ad_banner
ކުދީން އިސްކިރީނަށް ބަލާނެ ވަގުތު ކަނޑައެޅުމުގެ ގަވާއިދަށް އަމަލެއްނުކުރެވޭތަ؟ މި ކަން މިހާރު ބަދަލުކުރާނީ ކިހިނެއް؟

އަބާ މުޙަންމަދު

6 އޯގަސްޓް 2026

ކުދީން ނިދާން ވަންނަ އިރު ކޮޓަރީގައި ފޯނުތައް ބެހެއްޓިޔަ ނުދިނުމަށް ތަޖުރިބާކާރުން އިރުޝާދުދޭކަން ތިޔަ ބޭފުޅުން ކުރީން ވެސް ދެނެވަޑައިގަންނަވާނެކަން ކަށަވަރެވެ. ނަމަވެސް ގިނަ ގޭގޭގައި ކަންކަން ވަމުންދަނީ މި ގަވާއިދާ ޚިލާފަށެވެ.

މިކަން ބަދަލުކުރުމަށް ރަނގަޅު ސަބަބެއް އާ ދިރާސާއަކުން މައިންބަފައިންނަށް އެބަ ލިބިދެއެވެ.

މެޑިކަލް ޖާނަލު [އެކްޓާ ޕީޑިއޭޓްރިކާ]ގައި 2026 ޖޫން މަހު ޝާއިއުކުރި، ގައުމީ ސާވޭއަކުން ދައްކާ ގޮތުގައި، ރޭގަނޑު ކޮޓަރީގައި ފޯނާއި ޓެބުގެ އިސްކިރީނަށް ބަލާ ކުދީން، އަހަރެއްހައި ދުވަސް ފަހުން އިސްކިރީނު ބޭނުންކުރާ މިންވަރު އިތުރުވެ، އެ ކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު ވަރަށް ބޮޑުވެއެވެ. މިއީ ޢުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 8,000 ކުދީން ބޭނުންކޮށްގެން ކޮށްފައިވާ ޢިލްމީ ދިރާސާއެކެވެ.

މީގެ އިތުރަށް، [ޖާނަލް އޮފް އެޑޮލެސެންޓް ހެލްތު]ގައި 2026 ޖުލައި މަހު ޝާއިއުކުރި ދެވަނަ ދިރާސާއަކުން ދައްކާ ގޮތުގައި، ރޭގަނޑު ކޮޓަރީގައި ތިބެގެން ފޯނާއި ޓެބުގެ އިސްކިރީނުތަކަށް ބަލާ ކުދީން ސައިބަރު ގަނާގެ ޝިކާރައަކަށްވެއެވެ. އެހެން ކުދީންނަށް ސައިބަރު ގަނާކުރުމުގެ ފުރުސަތު ބޮޑެވެ. މި ދެ ރިޕޯޓަކީ ވެސް ކުދީންގެ ސިއްހަތާއި ސިކުނޑީގެ ތަރައްގީއާ ބެހޭ ގޮތުން ހެދި އެންމެ ބޮޑު ދިގު މުއްދަތުގެ ދިރާސާކަމަށްވާ [އެޑޮލެސެންޓް ބްރޭން ކޮގްނިޓިވް ޑިވެލޮޕްމަންޓް ސްޓަޑީ]ގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިރާސާތަކެކެވެ.

ރޭގަނޑު ފޯނު ބޭނުންކުރާ ކުދީންގެ މެދުގައި ސައިބަރު ގަނާކުރުން އިތުރުވާ ސަބަބަކީ، ކުދީން ކޮޓަރީގައި ތިބޭ އިރު އިސްކިރީނަށް ބަލާ ވަގުތު މައިންބަފައިންނަށް އެހައި ބޮޑަށް ބެލެހެއްޓިފައި ނުވުންކަމަށް ވެދާނެކަމަށް، މި ދެ ދިރާސާގެ އިސް މުސައްނިފު އަދި ޔުނިވަސިޓީ އޮފް ކެލިފޯނިއާ، ސެން ފްރެންސިސްކޯގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ޕީޑިއޭޓްރިކްސް ޑރ. ޖޭސަން ނަގާޓާ ވިދާޅުވެފައި ވެއެވެ.

މި ދިރާސާގެ އެއް އުނިކަމަކީ، ކުދީންނަށް ކުރިމަތިވާ ސައިބަރު ގަނާގެ ވާހަކަ ހިއްސާކޮށްފައިވަނީ އެ ކުދީން އަމިއްލައަށްކަމަށްވާތީ، އެ ދިރާސާތަކުގައި ކުދީން އެއްބަސްވާން ބޭނުންވި މިންވަރަށް ވުރެ ގިނައިން މި ފަދަ ކަންކަން ހިންގުން އެކަށީގެންވާކަމަށް ނަގާޓާ ވިދާޅުވިއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، ކުދީން ނިދާންޖެހޭ ވަގުތުތަކުގައި ފޯނުގައި ހޭދަކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. އިސްކޫލު އޮންނަ ދުވަސްވަރު ރޭގަނޑު 10:00އާއި ހެނދުނު 6:00އާ ދެމެދު ކުދީން އެ ކޮންމެ ކުއްޖަކު ވެސް ގާތްގަނޑަކަށް ގަޑިއިރެއްހައި އިރު ފޯނުގައި ހޭދަކުރެއެވެ. އަދި ގިނަ ކުދީން ފޯނު ބޭނުންކުރަނީ މެންދަމު 12:00އާއި ފަތިހު4:00އާ ދެމެދުގެ ވަގުތުތަކުގައެވެ.

[އެމެރިކަން އެކެޑެމީ އޮފް ޕީޑިއޭޓްރިކްސް]އާއި ނަގާޓާ ފަދަ، މި ދާއިރާގެ ތަޖުރިބާކާރުން، ކުދީން ނިދާ ވަގުތު ކޮޓަރީގައި ފޯނު ބެހެއްޓިޔަނުދިނުމަށް މައިންބަފައިންނަށް އިރުޝާދުދެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މި އާ ދިރާސާތަކުގެ ސަބަބުން މި ގަވާއިދުތަކަށް އަމަލުކުރުވުމަށް މައިންބަފައިންނަށް އިތުރު ބާރެއް ލިބިގެންދާ ކަމަށް ނަގާޓާ ވިދާޅުވިއެވެ.

މި އާ ދިރާސާތަކުން އެނގި ހާމަވާ އެންމެ މުހިންމު ކަމަކީ، މައިންބަފައިން ގެންގުޅޭ ވަކި ޚާއްޞަ އުސޫލުތަކުގެ ސަބަބުން، ކުދީން ފޯނާއި ޓެބުލެޓު ބޭނުންކުރާ ގޮތަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގަނޑު އިސްކިރީންތަކާ ދުރުވުން

ކުދީން ފޯނާއި ޓެބުލެޓު ބޭނުންކުރާ މިންވަރު ހުރިހާ ވަގުތެއްގައި މައިންބަފައިންނަށް ކޮންޓުރޯލުނުކުރެވިދާނެކަމަށް ނަގާޓާ ވިދާޅުވިއެވެ. ނަމަވެސް ނިދާ ވަގުތަކީ [އެ ކަން ކޮންޓުރޯލުކުރާން އެންމެ އެކަށގެންވާ އަދި އެންމެ ފައިދާހުރި ވަގުތެވެ.]

[ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.] އޭނާ ވިދާޅުވިއެވެ. [ފުރާވަރުގެ ގިނަ ކުދީންނަށް ހަމަނިންޖެއް ނުލިބެއެވެ. އަދި ނިދި މަދުވުމުގެ ސަބަބުން ނަފުސާނީ ސިއްހަތަށާއި، ޖިސްމާނީ ސިއްހަތަށް، އަދި އެހެނިހެން ގިނަ ކަންކަމަށް ނޭދެވޭ އަސަރުކުރެއެވެ. އެހެންވީމާ، ކަންކަން އިސްލާހުކުރާން ބޭނުން ނަމަ، ނިދާގަޑީގައި ކޮޓަރީގައި ފޯނާއި ޓެބުލެޓު ބޭނުންކުރުން ހުއްޓުވުމަކީ ވަރަށް މުހިންމު ކަމެކެވެ.]

ނަގާޓާ ވިދާޅުވި ގޮތުގައި [އެންމެ ރަނގަޅު ގޮތަކީ ފޯނުތައް ކޮޓަރީން ބޭރުގައި ބެހެއްޓުމެވެ. އެއްވެސް ސަބަބަކާ ހުރެ، އެ ކަން އެ ގޮތަށް ކުރެވޭން ނެތް ނަމަ، ދެން އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ފޯނު ނިއްވައިލައިފައި ބޭއްވުމެވެ.]

މި ކަމުގައި ކުދީންނާ އެކު ބޮޑު އަރައިރުމަކަށް ނުގޮސް މި ކަން ހައްލުކުރާނީ ކިހިނެއްތޯއެވެ! ނިއު ޖާސީގެ ނަފުސާނީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ކަން ހައްލުކުރެވޭނީ [ނިދުމުގެ ސަބަބުން ސިކުނޑީގެ ތަރައްގީއަށާއި، ނަފުސާނީ ދުޅަހެޔޮކަމަށައި އަދި މުޅި އާއިލާގެ އާންމު ސިއްހަތަށް ކުރާ ފައިދާތަކާ މެދު ވާހަކަދައްކައިގެން]ކަމަށެވެ. މި ދިރާސާގައި ބައިވެރިވެވަޑައިނުގަންނަވާ ނަފުސާނީ ޢިލްމުވެރިޔަކު ލަފާދެއްވީ ނިދުމުގެ ފައިދާތަކާ ބެހޭ ލިޔުންތައް ކިޔައި، ކުދީންނަށް އިއްވައި ޕޮޑްކާސްޓްތައް ކުދީންނާ އެކު އަޑުއެހުމަށެވެ.

ކެއުމުގެ ވަގުތުތަކަކީ ފޯނާއި ޓެބުލެޓު ބޭނުންނުކުރާ ވަގުތުތަކަކަށް ހެދުން

މި ދިރާސާއިން އެނގުނު ގޮތުގައި، ކެއުމުގެ ވަގުތުތަކުގައި ކުދީން މިފަދަ ތަކެތީގެ އިސްކިރީނަށް ބަލާ ނަމަ، ނުވަތަ ފޯނުން އަޑުއަހާ ނަމަ، އެ ކުދީން ސައިބަރުގަނާގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑެވެ. މި މައްސަލަ ދިމާވާ ސަބަބަކީ، ކުދީންގެ ދިރިއުޅުމުގައި ހިނގަމުންދާ ކަންކަމާ މެދު މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ވާހަކަދައްކައި އެ މީހުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ނުލިބުންކަމަށް ވެދާނެކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.

ކެއުމުގެ ވަގުތުތަކަކީ [އާއިލާގެ އެންމެންގެ ކަންކަން ހުރިގޮތް ބަލައި، ވާހަކަދައްކައިލުމަށް ލިބޭ ފުރުސަތެއް]ކަމަށް ނަގާޓާ ވިދާޅުވިއެވެ. މި ފުރުޞަތުގެ ބޭނުން ނުކުރެވޭ ނަމަ، ދަރީންނާއި ޢާއިލީ ގުޅުންތައް ބަދަހިވުމަށް ހުރަސްއެޅޭނެއެވެ.

މި ދިރާސާއިން އަދި އެނގުނު ގޮތުގައި، [ކާގަޑީގައި ފޯނާއި ޓެބުލެޓަށް ބަލާ ކުދީންގެ ބަރުދަން އިތުރުވާ މިންވަރު ބޮޑެވެ. އިސްކިރީނު ކުރިމަތީގައި ތިބެގެން ކާއިރު ކުދީންގެ ސަމާލުކަން އެހެން ކަންކަމަށް ގޮސްފައިވާ މިންވަރު ބޮޑުވި ވަރަކަށް، ބަނޑުހައިނުވި ނަމަވެސް އިތުރަށް ކެވުން ނުވަތަ މާގިނައިން ކެވުމުގެ ފުރުސަތު ބޮޑުވާނެ]ކަމަށް ނަގާޓާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި، ކެއުމުގެ ވަގުތުތަކުގައި އެންމެންގެ ފޯނުތައް ބަހައްޓާނެ ޚާއްޞަ ވަކި ތަނެއް ކަނޑައެޅުމަށް ތަޖުރިބާކާރަކު ލަފާދެއްވިއެވެ. އޭގެ ތެރޭގައި އަޅުގަނޑުމެން ފަދަ މައިންބަފައިންވެސް ހިމެނެއެވެ.

ކާގަޑީގައި ފޯނުތައް ބެހެއްޓުމާ މެދު ވާހަކަދައްކާއިރު، އަތުން އަތުލައިގަނެވޭ އެއްޗަކަށް ސަމާލުކަން ނުދިނުމަށް އޭނާ ވިދާޅުވިއެވެ. [ކެއުމުގެ ވަގުތުތަކުގައި ފޯނާއި ޓެބުލެޓު ބޭނުންނުކުރުމަކީ ދޭ އަދަބެއްގެ ގޮތުގައި ކުދީންނަށް ނުދައްކައި، އެއީ އާއިލީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސިފަކޮށްދެވިދާނެއެވެ. އޭރުން ކުދީންގެ އެއްބާރުލުން ލިބޭނެއެވެ.]

ވާހަކަދެއްކުމަށް ބާރުއަޅާ ސުވާލު ކާޑުތައް ބޭނުންކުރުމާއި، އެ މީހަކު ޝުކުރުވެރިވާ ކަންކަން ހިއްސާކުރުމާއި، ދުވަހުގެ އެންމެ ރަނގަޅު އަދި އެންމެ ދެރަވި ކަންކަމާ މެދު ވާހަކަދެއްކުމާއި، ކުޅިވަރު ކުޅުމާއި ނުވަތަ މަޖާ ވާހަކަ ދައްކައިގެން ކެއުމުގެ ވަގުތުތަކަކީ އުފާވެރި ވަގުތުތަކަކަށް ހެދިދާނެވެ.

"ކުދީން ފޯނާ ދިމާއަށް އަތްދިއްކުރަނީ އެ ކުދީންގެ ނަފުސާނީ އެންމެ އަސާސީ ބޭނުންތަކުން ކުރެ ބޭނުމެއް ފުއްދުމަށެވެ. އެއީ ގުޅުން ބަދަހިކުރުމާއި ނުވަތަ ބައިވެރިއަކަށްވުމާއި ނުވަތަ އެ ކުދީންގެ އަގުވަޒަންކޮށް، ސަމާލުކަން ލިބިގަތުމެވެ.] ސީވާލްޑް ވިދާޅުވިއެވެ.

[އަޅުގަނޑުމެންގެ ގޭގޭގައި ގުޅުން ބަދަހިކުރުމާއި، އެކި ކަހަލަ ގޭމުތައް ކުޅުމާއި ހީނ އުފާކޮށް އުޅުމާއި އަދި ވާހަކަދެއްކުމުގެ ތެރެއިން އެ ބޭނުންތައް ފުއްދައިދީފިނަމަ، ކުދީން ފޯނަށް ދޭ ސަމާލުކަން ކުޑަކުރެވިދާނެއެވެ.] ނަމަވެސް މި ކަން އެންމެ ޅަފަތުއްސުރެ އާދަކުރާންވާނެއެވެ.

ކުދީން ނަމޫނާއަކަށް ބަލާނީ އެ ކުދީންގެ މައިންބަފައިން

މި ދިރާސާއިން އެނގުނު ގޮތުގައި، ކުދީން ފޯނާއި ޓެބުލެޓު ބޭނުންކުރުމުގައި މައްސަލަތައް ދިމާވާނެކަން އަންދާޒާކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ މައިންބަފައިން ފޯނު ބޭނުންކުރުމުގައި ހުންނަ ނޭދެވޭ އާދަތަކެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިން ގިނައިން ފޯނު ބޭނުންކުރާ ނަމަ، އަހަރެއްހައި ދުވަސް ފަހުން އެ ކުދީންވެސް ގިނައިން ފޯނު ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެ، އިސްކިރީނަށް ދެވިހިފުމުގެ އަލާމާތްތައް ފެނުމާއި، މައްސަލަތަކާއި ނޭދެވޭ ކަނަކަމަށް މަގުފަހިވާފަދަ ގޮތަކަށް މީސްމީޑިއާ ބޭނުންކުރުމުގެ ފުރުސަތު ބޮޑުވާކަމަށް ނަގާޓާ ވިދާޅުވިއެވެ.

މި ކަން ހައްލުކުރުމަށް ޓަކައި:

ކުރީން އެންގުމަކާ ނުލައި ކުއްލިއަކަށް ވަކި ދުވަހެއްގައި ފޯނު ބޭނުންކުރުމާ ބެހޭ އާ ގަވާއިދުތަކެއް ހިންގާން އުޅުމުގެ ބަދަލުގައި، އެންމެން ހަމަޖެހިގެން، ބަނޑު ފުރިގެން ތިބޭ ވަގުތެއްގައި އާއިލީ ކުޑަ ބައްދަލުވުމެއް ބާއްވާށެވެ!

ފޯނާއި ޓެބު ފަދަ އިސްކިރީނުތަކަކީ "ގޯސް" އެއްޗެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި، ސިއްހަތާއި، އަރާމު ނިންޖާއި، އަދި އާއިލީ ވަގުތުގެ މުހިންމުކަމަށް އަލިއަޅުވައި އެ ކަން ވިސްނައިދޭށެވެ.

[ޓެބު ނުވަތަ ފޯނު މާ ގިނައިން ބޭނުންނުކުރާށޭ، ނުވަތަ ބޭނުންކުރާ ވަގުތު މަދުކުރާށޭ] ބުނުން ފަދަ ސާފުނޫން (ވޭގު) ގަވާއިދުތަކުން މާ ބޮޑު އަސަރެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ފޯނާއި ޓެބު ބޭނުންނުކުރާނެ ވަގުތުތަކާއި ސަރަހައްދުތައް ސާފުކޮށް ކަނޑައަޅާށެވެ!

މިސާލަކަށް:

·    ކެއުމުގެ ވަގުތުތަކުގައި ސުކްރީން ބޭނުންނުކުރުން (ކުދީންނާއި ބޮޑެތި މީހުންވެސް)

·    ނިދުމުގެ 1 ގަޑިއިރު ކުރީން ފެށިގެން އިސްކިރީން ބޭނުންނުކުރުން. އަދި އަރާމު ނިދި ކަށަވަރުކުރުމަށްޓަކައި ރޭގަނޑު ފޯނާއި ޓެބްލެޓް ފަދަ ތަކެތި ކޮޓަރިން ބޭރުގައި ބެހެއްޓުން.

·    ހަވާލުކުރެވޭ ޒިންމާ (ފިލާވަޅު ހެދުން، ގޭގެ މަސައްކަތްތައް، ބޭރަށް ނުކުމެ އުޅެލުން ފަދަ) އަދާކުރުމަށްފަހު ވަކި ވަގުތަކަށް ފޯނު ބޭނުންކުރާން ކަނޑައެޅުން.

މި ފަދަ ގަވާއިދުތަކެއް ހަދައި ތަންފީޒުކުރެވިދާނެއެވެ. ހަނދުމަފުޅުކުރައްވާށެވެ! ގަވާއިދެއް ހައްދަވައިފިއްޔާ އެ ގަވާއިދެއް ތަންފީޒުކުރައްވާންވާނެއެވެ. ކުދީންގެ ރުއިމަކަށް ބޮޑާ ހޭކުމަކަށް އެންމެ ފަހަރަކު ދޫކޮށްލެއްވިޔަސް އެ ގަވާއިދެއް އެ ބޮއްސުންލީއެވެ.

މިކަމުގައި އެކުދީންގެ ބައިވެރިވުން އޮތްކަން އިހުސާސްވާނަމަ، ގަވާއިދުތަކަށް އަމަލުކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ފޯނާއި ޓެބު ބޭނުންކުރާ ވަގުތު އިޚުތިޔާރުކުރުމުގެ ފުރުސަތު އެ ކުދީންނަށް ދޭށެވެ! (މިސާލަކަށް: ފިލާވަޅު ހަދައި ނިމިގެން 45 މިނެޓު ނުވަތަ ރޭގަނޑު ކެއުމުގެ ކުރިން 45 މިނެޓު).

ގޭތެރޭގެ ޙަރަކާތްތަކަށް އިތުރުކުރާނެ، ފޯނު ބޭނުންނުކުރާ އެހެން ހަރަކާތްތައް ނިންމުމުގައި އެ ކުދީންގެ ޚިޔާލު ވެސް ހޯދާށެވެ!

ކޮންމެއަކަސް އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ މިއީ މުޖުތަމަޢުގައި ވަރަށް ބޮޑުވެފައިވާ މައްސަލައަކަށް ވާތީ، މި ކަން ބެލެނިވެރީންގެ ސަމާލުކަމަށް ގެނައުމަށް ޓަކައެވެ. ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް އިޙުތިރާމުކުރައްވައި މައްސަލަ ޙައްލުކުރައްވާނެ ގޮތެއް ކަނޑައެޅުއްވުމަކީ ތިޔަ ބޭފުޅުންގެ ކަމެކެވެ.

ކޮމެންޓު