އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
8 އޯގަސްޓް 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކާ ގާތްވެފައިވާކަމަށް ގަބޫލުކުރާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ބުރާސްފަތި ދުވަހު ނޫސްވެރީން ގާތު ވަނީ ބުނެފައެވެ. އަދި ހަނގުރާމަ ނިމުމުން ތެލުގެ އަގު ދަށަށް ދާނެކަމަށް ވެސް އޭނާ ވައުދުވިއެވެ. ނަމަވެސް މި ވާހަކައިގެ ތަފުސީލުތަކަށް ބަލައިލަމާ ހިންގަވާށެވެ!
އެމެރިކާއާއި އިޒުރޭލުގެ އުޅަނދުފަހަރު ހުރުމޫޒު ކޮއްލަވާނީގެ ތެރެއިން ހުރަސްކުރުން މަނާކުރާ ބިލަކާ މެދު އީރާނުން މަޝްވަރާކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ބަރުލަމާނުގެ ނަން ހާމަކުރާން ބޭނުންނުވާ މެންބަރަކާ ހަވާލާދީ އީރާނުގެ ފާރްސް ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިޒުރޭލުގެ އިތުރަށް [އަދާވާތްތެރި] އެހެން ގައުމުތަކުގެ އުޅަނދުފަހަރު ހުރުމޫޒު ކޮއްލަވާނީގެ ތެރެއިން ހުރަސްކުރުން މަނާކުރާ ބިލެއް ފުރަތަމަ ފަހަރަށް އީރާނުގެ ބަރުލަމާނީ ކޮމިޓީއަކުން އަންނަނީ ދިރާސާކުރަމުންނެވެ.
ބުރާސްފަތި ދުވަހު އީރާނާއި ޢުމާނުން ބުނެފައިވަނީ، ދުނިޔޭގެ ހަކަތައިގެ ނުރައްކާތެރި ބޮޑު ކާރިސާއެއް އުފެދޭން މެދުވެރިވި ހުރުމުޒު ކޮއްލަވާނީގެ ތެރެއިން އުޅަނދުފަހަރު ދަތުރުކުރާނެ މަގުތަކުގެ ނުކުތާތަކާ މެދު ދެ ގައުމަށް އެއްބަސްވެވިފައިވާކަމަށެވެ. މި ދެ ގައުމުން މިހާރު އަންނަނީ ހުރުމުޒު ކޮއްލަވާނި ކޮންޓުރޯލުކުރާނެ ގޮތަކާ މެދުގައްޔާއި އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރަމުންނެވެ. އުންމީދަކީ މި ކަމަށް ހައްލެއް ލިބުމުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ އާންމު ސުލްހައިގެ މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޓުރަންޕު ބުނީ ކީކޭ؟
އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައާ ބެހޭ ގޮތުން ވައިޓުހައުސްގައި ނޫސްވެރީންނާ ވާހަކަދައްކަމުން އޭނާ ބުންޏެވެ. [އަހަރެން ގަބޫލުކުރަނީ މި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އެ މީހުންނަށް [އީރާނަށް] އިތުރަށް މާ ދިގު މުއްދަތަކަށް މި ކަން ކުރިއަށް ގެންދެވޭނެކަމަކަށް އަހަރެން ނުދެކެމެވެ.]
އޭނާ އިތުރަށް ބުނެފައިވަނީ އީރާނާ އެކު ކުރެވޭ މަޝްވަރާތަކުގައި އޭނާ ޢަމަލީ ގޮތުން ބައިވެރިވާކަމަށެވެ. [އަހަރެން ދެކޭ ގޮތުގައި ކަންކަން ދަނީ ވަރަށް ރަނގަޅަށެވެ.] ޓުރަންޕު ބުންޏެވެ.
ނަމަވެސް އީރާނުން ވަނީ އެމެރިކާއާ އެކު ސީދާ މަޝްވަރާތަކެއް ކުރިއަށްގެންދާކަމަށް ޓުރަންޕު ބުނާ ބުނުން ދޮގުކޮށްފައެވެ. އަދި ހުރުމޫޒު ކޮއްލަވާނި ކޮންޓުރޯލުކުރުމާ ބެހޭ ގޮތުން ވާހަކަދައްކަމުންދަނީ ހަމައެކަނި ޢުމާނާ އެކުކަމަށް އީރާނުން ބުނެއެވެ.
ފާއިތުވި ހަފުތާގެ ހޮނިހިރު ދުވަހު، ޓުރަންޕު ވަނީ އީރާނަށް ދޭން ރޭވި ބޮޑު ހަމަލާއެއް ކެންސަލުކޮށްފައެވެ. އޭނާ ބުނީ އެ ހަމަލާތައް ކެންސަލުކުރަން ނިންމީ އީރާނާއި ސަރަހައްދުގެ އެހެން ގައުމުތަކުން އެ ކަމަށް އެދުމުން، ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އުންމީދު ބޮޑުވުމުންކަމަށެވެ.
މި ސަރަހައްދުގައި އެމެރިކާގެ ހަތިޔާރު މަދުވަމުންދާކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރުމުން، މި ހަފުތާގައި ޓުރަންޕު ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ.
ރޯޔަލް ޔުނައިޓެޑު ސަރވިސަސް އިންސްޓިޓިއުޓްގެ ސީނިއަރ އެސޯސިއޭޓް ފެލޯ، މައިކަލް ސްޓީވަންސް ވިދާޅުވީ، ހަނގުރާމަ މި ގޮތަށް ކުރިއަށްދާ ނަމަ، އެމެރިކާގެ އިންޓަރސެޕްޓަރ މިސައިލުތައް ހުސްވަމުންދާކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ ކަން އެ ގޮތަށް ދެމިއޮންނާނެކަމަށް ރިޕޯޓުތައް ބުނާތާ އެތައް މަހެއް ވެއްޖެކަމަށެވެ.
[ޙަޤީޤަތަކީ މިސައިލު މަދުވުމުގެ ސަބަބުން މި ސަރަޙައްދުގައި އެމެރިކާގެ ސިފައިން ޙަރަކާތްތެރިވުން މިއަދު [އެ މީހުންނަށް] މާ ނުރައްކާތެރިއެވެ. މީގެ ސަބަބުން އިރުމަތީ އޭޝިއާގައިވާ [އެމެރިކާގެ] އެހެން ކޮމާންޑުތަކަށް ވެސް ބާރުބޮޑުވަމުންދާތީ، މިއީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.] އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ސްޓީވަންސް ވިދާޅުވިއެވެ.
ހަނގުރާމަ [ވަރަށް އަވަހަށް ނިމުމަކަށް އައުން] އެކަށީގެންވޭތަ؟
އީރާން މިހާރު ވާނީ ބަލިކުރެވިފައިކަމަށާއި، މި ހަނގުރާމަ އޮތީ ނިމުމުގެ އައްސޭރީގައިކަމަށް ޓުރަންޕު ބުނަމުންދާތާ އެތައް މަހެއް ވެއްޖެއެވެ. ނަމަވެސް އީރާނުގެ މަސްއޫލުވެރީން ވަނީ ދިގުދެމިގެންދާ ހަނގުރާމައަކަށް އެ މީހުން ތައްޔާރަށް ތިބިކަން ފާހަގަކުރައްވައިފައެވެ.
މި ހަނގުރާމައިގެ ތެރޭގައި ޓުރަންޕު ވަނީ އީރާނަށް ބޮޑު ހަމަލާއެއް ދޭނެކަމަށް އިންޒާރު ދިނުމަށް ފަހު، އެ އިންޒާރު އަނބުރައި ގެންގޮސް، ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވާކަމަށް ބުނެ އެތައް ފަހަރަކު ވާހަކަދައްކައިފައެވެ. އެހެންކަމުން އޭނާ ދައްކާ ވާހަކައަކަށް މިހާރު އެކަކު ވެސް އިތުބާރެއްނުކުރެއެވެ.
އެޕުރީލ 7ވަނަ ދިވަހު ޓުރަންޕު ވަނީ އީރާނުން ހުރުމޫޒު ކޮއްލަވާނި ނުހުޅުވައިފިނަމަ [އެކީއެކަށް މުޅި ހަޟާރާތެއް މިރޭ ނެތިގެންދާނެ]ކަމަށާއި، އަލުން އެ ޙަޟާރާތެއް އިއާދައެއްނުކުރެވޭނެކަމަށް ބުނެ އިންޒާރުދީފައެވެ. ނަމަވެސް އެ އިންޒާރު ވެސް ވީ ޖަމަލުފޮޑިއަށެވެ.
ޓުރަންޕު ދިން އިންޒާރުގެ މުއްދަތުހަމަވާން ދެ ގަޑި އިރަށް ވެފައިވަނިކޮށް، އޭނާ ވަނީ އެ އިންޒާރު އަނބުރައި ގެންގޮސް، ދެ ހަފުތާއަށް ހަމަލާތައް ހުއްޓައިލުމެއް އިޢުލާނުކޮށްފައެވެ.
ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ކުރިތާ ޕާރސީ ހޯމަ ދުވަހު އަލްޖަޒީރާއަށް ވިދާޅުވީ، ޓުރަންޕު ތަކުރާރުކޮށް ހަމަލާތައް ވަރުގަދަކޮށް، އަދި ފަހުން އެ ހަމަލާތައް ކެންސަލުކުރުމުގެ ސަބަބުން، ހަނގުރާމައަށް މަޝްވަރާގެ މަގުން ހައްލެއް ހޯދާން އޮތް ފުރުސަތުތަކަށް ހުރަސްއެޅިފައިވާކަމަށެވެ.
[އަހަރެން ދެކޭ ގޮތުގައި މިއީ މިހާރު ވަރަށް ފޫހި ތަކުރާރުވުމަކަށް ވެއްޖެއެވެ.] އޭނާ ވިދާޅުވިއެވެ.
[ވަކި ހިސާބަކުން މަޝްވަރާތަކަށް އޮންނަ އިތުބާރު މުޅީން ނެތިގެންދާނެއެވެ. އެއްބަސްވުމެއްގައި ދެމިއޮތުމުގެ އިތުބާރާ މެދު ސުވާލު އުފެދެއެވެ. ހުށަހަޅާ އެއްވެސް އިނާޔަތްތަކެއްގެ އިތުބާރާ މެދު ސުވާލު އުފެދެއެވެ. އަދި ސާފުކޮށް އެނގޭ ގޮތުގައި ދޭ އިންޒާރުތަކުގެ ނުރައްކާތެރިކަމުގެ އިތުބާރު ވެސް މިވަނީ ކުޑަވެފައެވެ.]
އޭގެ އިތުރަށް، ހުރުމޫޒު ކަނޑުއޮޅި ބެލެހެއްޓުމުގެ މައްސަލައަށް ހައްލެއް ލިބުނުކަމުގައި ވިޔަސް، މީގެ ނަތީޖާއަކީ އެމެރިކާއާއި އީރާނުގެ ހަނގުރާމަ ނިމުމަކަށް އައުން ނޫންކަމަށް މާހިރުން ބުނެއެވެ. އެ ކަމަށް ޓަކައި މަޝްވަރާތައް އަލުން ފަށާންޖެހޭނެއެވެ.
ވޮޝިންގްޓަންގެ މެދުއިރުމަތީގެ އިންސްޓިޓިއުޓްގެ ޑިސްޓިންގްވިޝްޑު ޑިޕްލޮމެޓިކް ފެލޯ، އެލަން އޭރީ މި ހަފުތާގެ ކުރީކޮޅު އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ކުރިއަށްދާ މުހިންމު ހަމައެކަނި މަޝްވަރާތަކަކީ ހުރުމޫޒު ކޮއްލަވާންޏާ ބެހޭ ގޮތުން އީރާނާއި ޢުމާނާ ދެމެދު ކުރެވޭ މަޝްވަރާތައްކަމަށެވެ.
އޭނާ ތަފުސީލުކޮށްދެއްވި ގޮތުގައި، އެމެރިކާއިން ދައްކާ އެއްވެސް ވާހަކައަކަށް [އިތުބާރު ނުކުރެވޭނެތީ]، އެމެރިކާއާ އެކު ސީދާ ވާހަކަދެއްކުމަކީ ބޭކާރު ކަމެއްކަމަށް އީރާނުން ވަނީ ނިންމައިފައެވެ.
[އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ރައީސް ޓުރަންޕު ވަނީ ހައެއްކަ ފަހަރު ސުވާލެއް ނެތި އީރާނު ނައްތައިލާނެކަމަށް ވައުދުވެ، އެކަމަކު އެންމެ ފަހު ވަގުތު އެ ކަމަށް ފަސްޖެހިފައެވެ. އެހެންކަމުން އެއްވެސް މަޝްވަރާއެއް ކުރިއަށްދާކަމާ މެދު، އަހަރެން ވަރަށް ޝައްކުކުރަމެވެ.] [އަދި ނިއުކުލިއަރު މައްސަލައިގައި ނުވަތަ ހުރުމޫޒު ކޮއްލަވާނީގެ މައްސަލައިގައި އީރާނާ އެކު އެމެރިކާއަށް އެއްބަސްވުމަކަށް އާދެވޭނެކަމާ މެދު ވެސް ޝައްކެވެ.] އެލަން އޭރީ ވިދާޅުވިއެވެ.
ވި ވާހަކަތަކަށް ބަލާ އިރު، އަދި މާ އަވަހަކަށް މެދުއިރުމަކީގެ ހަމަނުޖެހުންތައް އެކީއެކަށް ހައްލުވެދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެމެރިކާ ވެސް މި އަދު އޮތީ ހަނގުރާމަ ކުރިއަށް ގެންދެވޭ ފަދަ ޙާލަތެއްގައެއް ނޫނެވެ. އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ބޮޑެތި މައްސަލަތައް ޓުރަންޕަށް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް އެމެރިކާއާ އެކު އެއްބަސްވުމަކަށް އަންނާން ހުރަހަކަށްވާ އެންމެ ބޮޑު ސަބަބަކީ އެމެރިކާގެ ވައުދާއި ޓުރަންޕުގެ ސޮޔަކީ އެއްވެސް އިތުބާރެއް އަގެއް ހުރި އެއްޗެއް ނޫންކަމަށް އީރާނުގެ އެންމެ އިސް އިސްވާރު މުޖުތަބާ ޚާމަނާއީ ވެސް ވިދާޅުވެފައިވާތީއެވެ. އެހެންކަމުން ހަނގުރާމައިގެ މައިދާނުން އަތްދޮވެލައިގެން އީރާނު ދުރަށް ދާނެކަމަކަށް ގަބޫލެއްނުކުރެވެއެވެ. (މަޢުލޫމާތު: އަލްޖަޒީރާ)