ad_banner
ވިހި އަހަރު (ފުރަތަމަ ބައި)

އަސްމާ އަބޫބަކުރު

16 އޯގަސްޓް 2026

މިއީ ޖާސޫސީ ވާހަކައެކެވެ. މިވާހަކައިގެ ބައިތައް ގެނެސްދޭނީ ވަކި ސުރުޚީއެއްގެ ދަށުންނެވެ.

ލައިޓްހައުސްގެ ހިޔަނި

ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރެއަށް މުޅި މާހައުލު ޣަރަޤުވެފައި އޮތީ ބިރުވެރި ހިމޭންކަމަކާއެކީގައެވެ. އުޑުމަތި ބޯކޮށްލައިފައި އޮތް ކަޅުކަޅު ވިލާތަކުން ވެހިގަތް ބޯ ވާރޭގެ ތިކިތައް، ބިމުގައި ޖެހެމުންދިޔައީ ކަންފަތަށް އުނދަގޫވާ ފަދަ ތޫނު އަޑަކާއެކީގައެވެ. ރަށުގެ އިރުމަތީ ކޮޅުގައި، ހުރބާވެ، ރޫޅެމުންދިޔަ މުސްކުޅި ލައިޓްހައުސް ހީވަނީ ކަޅު ކަނޑުގެ ތެރެއިން ތެދުވެހުރި ބިޔަ ރޫޙެއް ހެންނެވެ. އެއީ ޒަމާންތަކެއްގެ ކުރީގެ ހަނދާންތަކެއްގެ ހިޔާވެއްސެކެވެ.

މަޝްހޫރު ފޮޓޯގްރާފަރު އަލީ ޝާހިދު ހުރީ އޭނާގެ އަގުބޮޑު ކެމެރާގެ ހިފައިގެންނެވެ.  އޭނާގެ ހިތަކީ އަބަދުވެސް އާދަޔާ ޚިލާފު ސިއްރުވެރި މަންޒަރުތަކަށް ލޯބިކުރާ ހިތެކެވެ. އެ ކެމެރާގައި ރައްކާކުރަނީ ގިނަފަހަރު އާދަޔާޚިލާފް މަންޒަރުތަކެވެ. އެގޮތުން މިރޭ ވެސް ޝާހިދު އުޅެނީ ވިއްސާރައިގެ ރީތި އާދަޔާޚިލާފް މަންޒަރުތަކެއް ރައްކާކުރުމުގައެވެ. ކެމެރާގެ ލެންސް ލައިޓްހައުސްގެ ދުވަސްވީ ދޮރާ ދިމާއަށް އަނބުރާލަމުން، އޭނާ ނޭވާ ހިފަހައްޓާލިއެވެ. ގުގުރީގެ އަޑާއެކު މުޅިތަން އަލިވެގެންދިޔަ ވިދުވަރުގެ ގަދަ އަލިކަމާއެކު ކެމެރާގެ ޝަޓަރުގެ އަޑު މުޅި ސަރަހައްދަށް އަލިވެގެން ދިޔައެވެ. ޝާހިދުގެ ހިތަށް ވެރިވީ ފާޑެއްގެ ފިނިކަމެކެވެ. އޭނާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައީ ކީއްވެގެންކަމެއް އަމިއްލަ ނަފްސަށްވެސް ނޭނގުނެވެ. މާހައުލުގައި ހުރީ ބުނެދޭން ނޭނގޭ ފަދަ ނާމާން ގޮތެކެވެ.

އިތުރު ފޮޓޯތަކެއް ނެގުމަށްފަހު، ޝާހިދު އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ވިއްސާރައިގެ ތެރޭގައި ތެމެމުން، ދުވަމުން ކަހަލަ ގޮތަކަށް އޭނާ އައިސް ގެއަށް ވަދެ، ކޮޓަރީގެ ދޮރު ތަޅުލިއެވެ. ހިތުގެ ހިނގުން ހުރީ އާދައިގެ ވަރަށްވުރެ އަވަސްވެފައެވެ. އޭނާ ކެމެރާ ކޮމްޕިއުޓަރާ ގުޅާލުމަށްފަހު، ނެގި ފޮޓޯތައް ބޮޑު އިސްކިރީނަށް ބަދަލުކޮށްލިއެވެ.

މަންޒަރުތައް ވަރަށް ފުރިހަމައެވެ. ލައިޓްހައުސްގެ ބާވެފައިވާ ފާރުތަކުން ފާޅުވަނީ މާޔޫސްކަމެވެ. ނަމަވެސް، އެންމެ ފަހުން ނެގި ފޮޓޯއަށް އިސްކިރީން ބަދަލުވި ވަގުތު، ޝާހިދުގެ ދެލޯ ބޮޑުވެ، އަތުގައި ހުރި ކޮފީ ޖޯޑު މޭޒުމައްޗަށް ބަންޑުންވިއެވެ.

ލައިޓްހައުސްގެ ކަނު އަނދިރި ފަސްމަންޒަރުގެ ތެރޭގައި، ގަސްތަކުގެ ހިޔނީގެ ތެރެއިން ނިކުމެ ހުރި ސޫރައެއް ފޮޓޯއިން ފާޅުވާން ހުއްޓެވެ. އެއީ އާދައިގެ މީހެއް ނޫނެވެ. އޭނާ ލައިގެން ހުރީ މި ޒަމާނުގެ ހެދުމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރީގެ، ބޯ ފޮތީގެ ބަރު ކޯޓެކެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައިވެސް އެ ސޫރަ ހުރީ ހިތްވަރުގަދަ ކަމާއެކުގައެވެ.

ޝާހިދުގެ އަތް ތުރުތުރު އަޅާންފެށިއެވެ. އޭނާ މައުސް ހިފަހައްޓައި، އެ މީހާގެ މޫނާ ދިމާއަށް ޒޫމް ކުރާން ފެށިއެވެ. ފަންސާސް، ސަތޭކަ، އަދި ތިންސަތޭކަ އަށް ބޮޑުކޮށްލިއެވެ. މަންޒަރު ސާފުވަމުންދިޔަ ވަރަކަށް

ޝާހިދުގެ ނޭވާ ކޮޅަށް ހިނގައްޖެއެވެ. ލަމުންދިޔަ ނޭވާ މޭގައި ތާށިވި ކަހަލައެވެ. ކޮޓަރީގެ ތެރެއިން މުޅި ދުނިޔެ އެނބުރިގަތް ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.

އިސްކިރީނުން ފެންނަން އެހުރީ، މީގެ ވިހި އަހަރު ކުރިން މި ރަށުން ކުއްލިއަކަށް ގެއްލި، މަރުވެފައިވާ ކަމަށް މުޅި ރަށް ނިންމައި، ކަފުންކޮށް ވަޅުލެވުނު ހަނދާންތަކުގެ ވެރިޔާއެވެ. އެއީ އިބްރާހީމް ނަސީމެވެ! އޭނާގެ މޫނުމަތީގައިވަނީ އިންސާނަކަށް ފުން ރިހުމަކާއި ބިރުވެރިކަމެކެވެ. އޭނާގެ ދެލޮލުން ބަލަހައްޓައިގެން އެހުރީ ސީދާ ކެމެރާގެ ލެންސަށެވެ. އެއީ ދިރިހުރި އިންސާނެއްގެ ލޮލެއް ހެއްޔެވެ؟ ނުވަތަ މާޒީގެ ސަހަރާއިން ތެދުވެގެން އައި ހިޔަންޏެއް ހެއްޔެވެ؟

ޝާހިދުގެ ކޮޓަރީގެ ބޮކި ކުއްލިއަކަށް ފަނޑުވެ ދިއްލުނެވެ. އޭނާގެ ފަހަތުން ކޮޓަރީގެ ދޮރުގައި މީހަކު މަޑުމަޑުން ޓަކިޖަހާލި އަޑު އިވުނެވެ. ޝާހިދު ގެންފައިވާ ބިރުގެ ސަބަބުން ކަންނޭގެއެވެ. ދޮރުގައި ޓަކި ދިން އަޑު އޭނާއަށް ހީވީ ހޮނުގުގުރީގެ އަޑުހެންނެވެ. ކުއްލިއަކަށް ސިއްސައިގެން ހިނގައްޖެއެވެ.

ކޮޓަރީގެ ހިމޭން މާހައުލު ފޫއަޅުވާލި އެ މަޑުމަޑު ޓަކީގެ އަޑާއެކު، ޝާހިދުގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ކޮމްޕިއުޓަރު އިސްކިރީނުން ފެންނަން ހުރި އިބްރާހީމް ނަސީމްގެ ބިރުވެރި ދެލޮލާއި، ކޮޓަރީގެ ދޮރުން އިވުނު އަޑު، އޭނާގެ ސިކުނޑީގައި ބިރުވެރިކަމުގެ ސިލްސިލާއެއް އެނބުރިގަތެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތެރެއިން ޖެހިލި ގަދަ ވަޔާއެކު، ކޮޓަރީގެ ކުޑަދޮރު ބާރަށް ޖެހިގަތް އަޑަށް އޭނާ ސިއްސައިގެން ގޮސް މޭގައި އަތްއަޅާލިއެވެ.

ޝާހިދު މަޑުމަޑުން ތެދުވެ، ދޮރާ ދިމާއަށް ފިޔަވަޅު ނަގަން ފެށިއެވެ. އޭނާގެ ފައިތިލަ ހީވަނީ ގަނޑުވެފައިވާ ހެންނެވެ. ދޮރުގެ ތަޅުގައި އަތްލިއިރު، އަތް ތެޅެމުންދިޔައީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. މަޑުމަޑުން ތަޅު އަނބުރާލައި ދޮރު ހުޅުވާލިއެވެ.

ބޭރުގައި ހުރީ އޭނާގެ މުސްކުޅި މަންމައެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރީ ކަންބޮޑުވުމުގެ ކުލަވަރެކެވެ. "ދަރިފުޅާ ކިހިނެއްވީ؟ ކޮޓަރި ތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުނީމާ މަންމަ މިއައީ." މަންމަގެ މަޑުމައިތިރި އަޑުން ޝާހިދުގެ ހާސްކަން ކުޑަކޮށް ފިލައިގެން ދިޔައެވެ. ނަމަވެސް އޭނާގެ ހިތުގެ ތެޅުން އަދިވެސް ހަމައަކަށް ނޭޅެއެވެ. ޝާހިދު ގަދަކަމުން ހިނިތުންވެލަމުން ކޮފީ ޖޯޑު ބަންޑުންވީ ކަމަށް ބުނެ މަންމަ ފޮނުވާލިއެވެ.

ދޮރު ލައްޕައި ތަޅުލުމަށްފަހު، ޝާހިދު އެނބުރި އައިސް ކޮމްޕިއުޓަރު ދޮށުގައި އިށީނދެ، އެ ފޮޓޯއަށް ފުންކޮށް ބަލާލިއެވެ. މީގެ ވިހި އަހަރު ކުރީގެ މާޒީގެ ސަފުހާތައް އޭނާގެ ހަނދާނުގައި އާވާން ފެށިއެވެ.

އޭރު ޝާހިދަކީ ކުޑަކުއްޖެކެވެ. ނަމަވެސް އެ ބިރުވެރި ރޭގެ ހަނދާންތައް މުޅި ރަށުގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދެއެވެ. އެއީ ރަށުގެ ކުލަބު ގުދަން ކައިރިން މީހަކު މަރާލައިފައި އޮއްވާ ފެނުނު ރެއެވެ. މަރުވެފައި އޮތީ ރަށުގެ ނުފޫޒުގަދަ ވިޔަފާރިވެރިއެކެވެ. އެ ހާދިސާ ހިނގި ރޭ، އެ ސަރަހައްދުން އެންމެ ފަހުން ފެނުނީ އިބްރާހީމް ނަސީމެވެ. އޭގެ ފަހުން އޭނާވީ ދިރިހުރި ހަށިގަނޑަކާ ނުލައި ގެއްލިފައެވެ. ފުލުހުންނާއި ރަށު ރައްޔިތުން މުޅި ރަށް ބެލިއެވެ. ފަޅުރަށްތަކާއި ފަރުތައް ފީނިއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވުމުން، އެންމެން ނިންމީ އިބްރާހީމް ނަސީމް ވަނީ ކަނޑަށް ފުންމާލައިގެން ނުވަތަ އެހެން ގޮތަކުން މަރުވެފައި ކަމަށެވެ. އެ މަރުގެ ބޮޑު ތުހުމަތު އެޅުނީ އިބްރާހީމްގެ ބޮލުގައެވެ.

"އެކަމަކު... އޭނާ އެހުރީ ދިރި!" ޝާހިދު އަމިއްލަ ނަފްސަށް ބުނެލިއެވެ. އިބްރާހީމް ނަސީމް މަރުނުވާކަމުގެ ދިރިހުރި ހެކި އޮތީ އޭނާގެ ކުރިމަތީގައެވެ.

ޝާހިދު ފޮޓޯ އިތުރަށް ބޮޑުކޮށް އިބްރާހީމް ހުރި މާހައުލަށް ރީތިކޮށް ބަލަން ފެށިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އިބްރާހީމްގެ ފައިދަށުގައި އޮތް، އާދަޔާ ޚިލާފު ގޮތަކަށް ބައްޓަންވެފައިވާ ދަގަނޑު ބުރިއެކެވެ. އަދި އޭނާގެ ފަހަތުން ފެންނަން ހުރި ދުވަސްވެ ބާވެފައިވާ ރޫޅެމުންދާ ފާރުގެ ބައެކެވެ. އެއީ ލައިޓްހައުސްގެ ފާރެއް ނޫނެވެ. އެއީ ރަށުގެ އެހެން ދިމާއެއްގެ މަންޒަރެކެވެ.

ޝާހިދުގެ ސިކުނޑީގެ ނާރުތަކަށް ބާރުވެގެން ދިޔައެވެ. މި ސިއްރުގެ ފުންކަން އޭނާއަށް އިހުސާސް ކުރެވެން ފެށިއެވެ. ވިހި އަހަރު ވަންދެން މުޅި ރަށަށް އޮޅުވާލައިގެން ފިލައިގެން އުޅޭ މީހެއްގެ ސިއްރު އޮތީ އޭނާގެ އަތުގައެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ ނުރައްކާތެރި ކަމެކެވެ.

އޭނާ ނިންމީ މި ފޮޓޯ ހިފައިގެން މާދަމާ ހެނދުނު ވަގުތުން ފުލުހުންގެ މަރުކަޒަށް ދިއުމަށެވެ. ނަމަވެސް، ޝާހިދަށް ނޭނގޭ ކަމަކީ، އޭނާ އެ ދާން އުޅޭ މަގަކީ އޭނާގެ ދިރިއުޅުން އަނދިރި އަނދަވަޅަކަށް ވައްޓާލާނެ މަގެއް ކަމެވެ. އަދި އޭނާ ހަވާލުކުރާން އެދާ މައްސަލައިގެ އަޑީގައި ހުރީ ކާކުކަން އެނގޭނެ ނަމަ، އޭނާ އެ ފޮޓޯ ވަގުތުން ފޮހެލީހެވެ! ޝާހިދުގެ ހިތުގައި އޮތީ ރަށުން ގެއްލުނު ރަށުގެ ދަރިއެއްކަމަށްވާ އިބްރާހީމް ނަސީމް ދިރިހުރީތީ އެ ވާހަކަ ފުލުހުންނާ ހިއްސާކުރުމެވެ. އެ ޚިޔާލުތަކުގައި އޮއްވައި ޝާހިދަށް ނިދިއްޖެއެވެ.

ފުލުހުންގެ ނިންމުން

ހެނދުނުގެ ރާން ދޯދިތަކުން މުޅި ރަށް އަލިކޮށްލިއެއްކަމަކު، ޝާހިދުގެ ހިތަށް ވެރިވެފައިވާ އަނދިރި ހިޔަންޏަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރޭގެ ނާމާން ފިނިކަން އޭނާގެ ހަށިގަނޑުން ފިލައިގެން ދިޔަ ނަމަވެސް، ސިކުނޑީގައި އެނބުރެމުންދިޔައީ ކޮންޕިއުޓަރު އިސްކިރީނުން ފެނުނު އިބްރާހީމް ނަސީމްގެ އެ ފުން، ބިރުވެރި ދެލޮލެވެ. އޭނާ އަވަސްއަވަހަށް ތައްޔާރުވެލައިގެން، ސިއްރު ފޮޓޯތައް ހިމެނޭ މެމަރީ ކާޑު ޖީބަށްލައިގެން ގެއިން ނިކުތީ ފުލުހުންގެ މަރުކަޒާ ދިމާއަށެވެ. މަގުމަތީން ފެންނަމުންދިޔަ ކޮންމެ މީހެއްގެ މޫނަށް ޝާހިދަށް ބެލެނީ ޝައްކުގެ ނަޒަރަކުންނެވެ. ކޮންމެ ސޫރައަކީ ސިފަބަދަލުކޮށްގެން ހުރި އިބްރާހީމް ބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

ފުލުހުންގެ މަރުކަޒުގެ ފިނި ކޮޓަރިއެއްގެ ތެރޭގައި ޝާހިދު އިނީ އިސް އޮފިސަރުގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަނީ އެ ރަށުގެ ފުލުހުންގެ އެންމެ އިސް، އަދި ރައްޔިތުންގެ މެދުގައި ނުހަނު ޤަދަރާއި އިތުބާރު ހޯދައިފައިވާ ހަރުދަނާ އޮފިސަރު އަމްޖަދެވެ. އޭނާގެ ފާރަވެރި، ތޫނު ދެލޮލުން ޝާހިދަށް ބަލާލަމުން ގޮނޑީގައި އިށީނދެލިއެވެ.

"ޝާހިދު. ކޮންމެސް ވަރަކަށް ހާސްވެފައި ހުރިހެން ހީވޭ. ކޮން ކަމަކާ ގުޅޭ ބޮޑު މައްސަލައެއްތޯ ތި ހުށަހަޅަނީ؟" އަމްޖަދުގެ އަޑުގައި ހުރީ ހައިބަތާއި މަޑުމައިތިރިކަމެވެ.

ޝާހިދު އެއްވެސް ވާހަކައެއް ނުދައްކާ ޖީބުން މެމޮރީ ކާޑު ނަގައި މޭޒުމަތީގައި ބޭއްވިއެވެ. އަދި އަމްޖަދުގެ ލެޕްޓޮޕަށް އެ ކާޑު ލައްވައި، ރޭގައި އޭނާ ޒޫމްކޮށްގެން ބެލި ފޮޓޯ ހުޅުވާލިއެވެ.

"މި ފޮޓޯއަށް ރަނގަޅަށް ބައްލަވާލައްވާ... މިއީ ރޭގަނޑު ލައިޓްހައުސް ކައިރިން އަޅުގަނޑު ނެގި ފޮޓޯއެއް." ޝާހިދުގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.

އަމްޖަދު ކުރިއަށް ޖެހިލައި އިސްކިރީނަށް ނަޒަރު ހުއްޓާލިއެވެ. ފޮޓޯގެ ފަހަތުގައި ހުރި ސޫރަ ބޮޑުވަމުން، އޭނާގެ މޫނު ސާފުވާން ފެށި ވަގުތު، އަމްޖަދުގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެގެންދިޔައެވެ! އޭނާގެ ނޭވާ ކުރުވެ، މޭޒުމަތީގައި އޮތް ގަލަމުގައި ހިފަހައްޓާލެވުނީ ބާރަށެވެ. އެ މޫނުމަތިން ފާޅުވެގެންދިޔައީ ހައިރާންކަމެއް ނޫނެވެ. އެއީ ކުއްލިއަކަށް ހިތަށް ވަން ބިރުވެރިކަމެއްގެ ސިއްރު ކުލަވަރެކެވެ. ނަމަވެސް  ވަރަށް އަވަހަށް އަމްޖަދު އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް، އާދައިގެ ގޮތަކަށް ދެލޯ ހަނިކޮށްލިއެވެ.

"މިއީ... މިއީ އިބްރާހީމް ނަސީމް! މީގެ ވިހި އަހަރު ކުރިން ގެއްލުނު މީހާ." އަމްޖަދު ކިރިޔާ އިވޭވަރަށް ބުނެލިއެވެ. އޭނާގެ ހިތުގެ ފުނުގައި މާޒީގެ ބަރު ހަނދާނެއް ހޭލައިގަތް ކަހަލައެވެ. (ނުނިމޭ)

ކޮމެންޓު