އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
3 އޯގަސްޓް 2026
އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. ރަޙުމާންވަންތަ ރަސްކަލާނގެ ދީން ކަމުގައިވާތީއެވެ. ޢާލަމުތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި ކައު ރަސޫލާގެ މައްޗަށް ބާވައިލެއްވި ދީން ކަމުގައި ވާތީއެވެ. އިސްލާމްދީން މީސްތަކުންގެ ހިތްތަކުގައި ފަތުރައިފައިވާ ރަޙުމާއި އޯގާވެރިކަމަކީ އިމެއްނެތް އެއްޗެކެވެ. މި އޯގާވެރިކަމުގައި އިންސާނުންނާއި އެންމެހައި ކާއިނާތުތައް ޝާމިލުވެގެންވެއެވެ. މި ކަމުގެ ސަބަބުން މުޅި މުޖުތަމަޢު އެކަކު އަނެކަކަށް އޯގާވެރިވެއެވެ. އޯގާވެރިކަމާއި ކުލުނުގެ ބާނިތަކުން މުޅި މުޖުތަމަޢު ފުރިގެންވެއެވެ. މި މުޖުތަމަޢުގައި ހިތްތައް ކަރާކަރުޖައްސަނީ ތެދުވެރިކަމުގެ ސަލާމުންނެވެ. ނަފްސުތައް ބައްދަލުކުރަނީ ނަސޭހަތާއި ވަސޭހަތުގެ ކަމަރުން ބަނދެވިގެންނެވެ. އިންސާނިއްޔަތުކަމާއި ރަޙުމުކުރުމުގެ އެންމެ މަތިވެރި ކުންނަށް ވާޞިލުވެގެން ތިބެއެވެ.
މި އޯގާވެރިކަމާއި ރަޙުމުކުރުމުގެ ހިޔާވަހިކަމުގައި ހިތްހަރުކަން އޮންނާނީ ފުހެވިފައެވެ. އަމިއްލައެދުމުގެ ތޫނުކަން އޮންނާނީ ކަންފަތިވެފައެވެ. ކޮންމެ އިންސާނަކު ވާނީ އަނެއް އިންސާނާގެ އެހީތެރިއަކަށެވެ. މަދަދުގާރަކަށެވެ. އޭނާ ކަމަކަށް އެދުމުގެ ކުރިން އޭނާގެ މުހުތާދުތައް ފުއްދައިދިނުމަށް މުޖުތަމަޢުގެ ފަރުދުން ތެދުވާނެއެވެ. މި މުޖުތަމަޢުގައި އިންސާނީ ގުޅުންތައް އޮންނާނީ އީސާރުގެ މަތީގައެވެ. ގަދަކަމުން އަތުލުމުގެ މައްޗަކުނޫނެވެ. އެކަކު އަނެކަކަށް ޓަކައި ހޭދަކުރުމުގެ މަތީގައެވެ. އަތުލައި ނެގުމުގެ މައްޗަކުނޫނެވެ. މުޖުތަމަޢުގެ ގުޅުންތަކުގެ އަސާސަކަށް ވާނީ އޯގާވެރިކަމާއި ތަސާމުޙެވެ. ނިކަމެތި މީހާގެ ޙައްޤުތައް އޮންނާނީ ރައްކައުތެރިކޮށްދެވިފައެވެ. މުހުތާދުވެރިޔާގެ ބޭނުންތައް އޮންނާނީ ޖާމިނުކޮށްދެވިފައެވެ. ކުށް ކުރެވޭ މީހާ ރަނގަޅު ކުރާނީ ދުއްރައަކުން ޗާބޫކަކުން ނޫނެވެ. ހިތްހަރުކަމެއްނެތް ޙިކްމަތުންނެވެ.
ހެޔޮކަމުން ވިންދު ޖަހާ، ދިރުން ހުރި މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢު ބަދަލުވެގެންދަނީ އޯގާވެރިކަމާއި ރަޙުމުކުރުމުންނެވެ. މި މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ރަޙުމުކުރުމާއި އޯގާވެރިކަން ފެތުރިފައި އޮންނާނީ އެއް ހަށިގަނޑެއް ގޮތަށެވެ. މި ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ތަޙައްމުލުކުރާންޖެހޭ ކޮންމެ ބުރައެއްގައި އެހެން ހުރިހައި ގުނަވަންތަކެއް ހިއްސާވާނެއެވެ. މި ހަށިގަނޑުގެ ގުނަވަނެއްގެ ގާތަށް ހުން އަތުވެއްޖެ ނަމަ އެހެން ގުނަވަންތައް މި ގުނަވަން ހޭހަންކޮށްދޭނެއެވެ. ވިހެދީ ގައިމޮޑެދޭނެއެވެ. އަދި އެ ގުނަވަނަކާ އެކު މި ރިހުން ބަރުދާސްތުކުރުމުގައި ހޭލައި ވެސް ހުންނާނެއެވެ. މި ކަމުގެ ސަބަބުން މި މުޖުތަމަޢުގައި ތެދުވެރި އުޚުއްވަތްތެރިކަން ފެތުރި، މުޖުތަމަޢުގެ ފަރުދުން އެއްބައިވަންތަ ބަޔަކަށް ވެގެންދާނެއެވެ. އިސްލާމްދީން އެދޭ އިންސާނިއްޔަތުކަމުގެ ނޫރުން ދިއްލިގެންދާނެއެވެ. ޢާލަމުތަކަށް ރަޙުމަތަކަށް ވެގެންދާނެއެވެ.
ރަޙުމަތަކީ ﷲ ތަޢާލާގެ އެންމެ ޚާއްޞަ އެއް ޞިފަފުޅު
ﷲ U އެކަލާނގެ މަތިވެރި ޒާތުފުޅު އެންމެ ގިނައިން ސިފަކުރައްވައިފައިވާ ދެ ސިފަފުޅަކީ الرحمنއާއި الرحيم އެވެ. އެކަލާނގެ މާތް ފޮތުގެ ސުރުޚީއެއްކަމުގައި ހައްދަވައިފައިވަނީ މި ދެ ސިފަފުޅެވެ. އެކަލާނގެ މި ކީރިތި ފޮތުގެ ސޫރަތްތައް ފަށްޓަވައިފައިވަނީ މި ދެ ސިފަފުޅުންނެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތްތަކެއްގައި الرحمن މި ރިވެތި އިސްމުފުޅު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ. އެއަށްވުރެ ގިނައިން الرحيم އިސްމުފުޅު ކީރިތި ޤުރުއާނުގައި ތަކުރާރުވެފައިވެއެވެ. އެއީ ހިތްތަކަށް ހިތްހަމަޖެހުން ދެއްވުމަށް ޓަކައެވެ. އެއީ ނަފުސުތަކުގައި ފުއްސެވުމަށް އެދޭއެދުން ފެތުރުއްވުމަށް ޓަކައެވެ. އެކަލާނގެ ފަޟްލުވަންތަކަމުގެ ތަނަވަސްކަން ހާމަކުރެއްވުމަށް ޓަކައެވެ.އެކަލާނގެ އިޙުސާންވަންތަކަމުގެ މަތިވެރިކަމާއި ބޮޑުކަން ބަޔާންކޮށްދެއްވުމަށް ޓަކައެވެ. ﷲ سبحانه ވަނީ އެކަލާނގެ ކޯފާގެ މައްޗަށް އެކަލާނގެ ރަޙުމަތް އިސްކުރައްވައިފައެވެ.
އަރަބިބަހަށް ބަލާއިރު [الرَّحْمنِ އާއި الرَّحِيمِ] މި ދެ ސިފަ އައިސްފައިވަނީ رحمةންނެވެ. ރަޙުމަތަކީ އިޙުސާންތެރިވުމަށް ގޮވައިލާ ކަމެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ﷲގެ މަތިވެރި ޒާތުފުޅަށް ނިސްބަތްކުރާއިރު ރަޙުމަތުގެ މާނައަކީ އިޙުސާންތެރިކަމެވެ. [الرَّحْمَن] މި ސިފަފުޅުން ދޭހަވަނީ އެކަލާނގެއީ އެކަލާނގެ ޚަލްޤުކުރެއްވި ހުރިހާ އެއްޗަކަށް އޯގާވަންތަރަސްކަލާނގެކަމެވެ. އެކަލާނގެ އެ ހުރިހައި އެއްޗަކަށް ރިޒުޤުދެއްވައެވެ. އެހެނަސް [الرحيم]އަކީ އެކަލާނގެ މުއުމިނު އަޅުތަކުންނަށް ޚާއްޞަކުރައްވައިފައިވާ ރަޙުމަތެވެ. އެކަލާނގެ އެ މީހުންނަށް ހިދާޔަތުދެއްވިއެވެ. އެކަލާނގެ އެ މީހުންނަށް އާޚިރަތްދުވަހުން މެދުކެނޑުމެއް ނެތް ސަވާބުދެއްވާނެއެވެ.
އަލްއިމާމުލް މާތުރީދީ ވިދާޅުވިއެވެ. [ﷲގެ ރަޙުމަތްފުޅު މި ދުނިޔޭގައި މުސްލިމުންނާއި ކާފިރުންގެ ކިބައިން ފެންނާނެއެވެ. އެބައިމީހުން އެކުގައި ދިރިއުޅެނީ މި ރަޙުމަތްފުޅުގެ ސަބަބުންނެވެ. އެބައިމީހުން އެކަކު އަނެކަކަށް އަޅައިލަނީ މި ރަޙުމަތްފުޅުންނެވެ. އެހެނަސް މާތް ﷲ މުއުމިނުންނަށް އާޚިރަތްދުވަހުގައި ލައްވާ ޚާއްޞަ ރަޙުމަތްފުޅެއް ވެއެވެ. މި ކަމުގައި ކާފިރުންނަށް އެއްވެސް ޙިއްސާއެއް ލިބިގެނެއްނުވެތެވެ.] މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا جَآءَكَ ٱلَّذِينَ يُؤْمِنُونَ بِـَٔايَٰتِنَا فَقُلْ سَلَٰمٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۖ أَنَّهُۥ مَنْ عَمِلَ مِنكُمْ سُوٓءَۢا بِجَهَٰلَةٍ ثُمَّ تَابَ مِنۢ بَعْدِهِۦ وَأَصْلَحَ فَأَنَّهُۥ غَفُورٌ رَّحِيمٌ - ތިމަންރަސްކަލާނގެ آيةތަކަށް إيمانވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް سلامހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ رحمة އެކަލާނގެ ذات ފުޅުގެ މައްޗަށް لازمކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، توبةވެ (عملތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.)) މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ހަނގުރާމައެއްގައި ހައްޔަރުކުރެވުނު ބަޔަކު ގެނެވުނެވެ. އެމީހުންގެ ތެރޭގައި ގާތުން ކިރުދޭ އަންހެނަކު ވިއެވެ. ކިރުބޯކުއްޖަކު ފެނިއްޖެނަމަ މި އަންހެނާ އެކުއްޖަކު އޭނާގެ ގަޔާ ލަފައިލާ ކިރުދެއެވެ. ފަހެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަހުރެމެންނަށް ޙަދީސްކުރެއްވިއެވެ. أترونَ هذه طارحةً ولدَها في النارِ قالوا لا يا رسولَ اللهِ قال لَلَّهُ أرحمُ بعبادِه من هذه بولدِها - މި އަންހެނާ އޭނާގެ ދަރިފުޅު އަލިފާނަށް އެއްލައިލައިފާނެ ކަމަށް ތިޔަބައިމީހުންނަށް ހީކުރެވޭ ހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ނޫނެކެވެ. އޭ ﷲގެ ރަސޫލާއެވެ! ޙަދީސް ކުރެއްވިއެވެ. ހަމަކަށަވަރުން މި އަންހެނާ އޭނާގެ ދަރިފުޅަށް އޯގާވެރިވާ ވަރަށް ވުރެ ބޮޑަށް މާތް ﷲ އެކަލާނގެ އަޅުންނަށް އޯގާވެރިވެވޮޑިގަންނަވާލެއް މާ ބޮޑެވެ.)) ރަސޫލާ صلى الله عليه وسلمގެ އެހެން ބަސްފުޅެއްގައިވެއެވެ. ((لَمَّا قَضَى اللَّهُ الْخَلْقَ كَتَبَ فِي كِتَابِهِ، فَهُوَ عِنْدَهُ فَوْقَ الْعَرْشِ: إِنَّ رَحْمَتِي غَلَبَتْ غَضَبِي - މާތް ﷲ ޚަލްޤުކުރައްވަން ފެއްޓެވުމުގެ ކުރިން އެކަލާނގެ ފޮތްކޮޅުގައި ލިޔުއްވިއެވެ. – މި ފޮތްކޮޅު ވަނީ އެކަލާނގެ ޙަޟްރަތުގައި ޢަރުޝީގެ މަތީގައެވެ. - ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރަޙުމަތްފުޅު ވަނީ ތިމަންރަސްކަލާނގެ ކޯފާ ބަލިކޮށްފައެވެ.))
ކުލުނާއި އޯގާވެރިކަމުން ވިންދު ޖަހާ އެއް ހަށިގަނޑެއްގެ ހިތްތަކެއް
މާތް ﷲ ރުއްސުންލެއްވި އައްނުޢުމާން ބުނު ބަޝީރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم އިސްލާމީ އުންމަތުގެ ފަރުދުން ސިފަކުރައްވައި ޙަދީސްކުރެއްވިއެވެ. ((مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَعَاطُفِهِمْ وَتَرَاحُمِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى - އެއް ބަޔަކު އަނެއް ބަޔަކަށް ކުލުނުވެރިވުމާއި، އޯގާވެރިވުމާއި، އަޅައިލުމުގައި، މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއް ޝަކްވާއެއް ކޮށްފިނަމަ ހަށިގަނޑުގެ އެހެން ހުރިހާ ބައިތަކެއް ހުންއައުމާއި، ނިދިނައުމުގައި އެއާ އެކު އެކަތިގަނޑަކަށް ވެދެއެވެ.))
އައްޞާދިޤުލްމަޞްދޫޤު އީމާންކަމުން ފުރިފައިވާ އިސްލާމީ އުންމަތް މި ސިފަކުރައްވަނީ ކިހާ ނަލަ މަންޒަރަކުންތޯއެވެ! އެއީ އެއް ހަށިގަނޑެކެވެ. މި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް އެއްގުނަވަނުން އެހެން ގުނަވަންތަކަށް ވާގިވެރިވެއެވެ. ހުރިހާ ކަމެއްގައި އެއްބާރުލައެވެ. މި ކިޔާނުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޤުރުބާންވެއެވެ.އެއް ގުނަވަނަށް ލިބޭ ވޭނާއި ކެކުޅުން އެހެން ގުނަވަންތަކުން ވެސް ތަޙައްމުލުކުރެއެވެ. މި ވޭން ހަށިގަނޑުގެ ނާރުތަކުގައި ފެތުރެމުންދާ ލެއެއް ފަދައެވެ.އޯގާވެރިވުމަށް ގޮވައިލަމުންނެވެ. ބޭސްފަރުވާއަށް ޓަކައި ހޭލުމަށް ގޮވައިލަމުންނެވެ. އެކުވެރި އެއްބަނޑުއެއްބަފާ ހިތްތަކެކެވެ. އަވަށްޓެރިޔާގެ ގޭގެ ތެލީގެ ފޫ ކަހައިލައިފިނަމަ އެންމެން ކާ އެއްޗެހި ހިފައިގެން މި އަވަށްޓެރިޔާގެ ގާތަށް ދެއެވެ. އަޚަކު ޙާލުގައި ޖެހިއްޖެނަމަ އޭނާއަށް ހަމްދަރުދީ ވުމަށް މުޖުތަމަޢުގެ އެންމެހައި ފަރުދުން ފުންމައިގަނެއެވެ. އެކަކަށް ލިބޭ އުފަލުގައި އަނެކުން ބައިވެރިވެއެވެ. ތެދުވެރިކަމާއި ވަފާތެރިކަމުގެ ދޫލަމަތީގައި އެންމެތަކުން ބައްދަލުވެއެވެ. ތަފާތު ނެތިގެންދެއެވެ. އޯގާވެރިކަމާއި ކުލުނުވެރިކަމުގެ އަޑު އުފުލި އަހުރެންވަންތަކަމުގެ އިޙުސާސްތައް ގެނބިގެން ޣަރަޤުވެގެންދެއެވެ.
އުންމަތުގައި މި މާނަތައް ފެތުރިއްޖެނަމަ ބައިބައިވުމެއްނެތް އުންމަތަކަށް މި އުންމަތް ބަދަލުވެގެންދާނެއެވެ. މި އުންމަތުގައި ދޭދޭ ފަރުދުންގެ މެދުގައި އޮންނާނީ އީސާރެވެ. މި އުންމަތުގެ މަލަސްތަކަށް ދެވޭނީ ލޯބީގެ ފެނެވެ. މި އުންމަތުން ނުކުންނާނީ އަމާންކަމުގެ މޭވާތަކެވެ. ފޮޅޭނީ އާރާއިބާރުގެ މައުތަކެވެ. ﷲ އެދިވޮޑިގެންވާ ގޮތަށް މި އުންމަތް ޢާލަމުތަކަށް ރަޙުމަތެއް ކަމުގައި ވެގެންދާނެއެވެ. އޯގާވެރިކަމަކީ މި އުންމަތުގެ އެންމެ މަތިވެރި ގިޔަމެވެ. އެއީ ހުރިހާ ކަމެއްގެ މީޔާރެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ، ارْحَمُوا أَهْلَ الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ – ރަޙުމުވެރީންނަށް ރަޙުމާންވަންތަ ރަސްކަލާނގެ ރަޙުމަތްލައްވާނެއެވެ. ތިޔަބައިމީހުން ބިމުގެ އަހްލުވެރީންނަށް ރަޙުމުކުރާށެވެ! އޭރުން އުޑުގެ އަހްލުވެރިން ތިޔަބައިމީހުންނަށް ރަޙުމަތްލެއްވުމަށް ދުޢާކުރާނެއެވެ.)) މި ބަސްފުޅުގައި ލޮބުވެތި ރަސޫލާ މުސްލިމުންނަށް މި ގޮވައިލައްވަނީ ރަޙުމުކުރާ ބަޔަކަށް (އޯގާވެރި ބަޔަކަށް) އަޅުގަނޑުމެން ވުމަށެވެ. އޭރުން ﷲ ތަޢާލާގެ ރަޙުމަތާއި އޯގާވެރިކަން އަޅުގަނޑުމެންނަށް ލިބޭނެއެވެ. އަދި އެކަމުގެ ސަބަބުންނަށް އަޅުގަނޑުމެންނަށް މަލާއިކަތްބޭކަލުންގެ ހެޔޮދުޢާ ވެސް ލިބޭނެއެވެ. (ނުނިމޭ)
ލަފުޒެއްގެ މާނަ:
މީޒާ ނ. (1) ޚާއްސަ ސިފަ. (2) ވަކި މީހަކަށް ނުވަތަ ތަނަކަށް ނުވަތަ ކަމަކަށް ބިނާކޮށް ހުށަހަޅާ ޚާއްސަ ރިޕޯޓު ނުވަތަ ފިލްމު. Feature
މަރުޖާ:
1. تفسير أسماء الله الحسنى للزجاج
2. تأويلات أهل السنة
3. الأنعام: ٥٤
4. أخرجه البخاري (٥٩٩٩)، ومسلم (٢٧٥٤) ، والطبراني في ((المعجم الأوسط)) (٣٠١١)، وأبو نعيم في ((حلية الأولياء)) (٣/ ٢٢٨) والبزار (٢٨٧)
5. أخرجه البخاري (٣١٩٤)، ومسلم (٢٧٥١)، والترمذي (٣٥٤٣)، والنسائي في ((السنن الكبرى)) (٧٧٥٠)، وابن ماجه (٤٢٩٥)، وأحمد (٧٥٠٠)
6. رواه مسلم والبيهقى وأحمد
7. أخرجه أبو داود (٤٩٤١) والترمذي (١٩٢٤)، وأحمد (٦٤٩٤)