ޑރ. މޫސާ އަންވަރު ޙަސަން
11 އޯގަސްޓް 2026
މާތްﷲ އިންސާނާ ހެއްދެވީ ބިމުގައިވާ ޚަލީފާއެއްގެ ގޮތުގައެވެ. އަދި ބިން އިޞްލާޙުކޮށް ބިނާކުރުމުގެ މަތިވެރި ޒިންމާ އޭނާއާ ޙަވާލުކުރެއްވިއެވެ. ހޫދު ސޫރަތުގެ 61 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا﴾ މާނައީ: [އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارةކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ.]
ޤުރްއާނީ ނަޒަރަކުން ބަލާ އިރު ބިނާކުރުމަކީ (ޢިމާރާތްކުރުމަކީ) ހަމައެކަނި ބިނާތައް އުފެއްދުމާއި، މުއައްސަސާތައް ހެދުމާއި ނުވަތަ އެންމެ ފުރިހަމަ ކުރެހުންތަކަށް މިސްކިތްތައް ބިނާކުރުމެއްނޫނެވެ. އެއާ ޚިލާފަށް، އެއީ އީމާންކަމުން ހިތްތައް ބިނާކުރުމުން ފެށިގެން އަންނަ، އަޚުލާޤާއި އަގުތަކުން އިންސާނާ ބިނާކޮށްދޭ، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބިން ބިނާވެ، އަޚުވަންތަ މުޖުތަމަޢެއް ޤާއިމުކޮށްދޭ ފުރިހަމަ ޙަޟާރީ މަޝްރޫޢެކެވެ. މިއީ ކީރިތި ޤުރްއާން މިސްކިތްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާ ސަބަބެވެ. އެއީ ހަމައެކަނި ގަލާއި ވެއްޔާއި ސިމިންތި އާއި ލަކުޑިން ހަދާފައިވާ ބިނާތަކެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު، އެއީ ފިރިހެނުން ބިނާކުރާ ކާރުޚާނާތަކެވެ. އީމާންކަމުގެ މަދަރުސާއެކެވެ. އަދި ތަރުބިއްޔަތާއި ތަޒުކިޔާގެ މަރުކަޒުތަކެކެވެ. މުޖުތަމަޢު އިޞްލާޙުކުރުމުގެ މެސެޖު ފެށިގެން އަންނަނީ އެ ތަނުންނެވެ.
އިސްލާމީ ތަޞައްވުރުގައި މިސްކިތަކީ އޭގެ ޒާތުގައި ނިމުމެއް ނޫނެވެ. އެއީ ޚަލީފާކަމުގެ ޒިންމާ އުފުލާނެ، އަދި އަމިއްލަ ނަފްސާއި، އާއިލާއާއި މުޖުތަމަޢުގައި މާތްﷲ އަށް އަޅުވެތިވުން ޙަޤީޤަތަކަށް ހަދާނެ އިންސާނާ ބިނާކުރުމުގެ ވަސީލަތެކެވެ. އެހެންވެ، ތައުބާ ސޫރަތުގައި މި ފުން ޙަޤީޤަތަށް ސަމާލުކަން ދެމުން ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ﴾ (سورة التوبة: 18) މާނައީ: [اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، آخرة ދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، اللَّهއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުންކަމުގައިވުން ގާތް ބަޔެކެވެ.]
މި އާޔަތުގައި މިސްކިތް ބިނާކުރުމުގެ މިންގަނޑަކީ ގިނައިން ޢިމާރާތްކުރުމެއް، ފާރުތައް ޒީނަތްތެރިކުރުމެއް ނުވަތަ ބޮޑެތި ހޭދަތަކެއްކަމުގައި ނުހައްދަވައެވެ. އެހެނެއްކަމަކު، އެ ކަން ގުޅުވައިލެއްވީ ޞާލިޙު އިންސާނާ ބިނާކުރާ އީމާނީ އަދި ޢަމަލީ ސިފަތަކާއެވެ. އެ ގޮތުން ފުރަތަމަ އީމާންކަން، ދެން ނަމާދު، އޭގެ ފަހުން ޒަކާތް، އަދި ނިންމައިލީ ތައުޙީދުގެ ފުރިހަމަކަމާއި ހަމައެކަނި މާތް ﷲއަށް ބިރުވެތިވުމުގެ ސިފައާ އެކުގައެވެ. މިއިން އެނގެނީ ޤުރްއާން ބިނާކުރުމުގެ މަފުހޫމު މާއްދިއްޔަތުގެ ދާއިރާއިން ރިސާލަތުގެ ދާއިރާއަށް ބަދަލުކޮށްދޭކަމެވެ. ޙަޤީޤީ ބިނާކުރުމަކީ ހަމައެކަނި ފާރުތައް ބިނާކުރުމެއްނޫނެވެ. އެއީ މާތް ﷲއަށް އަޅުކަންކޮށް، ޛިކުރުކޮށް، ދީން އުނގެނި، ދަޢުވަތާއި އިޞްލާޙުގެ ޒިންމާ އުފުލާނެ ނަފްސުތައް ބިނާކުރުމެވެ. ޢިމާރާތް ބިނާކުރުމުން މިސްކިތް ވީރާނާވުމުން ސަލާމަތްކޮށްދޭ އިރު، އިންސާނާ ބިނާކުރުމުން މިސްކިތުގެ މެސެޖު ގެއްލިގެންދިއުމުން ސަލާމަތްކޮށްދެއެވެ.
އިސްލާމީ ތާރީޚު ހެކިދޭ ގޮތުގައި އެންމެ މަތިވެރި މިސްކިތްތަކަކީ އެންމެ ބޮޑަށް ޒީނަތްތެރިކުރެވިފައިވާ ނުވަތަ އެންމެ ޖާގަބޮޑު މިސްކިތްތަކެއް ނޫނެވެ. އެއީ އިންސާނާ ބިނާކުރުމުގައި އެންމެ ބޮޑު އަސަރެއްކުރި މިސްކިތްތަކެވެ. މަސްޖިދުއްނަބަވީން ނުކުމެވަޑައިގަތީ ތާރީޚުގެ މިސްރާބު ބަދަލުކޮށްލެއްވި އަދި ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމްދީނުގެ ނޫރު ފަތުރައިލެއްވި ޞަޙާބީންގެ ޖީލެވެ. ސަބަބަކީ އެ މިސްކިތަކީ އީމާންކަމާއި، ތަޢުލީމާއި، ތަޒުކިޔާއާއި، މަޝްވަރާއާއި، ޖިހާދާއި އަދި އިޖުތިމާޢީ އެހީތެރިކަމުގެ މަރުކަޒަކަށްވުމެވެ. މި އަސާސުން ފެށިގެން އަންނަނީ ތައުބާ ސޫރަތުގެ އާޔަތުގެ އަލީގައި މިސްކިތްތައް ބިނާކުރުމުގެ ޤުރްއާނީ ތަޞައްވުރުނެވެ. އެންމެ މަތިވެރި މަޤުޞަދަކީ ހަމައެކަނި ޢިމާރާތްތައް ހެދުން ނޫންކަމާއި، ބިނާވެށި އާރާސްތުކުރުމުން އިންސާނާ ބިނާކުރުމަށް ބަދަލުވުންކަން ބަޔާންކޮށްދެމުންނެވެ. ސަބަބަކީ އިންސާނާއަކީ ޚަލީފާކަމުގެ ނާރެހެވެ. ރިސާލަތުތަކުގެ މަޤުޞަދެވެ. އަދި ބިމުގައި ދީން ޤާއިމުކުރުމުގެ ވަސީލަތެވެ. މިސްކިތުގެ މައުނަވީ ބިނާކުރުން ކުރިއަރައިދާ ވަރަކަށް، މުއުމިނާގެ ޝަޚުޞިއްޔަތު ކުރިއަރައި، އާއިލާ އިޞްލާޙުވެ، މުޖުތަމަޢު ސީދާވެ، އަދި އީމާންކަމާއި، ޢަދާލަތާއި އިޙުސާންތެރިކަމުގެ މައްޗަށް ޙަޟާރާތް ބިނާވެގެންދެއެވެ.
ފުރަތަމަ: މައުނަވީ ބިނާކުރުމުގެ މަފުހޫމު:
ކީރިތި ޤުރްއާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، އިންސާނާ ކަންކަމުގެ ބޭރުފުށުން އޭގެ ޙަޤީޤަތަށް، ސޫރަތަކުން އޭގެ މަޤްޞަދުތަކަށް، އަދި މާއްދީ ބިނާކުރުމުން އީމާނީ ބިނާކުރުމަށް ބަދަލުކޮށްދިނުމެވެ. މި އަސާސުން، ކީރިތި ޤުރްއާނުގައި ބިނާކުރުމުގެ (ޢިމާރާތްކުރުމުގެ) މަފްހޫމް އައިސްފައިވަނީ ޝާމިލު ގޮތެއްގައެވެ. އެއީ ހަމައެކަނި ބިނާތައް ހެދުމާއި ޢިމާރާތްތައް ކުރުމަކަށް އެކަންޏެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އިންސާނާ ބިނާކުރުމާއި، ހިތް އިޞްލާޙުކުރުމާއި، އީމާންކަމާއި ހެޔޮ ޢަމަލުން މުޖުތަމަޢު ދިރުވުމަށެވެ. ޢަރަބި ބަހުގައި "ޢިމާރާތް" (العمارة) ގެ އަޞްލު އައިސްފައިވަނީ (ع م ر) މި އަކުރުތަކުންނެވެ. އޭގެ މާނައަކީ ދެމިހުރުން، އިޞްލާޙުކުރުން، ދިރިއުޅުން އަދި ސުންނާފަތިވުމުގެ އިދިކޮޅެވެ. ބަހުގެ ގޮތުން ބަލާއިރު، ތަނެއް އިޞްލާޙުކޮށް އެތަނެއްގައި ދިރިއުޅުމުން އެތަނެއް "ޢަމަރަ" ކުރި ކަމަށް ބުނެވެއެވެ. ހޫދު ސޫރަތުގެ 61ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ﴿هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا﴾ މާނައީ: [އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارةކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ.] އެބަހީ: [އިޞްލާޙުކުރުމާއި، އަޅުކަންކުރުމާއި ޢަދާލަތު ޤާއިމުކުރުމުން އެ ބިން ބިނާކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދުނެވެ.]
ނަމަވެސް ޤުރްއާން މިސްކިތްތަކާ ބެހޭ ގޮތުން ވާހަކަދެއްކި އިރު، އޭގެ ބިނާކުރުން ހަމައެކަނި ޢިމާރާތްކުރުމާއި މަރާމާތުކުރުމަށް އެކަނި ޚާއްޞައެއްނުކުރެއެވެ. އެހެނެއްކަމަކު އޭގެ ޙަޤީޤަތް ގުޅުވައިލީ އީމާންކަމާއި ހެޔޮ ޢަމަލާއެވެ. ތައުބާ ސޫރަތުގައި ވަޙީކުރެއްވިއެވެ. ﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ﴾ މާނައީ: [اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرة ދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاة ދީ، اللَّه އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުންކަމުގައިވުން ގާތް ބަޔެކެވެ.] އާޔަތުގައި އެ ބިނާކުރި ނުވަތަ ޒީނަތްތެރިކުރި މީހާގެ ވާހަކައެއްނެތެވެ. އެހެނެއްކަމަކު އޭގެ ބިނާކުރުން ގުޅުވީ އީމާނީ އަދި އަޚުލާޤީ ސިފަތަކާއެވެ. މިއިން ދޭހަވަނީ މާއްދީ ބިނާކުރުމުގެ ކުރީން މައުނަވީ ބިނާކުރުމަށް އިސްކަންދޭންޖެހޭކަމެވެ.
[މައުނަވީ ބިނާކުރުން މާނަކުރެވިދާނީ މާތް ﷲއަށް އަޅުވެތިވުން ޤާއިމުކުރުމާއި، ބިމުގައި އިޞްލާޙުގެ މެސެޖު އުފުލާނެ ޞާލިޙު އިންސާނާ ބިނާކުރުމުގެ ތެރެއިންނެވެ. މިސްކިތުގެ އީމާނީ، ތަރުބަވީ، ޢިލްމީ އަދި އިޖުތިމާޢީ މެސެޖު ދިރުވުމަށް މަގުފަހިކޮށްދޭ ކޮންމެ ކަމެކެވެ.] މައުނަވީ ބިނާކުރުމުގެ ތެރޭގައި ހިމެނެނީ:
1 – ނަމާދު ދިރުވުމާއި އޭގައި ޚުޝޫޢަތްތެރިވުން.
2 – ޤުރްއާން ކިޔެވުމާއި تدبر ކުރުން.
3 – ޢިލްމީ ޙަލްޤާތަކާއި އުނގަންނައިދިނުން.
4 – ޛިކުރުކުރުމާއި ދުޢާކުރުން.
5 – ނަފްސުތައް ތަޒުކިޔާކުރުން (ސާފުކުރުން).
6 – އަޚުވަންތަކަމާއި ލޯބި ފެތުރުން.
7 – މުޖުތަމަޢު އިޞްލާޙުކުރުން.
8 – ޖީލުތައް ތަރުބިއްޔަތުކުރުން.
9 – ދާޢީންނާއި ޢިލްމުވެރީން ތައްޔާރުކުރުން.
10– އުންމަތުގެ މައްސަލަތަކަށް ޚިދުމަތްކުރުން.
އެހެންވެ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި މިސްކިތަކީ ޔުނިވަރސިޓީއެކެވެ. މަދަރުސާއެކެވެ. މަޝްވަރާ މަޖިލީހެކެވެ. ދަޢުވަތުގެ މަރުކަޒެކެވެ. ފަޤީރުންގެ ހިޔާވައްސެކެވެ. އަދި ޖިހާދުގެ ފެށުމެވެ. އެއީ ހަމައެކަނި ނަމާދުކޮށްލައިފައި މީހުން ނުކުމެގެންދާ ތަނެއް ނޫނެވެ. މިއިން އެނގެނީ މިސްކިތް ބިނާކުރުން ފެށެނީ ހިތް ބިނާކުރުމުން ކަމެވެ. ހިތް އީމާންކަމުން ފުރިއްޖެނަމަ، މިސްކިތް ބިނާވީއެވެ. ހިތް ވީރާނާވެއްޖެނަމަ، މިސްކިތް ކިތަންމެ ރީއްޗަސް އޭގެ މެސެޖު ވީރާނާވީއެވެ.
މާއްދީ ބިނާކުރުމާއި މައުނަވީ ބިނާކުރުމުގެ ތަފާތު:
އިސްލާމްދީން ވަނީ މި ދެކަމަށްވެސް އަހައްމިއްޔަތުކަން ދީފައެވެ. ޢިމާރާތަށް އަދި އިންސާނާއަށް ވެސްމެ އެވެ. ނަމަވެސް އިންސާނާއަކީ މަޤްޞަދު ކަމުގައި ހަދައި، ޢިމާރާތަކީ އޭނާއަށް ޚިދުމަތްކުރާ ވަސީލަތެއް ކަމުގައި ލެއްވިއެވެ. އެހެންކަމުން މިސްކިތް ބިނާކުރުން ބިނާވަނީ ފުރިހަމަވާ ދެ އަސާސެއްގެ މައްޗަށެވެ: މާއްދީ (ޙިއްޞީ) ބިނާކުރުމާއި، މައުނަވީ ބިނާކުރުމެވެ. އެކަތި އަނެކައްޗާ ނުލައި ފުރިހަމައެއް ނުވެއެވެ.
މިސްކިތް މާއްދީ ގޮތުން ބިނާކުރުން:
މީގެ މާނައަކީ ނަމާދުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް، މާތް ﷲއަށް އަޅުކަންކުރާން އެކަށީގެންވާ ތަނެއްގެ ގޮތުގައި މިސްކިތް ޢިމާރާތްކުރުމާއި، ބެލެހެއްޓުމާއި، މަރާމާތުކުރުމެވެ. މާއްދީ ބިނާކުރުމުގައި ހިމެނެނީ:
1 – އެކަށީގެންވާ ބިމެއް އިޚުތިޔާރުކުރުން.
2 – ވަރުގަދަ އަސާސްތަކެއްގެ މައްޗަށް މިސްކިތް ބިނާކުރުން.
3 – ސާފުތާހިރުކަމާއި މަރާމާތު ބެލެހެއްޓުން.
4 – ފެނާއި، އަލިކަމާއި، ކާޕެޓު ފަދަ ތަކެތި ފޯރުކޮށްދިނުން.
5 – އިސްރާފާއި ފަޚުރުވެރިވުމެއް ނެތި އޭގެ ރީތިކަމަށް ސަމާލުކަންދިނުން.
6 – ބޭނުންޖެހިއްޖެ ހިނދެއްގައި ބޮޑުކުރުން.
7 – މުޖުތަމަޢުގެ ހުރިހާ ފަންތިއަކަށް ޚިދުމަތްދެވޭ ގޮތަށް ތައްޔާރުކުރުން.
ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ މިސްކިތް ބިނާކުރުމަށް ބާރުއަޅުއްވައިފައެވެ. ابن عباس رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [މާތް ﷲއަށް ޓަކައި މިސްކިތެއް ބިނާކޮށްފި މީހާއަށް (އެއީ ދޫންޏެއް ބިސްއަޅާން ހަދާ ހާއްޔެއްގެ މިންވަރު ކަމުގައިވިޔަސް)، މާތްﷲ ސުވަރުގޭގައި އޭނާއަށް ޓަކައި ގެއެއް ބިނާކޮށްދެއްވާނެއެވެ.]
ނަމަވެސް އިސްލާމްދީން ވަނީ މިސްކިތްތައް މާބޮޑަށް ޒީނަތްތެރިކުރުން ނަހީކުރައްވާފައެވެ، އެކަމުގެ ސަބަބުން އަޅުކަމުން މަޝްޣޫލުވެ، ނުވަތަ މީހުންގެ މެދުގައި ފަޚުރުވެރިވުމަކަށް އެކަން ބަދަލުވެދާނެތީއެވެ. ސަބަބަކީ މިސްކިތުގެ ބޭނުމަކީ މާތް ﷲއަށް އަޅުވެތިވުން ޙަޤީޤަތަކަށް ހެދުމެވެ، ބޭރުފުށުގެ މުބާރާތްތަކެއް ބޭއްވުމެއް ނޫނެވެ. މާއްދީ ބިނާކުރުމަކީ ތަން ތައްޔާރުކޮށްދޭ ވަސީލަތެކެވެ، ނަމަވެސް އެކަނި އޭގެ ރިސާލަތު ފުރިހަމައެއް ނުކޮށްދެއެވެ. ބުޚާރީގައި ابن عباس رضي الله عنهماގެ ކިބައިން ރިވާވެގެންވެއެވެ، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. [މިސްކިތްތައް އުސްކޮށް ބިނާކުރުމަކަށް ތިމަންކަލޭގެފާނަކަށް އަމުރުވެވިގެންނުވެއެވެ.] އިބްނު ޢައްބާސް ވިދާޅުވިއެވެ. [ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ ފައްޅިތައް ޒީނަތްތެރިކުރި ފަދައިން ތިޔަބައިމީހުންވެސް (މިސްކިތްތައް) ޒީނަތްތެރިކުރާނެއެވެ.] ރަސޫލާ صلى الله عليه وسلم މިސްކިތްތައް ޒީނަތްތެރިކުރުން ނަހީކުރެއްވީ، މީހުން އާޚިރަތަށް ކައިރިކޮށްދޭ މާތް ﷲގެ ގެކޮޅުތަކަށް ދުނިޔެ ނުވެއްދުމަށެވެ. އޭރުން މީހުން އޭގެ ރީތިކަމަށް ލެނބި، މާތް ﷲގެ ކުރިމަތީގައި ހުންނާންޖެހޭ ޚުޝޫޢަތްތެރިކަމުން އެއްކިބާވެދާނެތީއެވެ.
މައުނަވީ ބިނާކުރުން:
މައުނަވީ ބިނާކުރުމަކީ މިސްކިތުގެ ފުރާނައާއި އޭގެ ޙަޤީޤަތެވެ. އެއީ މިސްކިތް ކިތަންމެ އާދައިގެ ބިނާއަކަށް ވިޔަސް އޭގެ މެސެޖުން އެތަން ދިރުވައިދޭ ކަމެވެ. މައުނަވީ ބިނާކުރުން ޙަޤީޤަތަކަށް ވަނީ މި ކަންކަމުންނެވެ:
1 – ޚުޝޫޢަތްތެރިކަމާއެކު ގަވާއިދުން ނަމާދު ޤާއިމުކުރުން.
2 – ދާއިމީގޮތެއްގައި ޛިކުރުކުރުމާއި ޤުރްއާން ކިޔެވުން.
3 – ޝަރުޢީ ޢިލްމު ފެތުރުން.
4 – ޒުވާނުން ތަރުބިއްޔަތުކުރުން.
5 – އާއިލާ އިޞްލާޙުކުރުން.
6 – އީމާނީ އަޚުވަންތަކަން ވަރުގަދަކުރުން.
7 – އިޖުތިމާޢީ އެހީތެރިކަން (ތަކާފުލް).
8 – މުސްލިމުންގެ މައްސަލަތަކަށް އަޅާލުން.
9 – ދާޢީންނާއި މުރައްބީން ތައްޔާރުކުރުން.
10– ނަފްސުތައް ސާފުކޮށް މާތްﷲ އާ ގުޅުވައިދިނުން.
އެހެންވެ، މަދީނާގައި ހުރި މަސްޖިދުއްނަބަވީއަކީ ތާރީޚުގައި އެންމެ އަސަރުގަދަ މިސްކިތެވެ. ސަބަބަކީ އެ ތަނުން އިންސާނުންނަށް ނެރުއްވި އެންމެ ހެޔޮ އުންމަތް ބިނާވެގެން ނުކުތުމެވެ. މިއިން އެނގެނީ މިސްކިތުގެ އަގު ވަޒަންކުރެވެނީ އޭގެ މުންނާރުތަކުގެ އުސްކަމުން ނުވަތަ ޒީނަތްތެރިކަމުން ނޫންކަމެވެ. އެހެނެއްކަމަކު، އެ ތަނުން ނުކުންނަ، މާތްﷲ ދެނެގަނެ، ދީން ޤާއިމުކޮށް، މުޖުތަމަޢު އިޞްލާޙުކުރާ ފިރިހެނުންނާއި އަންހެނުންގެ އަދަދުންނެވެ. މާއްދީ ބިނާކުރުމުން މިސްކިތް ވީރާނާވުމުން ސަލާމަތްކޮށްދޭ އިރު، މައުނަވީ ބިނާކުރުމުން އުންމަތް ބަލިކަށިވުމުން ސަލާމަތްކޮށްދެއެވެ. މި ދެބައި އެކުވުމުން މިސްކިތްތައް ހެދުމުގެ ޝަރުޢީ މަޤުޞަދު ޙަޤީޤަތަކަށްވެއެވެ. އެއީ މާތް ﷲއަށް އަޅުކަންކޮށް، ޙައްޤާއި ޢަދާލަތާއި އިޙުސާންތެރިކަމުން ބިން ބިނާކުރާނެ މުއުމިން އިންސާނާ ބިނާކުރުމެވެ.
ތައުބާ ސޫރަތުގެ އާޔަތުގެ މުހިންމުކަން:
ތައުބާ ސޫރަތުގެ 18ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ﴾ މާނައީ: [اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، آخرة ދުވަހަށް إيمانވެ، ނަމާދު قائم ކޮށް، زكاة ދީ، اللَّه އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.]
މި އާޔަތަކީ މިސްކިތުގެ މެސެޖާ ބެހޭ ގޮތުން ޤުރްއާނީ ތަޞައްވުރު ކުރަހައިދޭ އެންމެ މަތިވެރި އާޔަތެވެ. އެއީ މިސްކިތަކީ ހަމައެކަނި މާއްދީ ބިނާއެއްގެ ގޮތުގައި ނޫންކަމާއި، އެއީ ވަކި ސިފަތަކެއް ފުރިހަމަވެފައިވާ ފިރިހެނުންނާއި އަންހެނުން މެނުވީ އޭގެ ޒިންމާ ނުއުފުލޭނެ އީމާނީ، ތަރުބަވީ އަދި އިޖުތިމާޢީ މުއައްސަސާއެއްގެ ގޮތުގައި ބަޔާންކޮށްދޭތީއެވެ. އެހެންވެ އާޔަތް އައީ ޙަޞްރުގެ (ޚާއްޞަކުރުމުގެ) ސީޣާއަކުންނެވެ. ﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ﴾، އެއީ ޙަޤީޤީ ބިނާކުރުމަކީ ހަމައެކަނި މިސްކިތަށް ވަންނަ ނުވަތަ އެ ބިނާކުރާ ކޮންމެ މީހަކަށް އޮތް ކަމެއް ނޫންކަމާއި، އެއީ އީމާންކަމާއި، ޢަމަލާއި ބިރުވެތިކަން އެކުވެފައިވާ މީހުންނަށް އޮތް ކަމެއްކަން ކަނޑައެޅުމަށެވެ. މި އާޔަތް ބާވައިލެއްވުނީ، މާތް ﷲއަށް ކިޔަމަންތެރިވެ މިސްކިތްތައް ފަޅުފިލުވާ އީމާންކަމުގެ އަހުލުވެރީންނާއި، ކުފުރުގެ މަތީގައި ތިބެ ހާޖީންނަށް ފެންދިނުމާއި މަސްޖިދުލްޙަރާމް ބިނާކުރުމަށް ފަޚުރުވެރިވާ މީހުންގެ މެދުގައި ތަފާތުކޮށްދެއްވުމުގެ ސިޔާޤުގައެވެ. ޤުރްއާން އައިސް ކަނޑައެޅީ ޢަމަލުތަކުގެ އަގު ހުންނާނީ އެކަން އީމާންކަމުގެ ބިންގާގެ މަތީގައި ބިނާވެގެންވުމުން ކަމެވެ. މި ސަބަބުތަކަށްޓަކައި، މިސްކިތްތައް ބިނާކުރުމުގެ މަފްހޫމު ބަޔާން ކޮށްދިނުމުގައި މި އާޔަތަކީ ބިންގަލެކެވެ:
މިސްކިތް ބިނާކުރާ މީހުންގެ އީމާނީ ހުވިއްޔަތު ނުވަތަ ވަންތުކަން (Identity) ކަނޑައެޅުން:
އާޔަތުން ސާފުކޮށް ބަޔާންކޮށްދެނީ މާތްﷲ ގެ މިސްކިތްތައް ބިނާކުރުމުގެ ޝަރުޠު ހަމަވާ މީހުންނަކީ އެމީހުންގެ ޢަމަލުތަކުން އީމާންކަން ފެންނަން ތިބި ތެދުވެރި މުއުމިނުން ކަމެވެ. މިއީ އެމީހުންނާއި، މާތް ﷲގެ ގެކޮޅުތައް ބިނާކުރުމުގެ ޙައްޤު ނެތް މުޝްރިކުންނާ ތަފާތުކޮށްދޭ ކަމެވެ. އާޔަތް ފެށެނީ ޙަޞްރުގެ ވަސީލަތެއް ކަމުގައިވާ ﴿إِنَّمَا﴾ އިންނެވެ. މިއީ ޢަރަބި ބަހުގައި އެންމެ ވަރުގަދަ އެއް އުސްލޫބެވެ. އެއީ މިސްކިތް ބިނާކުރުމަކީ ހަމައެކަނި އިންޖިނޭރީ މަސައްކަތެއް ނޫންކަމާއި، އެއީ އިޖުތިމާޢީ ވަޒީފާއަކަށްވުމުގެ ކުރީން އީމާނީ ހުވްޔާއެއްކަން އިޢުލާންކުރުމަށެވެ. މިސްކިތް ބިނާކުރާ މީހުންގެ ފުރަތަމަ ސިފައެއްގެ ގޮތުގައި ލެއްވީ ﴿مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ﴾އެވެ. މިއިން ދޭހަވަނީ އީމާންކަމަކީ ހުރިހާ ޢަމަލެއް އޭގެ މައްޗަށް ބިނާވާ އަސާސްކަމެވެ. އަދި މިސްކިތުގެ ރިސާލަތު ފުރިހަމައަށް ފޯރުކޮށްދެވޭނީ އޭގެ ވެރީންނަކީ ތެދުވެރި އީމާންކަމުގެ އަހުލުވެރީންނަށް ވެގެންނެވެ. މި އީމާނީ ވަންތުކަން ފާހަގަވަނީ މި މާނަތަކުންނެވެ:
މާތް ﷲއަށް ނިސްބަތްވުން: ޖިންނި ސޫރަތުގެ 18ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا ﴾ [އަދި ހަމަކަށަވަރުން، މިސްކިތްތަކީ މާތްﷲ އަށް ޚާއްޞަވެގެންވާ ތަންތަނެވެ. ފަހެ، ތިޔަބައިމީހުން މާތްﷲ އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަންކޮށް ދުޢާނުކުރާށެވެ!] މި ނިސްބަތްވުމަކީ މާތްކުރުމާއި މަތިވެރިކުރުމުގެ ނިސްބަތެކެވެ. އެއީ މިސްކިތަކީ ވަކި ފަރުދެއްގެ، ޖަމާޢަތެއްގެ ނުވަތަ ޤަބީލާއެއްގެ މިލްކެއް ނޫންކަމާއި، އެއީ މުއުމިނުން އެކަލާނގެ އެއްކައުވަންތަކަމާއި އަޅުކަމަށް ޖަމާޢަތްވާ މާތްﷲ ގެ ގެކޮޅުކަން ކަނޑައެޅުމަށެވެ.
އީމާންކަމަކީ ކޮންމެ ޢަމަލެއްގެ އަސާސެވެ. އިންސާނަކު މިސްކިތެއް ބިނާކޮށް، ހޭދަކޮށް ނުވަތަ ޚިދުމަތް ކޮށްފާނެއެވެ. ނަމަވެސް އެ ޢަމަލު ޤަބޫލުވެވޭނީ އެކަން އީމާންކަމާއި އިޚުލާޞްތެރިކަމުން ނުކުތުމުންނެވެ. އެހެންވެ، އާޔަތުގައި ފުރަތަމަ ބިނާކުރުމުގެ ނުވަތަ ހޭދަކުރުމުގެ ވާހަކައެއް ނެތެވެ. އެހެނެއްކަމަކު އީމާންކަން ކުރިއަށްލެއްވީ، އެއީ ހުރިހާ ޢަމަލެއްގެ އަޞްލަށްވާތީއެވެ.
އީމާނީ ވަންތުކަމަކީ ޢަމަލީ ވަންތުކަމެވެ. ޤުރްއާނުގައި އީމާންކަމަކީ ހަމައެކަނި ހިތުގެ ޢަޤީދާއެއް ނޫނެވެ. އެއީ ޢަމަލީ އަޚުލާޤެއް ނެރެދޭ ކަމެކެވެ. އެއީ ނަމާދާއި، ޒަކާތާއި، ބިރުވެތިކަމާއި ކިޔަމަންތެރިކަމުން ފެންނަން ހުންނާނެކަމެކެވެ. އެހެންވެ އާޔަތުގެ ބާކީ ސިފަތައް އައީ އީމާންކަމުގެ ޢަމަލީ ތަރުޖަމާއެއްގެ ގޮތުގައެވެ.
މިސްކިތަކީ އީމާނީ ވަންތުކަން އުފައްދާ ކާރުޚާނާ، އީމާންކަމަކީ މިސްކިތް ބިނާކުރުމުގެ ޝަރުޠަކަށް ވާއިރު، މިސްކިތަކީ އީމާންކަން ރައްކާތެރިކޮށް ކުރިއަރުވައިދޭ މަދަރުސާއެވެ. އެއީ ޛިކުރުކުރުމާއި، ޢިލްމާއި، ތަރުބިއްޔަތާއި ތަޒުކިޔާގެ ތަނެވެ. އިސްލާމްދީނުގެ މެސެޖު އުފުލާނެ ފިރިހެނުން ނުކުންނަނީ އެ ތަނުންނެވެ. މިއިން އެނގެނީ މިސްކިތްތަކުން އެންމެ ފުރަތަމަ ސަމާލުކަން ދޭންޖެހޭނީ މުއުމިނާ ބިނާކުރުމަށްކަމެވެ. ފާރުތައް ބިނާކުރުމުގެ ކުރީން އިންސާނާ ބިނާކުރުން އިސްވާތީއެވެ.
މިސްކިތް ބިނާކުރުމުގައި ދައުރުތައް ފުރިހަމަވުން:
އާޔަތުގެ ލަފުޒުތަކަށް ފުންކޮށް ބަލައިފި މީހަކަށް އެނގޭނީ، އެއީ ހަމައެކަނި އެންމެ ސިފައެއްގެ ވާހަކަ ނޫންކަމާއި، އެއީ ސިފަތަކެއްގެ ޖަމާޢަތެއްކަމެވެ. މިއިން ދޭހަވަނީ މިސްކިތް ބިނާކުރުމަކީ ވަކި އެއް ފަރާތަކަށް އެކަނި ބިނާވާ ކަމެއް ނޫންކަމާއި، އެއީ ފުރިހަމަ މަޝްރޫޢެއް ކަމެވެ. އާޔަތް ވަނީ ބޮޑު ހަތަރު އަސާސެއް އެއްކޮށްލާފައެވެ. އެއީ: އީމާންކަން (ޢަޤީދާ)، ނަމާދު ޤާއިމުކުރުން (އަޅުކަން)، ޒަކާތްދިނުން (އިޖުތިމާޢީ ޒިންމާ)، އަދި މާތްﷲ އަށް މެނުވީ ބިރުނުގަތުން (އަޚުލާޤީ ސާބިތުކަން). މި ގުޅުވައިލުމުން ސާފުވަނީ މިސްކިތް ބިނާކުރުމަކީ މި ހުރިހާ ދާއިރާތަކެއް ފުރިހަމަވާންޖެހޭ ޝާމިލު ކަމެއް ކަމެވެ.
މާތް ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވުން (ޢަޤީދާ): މިއީ ޢަމަލަށް މާނައެއްދޭ، އަދި އާދަކާދަތަކާއި މަޞްލަޙަތުތަކުން އެއްކިބާވެ، މިސްކިތް ސީދާ މާތްﷲ އާ ގުޅުވައިދޭ ޢަޤީދާގެ ބިންގަލެވެ.
ނަމާދު ޤާއިމުކުރުން (އަޅުކަން): މިއީ މިސްކިތުގެ އެންމެ ފުރަތަމަ އަޅުކަމުގެ ވަޒީފާއެވެ. ނަމާދު ޤާއިމުނުކުރެވޭ، އަދި މާތްﷲ ގެ ޛިކުރުގެ މައްޗަށް ހިތްތައް ޖަމާނުވާ މިސްކިތެއްގެ އެއްވެސް މާނައެއް ނެތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރައަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ މިސްކިތް ބިނާކުރެއްވުމެވެ. އެއީ އަޅުކަމާއި ތަރުބިއްޔަތުގެ މަރުކަޒަކަށް ހެއްދެވުމަށެވެ.
ޒަކާތްދިނުން (އިޖުތިމާޢީ ޒިންމާ): މިސްކިތުގެ މެސެޖު ހަމައެކަނި ފަރުދީ އަޅުކަމަކަށް ޚާއްޞައެއް ނުވެއެވެ. އެހެނެއްކަމަކު ނަމާދާއި ޒަކާތް ގުޅުވައިލިއެވެ. އެއީ މިސްކިތަކީ އިޖުތިމާޢީ އެހީތެރިކަމާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމާއި، އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށެވެ. މުޖުތަމަޢަށް އޭގެ އަސަރު ނުފޯރާ އަޅުކަމަކީ އޭގެ ނަތީޖާ އުނި އަޅުކަމެކެވެ.
ހަމައެކަނި މާތްﷲ އަށް ބިރުވެތިވުން ޙަޤީޤަތަކަށް ހެދުން (އަޚުލާޤީ ސާބިތުކަން): މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَلَمْ يَخْشَ إِلَّا اللَّهَ﴾ "އަދި މާތްﷲ އަށް މެނުވީ ބިރުނުގަންނަ މީހުންނެވެ." މާތްﷲ އަށް ބިރުވެތިވުމަކީ މީސްތަކުންގެ ބިރުން އިންސާނާ މިނިވަންކޮށްދޭ ކަމެކެވެ. އަދި މިސްކިތަކީ ފައިސާގެ، ބާރުގެ ނުވަތަ އެދުންތަކުގެ ނުފޫޒަށް ބޯނުލަނބާ، ޙައްޤުގެ މުންނާރަކަށް ހަދައިދޭ ކަމެކެވެ.
މި ހަތަރު ސިފަ މެދުވެރިކޮށް، މިސްކިތުގެ ވަޒީފާތައް ފުރިހަމަވެ، މިސްކިތް ވެގެންދާނީ އަޅުކަމުގެ ތަނަކަށެވެ. ޢިލްމުގެ މަދަރުސާއަކަށެވެ. ތަރުބިއްޔަތުގެ މަރުކަޒަކަށެވެ. އެހީތެރިކަމުގެ މުއައްސަސާއަކަށެވެ. ދަޢުވަތުގެ ފެށުމަކަށެވެ. އިންސާނުން ބިނާކުރާ ކާރުޚާނާއަކަށެވެ. އެހެންވެ، އިސްލާމްދީނުގެ ކުރީކޮޅުގައި މިސްކިތްތަކަކީ އިސްލާމީ ޙަޔާތުގެ މައިގަނޑު ނާރެހެވެ.
މިސްކިތުގެ މެސެޖުގައި އިސްކަންދޭންޖެހޭ ކަންކަން ތަރުތީބުކުރުން:
މިސްކިތުގެ އެތެރޭގެ މަސައްކަތްތަކުގައި އިސްކަންދޭންޖެހޭ ކަންކަމުގެ ސީދާ ތަރުތީބެއް މި އާޔަތުން ކުރަހައިދެއެވެ. މިއީ ކޮންމެ ޒަމާނެއްގެ މުސްލިމުންނަށްވެސް ބޭނުންތެރި ތަރުތީބެކެވެ.
ޢިމާރާތްކުރުމުގެ ކުރީން އީމާންކަން އިސްކުރުން: އާޔަތް ފެށުނީ އީމާންކަމުންނެވެ. ބިނާކުރުމަކުން، ޒީނަތްތެރިކުރުމަކުން ނުވަތަ ހޭދަކުރުމަކުން ނޫނެވެ. ސަބަބަކީ އިންސާނާ އިޞްލާޙުކުރުމަކީ މަޤުޞަދެވެ. ބިނާކުރުމަކީ ވަސީލަތެވެ.
ބޭރުފުށުގެ ސިފަތަކުގެ ކުރީން އަޅުކަން އިސްކުރުން: ނަމާދު ޤާއިމުކުރުމުގެ ވާހަކަ ބަޔާންކުރެއްވިއެވެ. މިސްކިތުގެ ރީތިކަމެއް ނުވަތަ ޒީނަތްތެރިކަމެއް ނޫނެވެ. ސަބަބަކީ މާތްﷲ ބައްލަވަނީ ހިތްތަކަށާއި ޢަމަލުތަކަށެވެ، ޒީނަތްތަކާއި ސޫރަތްތަކަކަށް ނޫނެވެ.
މުޖުތަމަޢުގެ ޚިދުމަތާ އަޅުކަން ގުޅުވައިލުން: ނަމާދަށް ފަހު ދެން އައީ ޒަކާތެވެ. އެއީ މިސްކިތަކީ މީހުންގެ ޙަޤީޤީ ދިރިއުޅުމާ ވަކިވެފައިވާ ތަނެއް ނޫންކަމާއި، އެއީ މުއުމިނާ ހޭދަކުރުމާއި، އިޙުސާންތެރިކަމާއި އެހީތެރިކަމަށް ތަރުބިއްޔަތުކުރާ ތަނެއްކަން ކަނޑައެޅުމަށެވެ.
ބިރުވެރިކަމުން ދަޢުވަތު މިނިވަންކުރުން: އާޔަތް ނިންމަވާލެއްވީ މާތްﷲ ގެ ބަސްފުޅުންނެވެ. ﴿وَلَمْ يَخْشَ إِلَّا اللَّهَ﴾. މިއިން އެނގެނީ މިސްކިތުގެ މެސެޖު އޭގެ ވަޒީފާ އަދާކުރާނީ ބިރެއް ނުވަތަ ދޮގުވެރިކަމެއް ނެތި، ޙައްޤު ބަސް ބުނާ، މާތްﷲ ގެ މެސެޖު ފޯރުކޮށްދޭ ތެދުވެރި ފިރިހެނުން އޭގެ ޒިންމާ ނެގުމުން ކަމެވެ.
ތެދުމަގަކީ ބިނާކުރުމުގެ ނަތީޖާ: މާތްﷲ ވަޙީކުރެއްވިއެވެ. ﴿فَعَسَى أُولَٰئِكَ أَنْ يَكُونُوا مِنَ الْمُهْتَدِينَ﴾ [ފަހެ، އެއުރެން ތެދުމަގުލިބުނު މީހުންގެ ތެރެއިންވުން ގާތްވެގެންވެއެވެ.] ޤުރްއާން ވަނީ ތެދުމަގުލިބުން މި ހުރިހާ ސިފަތަކެއްގެ ނަތީޖާއެއް ކަމުގައި ލައްވާފައެވެ. ސަބަބަކީ އީމާންކަމާއި، އަޅުކަމާއި، ހޭދަކުރުމާއި ބިރުވެތިކަން އެއްކޮށްލި މީހަކީ ތެދުމަގާއި ސާބިތުކަމާ އެންމެ ގާތް މީހާއެވެ.
ޚުލާޞާ:
މި އާޔަތުން ހާމަވަނީ، ބިނާވެށި އާރާސްތުކުރުމުގެ ކުރީން އިންސާނާ ބިނާކުރުމުގެ ނާރެހަކަށް މިސްކިތް ހަދާ ފުރިހަމަ ޤުރްއާނީ ތަޞައްވުރެކެވެ. އެއީ މިސްކިތް ބިނާކުރާ މީހުންގެ ވަންތުކަން އީމާންކަމުން ކަނޑައަޅައި، މިސްކިތުގެ އަޅުކަމުގެ، ތަރުބަވީ އަދި އިޖުތިމާޢީ ވަޒީފާތައް އެއްކޮށްލައި، އަދި އިސްކަންދޭންޖެހޭ ކަންކަން ތަރުތީބުކޮށްދެމުންނެވެ. އެ ގޮތުން:
1 – ފާރުތައް ބިނާކުރުމުގެ ކުރީން ހިތް ބިނާކުރުން އިސްވެއެވެ.
2 – ބޭރުފުށުގެ މާއްދިއްޔާތުގެ ކުރީން އިޚުލާޞްތެރިކަން އިސްވެއެވެ.
3 – ޒީނަތްތެރިކަމުގެ ކުރީން މެސެޖު އިސްވެއެވެ.
އެހެންކަމުން، ޤުރްއާނީ ނަޒަރަކުން ބަލާ އިރު މިސްކިތް ބިނާކުރުމަކީ ހަމައެކަނި ޢިމާރާތްކުރުމުގެ މަޝްރޫޢެއް ނޫނެވެ. އެހެނެއްކަމަކު، އެއީ މާތް ﷲއަށް ކިޔަމަންތެރިވެ ބިން ބިނާކުރާނެ، އަދި ޚަލިއްޔާކަމާއި އިޞްލާޙުގެ މަޤުޞަދުތައް ޙަޤީޤަތަކަށް ހަދާނެ މުއުމިން އިންސާނާ އުފެއްދުމަށް އަމާޒުހިފާ ޙަޟާރީ މަޝްރޫޢެކެވެ.
ބައެއް ލަފުޒުގެ މާނަ:
ވަންތު ނ. (1) މީހެއްގެ ނުވަތަ އެއްޗެއްގެ ނުވަތަ ތަނެއްގެ ޚާއްސަ ސިފަތަކެއްގެ ޖަމާ. (2) ހުވިއްޔަތު. identity
ވަންތުކަން ނއނ. ވަންތުކަމުގެ ސިފަލިބިގެންވާކަން identification