ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (26)

އައްޝައިޚު އިބްރާހީމް އަޙުމަދު

13 އޯގަސްޓް 2026

2026 ޖުލައި 25ގެ ޢަދަދާ ގުޅޭ)

މި ސުވާލަށް ދީނުގެ ބޮޑެތި ޝައިޚުންނާއި ފުންނާބު އުސް ޢިލްމުވެރީން ޖަވާބުދެއްވައިފައި ވެއެވެ. އޭގެ ތެރޭގައި  ބައެއްބޭކަލުންނަކީ ކުރީން ދިޔަ ޤާޢިދާގައި މި ކަމަށް ވާހަކަދައްކައިފައިވާ ބޭކަލުންނެވެ.  އެބޭކަލުންގެ މެދުގައި  އެއްވެސް އިޚުތިލާފެއްނެތި އެއްބަސްވެފައިވަނީ  އެއީ ކަނޑައެޅިގެން ކުފުރުކަމަށެވެ. އަދި ކަނޑައެޅިގެން އަނިޔާކަމަށެވެ.  އަދި ކަނޑައެޅިގެން ހުރި ފިސްޤުކަމަށެވެ. އަދި މިޔަށް ވުރެ ބޮޑު ފާފައެއް ނުވާކަމަށެވެ. އެބައިމީހުންގެ ގާތުން ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރާ މީހަކު އެ ކަމަށް އިންކާރުކޮށް އެ ކަން ނުކުރުމާއި ނުވަތަ އެ ކަން ދޮގުކޮށް އެ ކަން ނުކުރުމާއި އިހާނަތުގެ ގޮތުން އެ ކަން ނުކުރުމާއި އެ ކަން ހުއްދަކޮށްގެން ވަޟުޢީ ޤާނޫނުން އެ ކަން ކުރުމާއި ﷲގެ ޝަރީޢަތުގެ މައްޗަށް އަސަރުފޯރާ ގޮތަށް ހެދުމާ މި ކަންކަން އެއް ފަދަވެގެންނެއްނުވެއެވެ. އަދި ﷲ ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމްކުރުމަކީ ވާޖިބު ކަމެއްކަމުގައި ޤަބޫލުކޮށްގެން އެއީ އެ ކަމުގައި އޮތް އެންމެ މާތް ގޮތްކަން ޤަބޫލުކޮށްގެން އަދި ކުށްތަކަށް ދޭން އޮތް އެންމެ ޙައްޤުކަން ބޮޑު ޢުޤޫބާތަކީ އެއީކަމަށް އިޢުތިރާފުވާ މީހާ އެ ކަން އެ ކުރަނީ އުރެދުމެއްގެ ގޮތުގައި ހަވާނަފުސަށް ތަބާވެގެންކަމަށްވާ ނަމަ، ނުވަތަ އޭނާގެ ބޮޑުން ދެކެ ބިރުން ކުރާ ކަމަކަށްވާ ނަމަ ނުވަތަ މި ފަނަވާވެ ދަނިވި ދުނިޔޭގެ އެދުމަކަށް ކުރާ ކަމަކަށްވާ ނަމަ، ނުވަތަ  މި ނޫން ވެސް މި ފަދަ ކަމެއްގެ ގޮތުގައި ކުރާ ނަމަ އެއީ ހަމަ ބޮޑުވެގެންވާ ކުފުރެވެ.

މި ކަމާ މެދު ވާހަކަދައްކަވަމުން ޠާވޫސް އިބްނު ޢައްބާސްގެ އަރިހުން ރިވާކުރައްވައި، މި އާޔަތުގެ ތަފުސީރުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވެއެވެ. ފަހެ މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ [1]  މާނައީ: "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ كافر ންނެވެ." އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. މިއީ މީސްތަކުން އެ ބުނާ ކާފިރުކަމެއް ނޫނެވެ."

އަދިވެސް ވިދާޅުވެފައި ވެއެވެ. "މިއްލަތް ބަދަލުނުވާ ކުފުރެވެ."

އަދިވެސް ވިދާޅުވެފައި ވެއެވެ. "ކާފިރުވުމެއް ނުވާ ކުފުރެވެ. އަނިޔާވެރިވުންނުވާ އަނިޔާވެރިކަމެވެ. ފާސިޤުވުން ނުވާ ފާސިޤުކަމެވެ."

ޠާވޫސްގެ އަރިހުން ރިވާވެގެން ވެއެވެ. އޭނާ ވިދާޅުވިއެވެ. ތިމަން އިބްނު ޢައްބާސަށް ދެންނެވީމެވެ.  ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރާ މީހަކީ ކާފިރެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭނާ ވަނީ އެ ކަމުގައި ކާފިރުވެފައެވެ. އެކަމަކު އެއީ ﷲއާއި އެކަލާނގެ މަލާއިކަތުންނާއި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި އެކަލާނގެ ފޮނުއްވި ރަސޫލު ބޭކަލުންނަށާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހެއް ފަދަ މީހެއްނޫނެވެ."

ޠާވޫސް ވިދާޅުވިއެވެ. "މިއްލަތް ބަދަލުކޮށް ކުފުރުވުމެއް ނޫނެވެ."

އިބްނު ޠާވޫސް ވިދާޅުވިއެވެ. " ﷲއާއި އެކަލާނގެ މަލާއިކަތުންނާއި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި އެކަލާނގެ ފޮނުއްވި ރަސޫލު ބޭކަލުންނަށް އީމާންނުވާ މީހެއް ފަދަ މީހެއްނޫނެވެ."

ޢަޠާއު ވިދާޅުވިއެވެ. "ކާފިރުވުމޭ ނުބުނެވޭ ކުފުރެވެ. އަދި އަނިޔާވެރިވުމޭ ނުބުނެވޭ އަނިޔާއެވެ. ފާސިޤުކަމޭ ނުބުނެވޭ ފާސިޤުކަމެވެ."

ޢަލީ ބިން އަލްޙުސައިން ވިދާޅުވިއެވެ. "ޝިރުކު ކުރުމާ އެއް ފަދަނުވާ ކާފިރުކަމެވެ. ފާސިޤުކަމާއި އެއް ފަދަނުވާ ފާސިޤުކަމެވެ. އަދި ޝިރުކުކުރުމުން އަނިޔާވެރިވުމާ އެއް ފަދަނުވާ އަނިޔާވެރިކަމެވެ."

އިސްމާޢީލު ބިން ސަޢީދު ވިދާޅުވިއެވެ. އަޙްމަދުގެ އަރިހުން ސުވާލު ކުރެވުނެވެ.  وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ [2]  މާނައީ: "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ كافر ންނެވެ." އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. މިއީ މީސްތަކުން އެ ބުނާ ކާފިރުކަމެއް ނޫނެވެ."

ތިމަން ދެންނެވީމެވެ. މިއީ ކޮންކުފުރެއްތޯއެވެ؟ ވިދާޅުވިއެވެ. "އެއީ މިއްލަތުން ބޭރުނުވާ (ދީނުންބޭރުނުވާ) ކުފުރެވެ."

އަލްއިމާމު އައްޝާޠިބީ ވިދާޅުވިއެވެ. މިއާޔަތް ބާވައިލައްވައިފައިވަނީ ޔަހޫދީންގެ ކަންކަމުގެ މައްޗަށްކަމަށްވިޔަސް މި އާޔަތުން ދަލީލުކުރަނީ އެ ކަންކަމަށެވެ. ފަހެ ހަމަކަށަވަރުން ޢިލްމުވެރީން މި އާޔަތުގެ މާނަ، ކާފިރުން ނޫން މީހުންގެ މައްޗަށް ވެސް އާންމުކުރެއެވެ. އަދި އެބޭކަލުން ވިދާޅުވިއެވެ. "ކާފިރުވުމެއް ނުވާ ކާފިރުކަމެވެ."

އިބްނު ޙަޖަރުލްޢަސްޤަލާނީ ވިދާޅުވިއެވެ. "ހަމަ ކަށަވަރުން މި އާޔަތްތައް ބާވައިލެއްވެވުމުގެ ސަބަބަކީ ފޮތުގެ އަހުލުވެރީން ކަމުގައިވީ ނަމަވެސް އެ އާޔަތްތަކުގައިވާ ކަންތައްތަކުގައި ވަނީ އެ ނޫން ފަރާތްތައް ވެސް ހިމަނުއްވައިފައެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢާގައި ކަނޑައަޅުއްވައިފައިވަނީ އުރެދުމަކަށް އަރައިގަންނަ މީހާއަށް ކާފިރެކޭ ނުބުނެވޭނެކަމަށެވެ. އަދި އަނިޔާވެރިޔެކޭ ވެސް ނުބުނެވޭނެކަމަށެވެ. ސަބަބަކީ އަނިޔާވެރިކަން ބައެއް ފަހަރަށް ޝިރުކުގެ ނަމުގައި ތަފުސީރުކޮށް މާނަކުރެވޭތީއެވެ. ދެން އޮތީ ތިންވަނަ ސިފައެވެ. އެއީ ފާސިޤެކެވެ.

އަލްޢައިނީ ވިދާޅުވިއެވެ. "މިއާޔަތާއި އަދި މިއާޔަތުގެ ފަހުން ބާވައިލެއްވި ދެ އާޔަތް ވެސް ބާވައިލައްވައިފައިވަނީ ކާފިރުންނާ މެދުއެވެ. އަދި ﷲގެ ޙުކުމާ އެއް ގޮތަށް ޙުކުމްނުކުރި ޔަހޫދީންނާ މެދުއެވެ. އިސްލާމުންނަށް މި އާޔަތްތަކުގައިވާ ކަންކަމުން އެއްވެސް ކަމެއް ރައްދުވެގެންނެއްނުވެއެވެ. ސަބަބަކީ މުސްލިމަކު ބޮޑު ފާފައަކަށް އަރައިގަތަސް އޭނާއަކީ ކާފިރެކޭ ނުބުނެވޭނެއެވެ."[3]

އިސްވެދިޔަ ބުނުންތަކުގެ ތެރޭގައި އިބްނުލްޖައުޒީގެ ބަސްފުޅުވެއެވެ. "ހަވާނަފުސަށް ތަބާވެ ދެކޮޅުވެރިވުމެއްނެތި ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރާ މީހާ އަކީ ފަހެ އަނިޔާވެރިއެކެވެ. އަދި ފާސިޤެކެވެ."

އައްޠަޙާވިއްޔާގެ ޝާރިޙް އިބްނު އަބިލްޢިއްޒު ވިދާޅުވެފައި ވެއެވެ. "ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުން ވާޖިބުކަމަށް ޤަބޫލުކޮށް އެ ކަން އެ ގޮތަށް އެނގިފައިވާ މީހާ އަދި އެ ގޮތަށް ޢުޤޫބާތްދިނުން ޙައްޤުކަމަށް އިޢުތިރާފުވުމަށް ފަހު އެހެން ޙުކުމެއް އޭގެ ބަދަލުގައި ގެނެސްގެންފި ނަމަ އެ މީހަކީ އުރެދިފައިވާ މީހެކެވެ. އަދި އޭނާ އެ ވަނީ މަޖާޒީ ކުފުރެއްގައެވެ. ނުވަތަ ކުޑަ ކުފުރެއްގައެވެ."

އައްޝަންޤީޠީގެ ބަސްފުޅުގައި ވަނީ "ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރާ މީހާ އޭނާ ޤަބޫލުކުރަނީ އެ ގޮތަށް އެޢަމަލުކުރުމަކީ ޙަރާމް ކަމެއްކަމުގައެވެ. އެހެންކަމުން އެ ފަދަ ޢަމަލަކީ ހަޑިމުޑުދާރު ޢަމަލެކެވެ. އޭނާގެ ކާފިރުކަމާއި ފާސިޤުކަމަކީ ދީނުން ބޭރުވާނެ ޢަމަލެއްނޫނެވެ."

ޞިއްދީޤު ޙަސަން ޚާން ވިދާޅުވެފައިވެއެވެ. މިއާޔަތުގައިވާ ކުފުރުގެ މުރާދެއްކަމަށް ސަލަފުންގެ ބަސްފުޅުތަކުން ދޭހަވަނީ ކުފުރުގެ ސިފަޖެހިފައިވާ ބޮޑުވެގެންވާ އުރެދުމެއްކަމަށެވެ. އެއީ ކާފިރުވުމެއް ނޫނެވެ. ކާފިރުކަމަކީ އިސްލާމްދީނުން ބޭރުވުމެވެ. އެފަދައިން އޭނާގެ މައްޗަށް ޙުކުމެއް ނުކުރެވޭނެއެވެ. ސަލަފުންގެ ބަހުގައި ވަނީ އެއީ ކުފުރޭ ނުބުނެވޭ ކުފުރެވެ." މި ބަހުގެ މާނައަކީ ކާފިރުކަމާ ގުޅިގެންދާ ފަދަ ބޮޑުފާފައެކެވެ. އެކަމަކު އޭނާ ދީނުން ބޭރެއްނުވާނެއެވެ. އެހެންވީމާ އޭނާ އީމާންކަމުގެ މަތީގައި ނަމެއްގައި ހުންނާނެއެވެ. އެކަމަކު އޭނާގެ އީމާންކަން ވާނީ އުނިވެފައެވެ. މި ކަން ސާބިތުވެއްޖެ ނަމަ  ﷲ ތަޢާލާގެ މި ބަސްފުޅު ތައުވީލު ކުރަންޖެހޭނެއެވެ. ފަހެ އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. فَلَا وَرَبِّكَ لَا يُؤْمِنُونَ [4] މާނައީ:" އެހެންނަކުންނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެން إيمانއެއްނުވާނެތެވެ."  މިބަހުގެ މާނައަކީ ފުރިހަމައަށް އީމާނެއް ނުވާނެތެވެ." [5]

އައްސުޢުދީގެ ބަސްފުޅު ވެސް މިތާގައި އިސްވެ ހިނގައްޖެއެވެ. އެއީ "އެކަން ޙަލާލުކޮށްފި ނަމަ އެއީ ބޮޑުވެގެންވާ އަނިޔާވެރިކަމެކެވެ. އަދި އެ ގޮތަށް އެ ކަން ކޮށްފި ނަމަ އެއީ ކުރުން ޙަލާލު ނޫން ބޮޑުވެގެންވާ ފާފައެކެވެ." އަދި ހަމަ އެފަދައިން އިބްނު ބާޒާއި އަލްބާނީއާއި ޢުޘައިމީނުގެ ބަސްފުޅު ވެސް މި ތާނގައި ބަޔާންވެ ހިނގައްޖެއެވެ.

މި ހުރިހައި ބޭކަލުން ވެސް ވިދާޅުވަނީ ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރާ މީހާ އެ ކަން ނުކުރަނީ ހަވާނަފުސަށް ތަބާވެ އުރެދުމުގެ ގޮތުންނެވެ. ނުވަތަ އަމިއްލައަށް ބޭނުންވެ ނުވަތަ ބިރުވެރި ކަމެއްގެ ތެރޭގައި ދެކޮޅުވެރިކަމާއި އެ ކަން ޙަލާލުކުރުމެއްނެތިކަމަށްވަނީ ނަމަ އޭނާ އެ ކުރަނީ ޙަރާމް ކަމެއްކަމަށެވެ. އަދި އެއީ ބޮޑުވެގެންވާ ފާފައެއްކަމަށެވެ. އޭނާގެ ކާފިރުކަމަކީ އުރެދުމުގެ ކާފިރުކަމެވެ. ނުވަތަ ޢަމަލީ ކުފުރުކަމަށެވެ. އޭނާ އެ ކަމުގެ ސަބަބުން ދީނުން ބޭރެއްނުވެއެވެ."[6]

3- ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރުމަށް ހިނގާންވީ މަގު

އިސްލާމީ ޝަރީޢާއިން މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައި ވާޖިބުކުރައްވައިފައިވަނީ  ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރާންކަމަށްވާ ނަމަ، އެ ކަން ޙަޤީޤަތަކަށް ހެދުމަށް ހިނގާންވީ މަގު އެ އޮތީ ފުރިހަމައަށް ފެންނާށެވެ. އެއީ ﷲ ތަޢާލާ ވަނީ އެ ކަން ކުރާންވީ ގޮތް އެންމެ ފުރިހަމައަށް ބަޔާންކުރައްވައި އެ ގޮތް ލާޒިމުކުރައްވައިފައެވެ. އެހެންވީމާ ދެން އެ ކަން ދޫކުރުމަށް އިންސާނާގެ ކޮށި ވިސްނުމާއި ޢާޠިފީ ކަންކަމަށް ބަލާކަށް ނުޖެހެއެވެ.

ނަބިއްޔާ  އެކަލޭގެފާނުގެ އުންމަތަށް ފާޚާނާކުރުމުގެ އަދަބުތަކާއި ކެއިންބުއިމުގެ އަދަބުތަކާއި ދެމަފިރިން ރޭކުރާނެ ގޮތުގެ އަދަބު އުނގަންނަވައިދެއްވައިފައި ދީނުގެ ފުރިހަމަ މަގަށް ރުޖޫޢަވެ އެކަލާނގެ ޝަރުޢުކުރެއްވި ޙުކުމް އުގަންނަވައިނުދެއްވައި ދޫކޮށްލައްވާނެކަމަކަށް ނުބެލެވެއެވެ. އެއީ އެ ކަން އުނގެނުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ފަހެ އެކަލޭގެފާނު ޙަދީޘް ކުރައްވައިފައި ވެއެވެ. عَنْ أَبِي أُمَامَةَ الْبَاهِلِيِّ ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لتُنْقَضَنَّ عُرَى الْإِسْلَامِ ، عُرْوَةً عُرْوَةً ، فَكُلَّمَا انْتَقَضَتْ عُرْوَةٌ ، تَشَبَّثَ النَّاسُ بِالَّتِي تَلِيهَا ، وَأَوَّلُهُنّ نَقْضًا الْحُكْمُ، وَآخِرُهُنَّ الصَّلَاةُ.[7] މާނައީ:"ކީރިތި ރަސޫލާގެ އަރިހުން އަބީއުމާމަތުލްބާހިލީ ރިވާކުރެއްވިއެވެ. އިސްލާމްދީނުގެ އުޅައްތައް އުޅަކަކުން އުޅަކަކުން އުނިވަމުން ދާނެއެވެ. އުޅަކެއް އުނިވުމުން މީސްތަކުން ދެން އޮންނަ އުޅަކެއްގައި ހިފަހައްޓާނެއެވެ. މި ގޮތަށް އެންމެ ފުރަތަމަ އުނިވާނީ އިސްލާމީ ޝަރީޢާއާ އެއް ގޮތަށް ޙުކުމްކުރުމުގެ ބައެވެ. އެންމެ ފަހުން އުނިވާނީ ނަމާދެވެ." މި ޒަމާނުގައި އިސްލާމީ ޤައުމުތަކަށް ބަލައިލުމުން އިސްލާމީ ޝަރީޢާއަށް ޢަމަލުކުރުމުގެ ބައި އިސްލާމުންގެ ތެރެއިން އުނިވަމުންދާކަން ފާހަގަކުރެވެއެވެ.

(ނުނިމޭ)

 

މަރުޖާ:

[1]  ސޫރަތުލްމާއިދާ 44

[2]  ސޫރަތުލްމާއިދާ 44

[3]  އަލްޢައިނީ، ޢުމްދަތުލްޤާރީ: ޖ2/ޞ129-130

[4]  ސޫރަތުއްނިސާ 65

[5]  އިކްލިލުލްކަރާމާ: ޞ 86

[6]

[7]  އަޙްމަދު ބިން ޙަންބަލު، މުސްނަދު

ކޮމެންޓު