އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
17 އޯގަސްޓް 2026
އަޅުގަނޑުމެންކުރެ ކޮންމެ މީހަކު ވެސް ބަރަކާތްލެއްވުމަށް އެދެއެވެ. އޭނާގެ މުދަލުގައެވެ. އޭނާގެ ދަރީންގައެވެ. އޭނާގެ ޢުމުރުގައެވެ. އޭނާގެ ޙަޔާތުގެ ކޮންމެ ކަމެއްގައެވެ. ބައެއް މީހުން ބަރަކާތް މަދުވެގެން ޝަކުވާކުރެއެވެ. ބަރަކާތަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ލައްވާ އެއްޗެކެވެ.
- ރިޒްޤުގައި ބަރަކާތްލައްވަނީ ﷲ عز وجل އެވެ.
- އަނބިންނާއި ދަރީންގައި ބަރަކާތްލައްވަނީ ﷲ ތަބާރަކަ ވަ ތަޢާލާއެވެ.
- ޢުމުރުގައި ބަރަކާތްލައްވަނީ ﷲ ޖައްލަ ޖަލާލުހޫ އެވެ.
- ﷲ عز وجل ގެ ބަރަކާތުގެ ސަބަބުން މަދު މުދާކޮޅެއް ގިނަވެދެއެވެ.
- މީހަކަށް ދިގު ޢުމުރެއްގައި ނުކުރެވުނު އެތައް ކަމެއް، ﷲ ބަރަކާތްލެއްވުމުން ކުރު ޢުމުރެއްގައި ކުރެވެއެވެ. ގިނަ އަޅުކަންތަކެއް ކުރެވެއެވެ. ގިނަ ޢިލްމުތަކެއް ޙާޞިލުކުރެވެއެވެ. ގިނަ ޢިލްމުތަކެއް ފެތުރުވެއެވެ. ގިނަ ފޮތްތަކެއް ލިޔެވެއެވެ. ގިނަ ދަރިވަރުންތަކެއް ދަސްވެނިކުރެވެއެވެ.
- ﷲ އިރާދަކުރައްވާ މީހަކަށް މި ބަރަކާތްލައްވައެވެ. އަދި ﷲ އިރާދަކުރައްވާ މީހަކަށް މި ބަރަކާތް މަނާކުރައްވައި އެއިން ޙިރްމާންކުރައްވައެވެ. ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ [1] - އެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ اللَّه އެވެ. ފަހެ، ޢާލަމުތަކުގެ ވެރި اللَّه މަތިވެރިވެވޮޑިގެންފިއެވެ.
- ﷲ މީހެއްގެ މުދަލުން ބަރަކާތް ނިގުޅައިގަންނަވައިފިނަމަ އެ މީހާއަށް އެ މުދަލުން މަންފާއެއް ނުކުރާނެތެވެ.
- މާތް ﷲ ބަރަކާތް ނުލައްވައިފިނަމަ އޭނާގެ ދިގު ޢުމުރުން އޭނާއަށް ފައިދާއެއް ނުކުރާނެތެވެ. އޭނާގެ ދިގު ޢުމުރުން އެހެން ޚަލްޤަކަށް ވެސް ލާބައެއް ނުލިބޭނެތެވެ.
- މާތް ﷲ ބަރަކާތް ނުލައްވައިފި ނަމަ އޭނާއަށް ލިބިފައިވާ ޢިލްމުތަކުން މަންފާއެއް ނުކުރާނެތެވެ. މީސްތަކުންނަށް ވެސް މި ޢިލްމުތަކުން ފައިދާއެއް ނުކުރާނެތެވެ. ޢިލްމު ފައިދާ ހުރި އެއްޗަކަށް ވާނީ އެއިން ތިބާއަށާއި އެހެން މީހުންނަށް ފައިދާ ލިބޭނަމައެވެ. الله ތަބާރަކަ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. (( وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ [2] - اللَّه ގެ حضرة އަށް (އައުމަށް) ގޮވާލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟ )) އޭނާ ހެޔޮޢަމަލުތައް ކުރަމުންދާ އިރު އެހެން މީހުންނަށް އެކަމަށް ނަސޭހަތްދެއެވެ. އެހެން މީހުން އިސްލާހުކުރުމަށް މަސައްކަތްކުރެއެވެ.
ބަރަކާތްލެއްވުމުގެ ސަބަބުތައް
މާތްﷲ ބަރަކާތްލައްވަނީ ސަބަބުތަކަކާ ހެދިއެވެ. މި ސަބަބުތަކުގެ ތެރޭގައި މި އަންނަ ސަބަބުތައް ފާހަގަކޮށްލަމެވެ.
1- ﷲ Yއަށް ތަޤްވާވެރިވުމާއި އެކަލާނގެ ތިބާގެ އެންމެހައި ކަންކަމަށް ބައްލަވައިވޮޑިގަންނަވާނެ ކަން ދެނެ ހުރެ ކުރާ ކޮންމެ ޢަމަލެއް ރަނގަޅަށް ކުރެވޭތޯ މަސައްކަތްކުރުމާއި ސިއްރާއި ފާޅުގައި ﷲއަށް ބިރުވެތިވުން: ތިބާގެ މުޅި ޙަޔާތުގައި ﷲއަށް ބިރުވެތިވެ ﷲ ޙަރާންކުރައްވައިފައިވާ ކަންކަމަށް އަރައިނުގަތުން ވެއެވެ. ތިބާ ކުރާ ކޮންމެ ކަމެއް ﷲގެ ވަޖްހުފުޅު އަދައިގެން ކުރުން. ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَٰكِن كَذَّبُوا۟ فَأَخَذْنَٰهُم بِمَا كَانُوا۟ يَكْسِبُونَ[3] - އަދި ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ. )) ﷲ ތަޢާލާ އެކަލާނގެ އަޅުންނަށް ޖަޒާދެއްވަނީ އެ އަޅުން ކުރާ ޢަމަލުތަކަށެވެ. މި ކަން މިހެން އޮތް ކަމުގައި ވިޔަސް އެކަލާނގެއީ މާފުކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ އަޅުންނަށް މާފުދެއްވުމަށް ލޯބިކުރައްވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( مَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ[4]- ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ. ))ތަޤްވާވެރިކަމަކީ ބޮޑު ކަންޒެކެވެ. އެއީ ރިޒްޤު ތަނަވަސްކޮށްދެއްވާނެ ކަމެކެވެ. އެއީ ޙާލަތު ބަދަލުކޮށްދެއްވާނެ ކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދެއްވާނެ ކަމެކެވެ.
2- ދުޢާ: ދުޢާއަކީ މުއުމިނާގެ ބަރުހަތިޔާރެވެ. ﷲގެ ޙަޟުރަތަށް ދިޔުމަކީ ޢުމުރުގައްޔާއި މުދަލުގައްޔާއި، ރިޒްޤުގައްޔާއި ، ދަރިންގައްޔާއި، ޞިއްޙަތާއި ޢާފިޔަތުގައްޔާއި ހުރިހާ ޢަމަލުތަކެއްގައި ބަރަކާތް ލައްވާނެ ކަމެކެވެ. ހުރިހާ ކަމެއްގައި ވެސް މަތިވެރި އިނާމުތައް ހޯދުމަށް ﷲގެ ޙަޟުރަތަށް އަވަހަށް ދާށެވެ. ކީރިތި ރަސޫލާގެ ލޮބުވެތި ކާފަދަރިކަލުން ޙަސަނު ބުނު ޢަލީ رضيَ الله عنْهما ވިދާޅުވިއެވެ. (( رسولُ صلَّى عليْهِ وسلَّمَ ވިތުރި ނަމާދުގައި (( اللَّهمَّ اهدِني فيمن هديت، وعافِني فيمن عافيتَ، وتولَّني فيمن تولَّيتَ، وبارِك لي فيما أعطيتَ، وقني شرَّ ما قضيتَ، إنَّكَ تقضي ولا يقضى عليْكَ، وإنَّهُ لا يذلُّ من واليتَ، ولا يعزُّ من عاديتَ، تبارَكتَ ربَّنا وتعاليتَ [5])) މި ޤުނޫތު ވިދާޅުވިއެވެ. ތިބާގެ ރިޒްޤު ނުތަނަވަސް ވެއްޖެނަމަ ނުވަތަ ތިބާއާ ކަންބޮޑުވުމެއް ހާސްކަމެއް ކުރިމަތިވެއްޖެނަމަ އަވަހަށް ﷲގެ ޙަޟުރަތަށް ދާށެވެ. އެކަލާނގެއަކީ ހުރިހާ ވަގުތެއްގައި ތިބާއާ އެންމެ ގާތުގައި ވޮޑިގެންވާ ރަސްކަލާނގެއެވެ.ދުޢާގެ ދޮރުތަކަށް ރަސްމީ ގަޑިއެއް ނުވެތެވެ. ތިބާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ދުވާލުގެ ކޮންމެ ވަގުތެއްގައި އަދި ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ދުޢާ ދެންނެވޭނެއެވެ. އެކަލާނގެ އަންގަވަނީ (( ٱدْعُونِىٓ أَسْتَجِبْ لَكُمْ[6] - ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.)) އަޅުގަނޑުމެންނަށް ކަންބޮޑުވާ ކަމެއް ކުރިމަތިވެއްޖެނަމް ކައު ރަސޫލާ އަންގަވަނީ މި ދުޢާއިން މާތް ﷲ އަށް ދެންނެވުމަށެވެ. ((اللَّهُمَّ إنِّي أعوذُ بك مِن الهَمِّ والحزَنِ، وأعوذُ بك مِن العجْزِ والكسَلِ، وأعوذُ بك مِن الجُبْنِ والبُخْلِ، وأعوذُ بك مِن ضَلَعِ الدَّينِ وغَلبةِ الرِّجالِ. [7]- ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކަންބޮޑުވުމުންނާއި ހިތާމައިން މިއަޅާ ރައްކައުތެރި ކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟުރަތުން ޙިމާޔަތަށް އެދެމެވެ. އަދި ނުކުޅެދުންތެރިކަމުންނާއި ކަންނެތްކަމުން މި އަޅާ ރައްކައުތެރި ކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟުރަތުން ޙިމާޔަތަށް އެދެމެވެ.އަދި ފިނޑިކަމުންނާއި ދަހިވެތިކަމުން މިއަޅާ ރައްކައުތެރި ކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟުރަތުން ޙިމާޔަތަށް އެދެމެވެ. އަދި ދަރަނީގެ ބުރަކަމާއި މީހުންގެ އަނިޔާވެރިކަމާއި އަތްގަދަކުރުމުން މި އަޅާ ރައްކައުތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟުރަތުން ޙިމާޔަތަށް އެދެމެވެ.))
3- ނިކަމެތީންނަށާއި ފަޤީރުންނަށް އެހީވުމާއި އަޅައިލުން: މިއީ ވެސް މާތް ﷲ ބަރަކާތް ލައްވާ ކަމެކެވެ. ނިކަމެތީންނަށް އަޅައިލުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިބާއަށް ދަރައިފައިވާ މީހާއަށް މި ދަރަނި އަދާކުރުމުގައި ލުއިކޮށް މުޢާމަލާތުކުރާށެވެ! އެމީހުންގެ ދަރަނިން އެއްޗެއް ކަނޑައިލައި ދޭށެވެ! މާތްﷲގެ އަޅުންނާމެދު މުޢާމަލާތު ކުރާ ގޮތަކަށް މާތްﷲ އެމީހަކާއެކު މުޢާމަލާތުކުރައްވާނެއެވެ. ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. (( مَن نَفَّسَ عن مُؤْمِنٍ كُرْبَةً مِن كُرَبِ الدُّنْيا، نَفَّسَ اللَّهُ عنْه كُرْبَةً مِن كُرَبِ يَومِ القِيامَةِ، وَمَن يَسَّرَ على مُعْسِرٍ، يَسَّرَ اللَّهُ عليه في الدُّنْيا والآخِرَةِ، وَمَن سَتَرَ مُسْلِمًا، سَتَرَهُ اللَّهُ في الدُّنْيا والآخِرَةِ [8] - މުއުމިނެއްގެ ކިބައިން ދުނިޔޭގެ މުޞީބާތްތަކުން މުޞީބާތެއް ދުރަށްލައިދިން މީހާގެ ކިބައިން މާތްﷲ ޤިޔާމަތްދުވަހުގެ މުޞީބާތްތަކުން މުޞީބާތެއް ދުރަށްލައިދެއްވާނެއެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް މާތް ﷲ ދުނިޔެއާއި އާޚިރަތުގައި ލުއިކޮށްދެއްވާނެއެވެ.އަދި މުސްލިމަކު ނިވާކޮށްދިން މީހާ މާތް ﷲ ދުނިޔެއާއި އާޚިރަތުގައި ނިވާކުރައްވާ ރައްކައުތެރިކުރައްވާނެއެވެ.)) ނިކަމެތީންނަށާއި ފަޤީރުންނަށް އަޅައިލުމާ ބެހޭ ގޮތުން ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((أَبْغوني الضُّعَفاءَ؛ فإنَّما تُرزَقون وتُنصَرون بضُعَفائِكم[9] - ތިމަންކަލޭގެފާނަށް ޓަކައި ތިޔަބައިމީހުން ފަޤީރުންނާއި ނިކަމެތިން ހޯދައި އެބައިމީހުންނަށް އަޅައިލާށެވެ! ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވެނީ އަދި ނަޞްރު ދެއްވެނީ ތިޔަބައިމީހުންގެ ނިކަމެތީންނަށް ޓަކައެވެ.))
4- ރަޙިމުގެ ގުޅުން ވާޞިލުކުރުން: ޢުމުރާއި ރިޒްޤުގައި ބަރަކާތްލެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ރަޙިމުގެ ގުޅުންވާޞިލުކުރުންވެއެވެ. ރަޙިމުގެ ގުޅުން ވާޞިލުކުރާންޖެހޭ އެންމެ މުހިންމު އަދި އެންމެ ގާތް ފަރާތަކީ މައިންބަފައިންނެވެ. އެ ދެ މީހުންގެ ޚިދްމަތުގައި ހުރުމެވެ. އެ ދެ މީހުންގެ ބޭނުންތައް ފުއްދައިދިނުމެވެ. އެ ދެމީހުން މުދަލާއި ބަހުން އުފާވެރިކުރުމެވެ. އެ ދެމީހުންނަށް އިޙްތިރާމުކޮށް އެދެމީހުންނަށް ޤަދަރުކުރުމެވެ.އެއީ ތިބާގެ ރިޒްޤު ތަނަވަސްކޮށްދެއްވާނެ ކަމެކެވެ. ތިބާގެ ޢުމުރު ދިގުކުރައްވާނެ ކަމެކެވެ. ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. (( مَن سَرَّه أن يُبسَطَ له في رِزقِه، أو يُنسَأَ له في أثَرِه، فليَصِلْ رَحِمَه[10] - އޭނާގެ ރިޒްޤު ތަނަވަސްކޮށްދެއްވުމަށް އެދޭމީހާ ނުވަތަ އޭނާގެ ޢުމުރު ދިގުކޮށްދެއްވަން އެދޭ މީހާ ފަހެ ، އޭނާގެ ރަޙިމުގެ ގުޅުން ވާޞިލުކުރާހުށިކަމެވެ!))
5- ތަނަވަސްކަން ހޯދުމަށް ޓަކައި މަސައްކަތްކުރުން: ރިޒްޤު ދެއްވާނީ އަދި އޭގައި ބަރަކާތްލައްވާނީ އެކަމަށް ޓަކައި މަސައްކަތްކުރާ މީހާއަށެވެ. މި ޒަމާނުގައި ބައެއް މީހުން ބުނާގޮތުގައި އޭނާ ބޭނުން ތަނަކުން އޭނާއަށް ވަޒީފާ ލިބެންޖެހޭނެއެވެ. އެއީ ގޭގައި އިންނަން ޖެހޭ ސަބަބެއްނޫނެވެ. ދޫނިސޫފާސޫފި ހެނދުނުހެނދުނާ ތެދުވެގެން އެ ދަނީ ކާއެއްޗެއް ލިބޭތޯއެވެ. އޭތި ކޮންމެ ދުވަހަކު ދަނީ އެއް ތާކަށް ނޫނެވެ. މާތްﷲ އަޅުގަނޑުމެންނަށް އަންގަވަނީ (( هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ [11]- އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ. )) ﷲ މި އަންގަވަނީ( فَامْشُوا)އެވެ. ޙަރަކާތްތެރިވާށެވެ! ހޯދައިބަލާށެވެ! އަދި ﷲ ދެއްވާ އެއްޗަކަށް ރުހޭށެވެ! މަސައްކަތަކީ އެއްގޮތަކަށް ވެސް ހަޑި ކަމެއް ނޫނެވެ. ﷲ ތަޢާލާ މަނާނުކުރައްވާ ކޮންމެ މަސައްކަތަކީ ﷲގެ ޙަޟުރަތުގައި އަގު ބޮޑު މަސައްކަތެކެވެ. ދާވޫދުގެފާނަކީ ދަގަނޑުގެ މަސައްކަތްކުރެއްވި ކަނބުރުވެރިއެކެވެ. ޒަކަރިއްޔާގެފާނަކީ މާވަޑިއެކެވެ. ލޮބުވެތި ރަސޫލާއަކީ ނަޢަމުސޫފި ބެލެހެއްޓެވި ގޮތްވެކެވެ. ހުތުރު ކަމަކީ މަސައްކަތެއްނޫނެވެ. ހުތުރު ކަމަކީ މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ޙާލުގައި މީހުންގެ ގާތަށް ގޮސް އެއްޗެއްސަށް ކިޔުމެވެ. ސަލާންޖެހުމެވެ.
މަރުޖާ:
[1] - غافر : 64
[2] - فصلت :33
[3] - الأعراف : 96
[4] - الشورى : 30
[5] - أخرجه أبو داود (١٤٢٥)، والترمذي (٤٦٤)، والنسائي (١٧٤٥) وابن ماجه (١١٧٨)، وأحمد (١٧١٨) و الطبراني في ((المعجم الأوسط)) (٧٣٦٠)
[6] - غافر : 60
[7] - أخرجه أبو داود (١٥٥٥)، والبيهقي في ((الدعوات الكبير)) (٣٠٥) والطبراني في ((الدعاء)) (١٣٥٣)، وأحمد (٨٦٦٧) والنسائي في ((الكبرى)) (٧٨١٤)
[8] - أخرجه مسلم (٢٦٩٩) وأبو داود (٤٩٤٦) والترمذي (١٤٢٥)، وأحمد (٧٤٢٧)
[9] - أخرجه أبو داود (٢٥٩٤)، والترمذي (١٧٠٢)، والنسائي (٣١٧٩)
[10] - أخرجه البخاري (٥٩٨٥)، وأبو يعلى (٦٦٢٠) و مسلم (٢٥٥٧) و الطبراني في ((المعجم الأوسط)) (٥٦٢٦)
[11] - الملك : 15