އަބާ މުޙަންމަދު
15 އޯގަސްޓް 2026
އުތީމަކީ ދިވެހިރާއްޖޭގެ ތާރީޚީ އަދި ސަގާފީ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ދިވެހިރާއްޖޭގެ އެންމެ ޝަރަފުވެރި ރަށެވެ. މި ރަށަށް އެއް ފަހަރު ނަމަވެސް ޒިޔާރްތަކޮށްލައި އުތީމު ގަނޑުވަރު ބަލައިލުމަކީ ކޮންމެ ދިވެއްސަކުވެ ވަރަށް ޝައުގުވެރިކަމާ އެކު އުންމީދުކުރާ ފުރުސަތެކެވެ.
އުތީމު އޮންނަނީ ދިވެހިރާއްޖޭގެ އެންމެ އުތުރުގައިވާ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) ގައެވެ. މި ރަށް އޮންނަނީ ވެރިކަން ކުރާ މާލެއާ ގާތްގަނޑަކަށް 297 ކިލޯމީޓަރު (185 މޭލު) އުތުރުގައެވެ. ޖޯގުރަފީ ގޮތުން ރަށް އޮންނަ ނުކުތާއަކީ 6.83444∘ N,73.11306∘ E އެވެ.
އުތީމާ އެންމެ ކައިރީގައި އޮންނަ އެއަރުޕޯޓަކީ ރަށުން ފެށިގެން ގާތްގަނޑަކަށް 11 ވަރަކަށް ކިލޯމީޓާރު ދުރުގައި އޮންނަ ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރެވެ. މި ރަށާ އެންމެ ކައިރީގައި އޮންނަ، މީހުން ދިރިއުޅޭ ރަށަކީ ފަސްވަރަކަށް މޭލު ދުރުގައި އޮންނަ، އެ އަތޮޅު ވެރިރަށް ދިއްދޫއެވެ.
އުތީމަކީ ރާއްޖޭގެ ރަށްރަށުގެ ނިސްބަތުން ވެސް ބޮޑު ރަށަކަށް ނުކިޔާނެއެވެ. ދިގުމިނުގައި 0.9 ކިލޯމީޓަރު (0.56 މޭލު)، އަދި ފުޅާ މިނުގައި ގާތްގަނޑަކަށް 0.73 ކިލޯމީޓަރު (0.45 މޭލު) ހުންނަ މި ރަށުގެ ބިމުގެ ބޮޑުމިނެއްކަމަށް ބެލެވެނީ ގާތްގަނޑަކަށް 49.1 ހެކުޓަރެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ 0.49 އަކަކިލޯމީޓަރެވެ. ނުވަތަ 0.19 އަކަމޭލެވެ.
މި ރަށަކީ އެކުވެރި، ކުޑަ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 800 އާއި 1،000 އާ ދެމެދުގެ އަދަދެކެވެ.
ރަށުގެ އިގުތިސާދު ބިނާވެފައިވަނީ އާންމުކޮށް ރަށްރަށުގައި ކުރާ އާންމު މަސައްކަތްތަކުގެ މައްޗަށެވެ.
މީގެ ތެރޭގައި މަސްވެރިކަމަކީ އާމްދަނީ ހޯދުމަށާއި ކެއިންބުއިމަށް ކުރާ މައިގަނޑު އެއް މަސައްކަތެވެ. މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރަނީ އާދަކާދައިގެ ދޯނިފަހަރެވެ.
މާ ފުޅާ ދާއިރާއެއްގައި ނޫން ނަމަވެސް ދަނޑުވެރިކަމުގެ މަސައްކަތަކީ ވެސް މި ރަށުގައި ކޮށް އުޅޭ މަސައްކަތެކެވެ. މީގެ އިތުރަން ވަޑާންކުރުމާއި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރެއެވެ.
މި ރަށުގައި ދެން ކުރާ މަސައްކަތްތަކުގެ ތެރޭގައި އާންމު ފެންވަރުގެ ކުދި ގެސްޓްހައުސްތައް ހިންގުމާއި، ތާރީޚީ ބިނާތައް ބެލެހެއްޓުމާއި، ކުދި ފިހާރަތައް ހިންގުން ހިމެނެއެވެ.
މި ރަށުގެ ޚާއްޞަ މީޒާތައް
މި ރަށުގެ އެންމެ ޚާއްޞަ ތަނަކީ 16ވަނަ ޤަރުނުގެ ބިނާއެއްކަމަށްވާ އުތީމު ގަނޑުވަރެވެ. މިއީ ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރެއްވި ޤައުމީ ބަޠަލު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (ބޮޑުތަކުރުފާނު، ނުވަތަ އުތީމު މަހާރަދުން ނުވަތަ ޣާޒީ ބަންޑާރައިން)އެވެ.
ތާރީޚީ ބިނާއެއްގެ ގޮތުގައި ފާހަގަކުރެވޭ، 16 ވަނަ ޤަރުނުގެ ލަކުޑި މިއުމާރިއްޔަތާއި، ތާރީޚީ މިސްކިތްތަކާއި، ޖިހާދުގެ ހަނދާންތައް ރައްކާކުރެވިފައިވާ އާސާރީ ތަކެތި ބަލައިލުމުގެ ފުރުޞަތު އުތީމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބެއެވެ.
ސާފު ނޫވިލުތަކާއި، ހޭޅިފަށުގެ ފިނިކަމާއި، މޫދަށް އެރުމަށާއި ފަރުގެ ދިރުންތައް ބަލައިލުމަށް އެކަށީގެންވާ ފަޅުތަކާއި ފަރުތައް މި ރަށުގައިވެއެވެ. ބޮޑުތަކުރުފާނުގެ ތުއްޕުޅު ދުވަސްވަރު ދޫނި ހިއްޕަވާން އުޅުއްވި ހިތްގައިމު ތުނޑިއަކީ ހަމަ ގައިމު ވެސް ފަތުރުވެރީންގެ ހިތްތައް ދަމައިގަންނާނެ ރީތި އަތިރިމަތީގެ ހިތްގައިމު މަންޒަރެކެވެ.
އުތީމަކީ، އެކުވެރި ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ، ހިތްފަސޭހަ ރަށެކެވެ. ޗުއްޓީ ހޭދަކޮށްލާން ދިވެހިރާއްޖެއިން ޒިޔާރަތްކޮށްލާން މިއަށް ވުރެ ވަކި ރަނގަޅު އެހެން ރަށެއް ކޮބައިތޯއެވެ! 2026ވަނަ އަހަރު ގައުމީ ފެންވަރުގައި ކުލަގަދަ ގޮތެއްގައި ގައުމީ ދުވަސް ފާހަގަކުރީ އުތީމުގައެވެ. ގައުމީ ދުވަހުގެ އިޙުތިފާލުތަކުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތްކަމީ އެ ރަށަށް ލިބުނު ޝަރަފެއްކަމަށް ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ. (ފޮޓޯ: ވިކިޕީޑީއާ)
ދެ ލަފުޒެއްގެ މާނަ:
މިއުމާރިއްޔަތު ނ. އިމާރާތްތައް ބިނާކުރުމާއި ފަރުމާކުރުމުގެ މަސައްކަތް، ނުވަތަ އެ ކަމުގެ ފަންނު. architecture
މީޒާ ނ. (1) ޚާއްސަ ސިފަ. (2) ވަކި މީހަކަށް ނުވަތަ ތަނަކަށް ނުވަތަ ކަމަކަށް ބިނާކޮށް ހުށަހަޅާ ޚާއްސަ ރިޕޯޓު ނުވަތަ ފިލްމު. feature