ad_banner
سورة الضحىއާ އެކު ތަރުބަވީ ވަގުތުކޮޅެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

7 އޯގަސްޓް 2026

އައްޟުޙާ ސޫރަތް ބާވައިލެއްވީ ދުވަސްކޮޅަކަށް ވަޙީބަސްފުޅު މެދުކެނޑިފައި އޮތުމުގެ ސަބަބުން ކައު ރަސޫލާ  صلى الله عليه وسلم އަށް ލިބިވަޑައިގަތް ނުތަނަވަސްކަން ފިއްލަވައިދެއްވުމަށް ޓަކައެވެ. މި ސޫރަތް ބާވައިލެއްވުމުން އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ލިބުނެވެ.

ސޫރަތުއްޟުޙާއަކީ މުފައްޞަލު ކުރު ސޫރަތްތަކުގެ ބައިގައި ހިމެނޭ ފުރަތަމަ ސޫރަތެވެ. މުފައްޞަލު ސޫރަތްތައް ފެށެނީ  ق ސޫރަތުންނެވެ. ނިމެނީ  (الناس) ސޫރަތަށެވެ. މުފައްޞަލު ސޫރަތްތައް ތިން ބަޔަކަށް ބެހިގެން ވެއެވެ. އެއީ މުފައްޞަލު ދިގު ސޫރަތްތަކާއި މުފައްޞަލު މެދުމިން ސޫރަތްތަކާއި މުފައްޞަލު ކުރު ސޫރަތްތަކެވެ.

އައްޟުޙާ ސޫރަތަކީ މުފައްޞަލު ކުރު ސޫރަތްތަކުގެ ފުރަތަމަ ސޫރަތެވެ. ނަބިއްޔާ  صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أُعطيتُ مكانَ التوراةِ السبعَ الطوالُ، ومكانَ الزبورِ المئينَ، ومكان الإنجيلَ المثانِي، وفُضّلتُ بالمُفَصّل[1] - ތިމަންކަލޭގެފާނަށް ތައުރާތުގެ ބަދަލުގައި ދިގު ހަތް ސޫރަތް، އަދި ޒަބޫރުގެ ބަދަލުގައި މައީން[2] ސޫރަތްތައް އަދި އިންޖީލުގެ ބަދަލުގައި މަޘާނީ[3] ސޫރަތްތައް ދެއްވުނެވެ. އަދި މުފައްޞަލު ސޫރަތްތަކުން ތިމަންކަލޭގެފާނަށް މާތްކަން އިތުރުކޮށްދެއްވުނެވެ.))

ސޫރަތުއްޟުޙާ  

އައްޟުހާ ސޫރަތަކީ ﴿ وَالضُّحَى وَاللَّيْلِ إِذَا سَجَى مَا وَدَّعَكَ رَبُّكَ وَمَا قَلَى وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَى وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى أَلَمْ يَجِدْكَ يَتِيمًا فَآوَى وَوَجَدَكَ ضَالًّا فَهَدَى وَوَجَدَكَ عَائِلًا فَأَغْنَى فَأَمَّا الْيَتِيمَ فَلَا تَقْهَرْ وَأَمَّا السَّائِلَ فَلَا تَنْهَرْ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴾ - މާނައަކީ : ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ. (1) އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. (2) ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ. (3) އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ. (4) އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ. (5) ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. (6) އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. (7) އަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ. (8) ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ! (9) އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! (10) އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمةގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަދައްކަވައި އުޅުއްވާށެވެ! (11)

ބާވައިލެއްވި ސަބަބު

މި ސޫރަތް ބާވައިލެއްވި ސަބަބާ ބެހޭ ގޮތުން ބުޚާރީގައި އައިސްފައިވެއެވެ. ((ރަސޫލާ  صلى الله عليه وسلم  އާލާސްކަންފުޅަކާ ހެދި އެއް ރެއަކު ނުވަތަ ދެ ރެއަކު ތެދުވެވަޑައެއް ނުގަންނަވަތެވެ. މި ކަމާ ވިދިގެން އަންހެނަކު މަލާމާތުގެ ގޮތުން ދެންނެވިއެވެ. އޭ މުޙައްމަދުގެފާނޭވެ! އަޅުގަނޑަށް ފެންނަ ގޮތުގައި ކަލޭގެފާނުގެ ޝައިޠާނާ ކަލޭގެފާނު ދޫކޮށްލައިފިކަން ކަށަވަރެވެ. އެހިނދު މާތް ((وَالضُّحَى * وَاللَّيْلِ إِذَا سَجَى * مَا وَدَّعَكَ رَبُّكَ وَمَا قَلَى  މި އާޔަތްތައް ބާވައިލެއްވިއެވެ. ))[4]

 ސޫރަތުގެ މައުޟޫޢުތައް 

ސުބްޙާނަހޫ ވަ ތަޢާލާ މި ސޫރަތް ފައްޓަވައިފައި މި ވަނީ ހުވައިބަސްފުޅަކުންނެވެ. ﴿ وَالضُّحَى  ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ. ޟުޙާވަގުތެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ބަސްފުޅުގެ މުރާދަކީ މުޅި ދުވާލެވެ. މި ބަސްފުޅާ ވިދިގެން (( وَاللَّيْلِ إِذَا سَجَى - އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާ ހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.)) މިހެން އައުމުންނެވެ. ދުވާލުގެ ވަކި ވަގުތެއް ޚާއްޞަ ކުރެއްވުމުން ރޭގަނޑަށް ވުރެ ދުވާލުގެ ބާރުގަދަކަން އެނގެއެވެ.

މި ސޫރަތުގެ ދެވަނަ މައުޟޫޢަކީ މާތް ﷲ ރަސޫލާ rއަށް ދެއްވި ބައެއް ޢިނާޔަތްތަކުގެ ވާހަކަ ބަޔާންކުރެއްވުމެވެ. އެއީ ﴿ مَا وَدَّعَكَ رَبُّكَ وَمَا قَلَى * وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَى * وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى - ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.  އަދި ކަލޭގެފާނަށް ޓަކައި، ދުނިޔެއަށް ވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.  އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ. 

މާތް ﷲ އެކަލޭގެފާނަށް ދެއްވި ޢިނާޔަތްތަކަކީ:-

1-            ފުރަތަމަ ކަމަކީ ﴿ مَا وَدَّعَكَ رَبُّكَ وَمَا قَلَى  - ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ. މި ބަސްފުޅުން ﷲގެ ޙަޟުރަތުގައި ރަސޫލާގެ މަޤާމުގެ މަތިވެރިކަން އެނގެއެވެ.

2-           ދެވަނަ ކަމަކީ ﴿ وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَى  - އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ. މުރާދަކީ މި ފަނާވެދަނިވި ދުނިޔޭގައި ކަލޭގެފާނަށް ދެއްވާ ދަރުމަތަކަށް ވުރެ އާޚިރަތް ދުވަހު ދެއްވާ ދަރުމަތަކާއި މަތިވެރިކަން މާ ހެޔޮކަން ބޮޑުވާނެއެވެ

3-           ތިންވަނަ ކަމަކީ ﴿ وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى - ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު އެ ކަމާ ރުހިވަޑައިގަންނަވާނެއެވެ. 

ﷲ ތަޢާލާ ވަނީ އެކަލޭގެފާނަށް ދުނިޔެއާއި އާޚިރަތުގައި ގިނަގުނަ ދެއްވުންތަކެއް ދެއްވައިފައެވެ އޭގެ ތެރޭގައި:

ހ- މި ދީން ފުރިހަމަކޮށްދެއްވުމާއި، ﷲގެ ބަސްފުޅު މަތިވެރިކުރެއްވުމާއި، ދުޝްމަނުންގެ މައްޗަށް ނަޞްރުދެއްވުންވެއެވެ. 

ށ- އަލްމަޤާމުލްމަޙްމޫދު: މިއީ ކުރީގެ އެންމެންނާއި ފަހުގެ އެންމެން އެކަމަށް ހަހުރަވެތިވާ މަޤާމެކެވެ. މިއީ ޤިޔާމަތްދުވަހުން ކޮންމެ ރަސޫލުބޭކަލަކު  "މި އަޅާގެ ނަފުސޭ ... މިއަޅާގެ ނަފުސޭ" ވިދާޅުވާ ދުވަހެވެ. އެންމެ ފަހުން މީސްތަކުން ދާނީ ކައުރަސޫލާގެ އަރިހަށެވެ. އެބައިމީހުން ދަންނަވާނެއެވެ.އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނަކީ ﷲގެ ރަސޫލާއެވެ.  ނަބީކަން  ކަލޭގެފާނާ ހަމައިން ނިމުނު ނަބިއްޔާއެވެ. ހަމަކަށަވަރުން އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައި މާތް ﷲ ވަނީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެ ފާފަ ފުއްސަވައިދެއްވައިފައެވެ. (( اشْفَعْ لَنا إلى رَبِّكَ ألا تَرى إلى ما نَحْنُ فِيهِ، فأنْطَلِقُ فَآتي تَحْتَ العَرْشِ، فأقَعُ ساجِدًا لِرَبِّي عزَّ وجلَّ، ثُمَّ يَفْتَحُ اللَّهُ عَلَيَّ مِن مَحامِدِهِ وحُسْنِ الثَّناءِ عليه شيئًا، لَمْ يَفْتَحْهُ على أحَدٍ قَبْلِي، ثُمَّ يُقالُ: يا مُحَمَّدُ ارْفَعْ رَأْسَكَ سَلْ تُعْطَهْ، واشْفَعْ تُشَفَّعْ فأرْفَعُ رَأْسِي، فأقُولُ: أُمَّتي يا رَبِّ، أُمَّتي يا رَبِّ، أُمَّتي يا رَبِّ، فيُقالُ: يا مُحَمَّدُ أدْخِلْ مِن أُمَّتِكَ مَن لا حِسابَ عليهم مِنَ البابِ الأيْمَنِ مِن أبْوابِ الجَنَّةِ، وهُمْ شُرَكاءُ النّاسِ فِيما سِوى ذلكَ مِنَ الأبْوابِ، ثُمَّ قالَ: والذي نَفْسِي بيَدِهِ، إنَّ ما بيْنَ المِصْراعَيْنِ مِن مَصارِيعِ الجَنَّةِ، كما بيْنَ مَكَّةَ وحِمْيَرَ - أوْ كما بيْنَ مَكَّةَ وبُصْرى [5]- ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އަޅުގަނޑުމެންނަށް ޝަފާޢަތްތެރިވަޑައިގެންދެއްވާނުތޯއެވެ؟ އަޅުގަނޑުމެން މި ތިބި ޙާލު ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އެހިނދު ތިމަންކަލޭގެފާނު ތެދުވެވަޑައިގެން ޢަރްޝި ކައިރިއަށް ވަޑައިގެން ޢަރްޝީގެ ދަށުގައި ތިމަންކަލޭގެފާނުގެ ޢިއްޒަތްވަންތަ މަތިވެރިވަންތަ ރަސްކަލާނގެއަށް ސަޖިދައަށް ވަޑައިގަންނަވާނަމެވެ. އެހިނދު މާތް ﷲ އެކަލާނގެއަށް ރިވެތި ސަނާއާއި ޙަމްދު ތާރީފު ދަންނަވާނެ ބަސްފުޅުތަކެއް ވަޙީކުރައްވާނެއެވެ. އެއީ ތިމަންކަލޭގެފާނުގެ ކުރިން އެއްވެސް މީހަކަށް މާތްﷲ ހުޅުއްވައިދެއްވި ބަސްފުޅުތަކެއްނޫނެވެ. އެއަށްފަހު ދެންނެވޭނެއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވައި ބޭނުންފުޅު ކަމެއް ދަންނަވާށެވެ! އެ ކަމެއް ކޮށްދެއްވޭނެއެވެ. ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ! ކަލޭގެފާނަށް ޝަފާޢަތްލެއްވޭނެއެވެ. ފަހެ ތިމަންކަލޭގެފާނު އިސްތަށިފުޅު އުފުއްލަވައި ދަންނަވާނަމެވެ. އަޅުގެވެރި ރަސްކަލާކޮ! މި އަޅާގެ އުންމަތެވެ. އަޅުގެ ވެރިރަސްކަލާކޮ! މި އަޅާގެ އުންމަތެވެ. އަޅުގެ ވެރިރަސްކަލާކޮ! މި އަޅާގެ އުންމަތެވެ. ފަހެ ދެންނެވޭނެއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ހިސާބުބެއްލެވުމުއް ނެތި ސުވަރުގެ ވަދެވޭ މީހުން ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ކަނާތްފަރާތު ދޮރުކޮޅުން ވައްދަވާށެވެ! އެހެން މީހުންނާ އެކު އެހެން ދޮރުކޮޅުތަކުން ވެސް އެމީހުންނަށް ވަދެވިދާނެއެވެ. އެއަށް ފަހު ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ނަފުސުފުޅު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ސުވަރުގޭގެ ދޮރުފަތްކޮޅުތަކުގެ ކޮންމެ ދެ ދޮރުފަތްކޮޅެއް ދެމެދުގައި މައްކާއާއި ޙިމްޔަރާ ދެމެދުގައި ނުވަތަ މައްކާއާއި ބުޞްރާ[6]އާ ދެމެދުގައިވާ ދުރުމިން ވެއެވެ.))

ނ- ކައުޘަރު ނަމަކަށް ކިޔުނު ފެންއާރު: މި ފެން އާރަކީ މުޙައްމަދު rގެ އުންމަތަށް ޚާއްޞަކުރައްވައިފައިވާ ފެން އާރެކެވެ. މި އާރުން ފެން ބޮވުނު މީހާ  މަޙުޝަރު ބިމުގައި ކަރެއްނުހިއްކާނެތެވެ. 

ރ- އަލްވަސީލަތު: މިއީ ސުވަރުގޭގައި ކައުރަސޫލާއަށް ދެއްވާ ޚާއްޞަ ދަރަޖައެވެ. އެހެން އެއްވެސް މީހަކަށް ސުވަރުގޭގައި މި ދަރަޖަ ނުލިބޭނެތެވެ. މި ދަރަޖައާ ބެހޭ ގޮތުން ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. ((إذا سمِعْتُم المُؤذِّنُ فقولوا مِثْلَ ما يقولُ ثمَّ صَلُّوا علَيَّ فإنَّه مَن صلّى علَيَّ صلاةً صلّى اللهُ عليه عَشْرًا ثمَّ سَلُوا لي الوسيلةَ فإنَّها مرتبةٌ في الجنَّةِ لا تنبغي إلّا لعبدٍ مِن عبادِ اللهِ وأرجو أنْ أكونَ أنا هو فمَن سأَل اللهَ لي الوسيلةَ حلَّت عليه الشَّفاعةُ  -ތިޔަބައިމީހުންނަށް ބަންގިގޮވާ މީހާގެ އަޑު އިވިއްޖެނަމަ ފަހެ ތިޔަބައިމީހުން އޭނާ ކިޔާ އެއްޗެއް ކިޔާށެވެ. އެއަށްފަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތެއް ކިޔެވިމީހާގެ މައްޗަށް މާތްﷲ ދިހަ ޞަލަވާތް (ރަޙްމަތް) ލައްވާނެއެވެ. އެއަށްފަހު ތިމަންކަލޭގެފާނަށް އަލްވަސީލަތު ދެއްވުމަށް ދަންނަވާށެވެ! އެއީ ސުވަރުގޭގައިވާ ޚާއްޞަ ދަރަޖައެކެވެ. ﷲގެ އަޅުތަކުން ކުރެ އަޅަކަށް މެނުވީ މި ދަރަޖަ ޙައްޤުވެގެން ނުވެތެވެ. އެ އަޅަކީ ތިމަންކަލޭގެފާނު ކަމަށް ވުމަށް ތިމަންކަލޭގެފާނު  އެދިވަޑައިގަންނަވަމެވެ.ފަހެ، ތިމަންކަލޭގެފާނަށް އަލްވަސީލަތު ދެއްވުމަށް އެދި ދެންނެވި މީހާއަށް ތިމަންކަލޭގެފާނުގެ ޝަފާޢަތް ޙައްޤުވެގެންވެއެވެ.))

ބ- އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަތުން: މީސްތަކުން ޤިޔާމަތްދުވަހުން ސުވަރުގެ ވަނުމަށް ސުވަރުގޭގެ ދޮރޮކޮޅުގައި ޓަކިދޭނެއެވެ. އެހެނަސް ސުވަރުގޭގެ ބަނޑޭރި މި ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުއްވާދެއްވާނީ ކައު ރަސޫލާއަށެވެ. އެކަލޭގެފާނުގެ ކުރިން އެހެން މީހަކަށް ނުވަދެވޭނެތެވެ. ކީރިތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((آتي بابَ الجَنَّةِ يَومَ القِيامَةِ فأسْتفْتِحُ، فيَقولُ الخازِنُ: مَن أنْتَ؟ فأقُولُ: مُحَمَّدٌ، فيَقولُ: بكَ أُمِرْتُ لا أفْتَحُ لأَحَدٍ قَبْلَكَ  - ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނު ސުވަރުގޭގެ ދޮރުކޮޅު ކައިރިއަށް ވަޑައިގެން ހުޅުވައިދެއްވުމަށް އެދިވަޑައިގަންނަވާނަމެވެ. އެހިނދު ބަނޑޭރި ވިދާޅުވާނެއެވެ. ތިޔައީ ކޮން ބޭކަލެއްތޯއެވެ؟ ތިމަންކަލޭގެފާނު ވިދާޅުވާނަމެވެ. މިއީ މުޙައްމަދުގެފާނެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވާނެއެވެ. އަޅުގަނޑަށް އަމުރުކުރެއްވިގެން ވަނީ ކަލޭގެފާނަށް ހުޅުވައިދިނުމަށެވެ. ކަލޭގެފާނުގެ ކުރިން އެއްވެސް މީހަކަށް ހުޅުވައިނުދިނުމަށެވެ.))

ޅ- އެހެން މީހަކަށް ނުދެއްވާ ޚާއްޞަ ފަސް ކަމެއް ރަސޫލުﷲގެފާނަށް ދެއްވުން:  މި ފަސްކަންތައް ބަޔާންކުރައްވައި ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أحَدٌ قَبْلِي: نُصِرْتُ بالرُّعْبِ مَسِيرَةَ شَهْرٍ، وجُعِلَتْ لي الأرْضُ مَسْجِدًا وطَهُورًا، فأيُّما رَجُلٍ مِن أُمَّتي أدْرَكَتْهُ الصَّلاةُ فَلْيُصَلِّ، وأُحِلَّتْ لي المَغانِمُ ولَمْ تَحِلَّ لأحَدٍ قَبْلِي، وأُعْطِيتُ الشَّفاعَةَ، وكانَ النبيُّ يُبْعَثُ إلى قَوْمِهِ خاصَّةً وبُعِثْتُ إلى النّاسِ عامَّةً - ތިމަންކަލޭގެފާނުގެ ކުރިން އެއްވެސް މީހަކަށް ނުދެއްވޭ ފަސް ކަމެއް ތިމަންކަލޭގެފާނަށް ދެއްވުނެވެ. އެއީ: އެއް މަސްދުވަހުގެ ދަތުރެއް ހިމެނޭ ބިރުވެރިކަމަކުން ތިމަންކަލޭގެފާނަށް ނަސްރުދެއްވުމެވެ. އަދި ބިން މިސްކިތެއް ކަމުގައްޔާއި ޠަހޫރުކަމެއްގެ ގޮތުގައި ލެއްވެވުމެވެ.ފަހެ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހަކު ކޮންމެ ތަނެއްގައި  ހުށްޓަސް  ނަމާދު ވަގުތު ޖެހިއްޖެނަމަ އެ މީހަކު އެ ހުރި ތަނެއްގައި ހުރެ ނަމާދުކުރާށެވެ! ތިމަންކަލޭގެފާނަށް ޣަނީމަމުދާ ޙަލާލުކޮށްދެއްވުނެވެ. ތިމަންކަލޭގެފާނުގެ ކުރީގެ އެއްވެސް  މީހަކަށް އެ މުދާ ޙަލާލުކޮށްދެއްވިގެން ނުވެތެވެ. ތިމަންކަލޭގެފާނަށް ޝަފާޢަތް ދެއްވުނެވެ. ނަބީބޭކަލުން ފޮނުއްވުނީ އެބޭކަލެއްގެ ގައުމަށް ޚާއްޞަކޮށެވެ. އެހެނަސް ތިމަންކަލޭގެފާނު ފޮނުއްވުނީ އެންމެހައި މީސްތަކުންގެ ގާތަށް އާންމުކޮށެވެ.))

ކ- ބިމުގެ ޚަޒާނާތައް ނުވަތަ ބިމުގެ ތަޅުދަނޑިތައް ދެއްވުން: މިއީ މާތްﷲ ކައުރަސޫލާއަށާއި އެކަލޭގެފާނުގެ އުންމަތަށް ދެއްވި  ޚާއްޞަ ކަމެކެވެ. ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((إنِّي قدْ أُعْطِيتُ مَفاتِيحَ خَزائِنِ الأرْضِ - أوْ مَفاتِيحَ الأرْضِ - وإنِّي واللَّهِ ما أخافُ علَيْكُم أنْ تُشْرِكُوا بَعْدِي، ولَكِنِّي أخافُ علَيْكُم أنْ تَنافَسُوا فِيها  - ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ބިމުގެ ޚަޒާނާތައް – ނުވަތަ ބިމުގެ ތަޅުދަނޑިތައް – ދެއްވުނެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުން ﷲއަށް ޝަރީކުކޮށްފާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައެއްނުގަންނަވަމެވެ. އެކަމަކު ތިމަންކަލޭގެފާނު ބިރުފުޅުގަންނަނީ ތިޔަބައިމީހުން އެ ތަންތަނާ ހެދި ވާދަވެރި ބަޔަކަށް ވެދާނެތީއެވެ.))

ރަސޫލާއަށް ދެއްވި ނިޢުމަތްތައް

އައްޟުޙާ ސޫރަތުގައި ރަސޫލާއަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ބައެއް ކަންކަން މާތްﷲ ބަޔާންކުރެއްވިއެވެ.

1-     ފުރަތަމަ ކަމަކީ ﴿ وَوَجَدَكَ ضَالًّا فَهَدَى  - އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ.)) ރަސޫލުކަމާއި ނަބީކަން ދެއްވައި އެކަލާނގެފާނަށް ކުރިއަށް ވަޑައިގަންނަވަންވީ މަގު ބަޔާންކޮށްދެއްވިއެވެ.

2-     ދެވަނަ ކަމަކީ ((أَلَمْ يَجِدْكَ يَتِيمًا فَآوَى - އަދި فقيرއަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.)) ދުނިޔެ ދެކެވަޑައިގަތުމުގެ ކުރިން ބަފާކަލުން ވަނީ އަވަހާރަވެފައެވެ. ޢުމުރުފުޅުން 6 އަހަރުގައި މައިކަމަނާ ވަނީ އަވަހާރަވެފައެވެ. ޚަދީޖަތުގެފާނުގެ މުދަލުން ކުރެއްވި ވިޔަފާރީގެ ތެރެއިން މާތް ﷲ އެކަލޭގެފާނު ވަނީ މުއްސަނދުކުރައްވައި ފުދުންތެރިކުރައްވައިފައެވެ. އެންމެ ބޮޑު މުއްސަނދި ކަމަކީ ފުދުންތެރިކަމެވެ.

ޢަމަލީ ވާޖިބުތައް

މި ސޫރަތުގައި ހިމެނޭ ތިންވަނަ ބަޔަކީ ޢަމަލީ ވާޖިބުތަކުގެ ބައެވެ. އަމުރުތަކާއި ނަހީގެ ބައެވެ. މިއީ ރަސޫލާ rއަށާއި އެކަލޭގެފާނުގެ އުންމަތަށް ކުރައްވައިފައިވާ އަމުރުތަކަކާއި ނަހީތަކެކެވެ.

1-        ފުރަތަމަ ކަމަކީ ޔަތީމުން ނިކަމެތިނުކުރުން: މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فَأَمَّا الْيَتِيمَ فَلَا تَقْهَرْ - ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!)) ޔަތީމުންނަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ބޮޑު ޢިނާޔަތެއް ދެއްވައިފައިވާ ބައެކެވެ.  ކީރިތި ޤުރްއާނުގެ ވިއްސަކަށް އާޔަތުގައި ޔަތީމުންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވައިފައިވެއެވެ. އެމީހުންނަށް ގޯނާނުކުރުމަށް އިންޒާރުކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.(( وَيَسْأَلُونَكَ عَنِ الْيَتَامَى قُلْ إِصْلَاحٌ لَهُمْ خَيْرٌ وَإِنْ تُخَالِطُوهُمْ فَإِخْوَانُكُمْ وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ وَلَوْ شَاءَ اللَّهُ لَأَعْنَتَكُمْ إِنَّ اللَّهَ عَزِيزٌ حَكِيمٌ [9] -  އަދި يتيم ންނާ މެދުގައި އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ ކަންތައްތައް إصلاح ކުރުމީ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުން އެއުރެންނާ ގުޅިގެން އުޅޭނަމަ އެއުރެންނީވެސް ތިޔަބައިމީހުންގެ أخ ންނެވެ. އަދި إصلاح ކުރާ މީހުންނާއި ފަސާދަކުރާ މީހުން، اللَّه ދެނެވޮޑިގެންވެއެވެ. اللَّه އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް ދަތިކުރައްވައިފީހެވެ. ހަމަކަށަވަރުން اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.))

2-         ދެވަނަ ކަމަކީ  ކަމަކަށް އެދި އަންނަ މީހާއަށް އަޑުނުލުން. މާތް ﷲ ވަޙީކުރެއްވިއެވެ.﴿ وَأَمَّا السَّائِلَ فَلَا تَنْهَرْ - އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! )) ސަލާންޖަހަން އަންނަ ފަޤީރުންނަށް ރިވެތި ބަހުން ވާހަކަދައްކާށެވެ. ދީނުގެ ކަންކަމާ ބެހޭ ގޮތުން ސުވާލުކުރާ ދަރިވަރު ލަދުގަންނަވައިނުލާށެވެ! އޭނާއަށް ފުރައްސާރަނުކޮށް ބޭނުންވާ މަޢުލޫމާތުތައް ސާފުކޮށްދޭށެވެ!

ނިޢުމަތުގެ ވާހަކަ ދެއްކުން: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ  - އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ! މާތް ﷲ ދެއްވި ނިޢުމަތެއްގެ ވާހަކަ ދެއްކުމަކީ ޝުކުރުވެރިވުމެކެވެ. އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި މި ބަސްފުޅުގެ މުރާދަކީ ﷲއަށް ތާރީފާއި ސަނާ ދަންނަވާއިރު އެ ނިޢުމަތުގެ ވާހަކަދެއްކުމެވެ. އެއީ ﷲގެ ނިޢުމަތަށް ފުރިހަމައަށް ޝުކުރުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނިޢުމަތް ހަނދުމަކުރުމަކީ އަދި ނިޢުމަތްދެއްވާ ފަރާތަށް - ﷲއަށް  - ޝުކުރުކުރުމަކީ މުއުމިނުންގެ މައްޗަށް ވާޖިބުކަމެކެވެ. މަތް ﷲ ވަޙީކުރެއްވިއެވެ.(( يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ [10]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ!اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ހަނދުމަކުރާށެވެ! )) ﷲ ހަނދުމަކުރުމާއި ﷲއަށް ޝުކްރުކުރުމަކީ ގުޅިފައިވާ ދެ ކަންތަކެވެ. އެކަލާނގެ ނިޢުމަތުގެ ވާހަކަދެއްކުމަކީ އެކަލާނގެ ހަނދުމަކުރުމެވެ. މަތް ﷲ ވަޙީކުރެއްވިއެވެ. (( فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ [11] - ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكرކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!))

 

މަރުޖާ:

[1] -  أخرجه أحمد (١٦٩٨٢)، والطبراني (٢٢/٧٦) (١٨٧)، والبيهقي في ((شعب الإيمان)) (٢٤١٥)

[2]  - މައީނު ސޫރަތްތަކަކީ  ދިގު ހަތް ސޫރަތްތަކުގައި ނުހިމެނޭ ސަތޭކަ އާޔަތަށްވުރެ ދިގު ސޫރަތްތަކެވެ. 

[3]  - މަޘާނީ ސޫރަތްތަކަކީ އެ ސޫރަތްތަކުގެ އާޔަތްތަކުގެ އަދަދު ސަތޭކަ އާޔަތަށް ވުރެ  މަދު  ސޫރަތްތަކެވެ.

[4]  - أخرجه البخاري (٤٩٥٠)، ومسلم (١٧٩٧)، وأحمد (١٨٨٠١) و ابن حبان (٦٥٦٦)

[5]  -  أخرجه البخاري (٤٧١٢)، ومسلم (١٩٤) والترمذي (٢٤٣٤وأحمد (٩٦٢٣)

[6]  - ބުޞްރާ އަކީ ސޫރިޔާގެ ތާރީޚީ ރަށެކެވެ.

[7]  - أخرجه مسلم (٣٨٤)، وأبو داود (٥٢٣)، والترمذي (٣٦١٤) والنسائي (٦٧٨) و ابن حبان (١٦٩٢)

[8]  - أخرجه البخاري (١٣٤٤) ومسلم (٢٢٩٦)، وأبو داود (٣٢٢٣) ، وأحمد (١٧٣٤٤)، وابن حبان (٦٩٥٦) والطبراني (١٧/ ٢٧٩) (٧٦٩)

[9]  - البقرة: 220

[10]  -   المائدة: 11

[11]   - البقرة : 152

ކޮމެންޓު