އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
15 އޯގަސްޓް 2026
ޚިޔާލަށް ގެންނަވާށެވެ! މިސާލަކަށް: އިނބަގެ ފްލައިޓް ކެންސަލްވުމާ ގުޅިގެން، އެހެން ފްލައިޓަކުން ޖާގަ ހޯދުމަށް ޓަކައި އެއަރލައިންގެ ކަމޭދު ޚިދުމަތުގެ ކިއޫގައި އިންތިޒާރުކުރަނީއެވެ. ދަތުރުވެރީންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެފައި ހުރި އިރު، އަނެކަކު ފެންނަނީ އެއްވެސް ހާސްކަމެއް ނެތި ހަމަޖެހިލައިފައި ހުރެޔެވެ. ދިމާވި މައްސަލައަކީ އެއް މައްސަލައެކެވެ. ނަމަވެސް، އެމީހުންގެ ހަށިގަނޑާއި ސިކުނޑި އެ ކަމަށް އިޖާބަދެމުންދަނީ މުޅިން ތަފާތުކޮށެވެ.
ޕްރެޝަރާއި ސުޓުރެސްއަށް މީހުން ކުރިމަތިލާ މިންވަރު ކަނޑައެޅުމުގައި ޖީންސްއާއި، މިޒާޖާއި، އަދި މާޒީގެ ތަޖުރިބާތައް އަދާކުރާ ދައުރު ސައިންސްވެރީންނަށް އެނގޭތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް، އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ކާތަކެތި ހަޖަމުކުރާ ނިޒާމުގައި ދިރިއުޅޭ ކުދި ޖަރާސީމުތަކުގެ އާއިލާ (ނުވަތަ[ގަޓް މައިކްރޯބައޯމް])އަކީ ވެސް މި ކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
އެންމެ ފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ހަޖަމުކުރާ ނިޒާމުގައި ތަފާތު ގިނަ ބާވަތްތަކުގެ ޖަރާސީމު އެކުލެވޭ މީހުން ކުއްލިއަކަށް ދިމާވާ ކަނބޮޑުވުންތަކަށް (ނުވަތަ ސުޓުރެސްއަށް)ދޭ އިޖާބަ ވަރުގަދައެވެ. ދިރާސާވެރީން ބުނާ ގޮތުގައި މިއީ ހަށިގަނޑަށް އެ ފަދަ ހާސްކަމާއި ކަންބޮޑުވުމާ ކުރިމަތިނުލެވޭކަން އަންގައިދޭ ކަމެއްނޫނެވެ. އަދި ކީއްތޯއެވެ! މިއީ ހަށިގަނޑުން އެ ކަމަށް ތައްޔާރުވެ، އެދެވޭ ގޮތެއްގައި މަސައްކަތްކުރާކަން އަންގައިދޭ ކަމެކެވެ.
މި ހޯދުންތަކުގެ ސަބަބުން، [އެއް މައްސަލައަކާ ދިމާވުމުން ތަފާތު މީހުންނަށް ތަފާތު އަސަރުތަކެއް ކުރަނީ ކީއްވެގެންހެއްޔެވެ؟] މި ސުވާލަށް ހައިރާންކުރުވަނިވި އާ ޖަވާބެއް ނުވަތަ މާނައެއް ލިބިގެންދެއެވެ.
ކަންބޮޑުވެ ހާސްވާ ވަގުތު ހަށިގަނޑަށް ވަނީ ކިހިނެއް؟
ޕެން އިސްޓޭޓް ހެލްތުގެ ފެމިލީ މެޑިސިން ޑޮކްޓަރެއްކަމަށްވާ ޓިމޯތީ ރައިލީ ވިދާޅުވާ ގޮތުގައި، ކަންބޮޑުވެ ހާސްވުމަކީ (ސުޓުރެސްއަކީ) ގޮންޖެހުމެއް، އެދުމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވާކަމަށް އިހުސާސްވުމުން ހަށިގަނޑުން ދައްކާ ތަބީއީ އިޖާބައެކެވެ.
ޖޭމްސް މެޑިސަން ޔުނިވަސިޓީގެ، ގްރެޖުއޭޓް ސައިކޮލޮޖީ ދާއިރާގެ އެސޯސިއޭޓް ޕްރޮފެސަރު ކެލީ އެޓްވުޑް ވިދާޅުވާ ގޮތުގައި، ކަންބޮޑުވުމާއި ހާސްވުން (ސުޓުރެސް) އިހުސާސްވާ ހިނދު، ސިކުނޑީގެ އިހުސާސްތައް ބަލަހައްޓާ ބައިކަމަށްވާ [އެމިގްޑަލާ] މަސައްކަތްކުރާން ފަށައެވެ. ސިކުނޑިއަށް ނުރައްކަލެއް ފާހަގަކުރެވުމާ އެކު، ހަށިގަނޑުގެ އަމުރުތައް ހިންގާ މަރުކަޒު (ކޮމާންޑު ސެންޓަރު)ކަމަށްވާ [ހައިޕޯތަލަމަސް]އަށް މެސެޖެއް ފޮނުވައި، އެ ކަންބޮޑުވުންތަކަށް ހަށިގަނޑު ދޭނެ އިޖާބަތައް އިންތިޒާމުކުރާން ފަށައެވެ. (މިއީ ވަރަށް ބޮޑަށް ސުޓުރެސްވާ ހާލަތްތަކުގައި ހަށިގަނޑު އިޖާބަދޭ ގޮތެވެ.)
ޔޭލް ސުޓުރެސް ސެންޓަރުގެ ޑައިރެކްޓަރު ރަޖީތާ ސިންހަ ވިދާޅުވާ ގޮތުގައި، ބޮޑަށް ކަންބޮޑުވާ ހާލަތްތަކުގައި ޖިސްމާނީ ގޮތުން ތަފާތު އަލާމާތްތައް ފެނިދާނެއެވެ. އޭގެ ތެރޭގައި ހިތުގެ ހިނގުން އަވަސްވުމާއި ނޭވާލުން އަވަސްވުމާއި ހަޖަމުކުރާ ނިޒާމުގެ މައްސަލަތައް ދިމާވުމާއި ނުވަތަ ނުރައްކާތެރި ހާލަތަކުން ރެކޭންވެގެން މަސްތައް ވަރުގަދަވުން ހިމެނެއެވެ.
ގޮންޖެހުންތަކަށް ހަށިގަނޑު އިޖާބަދޭ ގޮތަށް ހަޖަމުކުރާ ނިޒާމުގެ އަސަރު ފޯރައިފާނެ
[ނިއުރޯބަޔޮލޮޖީ އޮފް ސުޓުރެސް] ޖާނަލްގައި ޝާއިޢުކޮށްފައިވާ، އާ ދިރާސާއަކުން ދައްކާ ގޮތުގައި، ހަޖަމުކުރާ ނިޒާމުގައި ތަފާތު ގިނަ ބާވަތްތަކުގެ މައިކްރޯ އޯގަނިޒަމްތައް (ގަޓް މައިކްރޯބައޯމް) ހުންނަ މީހުން ކުއްލިއަކަށް ދިމާވާ މި ފަދަ ކަންކަމަށް (ސުޓުރެސްއަށް) އިޖާބަދޭ ގޮތް ތަފާތެވެ. ދުޅަހެޔޮ ބޮޑެތި މީހުންގެ މެދުގައި ކުރެވުނު މި ދިރާސާއިން އެނގުނު ގޮތުގައި، ޖަރާސީމުގެ ބާވަތްތައް ގިނައިން ހުންނަ މީހުންގެ ކޯޓިސޯލް (ސުޓުރެސް ހޯމޯން)އާއި ސުޓުރެސް އިހުސާސްވާ މިންވަރު އިތުރުވެއެވެ.
އޮސްޓުރިއާގެ ޔުނިވަސިޓީ އޮފް ވިއެނާގެ ވެގްނާ ލެބްގެ ޕީއެޗް.ޑީ ކެންޑިޑޭޓް އަދި މި ދިރާސާގެ މުސައްނިފު ތޯމަސް ކާނާ ވިދާޅުވި ގޮތުގައި، ބަނޑާއި ސިކުނޑިއާ ދެމެދު ގުޅުން އުފައްދައިދޭ [ގަޓް-ބްރެއިން އެކްސިސް] މެދުވެރިކޮށް މި ދެ ބައި އަބަދުވެސް މުއާމަލާތްކުރަމުން ގެންދެއެވެ. (އިނބަގެ ހަޖަމުކުރާ ނިޒާމުގެ ދުޅަހެޔޮކަމުން މުޅި ހަށިގަނޑަށް އަސަރުކުރެއެވެ. ސަބަބަކީ މިއީއެވެ.)
"ހަޖަމުކުރާ ނިޒާމުގައިވާ މައިކްރޯބައޯމާއި އެއިން އުފައްދާ މާއްދާތަކުގެ ސަބަބުން، ގޮންޖެހުންތަކަށް ހަށިގަނޑުގެ ސުޓުރެސް ނިޒާމު އިޖާބަދޭ ގޮތަށާއި ސުޓުރެސް ހޯމޯންގެ މިންވަރު ބެލެހެއްޓުމަށް އަސަރުކުރެއެވެ.] ތޯމަސް ކާނާ ވިދާޅުވިއެވެ. [އެއާ އެކު، ސުޓުރެސްގެ ސަބަބުން ހަޖަމުކުރާ ނިޒާމުގެ މައިކްރޯބައޯމްގެ އެކުލެވުން ބަދަލުވެ، ބަނޑުގެ ދުޅަހެޔޮކަމަށާއި ދުޅަވުމަށް އަސަރުކޮށް، 'ޝޯޓް-ޗެއިން ފެޓީ އެސިޑް' ފަދަ މާއްދާތައް އުފައްދާ މިންވަރު ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން، ހަޖަމުކުރާ ނިޒާމުގެ ދުޅަހެޔޮކަމާއި ސުޓުރެސްއާ ދެމެދު އޮތް ގުޅުމަކީ ދެކޮޅަށް ވެސް އަސަރުކުރާ ގުޅުމެކެވެ.]
ވަރުގަދައަށް ސުޓުރެސްވުމަކީ ގޯސް އަސަރެއްކުރުންކަމުގައި އަބަދަކު ނުވެއެވެ.
ކަން ހުރީ މިހެންކަމަށް ވިޔަސް ކޮންމެ ސުޓުރެސްއަކީ ގެއްލުންހުރި އެއްޗެއް ނޫނެވެ. ތޯމަސް ކާނާ ވިދާޅުވާ ގޮތުގައި، ކުރު މުއްދަތުގެ ނުވަތަ ކުއްލިއަކަށް ކުރިމަތިވާ ސުޓުރެސްގެ ސަބަބުން، ވަގުތުން ދިމާވާ ގޮންޖެހުމަކަށް ނުވަތަ ނުރައްކަލަކަށް ހަށިގަނޑުން އިޖާބަދިނުމަށް އެހީތެރިވެދެއެވެ.
މި ކަން ސާފުކޮށްދެއްވުމަށް ތޯމަސް ކާނާ ދެއްވީ ހުސްބިމެއްގައި ސިންގާއެއްގެ ކިބައިން ސަލާމަތްވާން ދުވާ ޒެބްރާއެއްގެ އާންމު މިސާލެވެ. އެ ވަގުތު، ސުޓުރެސްގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އުފައްދައި، ނުރައްކަލުން ސަލާމަތްވުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަންދޭން އެހީތެރިވެދެއެވެ. އޭނާ ތަރުޖަމާކުރައްވާ ގޮތުގައި، މައިކްރޯބައޯމްގެ ތަފާތުކަން ގިނަވުމަކީ ހަމައެކަނި ސުޓުރެސް ކުޑަކޮށްދޭ ކަމެއްނޫނެވެ. އޭގެ ބަދަލުގައި، އެއީ ސުޓުރެސްއަށް ހަށިގަނޑުން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ދެވޭ އިޖާބަ އިތުރަށް މުނާސަބުކޮށްދޭ ކަމެކެވެ.
[އަޅުގަނޑުމެންގެ ދިރާސާއިން އެނގުނު ގޮތުގައި، ހަޖަމުކުރާ ނިޒާމުގައި ގަޓް މައިކްރޯބައިއަލް ގިނައިން ހުންނަ މީހުންނަށް ކުއްލި ސުޓުރެސްއެއް ދިމާވުމުން، ކޯޓިސޯލާއި ސުޓުރެސްއަށް ދެވޭ އިޖާބަ ވަރުގަދަވެއެވެ. މިއީ ވަގުތީ ގޮތުން ހަށިގަނޑުގެ ސުޓުރެސް ނިޒާމު ތައްޔާރުވެ، އެ ގޮންޖެހުމާ ކުރިމަތިލުމަށް އެހީތެރިވެދިނުމަށް އެކަށީގެންވާ ކަމެކެވެ.] އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން، ދާއިމީ ސުޓުރެސް (ކްރޯނިކް ސުޓުރެސް)އަކީ ދިގު މުއްދަތަކަށް ނުވަތަ ތަކުރާރުކޮށް ސުޓުރެސްއާ ގުޅުންހުރި ނިޒާމުތައް ހަރަކާތްތެރިވުމެވެ. އެ ޒެބްރާގެ މިސާލަށް ބަލާ އިރު، މައްސަލައަކީ ސިންގާގެ ކިބައިން ސަލާމަތްވާން ދުވި ވަގުތު އުފެދުނު ކުރު ސުޓުރެސްއެއްނޫނެވެ. ނަމަވެސް، ނުރައްކާ ފިލައިދިއުމަށް ފަހު ވެސް ހަށިގަނޑުގެ ސުޓުރެސް ނިޒާމު މެދުނުކެނޑި ހިނގަހިނގައި ހުރުމެވެ. އެ ކަންބޮޑުވުން ނުފިލައި ހުރުމެވެ.
އިންސާނުންގެ ކިބައިގައި މި ކަން ދިމާވަނީ މެދުކެނޑުމެއްނެތި ކުރެވޭ ފިކުރުތަކާއި، އިޖުތިމާއީ ހާސްކަމާއި، ގޮތެއް ނުނިންމި ސާފުނުވެ ހުންނަ ކަންކަމާއި، ސުންގަޑިތަކާ ހުރެ، ނުވަތަ އެކަށީގެންވާ އަރާމެއް ނުލިބި އުނދަގޫ ހާލަތްތަކާ ތަކުރާރުކޮށް ކުރިމަތިލާންޖެހުމުންކަމަށް ތޯމަސް ކާނާ ވިދާޅުވެއެވެ. ދުވަސްވަމުންދާ ވަރަކަށް، މި ކަމުގެ ސަބަބުން ސުޓުރެސް ހޯމޯންތައް ބަލަހައްޓާ ނިޒާމަށް ބުރޫއަރައި، ސިކުނޑިއަށާއި، ދިފާއީ ނިޒާމަށާއި، އަދި ގަޓް މައިކްރޯބައޯމްއަށް އަސަރުކުރެއެވެ.
[ތަފާތު ގިނަ ބާވަތްތަކުގެ މައިކްރޯބައޯމް ހުންނަ ނިޒާމަކުން މިފަދަ ބުރޫއެރުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ބޮޑުވެދާނެއެވެ.] ތޯމަސް ކާނާ އިތުރަށް ވިދާޅުވިއެވެ. [ނަމަވެސް... މައިކްރޯބައޯމްގެ ތަފާތުކަމުގެ ސަބަބުން، ކުރު މުއްދަތުގެ އެކަށީގެންވާ ސުޓުރެސް އިޖާބައިން، ދާއިމީ ސުޓުރެސްގެ ނޭދެވޭ ނަތީޖާތަކަށް ބަދަލުވާ ގޮތް ދެނެގަތުމަށް އިތުރު ދިރާސާތައް ކުރާންޖެހެއެވެ.]
މައިކްރޯބައޯމްއަކީ ސުޓުރެސް އިޖާބައިގެ އެންމެ ބައެއް
ރައިލީ ވިދާޅުވާ ގޮތުގައި، އިނބަށް ސުޓުރެސް ތަހައްމަލުކުރެވޭ ގޮތުގައި ޖީންސުން މުހިންމު ދައުރެއް އަދާކުރެއެވެ. އިންސާނުންގެ ހަށިގަނޑު އުފެދިފައިވަނީ ކުރިމަތިވެދާނެ ނުރައްކާތަކަށް އަވަހަށް އިޖާބަދެވޭ ގޮތަށެވެ. އަދި އަމިއްލަ ޖެނެޓިކް ތަފާތުތަކުގެ ސަބަބުން އެ ނިޒާމުތައް އިޖާބަދޭ މިންވަރަށް އަސަރުކުރެއެވެ. [އަޅުގަނޑުމެންގެ އަމިއްލަ ތަފާތުތަކެއް ހުރެއެވެ.] ސިންހަ ވިދާޅުވިއެވެ. [އެކި މީހުންގެ ކިބައިގައި ބައެއް ޖީންސްތަކަކީ ވަރަށް އަވަހަށް އިޖާބަދޭ އެއްޗެއްސެވެ. އަދި އަނެއްބައި ޖީންސްތަކަކީ އެހައި އަވަހަށް އިޖާބަނުދޭ އެއްޗެއްސެވެ."
އުފަންވުމުގެ ކުރީން ކުރެވޭ ތަޖުރިބާތަކުގެ ސަބަބުން ވެސް ހަށިގަނޑުން ސުޓުރެސްއަށް އިޖާބަދޭ ގޮތަށް އަސަރުކޮށްފާނެއެވެ. މި ކަން މެދުވެރިވަނީ [އެޕިޖެނެޓިކްސް] މެދުވެރިކޮށެވެ. އެއީ ޑީއެންއޭއަށް ބަދަލެއް ނުގެނެސް، ޖީންސްތައް މަސައްކަތްކުރާ ގޮތަށް އަންނަ ކެމިކަލް ބަދަލުތަކެކެވެ. 2025ވަނަ އަހަރު 'ޖީންސް' ޖާނަލްގައި 71 ދިރާސާއަކަށް ބަލައި ޝާއިޢުކުރި މުރާޖާއަކުން ދައްކާ ގޮތުގައި، ނަފުސާނީ ގޮތުން އަސަރުކުރުވާ ފަދަ ހާދިސާތަކާއި ސުޓުރެސްގެ ކަންކަން ބެލެހެއްޓުމުގައި ހިމެނޭ އެޕިޖެނެޓިކް ބަދަލުތަކާ ގުޅުމެއްވެއެވެ. ނަމަވެސް، އެ ބަދަލުތައް ހުންނަނީ ކިހައި މުއްދަތަކަށް ކަމާއި، އެއީ ޖީލުތަކަށް ފޯރާފާނެ އެއްޗެއްތޯ ދިރާސާވެރީން އަދިވެސް ދަނީ ހޯދަމުންނެވެ.
އެއްވެސް އިނާމެއް ނުލިބުނު ކަމުގައިވިޔަސް އުނދަގޫ ކަންކަން ކުރުމަށް ޑޯޕަމީން ބާރުއަޅަނީ ކީއްވެ؟
ދިރިއުޅުމުގެ ތަޖުރިބާތަކަކީ ވެސް ސުޓުރެސްގެ ކަންކަން މެނޭޖުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. [އުފަންވީއްސުރެ، ސުޓުރެސް އުފެދޭ ކަންކަމަށް އަޅުގަނޑުމެން ދޭ އިޖާބައަކީ ވަރަށް އޮޅުންބޮޅުން ބޮޑު، އަދި އަޅުގަނޑުމެންގެ ސިކުނޑިއާއި ހަށިގަނޑުގައި ވަރަށް ފުންކޮށް ބިނާވެފައިވާ ކަމެކެވެ.] ރައިލީ ވިދާޅުވިއެވެ. [އަޅުގަނޑުމެން ބޮޑުވަމުންދާ އިރު، ކޮންމެ ތަޖުރިބާއަކުން ފިލާވަޅު ލިބިގަނެވެއެވެ. އަދި އަޅުގަނޑުމެންގެ ނާރުތަކުގެ ނިޒާމުން، ސުޓުރެސް ނުވަތަ ނަފްސާނީ ގޮތުން އަސަރުކުރުވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއްދެއެވެ.]
ނަމަވެސް އަމިއްލަ ތަޖުރިބާއަކީ ހަމައެކަނި ބޮޑެތި ނަފްސާނީ ހާދިސާތަކާ ގުޅިފައިވާ ކަމަކަށްވާކަށް ކޮންމެހެން ނުޖެހެއެވެ. މިސާލަކަށް: މީހަކު ހޭނެތިގެން ވެއްޓިއްޖެ ނަމަ، ޞިއްޙީ ތަމްރީނެއް ލިބިފައި ނެތް މީހަކު ވަރަށް ބޮޑަށް ބިރުގެންފާނެއެވެ. އަނެއްކޮޅުން، ސިއްހީ ދާއިރާގެ މާހިރަކަށް މި މަންޒަރު ފެނިއްޖެ ނަމަ، [ނުރައްކާ ކުޑަކަމަށާއި، މިއީ ކޮންޓުރޯލުކުރެވޭނެ ހާލަތެއްކަމުގެ އިތުބާރު އެމީހާއަށް އޮވެދާނެއެވެ.] ރައިލީ ވިދާޅުވިއެވެ.
އެޓްވުޑް ވިދާޅުވާ ގޮތުގައި، އިންސާނާގެ މިޒާޖާއި ޝަޚްސިއްޔަތަކީ ވެސް ސުޓުރެސްއަށް އިޖާބަދޭ ގޮތް ބައްޓަންކުރާ ކަންކަމެވެ. 'ޖާނަލް އޮފް ޕާސަނަލިޓީ އެންޑް ސޯޝަލް ސައިކޮލޮޖީ'ގައި 2016ވަނަ އަހަރު ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ނިއުރޯޓިސިޒަމް (ކަންބޮޑުވުމާއި ނޭދެވޭ އިހުސާސްތައް ކުރެވުމުގެ އާދަ) މަތި މީހުން، ސުޓުރެސް ބޮޑު ދުވަސްތަކުގައި ނަފުސާނީ ގޮތުން ދޭ އިޖާބަ ވަރަށް އަވަހެވެ. އަދި އިންތިޒާމުކޮށް ކަންކަން ކުރާ، އިޖުތިމާޢީ، ސުލޫކީ، ނުވަތަ އާ ތަޖުރިބާތަކަށް މަރުޙަބާކިޔާ މީހުންގެ ކިބައިން ފެންނަ ނަފުސާނީ ނުތަނަވަސްކަން ކުޑައެވެ. މި ސިފަތަކުގެ ސަބަބުން ގޮންޖެހުންތައް މާނަކުރާ ގޮތަށާއި، ކުރިމަތިލާ ގޮތަށް އަސަރުކޮށްފާނެއެވެ. ނަމަވެސް މިއީ އިންސާނާގެ ތަހައްމަލުކުރުމުގެ ގާބިލުކަން ހުއްޓޭ ވަކި އިމެއް ނޫނެވެ.
އާދޭހެވެ! ޕްރެޝަރުގެ ވަގުތުގައި މީހަކު އިޖާބަދޭނެ ގޮތް ނިންމަނީ ހަމައެކަނި ވަކި ޖީންއަކުން، ޝަޚުސިއްޔަތުގެ ސިފައަކުން، ނުވަތަ މައިކްރޯބައޯމްއަކުން ނޫނެވެ. ސުޓުރެސް އިޖާބައަކީ ސިކުނޑިއާއި، ހަށިގަނޑާއި، ތަޖުރިބާއާއި، އަދި އެ ވަގުތެއްގެ ހާލަތުގެ މެދުގައި އޮންނަ އޮޅުންބޮޅުން ބޮޑު ގުޅުމެކެވެ. އަދި ބަނޑާއި ހަޖަމުކުރާ ނިޒާމު މި ކަމުގެ ތެރެއަށް ފެތޭ ގޮތް ސައިންސްވެރީންނަށް އެނގެން ފެށީ އަދި ކިރިޔާއެވެ.
މި ފަދަ ކަންކަން ޙައްލުކުރާން އެންމެ ފަސޭހަ ގޮތް:
ތިމާގެ އިޚުތިޔާރުގައި ނެތް ކަމެއް މެދުވެރިވެގެން ހާސްވާކަށް ނުޖެހެއެވެ. އެއީ އެ ކަމުގައި ކޮންމެވެސް ރަނގަޅެއް އޮވެގެން ދިމާވި ކަމެއްކަމަށް ހިތުގެ އަޑީން ގަބޫލުކޮށް ﷲގެ އަންނަނިވި ވަޙީ ބަސްފުޅު ހަނދާނަށް ގެންނަ މީހަކު މި ފަދަ ކަންކަމާ ކަންބޮޑެއް ނުވާނެއެވެ. އޭރުން ސައެންސީ ގޮތުން ހަށިގަނޑުގެ ނިޒާމުތަކަށް އަންނަ ބަދަލުތައް ވެސް އެ ގޮތަށް ހަމަޖެހިދާނެއެވެ.
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. )وَعَسَى أَن تَكْرَهُواْ شَيْئًا وَهُوَ خَيْرٌ لَّكُمْ وَعَسَى أَن تُحِبُّواْ شَيْئًا وَهُوَ شَرٌّ لَّكُمْ وَاللّهُ يَعْلَمُ وَأَنتُمْ لاَ تَعْلَمُونَ( (سورة البقرة: 216) ([އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހައި ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.])
ކީރިތިވަންތަ މާތް ﷲ، އެކަލާނގެ އަޅުން ދެކެ، ވެވޮޑިގެންވާ ލޯތްބަކީ މައިންބަފައިން ދަރީން ދެކެ ވާ ލޯތްބަށް ވުރެ އެތައް ހާސް ގުނައެއް އެތައް ލައްކަ ގުނައެއް ބޮޑު ލޯތްބެކެވެ. އެހެންވީމާ އެ ކަލާނގެ އަޅުގަނޑުމެންނަށް މެދުވެރިކުރައްވާ ކޮންމެ ކަމަކީ ވެސް އަޅުގަނޑުމެންގެ ހެވަތަށް ޓަކައި މެދުވެރިކުރައްވާ ކަމެކެވެ. ﷲ ވަޙީކުރައްވައިފައިވާ ފަދައިން އަޅުގަނޑުމެންނަށް އެ ކަން ނޭނގެނީއެވެ. ވީމާ، މި އީމާނާ އެކު ﷲއަށް ފުރިހަމައަށް އީމާންވުމަކީ ސުޓުރެހުން ސަލާމާތްވާން އޮތް އެންމެ ބޮޑު ފަރުވާއެވެ.
(ގިނަ މަޢުލޫމާތު: www.nationalgeographic.com/health/article/gut-microbiome-stress-response)