އަސްމާ އަބޫބަކުރު
23 އޯގަސްޓް 2026
(2026 އޮގަސްޓު 16ގެ ޢަދަދާ ގުޅޭ)
[މިއީ... މިއީ އިބްރާހީމް ނަސީމް! މީގެ ވިހި އަހަރު ކުރީން ގެއްލުނު މީހާ." އަމްޖަދު ކިރިޔާ އިވޭ ވަރަށް ބުނެލިއެވެ. އޭނާގެ ހިތުގެ ފުނުގައި މާޒީގެ ބަރު ހަނދާނެއް ހޭލައިގަތް ކަހަލައެވެ.
"ލައްބަ އޮފިސަރ! އޭނާ މަރެއް ނުވޭ. އޭނާ އެއުޅެނީ ދިރިހުރި މީހެއްގެ ގޮތުގައި ރަށުތެރޭގައި. މިއީ މުޅި ރަށަށް އޮތް ބޮޑު ނުރައްކަލެއް.] ޝާހިދު ޖޯޝާ އެކު ބުންޏެވެ.
އަމްޖަދު މޭޒުން ތެދުވެ، ކޮޓަރީގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުއްޓުނެވެ. އޭނާގެ ސިކުނޑީގައި ތޫފާނެއް އެނބުރެމުންދިޔައެވެ. ވިހި އަހަރު ވަންދެން ވަޅުލައިފައި އޮތް ސިއްރެއް، މި ޒުވާނާގެ އެންމެ ފޮޓޯއަކުން ދިރިގެން މި އައީއެވެ. އަމްޖަދު އެނބުރިލަމުން ޝާހިދުގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.
[ޝާހިދު، މިއީ އާދައިގެ މައްސަލައެއް ނޫން. މިއީ ޤައުމީ ސަލާމަތާ ވެސް ގުޅުންހުރި ބޮޑު ސިއްރެއްގެ ފެށުން. މި މައްސަލައިގެ ތަހުގީގު މިއަދުން ފެށިގެން މި ހަވާލުވަނީ ސީދާ އަހަރެން. އެކަމަކު ހަނދާންކުރާތި، މި ފޮޓޯއާ ބެހޭ ގޮތުން ރަށުގެ އެއްވެސް މީހަކަށް، އަދި ކީއްކުރަން ފުލުހުންގެ އެހެން އޮފިސަރަކަށް ވެސް އެނގިގެން ނުވާނެ. މިއީ ކަލެއާއި އަހަންނާ ދެމެދު އޮތް ސިއްރެއް.] އަމްޖަދުގެ އަޑުގައި ހުރީ އަމުރުވެރި ގޮތެކެވެ.
ޝާހިދު ބޯޖަހައިލިއެވެ. ނަމަވެސް އަމްޖަދުގެ އެ ކުއްލި ނިންމުމާ، މޫނުމަތީން ފެނުނު ކުލަވަރުން ޝާހިދުގެ ހިތުގައި ފާޑެއްގެ ޝައްކެއްގެ އޮށެއް އިންދައިލެވުނެވެ.
ޝާހިދު ކޮޓަރީން ނިކުމެގެން ދިޔުމާ އެކު، އަމްޖަދު އަވަސްއަވަހަށް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި އޭނާގެ ވަތްގަނޑުގެ އެންމެ އަޑީން ނެގި ސިއްރު ފޯނަކުން ނަންބަރަކަށް ގުޅައިލިއެވެ. ފޯނު ރިންގުވަމުން ދިޔަ ވަގުތު އޭނާގެ ނޭވާ ހުރީ އަވަސްވެފައެވެ.
"ހެލޯ... ކަލޭ ތިޔަ ހުރީ ކޮންތާކު؟ ކަލޭގެ ކޮޅުފެނިއްޖެ! ކެމެރާއެއްގެ ލެންސަށް ކަލޭގެ މޫނު އަރައިފި... ވަގުތުން ތިޔަ ތަނުން ފިލާ!] އަމްޖަދު ދަތްކުނޑިވިކައިލަމުން ސިއްރުން ބުންޏެވެ.
ފުރަތަމަ ހެކި
ފުލުހުންގެ މަރުކަޒުން ނިކުތް ޝާހިދުގެ ހިތް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އޮފިސަރު އަމްޖަދުގެ މޫނުމަތީން ފެނުނު ކުއްލި ބަދަލާއި، މައްސަލަ ސިއްރުކުރާން އެންގި އެންގުމަކީ އޭނާގެ ހިތުގައި އުފެދުނު ޝައްކުގެ އަލިފާނަށް އެޅުނު ދަރެކެވެ.
[އެއްވެސް މީހަކަށް އެނގިގެން ނުވާނެ]ކަމަށް ބުނި ބުނުމަކީ ތަހުގީގުގެ ސަލާމަތަށް ބުނި ބަހެއްހެއްޔެވެ؟ ނުވަތަ އެހެން ކަމެއް ފޮރުވާން އުޅުމުގެ އުކުޅެއްހެއްޔެވެ؟ ޝާހިދުގެ ސިކުނޑި މި ސުވާލުތަކުން ފުނި ޖެހެމުންދިޔައެވެ. އޭނާ ނިންމީ ފުލުހުންގެ އެހީއާ ނުލައި، އަމިއްލައަށް މި ކަމުގެ އަޑިއަށް ދާށެވެ.
އޭނާ އެނބުރި ގެއަށް އައިސް، ރޭގެ ފޮޓޯ އަލުން ހުޅުވައިލިއެވެ. މި ފަހަރު އޭނާގެ ނަޒަރު ހުއްޓުނީ އިބްރާހީމް ނަސީމްގެ މޫނަކަށް ނޫނެވެ. އޭނާގެ ފައިދަށުގައި އޮތް ބާ، ދަގަނޑު ބުރިއަށާއި، ފަހަތުން ފެންނާން ހުރި ދުވަސްވެ ވީރާނާވެފައިވާ މުސްކުޅި ފާރަށެވެ. ޝާހިދަކީ ރަށުގެ ކޮންމެ ދިމާއެއް ރަނގަޅަށް ދަންނަ، އެކި ތަންތަނުގެ ފޮޓޯ ނަގައި އުޅޭ މީހަކަށް ވުމުން، އެ ފާރުގެ ބައްޓަމަކީ ލައިޓްހައުސްގެ ފާރެއް ނޫންކަން އޭނާއަށް ޔަގީންވިއެވެ.
[މިއީ... މިއީ ރަށުގެ އިރުމަތީ ފަރާތު ބަނދަރު ކައިރީގައި ހުންނަ ބާ ގުދަންތައް ހުންނަ ސަރަހައްދު!] ޝާހިދުގެ ހިތަށް ކުއްލިއަކަށް ވިސްނުނެވެ. އެއީ މިހާރު އާ ގުދަނެއް ހަދާން އުޅޭ، އަދި މީހުން މާގިނައިން ގޮސް ނޫޅޭ އެކަހެރި ފަޅު ބިމެކެވެ. ރޭގަނޑު ލައިޓްހައުސްގެ ފޮޓޯ ނެގި އިރު، ކެމެރާގެ ފަސްމަންޒަރަށް އަރައިފައި އެ ވަނީ އެ ދިމާއެވެ.
ޝާހިދު ވަގުތުން އޭނާގެ ކެމެރާ ދަބަސް ކޮނޑުގައި އަޅުވައިގެން އެ ސަރަހައްދަށް ދިއުމަށް ޓަކައި މިސްރާބުޖެހިއެވެ. މެންދުރުގެ ހޫނު ދިލަ އަވީގައި މުޅި ސަރަހައްދު އޮތީ ފަޅުވެފައެވެ. ގުދަން ހަދާން ގެނެސްފައި ހުރި ސިމެންތި ބަސްތާތަކާއި، ދަގަނޑު ހޮޅިތައް ފިޔަވައި އިތުރު ދިރުމެއް އެ ތަނަކުން ފެންނާކަށް ނެތެވެ. ޝާހިދު މަޑުމަޑުން ހިނގަމުން ގޮސް ފޮޓޯއިން ފެނުނު ބާ ފާރު ކައިރިއަށް ހުއްޓުނެވެ.
އޭނާ ބިމަށް ނަޒަރު ހިންގައިލިއެވެ. ފޮޓޯއިން ފެނުނު ކޫރުންތަކެއް ހުރި ބާ ދަގަނޑު ބުރި އެ ތަނުގައި އޮތެވެ! އެއީ ކޮންމެ ވެސް ބޮޑު މެޝިނެއްގެ ބައެކެވެ. ޝާހިދު ތިރިވެ، އެ ދަގަނޑު ބުރީގައި އަތްލިއެވެ. އޭގެ ކައިރީގައި ހުރި ފަސްގަނޑަށް ބަލައިލި އިރު، އޭނާގެ ހިތް ބާރަށް ތެޅޭންފެށިއެވެ. ފަސްގަނޑުމަތީގައި ހުރީ ތާޒާކަމާ އެކު ފެންނާން ހުރި ފައިތިލައިގެ ނިޝާންތަކެކެވެ. އެއީ ރޭގެ ބޯ ވާރޭގެ ތެރޭގައި އެ ތަނަށް މީހަކު އައިސްފައިވާކަމުގެ ނިޝާނެކެވެ.
ޝާހިދު ކެމެރާ ނަގައި އެ ސަރަހައްދުގެ ފޮޓޯތަކެއްނަގާން ފެށިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ، އެ ބާ ފާރުގެ ބިއްދޮށުގައި އޮތް ކުޑަކުޑަ ކަރުދާސް ކޮޅެކެވެ. ވާރެއަށް ތެމި ހަލާކުވެފައި އޮތް ނަމަވެސް، އޭގެ މަތީގައި އަތުން ލިޔެފައިވާ ބައެއް އަކުރުތައް ކިރިޔާ ފާހަގަވެއެވެ. އޭނާ ސިއްރުސިއްރުން އެ ކަރުދާސްކޮޅު ނަގައި ނިއުޅައިލިއެވެ.
އޭގައި ލިޔެފައި ވަނީ ކުރު ޢިބާރާތެކެވެ.
[މިއަދު ހަވީރު ހަތަރެއް ޖަހާ އިރު ކުރީގެ ގުދަން ކައިރިއަށް ބަޔަކު އަންނާނެ.]
ޝާހިދުގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ގަޑިއަށް ބަލައިލި އިރު މެންދުރު ފަހު ތިނެއް ޖަހަނީއެވެ. މިއީ އިބްރާހީމް ނަސީމް ބަޔަކާ ބައްދަލުކުރާން ރާވައިފައިވާ ރޭވުމެއްގެ ހެކިހެއްޔެވެ؟ އެ ގުދަން ހަދާން އުޅޭ ބަޔަކީ ކޮން ބަޔެއްހެއްޔެވެ؟
އޭނާ އެ ކަރުދާސްކޮޅު ޖީބަށްލައި، އެތަނުން ދާން އެނބުރިލި ވަގުތު، ފަހަތުން ހިނގައިފައި އައި މީހެއްގެ ހިޔަނި އޭނާ އިށީނދެ އިންދިމާއިން ފަސްގަނޑަށް އެޅުނެވެ. ޝާހިދު ބިރުން ސިއްސައިގެން ގޮސް އެނބުރި ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ ބޯ ތުނބުޅިއެއްލައި، މުސްކުޅި ހެދުމެއްލައިގެން ހުރި މީހެކެވެ. އެ މީހާގެ ދެލޮލުގެ ތޫނުކަމުން ޝާހިދުގެ ހިތް ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެއީ އިބްރާހީމް ނަސީމްހެއްޔެވެ؟
މެންދުރުގެ ހޫނު ވަޔާ އެކު އެ ސަރަހައްދަށް ވެރިވެފައި އޮތް ބިރުވެރި ހިމޭންކަން ނަގައިލީ ޝާހިދުގެ ބާރު ހިތުގެ ތެޅުމުގެ އަޑުންނެވެ. އޭނާގެ ކުރިމަތީގައި ހުރި މުސްކުޅި ސޫރަ ބަލަހައްޓައިގެން ހުރީ އާދައިގެ ނަޒަރަކުން ނޫނެވެ. އެއީ ދުނިޔޭގެ ހުރިހާ ހިތްދަތިކަމެއް ފާޅުވާން ހުރި، ނަމަވެސް ބިރުވެރިކަމުން ފުރިގެންވީ ތޫނު ދެލޮލެވެ. ބޯ ތުނބުޅީގެ އިސްތަށިތަކުން ނިވައިވެފައިވާ އެ މޫނަކީ ރޭގެ ފޮޓޯއިން ފެނުނު އިބްރާހީމް ނަސީމްގެ މޫނާ ދާދި އެއް ގޮތް މޫނެކެވެ.
[މި ތަނުން ދާން އުޅޭ... މިއީ ކަލޭ އުޅޭންވީ ތަނެއް ނޫން.] އެ މުސްކުޅިޔާގެ ބަރު ކުރަކި އަޑު ޝާހިދުގެ ކަންފަތުގައި ޖެހުމާ އެކު އޭނާ ފަހަތަށް ފިޔަވަޅެއްއެޅިއެވެ.
ޝާހިދު ގަދަކަމުން ހިތްވަރުލައިފައި، ކެމެރާ، މައްޗަށް ހިއްލައިލި ވަގުތު، އެ މީހާ ކުއްލިއަކަށް މޫނު އަނބުރައިލައި، ގުދަންތަކުގެ ގޯޅިތަކުގެ ތެރެއަށް ދުއްވައިގަތެވެ. އެއީ މުސްކުޅިއެއްގެ ހަށިގަނޑުން ފެންނާނެ ފަދަ ހަލުވި ދުވުމެއް ނޫނެވެ. ޝާހިދު ވެސް އެއްވެސް ވިސްނުމެއް ނެތި އޭނާގެ ފަހަތުން ދުއްވައިގަތެވެ.
[މަޑުކުރޭ! އިބްރާހީމް!] ޝާހިދު ހަޅޭއްލަވައިގަތެވެ.
ނަމަވެސް ގުދަންތަކުގެ ބާ ފާރުތަކުގެ އަނެއްފަރާތަށް ވަދެގެންދިޔަ ސޫރަ ހީވީ ވަޔަށް ބަދަލުވެ، ގެއްލުނު ހިޔަންޏެއް ހެންނެވެ. ޝާހިދު ދުވެފައި ގޮސް ގޯޅިން އަނބުރައިލި އިރު، އެ ތަނުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުޅި ހިސާބުގައި އޮތީ ހަމަހިމޭންކަމެވެ. އޭނާ މާނޭވާލަމުން ވަށައިގެން ހޯދާން ފެށިއެވެ.
ކުއްލިއަކަށް ބާ ގުދަނެއްގެ ދޮރުމަތީގައި، ބިމަށް ވެއްޓިފައި އޮތް އެއްޗެއް ޝާހިދުގެ ލޮލުގައި އަޅައިގަތެވެ. އޭނާ އަވަސްއަވަހަށް ގޮސް އެ އެއްޗެއް ނެގިއެވެ. އެއީ އިންސާނެއްގެ މޫނުމަތީގެ ސިފައަށް، ވަރަށް މޮޅަށް ހަދާފައިވާ ސިލިކޯން މާސްކެކެވެ! އެ މާސްކުގެ ކައިރީގައި ހުރީ މުސްކުޅި ބޯ ތުނބުޅީގެ އިސްތަށިތަކެވެ.
ޝާހިދަށް ވިސްނުނެވެ. އޭނާގެ ކުރިމަތިން އެ ފިލީ ސީދާ އިބްރާހީމް ނަސީމެވެ. އޭނާ އެ ދުވީ ސިފަބަދަލުކުރާން ގެންގުޅޭ މާސްކު އެ ތަނަށް ވައްޓައިލައިފައެވެ.
އެ ވަގުތު، ދުރުން ފުލުހުންގެ ސައިރަންގެ ބާރު އަޑު މުޅި ސަރަހައްދަށް އިވޭން ފަށައިފިއެވެ. ވީވޫ... ވީވޫ... ޝާހިދު ސިއްސައިގެން ގޮސް މާސްކު އޭނާގެ ދަބަސް ތެރެއަށް ކޮއްޕައިލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުލުހުންގެ ޖީޕެއް ދުއްވައިފައި އައިސް އެ ތަނަށް ވަޑުކުރިއެވެ. ޖީޕުން ފޭބީ އިސް އޮފިސަރު އަމްޖަދާއި، އޭނާގެ ފަހަތުން އައި ހަތިޔާރު އެޅި ފުލުހުންގެ ޓީމެކެވެ.
[ޝާހިދު؟ ކަލޭ މިތަނުގައި ކީއްތިކުރަނީ؟] އަމްޖަދުގެ ދެލޮލުން ފާޅުވީ އިންތިހާ ދަރަޖައިގެ ނުރުހުމާއި ހާސްކަމެވެ. އޭނާ ޝާހިދާ ދިމާއަށް ބާރު ފިޔަވަޅުތަކެއް ނެގިއެވެ.
[އޮފިސަރު... އޭނާ... އިބްރާހީމް ނަސީމް މި ތަނަށް އައި. އޭނާ ފިލައިފި!] ޝާހިދު މާސްކުގެ ވާހަކަ ސިއްރުކުރަމުން ބުންޏެވެ.
އަމްޖަދު ވަގުތުން އޭނާގެ ފުލުހުންނަށް އަމުރުކުރިއެވެ. [މުޅި ސަރަހައްދު ބަންދުކުރޭ! އެއްވެސް މީހަކު މިތަނުން ބޭރުވެގެން ނުވާނެ!] ނަމަވެސް އަމްޖަދު ޝާހިދާ ދިމާއަށް އެނބުރިލި އިރު، އޭނާގެ ދެލޮލުގައި ހުރީ އިންޒާރެއްގެ ނާމާން ކުލަވަރެކެވެ. އަމްޖަދު ދެ ފިޔަވަޅެއް ވަރު ކުރިއަށް ޖެހިލައި ޝާހިދުގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުންޏެވެ.
[ޝާހިދު، އަހަރެން ބުނީމެއްނު މިއީ ކަލޭ ބެހެންވީ ކަމެއް ނޫނޭ. މިއަދު ކަލޭ ސަލާމަތްވީ. ދެން ފަހަރަކުން މިތަނުން ފެނިއްޖެއްޔާ، އަހަރެން ޖެހޭނީ ކަލޭ ހައްޔަރުކުރާން.] ޝާހިދު ފަހަތަށް ޖެހިލިއެވެ. އަމްޖަދުގެ އެ ބަސްތަކުން އޭނާއަށް ޔަގީންވިއެވެ. އަމްޖަދު އުޅެނީ އިބްރާހީމް ހޯދާކަށް ނޫނެވެ. އޭނާ އުޅެނީ އިބްރާހީމް ފޮރުވާށެވެ! ނުވަތަ އިބްރާހީމްގެ ދޫ ބަންދުކުރާށެވެ. ނުވިތާކަށް، ޝާހިދުގެ ވެސް ދޫ ބަންދުކުރާށެވެ.
ސިފަބަދަލުކުރުމުގެ ސިއްރު
އޮފިސަރު އަމްޖަދުގެ ނާމާން އިންޒާރުގެ ބަސްތަކުން ޝާހިދުގެ ކަންފަތް ބައްވެފައި ހުރި ކަހަލައެވެ. އޭނާ ފުލުހުންގެ ސަރަހައްދުން ދުރަށް ހިނގައިގަތީ ހިތްބިރުގަންނަ ހާލުގައެވެ. ނަމަވެސް، ކޮނޑުގައި އަޅުވައިލައިފައި އޮތް ދަބަހުގެ ބަރުކަން އިހުސާސްވުމާ އެކު އޭނާގެ ހިތުގެ ކަނެއްގައި އާ ޖޯޝެއް އުފެދުނެވެ. އެ ދަބަހުގެ ތެރޭގައި އެ އޮތީ މުޅި ރަށަށް ސިއްރުވެފައި އޮތް ބޮޑު ހަގީގަތުގެ ފުރަތަމަ ފާޅުކަން ބޮޑު ހެތްކެވެ. އިބްރާހީމް ނަސީމް ވައްޓައިލައިފައި ދިޔަ ސިއްރު މާސްކެވެ. (ނުނިމޭ)