އަސްމާ އަބޫބަކުރު
2 އޯގަސްޓް 2026
(2026 ޖުލައި 26ގެ ޢަދަދާ ގުޅޭ)
އެ ބަސްތަކުން ޒިޔާންގެ ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. އެ ވޭނެއްގައި އާޔާ އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ކުޑަދަރިފުޅު ހަމައަކަށް އެޅުނު އިރު ވެސް އާޔާއަށް އެއް ގޮތަކަށް ވެސް ތެދުވެގެން ނޫޅެވެއެވެ.
ޤުރްއާނުގެ އާޔަތްތަކަކީ ޝިފާއެކެވެ. އަދި ޝައިޠާނުންގެ ހިތްތައް ފިސްފިސްކޮށްލާ ތޫނު ކަނޑިއެކެވެ. ކިޔަވާން ފެށުމާ އެކު ފޮރުވިފައިވާ ހަށިގަނޑުތަކުގެ ސިއްރުތައް ބޭރުވެ، ނުފެންނަ ދުނިޔޭގެ މަޚުލޫޤުން ހަޅޭއްލަވައިގަންނާނީ ކެތްނުކުރެވިގެންނެވެ.
އެރޭ ޢިޝާ ނަމާދަށް ފަހު، މާހިރު ކިޔަވާން ފެށިއެވެ. އާޔާ އިނީ އެނދުމަތީގައި އިށީނދެގެންނެވެ. މާހިރު ބާރަށް ކިޔަވާން ފެށުމާ އެކު، އާޔާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނާން ފެށިއެވެ. އޭނާގެ ދެލޯ ރަތްވެ، މުޅި ހަށިގަނޑު ތެޅިގަތެވެ. އަދި އާޔާގެ އަޑުގެ ބަދަލުގައި، ފިރިހެނެއްގެ ބާރު، ބިރުވެރި އަޑަކުން އޭނާ ހަޅޭއްލަވައިގަތެވެ.
[ހުއްޓައިލާ! ތިޔަ ކިޔެވުން ހުއްޓައިލާ! ތިޔަ ކިޔެވުން ހުއްޓައިނުލައިފި ނަމަ އަހަރެން މި ކުއްޖާ ހަލާކުކޮށްލާނަން!] އެ ބިރުވެރި އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައެވެ. ޒިޔާން ހުރީ ބިރުން ފާރުގައި ބުރަކަށި ޖައްސައިގެން ގުޑިލާން ނުކެރިފައެވެ. މާހިރު ކިޔެވުން އިހުނަށް ވުރެ ބާރުކުރިއެވެ. ކިޔަވާން ބޭނުންވާ މިންވަރަށް ކިޔެވުމަށް ފަހު މާހިރު، އާޔާއާ ދިމާއަށް ބަލައިލިއެވެ.
[ކަލޭ ތީކާކު؟ ކަލޭ މި ހަށިގަނޑަށް ފޮނުވީ ކާކު؟] މާހިރު ސުވާލުކުރިއެވެ. އެ ވަގުތު އެ ސިހުރުގެ ޖިންނި ބުންޏެވެ.
[އަހަރެން ފޮނުވީ މި ރަށުގެ ފަޅުގޭގެ ތެރެއިން... ކަޅު ފޮތިގަނޑެއްގެ ތެރޭގައި އަހަރެން ވަނީ ބަނދެވިފައި!] އާޔާގެ ހަށިގަނޑުތެރޭގައިވާ ރޫޙާނީ ބާރު އެ ކިޔައިދިނީ ކުޑަމިންވަރެކެވެ. ސިޙުރުގެ ނުބައި ޢަމަލުކޮށްފައި އެ ކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އެ ނުބައި ޢަމަލުކުރި މީހާ މަސައްކަތްކުރެއެވެ. އެކަމަކު ސިއްރުތައް ގިނަ ދުވަހު ފޮރުވައިފައެއް ނުބެހެއްޓޭނެއެވެ. ލޯބީގެ މޮޔަކަމުގައި ކުރެވޭ ކަންކަމުގެ ހިތި ނަތީޖާ، އަމިއްލަ ޢާއިލާއަށް ފޯރާ ހިނދު، ހިތްދަތިކަން ފިޔަވައި އިތުރު އެއްޗެއް ބާކީއެއް ނުވާނެއެވެ.
[ޒިޔާން! މި ފަހަރު މި ކަމާ ގުޅުން ހުރި މީހަކު ހިލަންވާނެ.] އެހެން ބުނެފައި އަނެއްކާ ވެސް މާހިރު ކިޔަވާން ފެށިއެވެ.
މާހިރު ކިޔަވަމުން ދަނިކޮށް، ގޭގެ ދޮރު ހުޅުވައިލައިފައި ދުވެފައި އެތެރެއަށް ވަނީ ނާޒިމެވެ. އޭނާގެ ދެލޮލުން ކަރުނަ ހިލެމުން ދިޔައެވެ. ނާޒިމް ގޮސް އާޔާގެ އެނދުކައިރިއަށް ކަކޫ މައްޗަށް ތިރިވިއެވެ.
[ހުއްޓައިލާ! އަހަރެން ހުރިހައި ވާހަކައެއް ކިޔައިދީފާނަން!] ނާޒިމު ބާރަށް ރޮއިގަތެވެ.
ޒިޔާން ސިހިފައި ނާޒިމަށް ބަލައިލިއެވެ. ނާޒިމް ކަރުނުން ފުރިފައިވާ އަޑަކުން ބުންޏެވެ.
"ޒިޔާން! އަހަރެންގެ ބައްޕަ އެ ފަޅުގޭގައި ސިހުރު ހަދަނީ. އަހަރެން އާޔާ ދެކެ ލޯބިވެގެން، އާޔާ ނޫނެކޭ ބުނީމާ އަހަރެން އުޅޭ ގޮތް ފެނި ބައްޕަ ހުންނަނީ ފާޑަކަށް ފިކުރުބޮޑުވެފައި. އަހަރެންގެ ރުއިމަށް ކެތްނުކުރެވިގެން ބައްޕަ ކުރި ނުބައިކަމެއް މިއީ. ބައްޕަ ބޭނުންވީ އާޔާގެ ދިރިއުޅުން މުޅިން ހަލާކުކޮށްލާން!]
ނަމަވެސް، އެވަގުތު އާޔާގެ ގައިގައި އުޅޭ ޖިންނި ބާރަށް ހީނގަތެވެ.
[ކަލެއަށް ހީވަނީ ހަމައެކަނި ކަލޭގެ ބައްޕަ ހެންތަ މި ކަން ކުރީ؟] އެ ރޫޙާނީ ޖިންނި ބިރުވެރި އަޑުން ބުންޏެވެ. [އިބްރާހީމް ސިހުރު ހަދާން ފެށީ ކަލޭ ބުނެގެން! އެހެންވީމާ، ކަލޭގެ ބައިވެރިވުން ވެސް ކުޑައެއް ނޫން. ކަލޭ ބައްޕައަށް އާޔާގެ އިސްތަށިކޮޅެއް ނުދެންތަ؟] ޖިންނި އަޅޭއްލަވައިގަތެވެ.
މުޅި ތަނަށް މަރު ފަދަ ހިމޭންކަމެއް ވެރިވިއެވެ. ނާޒިމުގެ މޫނުގެ ކުލަވަރު މުޅީން އޮއްސުނެވެ. އޭނާއަކީ ހަމައެކަނި ހިތާމަކުރި މީހެއް ނޫނެވެ. އޭނާއަކީ ބައްޕަ ލައްވައި މި ނުބައިކަންތައް ކުރުވި އަސްލު މީހާއެވެ. އޭނާ ބޭނުންވީ އާޔާ ބަލިކޮށްލައި، އަމިއްލަ މީހަކަށް ހަދާށެވެ. އާޔާ އައިސް އޭނާ ގާތު ލޯތްބަށް އެދި ސަލާންޖަހުވާށެވެ. އެއީ މީގެ އެތައް ދުވަހެއްގެ ކުރިއެވެ. އާޔާގެ ކައިވެނީގެ ވާހަކަ އަޑުއިވުނީއްސުރެ ނާޒިމްގެ ހިތުގައި ޙަސަދަވެރިކަން އުފެދޭން ފެށިއެވެ. ނާޒިމް ދެކޭ ގޮތުގައި ނާޒިމަށް ނުލިބި އެހެން މީހަކަށް އާޔާ ލިބިގެންނުވާނެއެވެ.
ނާޒިމް ހިތުގައި ނުބައި ވަސްވާސްތައް އުފެދޭން ފެށިއެވެ. ކޮންމެ ގޮތަކަކުން ވެސް އާޔާއަށް ވަރުގަދަ އެތިފަހަރެއް ހަދާން ބައްޕަ ގާތުގައި ބުންޏެވެ. އެ ދުވަހު ނާޒިމްގެ ބައްޕަ އެދުނީ އާޔާގެ ބޮލުގެ އިސްތަށްޓެއް ނަމަވެސް ގެނެސްދިނުމަށެވެ. ނާޒިމު ކޮންމެ ދުވަހަކު ދެތިން ބުރު އާޔާ ގޭ ކައިރީން ޖަހައެވެ. އަދި ކޮންމެ ރެއަކު މީހުން ނިދާހައި އިރުކޮށްފައި އާޔާގެ ގޭކައިރީން ބުރެއްޖަހައެވެ. އެގޭގެ ކުނި އަޅާ ޑަސްބިނަށް ފާރަލާން ކުރާން ފެށިކަމެކެވެ.
އެއް ދުވަހަކު ބޭރުގައި ހުރި ޑަސްބިނަށް އާޔާ ކޮޓަރީގެ ކުނި އެޅި ތަން ނާޒިމަށް ފެނުނެވެ. އެ ދުވަހު ނާޒިމު ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެ ޑަސްބިން ޗެކުކުރާން ނިންމިއެވެ. އެ ތަނުން ދިޔަ ކުޑަކުއްޖަކު ލައްވައި އައިސްކްރީމް ދޭނެކަމަށް ބުނެ، އިސްތަށިކޮޅެއް ފެންނަން އޮތިއްޔާ ގެނެސްދޭން އެދުމުން އެ ކުއްޖާ ގޮސް އިސްތަށިކޮޅެއް ގެނެސްދިނެވެ. އޭރު ނާޒިމު ހުރީ ދުރުގައި ވާނުވާ ބަލާށެވެ. އެ ހިސާބުގައި ވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާޒިމަށް ޔަގީންވީ އެއީ އާޔާގެ ބޮލުގެ އިސްތަށިކޮޅެއްކަމެވެ. ހިތަށް ލިބުނު ހިތްހަމަ ޖެހުމާ އެކު ގެއަށް ގޮސް ބައްޕައާ އެ އިސްތަށިކޮޅު ޙަވާލުކުރިއެވެ. އެ ވާހަކަތައް ޖިންނި ކިޔައިދިނުމުން ނާޒިމް އިސްދަށަށް ޖަހައިލިއެވެ.
ޙަޤީޤަތް އެނގުމުން ޒިޔާންގެ ގާތަށް އައި ރުޅީން ނާޒިމްގެ ގިރުވާނުގައި ހިފިއެވެ. ނަމަވެސް މާހިރު، ޒިޔާން ހުއްޓުވިއެވެ.
[މިހާރު ވަގުތެއް ނެތް ތިޔަ ދެ މީހުން ތަޅައިފޮޅާކަށް. އަހަރެމެން ޖެހޭނީ އެ ސިހުރު ވަޅުލައިފައިވާ ތަން ހޯދައި ބާތިލުކުރާން. ހިނގާ ފަޅުގެއަށް.!] އާޔާ މީހަކާ ޙަވާލުކޮށްފައި އެ މީހުން އެ ދިމާއަށް ދާން ނިންމިއެވެ.
މާހިރާއި، ޒިޔާން، އަދި އިސްދަށަށް ޖަހައިލައިގެން ހުރި ނާޒިމް ފަޅުގެއާ ދިމާއަށް ހިނގައިގަތެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ފަޅުގޭގެ ދޮރުމައްޗަށް އެ މީހުންނަށް ދެވުނު ތަނާ، ގޭގެ އެތެރެއިން ބާރު ވައިރޯޅިއެއް ނުކުމެ އެ މީހުންގެ މޫނަށް ޖެހުނުކަމުގެ އިޙްސާސްކުރެވުނެވެ. މާހިރުގެ މޫނަށް ޒިޔާން ބަލައިލިއެވެ. މާހިރުގެ އިޝާރާތުން އަޅައިނުލުމަށް ބުންޏެވެ. ގޯތި ތެރޭގައި ހުރި ބޮޑު ނިކަގަހުގެ ދަށުގައި ފުޅިބައްތިއެއް ދިއްލައިގެން އިބްރާހީމްބެ އިނީ ކިޔަވާށެވެ. ބައްތީގެ އަލި އިބްރާހީމްބެ މޫނަށް އެޅިފައިވާތީ އެ މޫނު ރީތިކޮށް އެންމެންނަށް ފެނުނެވެ. އޭނާގެ ދެލޯ ވަނީ މުޅިން ކަޅުވެފައެވެ.
[ބައްޕާ! ހުއްޓާލާ!] ނާޒިމް ހަޅޭއްލަވައިގަތެވެ. އިބްރާހީމްބެ އިސްއުފުލައި ބަލައިލިއެވެ. އޭނާގެ ހިނިތުންވުމުގައި ހުރީ އިންސާނީ ސިފައެއް ނޫނެވެ.
[ދަރިފުޅާ، ކަލޭ މިއަދު ތިޔަ އައީ އަހަރެމެންގެ ބަދަލުހިފުން ފުރިހަމަވާން އުޅެނިކޮށް.] އިބްރާހީމްބެ ބުންޏެވެ.
ދުނިޔޭގެ މަކަރުވެރިކަމަކީ ކޮޅެއްނެތް ކަމެކެވެ. ތިމާ އެހެން މީހަކަށް ކޮންނަ ވަޅަށް، އަމިއްލައަށް ވެއްޓޭނެ ދުވަސް އަންނާނީ ހީނުކުރާ ފަދަ ސިފައެއްގައެވެ. ޝައިޠާނާގެ މަގަކީ އެއްވެސް މީހަކަށް ވަފާތެރި މަގެއް ނޫނެވެ.
ރާޤީ މާހިރު ވަގުތުން ބާރަށް އާޔަތުލްކުރުސި ކިޔަވާން ފެށިއެވެ. އޭނާ ކިޔަވާން ފެށުމާ އެކު، ނިކަގަހުގެ ފަތްތައް ބާރަށް ތެޅިގަނެ، ގޭގެ ފާރުތަކުން ގައުތައް ވެރޭން ފެށިއެވެ. އިބްރާހީމްބެ ބިމުން މައްޗަށް އުފުލޭހެން ޒިޔާނަށް ހީވިއެވެ. އޭނާ ރޮއި ހަޅޭއްލަވާން ފެށިއެވެ.
މާހިރު ކިޔަވަމުން ގޮސް، ވަޅުލައިފައިވާ ކަޅު ފޮތިގަނޑެއް ނިކަގަހުގެ މޫތަކުގެ ކައިރީން ނެގިއެވެ. އެ ފޮތިގަނޑު ނެގުމާއެކު، އިބްރާހީމްބެ ބާރަށް ހަޅޭއްލަވައިގަނެ ބިމަށް ވެއްޓުނެވެ. މާހިރު އެ ފޮތިގަނޑު ކަނޑައިލައި، އެތެރޭގައި ހުރި ތަކެތި ފެންބާލިދީއަކަށްލައި ސިހުރު ބާޠިލުކުރާން މަސައްކަތްފެށިއެވެ. އެ ވަގުތު ނާޒިމް ކުއްލިއަކަށް ތެޅިގަތެވެ.
[އިބްރާހީމް! ކަލޭ ހެދި ސިހުރުގެ ނުބައިކަން މާ ބޮޑީ. ކަލޭގެ ދަރިފުޅު ދިން އެއްޗެހި ބޭނުންކޮށްގެން ހެދި ސިހުރުގެ އަސަރު، ކަލޭގެ ދަރިފުޅަށް ވެސް އެ ކުރަނީ!] މާހިރުގެ ވާހަކައިން އިބްރާހީމްބެ ދިޔައީ ސިއްސައިގެންނެވެ. ސިހުރުގެ އަސަރު ނާޒިމަށް ކުރާނީ ކޮންމެ ވެސް ގޮތަކުން އެ ސިޙުރު ނުބައިކޮށް ހެދިގެންނެވެ. އިރުކޮޅަކުން ނާޒިމް ފެށީ ރޯށެވެ. ޢާންމުކޮށް ވެސް ނާޒިމް ގޭގައި އޮވެގެން ވެސް ރޯފަދައިންނެވެ. މާހިރު ކިޔަވަކިޔަވައިފައި ނާޒިމްގެ މޫނަށް ފުމެލުމުން ނާޒިމު މަޑުމަޑުން ރުއިން ހުއްޓައިލިއެވެ. ކުއްލިއަކަށް ނާޒިމް ހިނގައިގަތީ އެ ފަޅުގެއާ ދުރަށެވެ. އިބްރާހީމްބެ މާހިރު ދެކެ ރުޅިއައިސްގެން ތެދުވެ ހިނގައިގަތެވެ.
[ކަލެއަށް ވަރުގަދަ ބޮނޑިއެއް ދޭނަން.] އިބްރީމްބެ ބުނި އެއްޗަކަށް މާހިރު އަޅައެއް ނުލައެވެ. ސިހުރުވެރީންގެ ސިހުރުން ސަލާމަތްވާނެ ގޮތް މާހިރަށް އެނގޭ އިރު ގަންނާނީ ކޮންބިރެއްހެއްޔެވެ؟
އިންސާނާގެ ހިތަކީ އަޖާއިބެއް ފަދަ އެއްޗެކެވެ. އެއް ދިމާއަކުން ލޯބި ނުލިބިގެން ކަރުނަ އަޅަމުންދާ އިރު، އަނެއް ދިމާއަކުން އެހެން ހިތެއް، ތިމާގެ ފަސްފަހަތުން ލެޔާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ހުރެދާނެއެވެ. އެކަމަކު އެއީ ނަސީބެއްގެ ފެށުންބާވައެވެ؟ ނޫނީ އިތުރު ހަލާކެއްގެ ސިގުނަލެއްބާވައެވެ؟"
އާޔާގެ ސިހުރު ބާތިލުކުރާން ރާޤީ މާހިރާއި ޒިޔާން މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެވެ. އާޔާގެ އިތުރަށް ނާޒިމުގެ ހަށިގަނޑުގައިވާ ސިހުރު ބާޠިލުކުރާން ޖެހުނީ ވެސް މާހިރަށެވެ. ނާޒިމް ދެކެ ޒިޔާނު ކިތަންމެ ރުޅިއައި ނަމަވެސް ނާޒިމް މިހާރު އުޅޭ ޙާލު ފެނުމުން މާހިރު ކިޔައިދިން ވާހަކަތަކުން ޒިޔާނުގެ ހިތުގައި ނާޒިމަށް ހަމްދަރުދީ އުފެދުނެވެ. އޭރު ޒިޔާނާއި އާޔާ ބައްދަލު ވެސް ނުވަނީސް މާ ކުރީން ހިނގިކަމެއްގެ މައްޗަށް ބިނާކޮށް މިހާރު ރުޅިއައުމުގެ ބޭނުމެއް ނެތްކަމަށް ޒިޔާން ނިންމިއެވެ. އާޔާ ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނާތީ ޒިޔާން ހިތުގައި ނާޒިމާ މެދު އޮތް ރުޅިވެރިކަން ފިލައިފިއެވެ. ނާޒިމު ބުނި ގޮތުން، އޭރު އާޔާގެ ލޯބި ނުލިބިގެން އުޅުނު ދުވަސްވަރު އިސްތަށިކޮޅެއް ގެންގޮސް ދިނަސް ނާޒިމް މިހާރު އޭގެ މަތީން ހަނދާނެއް ވެސް ނެތެވެ. އޭރު އޭނާގެ ބައްޕަ އެ ކަހަލަ ކަމެއް ކުރީކީ ވެސްނޫނެވެ.
އެ ދުވަހުން ފެށިގެން، ނާޒިމްގެ ހިތް ވަނީ ކުދިކުދިވެފައެވެ. އާޔާ އޭނާގެ ހުށަހެޅުމަށް ފުރަގަސްދިނުމުން، އެތައް ދުވަހެއް ވަންދެން ކޮޓަރީގައި އެކަނި ހިތާމަކުރުމުގައި އޮތެވެ. ވަރަށް ފަހުން ނާޒިމު ގެއިން ބޭރަށް ނިކުންނަށް ފެށިއެވެ. އޭނާ މަގުމަތިން ހިނގާފައި ދާއިރު ވެސް ހީވަނީ ދިރުމެއް ނެތް މަސްގަނޑެއް ހެންނެވެ. ނަމަވެސް، މި ހިތާމައިގެ ތެރޭގައި އުޅެނިކޮށް ނާޒިމުގެ ފަހަތުން އަޅައިގަތީ ރަށަށް އަލަށް ބަދަލުވި އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާ، ޒުހާއެވެ.
ޒުހާއަކީ ދިގު އިސްތަށިގަނޑެއްލީ، ބަލައިލި ކޮންމެ މީހެއްގެ ހިތް ދަމައިގަންނަ ފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ރަށުގެ އެހެން ޒުވާނުން ޒުހާގެ ހިތް އަތުލާން މަސައްކަތް ކުރާއިރު ވެސް، ޒުހާގެ ދެ ލޯ ހުއްޓިފައިވަނީ ހިތާމަވެރި މޫނަކާ އެކު އުޅޭ ނާޒިމަށެވެ. ނާޒިމު ދާ ކޮންމެ ތަނަކަށް ފާރަލުމާއި، އޭނާއަށް ސިޓީ ފޮނުވުމަކީ ޒުހާގެ އާދައަކަށް ވިއެވެ.
[ނާޒިމު، ތިޔަ ހިތާމަތައް ހަނދާންނައްތައިލައިފައި އަހަންނަށް ބަލައިލަބަލަ!] ޒުހާ އެކަނި ހުންނަ ވަގުތުތަކުގައި ހިތާހިތުން ބުނެއެވެ. ނަމަވެސް ނާޒިމު ހުންނަނީ ޒުހާއަށް ފުރަގަސްދީގެންނެވެ. ނާޒިމު ޒުހާއަކާ ކަޅިހަމަކުރާން ވެސް ބޭނުމެއް ނުވެއެވެ.
[ނާޒިމު އަހަރެން ބޭނުން، ވާހަކައެއްދައްކައިލާން!] (ނުނިމޭ)