ad_banner
ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު - އީމާންކަން މަތީ ސާބިތުވެ ހުރުމުގެ ރަމްޒު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

14 އޯގަސްޓް 2026

ކީރިތި ޤުރްއާން ގެނެސްދީފައިވާ އަގުހުރި ގިޔަމުތަކުގެ ތެރޭގައި އީމާންކަން މަތީ ސާބިތުވެ ހުރުން ވެއެވެ. މި ގިޔަމުތައް އަޅުގަނޑުމެންގެ ކުރިމަތީގައި ބައްޓަންކޮށްދެއްވައި ހަށިކޮށްދެއްވައިފައިވަނީ މުއުމިނުތަކުންގެ ހިތްތަކަށް ކެތްތެރިކަމާއި ޔަޤީންކަން އިލްހާމުކޮށްދޭ ޙަޤީޤީ ވާހަކަތަކަކުންނެވެ.  ފިރްޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތު މުޒާޙިމަކީ މި ކަމުގައި ލާމަސީލު ނަމޫނާ މިސާލެކެވެ. އެކަމަނާއަކީ އަނިޔާވެރިކަމާއި ޝިރްކުގެ ގަނޑުވަރުތެރޭގައި ﷲއަށް ގިނިކަންޏާ އަޅުކަންކުރެއްވި ކަމަނާއެވެ. އެކަމަނާ ފިރްޢައުނުގެ ބާރާއި ކިބްރުވެރިކަމަށް ހެއްލިވަޑައެއްނުގަންނަވަތެވެ. ފިރްޢައުނުގެ އަނިޔާވެރިކަމުގެ ވަސީލަތްތައް ދެކެ ބިރުފުޅުގެން ވަޑައެއްނުގަންނަވަތެވެ. ފަނާވެދަނިވި އަރާމާއި ނިޢުމަތްތަކުގެ ބަދަލުގައި އެކަމަނާ އިޚްތިޔާރުކުރެއްވީ ﷲގެ އަވަށްޓެރިކަމެވެ. މާތް ﷲ ، އެކަމަނާ ތެދުވެރި އީމާންކަމުގެ  ދެމިހުންނަނިވި މިސާލެއް ކަމުގައި ލެއްވިއެވެ. އެކަމަނާ އަމާންނުދެއްވާ ޙައްޤުގެ މަތީގައި ސާބިތުވެވަޑައިގެން އިންނެވީތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ [1] - އަދި فرعون ގެ އަނބިކަނބަލުންގެ ވާހަކައިން، إيمان ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ.))

މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި އާސިޔަތު ބިންތު މުޒާޙިމު އީމާންކަމުގެ ތަކްލީފުތަކަށް ކެތްތެރިވެވަޑައިގެންނެވިއެވެ. އެކަމުގެ ސަބަބުން އެކަމަނާއަށް ދެއްކި ޢަޒާބުތަކާއި ޖެއްސި ގިލަންތައް ތަޙައްމުލުކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީ ވިދާޅުވިއެވެ. ((كانتِ امرأةُ فرعونَ تُعذَّبُ بالشَّمسِ، فإذا انصرفوا عنها أَظلَّتْها الملائكةُ بأجنحتِها، وكانتْ تَرى بيتَها في الجنَّةِ[2] - ގަދަ އަވީގައި ބަހައްޓައިގެން ފިރްޢައުނުގެ އަނބިކަނބަލުންނަށް ޢަޒާބުދެވުނެވެ. އެބައިމީހުން އެކަމަނާއާ ދުރަށް ހިނގައްޖެނަމަ މަލާއިކަތް ބޭކަލުން އެބޭކަލުންގެ ވަރަފުޅުތަކުން އެކަމަނާއަށް ހިޔާ އަޅުއްވައި ދެއްވައެވެ. އެކަމަނާއަށް ސުވަރުގޭގައި ލައްވައިފައިވާ ގަނޑުވަރު އެކަމަނާއަށް ފެނިވަޑައިގަންނަވައެވެ.))

އާސިޔަތުގެފާނަށް ހަމަ އެންމެ ކަލިމައަކުން އަނިޔާވެރިކަމުން ސަލާމަތްވެވަޑައިގެންނެވެން އޮތެވެ. އެކަމަނާ އިޚްތިޔާރުކުރެއްވީ ކޮން އެއްޗެއް ހެއްޔެވެ؟އެކަމަނާ އިޚްތިޔާރުކުރެއްވީ އެކަމަނާގެ ވެރިރަސްކަލާނގެ ﷲގެ ރުހިވޮޑިގަތުމެވެ. އެކަމަނާ މާތް ﷲ އަށް ދެންނެވިއެވެ. ((رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ[3] - އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! )) އެކަމަނާގެ ދުޢާފުޅަށް ބަލަމާތޯއެވެ! އެކަމަނާ އިސްކަންދެއްވީ ﷲގެ ޙަޟުރަތަށެވެ. ﷲގެ އަވަށްޓެރިކަމަށެވެ. ގެއަކަށް ނޫނެވެ. ސުވަރުގޭގައި ގެއެއް އިބަރަސްކަލާނގެ حضرة ގައި،ބިނާކޮށްދެއްވާނދޭވެ! އެކަމަނާ ބަރުދާސްތުކުރެއްވި ބަލާތަކަށް ޓަކައި ، ޤުރްބާންވެވަޑައިގެންނެވި ޤުރްބާނީތަކަށް ޓަކައި މާތް ﷲ ވަނީ އެކަމަނާގެ އެދުން ފުރިހަމަކޮށްދެއްވައިފައެވެ. އެ ކަމަނާގެ އުންމީދު ޙާޞިލުކޮށްދެއްވައިފައެވެ.

އީމާންކަމަކީ އަނގައިން ބުނެލާ ބަހެއްނޫނެވެ. އެއީ ތަކުލީފުތަކަކާއި އަމާނާތްތަކެއް ހިމެނޭ ކަމެކެވެ. އެއީ ކެތްތެރިކަމާއި ބުރައުފުލުންތައް ތަޙައްމުލުކުރުން އޭގައި ހިމެނޭ އިމްތިޙާނުތަކަކާއި ޖިހާދުތަކެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾‏ وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ [4] - މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ))  އެމީހުން ފިތުނައަށް ހުށައެޅުއްވުމުން އީމާންކަން މަތީ ދެމިތިބެއްޖެނަމަ އެމީހުން މި ފިތުނައިގެ ތެރެއިން ނުކުންނާނީ ޢުންޞުރުތައް ސާފުވެ ހިތްތައް ﷲއަށް ޚާލިޞްކޮށްފައިވާ ޙާލުގައެވެ. ރަން އަލިފާނަށް ލުމުން އޭގެ ރަނގަޅުކަމާއި ނުބައިކަން ފާޅުވެގެންދާ ގޮތަށެވެ.

ފިރްޢައުނުގެ އަނބކަނބަލުން އާސިޔަތު ބިންތު މުޒާޙިމު ﷲ U އަށް އީމާންވެވަޑައިގަތުމުން އެކަމަނާގެ ހިތްޕުޅަށް ނޫރު ވަދެގެން ދިޔައެވެ. އެކަމަނާ ފިރްޢައުނަށް އީމާންކުރުވުމަށް ޓަކައި ފިރްޢައުނު އެކަމަނާއަށް ތަފާތު ބާވަތްބާވަތުގެ ޢަޒާބު ދެއްކިއެވެ. އެކަމަނާ މި ޢަޒާބުތަކަށް ކެތްތެރިވެވަޑައިގަތެވެ. ﷲދެކެ ލޯބިވެވަޑައިގަތެވެ. ﷲއަށް މުނާޖާ ދަންނަވައި ދުޢާކުރެއްވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަމަނާގެ ދުޢާ އިޖާބަކުރެއްވިއެވެ. އެކަމަނާގެ ދުޢާފުޅުގައި އައިސްފައިވެއެވެ. (( رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ[5] - އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެ މީހުންގެ ކިބައިންވެސް މި އަޅާ ސަލާމަތްކޮށްދެއްވާނދޭވެ!)) 

ﷲ ތަޢާލާއަށް އީމާންވެ އަޅުކަންތައް އެކަލާނގެއަށް ޚާލިޞްކުރި އަންހެނުންގެ މަތިވެރި ނަމޫނާތަކެއް ކީޜިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވެއެވެ. އަންހެނާ ރަނގަޅުވެއްޖެ ނަމަ އޭނާގެ ފިރިމީހާގެ ފަސާދައާއި ނުބައި ޢަމަލުގެ ސަބަބުން މި އަންހެނާގެ ރަނގަޅު ޢަމަލު ފާސިދުވެގެން ނުދާނެތެވެ. ހަމަ އެ ފަދައިން އަންހެނާގެ ފިރިމީހާ ޞާލިޙުވުމަކުން އެނާގެ އަންހެނާއަށް މަންފާއެއް ނުކުރާނެތެވެ. އަންހެނާއަކީ ވެސް މަސްއޫލިއްޔަތު އަދާކުރުމުގައި މުސްތަޤިއްލު މިނިވަން މީހެކެވެ. ﷲގެ ޙަޟުރަތުގައި އެއިން އެކަކަށް ވެސް އަނެކާގެ ޢަމަލުތަކަށް ޒިންމާވާކަށް ނުޖެހޭނެއެވެ. ﷲގެ ޝަރުޢުގެ ކުރިމަތީގައި ޤިޔާމަތްދުވަހުން ޖަޒާދެއްވުމުގައި ދެ ޖިންސުގެ މީހުންނަކީ ވެސް ހަމަހަމަ ބައެކެވެ. ކޮންމެ މީހަކަށް ވެސް ޒިންމާވާން ޖެހޭނީ އޭނާގެ ޢަމަލުތަކަށެވެ. އޭނާއާ ސުވާލުކުރެވޭނީ އޭނާގެ ޢަމަލުތަކާ މެދުއެވެ. އެހެން މީހެއްގެ އެއްވެސް ކަމަކާ ސުވާލެއް ނުކުރެވޭނެތެވެ.

އާސިޔަތު ބިންތު މުޒާޙިމަކީ ޖައްބާރު ފިރްޢައުނުގެ އަނބިކަނބަލުންނެވެ. މިޞްރުގެ މަހާރެހެންދިއެވެ. މި ފާސިދު ވެށީގައި،  އަނިޔާވެރިކަމާއި ބިރުދެއްކުމާއި ހެއްލުންތެރިކަމުގެ ވަސީލަތްތަކުގެ މާހައުލުގައި، އާސިޔަތުގެފާނު މި ދެއްކެވި ސާބިތުކަމަކީ އެކަމަށް ﷲގެ ރުއްސެވުން ލިބިވަޑައިގެންނެވި ޞާލިޙު ޢަމަލެކެވެ. އެކަމަނާގެ ރީތިކަމާއި ވެރިކަމުގެ ބާރަށް ހެއްލުންތެރިވެވަޑައެއް ނުގަންނަވަތެވެ. ފަނާވެދަނިވި އަރާމުތަކާ ވަކިވެވަޑައިގަތީ ﷲގެ   ޙަޟުރަތުން އެދިވަޑައިގަންނަވާ ކަންތައްތަކެއް ޙާޞިލުކުރެއްވުމަށް ޓަކައެވެ.

ޢާލަމުތަކުގެ އަންހެނުންގެ ތެރޭގައި އާސިޔަތުގެފާނަށް ލިބިވަޑައިގެންފައިވާ މަތިވެރި ދަރަޖައަކީ އެންމެން އެ ދަރަޖައަށް ހަހުރަވެތި ވާނެ މާތް ދަރަޖައެކެވެ. ބިމުގެ ވެރިއެއްގެ ދަރުބާރުގައެއް ނޫނެވެ. އެހެނަސް އުޑުތަކާއި ބިމުގެ ވެރި ރަސްވަންތަ ރަސްކަލާނގެ ޙަޟުރަތުގައެވެ. ސުވަރުގޭގައެވެ. މަރްޔަމު ބިންތު ޢިމްރާނުގެފާނާއި ޚަދީޖަތު ބިންތު ޚުވައިލިދުގެފާނާއި ފާޠިމަތު ބިންތު މުޙައްމަދު ގެ ނަންފުޅުތަކާއެކު އާސިޔަތުގެފާނު ނަންފުޅު ގަނެވިފައިވެއެވެ. މި މަތިވެރި މަޤާމަށް ވަޑައިގެންނެވުނީ އެކަމަނާގެ ރީތިފުޅު ކަމަކުންނޫނެވެ. އެކަމަނާގެ މުއްސަނދިފުޅު ކަމަކުންނޫނެވެ. އެކަމަނާގެ ބާރުފުޅު ފޯރާ ހިސާބުގައި އޮތް ވެރިކަމުގެ ބާރަކުންނޫނެވެ. އެކަމަކު އެކަމަނާގެ ތެދުވެރި އީމާންކަމާއި ޞާލިޙު ޢަމަލުފުޅުތަކުގެ ސަބަބުންނެވެ. ކީރިތި ރަސޫލާ ޙަދީސްކުރެއްވިއެވެ. (( أفضلُ نِساءِ أهلِ الجنةِ خديجةُ بنتُ خُوَيْلِدٍ، وفاطمةُ بنتُ محمدٍ، ومريمُ بنتُ عِمْرانَ، وآسِيَةُ بنتُ مُزاحِمٍ امرأةُ فِرْعَوْنَ [6]-ސުވަރުގޭގެ އެންމެ މާތް އަންހެނުންނަކީ : ޚަދީޖަތު ބިންތު ޚުވައިލިދާއި ފާޠިމަތު ބިންތު މުޙައްމަދާއި މަރްޔަމު ބިންތު ޢިމްރާނާއި ފިރްޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތު މުޒާޙިމެވެ.))  

ކަލާނގެ ކަމަށް ދަޢުވާކުރަމުން ދިޔަ ނުބައި ނުލަފާ ފިރްޢައުނަށް އެކަމަނާގެ އީމާންކަން އެނގުމުން އެކަމަނާއަށް ޢަޒާބުދިނުމުގައްޔާއި ގޯނާކުރުމުގައްޔާއި ފުރައްސާރަކުރުމުގައި ހުރިހާ ވަގުތެއް ހޭދަކުރިއެވެ. އޭނާގެ އަނބިކަނބަލުން އޭނާއަށް ކާފިރުވީތީ އައި ރުޅި ވަކިން ބޮޑުވިއެވެ. ފިރްޢައުނުގެ ޢަޒާބުތަކަށާއި އަދާތުތަކަށް އެކަމަނާ ކެތްކުރެއްވީ ﷲގެ ވަޖްހުފުޅު އަދައިގެންނެވެ.އެކަމަނާއާ ކުރިމަތިލައްވަންޖެހިވަޑައިގެން އިމްތިޙާނުގައި ފާސްވެވަޑައިގެންނެވުމަށް ޓަކައި ޙިމާޔަތާއި ރައްކައުތެރިކަން ހޯއްދެވީ ﷲގެ ޙަޟުރަތުންނެވެ. މުޖުތަމަޢުގެ ފިއްތުންތަކާއި ގަނޑުވަރުތެރޭގެ ފިއްތުންތަކާއި ފިރްޢައުނުގެ ފިއްތުންތަކާއި ބާނދީންގެ ފިއްތުންތަކާއި ނޯކަރުންގެ ފިއްތުންތަކުން ރައްކައުތެރިވެވަޑައިގަތުމަށް ވާގިވެރިކަން ހޯއްދެވީ މާތް ﷲގެ ދަރުބާރުންނެވެ.

އާސިޔަތުގެފާނު އެކަމަނާގެ އިސްތަށިފުޅު އުޑާ ދިމާއަށް އުފުއްލަވާ އިސްކަންދެއްވީ ﷲގެ އަވަށްޓެރިކަމަށެވެ. މި ފާސިދު އަނިޔާވެރި ޝިރްކުގެ ވެށިގެ މައްޗަށް އިސްކަންދެއްވީ އާޚިރަތްދުވަހެވެ.އެކަމަނާ ދެންނެވިއެވެ. ((رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ[7] - އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عملން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قومގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!))

އާދޭހެވެ! ޝާމިލު  ފުރިހަމަ ދުޢާފުޅެކެވެ. މި ދުޢާފުޅުގައި އެތައް މަޤްޞަދުތަކެއް ހިމެނެއެވެ. ފެށްޓެވީ رب - އަޅުގެ ވެރި ރަސްކަލާކޮ! މި ކަލިމައިންނެވެ. ﷲ ތަޢާލާއަށް ސަނާ ދެންނެވުމުންނެވެ. އެއަށް ފަހު އެ ކަމަނާއަށް ގެއެއް ބިނާކޮށްދެއްވުމަށް އެދިވަޑައިގަތެވެ. މި ގެ ހުންނަންވީ ތަން ބަޔާންކުރެއްވިއެވެ. މި ގޭގެ ސިފަތަކެއް ނުދަންނަވަތެވެ. އިބަރަސްކަލާނގެ ރަސޫލާ މޫސާގެފާނު ނުވަތަ ހާރޫނުގެފާނުގެ އަރިހުގައި ގެއެއް ބިނާކޮށްދެއްވުމަކަށް އެދިވަޑައެއް ނުގަންނަވަތެވެ. އެދިވަޑައިގަތީ ﷲގެ ޙަޟުރަތުގައި މި ގެ ވުމަށެވެ. ސުވަރުގޭގައި ވުމަށެވެ. އެކަމަނާގެ އެންމެ ފަހު އެދިވަޑައިގަތުމަކީ ފިރްޢައުނުގެ ކިބައިން ސަލާމަތްކޮށްދެއްވުމެވެ. ހުރިހައި ބަލާއެއްގެ ސަބަބަކީ އޭނާކަމުގައި ވާތީއެވެ. ފަސާދައިގެ އަސްލަކީ އޭނާކަމުގައި ވާތީއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަމަނާގެ ދުޢާ އިޖާބަކުރައްވައި އެކަމަނާގެ ފުރާނަހިއްޕެވިއެވެ. އެ ކަމަނާއަށް ސުވަރުގޭގައި ﷲގެ ޙަޟުރަތުގައި ގެއެއް ބިނާކޮށްދެއްވިއެވެ. މާތް ﷲ އެ ކަމަނާގެ ނަންފުޅު ވަނީ ﷲގެ ފޮތުގައި ދާއިމަށް ދަމަހައްޓަވައިފައެވެ. ﷲގެ މުއުމިން އަޅުން ޢިބްރަތް ޙާޞިލުކުރުމަށް ޓަކައެވެ.

ފިރްޢައުނުގެ އަނބިކަނބަލުންގެ ނަމޫނާއިން އަޅުގަނޑުމެންނަށް ފެންނަ އެއް މަންޒަރަކީ އަންހެނާއަކީ ގަދަފަދަ ބާރެއްކަމެވެ. އަންހެނާއަކީ ފިރިހެނާއަށް ބަދީލެކެވެ. އެއީ ނިކަމެތި އިންސާނެއްކަމަށް ބުނާ ބުނުމަކީ ތެދު ބަހެއްނޫންކަމެވެ.

 

ލަފުޒެއްގެ މާނަ:

ގިޔަމު      ނ.     ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values


 

މަރުޖާ

[1]  - التحريم : 11

[2]  - أخرجه ابن أبي شيبة (٣٥٨٠١) والبيهقي (١٥٢٠) بلفظه، والطبري (٢٣/ ١١٥

[3]  - التحريم : 11

[4]  - العنكبوت : 2-3

[5]  - التحريم:١١

[6]  - أخرجه أحمد (٢٩٠٣)، والنسائي في ((السنن الكبرى)) (٨٣٥٥)

[7]  - التحريم:١١

ކޮމެންޓު