އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 އޯގަސްޓް 2026
އިންސާނީ މުޖުތަމަޢެއްގެ އާރޯކަމާއި އެކުވެރިކަން ބިނާވެގެންވަނީ އެކަކު އަނެކަކުގެ ކާމިޔާބީއާއި ހުނަރަށް އިޙުތިރާމްކޮށް، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީގެންނެވެ. ނަމަވެސް، ހިތާމައަކީ މުޖުތަމަޢުގެ ތެރޭގައި އަނެކާއަށް ލިބޭ ނިޢުމަތްތަކަށާއި، ގާބިލުކަމަށް ހަސަދަވެރިވާ މީހުން އުޅޭކަމެވެ. އެފަދަ މީހުން އަމިއްލައަށް ކުރިއަރައިދިއުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، އިސްކަންދެނީ އަނެކާގެ އަގުވައްޓައިލައި، އެ މީހެއްގެ ޤާބިލުކަމީ ނެތް އެއްޗެއްކަމަށް ދެއްކުމަށެވެ. މި ފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގާ މީހުންގެ ތެރޭގައި ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ މީހުން ވެސް ހިމެނޭކަމީ ހިތާމަހުރި ކަމެކެވެ. މިއީ ނަފުސާނީ، އިޖުތިމާއީ އަދި ދީނީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ ވަރަށް ނުރައްކާތެރި އަމަލެކެވެ.
އަމިއްލައަށް ކުރިއަރައިދާން މަސައްކަތްނުކޮށް، އެހެން މީހުންގެ ހުނަރާއި ގާބިލުކަން ނެތްކަމަށް ވަކާލާތުކޮށް، އަގުވައްޓައިލާން މީހުން މަސައްކަތްކުރާ އަސްލު ސަބަބުތައް ގުޅިފައިވަނީ އެ ފަދަ މީހުންގެ ކިބައިގައިވާ ނަފުސާނީ އަދި އަޚުލާޤީ އުނިކަންކަމާއެވެ. ޢިލްމުވެރީން ފާހަގަކުރައްވާ ގޮތުގައި މި ކަމުގައި މައިގަނޑު ފަސް ސަބަބެއް ވެއެވެ. އެއީ:-
1. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުން: މިފަދަ މީހުންގެ ކިބައިގައި އަމިއްލަ ގާބިލުކަމާ މެދު އޮންނަ އިތުބާރު ވަރަށް ކުޑަވާނެއެވެ. އަނެކާގެ ކާމިޔާބީ ފެނުމުން އަމިއްލަ ނިކަމެތިކަން އިޙުސާސްވެ، އެ ކަން ފޮރުވުމަށްޓަކައި އަނެކާގެ އަގުވައްޓައިލާން މަސައްކަތްކުރެވެނީއެވެ.
2. ކަންނެތްކަމާއި ގަދައަޅައި މަސައްކަތްކުރުމުގެ ހިތްވަރު ނެތުން: ކާމިޔާބީއަކީ ބުރަ މަސައްކަތުން ހާސިލުކުރެވޭ އެއްޗެކެވެ. ނަމަވެސް، އަމިއްލައަށް ގުރުބާނީތަކެއް ވާން ބޭނުންނުވާ މީހާއަށް އޮތް އެންމެ ފަސޭހަ މަގަކީ، ތިމާ ހުރި ހިސާބުގައި ހުރެ އަނެކުން އަގުވައްޓައިލައިގެން ތިރިއަށް ވައްޓައިލުން ކަމުގައި ދެކެވެނީއެވެ.
3. ޙަސަދަވެރިކަމާއި ނަފުރަތު: އަނެކާއަށް ލިބޭ ނިޢުމަތެއްގެ ސަބަބުން ހިތުގައި އުފެދޭ ހަސަދައިގެ ނަތީޖާއަކީ، އެ ނިޢުމަތެއް އަނެކާގެ ކިބައިން ފިލައި ދިއުމަށް އެދެވުމެވެ. މިއީ ތިމާގެ ޒަމީރުގެ މައްޗަށް ޝައިޠާނާ ބާރުފޯރުވާކަމުގެ އަލާމާތެކެވެ.
4. ބާރާއި ނުފޫޒު ދެމެހެއްޓުމުގެ އެދުން: ވަކި މާހައުލެއްގައި ތިމާގެ މަގާމު ނުވަތަ ނުފޫޒު ގެއްލިދާނެކަމުގެ ބިރު ހީވުމުން، ކުރިއަރަމުން އަންނަ ގާބިލު މީހުންގެ އަގުވައްޓައިލައިގެން އެ މީހުންގެ ކުރިއެރުން ހުއްޓުވާން މަސައްކަތްކުރެވެނީއެވެ.
5. ޞައްޙަ ނޫން ތަޞައްވުރެއް ދައްކަން އުޅުން: އަމިއްލައަށް މަތީ މީހެއްގެ ގޮތުގައި ދައްކާން ބޭނުންވިޔަސް، އެ ފަދަ ގާބިލުކަމެއް ނެތުމުން، ވަށައިގެން ތިބި މީހުން ދަށްކޮށްލައިގެން އަމިއްލައަށް [މޮޅު] މީހަކަށްވާން އުޅެވެނީއެވެ.
އަނެކުންގެ އަގުވައްޓައިލާން އުޅޭ މީހާއަށް ދުވަހަކު ވެސް ހަގީގީ ކުރިއެރުމެއް ނުލިބޭނެއެވެ. އަމިއްލަ ވަގުތާއި ހަކަތަ ކުރިއެރުމަށް ހޭދަކުރުމުގެ ބަދަލުގައި، ހުސްކުރާނީ އަނެކުންގެ ނަން ޚަރާބުކުރާނެ ގޮތްތައް ރޭވުމުގައެވެ. ނަތީޖާއެއްގެ ގޮތުން، އަމިއްލަ ހުނަރު ތަރައްގީކުރުމުގެ ފުރުސަތު މުޅީން ގެއްލި، ނަފުސާނީ ނުތަނަވަސްކަމާއި އެކަނިވެރިކަން އެ މީހަކަށް ހާސިލުވެއެވެ. އޭނާ އިސްލާޙުވެ ހެޔޮ މަގަށް އެނބުރި ނައި ނަމަ، ދުނިޔެއިން ވަކިވަންދެން ވެސް އުޅޭންޖެހޭނީ އެ ޙާލެއްގައެވެ.
މިފަދަ ނުބައި އަމަލުތަކުގެ އެންމެ ފަހުގެ ނަތީޖާއަކީ އެ ކަމުގެ ނުބައިކަން އަމިއްލަ ނަފުސަށް ރައްދުވުމެވެ. އަނެކާގެ އަގުވައްޓައިލާން ހަދާ ދޮގުތަކާއި ފިތުނަތައް ފަޅައިއަރާ ހިނދު، މުޅި މުޖުތަމައުގެ ކުރިމަތީގައި ތިމާގެ އަބުރާއި އިއްޒަތް މުޅީން ގެއްލި، [އަގުވެއްޓޭ މީހަކަށް] ތިމާ ވެދެއެވެ. އަދި މުޅި މުޖުތަމައުގެ އެކުވެރިކަން ހަލާކުވެ، ޤާބިލު މީހުންގެ ބޭނުން ފުރިހަމައަށް ހިފުމަށް ހުރަސްއެޅިގެންދެއެވެ.
ދީނީ ނަޒަރަކުން ބަލާ އިރު، ހަސަދަވެރިވުމާއި، އަނެކުންގެ އަބުރާ ބެހުމާއި، ބުހުތާނު ދޮގުހެދުމާއި ޣީބަބުނުމަކީ އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، ވަރަށް ވަރުގަދައަށް ނަހީކުރައްވައިފައިވާ ކަންކަމެވެ. ކީރިތި ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ. [އަލިފާނުން ދަރު އަންދާ ފަދައިން، ހަސަދަވެރިކަމުން މީހާގެ ހެޔޮ ޢަމަލުތައް އަންދައި ހުސްކޮށްލައެވެ.] އަދި އަނެކާގެ އަގުވައްޓައިލި މީހާގެ ހެޔޮކަންކަން އާޚިރަތް ދުވަހުން އަގުވައްޓައިލެވުނު މީހާއަށް ދެވި، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެނަމަ އަނެކާގެ ފާފަތައް އޭނާގެ ބޮލުގައި އެޅި ނަރަކައަށް އެއްލައިލެވޭނެއެވެ.
އެހެންކަމުން، އަނެކާއަށް ލިބިފައިވާ ނިޢުމަތެއް ފެނުމުން ހަސަދަވެރިވުމުގެ ބަދަލުގައި، އެ ފަދަ ހެޔޮ ތައުފީޤަކަށް އެދި އަމިއްލައަށް މަސައްކަތްކުރުމަކީ އިސްލާމީ ރީތި އަޚުލާޤެވެ. އިސްލާމްދީން ބާރުއަޅާ "ޣިބްޠާ" އަކީ މިއީއެވެ. އެއީ އަނެކާއަށް ލިބިފައިވާ ނިޢުމަތް ނެތިދިއުމަށް ނޭދި، ތިމާއަށްވެސް އެފަދަ ކުރިއެރުމެއް ދެއްވުން އެދި ހެޔޮ ގޮތުގައި ވާދަކުރުމެވެ. ތިމާއަށާއި މުޖުތަމަޢަށް އެންމެ ފައިދާހުރި ގޮތަކީ ވެސް މިއީއެވެ.
ޚުލާޞާކޮށް ދަންނަވާ ނަމަ، އެހެން މީހުންގެ އަގުވައްޓައިލާން މަސައްކަތްކުރުމަކީ ކާމިޔާބީއެއް ނޫނެވެ. އެއީ އަމިއްލަ ނިކަމެތިކަމާއި، ކަންނެތްކަމާއި، ނުބައި ނިޔަތް ހާމަވާ ކަމެކެވެ. މުޖުތަމައު ކުރިއަރައިދާނީ އެކަކު އަނެކަކުގެ ހުނަރަށް ސާފު ހިތަކުން ތައުރީފުކޮށް، އަމިއްލަ ގާބިލުކަން އިތުރުކުރުމަށް ޓަކައި ހެޔޮ ގޮތުގައި ގަދައަޅައި މަސައްކަތްކޮށްގެންނެވެ. އަމިއްލަ ކުރިއެރުމަށް ސަމާލުކަންދީ، އަނެކުންގެ ކާމިޔާބީއަށް މަރުޙަބާކިއުމަކީ ނަފުސާނީ ހަމަޖެހުމާއި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީގެ އަސްލެވެ.