ad_banner
ރަޙުމަތާއި އޯގާވެރިކަން - އިސްލާމްދީނުގެ މީޒާއެއް (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

10 އޯގަސްޓް 2026

(2026 އޮގަސްޓު 03ގެ އަދަދާ ގުޅޭ)

ނިކަމެތީންނަށް އަޅައިލުމަކީ އޯގާވެރިކަން ފާޅުވާ ކަމެއް

ނިކަމެތީންނަކީ ފަޤީރުންނާއި ޔަތީމުންނާއި މުސްކުޅީންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ފަސޭހަވުމެއްނެތް ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނެވެ. މި ގިންތިތަކުގެ މީހުންނަށް އެހީވުމާއި އަޅައިލުމާއި އޯގާވެރިވުމަކީ މުޖުތަމަޢުގެ ޙަޟާރަތާއި އަޚުލާޤުގެ މަތިވެރިކަމުގެ ތަރާދެކެވެ. މި ފަދަ މުޖުތަމަޢުތަކުގައި ފަޤީރުން އުޅޭނީ މުއްސަނދީންގެ ޒިންމާގެ މަތީގައެވެ. ނިކަމެތީން އުޅޭނީ ބާރުވެރި މީހުންގެ ހިޔާވަހިކަމުގައެވެ. ބަލިމީހާ އުޅޭނީ ޞިއްޙަތާއި ޢާފިޔަތުގެ ވެރީންގެ އަޅައިލުމުގެ ތެރޭގައެވެ. ފަޤީރުންނާ ދިމާއަށް އަތްތައް ދިއްކޮށްލެވޭ، ޔަތީމުކުދީންގެ ކަރުނަތައް ފުހެލައިދެވޭ، ބޮޑެތިމީހުންނަށާއި މުސްކުޅީންނަށް އިޙްތިރާމުކުރެވޭ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އުނގަށްލައިދޭ މުޖުތަމަޢަކީ އީމާންކަމުގެ މާނަތައް އެތަނަކުން ފެންނަ މުޖުތަމަޢަކެވެ. އަޚުލާޤުގެ މޮޅު މަޢުދަންތައް ބަބުޅާ ވެށްޓެކެވެ. މި ގިންތިތަކަށް އިޙްސާންތެރިވުމަކީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވަނިވި ހެޔޮ ޢަމަލެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ -[1]   ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ!  )) ނަބަވީ އިރްޝާދުގައި މި މާނަ ވަރަށް ރިވެތި ކުރެހުމަކުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ޔަތީމުކުއްޖަކު ބެލުމުގެ މުހިންމުކަން ބަޔާންކުރައްވައި ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ.((كَافِلُ الْيَتِيمِ لَهُ أَوْ لِغَيْرِهِ أَنَا وَهُوَ كَهَاتَيْنِ فِي الْجَنَّةِ  وَأَشَارَ مَالِكٌ بِالسَّبَّابَةِ وَالْوُسْطَى [2] - އޭނާގެ ޔަތީމުކުއްޖަކު ނުވަތަ އެހެން މީހެއްގެ ޔަތީމުކުއްޖަކު ބެލި މީހާ ސުވަރުގޭގައި ތިމަންކަލޭގެފާނާ އެކުގައި ވާނީ މި ދެ އިނގިލިފުޅު ފަދައިންނެވެ. މާލިކުގެފާނު ބޮޑުވާއިނގިލިފުޅަށާއި ޝަހާދަތްއިނގިލިފުޅަށް އިޝާރަތްކުރެއްވިއެވެ.))

ކުޑަކުދީންނަށް އަޅައިލުމުގައި އިސްލާމީ ތަޝްރީޢު

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((إِنِّي لَأَقُومُ إِلَى الصَّلاَةِ وَأَنَا أُرِيدُ أَنْ أُطَوِّلَ فِيهَا، فَأَسْمَعُ بُكَاءَ الصَّبِيِّ، فَأَتَجَوَّزُ فِي صَلاَتِي كَرَاهِيَةَ أَنْ أَشُقَّ عَلَى أُمِّهِ [3] -ތިމަންކަލޭގެފާނު ނަމާދުފުޅުކުރައްވާން ތެދުވެވަޑައިގެން ނަމާދުފުޅު ދިގުކޮށްކުރައްވާން ގަސްތުކުރައްވަމެވެ. އެހެނަސް ކުޑަކުއްޖަކު ރޯ އަޑު އިވިވަޑައިގަތުމުން އެ ކުއްޖާގެ މަންމައަށް ބުރަކަމަކަށް ވެދާނެތީ ކުރުކުރައްވަމެވެ.))  

މާތް ﷲ ރުއްސުންލެއްވި އަބޫ ބަކްރަތުގެފާނު  ވިދާޅުވިއެވެ. ((سَمِعْتُ النَّبِيَّ، عَلَى المِنْبَرِ وَالحَسَنُ إِلَى جَنْبِهِ، يَنْظُرُ إِلَى النَّاسِ مَرَّةً وَإِلَيْهِ مَرَّةً [4]-  ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މިންބަރުކޮޅު މަތީގައި ޚުޠުބާ ދެއްވި އަޑު އަހުރެން އެހީމެވެ. އެކަލޭގެފާނުގެ އެއްފަރާތްޕުޅުގައި ޙަސަނުގެފާނު ހުންނެވިއެވެ. އެކަލޭގެފާނު އެއްފަހަރު މީސްތަކުންނަށް އަނެއްފަހަރު ޙަސަނުގެފާނަށް ބައްލަވަމުން ގެންދެވިއެވެ.))

މާތް ﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުފާނު ވިދާޅުވިއެވެ. ((ما رَأَيْتُ أَحَدًا كانَ أَرْحَمَ بالعِيالِ مِن رَسولِ اللهِ [5]- ރަސޫލުﷲ r އަށް ވުރެ ކުޑަކުދީންނަށް އޯގާވެރި ބޭކަލަކު އަހުރެން ނުދެކެމެވެ.))

މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނުލް ޙާރިޘު ވިދާޅުވިއެވެ. ((ރަސޫލާ صلى الله عليه وسلم  ޢަބްދުﷲއާއި ޢުބައިދުﷲ ފަދަ ޢައްބާސުގެފާނުގެ ބޭފުޅުންތައް ސަފަކަށް އަތުރުއްވާ ދުވުމުގެ މުބާރާތް  ބާއްވަވައެވެ. މޮޅުވި ކުއްޖަކަށް މިވެނި އެވެނި އެއްޗެއް ދެއްވާނަމޭ ވިދާޅުވެއެވެ. އެ ބޭފުޅުން ރޭސްޖައްސަވައި އެކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވައެވެ. ބައެއްބޭފުޅުން އެކަލޭގެފާނުގެ ބުރަކަށިފުޅު މައްޗަށް އަނެއްބައި ބޭފުޅުން މޭފުޅުމައްޗަށް ވެއްޓިވަޑައިގަންނައެވެ. އެ ހިނދު އެ ބޭބޭފުޅުންނަށް ދޮންދެއްވައި އެބޭބޭފުޅުންނާއެކު ވަޑައިގަންނަވައެވެ. [6]))

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ((އެއްދުވަހަކު އަލްއަޤްރަޢު ބުނު ޙާބިސުއްތަމީމީ ރަސޫލާ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِގެ އަރިހުގައި އިންނަވަނިކޮށް އަލްޙަސަން ބުނު ޢަލީގެފާނަށް ދޮނެއް ދެއްވިއެވެ. ފަހެ އަލްއަޤްރަޢު ދެންނެވިއެވެ. އަޅުގަނޑުގެ ދިހަ ދަރީން ތިބެއެވެ. ދުވަހަކު ވެސް އެއިން ކުއްޖަކަށް ދޮނެއްނުދެމެވެ. އެ ހިނދު ރަސޫލާ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އޭނާއަށް ބައްލަވައިލައްވައިފައި ޙަދީސްކުރެއްވިއެވެ. مَنْ لاَ يَرْحَمُ لاَ يُرْحَمُ - ރަޙުމުނުކުރާ މީހަކަށް ރަޙުމެއްނުކުރައްވާނެތެވެ.))[7]

މާލީ މުޢާމަލާތުތަކުގައި އޯގާވެރިކަން

މުދަލުގެ ޝަހުވަތްތެރިކަމުގެ ތެރޭގައި ބައެއް މީހުން މުދާ ހޯދުމުގައި މަކަރާއި ޙީލަތާ ދިމާއަށް ދުއްވައިގަނެއެވެ. އެ މީހުންގެ ހިތްހަރުވެގެންދެއެވެ. އޯގާވެރިކަމުގެ މާނަތައް އޮއްސިގެންދެއެވެ. ޙައްޤުތަކަށް ރިޢާޔަތެއްނުކުރެތެވެ. ޒިންމާއެއް ނޫފުއްލަތެވެ. އިސްލާމްދީން އައީ އިންސާނާގެ މި ޠަބީޢަތް ތަހުޒީބުކުރާށެވެ. ދުނިޔަވީ ޙަޔާތުގެ މައިދާންތަކުގައި އޯގާވެރިކަމުގެ ޚުލުޤު އިންދައި ހައްދާށެވެ. މުޢާމަލާތުގެ އެންމެ ކުދިކުދި ކަންތައްތަކުގައި ވެސް އިސްލާމްދީން ގޮވައިލަނީ ލުއިފަސޭހަކޮށްދިނުމަށެވެ. މަޑުމައިތިރިކަމާއި ކެތްތެރިކަމާ އެކު މުޢާމަލާތުތައްކުރުމަށެވެ. އޮޅުވައިލުމާ ދުރހެލިވުމަށެވެ. رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. ((رَحِمَ اللَّهُ عَبْدًا سَمْحًا إِذَا بَاعَ، سَمْحًا إِذَا اشْتَرَى، سَمْحًا إِذَا اقْتَضَى[8] - ގަނެ ވިއްކުމުގެ މުޢާމަލާތުގައްޔާއި ދަރަނި އަދާކުރުމުގެ މުޢާމަލާތުގައި  ލުއިފަސޭހަކޮށްދޭ މީހާއަށް މާތް ﷲ ރަޙްމަތް ލައްވާނެއެވެ.))

މާތް ﷲ ރުއްސުންލެއްވި ޢުޘްމާނު ބުނު ޢައްފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((أَدْخَلَ اللَّهُ الْجَنَّةَ رَجُلًا كَانَ سَهْلًا مُشْتَرِيًا وَبَائِعًا وَقَاضِيًا وَمُقْتَضِيًا[9] - ލުއިފަސޭހަކަމާއެކު ވިއްކާ އުޅުނު މީހާއާއި ގަނެއުޅުނު މީހާއާއި ދަރަނި ދީ އުޅުނު މީހާއާއި ދަރަނި އަދާކުރި މީހާ މާތް ﷲ ސުވަރުގެ ވައްދަވާނެއެވެ.))  ކައު ރަސޫލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((إِنَّ التُّجَّارَ يُبْعَثُونَ يَوْمَ القِيَامَةِ فُجَّارًا، إِلَّا مَنْ اتَّقَى اللَّهَ، وَبَرَّ، وَصَدَقَ [10] - ހަމަކަށަވަރުން ޤިޔާމަތްދުވަހުން ވިޔަފާރިވެރިން ދިރުއްވާނީ ފާޖިރުންގެ ގޮތުގައެވެ.މާތް ﷲއަށް ތަޤްވާވެރިވެ ހެޔޮކޮށް ހިތައި ތެދުވެރިވި މީހާ މެނުވީއެވެ.))

ޙައިވާނުންނަށް އޯގާވެރިވުން

ރަނގަޅު މުއުމިނަކީ އޭނާގެ މުޅި ޙަޔާތުގައި އޯގާވެރި ރަޙުމުވެރި މީހެކެވެ. އޭނާގެ ވަށައިގެންވާ އިންސާނުންނަށާއި ޙައިވާނުންނަށް އޭނާ އޯގާވެރިވާނެއެވެ. އީމާންކަމުން ފުރިފައިވާ ހިތަކީ ނިކަމެތި މަޚުލޫޤުންނަށް އަޅައިލާ މީހެކެވެ. އޭނާގެ ނަފުސު ޙިމާޔަތްކުރުމުގެ ބާރު ލިބިފައިނުވާ ކޮންމެ އެއްޗަކަށް މުއުމިނުން އޯގާވެރިވާން ޖެހޭނެއެވެ. އެއް ދުވަހަކު މީހަކު ކަންބަޅިއެއް ކަތިލާ ތަން ރަސޫލާއަށް ފެނިވަޑައިގެން އޭއްޗަށް އޯގާވެރިވުމަށް ޙަދީސްކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((وَالشَّاةُ فَإِنْ تَرْحَمْهَا يَرْحَمْكَ اللهُ [11]–އަދި ތިބާ ކަންބަޅިއަށް އޯގާވެރިވާ ނަމަ މާތްﷲ ތިބާއަށް އޯގާވެރިވެވޮޑިގަންނަވާނެއެވެ.))

ރަސޫލާ rގެ މި ބަސްފުޅަކީ މަތިވެރި ފިލާވަޅެކެވެ. މި ބަސްފުޅުން އެނގެނީ އޯގާވެރިކަމަކީ ޝާމިލު ޚުލުޤެއްކަމެވެ. ކުރާ ކޮންމެ ކަމެއްގައި އިޙުސާންތެރިވާން ޖެހޭނެއެވެ.   

މުޖުތަމަޢުގައި އޯގާވެރިކަން ހަރުދަނާކުރެވިދާނެ ބައެއް ވަސީލަތްތައް

1.     އެހެން މީހުންގެ ވޭންތަކާއި ކެކުޅުންތައް ދެނެގަތުން.

2.     އެހެން މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް އަވަސްވެގަތުން.

3.     ގޭތެރޭގައްޔާއި މަސައްކަތުގެ މާޙައުލުގައްޔާއި މަގުމަތީގައި އޯގާވެރިކަމާއެކު މުޢާމަލާތުކުރުމަށް ކަށަވެތިވުން.

4.     ކުޑަ މިންވަރަކުން ވިޔަސް ޞަދަޤާތްކުރުމަށާއި ހޭދަކުރުމަށް ނަފުސު އާދަކޮށްދިނުން އެހެން މީހުންނަށް އެއްޗެހި ދިނުމަކީ އޯގާވެރިކަން އަށަގަންނުވާނެ ކަމެކެވެ. އަދި އެއީ އަމިއްލައެދުމުން ހިތް ސާފުކޮށްދޭނެ ކަމެކެވެ.

5.     ބަހުންނާއި ޢަމަލުން އެހެން މީހުންނަށް ގޯނާކުރުން ހުއްޓައިލުން. މިއީ ފުރައްސާރަކުރުމާއި ހަޖޫޖެހުމާއި މަލާމާތްކުރުން ފަދަ އިޖުތިމާޢީ ބަލިތަކުން ރައްކައުތެރިކޮށްދޭނެ ކަމެކެވެ.

6.     މާފުކުރުމާއި ތަސާމުޙުގެ ޚުލުޤުން ހަރުދަނާވެގަތުމާއި އެހެން މީހުންގެ ކުށް ހޯދައި ފަޟީޙަތްކުރާން ނޫޅުން.

7.     ރަޙިމުގެ ގުޅުން ވާޞިލުކުރުމާއި އަވަށްޓެރިޔާއަށް އިޙުސާންތެރިވުމާއި އެ މީހުންގެ އުފަލާއި ހިތާމައިގައި ބައިވެރިވުން.

8.     ފަޤީރުންނަށާއި ޔަތީމުންނަށާއި ޢުމުރުން ދުވަސްވީ މީހުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންފަދަ ނިކަމެތީންނަށް އަޅައިލުން.

9.     ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މީހުންނާ މުޢާމަލާތުކުރުން.

10.  ގަނެވިއްކުމާއި ދަރަނިދިނުމާއި ދަރަނި އަދާކުރުމުގައި މަކަރާއި ޙީލަތްނެހެދުން.

11.  މީހުންނަށް އެ މީހުން ނެތް ތާނގައި ހެޔޮ ދުޢާކޮށްދިނުން.

(ނިމުނީ)

 

ލަފުޒެއްގެ މާނަ:

މީޒާ       ނ.           (1) ޚާއްސަ ސިފަ. (2) ވަކި މީހަކަށް ނުވަތަ ތަނަކަށް ނުވަތަ ކަމަކަށް ބިނާކޮށް ހުށަހަޅާ ޚާއްސަ ރިޕޯޓު ނުވަތަ ފިލްމު. feature

 

މަރުޖާ:

[1]  - النساء: 36

[2]  - أخرجه مسلم (٢٩٨٣)، وأحمد (٨٨٨١)، والبيهقي في ((الشعب)) (١٠٥١٩

[3]  - أخرجه البخاري (٧٠٧)، وابن ماجه (٩٩١)، والنسائي (٨٢٥) وأبو داود (٧٨٩)

[5]  - أخرجه ابن حبان (٦٩٥٠) وأحمد (١٢١٠٢)، وأبو يعلى (٤١٩٥)  ومسلم (٢٣١٦)

[6]  - أخرجه أحمد (١٨٣٦

[7]  - أخرجه البخاري (٥٩٩٧) ومسلم (٢٣١٨) والترمذي (١٩٢٢) وأحمد (١٩١٦٩) و البزار (٥٤٠٠)، والطبراني (١٣/١٦٩) (١٣٨٦٦) وابن حبان (٧٣٩٩)

[8]  - أخرجه البخاري (٢٠٧٦) و ابن حبان (٤٩٠٣) وابن ماجة (٢٢٠٣)، والبيهقي في ((شعب الإيمان)) (٧٧٥٨)

[9]  - أخرجه النسائي (٤٦٩٦) وأحمد (٤٨٥)، والبغوي (٢٠٤٥) وابن ماجه (٢٢٠٢)

[10]  - أخرجه الترمذي (١٢١٠)، وابن ماجه (٢١٤٦)، والدارمي (٢٥٨٠)، وابن حبان (٤٩١٠)، والطبراني في ((المعجم الكبير)) (٥/ ٤٤) (٤٥٤٢)

[11]  - أخرجه البيهقي في ((شعب الإيمان)) (١٠٥٥٦) وأحمد (١٥٥٩٢)، والحاكم (٧٥٦٢)، والطبراني (١٩/ ٢٢) (٤٤)

ކޮމެންޓު