ad_banner
މަސައްކަތްތެރި، ހުނަރުވެރި ޒުވާނުން މަދުވުމާއި ތަޢުލީމީ މަންހަޖާ ހުރި ގުޅުން

އަބާ މުޙަންމަދު

19 އޯގަސްޓް 2026

ޤައުމެއްގެ އާރޯކަމާއި ތާޒާކަން ދެމިއޮތުން ބިނާވެގެންވަނީ އެ ޤައުމެއްގައި ތިބި ހުނަރުވެރި، މަސައްކަތްތެރި ޒުވާނުންގެ މައްޗަށެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުން ފެންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޢަމަލީ މަސައްކަތްތަކަށް އަހުލުވެރި، ތަފާތު ހުނަރުތައް ލިބިގެންވާ ޒުވާނުން މަދުވަމުންދާ ކަމެވެ. މި މައްސަލައިގެ މައިގަނޑު ސަބަބަކީ ތަޢުލީމީ ނިޒާމު ބައްތަންކުރެވިފައި އޮންނަ ގޮތާއި، ޚާއްޞަކޮށް ތަޢުލީމީ މަންހަޖު އެކުލަވައިލެވިފައިވާ ގޮތެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖު ބޮޑަށް އަމާޒުކުރެވިފައިވަނީ ތިއަރީ ނުވަތަ ފޮތުގެ ޢިލްމު އުނގަންނައިދިނުމަށެވެ. އިމްތިޙާނުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އިސްކަންދެވޭ މިންވަރަށެވެ. އިސްކޫލުތަކުންނާއި ބެލެނިވެރީންނާއި ދަރިވަރުން ވެސް އިސްކަންދެނީ އުނގެނޭ އުނގެނުން ތަތުބީގުކުރާން ދަސްކޮށް މުޖުތަމަޢުގެ ޢަމަލީ މައިދާނަށް އަހުލުވެރިވުމަކަށް ނޫނެވެ. ދަރިވަރުންނަށް ގިނަ [އޭ]ތަކަކާއި އޭ ސުޓާރ ހޯދައިދިނުމުގެ މައްޗަށެވެ. ސާނަވީ ތަޢުލީމުގައި މުޅީން ހެން އަމާޒުކުރަނީ ކުދީންނަށް އުނގަންނައިދިނުމަށް ވުރެ ބޮޑަށް [އިމްތިޙާނު ކަރުދާސް] މުޠާލިޢާކޮށްގެން އިމްތިޙާނުގައި ލިބޭ ނަތީޖާ ރަނގަޅުކުރުމަށެވެ. މި ގޮތަށް މަސައްކަތްކޮށްގެން [ރާއްޖޭން އެއްވަނަ]އާއި [ދުނިޔޭން އެއްވަނަ] ޙާޞިލުކުރެވޭތީއެވެ. އެހެންކަމުން ދަރިވަރުންގެ އަމަލީ ހުނަރުތައް ތަރައްޤީކުރުމަށް ދެވޭ ސަމާލުކަން ވަރަށް ކުޑައެވެ. އިސްކޫލު ނިމިގެން ނުކުންނަ ދަރިވަރަކަށް ފޮތުގައިވާ މަޢުލޫމާތު އެނގުނުކަމުގައި ވިޔަސް، އަމަލީ މައިދާނުގައި ނުވަތަ ވަޒީފާގެ މާޙައުލުގައި ބޭނުންކުރަންޖެހޭ ޢަމަލީ ހުނަރެއް އެކަށީގެންވާ ވަރާ ކައިރިއަކަށް ވެސް ނުހުރެއެވެ.

އަނެއް ކޮޅުން ބަލާ އިރު، މަންހަޖުގެ ތެރޭގައި މަސައްކަތްތެރިކަމާއި ފަންނީ ތަޢުލީމު (ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝާން) އެކަށީގެންވާ މިންވަރަށް ހިމެނިފައެއް ނުހުރެއެވެ. ސާނަވީ މަރުޙަލާއާ ހަމައަށް ދާއިރު ވެސް، ކޮންމެ ދަރިވަރަކީ ވެސް ކޮންމެވެސް އަމަލީ ހުނަރެއް (މިސާލަކަށް: އިލެކްޓްރިކް މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، ތެދުއުއި ވަޑާން، އައި.ޓީ. ހުނަރު، ރާނައި ސިމެންތިޖެހުން، ކަނބުރުވެރިކަން، ރުއްގަހަށް އެރުން ފަދަ) ދަސްކުރުމުގެ ފުރުޞަތު ލިބޭނެ ގޮތަށް މަންހަޖު ބައްޓަންވެފައެއް ނުހުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަމަލީ މަސައްކަތްތަކަކީ ދަށް މަސައްކަތްތަކެއްގެ ގޮތުގައި ދެކެވޭ ނުބައި ވިސްނުމެއް މުޖުތަމަޢުގައި ވަނީ އުފެދިފައެވެ.

މީގެ އިތުރަށް، 21 ވަނަ ޤަރުނަށް ބޭނުންވާ މުހިންމު ހުނަރުތައް ކަމުގައިވާ އުފެއްދުންތެރި ވިސްނުން (ނުވަތަ ކުރިއޭޓިވް ތިންކިން)އާއި، މައްސަލަ ޙައްލުކުރުމުގެ ހުނަރު (ޕްރޮބްލެމް ސޯލްވިންގ)އާއި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ  (ލީޑަރޝިޕު) ރޫޙު އާލާކުރުމަށް މަންހަޖުން ދެވޭ ސަމާލުކަން ކުޑައެވެ. ދަރިވަރުންނަށް ދަސްކޮށްދެވެނީ ދީފައިވާ ތަމްރީނެއް ނުވަތަ ފިލާވަޅެއް އޭގައިވާ ގޮތަށް ނިންމައިލުމަށެވެ. އަމިއްލަ އީޖާދީ ވިސްނުމަކުން ކަމެއް އުފެއްދުމުގެ ފުރުޞަތު ކުލާސްރޫމުގެ ތެރެއިން މަދުން ނޫނީ ނުލިބެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

އާދޭހެވެ! ޤައުމުގައި ހުނަރުވެރި، މަސައްކަތްތެރި ޒުވާނުންގެ ޖީލެއް އުފެއްދޭނީ ތަޢުލީމީ މަންހަޖަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. ހަމައެކަނި ފޮތުގެ ތަޢުލީމަށް ބަރޯސާވުމުގެ ބަދަލުގައި، އަމަލީ މަސައްކަތްތަކާއި ފަންނީ ހުނަރުތައް މަންހަޖުގެ މުހިންމު ބައެއްގެ ގޮތުގައި ހިމަނައިގެންނެވެ. ދަރިވަރުންގެ ހުރި ޤާބިލުކަމާއި ޝައުޤުވެރިކަން ހުރި ދާއިރާތަކުން ކުރިއަށްދިއުމަށް މަގުފަހިކޮށްދީގެންނެވެ. މި ގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކޮށްގެންނޫނީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ފަދަ ހުނަރުވެރި، މަސައްކަތްތެރި ޒުވާނުންތަކެއް ނުއުފެއްދޭނެއެވެ. ވީމާ، ހިތާ ދެކޮޅަށް ނަމަވެސް ދަންނަވާންޖެހެނީ [ހުނަރުވެރި، މަސައްކަތްތެރި، ޒިންމާދާރު ޒުވާނުން މަދުވަނީ ތަޢުލީމީ މަންހަޖު އެކުލަވައިލެވިފައިވާ ގޮތުން]ކަމަށެވެ.

ކޮމެންޓު