ad_banner
ބޮޑުވަޒީރު މޯދީގެ ވީޑީއޯ ފޭސްބުކުން ނެގީ ކޮން އިރަކު؟ އެއީ ކީއްވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

7 އޯގަސްޓް 2026

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2026ވަނަ އަހަރުގެ ޖުލައި 23ގައި ވީޑިއޯއެއް އާންމުކުރެއްވިއެވެ. އެއީ އިމްތިޙާނުތަކުގެ ޕޭޕަރު ލީކުކުރާ ފަރާތްތަކާ މެދު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ދަރިވަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެކެވެ. މި ވީޑިއޯ އެންމެ ފުރަތަމަ އާންމުކުރެއްވީ އިންސްޓަގްރާމްގައެވެ. އަދި އޭގެ ފަހުން ފޭސްބުކުގައި ވެސް އާންމުކުރެއްވިއެވެ. ނަމަވެސް، ފޭސްބުކަށް ލައިފައި އޮތް ވީޑިއޯ ކުއްލިއަކަށް ނަގައި، ޖުލައި 28ވަނަ ދުވަހުގެ ދަންވަރު 12:30އިން ހެނދުނު 5:00 އަށް (ގާތްގަނޑަކަށް 5 ގަޑި އިރު ވަންދެން) އާންމުންނަށް ނުފެންނަ ގޮތް ހެދިއެވެ.

މި ކަމާ ގުޅިގެން އިންޑިއާ ސަރުކާރާއި [މެޓާ]އާ ދެމެދު ބޮޑު މައްސަލައެއް އުފެދުނެވެ. މި ވީޑިއޯ ނެގުމާ ގުޅިގެން އިންޑިއާއާއި އެ ގައުމުގެ ސަރުކާރުގެ އިސް ވެރީންގެ ފަރާތުން ވަރަށް ހަރުކަށި ބަސްތަކެއް [މެޓާ]އަށް އަމާޒުވިއެވެ. ގާނޫނުހަދާ މަޖިލީހުގެ މުހިންމު ކޮމިޓީއެއްގެ ރިޔާސަތު ބަލަހައްޓަވާ ނިޝިކާންތު ދުބޭ ވަނީ މި ވީޑިއޯ ނެގުމަކީ [ދީމުޤްރާޠީ ނިޒާމަށް ދެވުނު ޙަމަލާއެއް]ކަމަށް ސިފަކުރައްވައިފައެވެ. މި މައްސަލައިގައި ބޮޑެތި ނުރުހުންތަކެއް އުފެދުމާ ގުޅިގެން، [މެޓާ]އިން ވަނީ އަލުން އެ ވީޑިއޯ ފޭސްބުކަށް ލައިދީފައެވެ.

[މެޓާ]އިން ބުނި ގޮތުގައި ފޭސްބުކުން އެ ވީޑިއޯ ނެގުނީ ފަންނީ މައްސަލައެއް (ޓެކްނިކަލް ގްލިޗެއް) ދިމާވެގެންނެވެ. މިއީ އޮޅުމަކުންވީ ކަމެއްކަމަށާއި، [މެޓާ]ގެ އެއްވެސް މުވައްޒަފަކު ގަސްދުގައި ކުރި ކަމެއް ނޫންކަމަށް އެ ކުންފުނީން ހާމަކުރިއެވެ.

މި ވީޑިއޯ ފޭސްބުކުން ކުއްލިއަކަށް ނެގުމާ ގުޅިގެން އިންޑިއާއިން [މެޓާ]އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވިއެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، [މެޓާ]ގެ އިސް ވެރީން ވަނީ އެ ވީޑިއޯ ނެގުނީ އޮޅުމަކުންކަމަށް ބުނެ ރަސްމީކޮށް މާފަށް އެދިފައެވެ.

މި ހާދިސާއާ އެކު، މީސްމީހުން މީޑިއާއަށް ލާ ނުވަތަ މީސްމީޑިއާގައި ޝާއިޢުކުރާ މަޢުލޫމާތު މީޑިއާ ކުންފުނިތަކުން ބަލައި ފާސްކުރާ ގޮތާއި، އެ ފަދަ ކުންފުނިތަކުން އަދާކުރާންންޖެހޭ ޒިންމާއާއި، އަދި އެ ކުންފުނިތަކުގެ ސިޔާސަތުތަކުގެ އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއި މާހަރާކަމުގެ މިންވަރާ މެދު އަލުން ސުވާލު އުފެދި، ބަހުސްތައް އިތުރުވިއެވެ.

[މެޓާ]އަކީ ކޮބާ؟

[މެޓާ]އަކީ ދުނިޔޭގެ ފަނަނިއްޔާތާ ބެހޭ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުންޏެވެ. .(Meta Platforms, Inc.) ކުރީން ]ފޭސްބުކް[ (Facebook, Inc.)ގެ ނަމުގައި ދިވެހީންގެ މެދުގައި މަގުބޫލު މި ކުންފުނީގެ ނަން 2021ވަނަ އަހަރު [މެޓާ]އަށް ބަދަލުކުރީ، އެ ކުންފުނީގެ އަމާޒު ހަމައެކަނި މީސްމީޑިއާއަށް ވުރެ ދުރަށް އަމާޒުކޮށް، ފުޅާކޮށް ދާދިވަރު ހަގީގަތްތަކުގެ ފަންނިއްޔާތަށް (މެޓާވާރސް)އަށް ބަދަލުކުރުމުގެ ގޮތުންނެވެ.

މިހާރު [މެޓާ]ގެ ދަށުން ހިންގާ އެންމެ މަޝްހޫރު ޚިދުމަތްތަކުގެ ތެރޭގައި:

·  ފޭސްބުކު:        ދުނިޔޭގައި އެންމެ ގިނައިން މީހުން ބޭނުންކުރާ މީސްމީޑިއާ މަންސަ.

·  އިންސްޓަގްރާމް:    ފޮޓޯއާއި ކުރު ވީޑިއޯ (ރީލްސް) ހިއްސާކުރާ މަގުބޫލު އެޕްލިކޭޝަން.

·  ވަޓުސްއެޕު:       މެސެޖުކުރުމާއި މުއާޞަލާތުކުރާން މުޅި ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު [މެސެޖިންގ އެޕް.]

·  ތުރެޑުސް:        ކުރީގެ ޓުވިޓަރ (މިހާރުގެ [އެކުސް])އާ ވާދައަށް މެޓާއިން އަލަށް ނެރުނު ޓެކްސްޓް-ބޭސްޑް އެޕު.

·  ހެޑްސެޓްތަކާއި ފަންނިއްޔަތު އުފައްދާ ބައި.

ކުރުކޮށް ދަންނަވާ ނަމަ، މެޓާއަކީ ފޭސްބުކާއި، އިންސްޓަގްރާމާއި ވަޓުސްއެޕު ފަދަ އެޕުތަކުގެ މައި ކުންފުންޏެވެ. މިހާރު މެޓާއަކީ ކޮބައިކަން ސާފުވެވަޑައިގެންފާނެކަމަށް އުންމީދުކުރަމެވެ.

މެޓާއިން ބޮޑުވަޒީރު މޯދީގެ ވީޑިއޯ ނެގީ ކީއްވެ؟ މާފަށް އެދުނު ސަބަބުގެ ތަފުސީލު

އެ ވީޑިއޯއަކީ އިމްތިޙާނުތަކުގެ މައްސަލަތަކާއި، ކޮޕީކުރުމާއި ޕޭޕަރު ލީކުކުރާ ފަރާތްތަކާމެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާނެ ގޮތާ ބެހޭ ގޮތުން ދަރިވަރުންނާއި ޒުވާނުންނާ މުޚާތަބުކުރައްވައި ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއްކަމަށް ވުމަކީ މި މައްސަލަގަނޑު ބޮޑުވި އެއް ސަބަބެވެ.

މި ވީޑިއޯ ކުއްލިއަކަށް ނެގުމާ ގުޅިގެން އިންޑިއާއިން މެޓާއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވިއެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއް ފަހުން، މެޓާގެ އިސް ވެރިން ވަނީ އެ ވީޑިއޯ ނެގުނީ އޮޅުމަކުންކަމަށް ބުނެ އިނޑިއާ ކިބައިން ރަސްމީކޮށް މާފަށް އެދިފައެވެ.

އެ ވީޑިއޯއަކީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އެކައުންޓުން އާންމުކުރި ވީޑިއޯއަކަށް ވެފައި، އަދި އެއީ ނާޒުކު މައުޟޫއަކާ ގުޅޭ ވީޑިއޯއަކަށް ވުމުން، މެދުވެރިވި އޮޅުމުގެ ސަބަބުން ވަރަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

2026ވަނަ އަހަރުގެ އޯގަސްޓް 5ގައި މެޓާގެ ޗީފް ގްލޯބަލް އެފެއާޒް އޮފިސަރު ޖޮއެލް ކަޕުލާން ވަނީ އިންޑިއާގެ އިލެކްޓްރޯނިކުސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު އަޝްވިނީ ވައިޝްނާވްއާ ބައްދަލުކުރައްވައި، ބޮޑުވަޒީރު މޯދީގެ ވީޑިއޯ އޮޅުމަކުން ނެގުނު މައްސަލައިގައި ރަސްމީކޮށް މާފަށް އެދިވަޑައިގެންފައެވެ.

މާފަށް އެދިވަޑައިގަތުމުގެ އިތުރަށް، މެޓާއިން ވަނީ ވަރަށް އަވަހަށް އެ ވީޑިއޯ އަލުން އާންމުކޮށް، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަންކަން މެދުވެރިވިޔަނުދިނުމަށް ޓަކައި އެ ކުންފުނީގެ، މައުލޫމާތު މުރާޖާކުރާ ނިޒާމުތައް އަލުން ބަލައި އިތުރަށް ހަރުދަނާކުރާނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރަށް ދީފައެވެ.

[މެޓާ]ގައި މައުލޫމާތުގެ އޮއްޓަރު (ކޮންޓެންޓު) ބަލައި ފާސްކުރުމުގެ މަސައްކަތް ހިނގަނީ ކިހިނެއް؟

މެޓާގެ މަންސަތަކުގައި އާންމުކޮށްފައި ބެހެއްޓޭނީ ކޮން އެއްޗެއްކަމާއި ނަގާނީ ކޮން އެއްޗެއްކަން ނިންމުމަށް އެ ކުންފުނީގެ އެކި ވަސީލަތްތައް އެކުލެވޭ ގޮތަށް މަސައްކަތްކުރެއެވެ. މި މަސައްކަތްކުރާ ގޮތުގެ ޚުލާޞާއެއް މި ދަންނަވަނީއެވެ.

·     އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) މޮޑަރޭޝަން: އޮޓޮމެޓިކް ކޮންޕިއުޓަރު ނިޒާމުތަކުން ޕޯސްޓްތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް އިސްކޭނުކޮށް، އެއީ އެއްވެސް ޤަވާއިދަކާ ޚިލާފު އެއްޗެއްތޯ ބަލައެވެ. މިއީ މެޓާއިން ލައްކަ ގިނަ ޕޯސްޓުތައް އަވަހަށް ބަލައި ފާސްކުރާ ގޮތެވެ. ނަމަވެސް، މި ނިޒާމުން ބައެއް ފަހަރު އޮޅުންތައްއަރައި ކުށްޖެހިދާނެއެވެ.

·     މުރާޖާކުރާ އިންސާނީ ޓީމުތައް: އޮޓޮމެޓިކް ނިޒާމުން ކަމެއް ފާހަގަކޮށްފި ނަމަ (ފްލެގްކޮށްފި ނަމަ)، އެ ކޮންޓެންޓަކީ ހަޤީޤަތުގައި ވެސް ޤަވާއިދާ ޚިލާފު އެއްޗެއްތޯ ނުވަތަ އޮޅުމަކުން ފާހަގަކުރެވުނު އެއްޗެއްތޯ ކަށަވަރުކުރުމަށް އިންސާނުންގެ ޓީމުން އަލުން އެ ބަލައި ފާސްކުރެއެވެ.

·     މުޖުތަމަޢީ މީޔާރު: މިއީ މެޓާގެ މަންސަތަކުގައި ޝާއިޢުކުރެވޭނީ ކޮންފަދަ ކޮންޓެންޓެއްކަން ބަޔާންކުރާ އެކުންފުނީގެ ރަސްމީ ޤަވާއިދުތަކެވެ.

·     އިސްތިއުނާފުކުރުމުގެ މަރުޙަލާ: އެ މީހެއްގެ ކޮންޓެންޓެއް ނެގީ ނުޙައްޤުންކަމަށް މީހަކަށް ޤަބޫލުކުރެވޭ ނަމަ، އެ ނިންމުން އަލުން ބަލައިދިނުމަށް މެޓާގައި އެދެވިދާނެއެވެ.

މިއީ [މެޓާ]އިން ޢަމަލުކުރާ ގޮތްކަމަށް ލިޔެފައިވާ އުސޫލުކަމަށް ވިޔަސް، އެ މީހުން ހިތްހަމަނުޖެހޭ އެއްޗެއް ނަމަ، ނަގައެވެ. އެ ކަން [ފަރަގު]ގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ތަޖުރިބާކޮށްފައެވެ. އިސްރާއީލުން ފަލަސްތީނީންނަށް ދޭ ނުހައްގު އަނިޔާގެ ވާހަކަތަކާއި ފޮޓޯތައް ގެނެސްދޭން ފެށުމުން ފަރަގުގެ ހުރިހައި ފޮޓޯތަކެއް ފޭސްބުކުން ނުފެންނަ ގޮތް ހެދިއެވެ. އެ ކަން ރަނގަޅުކޮށްދޭން އެދި އެތައް މޭލެއް ފޮނުވިޔަސް އެ ކަމަކާ އަޅައެއް ނުލިއެވެ.

މިހާރު ވެސް އެމެރިކާއާއި އިޒުރޭލަށް ލިބޭ ގެއްލުންތަކާއި އީރާނުން ހޯދާ ކާޟިޔާބީގެ ވާހަކައާއި ފޮޓޯތައް ގެނެސްދޭން ފަށައިފި ނަމަ، މި ފަދަ މައްސަލަތަކާ ކުރިމަތިވާނެކަމަށް ބެލެވެއެވެ. މިއީ ސިނާރަށް އެ ކުންފުނީން ވިސްނައިދީފައިވާ ގޮތްކަމަށް ވެދާނެއެވެ.

ނަމަވެސް އިންޑިއާ ފަދަ ބޮޑު އާބާދީއެއް އޮތް ބާރުގަދަ ގައުމަކާ ދެކޮޅަށް މި ފަދަ ކަމެއް ކޮށްފި ނަމަ، [މެޓާ]އަކަށް ވެސް ހަމަޖެހިލައިގެނެއް ނުތިބެވޭނެތާއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ވީޑިއޯ އަލުން ލާންޖެހުނީ އެހެންވެގެންނެވެ.

 

ބައެއް ލަފުޒުގެމާނަ:

މަންސަ     ނ.           ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު.

މާހަރާކަން    ނ.           ސިއްރުކުރުމެއް ފޮރުވުމެއް ނެތި ފެންނަ ފެނުން. transaparency

މީޔާރު      ނ.           (1) އާންމު ހަމަ. (2) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. standard

މީޔާރު      ނއ.          އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.. satandard

މީޑީއާ      ނ.           ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާ ނަން. media

މީސްމީޑިއާ   ނ.           ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

ސިނާރު     ނ.           ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި, ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު, އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. AI

ކޮމެންޓު