއެވެ.
(ށ) އަމިއްލަ އަޅުކަމާއި އިޚުތިޔާރީ ކަންކަން: ދީނީ ކަންކަމުގައި ތަފާތު އިޖުތިހާދުތަކަށް ޖާގަ އޮންނަ، ނުވަތަ އަމިއްލަ އަޅުކަންތަކާ ގުޅުންހުރި ކަންކަމުގައި މުފުތީ ދެއްވާ އިރުޝާދީ ފަތުވާތަކަށް ޢަމަލުކުރުމާއި ނުކުރުމުގެ އިޚުތިޔާރު ފަރުދުންނަށް ލިބިގެންވެއެވެ.
(ނ) ޣައިރުމުސްލިމުން: މެލޭޝިއާގެ ދުސްތޫރީ ނިޒާމު ހަމަޖެހިފައިވާ ގޮތުން، ގެޒެޓުކޮށްފައިވާ ފަތުވާތައް ވެސް ހިމެނޭ ގޮތަށް އެއްވެސް އިސްލާމީ ފަތުވާއަކީ ޣައިރުމުސްލިމުންގެ މައްޗަށް ހިނގާނެ ނުވަތަ ލާޒިމުވާނެ އެއްޗެއް ނޫނެވެ.
އާދޭހެވެ! މެލޭޝިއާގައި މުފުތީންގެ ފަތުވާތައް އިރުޝާދީ މިންގަނޑުން ނުކުމެ ލާޒިމުވާ ޤާނޫނަކަށް ބަދަލުވަނީ ދައުލަތުގެ ރަސްމީ މަރުޙަލާތައް ފުރިހަމަވެ، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުންނެވެ. އެ ނޫން ޙާލަތްތަކުގައި ފަތުވާއަކީ ދީނީ އިރުޝާދެއްގެ ގޮތުގައި އޮންނަ، ޢަމަލުކުރުން އިޚްތިޔާރީ އެއްޗެކެވެ. މެލޭޝިއާގައި އިސްލާމީ ކަންކަން ބިނާވެފައި އޮންނަނީ އިސްމާލީ އަދި އިޖުތިމާޢީ ވަޙުދަތު ޙިމާޔަތްކުރުމުގެ މައްޗަށެވެ. ގާތްގަނޑަކަށް 35 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިއާގެ 64 އިންސައްތައަކީ މުސްލިމުންނެވެ. ދެން އެންމެ ގިނައީ ބުޑިސްޓުންނެވެ. އެއީ އާބާދީގެ ގާތްގަނޑަކަށް 19 އިންސައްތައެވެ. 9.1 އިންސައްތައަކީ ނަޞާރާއިންނެވެ. 6.1 އިންސައްތައަކީ ހިންދޫންނެވެ. ބާކީ ގާތްގަނޑަކަށް 2 އިންސައްތައަކީ ނުވަތަ 1.8 އިންސައްތައަކީ އެހެން ދީންތަކާއި ދީން ގަބޫލުނުކުރާ މީހުންނެވެ. މިއީ މި އަހަރު ޖުލައިމަހުގެ ތަފާސްހިސާބެކެވެ.
ލަފުޒެއްގެ މާނަ:
ފަދުރާލު (ނުވަތަ ފެޑަރޭޝަން)އަކީ ދައުލަތްތައް ނުވަތަ ވިލާޔަތްތައް (އިސްޓޭޓުތަކެއް ނުވަތަ ޕްރޮވިންސްތަކެއް) ) އެއްވެގެން އުފައްދައިފައިވާ އިއްތިހާދީ ނުވަތަ ލާމަރުކަޒީ ވެރިކަމުގެ ނިޒާމަށެވެ.
މި ފަދަ ނިޒާމެއްގައި:
· މަރުކަޒީ/ފަދުރާލީ ސަރުކާރު: މުޅި ގައުމުގެ ދިފާއީ ކަންކަމާއި، ޚާރިޖީ ގުޅުންތަކާއި، ފައިސާގެ ނިޒާމު ފަދަ ބޮޑެތި ގައުމީ މައްސަލަތައް ބަލަހައްޓައެވެ.
· ވިލާޔަތް (އިސްޓޭޓު)ތަކުގެ ސަރުކާރު: އެ ވިލާޔަތެއްގެ އެތެރޭގެ އާންމު ހިންގުމާއި، ވަކިވަކި ގާނޫނުތައް ހެދުމާއި، އިދާރީ ކަންކަން އަމިއްލައަށް ނިންމުމުގެ އިޚުތިސާޞާއި ބާރު ލިބިގެންވެއެވެ.
މިސާލަކަށް: މެލޭޝިއާ، އެމެރިކާ، އަދި އިންޑިއާ ފަދަ ގައުމުތަކަކީ ފެޑެރަލް (ފަދުރާލީ) ނިޒާމަކަށް ވެރިކަން ކުރާ ގައުމުތަކެވެ.