ad_banner
ޙަސަދައިގެ ހުޅުކޮޅު (3) (ފަހުބައި)

އަސްމާ އަބޫބަކުރު

9 އޯގަސްޓް 2026

ނާޒިމު، ޒުހާއަކާ ހަތަރުކަޅިހަމަކުރާކަށް ވެސް ބޭނުމެއް ނުވެއެވެ.

[ނާޒިމް އަހަރެން ބޭނުން ވާހަކައެއްދައްކައިލާން. ޒުހާ ދައްކާންއުޅޭ ވާހަކައެއް އަޑުއަހާން ނާޒިމް ހުއްޓުނެވެ. އެކަމަކު އެއީ ނާޒިމްގެ ހިތުގައި ވެސް ދުވަހަކު ޒުހާއާ މެދު ދެކޭން ބޭނުންވާ ފަދަ ކަމެއްނޫނެވެ. ހަސަދައާއި ލޯބީގެ ކަނުކަމަކީ އިންސާނާ މޮޔަކޮށްލާ ދެ ބާރެވެ. ތިމާގެ ލޯބިވެރިޔާ އެހެން މީހެއްގެ ފަހަތުން ދާ މަންޒަރު ބަލާން ހުރުމަކީ އެއްވެސް ފިރިހެނަކަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އެ ހިސާބުން އުފެދޭ ހާސްކަމުގެ ތެރެއިން ދެން ނުކުންނާނީ ނަފުރަތުގެ ހޫނު އަލިފާނެވެ.

ޒުހާ ނާޒިމްގެ ފަހަތުން ދާ އިރު، ޒުހާދެކެ އިންތިހާއަށް ލޯބިވާ އެހެން ޒުވާނަކު ރަށުގައި ހުއްޓެވެ. އެއީ ރާއިދެވެ. ރާއިދާއި ޒުހާއަކީ މާލޭގައި އުޅުނު އިރު ވަރަށް ގާތްކޮށް އުޅުނު ދެ މީހުންނެވެ. ރާއިދު ރަށަށް އައީ ހަމައެކަނި ޒުހާގެ ލޯބި ހޯދުމަށެވެ. ނަމަވެސް، ޒުހާ ނާޒިމްގެ ފަހަތުން ދުވާ މަންޒަރު ފެނުމުން ރާއިދުގެ ހިތުގައި ނާޒިމްގެ މައްޗަށް ނަފުރަތު އުފެދުނެވެ.

އެއް ދުވަހެއްގެ ހަވީރެވެ. ރަށުގެ އަތިރިމަތީން ނާޒިމް ހިނގައިފައި ދަނިކޮށް ރާއިދު ގޮސް ނާޒިމްގެ ކުރިމަތީގައި ހުއްޓުނެވެ. [ނާޒިމް! ޒުހާއާ ދުރުގައި ހުރޭ! އޭނާއަކީ މަގޭ ހައްޤެއް.] ރާއިދު ރުޅިވެރިކަމާ އެކު ނާޒިމަށް  ލޯއަޅައިލިއެވެ. ނާޒިމް މަޑުމައިތިރިކަމާ އެކު ރާއިދުގެ ދެލޮލަށް ބަލައިލިއެވެ.

[ރާއިދު! އަހަރެން ޒުހާގެ ފަހަތަކުން ނުދަން. އޭނާ އަހަރެންގެ ފަހަތުން އަންނަނީ." ނާޒިމް ބުންޏެވެ. މި ބަސްތަކުން ރާއިދުގެ އިތުރަށް ރުޅިގަދަވިއެވެ. އަދި ނާޒިމްގެ މޫނުމަތީގައި ޖެހިއެވެ.

[އަހަރެންގެ މިދެލޮލުން ދުށީން ކުރީ ދުވަހު ޒުހާއާ ކަލޭ ވާހަކަ ދައްކަނިކޮށް.]

[ފެންނަ ކޮންމެ މަންޒަރެއް ޙަޤީގަތަކަށް ނުވެދާނެ.] ނާޒިމް ކޮލުގައި އަތްއަޅައިގެން ހުރެ ބުންޏެވެ.

ދަރިފުޅަށް ކުޑަކުޑަ ދެރައެއް ލިބުނަސް، އެކަމުގެ ބަދަލު ހިފާން ޝައިޠާނާގެ ދަރުބާރަށް ދިއުމަކީ އިބްރާހީމްބެގެ އާދައެވެ. މިއަދު އޭނާގެ އަމާޒަކީ އާޔާއެއް ނޫނެވެ. މިއަދުގެ އަމާޒަކީ ޒުހާ އާއި ރާއިދެވެ. އިބްރާހީމްބެގެ ހިތަށްހަމަޖެހުން ލިބެނީ ކޮންމެ ވެސް މީހަކަށް ސިހުރު ހަދައިގެންނެވެ.

ރާއިދު، ނާޒިމްގެ ގައިގައި ޖެހި މަންޒަރު ދުރުގައި ހުރި އިބްރާހީމްބެއަށް ފެނުނެވެ. އަމިއްލަ ދަރިފުޅުގެ މޫނުމަތީގައި އެހެން މީހަކު ޖެހުމުން އިބްރާހީމްބެގެ ލޭ ކެކިގަތެވެ. އަދި ޒުހާގެ ސަބަބުން ނާޒިމްގެ ހަޔާތަށް މި ލިބޭ ނުތަނަވަސްކަމަށް ނިމުމެއް ގެންނާން އޭނާ ނިންމިއެވެ.

[މަގޭ ދަރިފުޅަށް ދެރައެއް ދިން އެއްވެސް މީހަކަށް މި ރަށަކު ދިރިއެއް ނުއުޅެވޭނެ.] އިބްރާހީމްބެ ހިތާހިތުން ބުންޏެވެ.

އެރޭ އިބްރާހީމްބެ އޭނާގެ ކޮޓަރީގައި އިނދެގެން އާ ފަންޑިތައެއް ރާވާން ފެށިއެވެ. އޭނާ ބޭނުންވީ ޒުހާގެ ސިކުނޑި ބަދަލުކޮށް، ރާއިދު މޮޔަކޮށްލުމަށެވެ. ރާއިދު، ޒުހާދެކެ ފޫހިވެ، ޒުހާ ނާޒިމް ދެކެ އިންތިހާއަށް ނަފުރަތުކުރާނެ ފަދަ ނުބައި ސިހުރެއް ހެދުމަށް އޭނާ ތަކެތި އެއްކުރާން ފެށިއެވެ. މި ފަހަރު އޭނާ ބޭނުންކުރީ މީގެ ކުރީން ނުކުރާ ފަދަ ނުރައްކާތެރި ކަޅު ސިހުރެކެވެ.

މެންދަމުގެ އަނދިރިކަމުގެ ތެރެއިން އިވޭ ކިޔެވުންތަކަކީ ރޫޙުތައް ގުޑުވައިލާ ފަދަ ބިރުވެރި ކަމެއްގެ ގޮތުގައި ވެފައިވެއެވެ. ވީރާނާވެފައިވާ ފަޅުގެ އަނެއްކާ ވެސް ދިރިގެން އެއައީ ނުބައިކަމުގެ އާ ބާބަކުންނެވެ. ޝައިޠާނާގެ ލަޝްކަރުތައް ތައްޔާރުވަނީ އާ އާއިލާއެއް ފުނޑައިލުމަށެވެ.

އަނދިރިކަމުގެ ތެރެއިން އަންނަ ހަމަލާއަކީ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އެއީ ހަށިގަނޑުގެ އެތެރެހަށި ފޫދުއްވައިލާ، ސިކުނޑީގެ ނާރުތަކަށް އަސަރުކުރުވާ ނުފެންނަ ވިހައެކެވެ. ތިމާގެ އަމިއްލަ ނަފުސުގެ މައްޗަށް އޮތް ބާރު ކެނޑި، ނުބައި ރޫޙުތަކުގެ އަޅަކަށްވާ ހިނދު، ދިރިހުރުމަކީ ކޮޅެއްނެތް ވޭނެކެވެ.

މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. އިބްރާހީމްބެ އަނެއްކާ ވެސް ފިޔަވަޅުތައް އަޅަމުން ގޮސް ވަނީ އެ ބިރުވެރި ފަޅުގެއަށެވެ. ގޭގެ އެތެރޭގައި ހުރި ބޮޑު ނިކަގަހުގެ ފަތްތައް މި ފަހަރު ތެޅެނީ ކުރިއަށް ވުރެ ބާރަށެވެ. ހީވަނީ ވައިރޯޅިއެއް ނެތް ނަމަވެސް، ގަސް އަމިއްލައަށް ހޫރެނީ ހެންނެވެ.

އިބްރާހީމްބެ ބިންމަތީގައި އިށީނދެ، ރާއިދުގެ ފައިތިލައިގެ ދަށުން ނެގި ފަސްކޮޅަކާއި، ޒުހާގެ ހެދުމުން ކަނޑާލި ފޮތިކޮޅެއް ކުރިމަތީގައި ބޭއްވިއެވެ. އޭނާ ގެނައި ބައްތިތައް ދިއްލައި، ބިރުވެރި އަޑަކުން ކިޔަވާން ފެށިއެވެ. އެ ވަގުތު ފަޅުގޭގެ ކަނުން ބޮޑު ކަޅު ބުޅަލެއް ނުކުމެ އިބްރާހީމްބެގެ ކުރިމަތީގައި އިށީނދެ، އިންސާނެއް ފަދައިން ބަލާން ފެށިއެވެ.

[ޒުހާ އާއި ރާއިދުގެ ހަޔާތް އަޅިއަށް ހަދައިލާ!] އިބްރާހީމްބެ ބާރަށް އަމުރުކުރިއެވެ.

ފަޅުގޭގެ ތެރޭގައި އިބްރާހީމްބެ ކިޔެވި ކަޅު ސިހުރުގެ ދުންތައް މުޅި ރަށުގެ ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔައީ ރަށުގެ އެންމެން ނިދައިފައި ތިއްބައެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު އިރުއެރީ އާދަޔާ ޚިލާފު މާޔޫސްކަމަކާއެކީގައެވެ. ޒުހާ ހޭލީއްސުރެ އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ. ސިކުނޑީގެ ތެރޭގައި ކޮންމެވެސް މީހަކު ހަޅޭއްލަވާ އަޑު އިވޭހެން އޭނާއަށް ހީވަމުން ދިޔައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލި ވަގުތު، އޭނާގެ އަމިއްލަ ސޫރަ ފެނިފައި އޭނާ ބިރުން ފަހަތަށް ޖެހުނެވެ. ލޯގަނޑުން ފެނުނީ އޭނާގެ މޫނެއް ނޫނެވެ. އެއީ ދެލޯ ރަތްވެ، ހަންގަނޑު ކަޅުވެފައިވާ ބިރުވެރި މޫނެކެވެ. ނަމަވެސް އެސްފިޔަ ޖަހާލުމާއެކު އެ މަންޒަރު ގެއްލި، އަލުން އޭނާގެ އަމިއްލަ މޫނު ފާޅުވިއެވެ. ޒުހާގެ ހިތް ބާރަށް ތެޅޭން ފެށިއެވެ. އޭނާގެ ހަށިގަނޑުން ވަނީ ވަރުދެރަވެފައެވެ.

ހަމަ އެވަގުތު، ރަށުގެ އަނެއްކޮޅުގައި ހުރި ރާއިދުގެ ކޮޓަރިތެރޭގައި ވެސް ހިނގަމުންދިޔައީ ނާމާން ކަންތައްތަކެކެވެ. ރާއިދު އެނދުން ތެދުވަން އުޅުނު ނަމަވެސް، އޭނާގެ ހަށިގަނޑު އޮތީ ގަނޑުވެފައެވެ. އަމިއްލަ އަތްފައި ގުޑުވައިލާނެ ބާރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. ކޮޓަރީގެ ފުރާޅުމަތީން ބާރަށް ދުވާ އަޑާއި، ފާރުތަކުގެ ތެރެއިން ކުދިކުދި ސިއްރު ވާހަކަތަކެއް ދައްކާ އަޑު އޭނާއަށް އިވެމުން ދިޔައެވެ.

[ނާޒިމް... ނާޒިމް...] އެ އަޑުތަކުން ކިޔަމުންދިޔައީ ނާޒިމްގެ ނަމެވެ. ރާއިދުގެ ހިތަށް ވަގުތުން ވެރިވީ ކޮޅެއްނެތް ފޫހިކަމާއި ރުޅިވެރިކަމެވެ. އެއީ އާދައިގެ ރުޅިއެއް ނޫނެވެ. އެއީ މީހަކު މަރައިލާން ވެސް ފަސްނުޖެހޭނެ ފަދަ ނުރައްކާތެރި ޖަޒުބާތެކެވެ. އޭނާގެ ސިކުނޑީގެ ކޮންޓުރޯލު ދިޔައީ މަޑުމަޑުން އޭނާގެ އަތުން ބީވަމުންނެވެ.

ހަވީރުގެ ވަގުތެވެ. ޒުހާ ގޭގެ ބޭރު ޖޯލީގައި އިށީނދެގެން އިނީ ކަޅިޖަހައިނުލައި ދުރު ބަލާށެވެ. އޭނާގެ މަންމަ އައިސް ވާހަކަދެއްކުމުން ވެސް އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. އެ ވަގުތު މަގުމަތިން ނާޒިމް ހިނގައިފައި ދިޔައެވެ. ނާޒިމް ފެނުމާ އެކު، ޒުހާގެ ހިތަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާގެ ހިތުގައި ކުރީން ނާޒިމްގެ މައްޗަށް އޮތް ލޯބީގެ ބަދަލުގައި، މި ފަހަރު އުފެދުނީ އިންތިހާ ބިރުވެރިކަމެވެ. ނާޒިމްގެ ބޮލުގެ ވަށައިގެން ކަޅު ހިޔަނިތަކެއް އެނބުރެމުންދާ މަންޒަރު ޒުހާއަށް ފެންނާން ފެށިއެވެ. ޒުހާ ބާރަށް ހަޅޭއްލަވައިގަނެ، ގޭގެ އެތެރެއަށް ދުވެފައި ވަދެ ދޮރުލެއްޕިއެވެ. އޭނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އިބްރާހީމްބެގެ ސިހުރު ޒުހާއާއި ރާއިދުގެ ބޮލަށް އަމާޒުވެފައެވެ. އެ މީހުންގެ ހަމަބުއްދި ފޭރިގަތުމުގެ މަސައްކަތް ޝައިޠާނުން ވަނީ ފަށައިފައެވެ. ދުވާލުގެ ބާރަ ގަޑިއިރު އެ ޢާއިލާތަކަށް ވަނީ ދިގުވެފައެވެ.

ދަންވަރުގެ ހިމޭންކަން ބަދަލުވަނީ ނާމާން ރުއިމުގެ އަޑަށެވެ. ހަސަދައިގެ ބިންގަލުން ފެށުނު ކަމެއްގެ ނިމުން އޮންނާނީ ލެޔާއި ކަރުނައިގެ ތެރޭގައެވެ. އިންސާނާގެ ސިފަ ގެއްލި، ވަޙުޝީ ޖަނަވާރެއްގެ ސިފައަށް ބަދަލުވާ ހިނދު، ގާތްތިމާގެ މީހުންނަކީ ވެސް ދުޝްމަނުންނަށް ވެދެއެވެ.

މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. މިރޭ ވެސް މުޅި ރަށް އޮތީ ކަނުއަނދިރީގެ ތެރޭގައެވެ. ރާއިދުގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. ރާއިދު ނުކުތީ އިންސާނެއް ފަދަ ގޮތަކަށް ނޫނެވެ. އޭނާގެ ހިނގުން ހުރީ ތަފާތުކޮށެވެ. ދެލޯ ވަނީ މުޅިން ރަތްވެފައެވެ. އޭނާގެ އަތުގައި ތޫނު ވަޅިއެއް އޮތެވެ. އޭނާގެ ސިކުނޑީގެ ތެރެއިން އިވެމުންދިޔައީ އެންމެ އަމުރެކެވެ. [ނާޒިމު ނައްތައިލާ... ނާޒިމު މަރައިލާ..." ރާއިދު މަޑުމަޑުން ހިނގާފައި ގޮސް އިބްރާހީމްބެމެންގެ ގޭގެ ދޮރުމައްޗަށް ހުއްޓުނެވެ. ގޭގެ މައިދޮރު ހުރީ ހުޅުވައިފައެވެ. ހީވަނީ ކޮންމެވެސް ބާރަކުން ރާއިދަށް މަގުދައްކާން ދޮރު ހުޅުވައިދިނީ ހެންނެވެ.

ރާއިދު ގޭގެ އެތެރެއަށް ވަދެ، ނާޒިމް ނިދާފައި އޮތް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކޮޓަރިތެރޭގައި އޮތީ ފުން އަނދިރިކަމެކެވެ. ނާޒިމް އެނދުގައި ނިދައިފައި އޮތެވެ. ރާއިދު މަޑުމަޑުން އެނދާ ކައިރިވެ، އަތުގައި އޮތް ވަޅި މައްޗަށް އުފުލައިލިއެވެ. ނަމަވެސް އޭނާ ވަޅި ޖަހާން އުޅުނު ވަގުތު، އެނދުމަތީގައި އޮތް ނާޒިމްގެ ސޫރަ ބަދަލުވިއެވެ. އެއީ ނާޒިމެއް ނޫނެވެ. އެއީ ބޮޑު، ބިރުވެރި ސުންޕާ ސިފައެއްގައި ހުރި ޖިންނިއެކެވެ. އެ ސޫރަ ބާރަށް ހީގަނެ، ރާއިދުގެ ކަރުގައި ހިފިއެވެ. ރާއިދު ބިރުން ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް އޭނާގެ އަޑެއް ނުނުކުތެވެ.

ހަމަ އެވަގުތު، ޒުހާގެ ގޭގެ ތެރެއިން ވެސް ބިރުވެރި އަޑުތަކެއް އިވެމުންދިޔައެވެ. ޒުހާ އިނީ ކޮޓަރީގެ ކަނެއްގައި ދެކަކޫ މޭގައި ޖައްސައިގެންނެވެ. ކޮޓަރީގެ ފާރުތަކުން ލޭ ފައިބަމުންދާ މަންޒަރު އޭނާއަށް ފެންނަމުން ދިޔައެވެ. ފާރުގައި ހުރި ލޭތަކުން ލިޔެވެމުންދިޔައީ "އިބްރާހީމް... އިބްރާހީމް..." މި ނަމެވެ. ޒުހާގެ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލައިލި ވަގުތު، ދުރުގައި ހުރި ފަޅުގެއާ ދިމާއިން ބޮޑު އަލިފާންގަނޑެއް މައްޗަށް އަރަމުންދާ މަންޒަރު ފެނުނެވެ. އެ އަލިފާނުގެ ތެރެއިން އިބްރާހީމްބެގެ ނުބައި ހިނިތުންވުން ސިފަވަމުން ދިޔައެވެ. ޒުހާގެ ހަމަބުއްދި މުޅިން ސާފުވެ، އޭނާއަށް ވިސްނުނެވެ. މިއީ އެ މީހުންނަށް ދިމާވެގެން އުޅޭ އާދައިގެ ކަމެއް ނޫނެވެ. މިއީ އިބްރާހީމްބެގެ ނުބައި ސިހުރުގެ ބައެކެވެ. ނަމަވެސް އެ މީހުން ސަލާމަތްކުރާނީ ކާކުހެއްޔެވެ؟

ރަށުތެރޭގައި ބިރުވެރިކަން ބޮޑުވެ، ރާޤީ މާހިރަށް ޒުހާއާއި ރާއިދުގެ ޚަބަރު ލިބުނެވެ. މާހިރު ވަގުތުން ޒިޔާނާ އެކު ޒުހާގެ ގެއަށް ދިޔައެވެ. ޒުހާ އޮތީ ހޭނެތިފައި އެނދުމަތީގައެވެ. މާހިރު ޒުހާގެ ބޮލުގައި އަތްބާއްވައި ޤުރްއާން ކިޔަވާން ފެށިއެވެ. ކިޔެވުން ވަރުގަދަވުމާ އެކު، ޒުހާގެ ހަށިގަނޑުން ބާރު އަޑެއް ނުކުތެވެ.

[ހުއްޓައިލާ! ތިޔައީ މިކަމުގެ އަސްލު މީހާއެއް ނޫން!] ޖިންނީގެ އަޑުން ބުންޏެވެ.

މާހިރު ސުވާލުކުރިއެވެ. [ކަލޭމެން ފޮނުވީ އިބްރާހީމް! އޭނާ ހަދާ ސިހުރުގެ ތަކެތި ހުރީ ފަޅުގޭގައި!]

އެވަގުތު ޒުހާގެ ހަށިހގަނޑަށް ވަދެ ހުރި ޖިންނި ބާރަށް ހީނގަތެވެ. އަދި މާހިރަށް ޙަޤީޤަތް ކިޔައިދޭން ފެށިއެވެ.

[އިބްރާހީމަކީ ހަމައެކަނި ފޮތް ބަލައިގެން ކިޔަވާ މީހެއް. އޭނާއަށް އެ ތަކެތި ދެނީ ކާކުކަން ކަލޭމެންނަށް އެނގޭތަ؟ ޖިންނި ބުންޏެވެ. [އެއީ ރާއިދުގެ މަންމަ! އޭނާއަކީ އިބްރާހީމްގެ ކުރީގެ އަންހެނުން. ނާޒިމާއި ރާއިދަކީ އެއްބަނޑު ދެބެއިން!]

ޖިންނި ދައްކާ ވާހަކަ ޤަބޫލުކުރާން މާހިރަށް ދަތިވިއެވެ. ނަމަވެސް އެ ދައްކާ ވާހަކައިގެ ތެދުދޮގު ބަލާން މާހިރު ނިންމިއެވެ.

މި ބޮޑު ޙަޤީޤަތް ހާމަވުމާ އެކު ޒިޔާނާއި މާހިރަށް ލިބުނީ ބޮޑު ސިހުމެކެވެ. ރާއިދާއި ނާޒިމަކީ އެއްބަނޑު ދެބެއިންނެވެ. ރާއިދުގެ މަންމަ ބޭނުންވީ އިބްރާހީމްބެ ލައްވައި ސިހުރު ހައްދައި، ނާޒިމްގެ ހަޔާތް ހަލާކުކުރި އާޔާއާއި ޒުހާގެ ދިރިއުޅުން ހަލާކުކޮށްލާށެވެ. އިބްރާހީމްބެ ބޭނުންކޮށްގެން މި ހުރިހައި ނުބައިކަމެއްގެ ފަހަތުގައި ހުރީ ރާއިދުގެ މަންމައެވެ. އޭނާ ބޭނުންވީ އިބްރާހީމްބެގެ މުދާގަނޑާއި، ރަށުގެ ބާރު އޭނާގެ ދަރިފުޅު ރާއިދަށް ހޯދައިދިނުމަށެވެ. އެ ކަމަށް ޓަކައި އޭނާ ނާޒިމަށް ސިޙުރުހެދީއެވެ. އިބްރާހީމްބެއަކަށް އެ ކަމެއް ނޭނގެއެވެ.

ޙައްޤުގެ އަލިގަދަ ނޫރުގެ ކުރިމަތީގައި ބާޠިލުގެ ހުރިހައި ލަޝްކަރެއް ބަލިވެ، އަޅިއަށްވެގެންދާނެއެވެ. ނުބައިކަމުގެ މަރުކަޒަށް ވަދެ، އެންމެ ފަހުގެ ނިންމުން ނިންމާ ހިނދު، ގަދަފަދަ ބިރުވެރިކަމެއް ކުރިމަތިލާނެއެވެ. އެކަމަކު ކަލާމުﷲގެ ބާރުގެ ކުރިމަތީގައި ހުރިހައި އެއްޗެއްގެ ބާރު ކެނޑިގެންދާނެއެވެ.

މާހިރާއި ޒިޔާން ވަގުތުން ދިޔައީ ފަޅުގެއަށެވެ. މި ފަހަރު އެ މީހުންނާ އެކު ރަށުގެ ބައެއް ޒުވާނުން ވެސް ތިއްބެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ފަޅުގޭގެ ތެރެއަށް ވަން އިރު، އެ ތަނުގައި އިބްރާހީމްބެގެ އިތުރުން ރާއިދުގެ މަންމަ ވެސް އިނީ ކަޅު ހެދުމެއްލައިގެން ކިޔަވާށެވެ. އެ މީހުންގެ ވަށައިގެން ގިނަ އަދަދެއްގެ ކަޅު ބުޅާތައް އެނބުރެމުންދިޔައެވެ.

މާހިރު ބާރަށް ސޫރަތުލްބަޤަރާ ކިޔަވަން ފެށިއެވެ. ކިޔެވުން ފެށުމާ އެކު، ފަޅުގޭގެ ފުރާޅުން ދަގަނޑުތައް ނެއްޓި، ބާރު އަޑުފައްގަނޑަކާއެކު ބިމަށް ވެއްޓެން ފެށިއެވެ. ކަޅު ބުޅާތައް ހަޅޭއްލަވަމުން މާހިރާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ޒިޔާނާއި އެހެން ޒުވާނުން ދަނޑިބުރިތަކުން އެ ބުޅާތައް ދުރުކުރިއެވެ.

މާހިރު ކިޔަވަމުން ގޮސް، ނިކަގަހުގެ އެންމެ ފުން މޫގަނޑުގެ ދަށުން ބޮޑު ކަޅު ފޮށްޓެއް ނެގިއެވެ. އެ ފޮށި ނެގުމާ އެކު، ރާއިދުގެ މަންމަ ބާރަށް ހަޅޭއްލަވައިގަތެވެ.

[ނޫން! އެ ފޮށި ނުހުޅުވާ! އޭގެ ތެރޭގައި ވަނީ މަގޭ ދަރިންގެ ފުރާނަ!] އޭނާ ދުވެފައި ގޮސް މާހިރުގެ އަތުން ފޮށި އަތުލާން އުޅުނެވެ. ނަމަވެސް ޒިޔާން އޭނާ ހިފެހެއްޓިއެވެ. މާހިރު އެ ފޮށި ހުޅުވައިލި އިރު، އޭގެ ތެރޭގައި ވަނީ ނާޒިމް، ރާއިދު، އާޔާ އަދި ޒުހާގެ ފޮޓޯތަކެވެ. އެ ފޮޓޯތަކުގެ މައްޗަށް ވަނީ ކަޅު ކަށިތަކެއް ޖަހާފައެވެ.

މާހިރު ވަގުތުން ލޮނުފެން ބާލިދީއަކަށް އެ ތަކެތިލައި، ސިހުރު ބާތިލުކުރާ އާޔަތްތައް ކިޔެވިއެވެ. އެ ތަކެތި ފެނުގެ ތެރޭގައި ގިރިގެން ދިޔުމާއެކު، މުޅި ފަޅުގޭގެ ތެރެއިން ބާރު ދުމެއް އަރައި، ބިރުވެރި ހަޅޭކުގެ އަޑަކާއެކު ޖިންނީންގެ ލަޝްކަރު ފިލައިގެން ދިޔައެވެ. އިބްރާހީމްބެ އާއި ރާއިދުގެ މަންމަ ބިމަށް ވެއްޓި، އެ މީހުންގެ ހަށިގަނޑުން ދިރުން ނެތިގެން ދިޔައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ރަށަށް ވެރިވީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ޒުހާ އާއި ރާއިދު މުޅިން ރަނގަޅުވެ އެމީހުންގެ ހަމަބުއްދި އެނބުރި އައިއެވެ. ރާއިދަށް އޭނާގެ މަންމަ ކުރި ނުބައި ކަންތައްތައް އެނގުމުން އޭނާ އިންތިހާއަށް ދެރަވިއެވެ. އޭނާ ނާޒިމްގެ ގާތަށް ގޮސް މާފަށް އެދުނެވެ. ނާޒިމް އުފަލާ އެކު އޭނާގެ އެއްބަނޑު ކޮއްކޮއަށް މާފުކުރިއެވެ.

ޒުހާގެ ހިތުގައި ނާޒިމްގެ މައްޗަށް އޮތް ބިރުވެރިކަން ފިލައިދިޔަ ނަމަވެސް، އޭނާއަށް ވިސްނުނީ ރާއިދަކީ އޭނާއަށްޓަކައި ކިތަންމެ ބޮޑު ޤުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުރި ޒުވާނެއް ކަމަށެވެ. ޒުހާ ނިންމީ ރާއިދުގެ ލޯބި ބަލައިގަނެ، އޭނާއާ އެކު އާ ދިރިއުޅުމެއް ފެށުމަށެވެ. ނާޒިމް ވެސް އެ މީހުންގެ އުފަލުގައި ބައިވެރިވިއެވެ.

އާޔާއާއި ޒިޔާން އެ މީހުންގެ ތުއްތު ދަރިފުޅާ އެކު ކުރިއެކޭ ވެސް އެއް ފަދައިން އުފާވެރި ދިރިއުޅުމަކަށް އެނބުރި އައެވެ. ވީރާނާވެފައިވާ ފަޅުގެއަކީ މިހާރު ރަށުގެ އެންމެންނަށް ބޮޑު އިބްރަތެކެވެ. ހަސަދައާއި، ނަފުރަތާއި، ސިހުރުގެ ނުބައި މަގުން ހިނގައިފި މީހެއްގެ ނިމުން އޮންނާނީ ހަމަ މިފަދަ ހިތި ގޮތަކަށެވެ. އިންސާނާގެ އަގަކީ އޭނާގެ ހިތުގެ ސާފުކަމާއި، އެހެން މީހުންނަށް ކުރާ އިޙްތިރާމެވެ. (ނިމުނީ)

ކޮމެންޓު