އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
9 އޯގަސްޓް 2026
އާދޭހެވެ! އީރާނުގެ އިންގިލާބީ ލަސްކަރުގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ، އީރާނުގެ އަސްކަރީ ގާބިލުކަން އިސްރާއީލަށް ރަނގަޅަށް އެނގޭ ކަމަށާއި، އިސްރާއީލުގެ އެތެރޭގެ މަސްރަހު އޮތީ ވަރަށް ހަލަބޮލިކޮށްކަމަށެވެ. އަދި އިސްލާމީލު އޮތީ އީރާނާ ދެކޮޅަށް ހަނގުރާމައެއް ދަމަހައްޓައިގެން ކުރިއަށްގެންދެވޭ ފަދަ ހާލަތެއްގައި ނޫންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިއީ ސިޔާސީ ނުވަތަ އަސްކަރީ ނުތަނަވަސްކަން ބޮޑުވާ ވަގުތުތަކުގައި އެކި ދައުލަތްތަކުން އާންމުކޮށް ބޭނުންކުރާ ބަސްމަގު ދައްކުވައިދޭ ބަޔާނެކެވެ. މީގައި ނަފުސާނީ ހަނގުރާމައާއި، ސައްހަ ބައެއް ހަގީގަތްތައް ވެސް އެކުލެވެއެވެ. ނަމަވެސް މި ބަޔާނުގައި އަމިއްލަ ބާރު އޮތް މިންވަރަށް ވުރެ މާބޮޑަށް އެ ބާރު އޮތްކަން ދައްކުވައިދިނުން އެކުލެވިގެންވެއެވެ.
އީރާނުގެ ގާބިލުކަން އިސްރާއީލަށް އެނގޭކަން ފާހަގަކުރުމަކީ ކުރިމަތިލުމަކުން ދުރުހެލިކުރުވުމަށް (ޑިޓެރެންސް) ގައުމުތަކުން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. އާދޭހެވެ! އިސްރާއީލުން ހީކުރިވަރަށް ވުރެ އީރާނުގެ ކެރުންތެރިކަމާއި، ކުރުންތެރިކަމާއި ގާބިލުކަން މާ ބޮޑުކަން މިހާރު އިސްރާއީލަށާއި އެމެރިކާއަށް ވެސް އެނގެއެވެ. އެހެންކަމުން ސަރަހައްދުގައި އީރާނުން ދަމަހައްޓާ މިސައިލާއި، ޑުރޯނު ޙަމަލާތަކާއި އީރާނަށް މަދަދުވެރިވާ މަދަދުގާރު ޖަމާޢަތްތަކުގެ ވިއުގައަކީ އިސްރާއީލުގެ ދިފާއަށާއި ހަމަލާދިނުމުގެ އިސްތިރާޖީ ތަދުބީރުގައި ވަރަށް ބޮޑަށް ރިޢާޔަތްކުރާ ކަންކަމެވެ.
އިސްރާއީލުގެ އެތެރޭގެ ހާލަތު ވަރަށް ނުތަނަވަސްކަމަށް ބަޔާންކުރެއްވި ބަޔާންކުރެއްވުމަކީ ހަގީގަތެކެވެ. ވެރިކަން ކުރިއަށްގެންދިއުމާއި އަސްކަރީ އުކުޅުތަކާ މެދު އިސްރާއީލުގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލުތަފާތުވުންތައް ވަރަށް ބޮޑެވެ. މި ކަމާ ގުޅިގެން ތައްލުއަބީބާއި އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ކުރިއަށް އެބަ ގެންދޭވެސްމެއެވެ. އެއީ ހަގީގަތެކެވެ. ނަމަވެސް، ތާރީޚަށް ބަލާ އިރު، އެބައިމީހުންގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ބޮޑު ހަނގުރާމައެއްގެ ވަގުތުތަކުގައި އިސްރާއީލުގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް، ވަރަށް އަވަހަށް އެއްބައިވަންތަކަމަށް ބަދަލުވާތަން ވަނީ ފެނިފައެވެ. އެހެންކަމުން އިސްރާއީލުގެ އެތެރޭގައި ހިނގާ މުޒާހަރާތަކަކީ އެ މީހުން ހަނގުރާމައާ އަދި ދުރަށްޖައްސާނެ ކަމެއްކަމަކަށް ނުބެލެއެވެ. ސަބަބަކީ ބިންޔާމީން ނަތަންޔާހޫއަކީ، އޭނާގެ ސަލާމަތަށް ޓަކައި ވެސް ހަނގުރާމައިން ނުކުންނާން ބޭނުންވާނޭ މީހެއްނޫނެވެ. ރައްޔިތުންގެ ޖަޒުބާތާ ކުޅެގެން ވެސް އޭނާ މަސައްކަތްކުރާނީ އިސްރާއީލުގެ ދެމި އޮތުމަށް އީރާނުގެ ފަރާތުން އޮތް ނުރައްކާ ވިސްނައިދޭށެވެ. އޭރުން ރައްޔިތުން އެ މީހުންގެ ގައުމީ ސަލާމަތަށް ޓަކައި ދެބަސްވންތައް ދޫކޮށް އެއް ގަލަކަށް އަރާނެއެވެ. އިސްރާއީލު މީހުންނަކީ ވަރަށް ވަޠަނީ ބަޔެކެވެ.
އިސްރާއީލަށް އީރާނާ ދެކޮޅަށް ހަނގުރާމައެއް ދަމަހައްޓައިގެން ނުކުރެވޭނެކަމަށް ބުނާ ބުނުމަކީ މި މައްސަލައިގެ ހަގީގަތް އެއީ މާ އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުމެކެވެ. ގިނަ ފަރާތްތަކަކާ ދެކޮޅަށް އިސްރާއީލުން ކުރާ ދިގުލައިގެންދާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިގްތިސާދަށާއި ރިޒާވް އަސްކަރީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެއީ ދެބަސްވެވޭން ނެތް ހަގީގަތެކެވެ. ނަމަވެސް، އިސްރާއީލަކީ ފަންނިއްޔާތުގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރައިފައިވާ ގައުމެކެވެ. އަދި އެއީ ކުރިއަރައިފައިވާ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކެއްލިބިފައިވާ ގައުމެއްވެސް މެއެވެ. އަދި މި ދަނޑިވަޅުގައި ވިލާތާއި އެމެރިކާ ބައްރުގެ ބައެއް ގައުމުތަކާ ގުޅުން ގޯސްވެފައި ވިޔަސް ބާރުގަދަ އެކުވެރި ގައުމުތަކެއްގެ (މިސާލަކަށް އެމެރިކާއާއި ޖަރުމަނުވިލާތް ފަދަ) އެހީތެރިކަން ލިބެމުންދާ ގައުމެކެވެ. އަދި ކޮންމެ ޙާލަތެއްގައި ވެސް މި އެހީތެރިކަން އެ ގައުމުތަކުން ދޫކޮށެއްނުލާނެއެވެ. އަދި ގަލްފުގެ ގައުމުތަކުން އޫއޭއީއާއި ސުޢޫދީ ޢަރަބިއްޔާ ފަދަ ގައުމުތަކުން ވެސް އީރާނާ ދެކޮޅަށް ހަނގުރާމަކުރާން ސިއްރުންނާއި ފާޅުގައި ނަމަވެސް އިސްރާއީލާއި އެމެރިކާއަށް ވާގިވެރިވާނެއެވެ. އެހެނީ އެ މީހުންގެ ރަސްކަންތައް ދިފާޢުކޮށް އީރާނަކީ ސަރަހައްދީ ބޮޑު ބާރަކަށް ވިޔަނުދިނުމަށް ކުރާ މަސައްކަތަށް މަގުފަހިވާނީ އޭރުންކަމަށް އެ ގައުމުތަކުން ދެކެއެވެ. އޫއޭއީއަކީ މިހާރު ފާޅުގައި އިސްރާއީލުގެ ބައިވެރިއެއް ވެސް މެއެވެ.
ކަން މިހެން ހުރުމާ އެކު، ހަނގުރާމައިގެ ވަގުތުތަކުގައި ގައުމުތަކުން ދޭ މި ފަދަ ބަޔާންތަކަކީ މައިގަނޑު ގޮތެއްގައި ނަފުސާނީ ގޮތުން ނުފޫޒު ފޯރުވުމަށާއި، ބިރުވެރިކަން އުފެއްދުމަށް ދޭ ބަޔާންތަކެކެވެ. މިއީ މި ޒަމާނުގެ އަދި ކުރީ ޒަމާނުގައި ވެސް ބޭނުންކުރާ ހަނގުރާމައިގެ އުކުޅުތަކެކެވެ. އަދި އީރާނުގެ މި ފަދަ ބަޔާންތަކުގެ އަނެއް ބޭނުމަކަށް ވާނީ، އަމިއްލަ ގައުމުގެ ރައްޔިތުންނާއި ސަރަހައްދީ މަދަދުގާރުންނަށް އިތުބާރުދިނުމެވެ. އަދި ދުޝްމަނުންގެ ސިޔާސީ މަސްރަހުގައި ހުރި ބަލިކަށިކަމާއި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ބޭނުންހިފުމެވެ.
އީރާނުގެ ބަޔާނުގައި ހަގީގަތްތަކެއް އެބަ ހުއްޓެވެ. އީރާނަކީ، ކުރީން އިސްރާއީލާއި އެމެރިކާ ހީކުރި ފަދައިން އަވަހަށް ގިއްގަޅުވައިލެވޭނެ ގައުމެއް ނޫންކަން އެ މީހުންނަށް ވެސް ވިސްނޭނެއެވެ. ނަމަވެސް މިއީ އީރާނާ އޮތް ދުޝްމަނުކަން ދޫކޮށް، އިޒުރޭލާއި އެމެރިކާ ބަލިވީކަމަށް ގަބޫލުކޮށް އެ މީހުން ހަނގުރާއިން އަތްދޮވެލާނެ ސަބަބެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.