ad_banner
ސަރުކާރުން ހިންގަމުން ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް އެބަ ދޭތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

21 އޯގަސްޓް 2026

ދިވެހި ސަރުކާރުން ހިންގަމުން ގެންދާ އެތައް ބައިވަރު މަޝްރޫޢުތަކެއް ނުހިނގާކަމަށާއި ގިނަ މަޝްރޫޢުތައް ހުރީ ހުއްޓިފައިކަމަށް ބައެއް މީހުން ވާހަކަދައްކައެވެ. އިސްލާމީ ނަޒަރަކުން ބަލާ އިރު، ހަގީގަތް ބެލުމެއް ނެތި ބުންޏޭބުންޏޭ ކިޔައިގެން ވާހަކަދެއްކުމަކީ އިސްލާމްދީނުގެ ބޮޑު ފާފައެއްކަމަށްވާ [ދޮގުހެދުން]ކަމަށް ވެއެވެ. އެހެންކަމުން މި ކަމުގެ ހަގީގަތް ތަންކޮޅެއް ގާތުން ބަލައި ދިރާސާއެއްކޮށްލާން ބޭނުންވީއެވެ.

މި ނަޒަރުން ވިސްނައިލި އިރު، ހައްދުންމަތީގައި އެންމެ ގިނަ މަޝްރޫޢުތަކެއް އިފުތިތާޙުކުރެވިފައިވާ ރަށަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހައްދުންމަތީ މާވަށެވެ. އެހެންކަމުން މާވަށުގައި އިފުތިތާޙުކުރެވިފައިވާ މަޝްރޫޢުތަކުގެ އަދާހަމައެއް ބަލައިލާން ބޭނުންވީއެވެ.

ހައްދުންމަތީ މާވަށަކީ 2300އެއް ހައި ބޮޑު އާބާދީއެއް އޮންނަ، އިގުތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މުހިންމު ރަށެކެވެ. މި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ދިވެހި ސަރުކާރުން ވަނީ އެ ރަށުގައި އުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިފައެވެ. މި މަގާލުގައި މި ބަލައިލަނީ އެ މަޝްރޫޢުތަކުގެ ކަންކަން މިހާރު ހުރި ގޮތުގެ އަދާހަމައަކަށެވެ.

1.     ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުން: މާވަށަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދައިދެއްވުމުގެ ގޮތުން، ބިން ހިއްކުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން މާވަށުގައި ވަނީ ފައްޓަވައިފައެވެ. އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 15 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައެވެ. އަދި ރަށުގެ ބިމުގެ ދަތިކަމަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް ޓަކައި ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ފަހުން ވަނީ ކަނޑައަޅުއްވައިފައެވެ. މި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރެވުނެވެ. އަދި ހިއްކާންޖެހޭ ބިމުގެ %65 (ފަސްދޮޅަސް ފަސް އިންސައްތަ) ބިން މިހާރު ހިއްކިފައިވާކަމަށް، ބަލާ ބެލުމުން އަންދާޒާކުރެވެއެވެ.

މާވަށުގައި ހިއްކައިފައިވާ ބިން

މީގެ އިތުރަށް، ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް (ކޯސްޓަލް ޕްރޮޓެކްޝަން)އާއި ފެންބޮޑުވުން ކަންތައް ހައްލުކުރުމުގެ މަޝްރޫޢުތައްވެސް ކުރިއަށްދެއެވެ. މި ކަމަށް ބޭނުންވާ ވެލި މިހާރުވަނީ ޖަމާކޮށް ނިމިފައެވެ. ވެލިފުނިތައް ވަނީ ޖަހައިފައެވެ. 

ފާހަގަކޮށްލާންޖެހޭ އަނެއް ކަމަކީ މާވަށުގައި މިހާރު ވެސް ވަނީ ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ގޮތަކުން ރަށުފެންވަރުގައިހައްލު ހޯއްދަވައިފައިކަމެވެ. އެއީ ރަށުކައުންސިލުން ހިންގެވި މަޝްރޫއެއްގެ ދަށުންނެވެ.

2.     ހިއްކާ ބިން ބޭނުންކުރާނެ ގޮތުގެ ތަދުބީރާއި ބޮޑު ފުޓުބޯޅަދަނޑު: ހިއްކަމުންގެންދާ ސަރަހައްދުގެ ބިން ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޓަކައި ތައްޔާރުކުރާންޖެހޭ، [ބިން ބޭނުންކުރުމުގެ ތަދުބީރު] (ލޭންޑް ޔޫޒް ޕްލޭން)، މާވަށު ކައުންސިލުން ވަނީ ކުރަހައި ނިންމަވައިފައެވެ. އެހެންކަމުން ކުޅިވަރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަކަށް މިހާރުވަނީ ފުޓުބޯޅަދަނޑަށާއި ހޭންޑުބޯޅާ ކޯޓަކަށާއި ބޭރުވެށި (އައުޓުޑޯރ) ޖިމްނޭޒިއަމަކަށް ބޭނުންވާ ބިން ދޫކުރައްވައިފައެވެ. މާވަށު ކައުންސިލާއި ސަރުކާރުން ގުޅިގެން ގާއިމުކޮށްފައިވާ މި ފަދަ ސާދާ ޖިމްނޭޒިއަމެއް މިހާރު ވެސް މާވަށުގައި އޮންނަކަން ފާހަގަކޮށްލެވެއެވެ.

3.     މަގުހެދުމުގެ މަޝްރޫޢު: ރަށުގެ ދާއިމީ ތަރައްޤީއަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ޓަކައި މާވަހުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކޮށްގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. ބިމުއަޑީގައި ކުރާންޖެހޭ މަސައްކަތުގެ ތެރެއިން ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު އެއް މަގުގައި ވަނީ ނިމިފައެވެ. މި މަޝްރޫޢު ނިމުމުން ރަށުތެރޭގައި ހިނގައިބިނގައިވެ އުޅުމަށާއި ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ.

4.     ސިއްޙީ ޚިދުމަތް ފުޅާކުރުން: މާވަށަކީ  ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް އަޕުގުރޭޑުކޮށް، ހޮސްޕިޓަލުގެ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތްތަކުގެ ބޮޑުބައިވަނީ ނިމިފައެވެ. މިހާރު ކުރިއަށް ގެންދަނީ ހިޔާކުރުމުގެ މަސައްކަތެވެ.

5.     ޒަމާނީ އެންބިޔުލާންސް: މުޅީން ޒަމާނީ އާ އެންބިޔުލާންސެއް، ޒަމާނީ ހުރިހައި ވަސީލަތްތަކާ އެކު، މިހާރުވަނީ ޞިއްޙީ މަރުކަޒަށް ހޯދައިދީފައެވެ. މީގެ އިތުރަށް، އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ޓަކައި ސީ-އެމްބިއުލާންސްގެ ޚިދުމަތް ސިއްޙީ މަރުކަޒަށް ޚާއްޞަކޮށްގެން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.

6.     ކުޅިވަރާއި ޒުވާނުންގެ ތަރައްޤީ: ކުޅިވަރާއި ޒުވާނުންގެ ހުނަރުތައް ކުރިއަރުވައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި، މާވަށުގައި އެތެރެވެށި ވޮލީ ކޯޓަކާއި، [ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ]ގެ މުޅި އޮނިގަނޑުގެ މަސައްކަތްވަނީ ނިމިފައެވެ. ވޮލީކޯޓުގެ ލައިޓު ޕޯސްޓުތަކުގެ ގުންގުރެޓު ބައި މިހާރުވަނީ ނިމިފައެވެ.

މީގެ އިތުރަށް ފުޓްބޯޅަދަނޑާއި ފުޓުސަލްދަނޑު ބިނާކުރުމުގެ މަސައްކަތްތައް ވަނީ ރޭވި، އަމަލީ މަސައްކަތްތައް ފެށިފައެވެ.

7.     ބޭންކު އޮފް މޯލްޑިވްސް (BML)ގެ ގޮފި: ބޭންކް އޮފް މޯލްޑިވްސް ގެ ގޮތްޕެއް މާވަށުގައި ގާއިމުކުރުމަށް ފެއްޓެވި މަޝްރޫޢު ނިމި އެ ގޮފި ވަނީ ހުޅުވިފައެވެ. އެ ތަނަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ޓަކައި މިހާރު ބަސްދީގަތުންތައް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ގޮފި ހުޅުވުމުގެ ކުރީން ވެސް ދިވެހި ރުފިޔާ ނަގައި ޖަމާކުރެވޭ އޭޓީއެމަކާއި ޑޮލަރު ނަގައި ޖަމާކުރެވޭ އޭޓީއެމެއްގެ ޚިދުމަތް މާވަށުގައި ގާއިމުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

8.     އައިސްޕްލާންޓު: މަސްވެރީންނަށް ބޭނުންވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ޓަކައި 10 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫޢެއް އިފުތިތާޙުކުރެވިފައިވީ ނަމަވެސް މި މަސައްކަތް އަދި ހިނގަމުންދާކަމަކަށް އަޅުގަނޑަކަށް މަޢުލޫމާތު ލިބިފައެއް ނެތެވެ. ނަމަވެސް އުންމީދުކުރަނީ މި މަސައްކަތް ވެސް ދާދި އަވަހަށް ފެށިގެން ހިނގައިގަންނާނެކަމަށެވެ.

9.     ތަޢުލީމީ މިއުމާރިއްޔަތު: ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޓަކައި މާވަށު ސުކޫލަށް އިތުރު ކުލާސްރޫމްތައް އިތުރުކުރުމުގެ މަޝްރޫޢު ވެސް ޕީއެސްއައިޕީ (PSIP)ގެ ދަށުން ވަނީ ފެށިފައެވެ. މި ކަމަށް ބޭނުންވާ ބިން ސާފުކޮށް މިހާރުވަނީ އިމާރާތްކުރުމުގެ މަސައްކަތް ފަށާން ތައްޔާރުވެފައެވެ.

10.  ސްޕޯޓުސް ފިޝިންގ: މާވަށުގެ ޒުވާނުން ބޭނުންކުރުމަށް ޓަކައި [ސްޕޯޓްސް ފިޝިންގ]އަށް ޚާއްޞަކުރައްވައިގެން މާވަށާ ކައިރީގައިވަނީ މަސްކަނދުފައްޗެއް އަޅުއްވައިދެއްވައިފައެވެ.

11.  ފުލުސް އިސްޓޭޝަން: ސަރުކާރުން ލ. މާވަށުގައި ތަރައްޤީކުރަމުން ގެންދާ ފުލުހުންގެ ޒަމާނީ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާތީ، ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފުޅާވެގެންދާ މަންޒަރު ފެންނަކަމަށް މާވަށު ކައުންސިލުގެ ރައީސް އަޙުމަދު މޫސާ ފޭސްބުކުގައި ލިޔުއްވައިފައިވާ ޕޯސްޓެއްގައި ބަޔާންކުރައްވައިފައިވެއެވެ.

މި ބޮޑު މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ މި މަރުކަޒުގައި ހިމެނޭ މުހިންމު ބައިތަކަށް ބަލާ އިރު އަންނަނިވި ބައިތައް ޚާއްޞާ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

1.  ޒަމާނީ އެކޮމޮޑޭޝަން: ފުލުހުންނަށް ދިރިއުޅުމުގެ ފަސޭހަ، ފުރިހަމަ އިންތިޒާމުތައ. މި ޢިމާރާތުގައި ހަމަޖެހިފައިވާނެއެވެ.

2.  އިދާރީ މަރުކަޒު: ފުލުހުންގެ މަސައްކަތްތައް ޕްރޮފެޝަނަލްކޮށް ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނެ ފުރިހަމަ ޖާގަ މި ފައިގައި ތަނަވަސްކޮށްދީފައިވާނެއެވެ.

3.  މީހުން ބަންދުކުރާ ގޮޅި: ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ވަގުތީ ގޮތުން މީހުން ބަންދުކޮށްފައި ބައިތިއްބާން ބޭނުންވާ ޚާއްޞަ ޖާގަތައް މި ތާނގައި ހިމެނިފައިވެއެވެ.

4.  އުޅަނދު ޓޯކުރާނެ ޖާގަ: ރަށުގެ މަގުތަކުގެ އަމަންއާމާންކަން ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ޕާކުކުރާނެ ޖާގައާއި ޓޯކުރާ އުޅަނދުތައް ޓޯކޮށްފައި ބަހައްޓާނެ ޖާގަ މި ތާނގައި ތަނަވަސްކޮށްދީފައިވާނެއެވެ.

  މި ހުރިހައި ވަސީލަތްތަކާ އެކު ބިނާކުރާ މި ޢިމާރާތުގެ ބިންގާ ބެރިތަކާއި ތަނބުތަކުގެ މަސައްކަތް ވަނީ ނިމިފައެވެ.

12.  ރައްޔިތުން އެންމެ އެދޭ މަޝްރޫޢު: މި ހުރިހައި މަޝްރޫޢުތަކެއް ކާމިޔާބުކަމާ އެކު މި ރަށުގައި ކުރިއަށްދިޔަކަމުގައި ވިޔަސް މާވަށު ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ މާވަށުގައި އެއަރުޕޯޓެއް ގާއިމުވުމެވެ. މި ކަމަށް ރައްތިތުންކުރާ އުންމީދަކަށް އަދި ވެސް ފަނޑުކަމެއް ނާދެއެވެ. ސަބަބަކީ އެއަރުޕޯޓު ގާއިމުކުރައްވާން ހުރިހައި ސަރުކާރަކުން ވެސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މި ރަށުގައި އެއަރުޕޯޓެއް ގާއިމުކުރާން ލާޒިމުކުރާތީއެވެ. އެހެނީ ކައްދޫ އެއަރުޕޯޓުން ފުރައިގެން އިސްޕީޑު ލާންޗުގައި 35މިނިޓަށް ވުރެ ދިގު ދަތުރެއް (ކަނޑުމަގުން) އެ އަތޮޅުގައި ކުރާންޖެހޭ ހަމައެކަނި ރަށަކީ މާވަށްކަމަށްވާތީ، މާވަށުގައި އެއަރުޕޯޓެއް ގާއިމުކުރުމަކީ ޒަރޫރަތެކެވެ. މި ދުރުމިނުގައި ހުންނަ ރަށްރަށުގައި އެއަރުޕޯޓު ގާއިމުކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މި ކަމަށް ހުރަސްއެޅޭ ސަބަބެއްކަމަށް ގަބޫލުކުރެވެނީ މާވަށު ސަރަހައްދުގައި ފަތުރުވެރިކަމުގެ ރިސޯޓުތައް ތަރައްގީވެފައި ނެތުމެވެ. އިރާދަކުރެއްވިއްޔާ މި ފަދަ ރިސޯޓުތައް ތަރައްގީކުރުމުގެ މަޝްރޫޢެއް ވެސް ވަނީ ރޭވިފައެވެ. ރިސޯޓު މަޝްރޫޢު ނިމުމާ އެކު، މާވަށުގައި އެއަރޕޯޓެއް ސަރުކާރުން ގާއިމުކުރައްވާނެކަމަށް މާވަށު ރައްޔިތުން ޔަގީންކުރެއެވެ. ލަސްވެގެން 2028ގައި މި މަޝްރޫޢު ވެސް އިޢުލާނުކުރެވޭނެކަމަށް މާވަށުގެ ގިނަ ރައްޔިތުން އުންމީދުކުރެއެވެ. 

މި މަޝްރޫޢުތައް ނިމުމާއެކު، ލ. މާވަށު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އިގުތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އެ ރަށަށް ލިބޭނެއެވެ.

މި ކަންކަމަށް ބަލާ އިރު، ސަރުކާރުން އަތޮޅުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ބަޔަކު ދައްކާ ވާހަކައަކީ ހަގީގަތް ބެލުމެއް ނެތި ފަތުރާ، ހަގީގަތާ ދުރު އަޑުތަކެއްކަމުގައި ދަންނަވާންޖެހެއެވެ. ހަމަ ގައިމު ވެސް މާވަށުގައި ތަރައްގީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ފެންނާން އެބަ ހުއްޓެވެ. ހަމަ ކަށަވަރުން ވެސް ސަރުކާރުން ފައްޓަވައިފައިވާ ތަރައްގީގެ މަޝްރޫޢުތައް ނުހިނގައެކޭ ދެންނެވޭކަށް ނެތެވެ. މި މަޝްރޫޢުތައް ހިނގަމުންދާ ތަން މި ރަށްރަށުގެ ރައްޔިތުންގެ ލޮލުގެ ކުރިމަތީގައި ފެންނާން ހުރީތީއެވެ.

ކޮމެންޓު