ad_banner
ޤައުމީ ދުވަސް: ފާހަގަކުރުމުގެ ބޭނުމާއި މަގުސަދު

އަބާ މުޙަންމަދު

14 އޯގަސްޓް 2026

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއައްވަލު މަހު ފުރަތަމަ ދުވަހެވެ. ގައުމީ ދުވަހަކީ ކޮންމެ އުންމަތެއްގެ ވެސް ތާރީޚީ ޞަފުޙާތަކުގެ ތެރެއިން ރަން އަކުރުން ފަވައިލެވިފައިވާ، ފަޚުރުވެރިވި ފުރިހަމަ ޒިކުރާތަކެއް އާކޮށްދޭ ދުވަހެކެވެ. ގައުމީ ގޮތުން ގައުމެއްގައި ފާހަގަކުރާ އެންމެ މުހިންމު މުނާސަބަތެވެ. ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ނިސްބަތްވަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމާއި އަނިޔާވެރިކަމުން އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (ބޮޑުތަކުރުފާނު)އާއި އެ ތަކުރުފާނުގެ ހިތްވަރުގަދަ ބައިވެރީން ދިވެހިފަސްގަނޑު ސަލާމަތްކުރައްވައި، މި ދިވެހި އިސްލާމީ އުންމަތުގެ މިނިވަންކަން އަނބުރައި ހޯއްދަވައިދެއްވުމަށް ޓަކައި ކުރެއްވި މަތިވެރި ޖިހާދަށެވެ. މި ފަދަ ޝަރަފުވެރި ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގައި ފުންމާނަތަކަކާއި މަތިވެރި މަގުސަދުތަކެއް އެކުލެވިގެންވެއެވެ.

ގައުމީ ދުވަހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހަމައެކަނި ދުވަސްކަމަށްވުމުން، ގައުމީ ގޮތުން މި ދުވަހަށް ދެވިފައިވާ ޚާއްޞިއްޔަތު ހާމަވެއެވެ. މިނިވަންދުވަހާއި ރާއްޖެ އިސްލާންވީ ދުވަހާއި ޝަހީދުންގެ ދުވަހާއި ހުރަވީ ދުވަސް ފަދަ ދުވަސްތައް އެއީ ދިވެހީންނަށް ގައުމީ ގޮތުން ކިތަންމެ މުހިންމު ދުވަސްތަކެއްކަމަށް ވިޔަސް އެއިން ދުވަހެއްގެ ވާހަކަ ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން ގައުމީ ދުވަހަށް ދިވެހި ދައުލަތް އިސްކަންދީފައިވާ މިންވަރު ހާމަވެއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވާނީ، އަޅުގަނޑުމެންގެ ކާބަފައިން މި ލޮބުވެތި ދިވެހި ފަސްގަނޑާއި އިސްލާމް ދީނުގެ ޙައްޤުގައި ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ޒިކުރާ އާކުރުމެވެ. ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރީން، ކުޑަކުޑަ އަނގަމަތި އޮޑިއެއްގައި ([ކަޅުއޮއްފުންމީގައި]) ކުރެއްވި ނުރައްކާތެރި ދަތުރުފުޅުތަކާއި، ފުރާނަފުޅަށް ބެއްލެވުމެއްނެތް ގޮތުގައި، ޤައުމުގެ ޙައްޤުގައި، ކުރެއްވި ހިތްވަރުފުޅުގަދަ ހަނގުރާމައަކީ މިއަދުގެ ޖީލުތަކަށް ހުރި އަގުހުރި ދަރުސެކެވެ. އެ ތަކުރުފާނުގެ ހިތްވަރުފުޅުން އިބުރަތް ލިބިގަނެ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ރޫޙު ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައި އާލާކުރުމަކީ މި ދުވަހުގެ އެންމެ މުހިންމު އެއް މަގުސަދެކެވެ.

އޭގެ އިތުރަށް، މި ފަދަ ދުވަހެއް ފާހަގަކުރުމަކީ ޤައުމީ އެއްބައިވަންތަކަމާއި އިސްލާމީ ވަޙުދަތާއި އުޚުއްވަތްތެރިކަން އާލާކޮށްދޭ މުހިންމު ވަސީލަތަކަށްވާނެއެވެ. ވަކިވަކި ސިޔާސީ، ފަރުދީ، އިޖުތިމާޢީ، ފިކުރީ ޚިޔާލުތަކުގެ މައްޗަށް ޤައުމީ ލޯތްބާއި މަސްލަހަތާއި ކަރާމާތް އިސްކުރުމުގެ މުހިންމުކަން މި ދުވަހުން ހަނދާންކޮށްދެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ، ޤައުމީ މަސްލަޙަތު އިސްކޮށް، އެއް އަޒުމެއްގައި ޤައުމު ބިނާކުރުމަށް އަތުގުޅައިލުމުގެ ޖޯޝު އުފެދެނީ މި ފަދަ ޚާއްޞަ މުނާސަބަތުތަކުގެ ތެރެއިންނެވެ.

ހަމައެއާއެކު، އަންނާން އޮތް ޖީލުތަކަށް ޤައުމީ ތާރީޚާއި، ސަގާފަތާއި، އިސްލާމީ ހުވިއްޔަތު ނުވަތަ ވަންތުކަން ފޯރުކޮށްދިނުމަކީ ވެސް މި ދުވަހުގެ މުހިންމު މަގުސަދެކެވެ. ދުނިޔެ ބަދަލުވަމުންދާ މި ޒަމާނުގައި، އަމިއްލަ ޤައުމިއްޔަތާއި ދީނީ ޝިއާރުތަކަށް ހުރަމަތްތެރިކޮށް ހިތުމުގެ އަޚުލާޤު ކުޑަކުދީންނާއި ޒުވާނުންގެ ހިތްތަކުގައި އުފައްދައިދިނުމަކީ، ޤައުމުގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް ޓަކައި ކޮންމެހެން ކުރާންޖެހޭ ކަމެކެވެ.

އާދޭހެވެ! ޤައުމީ ދުވަހަކީ ހަމަ އެކަނި އުފާ ފާޅުކުރުމުގެ މުނާސަބަތެއް ނޫނެވެ. އެއީ ވިސްނައި ފިކުރުކޮށް، ޤައުމީ މަސްއޫލިއްޔަތު އަދާކުރުމުގެ ޢަޒުމް އާކުރާ އަގުހުރި މުނާސަބަތެކެވެ. ކާބަފައިން ހޯދައިދެއްވި މިނިވަންކަމާއި، އިސްލާމީ ހިދާޔަތާއި، ގައުމީ ސިޔާދަތާއި އަމާންކަން މާދަމާގެ ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ދިވެހި ދަރިއަކުވެސް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމަކީ ގައުމީ ދުވަހުގެ ހަޤީޤީ ރޫޙުކަމުގައި ހަދާންވާނެއެވެ.

ތިމާއަކީ ވެސް ޤައުމަށް ލިބޭ ކޮންމެ ޝަރަފަކާއި ފަޚުރެއްގެ ޙިއްސާދާރެއްކަން ހަނދާންނައްތައިލައިގެންނުވާނެއެވެ. ހަމަ މި ފަދައިން ގައުމަށް ލިބޭ ކޮންމެ ދެރައަކާއި ނިކަމެތިކަމެއްގެ ނޭދެވޭ އަސަރު ތިމާއަށް ވެސް ފޯރާނެކަން ތިމާ ދަންނާންޖެހޭނެއެވެ.

އެހެންކަމުން ގައުމާއި ވަޠަނަށް ޓަކައި ކޮންމެ މީހަކު ވެސް އެ މީހެއްގެ މިންވަރުން ޚިދުމަތްކޮށް މި މިނިވަންކަން ދަމަހައްޓާން މަސައްކަތްކުރާންޖެހޭނެއެވެ. މި ކަމަށް ޓަކައި އަޅުގަނޑުމެން ހަނދާންކުރާންޖެހޭ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ މިނިވަންކަމާއި މި ވަޠަނުގެ [މިލްކުވެރިކަން] ޖަހައގަންނާން ލޯއަޅައަޅައި ތިބޭ މީހުން އަޅުގަނޑުމެންގެ ވަސްދުވާ ހިސާބުގައި އެބަ ތިބިކަން އަބަދު ވެސް ހަނދާންކުރާންޖެހޭނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި އުފެދޭ ކުދިކުދި މައްސަލަތައް އެއީ ބޮޑެތި ފަރުބަދަތައްކަމަށް ހަދައި އެ ކަން ޙައްލުކުރުމުގެ ނަމުގައި ބޭރު ކަރަކައިގެ މީހުންގެ އުނގަށް ވެއްޓި އެ މީހުންނަށް އެ ކަންކަމުގެ ތެރެއަށް ވަންނާން ދަޢުވަތުދިނުމަކީ ގައުމާއި ވަޠަނަށް ޓަކައި މަސްލަޙަތު ހުރި ކަމެއް ނޫންކަން ދަންނާންޖެހޭނެއެވެ. މި ފަދަ ކަންކަން ހައްލުކުރުމުގެ ނަމުގައި، ބޭރުގެ އެހީ ހޯދާން ދުވާ މީހުންނަކީ ގައުމުގެ މަސްލަހަތަށް ވުރެ ބޮޑަށް އަމިއްލަ އެދުމަށް ޓަކައި މަސައްކަތްކުރާ މީހުންކަން ދަންނާން އެބަ ޖެހެއެވެ. އެ ފަދަ މީހުންނަށް ގައުމީ ކަންކަން ނިންމުމުގެ ފުރުސަތު ދިނުމާ މެދު، ވިސްނައި ފިކުރުކޮށް ޚަބަރުދާރުވާން އެބަ ޖެހެއެވެ.

ޤައުމީ ތާރީޚާއި، ސަގާފަތާއި، އިސްލާމީ ވަޙުދަތާއި ގައުމީ ހުވިއްޔަތު ނުވަތަ ވަންތުކަމާ މެދު ފަޚުރުވެރިވާ، އަދި މި ކަންކަން ޙިމާޔަތްކުރުމުގެ ޢަޒުމު މިއަދުގެ ޒުވާނުންނާއި ކުޑަކުދީންގެ ހިތްތަކުގައި އާލާކުރުމަށް މަސައްކަތްކުރުމަކީ މި ދުވަސް ފާހަގަކުރުމުގެ މުހިންމު މަގުސަދަކަށް ވާނޭކަން ކަށަވަރެވެ.

 

ދެ ލަފުޒެއްގެ މާނަ:

ވަންތުކަން    ނއނ.         މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ދެނެގަނެވޭނެ ޚާއްސަ ސިފައެއް ލިބިގެންވާކަން. identification

ވަންތު      ނ.           (1) މީހެއްގެ ނުވަތަ އެއްޗެއްގެ ނުވަތަ ތަނެއްގެ ޚާއްސަ ސިފަތަކެއްގެ ޖަމާ. (2) ހުވިއްޔަތު

ކޮމެންޓު