ޖީލީން މުޙަންމަދު
4 އޯގަސްޓް 2026
އިންސާނިއްޔަތުކަމުގެ ރިވެތި ސިފަތަކުގެ ތެރެއިން އެންމެ މާތް އެއް ސިފައަކީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ބަލާ އިރު، މީހުންނަށް އެހީތެރިވުމަކީ ހަމައެކަނި އިޖުތިމާޢީ ޒިންމާއެއް ނޫނެވެ. އެއީ މާތް ﷲގެ ރުހިވޮޑިގަތުމާއި ދަރުމައާއި ސަވާބު އެ ކަމުގައި އެކުލެވިގެންވާ އަޅުކަމެކެވެ. މުޖުތަމަޢެއްގެ ބަދަހިކަމުގެ ބިންގަލަކީ އޯގާތެރިކަމެވެ. އެކަކަށް ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި އަނެކާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކޮށްދޭކަމެކެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އޮންނަ ނަފުރަތާއި ހަސަދަވެރިކަން ފިލައި، ލޯތްބާއި ކުލުނުވެރިކަން އާލާވާ ކަމެކެވެ. މިއީ މުޅި މުޖުތަމަޢު އެއް އާއިލާއެއް ފަދައިން ގުޅުވައިދޭ ވާފަށެކެވެ.
މީހުންނަށް އެހީވުމުގެ ފައިދާއަކީ ހަމައެކަނި އެހީ ލިބޭ މީހާއަށް އޮތް ކަމެއްނޫނެވެ. އޭގެ ސަބަބުން އެހީވާ މީހާގެ ނަފުސަށް ލިބޭ ހިތްހަމަޖެހުމާއި، ދިރިއުޅުމުގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އެހެން މީހުންނަށް އޯގާތެރިވާ މީހުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، ހާސްކަމާއި ފިކުރުތަކުން އެ މީހުން ދުރުކޮށްދެއެވެ. މީހުންނަށް އޯގާތެރިވެ ހެޔޮފޯރުވައި އުޅުމަކީ، މީރު ކާއެއްޗެއް ކެއުމުން އުފާވެރިކަން ގެނެސްދޭ ހޯމޯން ހަރަކާތްކުރާ ފަދައިން އެ ހޯމޯނަށް ހަރަކާތްތެރިކަން ގެނުވާ ވަސީލަތެއްކަމަށް މި ޒަމާނުގެ ނަފުސާނީ އިލްމުވެރީން ފާހަގަކުރެއެވެ. އަދި އެ ކަމުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުމާއި ހިތުގެ ނުތަނަވަސްކަން ފިލުމަށް އެހީތެރިވެދޭކަމަށް ވެސް އިލްމުވެރީން ވިދާޅުވެއެވެ. އާންމު އުސޫލަކުން އުމުރު ދިގު މީހުންގެ ހުންނަ މުހިންމު ސިފަތަކުގެ ތެރޭގައި މީހުންނަށް އޯގާތެރިވެ ހެޔޮފޯރުވައި އުޅުން އެއީ މައިގަނޑު އެއްސިފަކަމުގައި، ދިރާސާތަކުން ދައްކައެވެ.
ނަމަވެސް ނަފުސާނީ އިލްމުވެރީން އެ ފާހަގަކުރާ ފައިދާތައް ލިބެނީ، އަނެކުންނަށް އޯގާތެރިވެ ހެޔޮފޯރުވީމައެވެ. ތިމާ މީހަކަށް ހެޔޮކަމެއް ކޮށްދެނީ އެ މީހެއްގެ ތައުރީފަށް އެދިގެންކަމަށްވާ ނަމަ، އެ ކަން އެ ކޮށްދެވެނީ ޚުދު ތިމާގެ އަމިއްލަ ނަފުސަށެވެ. އެހެނީ އެ ކަމުގައި އަމިއްލަ އެދުމެއް އެބަ އޮތެވެ. އެހެންވީމާ، ނަފުސާނީ އިލްމުވެރީން ބުނާ ގޮތުގައި މީހުންނަށް އޯގާތެރިވެ ހެޔޮފޯރުކޮށްދޭންޖެހޭނީ ޝަރުތެއް ނެތިއެވެ.
ހަގީގީ މުއުމިނަކީ އޭނާ ކުރާ ކޮންމެ ހެޔޮ ޢަމަލެއްގައި އިޚުލާޞްތެރިކަން އިސްކުރާ މީހާއެވެ. އޭނާގެ މަގުސަދަކީ ދުނިޔެވީ ބަދަލެއް ނުވަތަ މީހުންގެ ތައުރީފެއް ހޯދުމެއްނޫނެވެ. އޭނާގެ ހުރިހައި އުންމީދެއް ގުޅިފައިވާނީ ހެއްދެވި ފަރާތުން ދެއްވާނެ ދަރުމައާއެވެ. މާތް ﷲގެ ވަޖުހުފުޅަށް ޓަކައި ކުރާ ކޮންމެ ކަމަކީ އޭގެ ބަދަލު އާޚިރަތުގައި އެތައް ގުނައަކަށް އިތުރުވާނެ ކަމެކެވެ. އެހެންކަމުން، މީހަކަށް އެހީވުމަށް ފަހު އެ ކަމުގެ ބަދަލުގައި އެ މީހާގެ ފަރާތުން ހަދިޔާއެއް، ނުވަތަ މާލީ މަންފާއެއް ލިބޭން އެދުމަކީ ކުރި ހެޔޮ އަމަލުގެ އިޚުލާޞްތެރިކަމާ މެދު ސުވާލު އުފެދިދާނެ ކަމެކެވެ.
އެހެންނަމަވެސް، އިންސާނަކަށް ވީތީ އަޅުގަނޑުމެންގެ ހިތުގެ ކޮންމެވެސް ކަނެއްގައި މީހުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ އުންމީދެއް ކުރެވެއެވެ. އެއީ މާލީ ބަދަލަކަށް ނުވިޔަސް، ހިތްހަމަޖެހޭ ފަދަ ބަހަކަށް ނުވަތަ ކުޑަ ހިނިތުންވުމަކަށް ނަމަވެސް ހިތް އެދެއެވެ. ނުވަތަ ތިމާއަށް ދަތިކަމެއް ލިބޭ ހިނދު އެހެން މީހުންގެ ފުށުން އަޅައިލުމަށް ނުވަތަ ތިމާގެ ހާލު އަހައިލުމަށް އުންމީދުކުރެވެއެވެ. މިއީ އިންސާނީ ތަބީޢަތުގައި ހިމެނޭ ބަލިކަށިކަމެކެވެ. މި ކަމުގެ ސަބަބުން ގިނަ ފަހަރަށް ހިތާމައާއި މޮޅިވެރިކަން ލިބެއެވެ. ސަބަބަކީ އަޅުގަނޑުމެން އެހީތެރިވާ މީހާގެ ފަރާތުން އެދެވޭ އިޖާބައެއް ނުލިބުމުން، ނުވަތަ އެ މީހާ އަޅުގަނޑުމެންގެ ހެޔޮކަން ބަލައިނުގަތުމުން ހިތުގައި ޝަކުވާ އުފެދޭތީއެވެ. މި ފަދަ އުންމީދުތަކަކީ އިންސާނާގެ ނަފުސު މާޔޫސްކަމުގެ ތެރެއަށް ވައްޓައިލާ ކަމެކެވެ.
ދިރިއުޅުމުގެ ހަގީގަތަށް ބަލާ އިރު، ގިނަ މީހުންނަކީ ދަތިކަމެއް ޖެހުމުން އެހީތެރިކަމަށް އެދި އާދޭސްކުރާ ބަޔެކެވެ. އެހެނަސް އެ ދަތިކަން ފިލައި، ކަންކަން ހަމައަކަށް އެޅުމުން، އެހީތެރިވި މީހާގެ މަތީން ހަނދާންނެތެނީ ވަރަށް ފަސޭހައިންނެވެ. އިންސާނުންގެ ކިބައިން އުންމީދުކުރުމަކީ ހިތަށް ލިބޭ އަނިޔާއެކެވެ. ސަބަބަކީ އިންސާނުންނަކީ ބަދަލުވާ ބަޔެކެވެ. އެ މީހުންގެ އިހުސާސްތަކާއި، ބޭނުންތަކާއި، ހާލަތްތައް އަބަދު ވެސް ބަދަލުވަމުންދެއެވެ. އެހެންކަމުން، މީހަކަށް ހެޔޮކަމެއް ކޮށްދިނުމަށް ފަހު، އެ މީހާގެ ފަރާތުން އެއްޗަކަށް އުންމީދުކުރުމުގެ ބަދަލުގައި، އެ ކަން ހެއްދެވި ފަރާތަށް ވަކީލުކުރުން މާ ރަނގަޅެވެ. މީހުން ތިބާގެ ހެޔޮކަން ހަނދާންނައްތާލިކަމުގައި ވިޔަސް މާތް ﷲ އެ ކަން ދެނެވޮޑިގެންވާނެތެވެ. އެ ކަން ހަނދުމަނެތިވެވޮޑިއެއްނުގަންނަވާނެއެވެ. އެ ކަލާނގެއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާ، އެންމެ އޯގާވަންތަ އަދި އެންމެ ފުރިހަމައަށް ބަދަލު ދެއްވާ ރަސްކަލާނގެއެވެ.
މީހުންނަށް ހެޔޮކޮށް ހިތުމުގައި ތިމާގެ ނިޔަތް ސާފުކުރާށެވެ! މީހުންގެ ފަރާތުން ލިބޭނެ ބަދަލަކަށް ވުރެ، ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުމަށް އިސްކަންދޭށެވެ! އިންސާނުންނަށް ވާތީ ކުރެވޭ އުންމީދުތައް މާތް ﷲއަށް ޚާލިޞްކޮށްލުމުން، މީހުންގެ ފަރާތުން ލިބޭ ދެރައާއި މާޔޫސްކަމުން ސަލާމަތްވެވޭނެއެވެ. ދިރިއުޅުމުގައި ހިތްހަމަޖެހުން ލިބޭނީ އެހެން މީހުންގެ ޢަމަލުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ތިމާ ކުރާ ހެޔޮ ޢަމަލުގެ ބަދަލު މާތްﷲގެ ޙަޟުރަތުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮވެގެންނެވެ. ހެޔޮކަން ކުރުމުގައި ދެމިހުންނާށެވެ! އެހެނަސް އެ ހެޔޮކަމުގެ ބަދަލު ހެއްދެވި ފަރާތަށް ދޫކޮށްލާށެވެ! އޭރުން ތިބާގެ ނަފުސު މާޔޫސްކަމުގެ ކިލަނބުކަމުން މިނިވަންވާނެއެވެ.