ad_banner
އެމެރިކާއާއި އީރާނާ ދެމެދު ހަމަޖެހުމެއް ގާއިމުވިޔަނުދިނުމަށް ޓަކައި އިޒުރޭލުން ރޭވި މަކަރުވެރި ބައެއް ރޭވުންތައް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

18 އޯގަސްޓް 2026

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕާ ބައްދަލުކުރާން މި ދިޔަ ޖުލައި މަހު ތައްޔާރުވަމުންދިޔަ އިރު، ގަލްފުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ކުރެވޭ ހުރިހައި މަސައްކަތެއް ހުއްޓުވުމަށް އޭނާ މި ބައްދަލުވުމުގެ ބޭނުންހިފާނެކަމަށް މުޙައްލިލުން ގެންދިޔައީ ލަފާކުރަމުންނެވެ. އެއީ އެ ގޮތަށް ބަލާނެ އެކަށީގެންވާ ސަބަބުތަކެއް ހުރީތީއެވެ. މި އަންދާޒާއަކީ ފަސް ދަހަރަށް ވުރެ ދިގު މުއްދަތެއްގެ ތާރީޚީ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ކުރި އަންދާޒާއެކެވެ.

މިހާރު ހާމަވެފައިވާ ޖާސޫސީ މައުލޫމާތުތަކާއި، އެމެރިކާގެ އިސް މަސްއޫލުވެރީންގެ މެމޯތަކާއި، ތަހުގީގީ ރިޕޯޓުތަކުގެ އިތުރަށް ޢިލްމީ ދިރާސާތަކުން މި ވަޒަންކުރުމަށް ބާރުލިބުނެވެ. ކަން ހިނގައިދިޔައީ ވެސް ހަމަ އެ ގޮތަށެވެ.

މި ހުރިހައި މަސްދަރުތަކުން ފެންނާން އޮތް ތަކުރާރުވާ އެއް އުސޫލެއް އެބަ އޮތެވެ. އެއީ ސަރަހައްދީ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ނުވަތަ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ކުރެވުނު އަދި ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމަށް އިސްރާއީލުގެ ސަރުކާރުތަކުން، ގައުމުގެ ސަލާމަތީ މުއައްސަސާތަކުގެ އެހީތެރިކަމާ އެކު، ތަކުރާރުކޮށް މަސައްކަތްކޮށްފައިވުމެވެ.

ބޭނުންކުރި އުސޫލުތައް ތަފާތުވި ނަމަވެސް (އިންޓެލިޖެންސް އޮޕަރޭޝަންތަކުން ފެށިގެން އާންމު ޑިޕުލޮމަސީއާއި، ލޮބީކުރުމާއި ސިޔާސީ ނުފޫޒު ފޯރުވުމާ ހަމައަށް) އެ މީހުންގެ އިސްތިރާޖީ އަމާޒު އޮތީ ހައިރާންވާ ހައި ބޮޑަށް އެއް ގޮތަކަށެވެ. އެއީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ދެކޮޅުވެރިކަން އޮތް ގޮތަށް ދެމެހެއްޓުމާއި، މެދުއިރުމައްޗަށް ކަނޑައަޅާ އެމެރިކާގެ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި އިސްރާއީލުގެ ނުފޫޒު ކުޑަވެދާނެ ފަދަ ޑިޕުލޮމެޓިކު ކޮންމެ ކަމަކާ ދެކޮޅުހެދުމެވެ.

އީރާން-ޢިރާޤު ހަނގުރާމަ ދިގުދައްމައިލުން

ކުރީން މި ދެންނެވި މި ވިސްނުމާ އެއް ގޮތަށް ތަންފީޒުކުރަމުން ގެންދިޔަ ސިޔާސަތު އެންމެ ބޮޑަށް ފެނިފައިވަނީ އީރާން - ޢިރާޤު ހަނގުރާމައިގެ (1980-1988) ތެރޭގައެވެ.

ތުރީޓާ ޕާރސީއާއި ދާވޫދު މެނާޝްރީ ފަދަ ގިނަ ދިރާސާވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، އެ ދުވަސްވަރު އިސްރާއީލުގެ އިސްތިރާޖީ ވިސްނުން ބައްޓަންވެފައި އޮތީ އީރާނަށް ނުވަތަ ޢިރާޤަށް ވެސް ނާކާމިޔާބުނުވެ، ހަނގުރާމަ ނުނިމި ދިގުދަންމައިފައި ބޭއްވުމެވެ. މި ނަޒަރިއްޔާތަށް ބަލާ އިރު، ދިގުދެމިގެންދާ ހަނގުރާމައެއްގެ ސަބަބުން ސަރަހައްދީ މި ދެ ގައުމަށް ވެސް ޢަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދެ ގައުމު ވެސް ބަލިކަށިވެ، އެ ދެ ގައުމުގެ ތަރައްގީ އެކީއެކަށް ހުއްޓޭނެއެވެ.

ހަނގުރާމައިގެ ދުވަސްވަރުގެ މީޑިއާއާ ބެހޭ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ ދައުލަތުގެ ރޭޑިއޯ ވެސް ވަނީ ނަފުސާނީ ގޮތުން ނޭދެވޭ ނުފޫޒު ފޯރުވުމަށް ޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

އީރާނުގެ ނިންމުންތައް ނިންމާ ފަރާތްތަކުގެ ޖެހިލުންވުންތައް ފެންނާން ފެށުމުން، ރޭޑިއޯތަކުން ބޮޑަށް އަލިއަޅުވައިލީ ޢިރާޤުގެ ނިކަމެތިކަމާއި ބަލިކަށިކަން ހުރި ދާއިރާތަކަށެވެ. އަދި ޢިރާޤާއި ޢަރަބި އާންމުންނަށް ހިތްވަރު ދޭންޖެހޭ ވަގުތުތަކުގައި، އީރާނަށް ލިބެމުންދިޔަ ނާކާމިޔާބީތަކަށް އަލިއަޅުވައިލިއެވެ.

ހަނގުރާމައިގެ ދުވަސްވަރުގެ މުއާޞަލާތީ ދިރާސާވެރީން ބުނާ ގޮތުގައި، މި ފަދަ މަޢުލޫމާތުގެ ބޭނުމަކީ ދެ ފަރާތުގެ އާންމު ރައްޔިތުންގެ އުންމީދުތަކާއި ވިސްނުމަށް ނުފޫޒު ފޯރުވުމެވެ. މީގެ ސަބަބުން ސިޔާސީ ހައްލެއް ހޯދާން ހުރަސްއެޅި، ހަނގުރާމަ ކުރިއަށްގެންދާން ދެ ގައުމަށް ވެސް ހިތްވަރު ލިބުނެވެ.

[ހެޔޮނިޔަތުގެ ބަދަލުގައި ހެޔޮނިޔަތް]

1991ވަނަ އަހަރު ލުބުނާނުގައި ތިބި ހުޅަނގުގެ ރަހީނުން މިނިވަންކުރުމަކީ އެމެރިކާއާއި އީރާނުގެ ގުޅުމުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ލިބުނު ރަނުގެ ފުރުޞަތެއްގެ ގޮތުގައި ފެނުނެވެ.

އެ ދުވަސްވަރު އީރާނުގެ ރައީސަކަށް ހުންނެވި ހާޝިމީ ރަފްސަންޖާނީ ވަނީ ބައިނަލްއަޤްވާމީ މެދުވެރީންގެ މަސައްކަތްތަކަށް އެހީތެރިވެދެއްވައި އެއްބާރުލުންދިނުމަށް ހިތްވަރުދެއްވައިފައެވެ. އަދި 1989ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯޖް އެޗް.ޑަބުލިއު. ބުޝް މަޤާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި [ހެޔޮ ނިޔަތުގެ ބަދަލުގައި ދޭނީ ހެޔޮނިޔަތް]ކަމަށް ކުރެއްވި ވައުދާ އެއް ގޮތަށް އެމެރިކާ ސަރުކާރުން މީގެ ބަދަލު ރަނގަޅު ގޮތުގައި ދޭނެކަމަށް ގިނަ ބަޔަކު އުންމީދުކުރިއެވެ.

ރަހީނުންގެ ޑިޕުލޮމެސީގެ ބޮޑު ބައެއް، މެދުވެރިއެއްގެ ގޮތުން ވިލަރެސްކުރި، އދ.ގެ އޮފިޝަލް ޖިއަންޑޮމެނިކޯ ޕީކޯ ވިދާޅުވި ގޮތުގައި، އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަކަށް ނުހިފުނެވެ. ޕީކޯ އޭނާގެ [މޭން ވިތައުޓު އަ ވެޕަން] ފޮތުގައި ފާހަގަކުރައްވައިފައިވާ ގޮތުގައި، މަޝްވަރާގެ އޮނިގަނޑުގެ ގިނަ ކަންކަން ނާކާމިޔާބުކޮށްލީ އިސްރާއީލުގެ މަސްއޫލުވެރީންނެވެ.

އިސްރާއީލުން ވަނީ ބާކީ ތިބި އެމެރިކާގެ ރަހީނުން މިނިވަންކުރުމަށް ގަސްތުގައި ހުރަސްއަޅައި، ލުބުނާނާއި ފަލަސްޠީނުގެ ގައިދީން މިނިވަންކުރުމާ ބެހޭ ގޮތުން އެއްބަސްވެވުނު ވަކި އިންތިޒާމްތަކެއް ތަންފީޒުކުރުމަށް ދެކޮޅުހަދައި އެ ކަމަށް ހުރަސްއަޅައިފައެވެ.

ގެއްލިފައިވާ އިސްރާއީލު ސިފައިން ހޯދުމުގެ ކަންކަން އިސްރާއީލުން ވަނީ ހުއްޓުވައިފައެވެ. އެއީ ލުބުނާނުގައި ގެއްލިފައިވާ އީރާނުގެ ހަތަރު ޑިޕުލޮމޭޓުންނާއި އިސްރާއީލުގެ ޕައިލެޓެއްގެ ނަސީބާ ގުޅޭ ގޮތުން ވަކިން ކުރިއަށްދިޔަ ދިރާސާއެއްގެ މައުޟޫޢެކެވެ. މި އެންމެން ވެސް ވަނީ ލުބުނާނުގައި ގެއްލުނުތާ ގާތްގަނޑަކަށް ދަހަރެއް ވެފައެވެ.

އެމެރިކާގެ ފަހު ރަހީނު މިނިވަންކުރުން ކަށަވަރުކުރުމަށް އެހެން މަގުތަކެއް ހޯދުމަށް ފަހު ވެސް، މި ޚިލާފުތަކުގެ ސަބަބުން އެދެވޭ ރައްދެއްދޭން އެމެރިކާއަށް އޮތް ޤާބިލުކަމަށް ހުރަސްއެޅުނުކަން ޕީކޯ އިތުރަށް ކަށަވަރުކޮށްދީފައިވެއެވެ.

އެއާއެކު، އެމެރިކާއިން އިސްރާއީލަށް ދޭ ލޯނު ގަރަންޓީތަކާ ބެހޭ ގޮތުން ހިނގަމުންދިޔަ ބަޙުސްތައް ހިމެނޭ ގޮތަށް، އޭޕެކު ޖަމްޢިއްޔާއިން މައިގަނޑު ގޮތެއްގައި ކުރިމަތިކުރުވި އެތެރޭގެ ސިޔާސީ ފިއްތުންތަކުގެ ސަބަބުން ބުޝްގެ ސަރުކާރުގެ ޑިޕުލޮމެޓިކު ދީލަތިކަން ހަނިވިއެވެ.

ދިރާސާވެރީންގެ ނަޒަރުގައި، އެމެރިކާގެ ސިޔާސަތު އޮތީ އިތުބާރު އުފެއްދުމާ މެދު އެމެރިކާއިން ދެއްކި ވާހަކަތަކާ އެއް ގޮތަކަށް ނޫނެވެ. މީގެ ސަބަބުން ފަހުން ކުރެވުނު މަޝްވަރާތަކަށް ނުފޫޒު ފޯރުވި އިތުބާރުނެތުމުގެ އުޞޫލު އިތުރަށް ވަރުގަދަވިއެވެ.

[ނުބައިކަމުގެ މައިމޫ]

އިޒުރޭލުގެ މަކަރުވެރި ރޭވުމުގެ ދަށުން ސެޕުޓެމްބަރު 11ގައި އެމެރިކާގެ ޓުވިންޓަވަރު ގޮއްވައިލި ޙަމަލާތަކަށް ފަހު، އީރާނާއި އެމެރިކާއަށް އަފްޣާނިސްތާނުގައި އެއް ގޮތް އަމާޒުތަކެއް ހާސިލުކުރުމުގެ ފުރުޞަތު ކުރު މުއްދަތަކަށް ލިބުނުކަމަށް ބެލެވުނެވެ.

އާންމުކޮށް ގަބޫލުކުރެވޭ ވިސްނުމާ ޚިލާފަށް، ސެޕުޓެމްބަރު 11ގެ ހާދިސާއަށް ފަހު އައި ހަފުތާތަކުގައި އެމެރިކާއިން ހޭދަކުރީ ތާލިބާނުންގެ ވެރިކަން ވައްޓާލުމަށްޓަކައި ބައިނަލްއަޤްވާމީ ފުޅާ އިއްތިހާދެއް އެކުލަވައިލުމަކަށް ނޫނެވެ.

އެމެރިކާގެ ކުރީގެ ޑިޕުލޮމޭޓު ޖޭމްސް ރޮބިންސް ތަފުޞީލުކޮށްދިން ގޮތުގައި، [ރަނގަޅުވާނީ 90ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން ތާލިބާނުންގެ ވެރިކަން ވައްޓައިލާން މަސައްކަތްކުރުމަށް ޤާއިމުވެފައިވާ އިއްތިހާދަކާ ގުޅުމަށް އެމެރިކާއިން ހަރަކާތްތެރިވިކަމަށް ބުނުމެވެ.] އެއީ އީރާނުން އުފެއްދި އިއްތިހާދެއްކަމަށް ބުނެވެއެވެ.

ތުރީޓާ ޕާރސީއާއި ދާވޫދު މެނާޝްރީ ފަދަ ގިނަ ދިރާސާވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، އެ ދުވަސްވަރު އިސްރާއީލުގެ އިސްތިރާޖީ ވިސްނުން ބައްޓަންވެފައި އޮތީ އީރާނާއި ޢިރާޤަށް ވެސް ނާކާމިޔާބުނުވެ، ހަނގުރާމަ ނިމުމަކަށް ނުގޮސް ކުރިއަށް ގެންދިއުމަށެވެ.

އަދި ކުރީގެ ޚާރިޖީ ވަޒީރު ކޯލިންޕަވަލާއި ރޮބިންސް ވަނީ މަޝްވަރާތަކުގައި އީރާނުން ބައިވެރިވުމަކީ ތާލިބާނުންނަށް ފަހު، ސިޔާސީ އޮނިގަނޑު ޤާއިމުކުރުމަށް އެހީތެރިވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެމެރިކާގެ ސިޔާސީ މާހައުލަށް ބޮޑު ބަދަލެއް އަންނާނެ ފަދަ ކަންތައްތަކެއް އިސްރާއީލުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޭވިއެވެ.

އީރާނަކީ މި ސަރަހައްދުގައި އޮތް ސަލާމަތީ ގޮތުން އެންމެ ބޮޑު ނުރައްކާކަން ދެއްކުމުގެ ގޮތުން، ބޮޑު އިޝްތިހާރީ ކެމްޕޭނަކާ އެކު 2002ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގައި އިސްރާއީލުން ވަނީ [ކަރީން އޭ] އުޅަނދު ހިފެހެއްޓުމުގެ އޮޕަރޭޝަން ހިންގައިފައެވެ.

2002ވަނަ އަހަރު ރައީސް ބުޝް ދެއްވި ރިޔާސީ ބަޔާނުގައި، އީރާނާއި ޢިރާޤާއި އުތުރު ކޮރެއާ "ނުބައިކަމުގެ މައިމޫ (އެކުސިސް އޮފް އީވިލް)"ގެ ނަމުގައި އެއްކޮށްލައިގެން އެ ޚިތާބު ލިޔުމުގައި ބައިވެރިވި، ތަގުރީރު ލިޔުންތެރިޔާ ޑޭވިޑު ފްރަމް ފަހުން ބުނެފައިވާ ގޮތުގައި، [ނުބައިކަމުގެ މައިމުލު]ގެ ތެރޭގައި އީރާނު ހިމެނުމަށް ކުރެވުނު ފުޅާ ބަޙުސްތަކަށް އިސްރާއީލުގެ އިސްތިރާޖީ ވިސްނުމުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރައިފައިވެއެވެ.

މި ދުވަސްވަރު، ޚާއްޞަކޮށް 2002 ވަނަ އަހަރުގެ ފެބުރުވަރީ މަހު އިސްރާއީލުގެ ބޮޑުވަޒީރު އަރިއެލް ޝެރޯނާއި ބުޝްއާ ދެމެދު ބޭއްވުނު ސަމިޓުގެ ތެރޭގައި، އިސްރާއީލުގެ އިސް މަސްއޫލުވެރީން ވަނީ ދިގު މުއްދަތަކަށް ބަލާ އިރު އެންމެ ނުރައްކާތެރި ގައުމަކީ ޢިރާޤެއް ނޫންކަމަށާއި، އެއީ އީރާނުކަމަށް ފާޅުގައްޔާއި ސިއްރުގައި ވަކާލާތުކޮށްފައެވެ.

އެ ދުވަސްވަރު ވޮޝިންޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި ދަލީލުތައް ތަކުރާރުކޮށް ބުޝްގެ ސަރުކާރުގެ އިސް މަސްއޫލުވެރީންނަށް ފޯރުކޮށްދެވުނެވެ.

މިސާލަކަށް، އިސްރާއީލުގެ ދިފާއީ ވަޒީރު ބުންޔާމީން ބެން-އިލީޒަރ ވަނީ [ޢިރާޤަށް ވުރެ އީރާން ނުރައްކާތެރި]ކަމަށް ބުޝްގެ ސަރުކާރަށް ސާފުކޮށް މައުލޫމާތު ދީފައެވެ. އަދި ޚާރިޖީ ވަޒީރު ކޮލިން ޕަވަލްގެ ޗީފް އޮފް ސްޓާފްގެ މުޝީރު ލޯރެންސް ވިލްކަރސަން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އިސްރާއީލުގެ މެސެޖުތަކުން ތަކުރާރުކޮށް އިޒުރޭލަށް އިންޒާރުދެމުން ގެންދިޔައީ [ޢަދުއްވަކީ ޢިރާޤެއް ނޫނެވެ، ޢަދުއްވަކީ އީރާނެވެ.] މި ނުބައި މެސެޖުންނެވެ.

ނިއުކުލިއަރު ފައިލާއި ނިއުކުލިއަރު އެއްބަސްވުން

2003ވަނަ އަހަރު ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިން ވެރިކަމުން ވައްޓައިލުމުން ސަރަޙައްދީ ތަވާޒުނު ބަދަލުވެގެންދިޔައެވެ. ނަމަވެސް މީގެ ސަބަބުން އީރާނާ މެދު އިސްރާއީލުން ގެންގުޅޭ ދުޝްމަނުކަމަކަށް ކުޑަކޮށް ވެސް އުނިކަމެއް ނާދެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ޢަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެކަމުގެ ފުރުޞަތު ކުޑަވުމާ އެކު، އިސްރާއީލުގެ ޑިޕުލޮމެސީއާއި ޖާސޫސީ މަސައްކަތްތަކުގެ މައިގަނޑު އަމާޒަކަށް، އީރާނުގެ ނިއުކުލިއަރު ޕުރޮގްރާމް ހެދިއެވެ.

އޭގެ ފަހުން، ސަރަޙައްދީ ޢާންމު ސަލާމަތާ ބެހޭ ގޮތުން ކުރީން ކުރެވުނު ބަޙުސްތަކުގެ ބަދަލުގައި، އީރާނުގެ ނިއުކުލިއަރު ހަރަކާތްތަކާ ބެހޭ ބަޙުސްތަކަށް ބޮޑަށް ޚާއްޞަކުރިއެވެ.

ގިނަ ނޫސްވެރީންނާއި ޖާސޫސީ ދާއިރާގެ ކުރީގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި، އީރާނުގެ ނަޠަންޒުގައިވާ ނިއުކުލިއަރު މާއްދާ މުއްސަނދިކުރާ މަރުކަޒާ ބެހޭ މައުލޫމާތު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފޯރުކޮށްދިނީ އިޒުރޭލުގެ ޖާސޫސީ އިދާރާ [މޮސާޑު]ން އަޑީގައި އޮވެގެން، އޭގެ އަޞްލު މައުލޫމާތު ހޯދި ފަރާތް ސިއްރުކުރެވޭނެ ފަދަ ނުސީދާ މަގުތަކުންނެވެ. ސިއްރު މަޢުލޫމާތުކަމަށް ބުނެ ފޯރުކޮށްދީފައިވަނީ ހަގީގަތަށް ވުރެ ބޮޑުކޮށްގެން ނުރަނގަޅު މަޢުލޫމާތެވެ.

ނޫސްވެރިޔާ ސީމޯރ ހާޝްއާއި، އދ.ގެ ކުރީގެ ހަތިޔާރު އިންސްޕެކުޓަރު ސްކޮޓު ރިޓަރާއި އިތުރު ފަރާތްތަކުން އިޝާރާތްކުރި ގޮތުގައި، އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ވަނީ ނަޠަންޒު ނިއުކުލިއަރު މަރުކަޒާ ބެހޭ ސިއްރު މައުލޫމާތުގެ ބައެއް އޮޅުވައިލައިގެން، އިތުރަށް ބޮޑުކޮށްގެން 2002ވަނަ އަހަރު އީރާނުގެ އިދިކޮޅު ޖަމާޢަތެއްކަމަށްވާ މުޖާހިދީނޭ ޚަލްޤު ޖަމާޢަތަށް ފޯރުކޮށްދީފައެވެ. އެއީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ނިރުބަވެރީންގެ ލިސްޓުގައި އެ ޖަމާޢަތް އަދިވެސް އޮތް ދުވަސްވަރެއްގައެވެ. މީގެ ބޭނުމަކީ ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތެއް އުފައްދައި، އެޓޮމިކު ހަކަތައާ ބެހޭ ބައިނަލްއަގުވާމީ (އައި.އޭ.އީ.އޭ)އަށް ފިޔަވަޅުއަޅާން މަޖުބޫރުކުރުވުމާ އެކު، އިސްރާއީލުގެ ބައިވެރިވުމެއް މި ކަމުގައި ނެތްކަން ދެއްކޭނެ ޖާގަ އުފެއްދުމެވެ.

2004އިން 2012އަށާއި 2018އިން ފެށިގެން އަލުން، އައި.އޭ.އީ.އޭ އާއި އދ.ގެ ސަލާމަތީ މަޖުލިސް މެދުވެރިކޮށް އީރާނުގެ ނިއުކުލިއަރު މައްސަލައަށް ހައްލެއް އައުން ހުއްޓުވުމަށް ޓަކައި، އިސްރާއީލުން ވަނީ އީރާނާ ބެހޭ ޖާސޫސީ (ދޮގު) މައުލޫމާތު މެދުކެނޑުމެއްނެތި އުފެއްދުމުގެ ސިޔާސަތެއް ދަމަހައްޓައިފައެވެ.

2004ވަނަ އަހަރު، [މުޖާހިދީނޭ ޚަލްޤު] ޖަމާޢަތުން ވަނީ އެތައް ހާސް ސަފުހާއެއްގެ ސިއްރު ފަންނީ ފުރޭފުތަކެއް ހުރިކަމަށް ބުނާ ލެޕުޓޮޕެއްގެ މައުލޫމާތު ހުޅަނގުގެ ޖާސޫސީ އިދާރާތަކަށާއި އައި.އޭ.އީ.އޭ.އާ ހަވާލުކޮށްފައެވެ.

ހުޅަނގުގެ ސަރުކާރުތަކުން މި ލިޔެކިޔުންތަކަކީ އީރާނުން ހަތިޔާރާ ގުޅޭ ދިރާސާތައް ކުރަމުންދިޔަކަމުގެ ވަރުގަދަ ދަލީލެއްގެ ގޮތުގައި ބެލިނަމަވެސް، އެހެން ބައެއް ފަރާތްތަކުން އޭރު ވެސް މި ކަމާ މެދު ޝައްކުއުފެއްދިއެވެ.

އޭރު އައި.އޭ.އީ.އޭގެ ޑިރެކުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަލްބަރަދާޢީ، ފަހުން ލިޔުއްވައިފައިވާ ގޮތުގައި، މި ލިޔެކިޔުންތައް ލިބުނު ގޮތާ މެދު އުފެދުނު މުހިންމު ސުވާލުތަކަށް އަދި މިހައިތަނަށް ވެސް ފުރިހަމަ ޖަވާބެއް ލިބިފައެއްނުވެއެވެ.

އެއާ އެކު، ތަހުގީގީ ގިނަ ނޫސްވެރީން ވަނީ މި ލިޔެކިޔުންތައް ބަދަލުވަމުން އައި ސިލްސިލާ ނޭނގި އޮތްކަން ފާހަގަކޮށްފައެވެ. އަދި މި މައުލޫމާތުގެ އިތުބާރު ދެމެހެއްޓުމަށާއި އަސްލު މައުލޫމާތު ހޯދި ފަރާތް ސިއްރުކުރުމުގެ ގޮތުން، [މުޖާހިދީނޭ ޚަލްޤު] ޖަމާޢަތަށް މި ފައިލުތައް ފޯރުކޮށްދިން އަޞްލު ފަރާތަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާޑު)ކަމަށް އެ ފަރާތްތަކުން އިޝާރާތްކުރެއެވެ.

2015ވަނަ އަހަރު އެކުލަވައިލެވުނު "ޖޮއިންޓު ކޮމްޕުރިހެންސިވް ޕުލޭން އޮފް އެކުޝަން" (ނިއުކުލިއަރު އެއްބަސްވުން) ވެފައިވަނީ 1979ގެ ފަހުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހިނގި އެންމެ މުހިންމު ޑިޕުލޮމެޓިކު މުޢާމަލާތުގެ ފެށުމަށެވެ.

ނަމަވެސް، އިސްރާއީލުގެ ވެރީން މި އެއްބަސްވުން ސިފަކުރީ އިސްރާއީލުގެ ސަލާމަތީ މަސައްކަތްތަކަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައެވެ. އަދި އެއީ އެމެރިކާއިން އޭޝިއާއަށް އިސްކަންދިނުމަށް ގެންގުޅޭ [ޕިވޮޓު ޓު އެޝިއާ] އިސްތިރާޖުގެ ފެށުންކަމުގައި ވެސް ދުއްޓެވެ.

ނަތަންޔާހޫ ވަނީ ވޮޝިންޓަނުގައްޔާއި ބައިނަލްއަޤްވާމީ އެކި މައިދާންތަކުގައި މި އެއްބަސްވުމާ ދެކޮޅަށް އާދަޔާޚިލާފު ވަރުގަދަ ކެމްޕޭނެއް ހިންގައިފައެވެ. ވައިޓު ހައުސްގެ ދަޢުވަތަކާ ނުލައި އެމެރިކާގެ ކޮންގްރެސްގައި އޭނާ ދިން ޚިތާބަކީ އެމެރިކާގެ އެތެރޭގައި ހިންގި މި ފަދަ ދެވަނައެއް ނެތް ކެމްޕޭނުގެ އެންމެ މުހިންމު އުސްއައްޔެވެ.

އެމެރިކާގެ އިސް މަސްއޫލުވެރީން ނެރެފައިވާ މެމޯތަކުން ހާމަވާ ގޮތުގައި، ޢަސްކަރީ ފިޔަވަޅެއްއެޅުމުގެ ފުރުޞަތާ މެދު އެމެރިކާއާއި އިޒުރޭލާ ދެމެދު ތަކުރާރުކޮށް ދެބަސްވުންތައް އުފެދުނެވެ.

ކުރީގެ ދިފާއީ ވަޒީރު ރޮބަޓު ގޭޓުސް ވަނީ އިސްރާއީލުން އަމިއްލައަށް ޙަމަލާދިނުމަށް ޓައި ކުރިމަތިކުރި ފިއްތުންތަކާ ހުރެ އުފެދުނު ޚިލާފުތައް ތަފުސީލުކޮށްދީފައެވެ. އަދި އެހެން ދިފާއީ ވަޒީރެއް ވެސް ފަހުން ވަނީ އެމެރިކާއަށް މަޝްރަޙު ގޯސްކުރުން ނޫން އެހެން ޢަމަލީ ޚިޔާރެއް ނޯންނާނެ ފަދަ ސިޔާސަތުތަކާ މެދު ފާޅުގައްޔާއި ސިއްރުގައި އާންމުކޮށް އިންޒާރުދީފައެވެ.

އެއާ އެކު، ކުރީގެ ރައީސް ބަރާކު އޮބާމާ އިޝާރާތްކުރެއްވި ގޮތުގައި، އޭނާގެ ސަރުކާރުން ޙިކުމަތްތެރި ގޮތެއްކަމަށް ބެލި ގޮތަށް ވުރެ ބޮޑަށް، ކުރިމަތިލުމުގެ ސިޔާސަތެއް އިޚުތިޔާރުކުރުމަށް މެދުކެނޑުމެއްނެތި ނަތަންޔާހޫ އަބަދު ވެސް ބާރުއަޅައި ފިއްތުންތައް ކުރިމަތިމަތިކުރަމުން ގެންދިޔައެވެ.

މިހިރީ އިސްރާއީލުގެ ނުބައި ނުލަފާކަމެވެ. ނަމަވެސް ހިތާމައަކީ، އިޒުރޭލުގެ މި ޝައިޠާނީ ޢަމަލުތައް މުސްލިމު ގައުމުތަކަށް ނުވިސްނޭކަމެވެ. އިމާރާތާއި ސުޢޫދީ ޢަރަބިއްޔާ ފަދަ އިސްލާމީ ބޮޑެތި ގައުމުތަކުން ވެސް އީރާނަކީ ދުޝްމަނެއްކަމަށް ބަލައި އިޒުރޭލާ ކަވާސާވެގެން އުޅޭކަމެވެ.

(ނޯޓު: މި ލިޔުމުގައި މި ވަނީ އަލްޖަޒީރާއަށް ޑރ. މުޙަންމަދު ޖަވާދު ޡަރީފު ލިޔުއްވައިފައިވާ ލިޔުމަކުން ނަގައިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. އޭނާ މި ލިޔުން ޝާއިޢުކުރައްވައިފައިވަނީ 2026 ޖުލައި 27ވަނަދުވަހުގެ ޢަދަދުގައެވެ.)

 

ބައެއް ލަފުޒުގެ މާނަ:

ނިރުބަވެރީން    ނއ.         (1) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ބިރުގަންނަވާ މީހުން (2) އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދާ ނުވަތަ ފަތުރާ މީހުން

ކަވާސާ        ނއ.         އެކުވެރިކަން ބޮޑު.

އިސްތިރާޖު     ނ.           ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.

އިސްތިރާޖީ     ނއ.         މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.  

މެމޯ         ނ.           އޮފީހެއްގެ ނުވަތަ މުއައްސަސާއެއްގެ އެތެރޭގެ މުއާސަލާތުގައި ބޭނުން ކުރާ ލިޔެކިޔުމުގެ ބާވަތެއް.

ވިލަރެސްކުރުން   މ.          ކަމެއް އިންތިޒާމު ކުރުމުގައި ކަންތައްތައް ގުޅުވައިލައިގެން ގެންދިއުން.  

ދަހަރު        ނ.          ދިހަ އަހަރު

ތަވާޒުނު       ނ.           ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.

ކޮމެންޓު