ad_banner
ޣައްޒާއާ ބެހޭ ގޮތުން ޓުރަންޕު ހުށަހެޅި 15 ނުކުތާގެ ތަދުބީރަށް އިޒުރޭލުން އިންކާރުކުރުން.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

10 އޯގަސްޓް 2026

ކުރީން ވެސް އަޅުގަނޑުމެންނަށް ލަފާކުރެވުނު ގޮތަށް ޣައްޒާގައި އިޒުރޭލުން ހިނގާ ޢުދުވާނަށް ނިމުމެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ނަތަންޔާހޫއެއް ނުގެންގުޅެއެވެ. ޢުދުވާނު ހިންގުމަކީ، ޚާއްޞަކޮށް ފަލަސްޠީނާ ދެކޮޅަށް ނަސްލުހޭދު ހިންގުމަކީ، އޭނާގެ ވެރިކަން ޙިމާޔަތްކުރުމަށް ތާކައި އޭނާ ކޮންމެހެން ކުރާންޖެހޭކަމެއްކަމަށް އޭނާ ގަބޫލުކުރެއެވެ.

މާ ކުރީން ވެސް ގަބޫލުކުރެވިފައިވާ ގޮތަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕުގެ 'ބޯޑް އޮފް ޕީސް'އިން ޣައްޒާއާ ބެހޭ ގޮތުން އެކުލަވައިލި ތަދުބީރު އިޒުރޭލުން ރައްދުކޮށްފައިވާކަމަށާއި، ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އެ މީހުންގެ ހުރިހައި ހަތިޔާރެއް އެކީއެކަށް ދޫކޮށްލައިފުމަށް ދާންދެން އިޒުރޭލު ސިފައިން އެއްވެސް ވަރަކަށް ފަހަތަށްނުޖައްސާނޭކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ވަނީ ބުނެފައެވެ.

[މި 15 ނުކުތާގެ ލިޔުމަށް އިޒުރޭލުން އިންކާރުކުރަމެވެ.] ވޭތުވެދިޔަ މަހު ޙަމާސްއިން ތާއީދުކުރި ތަދުބީރަށް އިޝާރާތްކޮށް އޭނާގެ ކެބިނެޓު ޖަލްސާއެއްގައި ނަތަންޔާހޫ ވަނީ ބުނެފައެވެ.

[ޙަމާސްއިން ޙަޤީޤީ ގޮތެއްގައި ހަތިޔާރު ނުބަހައްޓަނީސް އެއްވެސް ވަރަކަށް އިޒުރޭލު ސިފައިން ފަހަތަކަށް ނުޖެހޭނެއެވެ... އަދި އަހަރެމެންގެ ސިފައިންނާއި ރައްޔިތުންނަށް އޮތް ނުރައްކާތައް ނައްތައިލުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށްގެންދާނެއެވެ.] އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ [އިޒުރޭލުން މި ގެންދަނީ މި މައްސަލައިގައި އެމެރިކާއާ އެކު މަޝްވަރާކުރަމުން]ކަމަށެވެ.

[އެ މީހުންގެ ޚިޔާލުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އަހަރެމެންނަށް ޤަބޫލުކުރެވޭ ކަންކަމެވެ. އަދި ބައެއް ކަންކަމަކީ ޤަބޫލުނުކުރެވޭ ކަންކަމެވެ. މި ފަދަ ކަންކަމުގައި ސާބިތުވެ ތިބޭން އަހަރެމެންނަށް އެނގެއެވެ.] ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫގެ މި ވާހަކައާ ގުޅިގެން ވައިޓު ހައުސްއިން ނުވަތަ ޙަމާސަކުން ވެސް އަދި މިހައިތަނަކަށް ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

ފާއިތުވި އޮކްޓޫބަރު މަހު ޙަމާސްއާ އެކު [ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް] (ނަމެއްގައި) އާދެވުނު ނަމަވެސް، އިޒުރޭލުން ގެންދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް ނުރައްކާތެރި ޙަމަލާތައްދީ ނަސްލުހޭދު ހިންގަމުންނެވެ.

މި ދިޔަ ޖުލައި 30ގައި ޓުރަންޕު އިޢުލާނުކުރީ އޭނާ ބުނާ ގޮތުން [ތާރީޚީ] އެއްބަސްވުމެއްގެ ވާހަކައެވެ. އޭގެ ތެރޭގައި [ޙަމާސާއި ޣައްޒާގައިވާ ހަތިޔާރުއެޅި އެހެނިހެން ޖަމާޢަތްތަކުން ފުރިހަމައަށް ހަތިޔާރު ބެހެއްޓުން] ހިމެނެއެވެ. އޭނާ މި ކަން ސިފަކުރީ [ދާއިމީ ޞުލްޙައާއި ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއް]ގެ ގޮތުގައެވެ.

ނަމަވެސް ފާއިތުވި ހަފުތާގައި، އެމެރިކާއިން އިސްނަގައިގެން އުފައްދާފައިވާ 'ބޯޑް އޮފް ޕީސް' އިން ބުނީ އިޒުރޭލު ސިފައިން ޣައްޒާއިން ފައިބާނީ ޙަމާސްއިން ފުރިހަމައަށް ހަތިޔާރު ބަހައްޓައި ނިމުމުންކަމަށެވެ. މިއީ އެ ބޯޑުގެ ޑައިރެކްޓަރު ނިކޮލައިރްލަދެނޯވް، ނަތަންޔާހޫއާ ބައްދަލުކުރުމަށްފަހު ނިންމި ނިންމުމެއްކަމަށް ވެއެވެ.

އާދީއްތަ ދުވަހު ކެބިނެޓުގައި ވާހަކަދައްކަމުން ނަތަންޔާހޫ ވައުދުވީ [އަހަރެން ބޮޑުވަޒީރުކަމުގައި ހުރިހައި ހިނދަކު ފަލަސްތީނުގެ ދައުލަތެއް ނުއުފެދޭނެ]ކަމަށެވެ. އަދި އެމެރިކާއިން ތާއީދުކުރާ ތަދުބީރަށް އިޒުރޭލަކުން އަމަލެއްނުކުރާނެކަން އޭނާ ފާހަގަކުރިއެވެ.

އިޒުރޭލުން އެދެނީ [ގޮތްދެއްކުމުގެ ގޮތުން ހަތިޔާރު ބެހެއްޓުމެއް ނޫނެވެ.] ޙަޤީޤީ [ހަތިޔާރު ބެހެއްޓުން]ކަމަށް އިޒުރޭލުން މާނަކުރަނީ އެންމެ އާދައިގެ ކުދިކުދި ހަތިޔާރު ވެސް ހިމެނޭ ގޮތަށް ހުރިހައި ހަތިޔާރެއް ނައްތައިލުން ކަމަށް ނަތަންޔާހޫ ބުންޏެވެ.

ފަނަރަ ނުކުތާގެ ތަދުބީރުގައި އެންމެ ފުރަތަމަ އިސްކަންދޭން ހުށަހަޅައިފައިވަނީ ޙަމާސްގެ ބަރުހަތިޔާރާއި، ޢަސްކަރީ ސާމާނު އުފައްދާ ތަންތަނާއި، ހަތިޔާރު ގުދަންތަކާއި، އެ ޖަމާޢަތުގެ މުޅި ވިއުގަ ނައްތައިލުމަށެވެ.

ޣައްޒާ ސިޓީން ރިޕޯޓުކުރަމުން އަލްޖަޒީރާގެ ހާނީ މަޙްމޫދު ބުނެފައިވަނީ ނަތަންޔާހޫގެ މި ބަޔާނުގެ ސަބަބުން، ޙަމަލާތައް ހުއްޓައިލުމުގެ މާގައާ މެދު ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކުގައި [ސީރިއަސް ސުވާލުތަކެއް] އުފެދިފައިވާ ކަމަށެވެ.

[މި އިންކާރުގެ ސަބަބުން، ކަންކަން ތަރުތީބުވެގެންދާނެ ގޮތާއި އަޅާނެ ފިޔަވަޅުތަކާ މެދު ސުވާލު އުފެދެއެވެ.] މަޙްމޫދު ބުނެފައިވެއެވެ.

އިޒުރޭލުން ހިސާރުކޮށް އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ [ބައިތުލަޙަމް]ގައި ހުރެ އަލްޖަޒީރާގެ ނޫރު އޫދާ ބުނީ ނަތަންޔާހޫ ހުށަހެޅީ ޝަރުތުތަކަކީ "ބޯޑް އޮފް ޕީސްއާއި ޙަމާސްގެ ހަތިޔާރު ބެހެއްޓުމުގެ މަސައްކަތުގައި އެތައް މަސްތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ އެ ކަމުގެ މެދުވެރީންނަށް ކުރިމަތިވި ވަރަށް ބޮޑު ހުރަހަކަށް]ވާނެ ކަމެއްކަމަށެވެ.

މި ބުނާ ސުލްހައިގެ މަގުޗާޓުގައިވާ ގޮތުން އެންމެ ފަހުން ޣައްޒާގެ އިދާރިއްޔަތު ހަވާލުކުރެވޭނީ 'ބޯޑް އޮފް ޕީސް'ގެ ބެލުމުގެ ދަށުން ހިނގާ ފަލަސްތީނުގެ މިނިވަން ކޮމިޓީއަކާއެވެ.

ނަމަވެސް ޓުރަންޕު އުފެއްދެވި މި ބޯޑަށް އިޒުރޭލުގެ ތާއީދާ ނުލައި ކުރިއަށްދިއުމުގެ އޮތީ ވަރަށް ކުޑަ ގާބިލުކަމެކެވެ.] އޫދާ ބުނެފައި ވެއެވެ.

[ނަތަންޔާހޫ މި ވަނީ އަލުން ވަރުގަދައަށް ހަނގުރާމަ ފެށުމުގެ ބަޓަނަށް އަލުން ފިތައިލައިފައެވެ.] އޭނާ ބުބެފައި ވެއެވެ.

ފާއިތުވި އޮކްޓޫބަރު މަހު ޙަމާސާއި އިޒުރޭލާ ދެމެދު [ޙަމަލާތައް ހުއްޓައިލާން] އެއްބަސްވި ފަހުން ވެސް، އިޒުރޭލު ސިފައިން ގެންދަނީ ޣައްޒާއަށް ބޮންއަޅައި ސަތޭކައިން ޢަދަދުކުރެވޭ ވަރަށް މީހުން މަރަމުންކަމަށްވާތީ، އިޒުރޭލުން މި އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތާނެކަމާ މެދު މާހިރުން ގެންދަނީ ޝައްކުއުފައްދަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މެދުތެރޭގައި (ނަމެއްގައި) [ޙަމަލާތައް ހުއްޓައިލި] ފަހުން ވެސް، އިޒުރޭލުން ހިންގި ޢުދުވާނުތަކުގައި މަދުވެގެން 1,250 މީހުން މަރުވެ، 4,120 މީހުން ޒަޚަމްވެފައިވެއެވެ. އަދި ވީރާނާވެފައިވާ އިމާރާތްތަކުގެ ގާތަކުގެ ދަށުން 800 އަށް ވުރެ ގިނަ ހަށިގަނޑު ފެނިފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާއިން މަރުވި މީހުންގެ ޖުމްލަ ޢަދަދު މަދުވެގެން 73,300އަށް އަރައިފައިވެއެވެ. އަދި 174,000 މީހުން ވަނީ ޒަޚަމްވެފައެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހިސާރުކުރުން       މ.     ބަޔަކު ތަނަކަށް ވަނަނުދީ ނުކުތަނުދީ ބަންދުކުރުން

ނަސްލުހޭދު        ނ.     އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.  genocide

އިސްތިއުމާރުކުރުން   މ.     މިނިވަން ޤައުމެއް އަސްކަރީ ނުވަތަ ސިޔާސީ ނުވަތަ އިޤުތިޞާދީ ގޮތުން އަޅުވެތިކުރުން.

މަގުޗާޓު          ނ.     ވަކި މުއްދަތެއްގެ ތެރޭގައި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައި ތަންފީޒުކުރުމަށް ރާވާ އިސްތިރާޖީ ފިޔަވަޅުތަކެއް.  roadmap

ތަދުބީރު          ނ.     ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. plan

ކޮމެންޓު